އަދުގެ ޚާއްސަ

Print

މުސްލިމުންނަކީ ބުނާބަހުގެ އިތުބާރު ހުންނަ ވަޢުދަށް ތެދުވެރި ބައެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



ޢަބްދުﷲ ޞާދިޤު

މެންދަމުގެ ވަގުތެވެ. އިސްލާމީ ލަޝްކަރުގެ ވެރިޔާ ޢަމްރު ބުނުލްޢާޞް އެކަލޭގެފާނުގެ ފޭލިގެކޮޅުގެ ދޮރުކޮޅު މަތީގައި ހުންނަވައިގެން ތަންކޮޅެއް ދުރުން ފެނިވަޑައިގަންނަވާ ދެތިން ހިޔަންޏަކާ ދިމާއަށް ބައްލަވަނީއެވެ. އެ ހިޔަނިތައް އެއްފަރާތަކަށް ހިނގަމުން ދަނީއެވެ.

"މިބައި މީހުން މިދަނީ ކޮންތާކަށް ހެއްޔެވެ؟ އަނެއްކާ އެބައި މީހުންނާ ކޮންމެވެސް މުސީބާތަކާ ކުރިމަތިވީ ބާއެވެ!" ޢަމްރު ބުނުލްޢާޞް އެކަލޭގެފާނުގެ އަމިއްލަ ނަފްސާ ސުވާލު ކުރެއްވިއެވެ. އަދި ކޮންމެވެސް އެއްޗެއް ވިސްނިވަޑައިގެން އެ ހިޔަނިތަކާ ދިމާއަށް ހިންގަވަން ފައްޓަވައިފި އެވެ. އެކަލޭގެފާނު ކުޑަ ތަންކޮޅަކަށް ވަޑައިގެންނެވި ތަނާ އެކަލޭގެފާނުގެ ފަހަތްޕުޅުން ކޮންމެވެސް މީހަކު އަންނަހެން ހީފުޅުވެއްޖެ އެވެ. އެހިނދު އެކަލޭގެފާނު ހުއްޓިވަޑައިގެން ފަހަތަށް ބައްލަވާލެއްވި އިރު އެކަލޭގެފާނުގެ ވަފާތެރި އަޅު ސަޢީދު ފެނިވަޑައިގަތެވެ.

"ސަޢީދުއެވެ. އަވަހަށް ފޭލިގެއަށް ދާށެވެ." ޢަމްރު ބުނުލްޢާޞް ވިދާޅުވިއެވެ. "ސާހިބާ މިއީ އަޅުގަނޑުމެންގެ ވަޒަނެއް ނޫނެވެ. ކަލޭގެފާނަކީ ފަތަހަ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އީސާއިންނަކީ ބަލިވެފައި ތިބި މީހުންނެވެ. ވީމާ އެބައިމީހުން ފަހަރެއްގައި ކަލޭގެފާނަށް ގެއްލުމެއް ދީފާނެކަން ވެސް ނޭނގެއެވެ." ސަޢީދު ޖަވާބުގައި ދެންނެވިއެވެ.

"ނޫނެކެވެ. ސަޢީދު އެނބުރިދާށެވެ. އަހަންނާއެކުގައި މާ މަތިވެރި ފަރާތެއްގެ ބާރު ވެއެވެ. އެއީ އެފަރާތެއްގެ ބާރުގެ ދަށުގައި މުޅި ކާއިނާތު ވާފަރާތެވެ." ޢަމްރު ބުނުލްޢާޞް ވިދާޅުވިއެވެ. މިހެން ވިދާޅުވުމުން ސަޢީދު އެނބުރި ހިނގައްޖެއެވެ. ޢަމްރު ބުނުލްޢާޞް އެގޮތަށް ކުރިއަށް ހިންގަވަމުން ވަޑައިގަތެވެ.

ޗޯކު ބާޒާރުގެ މެދުތެރޭ ހިސާބެއްގައިވާ ހަތަރެސްކަން ރޭނުން ގަނޑެއް މަތީގައި ސަންގު މަރުމަރުން ހަދާފައިވާ އީސާގެފާނުގެ ބުދު ހަނދުވަރުގެ އަލީގައި ވިދަވިދާ ހުއްޓެވެ. އީސާއީން އޭގެ ކުރިމަތީގައި ކޮޅަށް ތިއްބެވެ. އެމީހުން ތިބީ ވަރަށް ބޮޑަށް ރުޅިއައިސް ފައެވެ. އެބައިމީހުން އަޅުކަންކުރާ ބުދުގެ ނޭފަތް ކޮންމެވެސް މީހަކު ވަނީ ހަލާކު ކޮށްލާފައެވެ. އީސާއީންގެ ފާދިރީ އާޗް ބިޝޮޕް ބުންޏެވެ. އިސްލާމުންގެ ސިފައިންގެ ވެރިޔާ ޔަޤީންކޮށްދެއްވި ގޮތުންވިއްޔާ މިސްރުގެ ކޮންމެ ރައްޔިތެއްގެވެސް ދީނީ ޝުޢޫރުތަކަށް ފުރިހަމައަށް އިޙްތިރާމް ކުރެވޭނެއެވެ. ނަމަވެސް މިހާރު ހީވާގޮތުން އެއީ، އޭގައި ތެދުވެރިކަމެއް ނުވާ ޔަޤީންކޮށް ދިނުމެކެވެ. އެގޮތަކީ ކޮންމެވެސް މީހަކު އަހަރެމެންގެ އެންމެ އިސްފަރާތް ކަމަށްވާ ބުދުގެ ނޭފަތް ތަޅާލައިފިއެވެ.

މިހެން ބުނެ ނުނިމި އުޅެނިކޮށް ކޮންމެވެސް ދިމާއަކުން އަޑެއް އިވުނެވެ.

"ނޫން އިސްލާމުންނަކީ އެއްގޮތަކަށްވެސް ދޮގު ވަޢުދުކުރާ ބައެއް ނޫން."
   
މިއަޑު އިވުމުން ހުރިހާ އީސާއީން ސިއްސައިގެން ހިނގައްޖެއެވެ. މިއެންމެންގެ ނަޒަރު ހުއްޓުނީ މިހެންބުނެލި މީހާއާ ދިމާއަށެވެ.

"ކަލޭގެފާނު މިތާނގައި އެބަ ހުންނެވީމު ދޮގެއްތޯއެވެ!" އެންމެ ބޮޑު ފާދިރީއަށް ޢަމްރު ބުނުލް ޢާޞް ފެނުމުން ދެންނެވިއެވެ. އެތާނގައި އެހުންނެވީ ޢަމްރު ބުނުލް ޢާޞްކަން އޭނާއަށް އެނގިއްޖެއެވެ.

"ބިޝޮޕްއެވެ! ހަމަ ކޮންމެ މުސްލިމަކުވެސް އެމީހަކު ކުރި ވަޢުދެއް ހަމަ ބަރާބަރަށް ފުއްދާނެއެވެ. އެކަމާހުރެ ފުރާނަ ދުއްވައިލާން ޖެހުނަސް ފަރުވާލެއް ނުބަހައްޓާނެއެވެ." ޢަމްރު ބުނުލްޢާޞް ވިދާޅުވިއެވެ.

"އަޅުގަނޑު މިދަންނަވަނީ ދޮގެއްތޯއެވެ؟ އަޅުގަނޑުމެން ދީނީ ޖަޒުބާތުތަކަށް ތިޔަބޭފުޅުންނަށް އެބަ އިޙްތިރާމް ކުރެއްވޭތޯ" އެވެ. ބިޝޮޕް ދެންނެވިއެވެ.

"އަހަރެން ތިޔަކަމާ ހިތުގެ އެންމެ ފުންމިނުން ހިތާމަ ކުރަމެވެ." ޢަމްރު ބުނުލް ޢާޞް ވިދާޅުވިއެވެ.

"ކަލޭގެފާނަށް މި މަސްއަލައިގެ ސަބަބުން ހިތާމަ ލިބިވަޑައިގެން ފިއެވެ. ކަލޭގެފާނަށް މި މަސްއަލައިގެ ސަބަބުން ވޭން ލިބިވަޑައިގެން ފިއެވެ. އެހެން ނަމަވެސް އޭގެ ސަބަބުން އަޅުގަނޑުމެންގެ ވޭނާއި ހިތާމައަށް ލިބުނީ ކޮން ލުއި ކަމެއްތޯއެވެ." ފާދިރީ އާޗް ބިޝޮޕް ހިތާމަވެރި އަޑަކުން ދެންނެވިއެވެ.

"އަހަރެން ކަލޭމެންނަށް ލިބުނު ގެއްލުން ހަމަ ޔަޤީނުންވެސް ފޫބައްދައި ދޭނަމެވެ. ކަލޭމެންގެ މުޤައްދަސް ބުދުގެ ނޭފަތް އަލުން ހަދައިދޭނަމެވެ." ޢަމްރު ބުނުލް ޢާޞް ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ އެކަމަކު އަލަށް އެހަދާ ނޭފަތް ފެންނާނީ ހުތުރުކޮށެވެ." އާޗް ބިޝޮޕް ދެންނެވިއެވެ.

"އެހެން ވެއްޖެނަމަ ތިޔަބައި މީހުންނަށް އަހަރެންގެ އަމިއްލަ ޚަރަދުގާ އާބުދެއް ހައިދައިދޭނަމެވެ." ޢަމްރު ބުނުލް ޢާޞް ވިދާޅުވިއެވެ.

"ނޫން އާބުދެއް ބޭނުމެއް ނޫނެވެ." އާޗް ބިޝޮޕް އަތް އެއްލާފައި ދެންނެވިއެވެ. އަޅުގަނޑުމެން ބޭނުންވަނީ ބަދަލު ހިފާށެވެ. ނޭފަތަކަށް، ނޭފަތެކެވެ. އަޅުގަނޑުމެންނާ މެދު އިންސާފު ކޮށްދެއްވާށެވެ."
   
"ކަލޭމެންނާ ދޭތެރޭ އިންސާފު ކުރެވޭނެއެވެ.." މިހެން ވިދާޅުވެފައި ޢަމްރު ބުނުލް ޢާޞް އެނބުރި ވަޑައިގެންފިއެވެ.

ފަތިސްވުމުން ޢީސާއީންތައް އެކަލޭގެފާނުގެ ފޭލިގެކޮޅުގެ ކުރިމައްޗަށް އެއްވާން ފަށައިފިއެވެ. އެބައި މީހުން ދެކެން ބޭނުންވަނީ މުސްލިމުންގެ ލަޝްކަރުގެ ވެރިޔާ ކުރައްވަނީ ކޮންކަހަކަ އިންސާފެއްތޯއެވެ. އިސްލާމުންވެސް ފޭލިގެކޮޅު ކުރިމައްޗަށް އެއްވެއްޖެއެވެ. އިރު އެރުމުން އެކަލޭގެފާނު ފޭލިގެކޮޅުން ބޭރަށްނުކުމެ ވަޑައިގެން ވިދާޅުވިއެވެ. "އާޗް ބިޝޮޕް އަދިވެސް ކަލޭ ތިޔަހުރީ ރޭގާ ނިންމި ގޮތަށް ނިންމައިގެން ހެއްޔެވެ؟"

"އަޅުގަނޑުމެން ނިންމުން ތަކުރާރު ކުރުމުގެ ބޭނުމެއް ވޭތޯއެވެ؟" އާޗް ބިޝޮޕް ދެންނެވިއެވެ.

"ބިޝޮޕް! އަހަންނަކީ އިސްލާމީ ލަޝްކަރުގެ ސަރުދާރެވެ. އަދި އަހަންނަކީ ތިޔަބައިމީހުންގެ މައްޗަށް ފަތަޙަ ހޯދައިގެން ހުރި މީހަކީމެވެ. މި ރަށުގައި އަމަން އަމާންކަން ޤާއިމުކުރުމަކީ އަހަރެންގެ ޒިންމާއެކެވެ. ވުމާއެކު އަހަރެން ޔަޤީންކޮށްދެމެވެ. ކަލޭމެންނާމެދު ރަނގަޅަށް އިންޞާފު ކުރެވޭނެއެވެ. ކަލޭ، ނޭފަތުގެ ބަދަލުގައި ނޭފަތެއް ބޭނުންނަމަ މި އޮތީ ޚަންޖަރެވެ. އަހަރެންގެ ނޭފަތް ކަނޑައިލާށެވެ!" ޢަމްރު ބުނުލް ޢާޞް ވިދާޅުވިއެވެ. މުޅި ތަނަށް ހަމަހިމޭންކަން ފެތުރިގެން ހިނގައްޖެއެވެ.

އާޗް ބިޝޮޕް ޚަންޖަރު އަތަށް ހެޔޮވަރުކޮށްލައިފައި އެކަލޭގެފާނު ނޭފަތްޕުޅު ކަނޑައިލަން ތައްޔާރުވި ތަނާ އިސްލާމުންގެ ތެރެއިން މީހަކު ހަޅޭއްލަވަމުން ދުވެފައި އަތުވެއްޖެ އެވެ.

"ބިޝޮޕް މަޑުކޮށްލާށެވެ. ބުދުގެ ނޭފަތް ކަނޑައިލި ކުށްވެރިއަކީ އަހަންނެވެ. އަދަބު ލިބެންވާނީ އަހަންނަށެވެ. ސިފައިންގެ ވެރިޔާގެ އެއްވެސް ކުށެއްނެތެވެ."

އާޗް ބިޝޮޕްގެ ނަޒަރު މުސްލިމު ކުށްވެރިޔާގެ މައްޗަށް ހުއްޓުނެވެ. ދެން އޭނާ ޢަމްރު ބުނުލް ޢާޞް އާ ދިމާއަށް ބަލައިލިއެވެ. އަދި ޚަންޖަރު އެއްފަރާތަކަށް އެއްލައިލައިފައި ދެންނެވިއެވެ.

"މުސްލިމު ސިފައިންގެ ވެރިޔާއަށް ސާބަހާ އައްސަރިބަސް ހުއްޓެވެ! ކަލޭގެފާނު ވިދާޅުވިގޮތަށް ކަންތައް ކުރައްވައިފީމު އެވެ. ހަމަ އެފަދައިން އަމިއްލައަށް ކުށަށް އިޢުތިރާފުވެ އަދަބު ލިބިގަތުމަށް އައި އިސްލާމުންގެ ކުށްވެރި ސިފައިންގެ މީހާއަށް ވެސް ސާބަހާއި ތާރީފު ޙައްޤުވެގެން ވެއެވެ. އަދި ހުރިހައި އެންމެނަށް ވުރެ ބޮޑަށް ތާރީފު ޙައްޤުވާ ފަރާތަކީ އެބައި މީހުންނަށް ދިރިއުޅުމުގައި މިފަދަ އަގުހުރި މަތިވެރި އަސްލުތައް އުނގަންނައިދެއްވި އެބައިމީހުންގެ ރަސޫލާއެވެ. އަހަރެމެންގެ ދީނީ ޖަޒުބާތުތަކަށް ވޭންދިނުމަކީ ކުށެކެވެ. އެކަމަކު އެއަށްވުރެވެސް ބޮޑު ކުށަކަށްވާނީ އިންސާފު ކުރަން ދަންނަ ބަޔަކަށް އެކަމުގެ އަދަބު ދިނުމެވެ. ޢީސާއީންގެ ފަރާތުން އަޅުގަނޑު ތިޔަ ކުށަށް މާފުކޮށްފީމެވެ."

ޢަމްރު ބުނުލް ޢާޞް މުސްލިމުންނަކީ އެބައި މީހުން ބުނާ ބަހުގައި ތެދުވެރި ބަޔެއްކަން ސާބިތު ކޮށްދެއްވައިފި އެވެ. މުސްލިމުންނަކީ ފުރާނަ ޤުރުބާންކޮށްލައިގެން ނަމަވެސް އެބައިމީހުންގެ ވަޢުދު ފުރިހަމަ ކުރާ ބަޔެއްކަން ހާމަކޮށްދެއްވައިފިއެވެ.
-------------------
(ނިމުނީ)

މި ލިޔުން:
       އަލުން ޓައިޕުކުރުންން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
       އަލުންބެލުން:          ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
       ޝާއިޢުކުރުން:         ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

ވާހަކަ