އަދުގެ ޚާއްސަ

Print

މޫނު ނިވައިކޮށްގެން ހުރި މުޖާހިދު

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ


ޢަބްދުﷲ ޞާދިޤު

ދުވަސްވަރަކީ، ރޫމު ރަސްގެފާނު ހިރަޤުލާއި އިސްލާމުންގެ މުޖާހިދުންނާ ދެމެދު ހަނގުރާމަ ހިނގަމުން ދިޔަ ދުވަސްވަރެވެ. ހިރަޤުލްގެ ލަޝްކަރުގައި ހިމެނޭ މީހުންގެ ޢަދަދު ވަރަށް ގިނައެވެ. އަދި އެމީހުންގެ އަތުގައި ހުރި ހަތިޔާރާއި އެނޫން ވެސް ހަނގުރާމަޔާބެހޭ ސާމާނު ނުލާހިކު މޮޅެވެ. ކަން މިހެން ހުރުމާއެކު އިސްލާމުންގެ ތެރެއިން މިހަނގުރާމައިގައި ބައިވެރިވަނީ ނުހަނު މަދު މީސްކޮޅެކެވެ. އިސްލާމުންގެ މުޖާހިދުން "ﷲ اكبر" ގެ އަޑު އުފުލައިލައިފައި ކުރިޔަށް އަރައިގެން ދާން ފެށުމުން ދުޝްމިނުންގެ ސިފައިން ފިލާން ދުއްވައިގަތީ ބަކަރި އައިނެއްގެ ތެރެޔަށް މިނިކާވަގެއް ވަނީމާ، އެސޮރުމެންފިލާން ދުއްވައިގަންނަ މިސާލުގައެވެ.

އަހަރެމެން އެންމެން ވެސް ދަންނަ ފަދައިން، ހުރިހައި އިންސާނުންނަކީ ވެސް އެއް އައުލާދަކުން އައިސް ތިބި ބަޔެކެވެ. އެއް ދަރިކޮޅަކުން އައިސް ތިބި ބައެކެވެ. މަންމައަކީ، ޙައްވާގެފާނެވެ. ބައްޕައަކީ އާދަމުގެފާނެވެ. އިންސާނަކަށްވުމުގެ ހައިސިއްޔަތުން ކަޅަސް، ދޮނަސް، އޭގައި އެއްވެސް ފަރަގެއްނެތެވެ. އިންސާނުގައި ފަރަގެއް ހުންނަ ކަމުގައިވާނަމަ، ފަރަގަކީ ހެވާ ނުބައިގައި ހުރި ފަރަގެވެ.

އިސްލާމުންގެ ހިތްވަރުގަދަވެފައި ރޫމީން ފިނޑިވުމުގެ ސަބަބަކީ ވެސް މިއީއެވެ. މިހެނީ އިސްލާމުން (މާތް ރަސްކަލާނގެ އޯގާވަންތަ ކަމުން) އުޅެމުން ދަނީ ހެޔޮ ދިރިއުޅުމެކެވެ. ތެދުހިތުން މާތް ﷲ އަށް އިތުބާރުކުރެއެވެ. އެއާ ޚިލާފަށް އެމީހުންގެ ފުރިހަމަ ދިރިއުޅުމުގެ މަސްތުގައި ތޫނު ހަތިޔާރާއި ރުފިޔާއާއި ފައިސާއަށް ބޮޑާވޭވެ ތިއްބެވެ. މި ނުބައިކަން އެމީހުން ފިނޑިކުރީއެވެ.

އިސްލާމުންގެ ހިތްވަރުގަދަކަން ހުރީ ކިހިނެއްކަމަށް ހެއްޔެވެ؟ ކޮންމެ ދިހަ މުޖާހިދަކު، ނުވަތަ ވިހި މުޖާހިދަކު ހާހެއްހާ ރޫމީންނާ ހަމަލަދީ ކައްޓަލައެއްހެން އެމީހުން ކޮށާލަމުން ގެންދެއެވެ.

މި ހިތްވަރުގަދަ އިސްލާމުންގެ މުޖާހިދުންގެ ތެރޭގައި ޟިރާރު ބުނު އަޒްދަރުވެސް ހިމެނިވަޑައިގަނެއެވެ. މިއީ ސިންގާއެއްގެ ހިތްފަދަ ހިތްޕުޅެއް ލިބިވަޑައިގެންވާ ހިތްވަރުފުޅުގަދަ ފަހުލަވާނެއެވެ. ގިނިކަންޏާ ރޫމީންގެ ފައުޖުގެ ތެރެއަށް ވެދެވަޑައިގެން އެތައް ސަތޭކަ ރޫމީންނެއް ޤަތުލުކުރެއްވިއެވެ.

މީގެ ތެރެއިން އެއްފަހަރަކު ޟިރާރުގެފާނު ދެއަތްޕުޅުން ކަނޑިކޮޅު އަނބުރުއްވަމުން ރޫމީންގެ ފައުޖުގެ ތެރެއަށް ވެދެވަޑައިގެންފިއެވެ. ހަނގުރާމައިގެ ޖޯޝުގައި އެކަލޭގެފާނުގެ ލަޝްކަރާ މާދުރަށް ވަޑައިގެންނެވިއްޖެއެވެ. އަނެއްކޮޅުން ރޫމީންވެސް ތިބީ އެކަލޭގެފާނަށް ފާރަލައިގެންނެވެ. އެހިނދު އެމީހުންގެ ލަޝްކަރުގެ ވެރިޔާ އަމުރުކުރީ ވެވުނު ގޮތަކުން ޟިރާރު އަތުލައިގެންފައި ޝަހީދުކޮށްލުމަށެވެ.

މިއަދު ރޫމީންނަށް މިދަނޑިވަޅު ލިބުނީއެވެ. އެމީހުން ހަތަރު ފަރާތުންގޮސް ޟިރާރު ވަށައިލިއެވެ. އަތުލައިގަތުމާއެކު އަތްޕުޅާއި ފައިންޕުޅު ބަނދެލައިގެން ރަށާދިމާއަށް އެމީހުން ހިނގައިގަތެވެ. އެއީ ރަސްގެފާނު ހުންނަވާ ރަށެވެ.

އިސްލާމުންނަށް މި މަންޒަރު ރީތިކޮށް ފެނުނެވެ. ކުރީއްސުރެ އިސްލާމުން ތިބީ އެކަލޭގެފާނަށް ވާގޮތެއް ބަލަބަލައެވެ. އިސްލާމުންގެ ވެރިޔަކަށް ހުންނެވީ ޚާލިދުބުނުލް ވަލީދު މުޖާހިދުންގެ ޖަމާޢަތަކަށް ވަގުތުން އަމުރުކުރެއްވިއެވެ. އަވަހަށް ގޮސް ވެވުނު ގޮތަކުން ޟިރާރު ސަލާމަތްކޮށްގެން ގެންނާށެވެ.

ޚާލިދުބުނުލް ވަލީދު މި އަމުރު ނެރުއްވަނިކޮށް މޫނު ނިވާކޮށްގެން ހުރި މުޖާހިދަކު ވިދުވަރެއް ފަދައިން ހަލުއިކަމާއެކު އޭނާގެ އަހުގައި އެދިމާއަށް ދުއްވާލައިފިއެވެ. އޭރު ރޫމީ ސިފައިން އެކަލޭގެފާނު ގެންދަނީއެވެ. ޟިރާރުގެފާނު މިނިވަންކުރަން މިދިޔަ މުޖާހިދަކީ ކާކުކަމެއް ޚުދު އިސްލާމުންނަކަށްވެސް ނޭނގެއެވެ.

މި މުޖާހިދަކު ހަރުކޮށް އަސްދުއްވާފައިގޮސް ރޫމީންގެ ސިފައިންނާ އަރާހަމަކޮށްފިއެވެ. އެހިސާބަށް ދެވުމާއެކު އެމީހުންނާ ވަރަށް ގަދަފަދަ ހަމަލައެއްދިނެވެ. ހަމަ ބަލަބަލާތިއްބާ  އެމީހުންކޮޅު ޤަތުލުކޮށް ނިންމާލައިފިއެވެ.

މި ކުއްލި ހަމަލައިގެ ސަބަބުން ރޫމީންގެ ސިފައިން ވަރަށް ބޮޑަށް ސިހުނެވެ. އެހެންކަމުން ސަލާމަތުން ތިބި މީހުންކޮޅު ޟިރާރު ދޫކޮށްލާފައި ދުވެފިލައިފިއެވެ. މުޖާހިދު ޟިރާރުގެ އަތްފައިންޕުޅު މޮހާލައިގެން އަހަށް އަރުވައިގެން އިސްލާމީ ލަސްކަރުގެ ތެރެއަށް އަތުވެއްޖެއެވެ.

މިކުޅަދާނަ ހިތްވަރުގަދަ ފަހުލަވާނުގެ ވާހަކަ ޚާލިދުބުނުލް ވަލީދަށްވެސް އިވިވަޑައިގެންފިއެވެ. އެކަލޭގެފާނު އެނިވާވެގެންހުރި މުޖާހިދު ބަލައި ފޮނުއްވައި ގެންނެވިއެވެ. ދެން ވިދާޅުވިއެވެ. "އޭތް ހިތްވަރުގަދަ ޣާޒީއެވެ! އަހަރެން ކަލޭގެ ތިޔަ ހިތްވަރުގަދަ ކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރަމެވެ. އަދި ތިޔަކަމަށް ވަރަށް ބޮޑު އިނާމެއްދޭން ގަސްތުކުރަމެވެ. މޫނު ނިވާކޮށްފައި ތިޔަހަރަ ފޮތިގަނޑު ނިކަން ނަގާބަލާށެވެ. ނަން ބުނެދީ ބަލާށެވެ.

ޚާލިދުބުނުލް ވަލީދުގެ މި ބަސްފުޅުތައް އައްސަވާފައި މޫނު ނިވާކޮށްގެން ހުރި މުޖާހިދު ޖަވާބުދިނެވެ. "އޭ އަމީރުއެވެ! އަޅުގަނޑަކީ ފިރިހެނެއް ނޫނެވެ. ޟިރާރުގެ ދައްތަ ޙައުލާއެވެ. ރޫމީން އަޅުގަނޑުގެ ކޮއްކޮ ހައްޔަރު ކުރި ތަން ފެނުނީމާ އަވަހަށް އެމީހުންގެ ފަހަތުން ދިޔައީއެވެ. އަޅުގަނޑުގެ މަސައްކަތުން ކޮއްކޮ މިނިވަން ކުރުމުގައި ކާމިޔާބު ވީކަމަށްޓަކައި، މާތް ﷲ އަށް ޝުކުރު ކުރަމެވެ."

ޚާލިދުބުނުލް ވަލީދަށް މިއީ އަންހެނެއްކަން އެނގިވަޑައިގަތީމާ އެ ކުރި މޮޅު ކަންތަކަށް ވަރަށް ބޮޑަށް ތާރީފުކުރެއްވިއެވެ. ތެދެކެވެ. ދުނިޔެ ދެމިއޮތްހައި ހިނދަކު ޙައުލާ ބިންތު އަޒުދަރަށް، އެކަމަނާގެ ކުޅަދާނަފުޅުކަމާއި ހިތްވަރުފުޅަށް ތާރީފުކުރެވެމުން ދާނެއެވެ.
---------------------
(ނިމުނީ)

މި ލިޔުން:
      އަލުން ޓައިޕްކުރުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
      އަލުން ބެލުން:       ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
      ޝާއިޢުކުރުން:        ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ