އަދުގެ ޚާއްސަ

Print

އަކުބަރު ރަސްގެފާނާއި ބީރުބޮލު ވަޒީރުގެ ބައެއް ވާހަކަތައް (3)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ


އާދަމްޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ


                                                       (25  މެއި 2011 އާ ގުޅޭ)
4. މޮޔައިންގެ ލިސްޓް

އެއްދުވަހަކު ރަސްގެފާނު ބިރުބަލްގެ ކިބައިން އެދިވަޑައިގަތީ ރައްޔިތުންގެ ތެރެއިން ލޯފަން މީހުންގެ އަދަދު ބުނުމަށެވެ. އެ އަދަދު ހޯދުމަށް ހަފުތާއެއްގެ މުހުލަތު ދެއްވުމަށް ރަސްގެފާނުގެ ކިބައިން އެދުނެވެ.

އޭގެ އަނެއްދުވަހު ބިރުބަލް ފައިވާން ހަދާ މީހަކަށްވެގެން ރަށުގެ މާރުކޭޓް ސަރަހައްދުގައި އިށީނދެލައިގެން އިނެވެ. އެތަން ފެންނަ ކޮންމެ މީހަކު ވެސް ސުވާލު ކުރެއެވެ. " ތިޔަ ކުރަނީ ކީއް؟ ބިރުބަލް! "

 އެންމެންގެ ސުވާލަކަށްވެސް ވަނީ މި ސުވާލެވެ. ސުވާލުކުރެވޭ ކޮންމެ ފަހަރަކު ވެސް އޭނާ ގެންގުޅޭ ކަރުދާސްގަނޑުގައި އެއްޗެއް ނޯޓުކޮށްލައެވެ. މިކަން މިމަގުން 7 ދުވަސް ވަންދެން ކުރިއަށް ދިޔައެވެ. 7 ވަނަ އަށްވީ ދުވަހު ރަސްގެފާނަށް ވެސް މި މަންޒަރު ފެނިވަޑައިގެން ހަމަ އެ ސުވާލުކުރެއްވި އެވެ. ނަމަވެސް ބިރުބަލް އެއްވެސް ޖަވާބެއް ނުދެއެވެ.

ހަތް ދުވަސް ހަމަވުމުން ރަސްގެފާނުގެ ހިރިޔާފާތުރާ ދޮށަށް ލިސްޓެއް ހުށަހެޅުއްވި އެވެ. ލޯފަން މީހުންގެ ލިސްޓެވެ. އެ ލިސްޓުގައި ރަސްގެފާނުންގެ ނަންފުޅު އޮތްކަން އެނގިވަޑައިގެން ކޯފާ އިސްކުރައްވައި ރަސްގެފާނުންގެ ނަންފުޅު އެ ލިސްޓަށް އެރި ސަބަބު ބަޔާން ކޮށްދިނުމަށް އެދިވަޑައިގަތެވެ. އެހިނދު ބިރުބަލް ޖަވާބު އެރުވިއެވެ.

"މާތް މަނިކުފާނެވެ. ތި ލިސްޓުގައިވާ ހުރިހާފަރާތްތަކަކަށް ވެސް އަޅުގަނޑު ބޫޓް މަރަމާތު ކުރާތަން ފެންނާނެއެވެ. ޚުދު މަނިކުފާނަށްވެސް ފެނިވަޑައިގަންނަވާނެ އެވެ. އެހެންނަމަވެސް މަނިކުފާނުވެސް ހަމަ އެ ސުވާލު ތަކުރާރު ކުރެއްވުމުން މަނިކުފާނުންގެ ނަންފުޅުވެސް ލިސްޓުގައި ހިމެނީ އެވެ."

އެހިނދު ރަސްގެފާނު ހިނިފުޅުވަޑުވަން ފެއްޓެވުވުން ދަރުބާރުގައި ތިބި އެންމެންވެސް ރަސްގެފާނާ ބައިވެރިވިއެވެ. އަދި ބިރުބަލްގެ ޙިކުމަތްތެރިކަމަށްޓަކައި ތަޢުރީފު ކުރެއްވި އެވެ.

5. ޙަޤީޤީ ރަސްގެފާނު

އީރާނުގެ ރަސްގެފާނަށް ބިރުބަލްގެ ކުޅަދާނަ ކަމުގެ ވާހަކަތައް އިވިވަޑައިގަތުމުން އީރާނަށް ޒިޔާރަތް ކުރުމަށް ބިރުބަލަށް ދައުވަތު ދެއްވިއެވެ.

ރަސްގެފާނުގެ ގަނޑުވަރަށް ވަނުމުން ބިރުބަލަށް ވަރަށް ބޮޑުހައިރާން ކަމެއް ލިބުނެވެ. ދަރުބާރުގައި އެއްވެސް މީހަކު ނެތެވެ. އެކަމަކު އެތަނުގައިވަނީ އެއްވައްތަރެއްގެ، އެއްސިފައެއްގެ ރަސްގެފާނުން ތަކެކެވެ.އެއްވެސް ތަފާތެއް ފާހަގައެއް ނުކުރެވެއެވެ " މިތަނުން އަސްލު ރަސްގެފާނަކީ ކޮބައިބާ؟" ބިރުބަލް ހިތާހިތުން މި ސުވާލު ކޮށްލިއެވެ. އެހެނަސް ހިނދުކޮޅެއްގެ ތެރޭގައި މިސުވާލުގެ ޖަވާބު އޭނާއަށް ލިބުނެވެ. ވަރަށް ޔަޤީން ކަމާ އިތުބާރާއި އެކު ރަސްގެފާނުންގެ ކުރިފުޅު މައްޗަށް ހުއްޓި ކުރުނީސް ކުރިއެވެ.

" ކިހިނެއް ބިރުބަލަށް އަހަރެން ފާހަގަކުރަން އެނގުނީ؟ " ވަރަށް ބޮޑަށް ހައިރާންފުޅުވެ ވަޑައިގެން ރަސްގެފާނު ސުވާލު ކުރެއްވި އެވެ.

ބިރުބަލް ހިނިތުންވެ ހުރެ ޖަވާބު އެރުވިއެވެ. " ރަސްގެފާނު ކުރިމައްޗަށް ބައްލަވަން އިންނެވިއިރު އަޅުގަނޑަށް ފާހަގަ ކުރެވުނީ ދެން ތިބި އެންމެންވެސް މަނިފާނަށް ބަލަން ތިބިތަން.ރަސްކަމުގެ ހެދުމުގައި ތިއްބަސް އާދައިގެ މީހުން އަބަދުވެސް އެމީހުންގެ ރަސްގެފާނުގެ އެހީތެރިކަމަށް އެދޭނެ."

މި ޖަވާބާ ރަސްގެފާނުން ވަރަށްބޮޑަށް ހިތްޕުޅާ ހަމަކުރައްވައި ތައުރީފު ކުރެއްވެވިއެވެ. އަދި އެތައް އިނާމެއް ހަދިޔާކުރެއްެވި އެވެ.
----------------
(ނިމުނީ)

މަޢުލޫމާތު ހޯދި ވަސީލަތްތައް:
 
ވިސްޑަމް މެގެޒިން   
http://www.indhistory.com
http://www.mapsofindia.com
      http://www.csupomona.edu
     


މި ލިޔުން
     ފޮނުވުން:     އަލްފާޟިލް އާދަމްޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
     އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
     ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

ވާހަކަ