އަދުގެ ޚާއްސަ

Print

މަޒުމޫނު ލިޔުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


މަޒުމޫނު ލިޔުމުގައި ވިސްނަންޖެހޭ މައިގަނޑު ނުކުތާތައް

                                
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މަޒުމޫނަކީ ކޮބައިތޯއެވެ؟ މަޒުމޫނުގެ މާނައަކީ ކޮބައިތޯއެވެ؟ "މަޒުމޫނު" މި ލަފުޒުގެ މާނައަކީ "މައިގަނޑުނަމެއްގެ މައްޗަށް ލިޔެފައިވާ ބަޔާން" ކަމަށް ދިވެހިބަސްފޮތް (2006) ބަޔާން ކުރެއެވެ. ގިނަ ލިޔުންތެރިން އެއްބަސްވާ ގޮތުގައި މަޒުމޫނަކީ ވަކި މައިގަނޑުނަމެއްގެ މައްޗަށް ބިނާކޮށްގެން އެއްކުރެވިފައިވާ ނުވަތަ އެއްކުރާ ޕެރެގްރާފުތަކެކެވެ. ޕެރެގުރާފަކީ ވަކި މައިގަނޑުނަމެއްގެ މައްޗަށް ލިޔާ، (2 އަށްވުރެ) ގިނަ ޖުމުލަތަކެވެ. ޖުމުލައަކީ މާނައެއް ދޭހަވާގޮތަށް އަތުރައިލެވިފައިވާ ލަފުޒުތަކެކެވެ. އެހެންވީމާ ރަނގަޅު މަޒުމޫނަކީ ރީތި ފެށުމާއި އަޮއްޓަރު ހުރި ބަދަހި މައިގަނޑަކާާއި ޚުލާޞާކޮށްދެނިވި ނިންމުމެއް ގެނެސްފައިވާގޮތަށް ތަފާތު ނުކުތާތަކުގެ މައްޗަށް ވަކި މައިގަނޑުނަމެއްގެ މައްޗަށް ލިޔެ އެއްކުރެވިފައިވާ މަޢުލޫމާތުތަކެކެވެ. މަޒުމޫނެއް ލިޔާއިރު އަމިއްލަ ޢިބާރާތް ބޭނުންކޮށްފައިވާ މިންވަރާއި ބަހުރުވަ އަށާއި އުފެއްދުންތެރި ލިޔުމުގެ ފެންވަރަށްވެސް ވިސްނާންޖެހޭނެކަން ދަރިވަރުންނަށް ހަނދާންކޮށްދޭންވާނެ އެވެެ.

I - މަޒުމޫނަކީ ކޮބާ؟

މަޒުމޫނުގެ ތަޢާރަފުގައި ލިޔުންތެރިން ތަފާތު ތަޢުރީފުތައް ލިޔުއްވައިފައި ހުރެއެވެ. މި ތަޢުރީފުތަކުގައި ޢިބާރާތުގެ ކުދިކުދި ތަފާތު ހުއްޓަސް ކޮށްފައިވަނީ ހަމަ އެއް މާނައެކެވެ.
       
ލަފުޒީގޮތުން ބަލާއިރު މަޒުމޫނުގެ މާނައަކީ އެއްޗިހިތަކެއް އެއްކޮށްގެން ޖަމާކުރެވިފައިވާ އެކައްޗެވެ. އަޅުގަނޑުމެން މަޒުމޫނޭ މިކިޔަނީ އެއް މައިގަނޑުނަމަކަށް ބިނާކޮށްގެން ހޯދައިފައިވާ އެތައް ބައިވަރު މަޢުލޫމާތުތަކެއްގެ މައްޗަށް ލިޔެ އެއްކޮށްފައިވާ ޕެރެގުރާފުތަކަކަށެވެ. މި ޕެރެގްރާފުތައް ބިނާވެގެންވަނީ ވަކި ޚިޔާލެއްގެ މައްޗަށް ބިނާކޮށްގެން އެއްކޮށްފައިވާ ޖުމުލަތަކެއްގެ މައްޗަށެވެ. މި ޖުމުލަތައް ބިނާވެގެންވަނީ މާނައެއް ދޭހަވާގޮތަށް ހަރުދަނާ ތަރުތީބަކުން އަތުރައިލެވިފައިވާ ލަފުޒުތަކެއްގެ މައްޗަށެވެ. އެހެންވީމާ މަޒުމޫނަކީ ކަނޑައެޅިފައިވާ މައިގަނޑުނަމެއްގެ މައްޗަށް ހޯދައިފައިވާ މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްގެން އެއްކޮށްފައިވާ ޕެެރެގުރާފުތަކެކެވެ. މި ޕެރެގުރާފުތައް ބިނާވެގެންވާނީ ތަޢާރަފަކަށް ފުދޭކަހަލަ ޝައުޤުވެރިކުރުވަނިވި ފެށުމަކާއި އޮށްޓަރުހުރި މައިގަނޑަކާއި ޚުލާޞާކޮށްދެނިވި ނިންމުމެއްގެ މައްޗަށެވެ.


(ހ) މަޒުމޫނުގެ ބާވަތްތައް:
        އިމްތިޙާންތަކުގެ މުމްތަޙިނުން މަޒުމޫނުތައް މައިގަނޑު 5 ބަޔަކަށް ބަހާލައިފައިވެއެވެ. އެއީ:
1-    ވާހަކަ މަޒުމޫނު Narrative)
2-    ސިފަކުރާ މަޒުމޫނުdescriptive)
3-    ބަހުސް މަޒުމޫނުdiscussive/argumentative)
4-    ޝަޚުޞީ ނުވަތަ ޚިޔާލީ މަޒުމޫނުpersonal/ reflective)
5-    އޮޅުންފިލުވައިދޭ މަޒުމޫނު(factual) މި 5 ބާވަތެވެ.

(ށ) މަޒުމޫނުގެ ބާވަތްތަކުގެ ތަފުޞީލު:
1-    ވާހަކަ މަޒުމޫނު:
ވާހަކަ މަޒުމޫނަކީ ޙާދިސާއެއް ނުވަތަ ވަކި މީހެއްގެ ދިރިއުޅުމުގެ ވާހަކަ، މަޒުމޫނެއްގެ ސިފައިގައި ބަޔާންކުރުމެވެ. (މިސާލަކަށް، ތާރީޚީ ހާދިސާތައް، ޤައުމީ ބަޠަލުންގެ މައްޗަށް.......)
2-    ސިފަކުރާ މަޒުމޫނު:
ސިފަކުރާ މަޒުމޫނަކީ މީހެއް، ތަނެއް ނުވަތަ އެއްޗެއް ރީތި ލަފުޒުތަކަކުން ކުރިމައްޗަށް ތަޞައްވުރުކޮށްދެނިވި މަޒުމޫނުތަކެވެ.ގިނަ ނަންއިތުރުތަކާއި ބަސްތައް ބޭނުންކޮށްގެން، ކިޔާ މީހާގެ ކުރިމައްޗަށް އެތަނެއް ނުވަތަ އެކަމެއް ފުރިހަމަޔަށް ސިފަކޮށްދިނުމެވެ.(މިސާލަކަށް: އިރުއޮއްސޭ މަންޒަރު، ސުނާމީ އެރި ދުވަހު...، ޓްވިން ޓަވަރު، އަލިފާން ފަރުބަދަ)
3-    ބަހުސް މަޒުމޫނު:
ބަހުސް މަޒުމޫނަކީ މައިގަނޑު ނަމެއްގެ ދެކޮޅަށް ބަލައިލައި ގަބޫލުކުރެވޭފަދަ ހެކިތަކަކާއެކު ބުއްދި ގަބޫލުކުރާފަދަ ނިންމުމަކާ ހަމަޔަށް އަންނަ މަޒުމޫނެވެ.(މިސާލަކަށް: މިޑިއާގެ ސަބަބުން މުޖްތަމަޢަށްކުރާ އަސަރުތައް، ފަތުރުވެރިކަމުން ލިބެނީ ފައިދާހެއްޔެވެ؟)
4-    ޝަޚުޞީ ނުވަތަ ޚިޔާލީ މަޒުމޫނު:
މި ބާވަތުގެ މަޒުމޫނަކީ އުފެދިފައި ނެތް އެއްޗެއް ނުވަތަ ނުވާކަމެއްގެ ޙާލަތަށް ލިޔުންތެރިޔާގެ ޚިޔާލު ގެންގޮސްގެން  ލިޔާ މަޒުމޫނުތަކެވެ. (މިސާލަކަށް: އެމެރިކާގެ ރައީސްކަން ލިބިއްޖެނަމަ...، ފައިފުއްސެއްގެ ޝަކުވާ..)
5-    އޮޅުންފިލުވައިދޭ މަޒުމޫނު:
މިއީ ލިޔަމުންދާ މައިގަނޑުނަމަކާ ބެހޭގޮތުން އޮޅުން ފިލުވައިދޭ ގޮތަށް ލިޔާ މަޒުމޫނެވެ. (މިސާލަކަށް: ދިވެހި ރާއްޖެ، މިނިވަން ފަންސަވީސް)

II - މަޒުމޫނުގެ ބައިތައް:

ތަޤްރީރުތައް ފަދައިން މަޒުމޫނުގައިވެސް ހިމެނެނީ މައިގަނޑު 3 ބަޔެވެ. އެއީ ކުރީންވެސް ބަޔާންކޮށްފައިވާނޭ ފަދައިން ފެށުމާއި މައިގަނޑާއި ނިންމުމެވެ.

2.1 ފެށުންް:
އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ބަލާއިރު މަޒުމޫނުގެ ފެށުމަކީ މަޒުމޫނުގެ އެންމެ މުހިންމު ބައިކަމުގައި ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެހެނީީ ކިޔާ މީހާ އެންމެ ފުރަތަމަ ކިޔާނީ މި ޕެރެގްރާފެވެ. އެހެންކަމުން މި ޕެރެގްރާފު ވާންޖެހޭނީ ކިޔާމީހާ އެ މަޒުމޫނެއް ކިޔުމަށް ޝައުޤުވެރިވަނިވި ޕެރެގުރާފަކަށެވެ.
މަޒުމޫނެއްގެ ފެށުމެއްގައި ލިޔާނީ ވަކި މިވެނި ގޮތަކަށޭ ބުނެ ގޮތް ކަނޑައެޅުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. އަދި އެއީ ކުރެވޭނެ ކަމެއްވެސް ނޫނެވެ. މައިގަނޑުނަމުގެ ތެރެއަށް ކިޔާ މީހާ ވައްދުވައިދެނިވި އަދި ޝައުޤުވެރިކުރުވަނިވި ގޮތަކަށް ލިޔުމަކީ ލިޔުންތެރިޔާގެ އިޚުތިޔާރުގައި ވާ ކަމެކެވެ. ނަމަވެސް މަޒުމޫނެއްގެ ފެށުން ލިޔުމުގައި ވިސްނުން ބަހައްޓަން ރަނގަޅު ކަންތައްތަކާއި ކޮށްގެން ނުވާނެކަންކަމުގެ މައްޗަށް ބަލައިލެވިދާނެއެވެ.

1-  ކުރެވިދާނެ ބައެއް ކަންތައްތައް:
(ހ) ވީހައިވެސް ތިލަ ސާދާ ޢިބާރާތުން ލިޔުން.
(ށ) މަޒުމޫނުގެ މައިގަނޑުނަމާ ގުޅުންހުރި ޅެންބައިތެއް ބޭނުންކުރުން.
(ނ) މައިގަނޑުނަމާ ގުޅުންހުރި ގޮތަކަށް މަޝްހޫރު މީހަކު ބުނެފައިވާ ބުނުމަކުން ފެށުން.
(ރ) މައިގަނޑުނަމާ ގުޅުންހުރި އަދަބީ ބަހެއް ބޭނުންކުރުން.
(ބ) އިޖްތިމާޢީ މައްސަލައެއްގެ މައްޗަށް ލިޔާނަމަ، އެދުވަސްވަރާ ގުޅުންހުރި ވާހަކައަކުން ފެށުން.
(ޅ) ޢާއްމުންނާ ބީރައްޓެހި ލަފުޒުތައް މައިގަނޑުނަމުގައި ހމެނިފައި ވާނަމަ، އެ ލަފުޒުގެ މާނަ އޮޅުން ފިލުވައި ދިނުން.
(ކ) ފެށުން 5 ފޮޅުވަތާއި 7 ފޮޅުވަތަކާ ދެމެދުގެ ދިގުމިނަކަށް ފެއްތުން.
(އ) ކިޔާ މީހާއާ ސުވާލުތަކެއް ކުރުން.(މި ގޮތަށް ފަށައިފި ނަމަ އެ ސުވާލުތަކަށް މައިގަނޑުގައި ޖަވާބުދޭން ވާނެއެވެ.)
(ވ) އަދިވެސް މި ބާވަތުގެ ކިތަންމެ ގޮތްތަކެއް...

2 - ކުރުން ރަނގަޅު ނޫންެ ބައެއް ކަންތައްތައް:
(ހ) މަޒުމޫނުގެ ފެށުން 7 ފޮޅުވަތަށްވުރެ ދިގުކުރުން. ނުވަތަ މަޒުމޫނުގެ ދިގުމިނުގެ އަށް ބައިކުޅަ އެއް ބަޔަށްވުރެ ދިގުކުރުން.
(ށ) މާނަ އުނދަގޫ ލަފުޒުތަކާއި މާނަ އަރައިރުންވާ ލަފުޒުތައް ލިޔުން.
(ނ) މާނަ އުނދަގޫ ނުވަތަ ބަސް ފުރޮޅައިފައި ހުންނަ ޅެންބައިތާއި މި ފަދަ ރައިވަރު ލިޔުން.
(ރ) ތިމާގެ ނާޤާބިލުކަމާއި ނުކުޅެދުންތެރިކަމުގެ ވާހަކަ ލިޔުން.
(ބ) ފެށުމުގެ ޕެރެގްރާފަކީ އެންމެ ޖުމުލައެއްކަމުގައި ހެދުން.
(ޅ) މައިގަނޑުނަމާ އެއްވެސް ގުޅުމެއް ނެތް ނުވަތަ ގުޅުވައި ނުލެވޭނެ ވާހަކަތައް ލިޔުން

2.2 މައިގަނޑު:
ގިނަ ލިޔުންތެރިން އެއްބަސްވާގޮތުގައި މަޒުމޫނެއްގެ އެންމެ މުހިއްމު އެއް ބަޔަކީ މަޒުމޫނުގެ މައިގަނޑެވެ. ސަބަބަކީ މަޒުމޫނުގައި ހިމެނޭ މުހިއްމު ހުރިހާ މަޢުލޫމާތެއް(އޮއްޓަރު) ހިމެނިފައިވަނީ މިބައިގައި ކަމަށް ވާތީއެވެ. އަދި މަޒުމޫނުގެ މޮޅު/ދެރަ މިން ބިނާވެފައިވާނީ މަޒުމޫނުގެ އޮައްޓަރުގެ މައްޗަށް ކަމަށް ވާތީއެވެ. ވީމާ މޮޅު، ފެންވަރު ރަނގަޅު މަޒުމޫނެއް ނަމަ، މައިގަނޑުނަމާ ގުޅުން ހުރި ގޮތަކަށް މުހިންމު ގިނަ މައުލޫމާތުތަކެއް، އެމުނި އެކުލެވިފައިވާ ބުގިސް ޢިބާރާތުން މައިގަނޑު ބައިގައި ހިމެނިފައިވާންވާނެއެވެ.

ބުގިސް: - ޢިބާރާތް ނުވަތަ ބަސްމަގު  އެތުރި އެކުލެވިފައިވާ ބަދަހިކަން
ބަދަހިކަން:- (1)ފޭރާންހެޔޮކަން، (2)ގުޅުން ރަނގަޅުކަން

2.3 ނިންމުން:
ކިތަންމެ ގޮތަކުން ބަލާއިރު މަޒުމޫނެއްގެ މުހިއްމު އެއް ބަޔަކީ މަޒުމޫނުގެ ނިންމުމެވެ. ކިޔާ މީހާ އެންމެ ބޮޑަށް ހަނދާން ހުންނާނީ މަޒުމޫނު ނިންމާ ޕެރެގުރާފެވެ. މަޒުމޫނުގެ ފެށުމަށްވުރެ ނިންމުން މާ މުހިއްމެވެ. ސަބަބަކީ ކިޔާ މީހާގެ ހިތަށް ލިޔުންތެރިޔާ ކުރުވަން ބޭނުންވާ އަސަރެއް އެންމެ ބޮޑަށް ފޯރުވޭނީ މި ޕެރެގުރާފުންނެވެ. ނަމަވެސް މި ޕެރެގުރާފު ދިގު ވެގެން ނުވާނެ އެވެ. ހަމަ އާދައިގެ ދިގު މިނުމިނުގެ ޕެރެގުރާފެއްކަމުގައި މި ޕެރެގުރާފުވެސް ވާންވާނެއެވެ. އަދި މަޒުމޫނުގެ މައިގަނޑުބައިގައި ބަޔާން ނުކުރާ އާ ޚިޔާލެއް ނިންމުމުގައި އައިސްގެން ނުވާނެއެވެ.
          
ބަހުސް މަޒުމޫނެއް ނަމަ ވަކި ގޮތެއް ނިންމާނީ ނުވަތަ ވަކި ގޮތަކަށް ނިޔާ ކަނޑައަޅާނީ މި ހިސާބުންނެވެ.
          
މަޒުމޫނެއް ނިންމުމުގައި އަންނަނިވި ގޮތްތައް ވެސް ބޭނުންކުރެވިދާނެއެވެ.
1-    ތިމާ ޤަބޫލުކުރާގޮތެއް ބަޔާންކުރުން.
2-    ފެށުމުގައި ބޭނުންކުރި ބަސްތައް ތަކުރާރުކޮށްލުން
3-    ކުރިމަގުގައި އަތުވެދާނެ/ ނުވަތަ ގެންނަން ފެންނަ ބަދަލުތައް ހާމަކޮށްދިނުން
4-    މައިގަނޑުނަމާ ގުޅޭ ކޮމާކޯޅި ޢިބާރާތްކޮޅެއް ބޭނުންކުރުން
5-    މައިގަނޑުނަމާ ގުޅުންހުރި ޅެންބައިތަކުން ނިންމުން

III - މަޒުމޫނަށް އިންސާފުކުރުން:

އިމްތިޙާނުތަކުގައި (ޚާއްޞަކޮށް އެސް އެސް ސީ އިމްތިޙާނުގައި) މަޒުމޫނަށް އިންސާފުކުރުމުގައި ބަލާ މިންގަނޑުތަކާއި މުބާރާތްތަކުގައި (ޚާއްޞަކޮށް ޤައުމީ މުބާރާތުގައި) އިންސާފުކުރުމަށް ބަލާ މިންގަނޑުތައް ކުދީންނަށް އޮޅުންފިލުވައި ދިނުމަކީ ރަނގަޅު މާކުސް ހޯދުމަށް މަގުފަހިވާނޭކަމެއް ކަމަށް ފެންނާތީ އެބައިގެ މައްޗަށް އަލިއަޅުވައިލާނަމެވެ.

(ހ) އިމްތިޙާނުތަކުގައި މަޒުމޫނަށް އިންސާފުކުރުމުގައި ބަލާ ބައިތައް:
އިމްތިޙާނުތަކުގައި މަޒުމޫނުގެ ބަޔަށް މާކުސް ދިނުމުގައި ޢާއްމުގޮތެއްގައި ބަލަނީ އަންނަނިވި ބައިތަކަށެވެ.
1- މައިގަނޑުނަމަށް އިންސާފުކުރެވިފައިވާ މިންވަރު(މަޢުލޫމާތުގެ ބައި) (މައިގަނޑުނަމާ ގުޅޭ ގޮތުން އެކަށީގެންވާ ތެދު މަޢުލޫމާތު ހުށަހަޅައިފައިވާ މިންވަރާއި މަޢުލޫމާތުގެ ހަރުދަނާކަން ހިމެނެނީ މި ބައިގައެވެ.)
2- ހުށަހެޅުން.(މަޢުލޫމާތުތައް ޕެރެގުރާފުތަކަށް ބަހާލައިފައިވާ ގޮތާއި މައިގަނޑު ނުކުތާތައް ތަރުތީބުކޮށްފައިވާ ގޮތާއި، މަޒުމޫނުގެ ފެށުމާއި މައިގަނޑާއި ނިންމުމަށް ބަލާނީ ވެސް މި ބައިގައެވެ.)
3-  ޢިބާރާތްކުރުން. ( ޕެރެގުރާފުތަކުގެ ޖުމުލަތައް ތަރުތީބުކޮށްފައިވާގޮތާއި ޢިބާރާތްކުރުމުގެ ސާދާކަމާއި ސާފުކަމާއި ފަށުވިކަން ހިމެނެނީ މިބައިގައެވެ.)
4-  ގަވާއިދާއި ހަމަ.( މި ބައިގައި ބަލަނީ ބަހުގެ ޢާއްމު ގަވާއިިދާއި ހަމައަށް ފެތިފައިވާ މިންވަރަށެވެ.)
5-  އިމްލާ. (މި ބައިގައި ބަލަނީ ސުކުން ކުރުމުގެ އުޞޫލުތަކާއި  ފިއްޔާއި ތިކިޖެހި ތާނައާއި ބަސް ބުރިކުރުމުގެ އުޞޫލާއި ހުސް ނޫނާއި މިފަދަ ކަންކަމަށެވެ.)
6-  ލިޔުން.( ކިޔަން ފަސޭހަ ވާނެހެން ސާފުކޮށް ލިޔެފައިވުމަށާއި އަކުރާއި ފިލީގެ ސިފަ ނުގެއްލޭނެހެން ލިޔެފައިވުމަށް ބަލަނީ މިބައިގައެވެ.

(ށ) މުބާރާތްތަކުގައި ގެންގުޅޭ ބައެއް މިންގަނޑުތައް:
އިމްތިޙާނުތަކާ ޚިލާފަށް މުބާރާތްތަކުގައި މަޒުމޫނަށް މާކުސް ދެނީ އަންނަނިވި ބައިތަކަށް ބަލައިގެންނެވެ.
1- އޮއްޓަރު (އޮއްޓަރު ހުރި ގޮތެއްގައި (ފުރިހަމަ މަޢުލޫމާތު ހިމަނައިގެން) މައުޟޫޢަށް އިންސާފުކުރެވިފައިވާ މިންވަރު)
2- ޢިބާރާތުގެ ބަދަހިކަން (ޖުމުލަތަކުގެ ސާދާކަމާއި ފަށުވިކަމާއި ޢިބާރާތްތަކުގެ ރީތިކަމާއި އެމުނި އެކުލެވިފައިވާ މިންވަރާއި ބަހުގެ ހަމަތަކަށް ފެތިފައިވާ މިންވަރު)
3- ޕެރެގުރާފުތައް އެތުރުމާއި ފެށުމާއި މައިގަނޑު އަދި ނިންމުން. (ޕެރެގްރާފުތައް އަތުރައިވައިވާ ގޮތާއި ރީތި ފެށުމަކާއި ބަދަހި ނިންމުމެއް)
4- އުފެއްދުންތެރިކަމުގެ މިންވަރު (އުފެއްދުންތެރި ޚިޔާލު ހުށަހަޅައިފައިވާ މިންވަރު)     
   (މިބަޔަށް ބޮޑަށް އިސްކަން ދެނީ ޚިޔާލީ މަޒުމޫނުތަކުގައެވެ.)
5- އަމިއްލަ ޢިބާރާތާއި ބަހުރުވަ. (އަމިއްލަ ޢިބާރާތާއި ބަހުރުވަ ބޭނުންކޮށްފައިވާ މިންވަރާއި ކިޔާ މީހާ ޝައުޤުވެރިކޮށް އެމީހުންނަށް އަސަރުކުރުވާ ގޮތަށް ހުށަހެޅިފައިވާ މިންވަރު)

މި ބަޔާންކުރެވުނު މަޢުލޫމާތުގެ އަލީގައި ވެސް މޮޅު މަޒުމޫނެއް ލިޔުއްވޭނީ މި ގޮތަށް ގިނަ މަސައްކަތްތަކެއް ކުރައްވައިގެންނެވެ. މަޢުލޫމާތާއި ބަސްކޮށާރު ވެސް މުއްސަނދިކުރައްވައިގެންނެވެ. ޢިބާރާތްކުރައްވަން ފަރިތަފުޅުކުރައްވައިގެންނެވެ. މިކަމަށްޓަކައި މޮޅު ލިޔުންތެރީންގެ ލިޔުއްވުންތައް ގިނަގިނައިން ވިދާޅުވާންޖެހޭނެ އެވެ. ގިނަގިނައިން ލިޔުއްވާންޖެހޭނެ އެވެ. މޮޅު މީހުންގެ ޚިދާލު ހޯއްދަވަންޖެހޭނެ އެވެ. ލިޔުންތެރިކަމާއި ފޮތްތެރިކަމާ ރައްޓެހިވާންޖެހޭނެ އެވެ. މި ކަންކަމަށް ޝައުޤުވެރިކަން ހުންނަންވާނެ އެވެ. އާދެ! މި ގޮތަށް މަސައްކަތްކުރެއްވިއްޖެ ނަމަ ތިޔައިން ކޮންމެ ބޭފުޅަކީ ވެސް މޮޅު ލިޔުންތެރިއަކަށް ވާނެކަން ކަށަވަރެވެ.
------------
(ނިމުނީ)


ޙަވާލާ: 1- ދިވެހި ބަސް، ކަރުދާސް 1، މާކިން ސްކީމް (ޑީޕީއީ 2005)
     2- ދިވެހިބަސްފޮތް (2006)
     3- މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގެ ޤަވާޢިދު (ދ.ބ.ތ.ޚ.ޤ.މ.2006)
     4- މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތް، ދަރިވަރުންނަނަށް މާކުސްދޭ ކަރުދާސް (ދ.ބ.ތ.ޚ.ޤ.މ.2006)
     5- ESSAYS – Pitfalls and guidelines (2004)


މި ލިޔުން:
    ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
    ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ