އަދުގެ ޚާއްސަ

Print

އިތުބާރުކުރާނީ ކާކަށް ހެއްޔެވެ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ


މަރިޔަމް ސަނާ ޢަލީ

ޖުލައިމަހުގެ ވިއްސާރަ ރޭތަކުގެ ތެރެއިން ރެޔެކެވެ. ވިދުވަރުގެ ގަދަ އައްޔާއި، ގުގުރީގެ އަޑު ގަދަކަމުން އަހަރެން އޮތީ ކޮޓަރިން ނުކުންނަން ވެސް ނުކެރިފައެވެ. ވިއްސާރަ ރެއެއްކަމުން ޝިމްލާ ވެސް ވަރަށް އަވަހަށް ކޮޓަރިއަށް ވަދެ ނިދައިފި އެވެ. އަމީން ގެޔަށް ނާންނާތީ އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. ބާލީސް ދަށުގައި އޮތް ފޯނު ނެގުމަށްފަހު އަހަރެން އަމީންގެ ނަމްބަރަށް ގުޅައިލީމެވެ.

"މިރޭ ވަރަށް ބިޒީ... ތަންކޮޅެއް ލަހުންކަން ނޭނގެ ގެޔަށް ދެވޭނީ" އަމީން ބުންޏެވެ.

އަމީން އަކީ އަމިއްލަ ވިޔަފާރިއެއް ހިންގާ މީހެކެވެ. ގިނަ ރޭރޭ ގެޔަށް އާދެވެނީ ވަރަށް ލަހުންނެވެ. އަހަރެން އެކަމާ އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އޭނާ އެހާ ބުރަކޮށް މަސައްކަތް ކުރަނީ އަހަރެމެން ދެމީހުންނަށްޓަކައިކަން އަހަރެން ގަބޫލުކުރަމެވެ. އަމީނަކީ ނަމޫނާ ބައިވެރިއެކެވެ. ހުރިހާ ގޮތަކުން ވެސް ވަރަށް ރަނގަޅެވެ. އަހަންނަށް ލޯބިދީ އަޅައިލައެވެ. ހުރިހާ އުފާތަކަކާއި، ހިތާމަތަކެއްގައ ިބައިވެރިވެއެވެ. ކިތަންމެ ބިޒީކޮށް އުޅުނަސް އަހަންނަށް ވަގުތު ދެއެވެ. އޭނާއަށް އެންމެ މުހިއްމު މީހަކީ އަހަންނެވެ. ބައެއް ފަހަރު އޭނާ އަހަރެން ދެކެވާ ލޯބި އިހުސާސްކުރެވުމުން އަހަރެންގެ ލޮލުން ކަރުނަ އާދެއެވެ. އުފަލުންނެވެ. އެފަދަ ބައިވެރިޔަކު ލިބުނީތީ އަހަރެން ޝުކުރުކުރަމެވެ.

އަހަންނާ އަމީނަކީ ހުރިހާ ގޮތަކުން ވެސް ގުޅޭ ޖޯޑެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަހަރެމެންގެ ގިނަ ރައްޓެހިންނަށް އެންމެ ފާހަގަކުރެވެނީ އަހަރެމެން ދެމީހުންގެ ދޭތެރޭގައި ޖެހޭ މައްސަލަތައް މަދުކަމެވެ. ބައެއް ރައްޓެހިން އަބަދު ވެސް އުޅޭނީ އެމީހުންގެ ބައިވެރިޔާއާ މައްސަލަ ޖެހިގެންނެވެ. އެކަން އަހަރެމެންނަށް ވަނީ މަޖާ ކަމަކަށެވެ. އަހަންނާ އަމީންގެ ލޯބީގެ ގުޅުމަށް ގިނަ އަހަރުތަކެއް ވެފައިވާއިރު ވެސް މާގިނަ މައްސަލަތަކާ ކުރިމަތިލާކަށް ނުޖެހެއެވެ. ސަބަބަކީ އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެވާ ލޯތްބާއި، ކުރާ އިތުބާރެވެ.

އަހަރެންގެ ބައެއް ރައްޓެހިން އަމީނާ ބެހޭގޮތުން އަހަންނަށް އަޑުއަހަން އުނދަގޫވާ ކަހަލަ ބައެއް ވާހަކަ ދައްކައެވެ. އަމީން އެހެން އަންހެން ކުދިންނާއެކު ސިއްރު ގުޅުން ބާއްވާ ކަމަށްބުނެ އެވެ. ނަމަވެސް އަހަރެން ގަބޫލެއް ނުކުރަމެވެ. އަހަންނާ އަމީން ހަމަޖެހިގެން އުޅޭތީ އެމީހުން ހަސަދަވެރިވަނީ އެވެ. އަހަރެންގެ އަމިއްލަ ނަފުސައްވުރެ ބޮޑަށް އަމީން އަށް އިތުބާރުކުރަމެވެ. އަމީން އަހަންނަށް ސިއްރުން އެއްވެސް ކަމެއް ނުކުރާނެ އެވެ. ދޮގެއް ނުހަދާނެ އެވެ. އެއީ ވަފާތެރިއެކެވެ. އަމީން އެހެން އަންހެން ކުދިންނާ ގުޅުން ބާއްވާނަމަ އަހަންނަށް ވެސް އެނގޭނެ އެވެ. ޝައްކުވާނެ އެވެ. އެހެނަސް އެފަދަ ކަމަކާމެދު ޝައްކުކުރެވޭ ކަހަލަ އެއްވެސް ކަމެއް އޭނާގެ ފަރާތަކުން ނުފެނެއެވެ.

އަހަންނާ އަމީންގެ ކައިވެނި ކުރެވިއްޖެއެވެ. ދެފަރާތުގެ އާއިލާގެ ވެސް ރުހުމާ އެކުގައެވެ.

"ވިސްނާނުލާ ކުރެވޭކަމެއްގެ ސަބަބުން ފަހުން ރޯންޖެހޭނެކަން ހަނދާންކުރާތި!" އަހަރެމެންގެ ކައިވެނި ކުރެވުނު ދުވަހު ދުރުތާ ތިމާގެ މީހަކު އަހަރެން ގާތުގައި ބުންޏެވެ. އޭނާ އެ ބުނި އެއްޗެއްގެ މާނަ އަހަންނަކަށް ނޭނގުނެވެ. އެނގޭކަށް ބޭނުމެއް ވެސް ނޫނެވެ. އިންސާނުންނަކީ ފާޑެއްގެ ބަޔެކެވެ. އަނެކާއަށް އުފަލެއް ނުވަތަ ނަސީބެއް ލިބޭކަށް ނޭދޭނެ އެވެ. ދެމީހަކު ހަމަޖެހިގެން އުޅެންޏާ ކޮންމެ  ވެސް ބަޔަކު އެ ދޭތެރެއަށް ވަންނާނެ އެވެ.

އަހަރެން ކިހާ ނަސީބު ރަނގަޅު ހެއްޔެވެ؟ ތިމާ އެންމެ ލޯބިވާ މީހާއާ ކައިވެނިކުރުމުގެ ނަސީބު ލިބޭނީ ވަރަށް މަދު މީހަކަށެވެ. އެފަދަ ނަސީބުވެރިންގެ ލިސްޓުގައި އަހަރެންގެ ނަން ހިމެނުނީތީ އުފާކުރަމެވެ. އަމީން އަކީ ރަނގަޅު ފިރިއެކެވެ. ދުވަހަކުވެސް ރުޅިއައިސްގެން އަހަންނާ ދިމާއަށް ބާރަށް އެއްޗެކޭ ނުބުނެއެވެ. އަނިޔާއެއް ނުކުރެއެވެ. އޭނާ އަބަދުވެސް މަސައްކަތް ކުރަނީ އަހަރެން އުފަލުގައި ބަހައްޓާށެވެ. ފިރިމީހާގެ މައްސަލައެއް ނެތުމަކީ މައްސަލައެކޭ ބުނާބުނުން އަހަރެން ގަބޫލެއް ނުކުރަމެވެ. ކޮންމެ ފިރިހެނެއްގެ މައްސަލައެއް އޮންނާކަށް ނުޖެހޭނެއެވެ. ބައެއް މީހުންނަކީ އެންމެ ރަނގަޅު، އެންމެ ފުރިހަމަ މީހުންނެވެ.

އަމީންއަށް ލިބިފައިވާ ތަނަވަސްކަމަކީ އަހަރެންގެ ނަސީބު ކަމުގައިވި އެވެ. އަހަރެން އުޅެނީ ހިތްހަމަޖެހިގެންނެވެ. ބޭނުން ކޮންމެ ކަމެއް ބޭނުން ވަގުތަކު ކުރެވެއެވެ. އަމީން ރަނގަޅީ ހަމައެކަނި އަހަންނަކަށް ނޫނެވެ. އަހަރެންގެ އާއިލާގެ މީހުންނަށް ވެސް ވަރަށް ރަނގަޅެވެ. އަމީން ކަހަލަ ދަނބިދަރިއަކު ލިބުނީތީ އަހަރެންގެ މައިންބަފައިން ފަޚުރުވެރިވެއެވެ. ދެންހުރީ އަހަންނަށްވުރެ ދޮޅުއަހަރު ހަގު އަހަރެންގެ ކޮއްކޮ ޝިމްލާ އެވެ. އަމީން ޝިމްލާ އާއި ދޭތެރޭގައި ދެކެނީ އެއްބަނޑުއެއްބަފާ ކޮއްކޮ އެއް ފަދައިންނެވެ. ވަޒީފާ އަށް ގޮސް، އައިސްއުޅުމުގައިޝިމްލާ އަށް އަމީންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެއެވެ. ދާންޖެހޭ އޮފީހާއި އުޅޭގެ ހުންނަނީ ވަރަށް ދުރުގައެވެ. އަމީން ވެސް އެއްވެސް ޝަކުވާއެއްނެތި ޝިމްލާ ބުނާ ކޮންމެ ކަމެއް ކޮށްދެއެވެ.
 
ވަރަށް އަމާންކަމާއެކު، އެއްވެސް މައްސަލައެއް ކުރިމަތިނުވެ ކައިވެނީގެ ފުރަތަމަ ދެއަހަރު ވޭތުވެގެން ހިނގައްޖެއެވެ. ކެތްތެރި ކަމެއްނެތި އަހަންނަށް އިންތިޒާރު ކުރެވެމުންދަނީ އަމީން އަހަންނަށް ދިން އަގު ބޮޑު ހަދިޔާ މި ދުނިޔެއަށް ނޭވާލާނެ ވަގުތަކަށެވެ. ބަނޑުގައިވާ ތުއްތު ދަރިފުޅު ތޮޅިލާ ކޮންމެ ފަހަރަކު ކުރެވޭ އުފާވެރި އިޙުސާސް ބުނެދޭން ވެސް ދައްޗެވެ. ބަނޑު ބޮޑުވުމުން ފުރަތަމަ ދުވަސްކޮޅު އަހަރެން ވަރަށް ބޮޑަށް ބަލިވިއެވެ. އަހަންނަށް އެހީތެރިކަން ފޯރުކޮށްދޭނެ އިތުރު އަންހެނަކު ގޭގައި ނެތުމުން ޝިމްލާ ގެޔަށް ގެނައީމެވެ. އޭނާ ވަރަށް ރަނގަޅެވެ. ވަޒީފާއަށް ދަމުން، އަހަންނާ އަމީންގެ ހުރިހާކަމެއް ކޮށްދެއެވެ.

ކުޑަދޮރު ކައިރިން ދެބުޅާ ކޯޅިގަތްއަޑުއިވުމުން އަހަރެން ވަރަށް ބޮޑަށް ސިހުނެވެ. ހިތަށް ވެރިވި ބިރުވެރިކަމުގެ ސަބަބުން އަވަސްއަވަހަށް އެނދުން ތެދުވެގެން ޝިމްލާ ނިދާ ކޮޓަރިއަށް ދާން ނުކުތީމެވެ. އެ ކޮޓަރިއާ ހަމައަށް ދެވުމުން އަހަރެންގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. ދޮރު ކައިރީގައި ހުރީ ޝިމްލާގެ ފައިވާން އެކަންޏެއް ނޫނެވެ. އަމީންގެ ބޫޓު ވެސް ހުއްޓެވެ. އަމީން ގެޔަށް އައީ ހެއްޔެވެ؟ އެކަމަކު މިގަޑީގައި އޭނާ ޝިމްލާގެ ކޮޓަރީގައި....................................

އަހަރެން ތަޅުގައި ހިފައިލީމެވެ. ހުރީ އެތެރެއިން ތަޅުލައިފައެވެ. އަމީނާ ދޭތެރޭގައި ފުރަތަމަ ފަހަރަށް އަހަރެންގެ ހިތުގައި ޝައްކު އުފެދުނެވެ. އަދި ފާއިތުވި ދުވަސްތަކުގައި އަމީންގެ ފަރާތުން ފެނުނު ބައެއް ކަންކަމާއި، އޭނާ އާއި ޝިމްލާ އާއި ދޭތެރޭގައި އޮތް ގާތް ގުޅުން ފިލްމެއްގެ މަންޒަރުތަކެއްހެން އަހަރެންގެ ކުރިމަތީގައި ސިފަވެގެން ދިޔައެވެ. އަހަރެން ކޮޓަރިއަށް ވަދެފައި ޝިމްލާގެ ކޮޓަރީގެ ޑަބަލް ތަޅުދަނޑި ހޯދީމެވެ. އަދި އެތަޅުދަނޑީގެ އެހީގައި އެ ކޮޓަރީގެ ދޮރު ހުޅުވައިލީމެވެ. ފެނުނު މަންޒަރުން އަހަރެންގެ ހިތުގެ ވިންދު ހުއްޓުނު ކަހަލަ އެވެ. އަހަރެން ފެނުމުން އަމީން އާއި ޝިމްލާ އަށް ލިބުނީ ސިހުމެކެވެ. އަހަރެންގެ ހިތަށްކުރި ފުންއަސަރު ބުނެދޭންވެސް ދައްޗެވެ. އަހަރެންގެ ލޯބިވާ ފިރިމީހާ އާއި ލޯބިވާ ކޮއްކޮ އެފަދަ ހަޑިމުޑުދާރު ގޮތަކަށް ތިބި ތަން ފެނުމުން ވެސް އަހަންނަކަށް ނުރޮވުނެވެ. ރުޅިއައިސްގެން އެންމެ ލަފުޒެއް ވެސް ނުބުނެވުނެވެ. މަޑުމަޑުން ފަހަތަށް ފިޔަވަޅުތައް އަޅަމުން އެ ކޮޓަރިން ނުކުތީމެވެ. އަހަރެންގެ ހިތުތެރޭގައި މާޒީގެ ޞަފުހާތައް ނިއުޅެންފެށިއެވެ.

މިހުރިހާ ދުވަހު އަހަންނަށް ބެލުނީ އެއް ލޮލުންނެވެ. އަޑުއެހުނީ އެއް ކަންފަތުންނެވެ. ޙަޤީޤަތުގައި އަމީންގެ ފަރާތުން ޝައްކު ކުރެވޭކަހަލަ އެތައް ކަމެއް ފެނުނެވެ. އަހަރެންގެ ކޮށިވިސްނުމަށް އެކަން ދެނެނުގަނެވުނީ އެވެ. ކައިވެނީގެ ކުރިން ވެސް އަދި ފަހުން ވެސް އަމީނަކީ މާބުރުގެ އުޞޫލު ގެންގުޅޭ މީހެއްކަމަށް އަހަރެން ގާތުގައި ކިތަންމެ ބަޔަކު ބުނަމުން އައެވެ. ނަމަވެސް އަހަންނަށް ގަބޫލު ނުކުރެވުނީއެވެ. ގަބޫލު ކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އަމީން އަހަރެންގެ ލޮލުގައި އަޅުވާފައިވަނީ މާ ކުލަގަދަ އަނދުނެކެވެ. އަހަރެން އަމީނަށް ވަރަށް އިތުބާރުކުރީމެވެ. ނަމަވެސް ދެނެއް ނުކުރެވޭނެއެވެ. ޝިމްލާ ނޫން އެހެން އަންހެނަކާއެކު އަމީން އެފަދަ ގޮތަކަށް ފެނުނުނަމަ އަހަރެންގެ ހިތަށް މި ވަރަކަށް އަނިޔާއެއް ނުލިބޭނެ ކަންނޭގެއެވެ.

އަމީނާއި އަމީންގެ ފިހާރައިގައި މަސައްކަތްކުރާ އަންހެން ކުއްޖަކާ ދޭތެރޭ ޚާއްޞަ ގުޅުމެއް އޮންނަ ވާހަކަ އަހަންނަށް ވަނީ ކުރިން އަޑުއިވިފައެވެ. އަމީންގެ ބައްޕަގެ ގޭގައި ހުންނަ ކުއްޔަށް ދޭ ކޮޓަރިއެއްގައި ހުރި ކުއްޖަކާއި އަމީނާ ދޭތެރޭގައި ގުޅުން އޮތް ވާހަކަ އާއި އަދިވެސް އެ ކަހަލަ އެތައް ވާހަކައެއް އަޑު އެހީމެވެ. އަމީން ބުނަމުން އައީ އެއީ މުޅިން ވެސް ޙަޤީޤަތާ ޚިިލާފު ވާހަކަތަކެއް ކަމަށެވެ. އޭނާ ބުނެފިނަމަ މެންދުރަކީ މެންދަންކަމަށް ވެސް އަހަރެން ގަބޫލުކުރީމެވެ. ނަމަވެސް އަޑެއްކިޔައިނަމަ ރެނދެއްލާނެކަން މިހާރު ގަބޫލު ކުރަން ޖެހިއްޖެ އެވެ.

އަހަރެންގެ އެއްޗެހިތައް ފޮށްޓަށް އަޅައިގެން އެގެއިން ނުކުންނަން ހިނގައިގަތީމެވެ. އޭރު އަމީނާއި ޝިމްލާ އިސްދަށަށްޖަހައިގެން ސިޓިންގ ރޫމްގައި ކޮޅަށް ތިއްބެވެ. ވެހެމުން ދިޔަ ވާރޭ އަށް ސަމާލުކަން ދިނުމެއް ނެތި އަހަރެން މަގުމައްޗަށް ނުކުތީމެވެ. އަމީން އަހަރެން ހުއްޓުވަން މަސައްކަތްކުރި އެވެ. އެކަމަކު އަހަރެން މަޑެއްނުކުރަމެވެ. މަޑުކުރަންވީ ކީއްކުރަން ހެއްޔެވެ؟ އަމީނަށް އަހަރެންގެ ބޭނުމެއް ނެތެވެ. އޭނާ އެހެން އަންހެނުން ކައިރިން އުފާ ހޯދަނީ އަހަރެންގެ ފަރާތުން ކޮން އެއްޗެއް ނުލިބިގެން ހެއްޔެވެ؟ އަހަންނަށް ކޮންކަމެއް ކޮށްނުދެވޭތީ ހެއްޔެވެ؟

އަމީން މަޢާފަށް އެދުނެވެ. ލިބެން އުޅޭ ދަރިފުޅުގެ ހައްޤުގައި އޭނާ އާއި ވަކި ނުވުމަށް އެދުނެވެ. އެކަމަކު އަހަރެން އަމީނަަށް މަޢާފުކުރާނީ ކޮން ހިތަކުން ހެއްޔެވެ؟ އަމީނަކީ އަހަރެން އެންމެ ލޯބިވި، އަދި މިހާރު ވެސް އެންމެ ލޯބިވާ މީހާއޭ ބުނަން ލަދު ވެސް ގަނެއެވެ. ކިތަންމެ ލޯބިވިޔަސް ދެން އަމީނާ އެކުގައެއް ނޫޅެވޭނެ އެވެ. އުޅޭކަށް ބޭނުމެއް ވެސް ނޫނެވެ. އެރޭގެ ފަހުން އަހަންނާ ޝިމްލާ އާއި ދޭތެރޭގައި އޮތް އެއްބަނޑު އެއްބަފާކަމުގެ ގުޅުން ކެނޑުނެވެ. އޭނާގެ ހިޔަނި ފެންނަ ހިސާބަށް ވެސް އަހަންނެއް ނުދަމެވެ. އޭނާ ވެސް އަހަރެންގެ ކުރިމައްޗަކަށް ނާދެއެވެ.

އަމީނަކީ މި ދުނިޔެއިން އަހަރެން އެންމެ ލޯބިވި އިންސާނާ އެވެ. ދެން ހުރީ ޝިމްލާ އެވެ. އޭނާ އަކީ އަހަރެން އެންމެ ލޯބިވާ ކޮއްކޮ އެވެ. އަހަންނާ އެއްބަނޑު އެއްބަފައި ހުރި ހަމަ އެކަނި ފުރާނަ އެވެ. އަހަރެން އެންމެ އިތުބާރުކުރި އަދި ހުރިހާ ގޮތަކުން ވެސް އަހަންނަށް އެހީތެރިކަން ފޯރުކޮށްދޭން ތިބި ދެ މީހުން އަހަރެންގެ ކަރުގައި ހިފީ އެވެ. ދެން އަހަރެން އިތުބާރު ކުރާނީ ކާކަށް ހެއްޔެވެ؟ މީހުން ބުނެއުޅެނީ ތެދެކެވެ. ތިމާގެ ގައިގައި އެންމެ ބާރަށް ޖަހާނީ ތިމާއާ އެންމެ ގާތުގައި އުޅޭ މީހުންނެވެ.
-------------------
(ނިމުނީ)

މި ލިޔުން:
      ފޮނުވުން:    މަރިޔަމް ސަނާ އަލީ
      އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
      ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ