އަދުގެ ޚާއްސަ

Print

ޢަދުލު އިންސާފުގެ މަތިވެރި މިސާލެއް

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ


ޢަބްދުﷲ ޞާދިޤު


"ސާހިބާއެވެ. އަޅުގަނޑު އައިސް މިހިރީ އިންސާފަށް އެދިގެންނެވެ. ﷲއަށްޓަކައި އަޅުގަނޑާމެދު އިންސާފުކޮށް ދެއްވާށެވެ. މީހަކު އާދޭހާއެކު ރޮމުން ރޮމުން ދެންނެވިއެވެ.

ކަލޭގެ މަސްއަލަ ހުށަައަޅާށެވެ. އަދި ހިތްހަމަޖައްސައިލައިގެން ހުންނާށެވެ. ކަލެއާމެދު ފުރިހަމައަށް އިންސާފުކުރެވޭނެ އެވެ.

"މާތް ވެގެންވާ ރަސްގެފާނެވެ! އަޅުގަނޑަށް ކިޔަނީ އަޒީމް ޢަލީ އެވެ. އިއްޔެ އަޅުގަނޑު ކޮއްކޮއާއެކު ޝިކާރަ ކުރަންގޮސް ރަށް ބޭރުގައި އުޅެނިކޮށް ސާހިބާގެ ސަރަޙައްދާ ވީ ފަރާތުން އައި ތީރެއް އަޅުގަނޑުގެ ކޮށްކޮގެ ގަޔަށް ހެރި އޭނާ މަރުވެއްޖެ އެވެ. މި މަސްއަލަ އަޅުގަނޑު ބައި ދަތުރުގެ ހާކިމް އަމީރު ޤާސިމުގެ އަރިހަށް ހުށައެޅީއެވެ. ނަމަވެސް އެކަލޭގެފާނު ވިދާޅުވީ ތީރު އައިސްފައިވަނީ ރަސްގެފާނުގެ ސަރަޙައްދުން ކަމަށްވާތީ ސާހިބާގެ އަރިއަހުން އިންސާފަށް އެދުމަށެވެ.

"ކަލޭގެ ކޮއްކޮގެ މަރާމެދު އަހަރެން ވަރަށް ހިތާމަ ކުރަމެވެ. ވުމާއެކު ޤާތިލްގެ ނިޝާނެއް ލިބެންދެން ކަލެއަށް ޖެހޭނީ އިންތިޒާރު ކުރާށެވެ." ރަސްގެފާނު ވިދާޅުވިއެވެ.

"ސާހިބާއެވެ. ގާތިލްގެ ނިޝާނެއްގެ ގޮތުގައި އަޅުގަނޑުގެ އަތުގައި އޭނާގެ ތީރު އެބައޮތެވެ."

މަސްއަލަ ހުށައަޅާ މީހާ މިހެން ދަންނަވާފައި ތީރު ނަގާ ރަސްގެފާނަށް ދައްކައިލިއެވެ. އޭނާ އެ ދައްކައިލީ ކޯންޗެއް ކަމަށް ހެއްޔެވެ؟ އެއީ ގަނޑުވަރު ތެރޭގެ ތީރެކެވެ. ޙައިރާން ވެއްޖެއެވެ. ރަސްގެފާނު ވެސް ކުޑަ ހިނދުކޮޅަކަށް ހަމަހިމޭން ވެވަޑައިގެން އިންނެވުމަށްފަހު ވިދާޅުވި އެވެ. އަހަރެން ހަނދާން ވެއްޖެ އެވެ. އިއްޔެ އަހަރެން އަހަރެމެންގެ ސަރަޙައްދުގައި ޝިކާރަކުރަން ގޮސްއުޅުނީމެވެ. އެ ތަނުން ޖަނަވާރަކާ ދިމާއަށް އަހަރެން ފޮނުވައިލި ތީރެއް، ކަން ދިމާވިގޮތުން ކަލޭގެ ކޮއްކޮގެ ގަޔަށް ހެރި މަރުވާން ދިމާވިކަން އެއީ ވަރަށް ހިތާމަވެރި ހާދިސާއެކެވެ. އެކަމަކު ކަލޭ ފިކުރު ނުކުރާށެވެ! ކަލެއާމެދު ފުރިހަމައަށް އިންސާފުކޮށް ދޭނަމެވެ. އިންސާފުގެ ކުރިމަތީގައި ރަސްގެފާނަކަސް އާދައިގެ އާއްމަކަށް ވިޔަސް ވާނީ ހަމަހަމަ އެވެ. ފަނޑިޔާރު މަނިކުފާނުއެވެ. ކަލޭގެފާނު މި މަސްއަލާގައި އަޅުގަނޑުމެންނަށް އެހީތެރިވެ ދެއްވާށެވެ.

މާތް ސާހިބާއެވެ. މިކުށަކީ މަނިކުފާނު ގަސްތުގައި ކުރެއްވި ކުށަކަށް ނުވާތީ އޭގައި ސާހިބާގެ އެއްވެސް ކުށެއްނެތެވެ. ފަނޑިޔާރު މަނިކުފާނު އަދަބުވެރިކާއެކު ދެންނެވިއެވެ.

"ނޫނެކެވެ. ފަނޑިޔާރު މަނިކުފާނެވެ. ގަތުލު ވާނީ ހަމަ ގަތުލަކަށެވެ. އަޅުގަނޑަކީ ކުށްވެރިއެއްކަން ސާބިތުވެއްޖެ އެވެ. ވުމާއެކު އަޅުގަނޑަށް ހަމަ ކޮންމެހެން ޖެހޭނީ އެކަމުގެ އަދަބު ލިބޭށެވެ. މިއީ ޤާނޫނާއި އިންސާފުގައިވާ ގޮތެވެ. ފަނޑިޔާރު މަނިކުފާނު އަޅުގަނޑަށް ތިޔަ ހިތްވަރުދެއްވަނީ ބޭއިންސާފުން ކަންތައް ކުރުމަށެވެ. އެއީ މާދަމާ ތާރީޚުގައި އަޅުގަނޑަކީ އަދުލެއް އިންސާފެއްނެތް ރަސްކަލެއްގެ ގޮތުގައި ފާހަގަކުރެއްވުމަށްޓަކައި ތޯއެވެ؟ ނޫނެކެވެ. އަހަރެން އެއްގޮތަކަށް ވެސް އެހެން ވިޔަކަ ނުދޭނަމެވެ. ރަސްގެފާނު ހަރުއަޑުފުޅުން ވިދާޅުވި އެވެ. އަދި ތަޚުތުން ތެދުވެވަޑައިގެން ދަޢުވާ ހުށަހަޅާ މީހާގެ ގާތަށް ވަޑައިގެން ތާޖުކޮޅު ނަންގަވާފައި އޭނާގެ ބޮލުގައި ބެހެއްޓެވި އެވެ. އަދި އޭނާ ތަޚްތުގައި ބޭންދެވުމަށްފަހު، ޚުދު ރަސްގެފާނު ކުށްވެރިއެއްގެ ގޮތުގައި ކޮޅަށް ހުންނަވައި ވިދާޅުވި އެވެ. ދެން ކަލޭ ނިންމި ކޮންމެ ގޮތަކާ އަހަރެން ޤަބޫލެވެ."

ދަޢުވާކުރާ މީހާއަށް މިތަން ފެނުމުން ޙައިރާންވެ އަންތަރީސް ވެއްޖެ އެވެ. އަދި އަވަސް އަވަހަށް ތަޚުތުން ފުންމާލައިގެން އައިސް ރަސްގެފާނަށް ދެންނެވި އެވެ. ސާހިބާއެވެ! ތިޔައީ މާތް ސާހިބަކީމު އެވެ. އަދި ސާހިބާއަކީ އިންސާފުކުރެއްވުމުގައި މިސާލެއްނެތް ފަދަ ބޭފުޅެކެވެ. އަޅުގަނޑު ހެޔޮހިތުން މަނިކުފާނަށް މަޢާފުކޮށް އަރުވައިފީމެވެ. ރަސްގެފާނު އޭނާގެ މިވާހަކަ އައްސަވާފައި ތަޚުތުގައި އިށީނދެ ވަޑައިގަތުމަށްފަހު ދަޢުވާ ކުރި މީހާއަށް ޤައުމުގެ ފަޚުރުގެ ލަގަބު ދެއްވި އެވެ. އެއާއެކު ދަރުބާރުން ވަޒީރެއްގެ މަޤާމް ދެއްވި އެވެ. އެ އިންސާފަށް ލޯބިކުރެއްވި ރަސްކަލަކީ އިންޑިޔާގެ ދެކުނުގެ ރަށެއް ކަމުގައިވާ ބޭޖާޕޫރުގެ ވެރިއެއްގެ ގޮތުގައި ހުންނެވި އިސްމާޢީލް ޢާދިލް ޝާހެވެ.
---------------------
(ނިމުނީ)

މި ލިޔުން:
      އަލުން ޓައިޕްކުރުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
      އަލުން ބެލުން:       ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
      ޝާއިޢުކުރުން:        ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

ވާހަކަ