އަދުގެ ޚާއްސަ

Print

ކުދިންގެ އަޚްލާޤް ގޯސްވުމުގައި ޒިންމާވާންޖެހޭ ފަރާތަކީ ހަމަ މައިންބަފައިންނެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



ޙުސައިން ޞަލާޙް

މިއަދު ރާއްޖޭގެ ހަތަރު ބިތަށް ނަޒަރު ހިންގައިލިޔަސް ފެންނަމުންދަނީ އަޚުލާޤީ އެކި ފެންވަރުގެ މައްސަލަތައް ފުނިޖެހެމުންދާ ތަނެވެ. ޚާއްޞަކޮށް މި ފަދަ މައްސަލަތައް ކުޑަކުދިންގެ މެދުގައި ބޮޑުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ކުޑަކުދިންގެ މެދުގައި މިފަދަ އަޚުލާޤީ، އިޖްތިމާއީ މައްސަލަތައް އަށަގަންނަމުން ދާނަމަ، މާދަމާގެ ޒުވާނުންގެ ގޮތުގައި ޤައުމުގެ ޒިންމާތައް ކޮނޑުގައި އަޅަން އޮތް ޖީލުގެ ޙާލަތާމެދު ކޮންމެހެން ވިސްނައިލާން ޖެހެއެވެ. ފިކުރު ކުރާންޖެހެއެވެ. އެހެންނަމަވެސް ހިތާމަޔަކީ މި ކަންތައްތަކަށް ވިސްނައި ފިކުރުކޮށް ނަޒަރުހިންގައިލުމުން ފެންނަނީ ޤައުމުގެ ޙާލަތު މި ދަނީ ރަނގަޅު މިޞްރާބަކަށް ނޫންކަމެވެ. އެހެންކަމުން އަޅުގަނޑުމެންގެ ޅަދަރިންގެ އަޚުލާޤަށް މި އަންނަ ބަދަލުތަކާ މެދު ވިސްނައި އެފަދަ ބަދަލެއް އަންނަމުންދަނީ ކީއްވެގެންތޯ ބަލައި އަދި އެ ކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކަކީ ކޮބައިތޯ ބަލާން ޖެހެއެވެ.

އަވަށްޓެރިޔާގެ ދަރިފުޅު މޮޅަށް ކިޔަވައި މަތީ ފާސްތަކާއި ތަފާތު ރޮނގުރޮނގުން އެތައް އަރުތައެއް ހޯދަމުން އަންނަ ތަން ބަލަން ހުންނައިރު ތިމާގެ ދަރިފުޅު މިހާރު ހުރީ ޖަލުގެ ތޭރިތަކުގެ އެ ފަރާތުގައި، މަހުން ދުވަހެއް އަހަރުން ދުވަހެއް އުމުރުން ދުވަހެއް ގުނައިލަގުނައިލައި ކަން ހަނދާންވާ ހިނދު، މައި ލަގޮނޑިއަށް ކެތްވާވަރުގެ ކަމަކަށް ނުވެއެވެ. މި ހިތާމަ މިއަދު އުފުލަންޖެހިފައިވަނީ ތިމާއަށް ތިމާގެ ދަރިފުޅު ތަރުބިއްޔަތުކުރުމުގެ މަސްއޫލިއްޔަތު އަދާނުކުރެވެމުން ކަން އިޙުސާސްވާ ހިނދު ހިތާމަކުރުން ނޫން އެހެން ގޮތެއް އެ ފަދަ މައިންނަށް އަދި ބަފައިންނަކަށް ވެސް ނޯވެއެވެ. ނަމަވެސް ދެންކުރެވޭނެ ކަމެއް ނޯވެއެވެ. އޭރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. މިފަދަ ހިތާމަތަކުން ދުރުވުމަށްޓަކައި ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރަން ޖެހެއެވެ. ދިރިއުޅުމަކީ ހަނގުރާމައެކެވެ. މި ހަނގުރާމައިގައި ކާމިޔާބު ހޯދަން ބޭނުންނަމަ ދަރިންގެ "އިސްހަނގުރާމަ" ބަލަން ވެސް ތިބީ ހަމަ މައިންބަފައިންނެވެ. ތަރުބިއްޔަތުކުރުމުގައި ފަރުވާ ކުޑަކުރެވިއްޖެ ނަމަ ދިރިއުޅުމޭ މި ކިޔާ ހަނގުރާމައިން ބަލިވުން އޮންނާނީ ހަމަ ވަރަށްކައިރީގައެވެ.

ގިނަބަޔަކު އެއްބަސްވާ ގޮތުގައި މުޖްތަމަޢުގައި ފެތުރެމުންދާ އިޖްތިމާއީ ގިނަ ބަލިތައް ފެތުރެމުން ދަނީ އެކިއެކި ޒަމާނީ މުނިފޫހިފިލުވުމުގެ ވަސީލަތްތަކުގެ ސަބަބުންނެވެ. މި ގޮތުން އިންޓަރނެޓާއި ޓީވީ އަދި މުޖްތަމަޢުތެރެއަށް ނެރޭ ތަފާތު ވައްތަރުގެ ފިލްމުތައް ފާހަގަކުރެވެއެވެ. ޓީވީ އަކީ މިހާރު ކޮންމެ ގެއެއްގެ ސިޓިންގރޫމްތަކުގައި މުނިފޫހި ފިލުވުމަށްޓަކައި ބޭނުންކުރެވެމުންދާ އެއްޗަކަށް ވުމާ އެކު އެންމެ ގިނަބަޔަކު އެއްބަސްވާގޮތުގައި އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުޑަކުދިންނަށް ކުރަނީ މި ދެންނެވި ޓީވީތަކުން ދައްކާ ތަފާތު ޕްރޮގްރާމްތަކުގެ ސަބަބުންނެވެ. ނަމަވެސް ވިސްނައިލާން ޖެހޭ ނުކުތާއަކީ ކުޑަކުދިން އަމިއްލައަމިއްލަ އަށް މި ފަދަ ޕްރޮގްރާމްތައް އަޅުވައި ބަލައި ނެހެދޭނެކަމެވެ. އެހެންކަމަށްވާނަމަ ކުޑަކުދިންނަށް މި ތަކެތި ބެލުމަށް މަގުފަހިކޮށްދެނީ ކޮންބައެއް ހެއްޔެވެ؟ އާދެ! ޝައްކެއްނެތްގޮތުގައި އެކުދިންގެ މައިންބަފައިންނެވެ. ކުޑަކުދިންނަށް މިފަދަ ޕްރޮގްރާމްތަކާއި މަންޒަރުތައް ފެންނަނީ، މައިންބަފައިން އެ ފަދަ ތަކެތި ބެލުމަށް ހުންނަ ޝައުޤުވެރިކަމެއްގެ ބޮޑުކަމުން ކުދިންގެ ކުރިމަތީގައި އެ ފަދަ ތަކެތި ބަލާތީ އެވެ. އަޅުގަޑުމެންގެ ގިނަ ޢާއިލާތަކަކީ އުޅެންޖެހިފައިވާ މާޙައުލުގެގޮތުން އެއްބަޔަކު އަނެއްބަޔަކާ ވަރަށް މަސްހުނިކޮށް އުޅެންޖެހިފައިވާ ބަޔެކެވެ. މިފަދަ މާޙައުލެއްގައި އެއްބަޔަކު ކުރާކަންތައް އަނެއްބަޔަކަށް އެނގުމާއި ފެނުން އޮންނާނީ ވަރަށްކައިރީގައެވެ. މި ކަމުގައި ވަކި ކުޑަ ކުދިން އިސްތިސްނާއެއްނުވެއެވެ. އެހެންކަމުން ޓީވީން ފެންނަ މަންޒަރުތަކުން ކުދިންގެ އަޚްލާޤަށް ބަދަލު އަންނަ ނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެ ކުދިންނަށް އެފަދަ މަންޒަރުތައް ދައްކާ ބަޔެކެވެ. ފަހަރެއްގައި ވެސް މުނިފޫހި ފިލުވުމަށް ބޭނުންކުރެވޭ ވަސީލަތްތަކެއްނޫނެވެ. އެވަސީލަތްތަކުގެ ބޭނުން އެދެވޭގޮތުގައި ނުކުރާމީހުންނެވެ.
 
ޓީވީން ދައްކާ ކޮންމެ ޕްރޮގްރާމަކީ ކުދިންނަށް ނޭދެވޭ އަސަރުތައް ކުރާ ޕްރޮގްރާމްތަކެއް ނޫނެވެ. ބައެއް ކަހަލަ ޕްރޮގްރާމްތަކަކީ ކުދިންނަށް ތަޢުލީމު އުނގަންނައިދިނުމުގެ ގޮތުން ފޮނުވާ ޕްރޮގްރާމްތަކެވެ. އެކަމަކު މިފަދަ ޕްރޮގްރާމްތަކަކީ ގިނަ ފަހަރު ބޮޑެތި މީހުން ބެލުމަށް މާބޮޑު ސަމާލުކަމެއްދޭ ޕްރޮގްރާމްތަކެއް ނޫނެވެ. އެހެންކަމުން އެފަދަ ޕްރޮގްރާމެއް އަންނަ ގަޑިއެއްގައި ޓީވީ ހުންނާނީ ނިއްވައިލައިފައެވެ. މިއީ ވަރަށްވެސް ދެރަކަމެކެވެ. ޓީވީ އަކީ އެ ބޭނުންކުރެވޭ ގޮތަކުން ނުހަނު ގިނަ ފައިދާތައް ވެސް ކުރާ އެއްޗެކެވެ. އެއިން ތަޢުލީމް ދެއެވެ. މަޢުލޫމާތު ފޯރުކޮށްދެއެވެ. ހޭލުންތެރިކުރުވައެވެ. ދީނީ ތަފާތު ދަރުސްތައް ގެނެސްދެއެވެ. ހަނދާންކުރަންވީ ކަމަކީ ކޮންމެ އެއްޗަކުން ވެސް އެ އެއްޗެއްގެ ބޭނުން، ނަހަމަ ގޮތުގައި ހިފައިފިނަމަ ލިބޭނީ ގެއްލުންކަމެވެ. ވަޅިއަކީ ވެސް އެއިން ނުހަނު ގިނަގުނަ ފައިދާތައް ކޮށްދޭ އެއްޗެކެވެ. އެކަމަކު އެވަޅިން މީހަކު ވެސް މަރައިލެވިދާނެ އެވެ. އޭރުން ގޯސްވާނީ ވަޅިހެއްޔެވެ؟ ނޫނީ ވަޅީގެ ބޭނުން ނުރަނގަޅު ގޮތުގައި ހިފިމީހާ ހެއްޔެވެ؟ އެހެންކަމުން އަޅުގަނޑުމެންގެ ދަރިންނަކީ މުޖްތަމަޢަށް ބޭނުންތެރި، ފައިދާހުރި ދަރިންތަކެއް ކަމަށް ހެދުމަށް، ކުދިންނަށް ރަނގަޅު ނަމޫނާ ދައްކުވައިދޭ ބަޔަކަށް މައިންބަފައިން ވާންޖެހެއެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި ކޮންމެފަދަ ޤްރުބާނީއެއް ވާންޖެހުނަސް އެކަމަށް މައިންބަފައިން ފަސްޖެހިގެން ނުވާނެ އެވެ. ތިމާ ކިތަންމެ ބަލާހިތްވާ ޕްރޮގްރާމެއް ޓީވީން ދެއްކިޔަސް އެއީ ދަރިންނަށް އެއިން ނޭދެވޭ އަސަރު ކުރާނަމަ އެފަދަ ޕްރޮގްރާމެއް ދަރިންގެ ކުރިމަތީގައި ބަލައިގެން ނުވާނެ އެވެ.

ކުދިންގެ އަޚްލާޤަށް ނޭދެވޭ އަސަރުކުރާކަމަށް ގިނަބަޔަކު އެއްބަސްވާ އަނެއް ވަސީލަތަކީ އިންޓަރނެޓެވެ. ގިނަ ބަޔަކު ދެކޭގޮތުގައި އިންޓަރނެޓް މެދުވެރިކޮށް ފެންނަ ފޮޓޯތަކާއި މަންޒަރުތަކުގެ ސަބަބުން ކުދިންގެ އަޚްލާޤަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރަމުންދެއެވެ. މިއީ ތެދަކަށް ވެސް ވެދާނެއެވެ. އިންޓަރނެޓް މެދުވެރިކޮށް ލިބެންހުންނަ ހުރިހާ މަންޒަރަކީ ކުދިން ބެލުމަށް އެންމެ ރަނގަޅު އެއްޗެއްސަށް ނުވެ ހިނގައިދާނެ އެވެ. އެ ކުދިންނަށް އެންމެ ރަނގަޅު ގޮތްތައް ދަސްކޮށްދޭ އެއްޗަކަށް ނުވެދާނެއެވެ. ނަމަވެސް މިކަމުގައި ވިސްނައިލާންޖެހޭ ވަރަށް މުހިއްމު ނުކުތާއެއް ފާހަގަކުރެވެއެވެ. އެއީ އިންޓަރނެޓަކީ މި ޒަމާނުގައި އެންމެ ގިނަބަޔަކު ތަފާތުކަންކަމަށް އެންމެ ގިނައިން ބޭނުންކުރާ އެއް ވަސީލަތެވެ. ތަފާތު ޚަބަރުތައް އޮޅުންފިލުވުމަށެވެ. ތަފާތު މަންޒަރުތައް ވަގުތުން ބަލައިލުމަށެވެ. ދުރުތިބީންގެ ޙާލުއަޙުވާލު ބަލައިލައި އެކަކު އަނެކަކަށް ފެނިގެން ވާހަކަދައްކައިލުމަށެވެ. ކިޔަވާ ކުދިންނަށް ލައިބްރަރީއެކެވެ. މުދައްރިސުންނަށް ފިލާވަޅު ތައްޔަރުކުރުމަށް އެހީވެދޭ ބައިވެރިއެކެވެ. ވިޔަފާރިވެރިންނަށް އެމީހުންގެ މުދާ ވިއްކުމާއި އިޝްތިހާރުކުރުމަށްޓަކައި ލިބިފައިވާ ބޮޑު ބާޒާރެކެވެ. މި ނޫންވެސް އެތައް ބައިވަރު ކަންތައްތަކެވެ. ކުރު ގޮތަކަށް ދަންނަވާނަމަ މިޒަމާނުގައި އިންޓަރނެޓަކީ ބުނެވެނީ އެއީ "މަޢުލޫމާތު ފެތުރުމުގެ ރަސްމަގު" ކަމުގައެވެ. މިހެން މި ކަންތައް އޮތް އިރު މިއީ ކުދިންގެ އަޚްލާޤަށް ނޭދެވޭ އަސަރުކުރާ އެއްޗަކަށް ވާން ޖެހެނީ ކީއްވެބާވައެވެ! ޝައްކެއްނެތް ގޮތުގައި މިކަން މިހެން މި ވަނީ އެ ކުދިންގެ މައިންބަފައިން އެ ކުދިންނަށް އިންޓަރނެޓް ބޭނުންކުރުމުގައި ދީފައި އޮންނަ މިނިވަންކަމެއްގެ ސަބަބުންނެވެ. އެ ކުދިން ކުރަނީ ކީއްކަން ގިނަ ފަހަރު ބަލައިނުލެވޭތީއެވެ. ކިޔަވާކުދިންނާއި ރައްޓެހި ގޮތްގޮތަށް ފަރުމާކުރެވިފައިވާ ތަފާތު "އިންޓަރނެޓް ޕެކޭޖް"ތައް ހުއްޓައި ފުރިހަމަ މިނިވަންކަމާ އެކު އެ ވަސީލަތުގެ ބޭނުންކުރަން ދޫކޮށްލުމުން އެ ކުދިންނަށް އެއިން ނޭދެވޭ އަސަރުނުކޮށް ނުދާނޭ ކަމީ އެންމެން ވެސް ދަންނަ ކަމެކެވެ. އެހެންކަމުން މި ކަމުގައި ޒިންމާވާންޖެހޭނީ ކުޑަދަރިފުޅު ހެއްޔެވެ؟ ނޫނީ އެދަރިފުޅު ތަރުބިއްޔަތުކުރުމުގެ ޒިންމާ ބޮލުއެޅިފައިވާ ފަރާތް ހެއްޔެވެ؟

މައިންބަފައިން އިހުމާލުވުމުގެ މައްސަލައަކީ ހަމައެކަނި އަޅުގަޑުމެންގެ ދިވެހިރާއްޖޭގައި އޮތް މައްސަލައެއް ނޫނެވެ. ޣައިރު މުސްލިމުންގެ ތެރޭގައި ވެސް މިކަމަކީ މިހާރު ވަރަށް ބޮޑު ކަމަކަށް އޮންނަނީ ވެފައެވެ. ސަބަބަކީ ދަރިން ރަނގަޅަށް ތަރުބިއްޔަތު ނުކުރެވިއްޖެނަމަ ޤައުމުގެ މުސްތަޤްބަލް އަނދިރިކަމެއްގެ ތެރެއަށް ވެއްޓިގެން ދާނެކަން އެފަދަ ޤައުމުތަކަށް ވެސް އެނގޭތީ އެވެ. ދަރުމަ މަޖައްލާގެ 2004 މެއި މަހުގެ އަދަދުގައި ޑޮކްޓަރ އިބްރާހިމް ޝިޔާމް ލިއުއްވާފައިވާ ގޮތުން، އެމެރިކާގެ ކުރީގެ ރައީސެއްކަމަށްވާ ބިލްކްލިންޓަންގެ އަމުރަށް ސެކްރެޓަރީ އޮފް ސްޓޭޓް ކޮލިންޕަވަލްގެ ރިޔާސަތުގެ ދަށުން އެމެރިކާގެ ހުރިހާ ސްޓޭޓަކުން މަންދޫބުން ބައިވެރިކޮށްގެން ވަރަށް ބޮޑު މަހާސިންތާއެއް ބޭއްވުނެވެ. ބޭނުމަކީ އެމެރިކާގައި އުޅޭ ފަސްދޮޅަސް މިލިއަން ކުޑަކުދިންގެ ތެރެއިން ފަނަރަ މިލިއަން ކުދިން ތަފާތު އެކި ފެންވަރުގެ ކުށްތައް ކުރަމުން ދާތީ، އެ ކަން އެ ދިމާވަނީ ކިހިނެއް ވެގެންތޯ ބެލުމަށެވެ. ފަނަރަ މިލިއަން ކުދިންގެ ތެރެއިން ތިން މިލިއަން ކުދިންނަކީ މަސްތުވާ ތަކެތީގެ ޝިކާރައަށް ވެފައިވާ ކުދިންނެވެ. ބައި މިލިއަންކުދިންނަކީ ދިރިއުޅުމުގައި މާޔޫސްވުމުގެ ސަބަބުން އަމިއްލައަށް މަރުވަން މަސައްކަތްކުރާ ކުދިންނެވެ. ގިނަ ކުދިން އުމުރުގެ ވަކި ހިސާބަކުން މަދަރުސާތަކަށް ކިޔަވަން ދިޔުން ހުއްޓައިލައެވެ. ތަފާތު ފާޙިޝް ޢަމަލުތައް ކުރުމުގައި ހައްދުފަހަނައަޅައި ދެއެވެ. މީގެ ތެރެއިން ހަތްދިހަ އިންސައްތަ ކުދިން އުމުރުން ސަތާރަ އަހަރު ނުވަނީސް ޖިންސީގުޅުން ހިންގާކަމަށްވެއެވެ.

އެތައް ދަންފަޅިއެއްގެ ވަހަކަތަކާއި މަޝްވަރާތަކަށްފަހު މަހާސިންތާއިން އެއްބަސްވުމަކަށް އާދެވުނީ ކޮންކަމަކަށްތޯއެވެ؟ އާދެ، ކުޑަކުދިންގެ އަޚްލާޤަށް ބަދަލު އަންނަނީ، މައިންބަފައިން އެ ކުދިން ތަރުބިއްޔަތުކުރުމުގައި ދޭންވީ ސަމާލުކަން ނުދިނުމުގެ ސަބަބުންކަމެވެ. އެމެރިކާގެ މިފަދަ ކުދިންގެ މައިންބަފައިންނަކީ ޒަމާނީ ތަހުޒީބުތަކަށް ހެއްލި ދަރިން ބެލުމަކީ "ކަޓް" ކަމަކަށް ބަލައި އެ ދަރިން ބެލުން ނޯކަރުންނާ ޙަވާލުކުރުމަށްފަހު އެތަން މިތަނުގައި މަޖާކުރުމުގައި ވަގުތުތައް ހޭދަކުރަމުންދާ މީހުންނެވެ.

ހިތާމައިގެ ކޮޅެއްނެތެވެ. މިއަދު މި ދިވެހި މުޖްތަމަޢުން ވެސް އެފަދަ މަންޒަރުތައް ދަނީ ފެންނަމުންނެވެ. ދުނިޔަވީ ކަންތައްތަކުގައި މައިންބަފައިން މަސްޣޫލްވެ އުޅެންޖެހިފައިވުމުން، ދަރިންބެލުމަށް ގިނަ ފަހަރަށް ކައިރި އަވަށްޓެރި ޤައުމަކުން ކޮންމެވެސް މީހަކު ގެނެވޭ ތަން އާދެއެވެ. ގިނަ ފަހަރަށް މި ފަދަ މީހުންނަކީ ޣައިރު މުސްލިމުންނެވެ. މުސްލިމުންގެ ހުންނަ ރިވެތި އާދަތަކާއި ތަހުޒީބެއް އެމީހުންނަކަށް ނޭގެއެވެ. އަހަރެމެންގެ ސަޤާފަތާއި ރީތި އާދަތަކެއް އެމީހުން ނުދަނެތެވެ. މިފަދަ ބަޔަކާ ޙަވާލުކޮށްގެން ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވިދާނެބާވައެވެ! ވިސްނަންވީ ނުކުތާއަކީ އެމީހުން އެއަދާކުރަނީ ފަހަރެއްގައިވެސް ދަރިންބެލުމުގެ ޒިންމާއާއި މަސްއޫލިއްޔަތު ނޫންކަމެވެ. އެ މީހުން އެ އަދާކުރަނީ ވަޒިފާއެކެވެ. މުސާރަލިބެނިކޮށް އެފަދަ މީހުންނަށް ފުދުނީއެވެ. މި ދެކަންތަކުގައި ހާސް ގުނަ ތަފާތު ހުންނާނެކަން ވިސްނާ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.

ޝައްކެއް ނެތްގޮތުގައި ކުދިންނަށް އެންމެ ފުރިހަމަ ނަމޫނާއެއް ދައްކުވައިދޭ ބަޔަކަށް ވާންޖެހޭނީ މައިންބަފައިންނެވެ. ނަމަވެސް މި ގޮތަށް ޢަމަލުތައް ބަހައްޓަނީ ކިތައް މައިންބާވައެވެ! ކިތައް ބަފައިން ބާވައެވެ! ތިމާ އަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހަކަށްވެ ހުރެ ދަރިފުޅު ގާތު ސިނގިރެޓްބުއިމަކީ ޞިއްޙަތައް ގެއްލުންހުރި ކަމެކޭ ބުނާނީ ކިހިނެއްހެއްޔެވެ؟ ތިމާގެ ހެދުން އެޅުމުގެ ވައްޓަފާޅި ހުރީ އަހަރެމެންފަދަ އިސްލާމީ މުޖްތަމަޢަކަށް ނުފެތޭގޮތަށް ކަމުގައިވާނަމަ ތިމާގެ ދަރިފުޅުގެ ހެދުން ދީނީ ރިވެތި އާދަތަކާ އެއް ގޮތައް ބަހައްޓަން ބުނާނީ ކިހިނެއްހެއްޔެވެ؟ ދަރިފުޅު ގޮވައިގެން ސްކޫލަށް ދަމުން، ހިނގާ މީހުން ހުރަސްކުރަންޖެހޭ ވަގުތައް ނުބަލައި، ދަރިފުޅު އިނގިލިކުރީ ލައިގެން މަގު ހުރަސްކުރުމުން، މާދަމާ އެކުދިން މަގުމަތީގެ ޤަވާއިދުތަކާ ޚިލާފުވުމުން އެކަމުގެ ޒިންމާ އުފުލާނީ ކޮންބައެއް ހެއްޔެވެ؟

މަދަރުސީ ދައުރު ނިންމާއިރު ރަނގަޅު ނަތީޖާތަކާއި ފަޚްރުވެރި ކާމިޔާބީތައް ހޯދާ ކުދިންނަކީ ވެސް ދެންނެވުނުފަދަ މުނިފޫހި ފިލުވުމުގެ ވަސީލަތްތައް ބޭނުންކުރާ ކުދިންނެވެ. އެ ކުދިންގެ އަޚުލާޤް ގޯސް ނުވަނީ ކީއްވެގެން ހެއްޔެވެ؟ އެ ކުދިން އިންޓަރނެޓް ބޭނުންކުރެއެވެ. ޓީވީ ވެސް ބަލައެވެ. ނަމަވެސް އެ ކުދިންނަށް މި ކަންތައްތައް ކުރެވެނީ އެ ކުދިންގެ މައިންބަފައިންގެ ފުރިހަމަ ބެލުމުގެ ދަށުން ކަނޑައެޅޭ ވަކި ޙުދޫދެއްގެ ތެރޭގައެވެ. ނަތީޖާއެއްގެ ގޮތުން އެ ފަދަ ކުދިންނަށް، ދެންނެވުނު ވަސީލަތްތައް ވެފައިވަނީ އެ ކުދިންގެ ތަޢުލީމީ ޙަޔާތް ބާއްޖަވެރިކޮށްދޭ ވަސީލަތްތަކެއް ކަމުގައެވެ. މިއިން ވެސް މި އެނގެނީ މައިންބަފައިން އެމީހުންގެ ޒިންމާތައް ފުރިހަމައަށް އަދާކުރާނަމަ ދަރިން މުޖްތަމަޢަށް ނުކުންނާނީ ވެސް ހަމަ ރަނގަޅު ބަޔެއްގެ ގޮތުގައި ކަމެވެ. ރަނގަޅު ޒުވާނުންތަކެއްގެ ގޮތުގައެވެ. ޤައުމު އެދި އެދި ތިބިފަދަ ހަރުދަނާ ދަރިންތަކެއްގެ ގޮތުގައެވެ.


މައިންބަފައިންގެ ޒިންމާ ނުވަތަ މަސްއޫލިއްޔަތަކީ ފަހަރެއްގައިވެސް ވަޒީފާ ބަޔާނެއްހެން ލިޔެ ސޮއިކޮށްފައި ހަވާލުކުރެވޭ ވަޒީފާއެއް ނޫނެވެ. އެއީ ހަމަ ކޮންމެ މީހަކު ވެސް އެ މީހަކު މަޔަކަށް ނުވަތަ ބަފަޔަކަށް ވާ ދުވަހުން ފެށިގެން ކޮނޑުގައި އަޅަން މަޖުބޫރު މަސްއޫލިއްޔަތެކެވެ. އެކަމަކާ މެދު ސުވާލުވެވޭނެ މަސްއޫލިއްޔަތެކެވެ. ތިމާ އުޅެންޖެހުނު މާޙައުލުގެ ގޮތުން ނުވަތަ ތިމާއަށް ލިބޭ އާމްދަނީ ކުޑަކަމުން ވީގޮތެކޭ ބުނެ، ތަފާތު ބަހަނާތައް ދައްކައިގެން މިންޖުވެވެން އޮތް ކަމެއްނޫނެވެ. ކޮންމެފަދަ ޤުރުބާނީއެއް ވެގެން ނަމަވެސް ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރަންޖެހެއެވެ. ރީތި އާދަތައް ދަސްކޮށްދޭން ޖެހެއެވެ. ތިމާ، އެކުދިންނާމެދު  މުސްތަޤްބަލުގައި ފަޚުރުވެރި ވެވޭނީ އޭރުންނެވެ.
-----------
(ނިމުނީ)

މި ލިޔުން:
     ފޮނުވުން:    އަލްފާޟިލް ޙުސައިން ޞަލާޙު
     އަލުން ބެލުން: ޢަަބްދުލްޢަޒީޒު ޖަމާލު އަބޫަބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
     ޝާއިޢުކުރުން: ޢަަބްދުލްޢަޒީޒު ޖަމާލު އަބޫަބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ