އަދުގެ ޚާއްސަ

Print

ކިޔަވާ ކުއްޖަކު އުޅޭބާވައެވެ........؟؟؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


މުޙައްމަދު ފިރުޒުލް

ބުނާތީ އަޑުއިވެއެވެ. "ކިޔަވާކުދިންނަކީ ޤައުމުގެ މުސްތަޤްބަލެވެ. މާދަމާ ޤައުމު ހިންގަން ތިބި ލީޑަރުންނެވެ. ޤައުމަށްޓަކައި ފިދާވާންތިބި މުވާޠިނުންނެވެ." ނަމަވެސް ޙާލަތު ދައްކަމުންދާ މަންޒަރުތަކުން ހިތަށް ކުރަނީ ފުން އަސަރުތަކެކެވެ. ވެރިވެގެން ދަނީ ބަޔާންކުރަން ދަތި މޮޅިވެރިކަމެކެވެ. މިއަދުގެ މުޖުތަމަޢުން އިސްވެ މި ދެންނެވި މަތިވެރި މަޤާމުތައް ފުރާދެވިދާނެ ކުދިންތަކެއް ނުފެންނާތީ އެވެ. ޤައުމުގެ ޙައްޤުގައި ފިދާވާން ކެރިދާނެ ކުދިބަޔަކު އުޅޭކަމަށް ޤަބޫލުނުކުރެވޭތީ އެވެ. ޤައުމުގެ ދުވެލި ސީދާ މަގުގައި ކުރިއަށް ގެންދާނެ ޒުވާނުންތަކެއް މާދަމާ ފެނިދާނެކަމަށް ހީނުވާތީ އެވެ. ސަބަބުތައް ނިކަން ގިނަވެފައި ސާފެވެ.

ދިވެހި ޤައުމިއްޔަތުގެ އެންމެ މައިގަނޑު އަސާސަކީ މާތްވެގެންވާ އިސްލާމް ދީނެވެ. މިއީ އެންމެން ދަންނަ ޙަގީގަތެކެވެ. އެންމެން ގަބޫލުކުރާ "މަޞްދަރެކެވެ." މިސަބަބާ ހުރެ، ކޮންމެ ކިޔަވާ ކުއްޖަކު ވެސް އެއަށް އިޙްތިރާމުކުރަން ޖެހެއެވެ. އެއަށް ކަމޭހިތައި ބޯލަނބަން ޖެހެއެވެ. ނަމަވެސް ކިޔަވާ ކުދިންނާއި މި މުހިންމު އަސާސާ ދެމެދު ހުރި ގުޅުން ހިތާމަކުރަންޖެހޭ މިންވަރަށް ނިކަމެއްޗެވެ. އެ ގުޅުންވަނީ އިންތިހާއަށް ހީނަރުވެފައެވެ. މިކަން، ނަމާދާ މެދު އެ ކުދިން ފަރުވާކުޑަކޮށްލައިފައިވާ މިންވަރުން ނިކަން ރަނގަޅަށް ސާފުވާނެ އެވެ. މިސްކިތް ކައިރީގައި ތިއްބާ ބަންގި ގޮވައި ގަމަތްދީ ނަމާދުކޮށް ނިމިގެންދާއިރު ދެއުޅި އެއްނުވާ ވާހަކައިގައި ތިބެލުމަކީ ގިނަ ކުދިންނަށް ބޮޑުކަމެއް ނޫނެވެ. އެހެން ހުރިހާ ކަމެއް ގަޑިއަށް ކުރިޔަސް ނަމާދުކުރުމަކީ މުހިންމުކަން ދޭކަމެއް ނޫނެވެ. ކުޅިވަރާއި މަޖަލަށް ކިޔެވުން ފަސްކުރިޔަސް ނަމާދަށް ހުސްކުރާނެ އެންމެ ވަގުތުކޮޅެއް އޮންނަކަމަކަށް ނުވެއެވެ. ނަމާދަކީ ހަމައެކަނި ހުކުރު ނަމާދުކަމަށް ޤަބޫލުކުރާ ކަހަލައެވެ. މިއީ ދީނުގެ އަސާސްއާ މެދު ފަރުވާކުޑަކޮށްލައިފައިވާ މިންވަރެވެ. ވީއިރު ދެންހުރި ޢަމަލުތައް ފާސިދު ނުވެ ނުދާނެކަން ކަށަވަރެވެ. މިކަމުގެ ހިތިކަން މިއަދު ފެންނަމުންނުދޭތޯ އެވެ؟ ދެ ޖިންސުން ނަހަމަ ގުޅުންތައް ހިންގުމާ، ޖިންސީ މުޑުދާރު ޢަމަލުތައް ހިންގުމަށް ވަކި ޢުމުރެއް ނެތެވެ. ފާޙިޝް އަމަލުތައް ދައްކުވައިދޭ މަންޒަރުތަކަކީ ބައެއްެ ކުދިންގެ ފޯނުތަކުގައި ރައްކާކޮތް ހުސްވަތުގައި އެންމެ އިސްކަންދެވޭ ތަކެތިކަމުގައި ވެއްޖެއެވެ. އަދި ހަމަ އެހެންމެ ކިޔަވުމުގެ ދައުރުގައި އަންހެން ކުއްޖަކާ "ރޮމޭންޓިކް" ގުޅުމެއް ނުބާއްވަންޏާ ތިމާގެ ޙަޔާތް ބާއްޖަވެރި ނުވާނެކަމަށް ބުނެ ބަޙުސްކުރާ ކުދިން އިންތިހާއަށް ގިނަވެއްޖެ އެވެ. މިފަދަ ކުދިންތަކަކަށް "ޠާލިބުލް ޢިލްމު"ގެ މަތިވެރި ލަޤަބު ޙައްޤެއް ނުވާނެކަން ކަށަވަރެވެ.

އެއްބަސްވެވަޑައިގަންނަވާނެ ފަދައިން ކިޔަވާކުއްޖެއްގެ ވަޒީފާއަކީ ކިޔެވުމެވެ. އެއީ އެ ކުދިންގެ މިއަދުގެ މަސްއޫލިއްޔަތެވެ. ނަމަވެސް ސުވާލުކޮށްލަން ޖެހެއެވެ. މިއަދުގެ ކިޔަވާކުދިންގެ ތެރެއިން ގިނަ ކުދީން މި ވަޒީފާއަދާކުރޭތޯ އެވެ؟ މި މަސްއޫލިއްޔަތަށް ރައްކާތެރިވޭތޯވެ؟ މި ސުވާލުގެ ޖަވާބު ހޯދައިލުމަށް މަދަރުސާއެއްގެ ކިލާހަކަށް ޖެހިލަމާތޯއެވެ؟ އެއްކަނަކުން ފެންނާނީ ނިދައި ހަރުވެފައި އޮތް ކުއްޖެކެވެ. ދެން ފެންނާނީ މުދައްރިސަށް "ޖެއްސުން"ކޮށްގެން ކޮޅަށްނަގައި ފާރަށް "ތަތް" ކުރެވިފައިތިބި ކުދިންތަކެކެވެ. ދެންތިބި ބަޔަކު ތިބޭނީ ކޮންމެވެސް އަމިއްލަ މަސައްކަތަކަށް ގެނބިފައެވެ. ޑެސްކެއްގައި ކުރަހާށެވެ. ނޫންނަމަ ބައިހަދައިގެން "ވަގަށް" އެތެރެކުރި ތެއްލި ބަނބުކެޔޮކޮޅެއް ކާށެވެ. ގިނަ ކުދިންނަކީ މުދައްރިސް ކިޔަވައިދެއްވާ މަޢުލޫމާތުތަކަށް ސަމާލުކަން ނުދޭ ތާނގައި ފިލާވަޅަކީ ދޭއެއްޗެއްކަން ނޭންގޭ ކުދިންނެވެ. އޭގެ ތެރެއިން ގިނަވާނީ ނާޖާއިޒް ގޮތް ގޮތުން ކިލާސް ބަދަލުވެފައިވާ މަކަރުވެރިންނެވެ. މިފަދަ ކުދިން މަދަރުސާއަށް އަންނަނީ "އަމާބުނީތީ ފަރަށްދާ" އުސޫލުންނެވެ. އެކުދިން ދެކޭގޮތުގައި "ކާށިކެވޭނީ ދަތްހުރި ދުވަހަކުއެވެ." އަދި ކިޔެވުމުގެ ދައުރަކީ މިދެންނެވި "ކާށި" ކާން އޮތް ދުވަސްވަރެވެ. މިފަދަ ކުދިން ކިލާހުގައި ހޭދަކުރާ ވަގުތުތައް ހޭދަކުރަނީ އަސާސެއް ނެތް ބޭކާރު ބައިސާ ކެނޑުމުގައެވެ. ރޮކެޓު ހެދުމާއި ބޯޅަ އުކުންފަދަ ސަކަރާތުގައެވެ. އަމާޒަކަށް ވެފައި އޮންނަނީ މުދައްރިސަށް ކޮންމެވެސް ޖެއްސުމެއްކޮށްލުމެވެ. ކޮންމެވެސް ލާނެއްކަމެއް ދައްކައި ކިލާހުގެ ހަމަހިމޭކަން ނަގައިލުމެވެ. ޤަބޫލުކުރަން ބޭނުންނުވި ނަމަވެސް، މިއީ ގިނަ ކިލާސްތަކުގައި ކަން ހިނގާ އުޞޫލެވެ. ކިޔަވާކުދިންގެ ފިކުރު ހުރިގޮތެވެ. މާދަމާ ޤައުމުގެ ހުންގާނުގައި ހިފަންތިބި ކުދިންގެ ވިސްނުން ނުކިއްސަރު ވެފައިވާ މިންވަރެވެ. ވީއިރު މިއީ ކިޔަވާކުދިންނޭ ބުނެ އިޝާރާތް ކުރެވިދާނެތޯއެވެ؟

ދެންއޮތީ އަޚްލާޤުގެ ވާހަކައެވެ. މިއީ ކިޔަވާ ކުއްޖެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ އަސާސީ ސިފައަކަށް ވީނަމަވެސް، މަންޒަރު ފެންނަނީ ދިމާ އިދިކޮޅަށެވެ. އެކުދިންގެ ކިބައިގައި އަދަބުވެރިކަމެއް، ލަދެއްނެތެވެ. އެކަކު އަނެކަކަށް އިޙްތިރާމްކުރުމަކީ "ރަނޑުވުން" ކަމަށް ވެއްޖެ އެވެ. އެއީ ޒަމާނުގެ ހަމަހަމަކަމާ ތަޢަރުޒުވާ ކަމެއްކަމަށް ނިންމައިފިއެވެ. މިއަދު އެކުދިންގެ ކުރިމަތީގައި "ގަދަ" މީހުންނަކީ ހަމައެއް ލަމައެއްނެތި ބޭނުންހައި އެއްޗެއް ދުލުން ބޭރުކުރާ މީހުންނެވެ. ތިމާއަށް ވުރެން ކިތަންމެ މަތީ މަޤާމެއްގައި ހުރި މީހަކު ބަހެއް ބުނި ކަމުގައިވީ ނަމަވެސް ރައްދުގައި ހައެތި ބުނެލާމީހުންނެވެ. ހެދިފައިވާ ޤަވާޢިދުތަކަށް ބޯނުލަނބާ ކުށްވެރިންނެވެ. އެއްވެސް އުރައްޕެއް ނެތް ނަމަވެސް މީހުންގެ އަގުވައްޓައިލައި ޢަބުރަށް އަރައިގަންނަމުންދާ ސޮހޮލުންނެވެ. ނަތީޖާއަކީ އެކުދިންވެސް، އިސްވެ މިދެންނެވެ މީސްމީހުންގެ ފިޔަވަޅުތައްމަތީ ހިނގަންފެށުމެވެ. ޙަޤީގީ ބަޠަލުންގެ މަގު ދޫކޮށްލައި، ކުށްވެރިންނާއި މުޖްރިމުންގެ މަގު ޚިޔާރުކުރުމެވެ. ނަތީޖާއެއްގެ ގޮތުން، މުޖުތަމަޢުގައި އެންމެ ނަފުރަތު ކުރެވޭ ބަހުރުވަތަކަކީ މިއަދު އެކުދިންގެ ޝަޚްޞިއްޔަތުގެ އެއްބައެވެ. ކަންފަތްތަކަށް އަޑުއެހުމަށް ނުކުޅަދާނަވާ ލަފުޒުތަކަކީ އެކުދިންގެ ދިރިއުޅުމުގެ މިޔުޒިކެވެ. އެކުދިން ދެކޭގޮތުގައި ޤަވާޢިދުތަކަށް ބޯލެނބުމަކީ ނިކަމެތިވުމެކެވެ. ދޮގުހެދުމާއި އަގަލު ކުޑަކަމަކީ އެންމެ ޢާންމު "ހަތިޔާރެވެ." ބުއްދިއަށް ވުރެން ރުޅިއާއި އަތް އިސްކުރުމަކީ ފުރަތަމަ ޢަމަލެވެ. އަރައިރުންވުމާއި ދެކޮޅުވެރިވުމަކީ އާދައެކެވެ. މައިންބަފައިންނާއި މުދައްރިސުންނަށް ކިޔަމަންގަތުމަކީ، އެކުދިންގެ ކުރިމަތީގައި ލަދުވެތިކަމެކެވެ. އަދި ކިއެއްތޯއެވެ؟ މުދައްރިސުންނާއި މައިންބަފައިންނަކީ ފައިދަށުލާ ވެއްޔަށް ވުރެންވެސް ދެރަބައެކެވެ. އޯގާތެރިކަމާއި ރަޙުމަކީ އެކުދިންގެ ކިބައިން ފެނުން ތަދު ސިފަތަކެކެވެ. އިންސާނިއްޔަތުކަމުން ބޭރުވެ މީހެއްގެ ފުރަނަ ދުއްވައިލުމަކީ އެކުދިން ޖެހިލުންވާ ކަމެއެއްނޫނެވެ. މިއީ ކަންހުރިގޮތް ނޫންތޯއެވެ؟ މިފަދަ ކުދިބަޔަކަށް ކިޔަވާކުދިންނޭ ކިޔަން ހެޔޮ ވާނެތޯއެވެ؟
ކިޔަވާކުދިންނަކީ މާދަމާގެ ޒުވާންނުންނެވެ. ޤައުމުގެ މުސްތަޤުބަލުގެ ޖީލެވެ. ޤައުމުގެ ސަޤާފަތާއި އާދަކާދަތަކާއި ބަސް ރައްކާތެރިކުރުމުގެ ބޮޑު މަސްއޫލިއްޔަތު އުފުލަންޖެހޭ ދަރިންނެވެ. ވީއިރު އެކުދިންނަކީ މި ދިވެހި ދީބުގެ އެންމެހާ އަސާސްތަކަށް ލޯބިކުރާ ބަޔަކަށް ވާންޖެހޭނެ ކަމީ ޝައްކެއްހުރިކަމެއް ނޫނެވެ. މިއީ ކަންހިނގަންޖެހޭ އުޞޫލުކަމުގައި ވީނަމަވެސް މިކަމުގައި ވެސް، އަދުގެ ގިނަ ކިޔަވާ ކުދިންވަނީ އިހުމާލުވެފައެވެ. ހުޅަނގުގެ ތަފާތު ނުފޫޒުތަކުގައި ބެދި ހަފުސްވެފައެވެ. ބަވަނަކުރުމާއި ލާދީނީ ފިކުރުތަކުގެ އޮއިވަރުތަކުގައިޖެހި ހަމަ މަގު އޮޅިފައެވެ. އަޅުގަނޑު މިދަންނަވާ ބަހުގެ ތެދުކަން އެކުދިންގެ ހެދުން އެޅުމާއި، މުޢާމަލާތުތަކުންނާއި އެހެނިހެން އުޅުންތަކުން ވަރަށް ރަނގަޅަށް ހާމަވާނެ އެވެ. ހިތާމާއިގެ ކޮޅެއްނެތެވެ! މިއަދު އެކުދިންނަށް، ލާން ކަމުދަނީ ބޭއަދަބީ ބަސްތަކުން "ޖަރީ"ކުރެވިފައިވާ ހެދުމެވެ. "ހަތަރުކަން" ހަމަނުވާ، ކޮނޑާއި ލަދުވެތި ގުނަވަންތައް ކަޝްފުވާ ގަމީހާއި ޖިންސެވެ. ހަރުދަނާކަމެއް ދައްކުވައިނުދޭ ސޮހިފައިވާ ފޭރާމެވެ. ކަރުގައި ގިގުނިފަށްޗެއް ނާޅަންޏާ ރީތިވެވުނު ކަމަކަށް ނުދެކެއެވެ. އަތުގެ ކުޑަހުޅާއި  އުޅަނބޮށްޓާ ދެމެދު ކެވެލިތަކުން ނުފޮރުވެންޔާ ޒަމާނަށް ފެތުނުކަމަށް ގަބޫލެއްނުކުރެއެވެ. ބޮލުގެ އިސްތަށިގަނޑުގައި ހަތްކުލަ ޖައްސައި، ދަމަކަށް ގޮތެއް ހަދައިނުލެވެންޏާ ޚާއްސަވިކަމަށް ނުދެކެއެވެ. އަމިއްލަ ބަހުން ބަހެއް ބުނާނަމަ ބުނާނީ ކޮންމެވެސް ހުތުރު ބަހެކެވެ. ސާފު ދިވެހިބަހުން ބަހެއް ބުނުމާ، ކުކުޅެއް މަސް ކާން އުޅޭގޮތާ އެއްވެސް ތަފާތެއް ނުހުންނާނެ އެވެ. އެހާވެސް ކޮށިވެފައި ނުފަރިތަވާނެ އެވެ. ނުވިތާކަށް ބަހަކީ "ކަޓު" އެއްޗެއްކަން ހާމަކުރުމުގައި އެއްވެސް ފިކުރެއްނެތެވެ. އިޖުތިމާޢި އަގުކުރުންތަކަށް ނަފުރަތުކުރާކަން ދައްކަނީ ސީދާ ޢަމަލުންނެވެ. އެއީ ޒާތީ މިނިވަންކަމަށް ހުރަސްއަޅާ އެއްޗެކޭ ބުނެ ފޮޅައިލަނީ ބަލައިލުމެއް ނެތިއެވެ. ހަމަ މިބީދައިން ދުވަސްވީ ޙިކުމަތްތެރި ބަސްތަކަކީ، ބޯދާ އެއްޗެހިތަކެއް ކަމަށް ނިންމައިފި އެވެ. އެ ކުދިން ދަތުރުކުރަމުންދާ އޮޑީގައި ނުވިކޭ އެއްޗެހިތަކެއް ކަމުގައި ހަދައިފި އެވެ. ވީއިރު މި ކުދިން ޤައުމުގެ އިސް މަޤާމްތަކަށް އިސްވުމުން ވެގެންދާނެ ގޮތް ފިކުރަށްގެންނަވާށެވެ! ގަބޫލުކުރަން ދަތިވި ނަމަވެސް، މި އަދުގެ ޙާލަތަކީ މިއީ ހުވަފެނެއްނޫނެވެ. މަގުތައް މަތިންނާއި ފިނި މައިދާންތަކުންނާއި ބާޒާރުތަކުން ތާއަބަދު ފެންނަމުންދާ މަންޒަރުތަކެކެވެ. ހަމަ ޔަގީނުން ވެސް މި ފަދަ ކުދިންނަކީ ކިޔަވާ ކުދިންނެއް ނޫނެވެ.

މިއީ ކިޔަވާކުދިން ނަށް ނިސްބަތްކުރެވޭ ވާހަކަތަކަކަށް ވީނަމަވެސް، މިކަންކަމުން އިސްތިސްނާވާ މަދު ކުދިންތަކެއް ތިބިކަން ހަނދާންކުރަންޖެހެއެވެ. އެކުދިންގެ މަސައްކަތަށް ސާބަސް ރައްދުކުރަންޖެހެއެވެ. ސަބަބަކީ އެކުދިންނަކީ ޤައުމުގެ ގޮވާލުންތަކަށް އިޖާބަދޭ، ގައުމުގެ ތަރިކަތަކަށް ރައްކާތެރިވާ ކުދިބައެކެވެ.

ނަމަވެސް މިފަދަކުދިން އިންތިހާއަށް މަދުކަމީ ޙަޤީގީ ކަންބޮޑުވުމެވެ. އަދި ކިޔަވާކުދިންގެ ތެރެއިން ގިނަކުދިން ޙާލަތު ހުރީ ކުރީން ދެންނެވި ބީދައިންކަމީ ދެބަސްވެވެންނެތް ޙަޤީގަތެކެވެ. މިއީ ތަޢުލީމު ޙާޞިލުކުރުމުގެ މަތިވެރި މަސްއޫލިއްޔަތު ޙަވާލުވެފައިވާ ކުދިން ގެ ޙާލަތުހުރި ގޮތެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ވިސްނަވާށެވެ! ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ! މިފަދަ ޒުވާންޖީލަކަށް، މި ޤައުމުގެ ދީން ޙިމާޔަތް ކުރެވޭނެތޯ އެވެ؟ ތަރިކަތައް ދިރުވޭނެތޯ އެވެ؟ މުޖްތަމަޢުގެ އަގުކުރުންތައް ހިފެހެއްޓޭނެތޯ އެވެ؟ ޤައުމު ކުރިއަރުވައި ރައްކާތެރިކުރެވޭނެތޯ އެވެ؟ މިއީ ކޮންމެ މަންމައަކާއި ބައްޕަޔަކު، މާމައަކާއި ކާފަޔަކު، މުދައްރިސަކާއި މުރައްބީއަކު އަމިއްލަ ނަފްސާ ސުވާލުކޮށް ވިސްނުންހިންގަން ވެއްޖެ ކަމެކެވެ. ކޮންމެ ފަރުދެއް ވަކިވަކިން ފިކުރުހިންގައި ޙައްލެއްހޯދަން ވެއްޖެ ބޮޑު މައްސަލައެކެވެ. މި ޤައުމުގެ ސިޔާދަތާއި ރައްކާތެރިކަމާ ދެމިއޮތުން އެކަމަކާ ގުޅިފައިވާ ސީރިއަސް އަދި އެހާމެ ނާޒުކު މައްސަލައެކެވެ.
---------------------
(ނިމުނީ)
މި ލިޔުން:

   ފޮނުވުން:     އަލްފާޟިލް މުޙައްމަދު ފިރުޒުލް (ފަންވަތުގެ މެހުމާން ލިޔުންތެރިއެއް)
   އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
   ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ