Print

ބަހަވީ ޢިލްމުގެ ތެރެއިން...: ވާހަކަދެއްކުމުގައި އެއްބާރުލުމުގެ އުޞޫލުތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ވާހަކަދެއްކުމުން މުޢާމަލާތުކުރުމަކީ އިޖްތިމާއީ ކަމަށްވާތީ މިކަމުގައި މިންގަނޑުތަކެއް ކަނޑައެޅިފައިވެއެވެ.


ޢަބުދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ވާހަކަދެއްކުމަކީ އިޖްތިމާއީ ކަމަކަށްވާތީ ވާހަކަދެއްކުމަކުން ދެމީހެއްގެ ދެމެދުގައި ނުވަތަ ބައެއްގެ މެދުގައި މުވާޞަލާތުކުރެވޭނީ ވަކި ހަމަތަކާއި އުޞޫލުތަކެއްގައި ހިފަހައްޓައިގެންނެވެ. އެހެންނޫނީ އެ ދައްކާ ވާހަކައަކުން، ނުކުތުމަށް އުއްމީދުކުރާ ނަތީޖާ ނުފެނި ހިނގައިދާނެ އެވެ. އަދި ބޭނުން ނުވާ އެހެން ނަތީޖާއެއް ނުކުތުމަކީ ވެސް އެކަށީގެންވާކަމެކެއެވެ. މަޝްހޫރު ބަސްވާރު އެޑްވެޑް ފިނެގެން (1999) ބަޔާންކުރައްވާ ގޮތުގައި ވާހަކަދެއްކުމުގައި، ވާހަކަދައްކާ ފަރާތާއި ވާހަކަދެކެވޭ ފަރާތުން ހިފަހައްޓަންޖެހޭ ހަމަތަކަކާއި އުޞޫލުތަކެއްވެއެވެ. އަދި މި ހަމަތަކަށް ކިޔަނީ "އެއްބާރުލުމުގެ އުޞޫލުތައް" ކަމަށް ވެސް އޭނާ ވިދާޅުވެއެވެ. މަޝްހޫރު އެހެން ބަސްވާރެއް ކަމުގައިވާ ޖޯޖް ޔޫލް(2000) އިލްތިމާސް ކުރައްވަނީ އެކަކު އަނެކަކާ ވާހަކަދެއްކުމުގައި އެންމެ އެކަށިގެންވާ ގޮތަށް ވާހަކަދެއްކުމަށެވެ. އެ ދައްކާ ވާހަކައަކާ ގުޅޭ ގޮތަށް ދެފަރާތުންވެސް ވާހަކަދެއްކުމަށެވެ. މިކަމަށްޓަކައި ހިފަހައްޓަންޖެހޭ އުޞޫލުތަކަށް ކިޔަނީ "އެއްބާރުލުމުގެ އުސޫލުތައް" ކަމަށް މީނާވެސް ހާމަކުރެއެވެ.

މަޢުލޫމާތުގެ ރަސްމަގުގެ މަޝްހޫރު އެކުމާފަނެއް (އެންސައިކްލޮޕީޑިއާއެއް) ކަމުގައިވާ ވައިކިޕީޑިއާ (www.wikipedia.com) ގައިވާ ގޮތުން ވާހަކަ ދެއްކުމުގެ އުޞޫލުތަކުގެ ބާނީ އަކީ ޑރ. ތޯމަސް ރިޓަރެވެ. ނަމަވެސް މި އުޞޫލުތަކަކީ މީގެ ސާދަސަތޭކަ އެތައް އަހަރެއް ކުރިން މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައަޅައިފައިވާ އުޞޫލުތަކެއްކަމަށް އަޅުގަނޑުމެން މުސްލިމުންނަށް އެނގެއެވެ. އެހެންނަމަވެސް މި އުޞޫލުތައް ބައިބައިކޮށް އެއަށް އިލްމީ ނަންނަން ދީ ހަދައިފައި ނުވަނީކަމަށް ވެދާނެއެވެ.

ކޮންމެ ގޮތެއްވިޔަސް ވާހަކަދެއްކުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި އުޞޫލުތަކެއް ވާކަމަށް އަޅުގަނޑުމެން އެންމެން ގަބޫލުކުރަމުއެވެ. ދީނީ ޢިލްމުވެރިންނާއި ހުޅަނގުގެ ބަސްވާރުންނެވެ. ހުރިހާ މުފައްކިރުންނާއި ފައިލަސޫފީންނެވެ. ވީމާ މިއުޞޫލުތަކުގެ މައްޗަށް ބަލައިލަމާތޯއެވެ؟

ވާހަކަދެއްކުމުގައި އެއްބާރުލުމުގެ އުޞޫލުތައް މައިގަނޑު ގޮތެއްގައި ބަހައިލެވެނީ 4 އަސާސަކަށެވެ. މިއިން ކޮންމެ އަސާސަކަށް ބަހަވީ ޢިލްމުގައި ކިޔަނީ މެކްސީމް(maxim) އެކެވެ. އެ އަސާސްތަކަކީ:-

1 -މިންވަރުގެ އަސާސް (maxim of quantity):
 
މި އުޞޫލަކީ ނުވަތަ މި އަސާސަކީ ވާހަކަދައްކާ ވަގުތާއި ޙާލަތާ އެންމެ އެކަށީގެންވާ މިންވަރަށް ބަސް ބޭނުންކޮށްގެން ވާހަކަދެއްކުމެވެ. އޭގެ މާނައަކީ ބޭނުންވާ ވަރަށްވުރެ ގިނައިން ވެސް ނުވަތަ މަދުން ވެސް ވާހަކަނުދެއްކުމެވެ. ބޭނުންވާ މިންވަރަށް ވާހަކަދެއްކުމެވެ. އަދި ކޮންމެ ބަހަކުން ވާހަކަދެއްކިޔަސް އެ މީހަކު ވާޙަކަދެއްކުމަށްޓަކައި ބޭނުންކުރާ ލަފުޒުތައް، އެ ވަގުތަކާއި ޙާލަތާއި އެންމެ އެކަށީގެންވާ މިންވަރަށް ބޭނުންކުރުމަކީ މި އަސާސްގެ އެންމެ މުހިއްމު އެއްސިފައެވެ. މިއީ ވާހަކަ ދައްކާ ކޮންމެ މީހަކުމެ ތަބާވާންޖެހޭނެ އުޞޫލެކެވެ. މިސާލަކަށް: "އެންމެ މީރީ ކޮންކަހަލަ ކެއުމެއްހޭ" މީހަކު ސުވާލުކުރުމުން "ގަރުދިޔައާއި ބަތް" ނުވަތަ "އަޅުގަނޑަށް އެންމެ މީރި ގަރދިޔައާއި ބަތް" މިހެން ބުނެ ޖަވާބުދިނުމަކީ މި އަސާސާ އެއް ގޮތަށް ވާހަކަދެއްކުމެވެ. އެޔާ ޚިލާފަށް "ދެން ކީކޭތޯ ދަންނަވާނީ، ރިހަ ކަމަކު ނުދޭ. ވާގޮތަކީ މޭއަންދަނީ، ދެން ކަޅުސައި ވެސް ވަރަށް ނުބައި. އަދި ރޮއްޓަކީ އެއްގޮތަކަށް ވެސް ކަމުދާއެއްޗެއް ނޫން. އެހެންވީމާ ގަރުދިޔައާއި ބަތޭ ދެންނެވޭނީ، އާދެ! ގަރުދިޔައާއި ބަތް ކަމަށް ބައްލަވާ، އަޅުގަނޑަށް އެންމެ މީރީ!" މި ގޮތަށް ޖަވާބުދިނުމަކީ މި އުޞޫލާ ޚިލާފަށް ވާހަކަދެއްކުމެވެ. އެހެނީ އޭނާ އެ ޙާލާތާއި ވަގުތާއި އެކަށީގެން ވާވަރަށްވުރެ މާގިނައިން ވާހަކަދެއްކީއެވެ.

2 - އެކަށޭނަކަމުގެ އަސާސް (maxim of relevance):
 
އެކަށޭނަކަމުގެ އަސާސަކީ ނުވަތަ މެކްސީމް އޮފް ރިލަވަންސަކީ ވަހަކަދައްކާ ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް އެ ޙާލަތަށް އެންމެ އެކަށީގެންވާ ފަދަ ވާހައެއް ދެއްކުމެވެ. މިސާލަކަށް: މީހަކު ބަލިވެ ޙާލެއް ނެތިގެން އޭނާގެ ގާތްތިމާގެ މީހުންނާއި ރައްޓެހިން ސީރިއަސްވެފައި ތިއްބާ އެތަނަށްވަދެ، "ދެން ތިކަމާ މާ ހާސްވާން ޖެހޭތަ؟ އޭނާ މަރުވެއްޖިއްޔާ ގޯތިބަހައިގެން އަހަރުމެންނަށް ލިބޭ ބައި ބޮޑުވާނެންނު؟" މި ފަދަ ޢިބާރާތެއް ބޭނުންކޮށްފިނަމަ އޭގެ ނަތީޖާ ތިޔަ ބޭފުޅުންގެ ވިސްނުންފުޅަށް ދޫކޮށްލަމެވެ. މިއީ އަސާސާ ޚިލާފުކަމެކެވެ. އެކަމަކު "އިރާދަކުރެއްވިއްޔާ މަތް ﷲ ރަހުމަތްލައްވާނެ. އަހަރެމެން މިތިބީ އެހީވާން. ހިނގާ އަވަހަށް އެންބިއުލާންސަށް ފޯނުކުރަމާ" މިފަދަ ގޮތަކަށް އެ ޙާލަތާ އެންމެ އެކަށިގެންވާ ބަސްކޮޅެއް ހާމަކުރުމަކީ މިއަސާސަށް ތަބަޢަވުމެވެ.

3 - ސުލޫކީ އަސާސް (maxim of manner):
 
ވާހަކަދެއްކުމުގެ ސުލޫކީ އަސާސަކީ އަޑުއަހާ މީހާއަށް އެންމެ ރަނގަޅަށް ފަހުމްވެ ދޭހަވާނޭ ގޮތަށް ދައްކާ ވާހަކައެއް ތަރުތީބުން ހުށައެޅުމެވެ. އަދި ދައްކާ ވާހަކައެއް އެ ވާހަކަ އަޑު އަހާ މީހަކަށް އެއްވެސް އޮޅުމެއް ނެތި ސާފުކޮށް ޞަރީހަކޮށް ހުށައަޅާން ޖެހޭނެކަމަށް އެޑްވަރޑް ފިނެގަން(1999) ބަޔާންކުރައްވައެވެ. މިއީ ޞަރީޙަކޮށް، ކުރުކޮށް، ފޮނިކޮށް ވާހަކަދެއްކުން ކަމަށް ގައިކުކް (1989) ވިދާޅުވެފައިވެއެވެ.

އަދި ކޮންމެ ބަހަކުން ވާހަކަދެއްކިޔަސް ކަމެއް ކުރަންވީ ގޮތުގެ އިރުޝާދު ދިނަސް އެ ކަމެއްގެ ތަރުތީބަށް އިސްކަންދީގެން ވާހަކަދެއްކުމަކީ މުހިއްމުކަމެއް ކަމަށް ޖޯޖް ޔޫލު (2000) ހާމަކުރައްވައެވެ.

4- ފެންވަރުގެ އަސާސް (maxim of quality)               
 
ތިމާ ދައްކާ ކޮންމެ ވާހަކައަކީ އެ ދައްކާ ވާހަކައެއްގެ އޮއްޓަރެއް ހުރި ވާހަކައަކަށްވާންވާ ނެވެ. އެހެން މީހުންނަށް ޤަބޫލުކުރެވޭ ފަދަ ހެކިތަކެއް ދެއްކެންވާނެ އެވެ. ހަރުދަނާކަން ހުރި އާރުލާ ވާހަކައަކަށް ވާން ވެސް ޖެހޭނެ އެވެ. ތިމާ ދައްކާ ވާހަކަ އަކީ ހަރުދަނާކަމެއް ނެތް ދޯހަޅި ހާސަރުތަކަކަށް ވެއްޖެނަމަ، އެ ވާހަކައެއް، މީހުން ޤަބޫލު ނުކުރުމުގެ އިތުރުން އެ ވާހަކަ ދައްކާ މީހާގެ އަގު ވެސް އެހެންމީހުންގެ ކުރިމަތީގައި ވެއްޓޭނެ އެވެ. އެއީ ތިމާގެ ފެންވަރުދައްކަން ހާމަވެގެން ހިނގައިދާނެ ކަމެކެއެވެ. މިއީ ވާހަކަދެއްކުމުގެ އެންމެ މުހިއްމު އެއް އަސާސް ކަމަށް  ވާތީ މި އަސާސަށް (މެކްސީމަށް) ތަބާ ނުވާނަމަ އެ ދައްކާ ވާހަކައަކީ ބޭކާރުވާހަކައަކަށް ވާނެ އެވެ. އަދި ދޮގުހެދުމުގެ ފުރުޞަތު ވެސް ފަހިކޮށްދޭނެ އެވެ. އެހެންވީމާ ވާހަކަދައްކާއިރު ޙަޤީޤަތާ އެއް ގޮތްވާ ގޮތުގެ މަތީން ސާބިތު ހެތްކާއެކު ތެދު ބަހުން ވާހަކަދެއްކުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ މެކްސީމް އޮފް ކޮލިޓީ އާ އެއް ގޮތަށް ވާހަކަދެއްކުމެވެ.

މި އުޞޫލުތަކަކީ 20 ވަނަ ޤަރުނުގައި ބަޔަކު އުފެއްދި އުޞޫލުތަކެއް ނޫނެވެ. ނަމަވެސް މިއީ އިންސާނީ މުޖުތަމައުގައި ހަމަޖެހުމާއި އަމާންކަން ފަތުރުއި އެއް ބަޔަކު އަނެއްބަޔަކާ އެކުލަވައިގެން އަމާން ދިރިއުޅުމެއް އުޅުމަށްޓަކައި ކަނޑައެޅިފައިވާ އުޞޫލުތަކެއެވެ.  މި އުޞޫލުތަކަކީ މީގެ 14 ގަރުނުގެ ކުރިން މާތް ﷲ އިންސާނުންނަށް ރަޙުމަތެއް ކަމުގައި ފޮނުވި ކައު ރަސޫލާ ގެންނެވި މާތް އިސްލާމް ދީނުގައި އަންގަވައިފައިވާ އުޞޫލުތަކެކެވެ. ބަހަވީ ޢިލްމް ކިޔަވާ ދަރިވަރުންވެސް މިކަންކަން ހަދާންނައްތައިލައިގެން ނުވާނެއެވެ.

އިސްވެ މި ދަންނަވައިލެވުނީ ވާހަކަދެއްކުމުގައި ދެފަރާތުން ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި އުޞޫލުތަކެއެވެ. އަޅުގަނޑުމެން ދޭދޭ މީހުން އެކަކު އަނެކަކާ ނުވަތަ އެއްބަޔަކު އަނެއްބަޔަކާ މުވާޞަލާތު ކުރުމުގައި މި އުޞޫލަށް ތަބަޢަވުމަކީ ވާހަކަދެއްކުމުގައި އެއްބާރުލުމުގެ އުޞޫލުތަކަށް ތަބާވުމެއެވެ. މި އުޞޫލުތަކަށް ބަހަވީ ޢިލްމުގައި ކިޔަނީ "އެއްބާރުލުމުގެ އުޞޫލުތައް" (ނުވަތަ ކޯޕަރޭޓިވް ޕްރިންސިޕަލްސް) އެވެ. މި އުޞޫލުތައް ބެހިގެންދަނީ މައިގަނޑު 4 އަސާސަކަށެވެ. މިއިން ކޮންމެ އަސާސަކަށް ބަހަވީ ޢިލްމުގައި ކިޔަނީ މެކްސީމެކެވެ. މި މެކްސީމްތަކުގެ ތެރޭގައި ވާހަކަދެއްކުމުގެ މިންވަރާއި، ގުޅުން ހުރުމާއި، ތަރުތީބުން ޞަރީޙަކޮށް ފޮނިކޮށް ކުރުކޮށް ވާހަކަދެއްކުމާއި، ސާފު ތެދުބަހުން ފުރިހަމަ ހެތްކާއެކު އަނެކުންނަށް ގަބޫލުކުރެވޭ ފަދަ ވާހަކަ ދެއްކުން ހިމެނެއެވެ.
-------------------
(ނިމުނީ)

މި ލިޔުން:
    ފޮނުވުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    އަލުން ބެލުން:  ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
    ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟