އަދުގެ ޚާއްސަ

Print

ހުސް ނޫނުގެ ބޭނުމަކީ ކޮބާ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބުދުލްޢަޒީޒު ޖަމާލު އަބޫބަކުރު(މާވަށް)

ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކުގެ ޙަޤީޤީ ބޭނުމަކީ ބަހުގެ އަޑުތަކާއި އަޑު ނެރެންވީ ގޮތް ފާހަގަކޮށްދިނުމެވެ. އަކުރުތަކަކީ އަޑުތަކުގެ ނިޝާނެވެ. ފިލިތަކަކީ އެ އަޑުތައް "އިއްވަން" ވީ ގޮތް އަންގައިދިނުމެވެ. ވީމާ، އަޑެއް ރަމްޒުކޮށްދޭ އަކުރާއި އަޑުނެރެންވީ ގޮތް އަންގައިދޭ ނިޝާންކަމަށްވާ ފިލި، ހަމަޔަށް ނެތް ނަމަ، އެ އަޑު ފުރިހަމަޔަށް "ނެރެވޭނޭ" ގޮތެއް ނޯންނާނެއެވެ.

    
ދިވެހިބަހުގެ ބަސްކޮށާރުގައި ހިމެނޭ ލަފުޒުތަކުގެ ލިސްޓްގައި ހިމެނޭ ހުރިހާ ލަފުޒެއް އެއްވެސް މީހަކަށް، (ހަމަކަށަވަރުން ވެސް އެންމެންނަކަށް) ނޭނގޭނެ އެވެ. އަދި އަލަށް ދިވެހިބަސް އުނގެނި ދަސްކުރާ ބިދޭސީން ވެސް މި ޒަމާނުގައި އަންނަނީ އިތުރުވަމުންނެވެ. މާނަ ނޭނގޭ ލަފުޒެއް ބަސްފޮތުން ނުވަތަ އެހެން ލިޔުމަކުން ނަމަވެސް ބަލައިގެން ދަސްކުރާ މީހަކަށް އެ ލަފުޒެއް ފުރިހަމަޔަށް އެނގޭނީ ފިއްޔާއި އަކުރުތައް ލިޔުމުގައި، ހަމަޔަށް ހުރެގެންކަން ކަށަވަރެވެ. "އިއްވަން" ބޭނުންވާ އަޑެއް ރަމްޒު ކޮށްދޭ އަކުރާއި އެ އަޑެއް ނެރޭންވީ ގޮތް އަންގައިދޭ ނިޝާން، ލިޔުމުގައި އުނިވެފައިވާ ނަމަ ހެޔޮކޮށް އެ ލަފުޒެއް އަދާކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. ނޯށަން އަރުވައިގެން ކިޔަންޖެހޭ ތަންތާގައި ހުސް ނޫނު ނުލިޔާނަމަ އެއީ ނޯށަން އަރުވައިގެން ކިޔަން ޖެހޭ ތަނެއް ކަމެއް އެ ލަފުޒެއް އަޞްލު(ނުވަތަ މާނަ) ނުދަންނަ މީހަކަށް ނޭނގޭނެ އެވެ. ރޭޑިއޯ އިން ކިޔާ ލަވައެއް ގައިވެސް....."މިތުރުނޭ އުގެނެމާހޭ،...." ކިޔައިފައިވަނީ "އުނގެނުން" މި ލަފުޒު ލިޔުމުގައި ހުސްނޫނު އިހުމާލުކޮށްލައިފައި ވާތީ ކަމަށް ދެންނެވިދާނެ އެވެ. އަދި ލަވަކިޔުންތެރިންނަށް އެ ލަފުޒުގެ އަޞްލު އެނގިވަޑައިނުގަންނާތީ ލިޔުމުގައި އޮތް ގޮތަށް ވިދާޅުވީކަމަށް ވެސް ވެދާނެއެވެ.
    
އެހެން މިސާލެއް ދަންނަވާނަމަ ހޯނޑެއްދޫ އާއި ހެލެނގެލި ފަދަ (ރަށްރަށުގެ) ނަންނަން ކިޔާއިރު ނޯށަން އަރުވައި ކިޔަން ޖެހުނަސް، އެ ދެނަން ލިޔާއިރު (ލިޔުމުގައި) ހުސް ނޫނު ނޯންނަ ނަމަ އެ ދެ ރަށުގަ ނަން ކިޔަން ޖެހޭ ގޮތް ނޭނގޭ މީހަކަށް އެ ދެނަން ރަނގަޅަށް ކިޔާކަށް ނޭނގޭނއެވެ.
    
ކުރީގެ އަދީބުންގެ ލިޔުއްވުންތަކަށް ބަލާއިރު ހުސް ނޫނު ލިޔަންޖެހެނީ މައިގަނޑު ދެ ސަބަބަށްޓަކައެވެ. އެއީ ހުސްނޫނު ނުލިޔެފި ނަމަ، އަކުރާއި ފިލި އެއް ގޮތަށް ޖަހަންޖެހޭ ލަފުޒުގެ ތެރެއިން ނޯށަށް އަރުވައި ކިޔަން ޖެހޭ ލަފުޒާއި ނޯށަން ނާރުވައި ކިޔަންޖެހޭ ލަފުޒެއް ނަމަ މި ފަދަ ދޭދޭ ލަފުޒުގެ މާނަ ދޭހަވުމަށް ދަތިވުމެވެ.
   
އިސްވެ ދެންނެވުނު އުޞޫލުން ހުސްނޫނު ލިޔުނަސް އަކުރާއި ފިލި އެއް ގޮތަކަށް ހުންނަ ލަފުޒުތަކުގެ މާނަ ދޭހަވުމަކަށް ފަސޭހައެއް ނުވެއެވެ. އެހެނީ އެއް ގޮތަކަށް އަކުރާއި ފިލިޖެހިފައި ކިޔާގޮތް ވެސް އެއް ގޮތްވެފައި ތަފާތު ޙާލަތްތަކުގައި ތަފާތު މާނަ ދޭހަވާ ލަފުޒުތަކަކީ ކޮންމެ ބަހެއްގައި ވެސް ހުންނަ ލަފުޒުތަކެކެވެ. މިފަދަ ލަފުޒު މާނަ އެނގެނީ އެ ޖުމްލައަށާއި ޖުމުލަ ލިޔުނު ޙާލަތަށް (ކޮންޓެކްސްޓް) ވިސްނައިގެންނެވެ. އަންނަނިވި މިސާލުތަކަށް ވިސްނައިލަމާތޯއެވެ؟

1 މުސަޅަކީ ބިމުގައި ހަރު ކޮނެގެން ދިރިއުޅޭ ޖަނަވާރެކެވެ.
2 ރާވެރިބޭ އަށް ރުކަކު މިއަދު ހަރު ބަނދެފިއެވެ.
3 އެއީ ބޯ ހަރު ކުއްޖެއް ނޫނެއެވެ.
4 ބިލަތް ކަނޑަން ފަސޭހަ ވާނީ އެގޭ ހަރު ގެނެސްގެންނެވެ.
5 ހަރު ހަނޑުލުގެ ބޮނޑިބަތެއްވެސް މަށަން ނުބައެއް ނޫނެއެވެ.
6 މިއަދު ބަތް ހަރުކަމުން ގަރުދިޔަ އާއި އެކު ކާކަށް ކަމުނުދެއެވެ.
7 ރަށުގެ ހަރު މީހުންނަށް އިޙުތިރާމްކުރާންޖެހޭނެ އެވެ.
8 މިގޭ ގަހަކު އަދި ހަރު މިރުހެއް ނެތެވެ.
9 ދަގަނޑަށްވުރެ އެކަތަ ހަރުވާނެއެވެ.
10 ހަރު މުދާ ޖެހޭނީ ހަމަ އެއްވަރަށް ބަހާށެވެ.
       
އިސްވެ ދިޔަ މިސާލުތަކުގައިވާ "ހަރު" އެކަނި އޮންނަ އިރު އެ ލަފުޒުގެ ވަކި މާނައެއް ދޭހަކުރަން އުނދަގޫވިޔަސް މި ލަފުޒުގެ މާނަ ދޭހަކުރާން ފަސޭހަކުރާންވެގެން ހުސްނޫނު ލިޔާ ވާހަކަ އެކަކުވެސް ނުދައްކައެވެ. އެއީ އެލަފުޒު ކިޔާއިރު އިވޭ އެއްވެސް އަޑެއް ނުލިޔެ ދޫކޮށްލެވިފައި ނެތީތީ އެވެ. އެއް ލަފުޒެއްގައި ގިނަ މާނަ ދޭހަވާ ލަފުޒުތަކުގެ ޙަޤީޤީ މާނަ އެނގޭނީ އެ ޖުމްލައެއްގައި ލަފުޒު ބޭނުންކޮށްފައި އޮތް ޙާލަތަށް (ކޮންޓެކްސްޓް އަށް) ވިސްނައިގެންނެވެ. އެހެންވީމާ ހުސްނޫނު ލިޔަން ޖެހެނީ ކޮންމެހެން މާނަ ތަފާތުކުރަން ނޫންކަން އެބަ އެނގެއެވެ. ކަނޑި، އަޅުގަނޑު، ރަނގަޅު ފަދަ ލަފުޒުލަފުޒުގައި ހުސްނޫނު ލިޔަން ޖެހޭނީ އެ ލަފުޒު ކިޔާއިރު ނޯށަން އަރުވައި ކިޔަން ޖެހޭތީ އެވެ. މާނަ ދޭހަކުރަން ފަސޭހަކުރުމަށްޓަކައެއް ނޫނެވެ. އެހެންވީމާ ހުސްނޫނު ލިޔަންޖެހެނީ ނޯށަން އަރުވައި ކިޔަންޖެހޭ ތަންތާނގައިކަން އެބަ އެނގެއެވެ.
      
ހުސް ނޫނުގެ ވާހަކަ ދިވެހި ބަހުގެ ތެރެއަށް ވައްދައިގެން ފުރަތަމަ ފޮތެއް ލިޔުއްވި ބޭފުޅަކީ އައްޝައިޚު އިބްރާހިމް ރުޝްދީ އަލްއަޒުހަރީއެވެ. އޭނާގެ "ސުއްލަމުލްއަރީބު ފީ ލުޣަތިލް މަޙަލްދީބިއްޔާ" ނަމަކަށް ކިޔާ ފޮތުގައި ބަޔާންކުރައްވައިފައިވާ ގޮތުގައި ނޯށަން އަރުވައި ކިޔަންޖެހޭ ކަން އަންގައިދޭ ނިޝާނެއް ނެތް ނަމަ ނޯށަން އަރުވައި ކިޔަން އެނގޭނީ ކުޑަކޮށް ވިސްނައިލައިފި ނަމަ ކަމަށް ވަތީ، މާބޮޑު ވިސްނުމަކާ ނުލައި ކިޔަންވާ އަޑުން ކިޔުމަށްޓަކައި ނޯށަން އަރުވައި ކިޔަން ޖެހޭ ކޮންމެ އަކުރެއްގެ ފަހުގައި ހުސްނޫނު ލިޔުން ވަޖިބުވާނެއެވެ.
     
ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކަުރާ ޤައުމީ މަރުކަޒުން ނެރުއްވައިފައިވާ "ބަހުގެ ހަމަ" އިގައި ވާ ގޮތުން ހުސް ނޫނުގެ އަޑު ފާޅުވާ ކޮންމެ ތަނެއް ލިޔަން ވާނީ ހުސް ނޫނާ އެކުގައެވެ. ދިވެހި ބަހާއި ތަރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވާ "ފަތްތޫރަ" (މަޖައްލާ) ގައި އަލްމަރުހޫމު ޙަސަން އަޙުމަދު މަނިކު ލިޔުއްވަފައިވާ ގޮތުން ނޯށަން އަރުވައި ކިޔަން ޖެހޭ ތަންތާނގައި ހުސް ނޫނު ނުލައި ލިޔުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
    
ދިވެހި ބަހުން (ހެޔޮކޮށް) ލިޔެފައި ހުންނަ ލިޔުންތަކާއި މަޝްހޫރު އަދީބުންނާއި ބަހުގެ ޢިލްމުވެރީންގެ ބަސްފުޅުތަކަށް ރިޢާޔަތްކުރާއިރު ހުސް ނޫނު ލިޔަން ޖެހެނީ ކޮންމެހެން މާނަ ތަފާތުކުރާން ނޫންކަން އެނގެއެވެ. ތަފާތު އެތައް މާނަތަކެއް ދޭހަވާ ލަފުޒުތަކުގެ މާނަ ދެނެގަނެވޭނީ އެ ލަފުޒެއް ޖުމުލައިގައި ބޭނުންކޮށްފައިވާ ގޮތަށް ބަލައިގެންނެވެ. އެހެންވީމާ ހުސް ނޫނު ލިޔަންޖެހެނީ، ހުސްނޫނުގެ ކުރީގައި އޮންނަ އަކުރު ކިޔަން ވާނީ ނޯށަން އަރުވައިގެންކަން އަންގައިދިނިމަށްޓަކައެވެ. އެހެންވީމާ މާނަ ނޯޅުނަސް، އޮޅުނަސް ނުވަތަ ދޭހަކުރަން ފަސޭހަވިޔަސް، އުނދަގޫ ވިޔަސް، "ރަނގަޅު" ލިޔަންވާތަނެއްގައި "ރަގަޅު" ލިޔެގެން ކަމަކު ނުދާނެއެވެ. އަދި "އަޅުގަނޑު"ގެ ބަދަލުގައި "އަޅުގަޑު" ލިޔެގެންވެސް ނުވާނެއެވެ. އެހެނީ /ރަނ/ އާއި /ރަ/ އަކީ ތަފާތު ކޮށް ކިޔަންޖެހޭ ދެއަޑެވެ. އަދި /ގަނ/ އާއި /ގަ/ ވެސް ކިޔެނީ އަދި ކިޔަން ޖެހެނީވެސް އެއް ގޮތަކަށް ނޫނެވެ.
    
ނޯށަން އަރުވައި ކިޔަން ޖެހޭ ކޮންމެ ތަނެއްގައި ހުސް ނޫނު ލިޔުމުގެ ބޭނުމަކީ ނޯށަށް އަރުވައި ކިޔަން ޖެހޭ ތަންތަން ލިޔުމުން ފާހަގަކުރެވުމެވެ.
    
ނޯށަން އަރުވައި ކިޔަން ޖެހޭ ތަންތަން ނޯށަން ނާރުވައި ކިޔާނަމަ އޭގެ އަޞްލު މަޚުރަޖު ގެއްލެއެވެ. ބަހުގެ ރީތި ކަމާއި އޮމާންކަން ނެތިދެއެވެ. އަދި އެއީ ބަހަށް ލިބޭ ވަރަށް ފަޤީރުކަމެކެވެ. ބަހަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.

ދިވެހި  ބަހަކީ  އިވޭ  ކޮންމެ  އަޑެއް  ލިޔުމުގެ ޤާބިލްކަން  ލިބިފައިވާ  ބަހެއް  ކަމަށް  އަޅުގަނޑުމެން ދަޢުވ  ކުރާއިރު  ބަހަށް  ލިބިފައިވާ މި  ކުޅަދާނަކަން  އަމިއްލަޔަށް  ދޫކޮށްލުމަކީ  ބަހަށް  ވެވޭ  ޚިޔާނާތެއް  ކަމުގައި  ނޫނީ  ނުވާނެއެވެ.  އެހެންވީމާ  ދިވެހި  ބަހުން  ލިޔާއިރު  އެ ލަފުޒަކުން  "އިއްވާ"  ހުރިހާ އަޑުތަކެއްވެސް ލިޔަންވާނެއެވެ.   ނޯށަށް  އަރުވައި  ކިޔަންޖެހޭ  ކޮންމެ  އަކުރެއްގެ  ފަހަތުގައި ހުސްނޫނު  ލިޔަންވާނެއެވެ. ދިވެހި ބަސް  ލިޔެއުޅުމުގެ     އުސޫލަކީ މިއީއެވެ. ދިވެހި ބަހުގެ ޤަވާއިދާއި ހަމައަކީ ވެސް މިއީއެވެ.
-------------------
(ނިމުނީ)

މި ލިޔުން:

   ފޮނުވުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
   ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ

ވާހަކަ