އަދުގެ ޚާއްސަ

Print

މުއާޞަލާތުކުރުމާއި މުޢާމަލާތުކުރުން: ތަފާތު ދެކަމެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



އިންސާނީ މުޢާމަލާތުގައި މުއާޞަލާތުކުރުމުގެ ތަފާތު އެތައް ގޮތްތަކެއް ވެއެވެ.


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަރަބި ބަހުގެ އަޞްލުން އައިސް ދިވެހިބަހަށް ވަދެ ދިވެހިވެފައިވާ ދެ ލަފުޒެވެ. "މުއާޞަލާތު" ކުރުމެވެ. "މުޢާމަލާތު" ކުރުމެވެ. މިހާރު ދިވެހި ދެ ލަފުޒެވެ. ދިވެހިބަހުގެ ރަދީފުގައި ހިމެނޭ ދިވެހި ދެ ލަފުޒެވެ. އެހެންކަމުން އެ ލަފުޒު ދިވެހި ބަހަށް އައި ގޮތަކާއި އައި ތަނެއް ބެލުމަކީ އަޅުގަނޑުގެ މިއަދުގެ މައުޟޫއެއް ނޫނެވެ. އަޅުގަނޑު މިއަދު ބަލައިލާނީ މި ދެ ލަފުޒުގެ މާނައާއި ދިވެހިބަހުގައި މި ދެލަފުޒު ބޭނުންކުރާ ގޮތުގެ މައްޗަށެވެ.

ދިވެހިބަހުގެ ރަދީފުގައި ވާ ގޮތުން، މުޢާމަލާތުގެ މާނައަކީ ދުނިޔަވީ ކަންތައްތަކުގައި ދެ ފަރާތެއްގެ ދެމެދުގައި ހިންގާ ގުޅުމެވެ. މިސާލަކަށް ވިޔަފާރި ކުރުން ފަދަ ކަންތައްތަކެވެ. އަދި އެކަކު އަނެކަކާ ދޭތެރޭ ކަންތައް ކުރާ ގޮތަކީ ވެސް މުޢާމަލާތެކެވެ. މުޢާމަލާތުކުރުމުގައި ބަހެއް ބޭނުން ނުކޮށް ވެސް އެ ކަންތައް ކުރެވިދާނެ އެވެ. ނަމަވެސް ގިނަ މުޢާމަލާތްތައް ކުރުމުގައި ބަސް ބޭނުންކުރެވެއެވެ. އެހެންވީއިރު މުވާޞަލާތުކުރުމަކީ ކޮބައިހެއްޔެވެ؟

މުވާޞަލާތުކުރުމަކީ މުޢާމަލާތުކުރުމުގެ ވަސީލަތެކެވެ. އެކަމަކު މުޢާމަލާތުކުރުމަކީ މުވާޞަލާތުކުރުމުގެ ވަސީލަތެއް ނޫނެވެ. ދެ ލަފުޒުގެ ތަފާތު ފާހަގަކުރުމަށް މި ބަޔާން ފުދޭނެއެވެ. އެހެންވީއިރު މުވާޞަލާތުކުރުމަކީ ކޮބައިހެއްޔެވެ؟

މުވާޞަލާތުކުރުމަކީ އެކަކު އަނެކަކަށް މަޢުލޫމާތު ބަދަލުކުރުމެވެ. ނުވަތަ އެކެއްގެ ހިތުގައިވާ ޝުޢޫރެއް ނުވަތަ އަންގަން ބޭނުންވާ މެސެޖެއް އަނެކާއަށް ފޯރުކޮށްދިނުމެވެ. ދިވެހި ބަސްފޮތް (2006) ގައި ބަޔާންކޮށްފައިވާ ގޮތުގައި، މުއާޞަލާތުގެ މާނަ ވަރަށް ފުޅައެވެ. "ގުޅުން އުފެއްދުމުގެ އަމަލަކީ" ވެސް މުއާޞަލާތެކެވެ. "އަނގަބަހުން ބުނާ ނުވަތަ ލިޔެގެން އަންގާ ވާހަކަ" އަކީވެސް މުއާޞަލާތެކެވެ. އަދި "އެކަކު އަނެކަކަށް ދޭހަވާ ބަހުރުވައަކުން ނުވަތަ ޙަރަކާތަކުން ނުވަތަ އިޝާރާތަކުން ނުވަތަ ނިޝާނެއްގެ ބޭނުންކޮށްގެން ވާހަކަދެއްކުމަށް ކުރާ ޢަމަލު" ވެސް ހިމެނެނީ މުއާޞަލާތުގެ ތެރޭގައެވެ. ހަމަ މިފަދައިން "މަޢުލޫމާތު ބަދަލުކުރުމުގެ ޢަމަލާއި" "ދަތުރުފަތުރުގެ ނިޒާމް" ވެސް ހިމެނެނީ މުއާޞަލާތު" ގެ ތެރޭގައައެވެ. މީގެ އިތުރުން "ވާހަކަދެއްކުމާއި ސިޓީއާއި މެސެޖް ބަދަލުކުރުމުގެ ނިޒާމު" ވެސް ހިމެނެނީ މުއާޞަލާތުގެ ތެރޭގައެވެ.

އިންސާނުން މުއާޞަލާތު ކުރުމަށްޓަކައި އެކި ޒަމާންތަކުގައި އެކި ގޮތްތައް ބޭނުންކޮށްފައިވެއެވެ. އަލިފާން އެންދުމާއި ހަންޖެހުމާއި ސަންގުފުމުމާއި ދިދަ ހޫރުވުން ފަދަ ކިތަންމެ ގޮތްތަކެއް ދިވެހިން ވެސް މުއާޞަލާތުގެ ގޮތުގައި ބޭނުންކޮށް އުޅުނުކަން އެނގެއެވެ. ނަމަވެސް ޓެކްނޮލޮޖީގެ ސަބަބުން މުއާޞަލާތުކުރުން އެތައް ގުނަޔަކަށް ފަސޭހަވެގެން އައުމާއެކު މި ހުރިހާ ގޮތްތަކެއް މިހާރުވަނީ ފަސްމަގުގެ ތާރީޚުގެ ތެރެއަށް ގޮސް އޮބައިފައެވެ. ކޮންމެ ގޮތަކަށް މުއާޞަލާތުކުރި ކަމުގައި ވިޔަސް އިންސާނުން ކުރާ މުއާޞަލާތަކީ މުޢާމަލާތުގެ ވަސީލަތެއް ކަމަށް ޤަބޫލުކުރަންޖެހެއެވެ. އަދި ބަސްވާރުން ޤަބޫލުކުރާ ގޮތުގައި ކޮންމެ މުއާޞަލާތުކުރުމެއްގައި ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވެސް "ބަސް"  (language) މުހިންމު ދައުރެއް އަދާކުރެއެވެ.
    
މުއާޞަލާތުކުރުމަށް ބޭނުންކުރެވޭ ތަފާތު ގޮތްތައް:

މުއާޞަލާތުކުރުމަކީ މުޢާމަލާތުކުރުމުގެ ވަސީލަތެއް ކަމަށްވާއިރު މުއާޞަލާތުކުރުމުގެ ތަފާތު 3 ވައްތަރެއް ވާކަން އަޅުގަނޑުމެންނަށް އެބަ އެނގެއެވެ. އަދި އިންސާނުން މުއާޞަލާތުކުރުމުގައި މި ހުރިހާ ގޮތްތަކެއް އަދިއަދަށް ދާންދެން ވެސް ބޭނުންކުރާކަން ވެސް އެނގެއެވެ.

1- ވާހަކަދެއްކުން:

މުއާޞަލާތުކުރުމަށް ބޭނުންކުރެވޭ އެންމެ ޢާންމު ގޮތަކީ ވާހަކަދެއްކުމެވެ. އެންމެ ފަސޭހަ ގޮތަކީ ވެސް މިއީއެވެ. އެހެނީ އިންސާނީ ބަހުގެ އެންމެ އަސާސީ އެއް ބޭނުމަކީ ވާހަކަދެއްކުމެވެ. ވާހަކަދެއްކުމުން ދެ ފަރާތަށް މަޢުލޫމާތު ބަދަލުކުރުމުގައި މަގު ކުރުވެ އަވަސްވެއެވެ. އަދި އިތުރަށް އޮޅުންފިލުމުގެ ފުރުޞަތު ބޮޑުވެއެވެ. އަދި އެންމެ އަވަހަށް ނުފޫޒު ފޯރުވެނީ ވެސް ވާހަކަދެއްކުމުގެ ވާސިޠާއިންނެވެ.  މަޝްހޫރު ބަސްވާރު، އެޑްވަޑް ފިނރގަން (1989) ވެސް މި ޙަޤީޤަތަށް އެއްބަސްވެވަޑައިއިގަންނަވައެވެ.

ވާހަކަދެއްކުން އެހާ މަޤުބޫލު ވެފައި ފަސޭހަވަނީ ވާހަކަދައްކަމުން އެހެންކަންތައް ވެސް ކުރެވޭތީ އެވެ. ފޮތް ކިޔަމުން، ލިޔަމުންވެސް ވާހަކަދެއްކިދާނެ އެވެ. އަދި ނުފެނި ތިބެ ވެސް ވާހަކަދެއްކިދާނެ އެވެ. އެކި ޙާލަތާއި އެކި މާޙައުލަށް ފެތޭ ގޮތަށް ވާހަކަދެއްކިދާނެ އެވެ. މިއާ ޚިލާފަށް ލަފުޒާ ނުލައި (non-verbal)  މުއާސަލާތު ކޮށްގެން އޮޅުން ނުފިލާ އެއްޗިހި، ވާހަކަދައްކައިގެން އޮޅުން ފިލުވައިދެވޭނެއެވެ.
   
ވާހަކަދެއްކުމަކީ މުއާޞަލާތުކުރުމުގެ އެންމެ ފަސޭހަ އެންމެ ބޮޑަށް އަސަރު ފޯރުވަނިވި ވަސީލަތް ކަމަށް ވާހިނދު ވާހަކަދެއްކުމަށް ބޭނުންކުރަނީ މައިގަނޑު ގޮތެއްގައި އަޑެވެ. އެހެންކަމުން އަޑު ހިމެނިފައިވަނީ ބަހަވީ މުޢާސަލާތުގެ އެންމެ އަސާސީ އެއް ބައި ކަމުގައެވެ.

2- ލިޔެކިޔުން:

ލިޔެކިޔުމަކީ ވާހަކަދެއްކުމަށްވުރެ ހަގު ކަމަކަށް ވިޔަސް ޤަދީމީ ޒަމާނުން ފެށިގެން ލިޔެކިޔުން ބޭނުންކޮށްގެން މުއާޞަލާތުކޮށްފައިވާކަން ތާރީޚުން ސާބިތުވެއެވެ. މި ގޮތުން މީލާދުގެ އެތައް އަހަރެންގެ ކުރިން ހޮހޮޅައިގައި ދިރިއުޅުނު މީހުން ވެސް ލިޔުމުން މުވާޞަލާތު ކޮށްފައިވާކަން އެނގެއެވެ. އެންމެ ފުރަތަމަ ލިޔުމަށް ބޭނުންކޮށްފައިވަނީ "އަލްޚައްތުލްމިސްމާރީ" ކަމަށް ތާރީޚު ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ ކުރެހުމުން ސިފަކޮށްދީފައިވާ އަކުރުތަކެވެ. އަދި ޤަދީމީ މިޞްރުގައި ވެސް އެކި ރަމްޒު ބޭނުންކޮށްގެން ލިޔެކިޔައި އުޅުނު ކަމަށްވެއެވެ. މި ބާވަތުގެ އެއް ވައްތަރަކަށް ޕިކްޓޮގްރާމޭ ކިޔައެވެ. އަދި މި ބާވަތުގެ އަނެއް ލިޔުމަކަށް ހެއިރޯގްލިފިކްސް އޭ ވެސް ކިޔައެވެ.

ޕިކްޓޮގްރާމަކީ ބަހަވީ ވަސީލަތަކަށް ބެލެވުނަސް ޕިކްޓޮގްރާމުން ބައެއް މާނަތައް އެހައި ފަސޭހައެއް ނޫނެވެ. މިސާލަކަށް ބައެއް ކަހަލަ ޝުޢޫރުތައް ހާމަކުރާއިރު އޭގެ ދަރަޖަ ހާމަކުރުމަކީ މިވައްތަރުގެ ލިޔުމަށް ލިބިފައިވާ ޤާބިލިއްޔަތެއް ނޫނެވެ. މިސާލަކަށް ބަނޑުހައި ވެއްޖެ ކަމަށް ބުނާ އިރު ބަނޑުހައިވީ ކިހާ މިންވަރަކަށް ކަމެއް ބުނެއެއް ނުދެއެވެ. އަދި ލޯބިވާވާހަކަ ބުންޏަސް އޭގެ ދަރަޖަ ހާމަކޮށެއް ނުދެވެއެވެ.

3- ޙަރަކާތް ނުވަތަ އިޝާރާތުގެ ބަހުރުވަ:

މީހަކަށް އަންގަން ބޭނުންވާ އެއްޗެއް އެންގުމަށްޓަކައި ޙަރަކާތް ނުވަތަ އިޝާރާތުގެ ބަހުރުވަ (ނުވަތަ ސައިނިންގ ލޭންގުއޭޖް) ބޭނުންކުރުމަކީ ޒަމާނުއްސުރެ އިންސާނުން ކޮށް އުޅުނު ކަމެކެވެ. ސައިނިންގ ލަންގުވިޖްގެ ތާރީޚަށް ބަލާއިރު ހުޅަނގުގައި މިކަން ފެށިފައިވަނީ 16 ވަނަ ޤަރުނުގެ ތެރޭގައެވެ. މި ގޮތަށް މުޢާމަލާތުކުރަން އެންމެ ފުރަތަމަ ދަސްކޮށްދޭން ފެށިކަމަށް ވިކިޕީޑިއާގައި ބުނެފައިވަނީ ފަރަންސޭސި ވިލާތުގެ ޕެރިހުގެ ބީރު ކުދީންގެ ސްކޫލެއްގައެވެ. އަދި ފެނުމުން މަހުރޫމު ވެފައިވާ ކަނު މީހުންނަށް މުވާޞަލާތުކުރަން ބްރެއިލީ ސިސްޓަމްބެސް ތަޢާރަފްކުރެވިފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސައިނިންގ ލަންގުއޭޖް ބޭނުންކުރަމުން ދިޔަކަމުގައިވިޔަސް އެ ޤައުމުތަކުގައި ބޭނުންކުރާ އިޝާރާތްތައް ތަފާތެވެ. އޮސްޓްރޭލިޔާގައި ބޭނުންކުރާ މަންމަން ބަހުރުވަ ނުވަ ސައިނިންގ ލެންގުއޭޖަށް ކިޔަނީ "އޮސްލޭން" އެވެ. އިނގިރޭސިވިލާތުގައި "ބީއެސްއެލް" އަދި އެމެރިކާގައި "އޭއެސްއެލް" އެވެ.

ވާހަކަދެއްކުމުގައި ތަފާތު 3 ގޮތެއް ބޭނުންކުރި ނަމަވެސް ވާހަކަދެއްކުމަކީ މުވާޞަލާތުގެ އެންމެ ފަސޭހަ ވަސީލަތެވެ. މުއާޞަލާތުކުރުމަކީ މުޢާމަލާތުކުރުމުގެ މައިނގަޑު ވަސީލަތް ވެސް މެ އެވެ.
---------------------
(ނިމުނީ)

މި ލިޔުން:

   ފޮނުވުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
   ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ