www.fanvai.info

Print

އެތުގެ ތަފާތު ސިފަތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޖޯގްރަފީ


އަޙްމަދު ޢަބްދުﷲ ސަޢީދު

އެތަކީ އެންމެ ބޮޑު އެއްގަމު ޖަނަވާރެވެ. އިންސާނުން އެއިން އެތައް މަންފާތަކެއް ލިބިގަނެއެވެ. ދަތުރުފަތުރުގެ ސަވާރީއެއްގެ ގޮތުގަ އެވެ. ބަރު މުދާ އުފުލައިދޭ އުޅަނދެއްގެ ގޮތުގަ އެވެ. މި ނޫނަސް އެތުގެ އެތައް ބޭނުމެއް އިންސާނުން ހިފާ އިރު، ބައެއް އިންސާނުން އެއީ ކަލާނގެ ކަމަށް ވެސް ދެކެ އެވެ. އެއީ އެސޮރުގެ ބިޔަކަމާއި ވަރުގަދަކަމުން ކަމަށް ވެސް ވެދާނެ އެވެ. މި ބިންމަތީގައިވާ އެންމެ ބިޔަ ޖަނަވާރުވިއްޔާ އެވެ.

އެއިން ކޮންމެ ޙާލަތެއްގައި ވެސް އެތަކީ އެ މީހެއްގެ އެ ބޭނުމަކާ ގުޅިގެން ނުހަނު އަގު ބޮޑު އަދި ބައެއް ޙާލަތުގައި މުޤައްދަސް އެއްޗެކެވެ. އެއް ބަޔަކަށް ސަވާރީއަކަށްވާ އިރު އަނެއް ބަޔަކަށް އެއީ މުދާ އުފުލާ އުޅަނދެކެވެ. އެއީ އެއިން އެ މީހަކު ފުއްދާ ބޭނުމެއްގެ ނިސްބަތުންނެވެ.

ހަމަ ކޮންމެ ކަމެއްގައި ވެސް ނިސްބަތްވުމަކީ ކަންކަން ތަފާތުވާ ޙާލަތެކެވެ. ގޭގެ ވަހުގައި އެލުވައިފައިވާ ހޮޅިބުރިއެއްގެ ކޮޅާ ދިމާއަށް ވާ ގޮތަށް ދުރުގައި ހުރެ އެއަށް ބަލައިލުމުން އެ ހޮޅިބުރި ފެންނަނީ ކޮން ގޮތަކަށްތޯ ވިސްނަވާށެވެ. އެއަށް ފަހު އެ ހޮޅިބުރީގެ ކުރިމައްޗަށްވާ ގޮތަށް ދުރުގައި ހުއްޓި ހުރެ ބަލައިލާށެވެ. ތަފާތެއް ފާހަގަކުރެއްވޭތޯ އެވެ؟

އެއް ގޮތެއްގައި ހުންނަ އެއްޗެއް، އެ މީހަކަށް އިހްސާސްކުރެވޭ ގޮތުގެ ތަފާތުން އެ މީހަކަށް އެ އެއްޗެއް ސިފަވާ ގޮތް ތަފާތުވުމަކީ ވެދާނެ ކަމެކެވެ. މަޝްހޫރު ފިޒިކްސް ޢިލްމުވެރިޔާ އަލްބަޓް އައިންސްޓައިން (14 މާޗް 1879 - 18 އެޕްރީލް 1955) ގެ މަޝްހޫރު ނިސްބީ ނަޒަރިއްޔާ (Theory of relativity) ބިނާކުރައްވާފައިވަނީ މި ޙަޤީޤަތުގެ މައްޗަށެވެ.

ނަމަވެސް އޭގެ ކުރިން ޔޫނާން (ގްރީކް)ގެ މަޝްހޫރު ފައިލަސޫފު އަރިސްޠޫ (384 -322  މީލާދުގެ ކުރި) ވެސް ވަނީ މި ޙަޤީޤަތް ހާމަކުރައްވައިފަ އެވެ. އޭނާ އެކަން ސާބިތުކުރެއްވި ކަމަށް ވަނީ ލޯކަނު ފަސް މީހަކު ބޭނުންކޮށްގެންނެވެ.

ބުނެވޭ ގޮތުގައި އަރިސްޠޫ މި ކަންކުރެއްވީ ކަންކަމާ މެދު ދެކޭ ގޮތް މުޅިން އެއްގޮތް ނުވާ ކަން ސާބިތުކުރުމުގެ ގޮތުންނެވެ. އެހެން ނަމަވެސް ގިނަ ބަޔަކު އެ ކަމަކާ މެދު ދެކޭ ގޮތް އެކުވުމުން އެ ކަމުގެ އަސްލަށް ވާސިލުވެވިދާނެ ކަމަށް ބެލެވެ އެވެ.

އެއް ދުވަހަކު ލޯކަނު ފަސް މީހުން ގޮވައިގެން އަރިސްޠޫ ހައިވާނު ބަގީޗާއަކަށް ދިޔަ ކަމަށްވެ އެވެ. އަދި އެ މީހުންނަށް އެތް ސިފަކޮށްދިނުމަށްޓަކައި އެ މީހުން ގޮވައިގެން އެތެއްގެ ކައިރަށް ދިޔަ އެވެ. އަދި އެއިން ކޮންމެ މީހަކު އެތުގައި އަތްލުމަށް އެދުނެވެ.

ދެން އެ ކަނު ފަސް މީހުން ވެސް އެތުގައި އަތްލި އެވެ. ފުރަތަމަ މީހާ އަށް އަތްލެވުނީ އެތުގެ ފައިގަ އެވެ. ދެ ވަނަ މީހާ އަށް އަތްލެވުނީ އެތުގެ ބަނޑުގަ އެވެ. ތިން ވަނަ މީހާ އަށް އަތްލެވުނީ އެތުގެ ނިގުލުގަ އެވެ. ހަތަރު ވަނަ މީހާ އަށް އަތްލެވުނީ އެތުގެ ކަންފަތުގަ އެވެ. ފަސް ވަނަ މީހާ އަށް އަތްލެވުނީ އެތުގެ ހޮނޑުގައެވެ.

ހައިވާނު ބަގީޗާ އަށް ކުރި ދަތުރަށް ފަހު ކަނު ފަސް މީހުން އެނބުރި އެ މީހުންގެ ގޭގެއަށް ދިޔަ އެވެ. އަދި އެ މީހުންގެ އަނބި ދަރީންނަށް އެތުގެ ވާހަކަ ކިޔައިދިނެވެ.

ފުރަތަމަ މީހާ ބުނި ގޮތުގައި އެތަކީ ބިޔަ ލަކުޑި ގުޅިއެއް ކަހަލަ އެއްޗެކެވެ. ނަމަވެސް ލަކުޑި އަށް ވުރެ މަޑެވެ. އޭނާ އަށް ވާނީ ވެސް އެހެންތާ އެވެ. އޭނާ އަށް އަތްލެވުނީ އެތުގެ ފައިގަ އެވެ.

ދެ ވަނަ މީހާ ބުނީ އެތަކީ ފުރައި އެއްޗެހިތަކެއް އަޅާފައިވާ ބިޔަ ގޯންޏެއް ފަދަ އެއްޗެކެވެ. އެކަމަކު އެއީ ސުތުލި ނުވަތަ ފޮތި ގޯންޏެއް ނޫނެވެ. އެންމެ ވައްތަރީ އިސްތަށި ފަޅާފައިވާ ކުރަކި އެއްޗަކުން ހަދާފައިވާ ބޮކުސާބޮނޑިއަކާ އެވެ. އޭނާ އަށް އަތްލެވުނީ އެތުގެ ބަނޑުގައެވެ.

ތިން ވަނަ މީހާ ސިފަކޮށްދިން ގޮތުގައި އެތަކީ ވަކަ ވައުގަނޑެއް ފަދަ އެއްޗެކެވެ. އަދި އެ ވައުގަނޑުގެ އެއްކޮޅުގައި ދިގު އިސްތަށިތަކެއް ހުރެ އެވެ. އޭނާ އަށް އަތްލެވުނީ އެތުގެ ނިގުލުގައެވެ.

ހަތަރު ވަނަ މީހާ ކިޔައިދިން ގޮތުގައި އެތަކީ ވަކަ ގޮތަކަށް އޮންނަ ބިޔަ ބަތްޕޮޅިއެއް ޒާތުގެ އެއްޗެކެވެ. އަދި އޭގައި ބަތްޕޮޅީގައި ހުންނަ ކަހަލަ ހަރުކަމެއް ނުހުރެ އެވެ. ބޭނުން ގޮތަކަށް ލަނބާލައި މަޅައިލެވެ އެވެ. އޭނާ އަށް އަތްލެވުނީ އެތުގެ ކަންފަތުގައެވެ.

ފަސް ވަނަ މީހާ ބުނި ގޮތުގައި އެތަކީ ބޭނުން ގޮތަކަށް ލަނބައިލެވޭ ގޮތަށް އޮންނަ ހޮޅިއެއް ޒާތުގެ އެއްޗެކެވެ. ނަމަވެސް ވަރަށް ކުރަކި އަދި ރޫޖެހިފައި އޮންނަ އެއްޗެކެވެ. އޭނާ އަށް އަތްލެވުނީ އެތުގެ ހޮނޑުގަ އެވެ.

މި ފަސް މީހުންނަކީ ވެސް އުފަންވީއްސުރެ ލޮލަށް ނުފެންނަ މީހުންނެވެ. އެހެންވުމުން ދުވަހަކު ވެސް އެތެއް ފެނިފައެއް ނުވެ އެވެ. ނަމަވެސް އެ މީހުންގެ އިހްސާސްވުމުގެ ހިއްސު ފުރިހަމަ އަށް ހުރުމުން އެ މީހުންނަށް އެތަކީ ކޮން އެއްޗެއްކަން ދެނެގަނެވުނެވެ.

ނަމަވެސް ލޮލަށް ފެނުމުން ދެނެގަނެވޭ ގޮތަކަށް ނޫނެވެ. އެކަމަކު އެއިން އެއްވެސް މީހަކު އެތް ސިފަކޮށްދިނީ ރަނގަޅަށް ނޫނެކޭ ނުބުނެވޭނެ އެވެ. މި ކަމުގެ ޢިިލްމީ ޙަޤީޤަތަކީ ކޮންމެ ކަމަކަށް ވެސް ވަގުތާއި ޙާލަތާއި ތަނުގެ ގޮތުން ތަފާތު އަންނަ ފަދައިން، އެ ކަމެއް އިހްސާސްކުރާ މީހާ، އެކަން އިހްސާސްކުރާ ގޮތުން، އޭނާގެ ސިކުނޑި އަށް އެ ކަމެއް ތަރުޖަމާވާ ގޮތް ތަފާތުވެދާނެ ކަމެވެ.
---------------------
(ނިމުނީ)

މި ލިޔުން:

          ފޮނުވުން:     އަޙުމަދު ޢަބްދުﷲ ސަޢީދު
          އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
          ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

www.fanvai.info