އަދުގެ ޚާއްސަ

Print

ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ ތެރެއިން. . . . . . . (1): "އިނބަ" ގެ ޙަޤީޤަތަކީ ކޮބާ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް



ޢަބުދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިބަހަކީވެސް އެހެން ބަސްބަހުގެ ޠަބީޢަތާ އެއްގޮތަށް ހެދި ބޮޑުވަމުން ތަރައްޤީވަމުން އަންނަ ބަހެކެވެ. އަދި މިބަހުން ވާހަކަދައްކާ މުޖުތަމަޢެއް ދިރިއުޅޭތަނަކާއި ޙާލަތަކާއި އެ ބަޔެއްގެ ފެންވަރާ ގުޅިގެން އެކި ސަރަޙައްދުތަކުގައި ވެސް ތަފާތުތަކެއް ހުންނަ ބަހެކެވެ. ޖުޣުރާފީގޮތުން އެ މުޖްތަމައެއް ދިރިއުޅޭ ތަނަކާއި ދަތުރުފަތުރާއި މުޢާމަލާތުގެ ދުރު ގާތްމިނާއި ތަޢުލީމީ ފެންވަރުގެ ސަބަބުން މި ތަފާތު ބޮޑުވެ ކުޑަވުމަށް މަގުފަހިވަމުން އަންނަ ބަހެކެވެ. މިއީ ދުނިޔޭގެ ހުރުހައި ބަހެއްގެވެސް ޠަބީޢަތެވެ. މިދެންނެވި ތަފާތަށް އަދަބިއްޔާތުގެ ޢިލްމުވެރީން ނުވަތަ ބަސްވާރުން ދީފައިވާ ނަމަކީ ބަހުރުވައެވެ.

ދިވެހިރާއްޖޭގައި ވެސް ތަފާތު ބަހުރުވަތައް އެބަ ހުއްޓެވެ. މާލޭ ބަހުރުވެޔާ އަޅައިބަލާއިރު އުތުރުގެ އަތޮޅުތަކަށްވުރެ ދެކުނުގެ އަތޮޅުތަކުގައި ބަހުރުވައިގެ ތަފާތު ބޮޑުކަމުގައި ފާހަގަކުރެވެއެވެ. މިއިން ކޮންމެ ބަހުރުވައެއްގައި ވެސް ވަކި ޚާއްޞިއްޔަތެއް އޮވެއެވެ. މި ގޮތުން މިއަދު އަޅުގަނޑު މި ބަލައިލަނީ ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ ތެރެއިން "އިނބަ" ގެ މައްޗަށެވެ. އެ ލަފުޒުގެ ޙަޤީޤަތުގެ މައްޗަށެވެ.

ގިނަ ބޭފުޅުންނަށް ޤަބޫލުފުޅު ކުރެވޭ ގޮތުގައި "އިނބަ" އަކީ މާލެ ބަހުރުވައިގައި ބޭނުންކުރާ "ކަލޭ" ގެ ބަދަލުގައި ހަމަ އެ މާނައިގައި ހައްދުންމަތީ މީހުން ބޭނުންކުރާ ލަފުޒެކެވެ. ނަމަވެސް މިއީ ޙަޤީޤަތެއް ކަމަށް ދެންނެވޭކަށް ނެތެވެ. ޙާޤީޤަތަކީ "އިނބަ" އަކީ މާލޭ ބަހުރުވައިގައި ވެސް ބޭނުންކުރެވުނު އަދި މިހާރު އިހުމާލުކޮށްލުމުގެ ސަބަބުން އެ ބަހުރުވައަށް ފަޤީރުކަމެއް ލިބިފައިވާ ލަފުޒެއް ކަމެވެ. އަދި  "ކަލޭ" އުފެދިގެން އައީ މާފަހުން ކަމެވެ. ހަމަ މިފަދައިން "އިނބަ" ގެ މަޤާމު "ކަލޭ" އަށް އަދިވެސް ނުލިބޭކަމެވެ.

ކޯފާވެވަޑައިނުގަންނަވާށެވެ! އަޅުގަނޑު މި ދެންނެވި ބަހުގެ ހެތްކަކަށް ބޭނުންފުޅުވާ ނަމަ ކުރީގެ ލިޔުންތަކަށް ކަޅިއެއް އުއްކަވައިލައްވާށެވެ! މިސާލަކަށް "ޒުހުރުލް ކަމާލާތި ފީ އަޙުކާމިލް ޢިބާދާތި" (ބޮޑުތަރުތީބު) ގައި "އިނބަ ބުނާހުށި" މި ލަފުޒު އެތައް ފަހަރަކު ތަކުރާރުވެފައިވެއެވެ.

ތަޢައްޞުބުން އެއްކިބާވެވަޑައިގެން ހުސް ހި ތް ޕު ޅަ ކު ން ވިސްނައިވަޑައިގެންފިނަމަ "އިނބަ" އާއި "ކަލޭ" ގެ ތަފާތުތަކެއް ހުރިކަމަށް ގަބޫލުފުޅު ކުރެވިދާނެއެވެ. އެއީ އެ ދެ  ލަފުޒު ބޭނުންކުރެވޭ ގޮތުގެ ސަބަބުންނެވެ. "ކަލޭ" އަކީ އިޙުތިރާމް ކުރެވޭ ފަރާތްތަކަށް މުޚާޠަބުކޮށް ބޭނުންކުރަން އެކަށީގެންވާ ލަފުޒެއްނޫނެވެ. އެކަށީގެންނުވާންވީ ކީއްވެގެންތޯ ބަޔަކު ސުވާލު ކުރިޔަސް ހަމަގައިމު ވެސް މުޖުތަމައު ޤަބޫލުކުރާނީ މި ދެންނެވިގޮތަށް ކަމަށް ތިޔަބޭފުޅުން ވެސް ޤަބޫލުފުޅުކުރައްވާނޫއެވެ. މިސާލަކަށް މަންމައާއި ބައްޕަގެ މުޚާޠަބުގައި "ކަލޭ" ބޭނުމެއްނުކުރާނެވެ. އަދި ޓީޗަރެއްފަދަ  ތިމާ އިޙްތިރާމްކުރާ ފަރާތަކަށް ވެސް މި ބަދަލު ނަމުން މުޚާޠަބެއް ނުކުރާނެއެވެ. މިފަދަ މަޤާމެއްގައި 'ކަލޭ" ބޭނުންކޮށްފިނަމަ އެއީ އަދަބުކުޑަވުމުގެ އިންތިހާކަމަށް މުޖުތަމަޢުގެ ކޮންމެ ފަރުދަކު ވެސް ދެކޭނެއެވެ. ނަމަވެސް މިޔާ ޚިލާފަށް "އިނބަ" ގެ ބޭނުން ކުރެވެނީ އިނގިރޭސި ބަހުގައި "YOU " ބެނުންކުރާ މާނައިގައެވެ. މިސާލަކަށް ހައްދުންމަތީ ބަހުރުވައިގައި "ހޭއި އަމާ! އިނބަ ނުބޮނަމެއްނޮ، މަ ކެރާންވީކަމެއް؟" މިއީ އެއްވެސް ހާލެއްގައި ބޭއަދަބީ ބަހެއްނޫނެވެ. ނަމަވެސް މި ޖުމުލަ މާލޭ ބަހުން ބޭނުންކުރާއިރު "އިނބަ"ގެ ބަދަލުގައި "ކަލޭ"  ބޭނުންކުރުމަކީ އަދަބާ ޚިލާފް ކަމެކެވެ. މިސާލަކަށް: "އޭއި މަންމާ! ކަލޭ ނުބުނަމެއްނު މަ ކުރާންވީ ކަމެއް؟" މިހެން ސުވާލުކުރުމަކީ ވަރަށް ބޮޑު ބޭއަދަބީ ކަމެކެވެ. މި ޖުމުލައި ގައި މިއޮތް ބަދަލުނަމުގެ ބަދަލުގައި ވެސް މާލޭ ބަހުރުވައިގައި ބޭނުންކުރާނީ "މަންމަ" މި ލަފުޒެވެ. ވީމާ ޢާއްމު އަދަބީ ބަހުރުވައިގައި ވާހަކަ ދެކެޥޭ 2 ވަނަ ފަރާތަށް ނިސްބަތްވާ ބަދަލުނަން އުނިވުމްގެ ސަބަބުން ބަހުރުވައަށް ފަޤީރުކަން ލިބިފައިވާ ކަމަށް އެބަ ދަލީލު ލިބެއެވެ. އެހެންކަމުން "ކަލޭ" ގެ ބަދަލުގައި ބޭނުން ކުރާނެ (ދެވަނަ ފަރާތަށް ނިސްބަތްވާ) ބަދަލު ނަމެއް ޢާއްމު އަދަބީ ބަހުރުވައިގައި ވެސް އޮންނާނެކަން އެބަ އެނގެއެވެ. އަދި އެއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި "އިނބަ" އެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ނިސްބަތްކޮށް އަޅުގަނޑުމެން ބޭނުންކުރަނީ މާތްކަމުގެ އެއްމެ މަތިވެރި ދަރަޖަކަމަށްވާއިރު ﷲ ތަޢާލާގެ ޙަޟްރަތާ މުޚާތަބުކޮށް "އިނބަ" ބޭނުންކުރެވޭ ކަމީ "އިނބަ" އާއި "ކަލޭ" ގެ ތަފާތުތަކެއް ހުރިކަން ސާބިތުވާ ވަރުގަދަ އަނެއް ދަލީލެވެ. "އިނބަ ސުވާމީންގެ"، އިނބަ ރަސްކަލާންގެ" ފަދަ އިސްމުފުޅު ތަކުގައި އެވާ "އިނބަ" ގެ ބަދަލުގައި ޢާއްމު އަދަބީ ބަހުރުވައިގައި އެވާ 'ކަލޭ" އެއް ބޭނުމެއް ނުކުރެވެއެވެ. މިއިން އެނގެނީ "ކަލޭ" އާއި "އިނބަ" ގެ ދަރަޖައިގެ ތަފާތު ބޮޑުކަމެވެ.
  
މި ކަންކަމަށް ފުންކޮށް ނަޒަރު ހިންގައިލުމުން ދޭހަވެ އެނގެނީ "ކަލޭ" އަކީ މާލޭ ބަހުރުވައިގައި "އިނބަ" ބޭނުން ކުރެވެމުން އައި ދުވަސްވަރު ޤަދަރު ކުޑަކުރުމުގެ ގޮތުން ވަކި ފެންވަރެއްބެ ބަޔަކާ މުޚާޠަބު ކުރުމަށްޓަކައި ބޭނުންކުރަން ފެށުނު ލަފުޒެއްކަމަށްވުން ވަރަށް ކައިރި ކަމެކެވެ. އަދި "ކަލެ" އަކީ "އިނބަ" ގެ ބަދަލުގައި ތަޢާރުފުވި ބަހަކަށް ވީނަމަ "ކަލޭ" އަށް ދިވެހި މުޖުތަމައު ގައި މިހާރު މި އޮތް ދަށް މަޤާމު އެ ލަފުޒަށް ޙައްޤެއް ނުވީސްކަމެވެ.
   
"ކަލޭ" އަކީ ދަށުދަރަޖައިގެ މީހުނާ މުޚާޠަބުކުރުމަށް ބޭނުންކުރަން ފެށުނު ލަފުޒަކަށް ވާނަމަ މާތް މީހުންނާއި އެންމެ މާތް މީހުންނާ މުޚާޠަބުކުރުމަށް "ކަލޭފާނު" "ކަލޭގެފާނު" "މަނިއްޕުޅު"، "މަނިކުފާނު"، "ބޭފުޅާ" ފަދަ ކިތަންމެ ބަދަލުނަމެއް އޭރުގައިވެސް ގެންގުޅޭނެއެވެ. ނަތިޖާއަކަށްވާނީ މާލޭ ބަހުރުވައިގައި "އިނބަ" އަށް އޮތް މަޤާމު މުޅިން ގެއްލިގެން ދިޔުމެވެ.
 
އެއްވެސް ޝައްކެއްނެތް ގޮތުގައި މިއަދު ވެސް އަޅުގަނޑުމެން ޤަބޫލުކުރާން ޖެހޭނެ ޙަޤީޤަތަކީ އިނގިރޭސިބަހުން ބޭނުންކުރާ “YOU” ގެ ބަދަލުގައި ދިވެހިބަހުގައި "ކަލޭ" ބޭނުން ނުކުރެވޭކަމެވެ. އަދި ހައްދުންމަތީ ބަހުރުވައިގައި ބޭނުންކުރާ "އިނބަ" އަކީ ވާހަކަ ދެކެވޭ ދެވަނަ ފަރާތާ މުޚާޠަބުކޮށް ބޭނުން ކުރުމަށް މިއަދު ވެސް އެންމެ އެކަށީގެންވާ ބަދަލުނަމެއްކަމެވެ. ކޮންމެއަކަސް ވާހަކަ ދެކެވޭ ދެވަނަ ފަރާތަށް ބޭނުންކުރާނެ އެކަށީގެންވާ ބަދަލުނަމެއް ޢާއްމު އަދަބީ ބަހުރުވައިގައި ނެތްކަމުގެ އުނިކަން މިއަދު އަޅުގަނޑުމެން މިގެންދަނީ އިޙުސާސްކުރަމުންނެވެ. ވީމާ "އިނބަ" ގެ ހަޤީޤަތެއްކަމަށް ދެންނެވެން އޮތީ "އިނބަ" އަކީ މާލޭ ބަހުރުވައިގައި ބޭނުންކުރެވެމުން އައި ބަދަލުނަމެކެވެ. އަދި މިއަށް ވުރެ ވެސް ބޮޑު ޙަޤީޤަތަކީ ވާހަކަ ދެކެވޭ ދެވަނަ ފަރާތާ މުޚާޠަބުކުރެވޭ ބަދަލުނަމެއް ކަމުގައި މުޖުތަމަޢުން "ކަލޭ" ޤަބޫލުނުކުރާކަމެވެ.
   
ވީމާ "އިނބަ" އަށް ކުރީންވެސް ލިބިފައި އޮތް ޙައްޤު މަޤާމު އަލުން އިޢާދަކުރުމަށް ވިސްނުމަކީ ކޮންކަހަލަ ކަމަކަށް ވާނެބާވައެވެ!؟
---------------------
(ނިމުނީ)

މި ލިޔުން:

   ފޮނުވުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
   ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ