އަދުގެ ޚާއްސަ

Print

ކޯރުގެ އާ ނަން

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ



ޢަބްދުﷲ ޞާދިޤު

   
މުޢާވިޔަތުގެފާނުގެ ނަންފުޅު އަހަރެމެން އަހަމުއެވެ. އެކަލޭގެފާނަކީ، ޚަލީފާވެރި ބޭކަލުންގެ ޒަމާނުގައި ޝާމުކަރައިގެ ގަވަރުނަރެވެ. އެއީ އޭރު އިސްލާމީ ވެރިކަމުގެ އެއްބައެވެ.

ޢަލީގެފާނު ޝަހީދުވެ ވަޑައިގަތުމަށްފަހު، އެކަލޭގެފާނުންގެ ދޮށީ ދަރިކަލުން، ޙަސަނުގެފާނު، މުޢާވިޔަގެފާނަށް ބައިޢަތު ހިއްޕެވިއެވެ. އެއީ، އިސްލާމީވެރިކަމުގެ ވެރިޔަކަށް ވެވަޑައިގަތުމަށެވެ. އެހެން ގޮތަކަށް ބުނާނަމަ އިސްލާމުންގެ ޚަލީފާއަކަށް ވެވަޑައިގަތުމަށެވެ. މިގޮތުން އެކަލޭގެފާނު އިސްލާމުންގެ އެންމެ ބޮޑު ވެރިޔަކަށް ވެވަޑައިގަތީއެވެ.

މުޢާވިޔަތުގެފާނުގެ ޒަމާނުގައި އިރާގުގައި އެކަލޭގެފާނު ބަހައްޓަވާފައި ހުންނަ ގަވަރުނަރެއް ހުރެއެވެ. އޭނާގެ ނަމަކީ، ޒިޔާދު ބުނު އަބީހިއެވެ. އެއްފަހަރަކު ޒިޔާދަށް އަމީރު މުޢާވިޔާ މަޢުގަލްކޯރު ސާފުކުރެއްވުމަށް އަމުރުކުރެއްވިއެވެ.

މިއީ، ބަސަރާއާއި ދާދި ކައިރީގައި އުމަރުގެފާނު ކޮންނަވާފައި އޮތް ކޯރެކެވެ. އެކޯރުގެ ސަބަބުން އެހިސާބުގެ ދަނޑުވެރީންނަށް ވަރަށް ފައިދާކުރެއެވެ. މަޢުގަލް ކޯރުން ދަނޑުވެރިން، ބަގީޗާތަކަށާއި ދަނޑުތަކަށް ފެންދީ ހަދައެވެ. އެކަށީގެންވާ ވަރަށް ފެން ލިބުމުގެ ސަބަބުން ދަނޑުތައް ނުހަނު ރަނގަޅެވެ. ނަމަވެސް ދުވަސްކޮޅަކުން ވީގޮތަކީ، ކޯރު ސާފުކުރުމަށް ސަމާލުކަމެއް ނުދެއެވެ. މިހެންވެ އެތަން އޮތީ ވެލިފައިބާ ބެދޭން ދާދި ގާތްވެފައެވެ.

އަމީރު މުޢާވިޔަތުގެފާނު ކޯރު ކޮނެ ސާފުކުރުމަށް އަމުރު ކުރެއްވީމާ ގަވަރުނަރު ޒިޔާދު ހިތްޕުޅަށް އެރިއެވެ. އަހަންނަކީ، މިތާނގެ ވެރިމީހާއެވެ. މިކޯރު ސާފުކުރުމުގެ ކަންތައް މިހިނގަނީ އަހަރެންގެ ބެލުމުގެ ދަށުންނެވެ. ވީމާ، ކޯރު ސާފުކޮށް ނިމުނީމާ، އެތާނގެ ކުރީގެ ނަން އަހަރެންގެ ނަމަށް ބަދަލުކޮށްލާނީއެވެ. އެއީ އަހަރެންގެ ހަނދާނެއް ދެމެހެއްޓުމުގެ ގޮތުންނެވެ.

ކޯރު ސާފުކުރުމުގެ މަސައްކަތް ނިމިއްޖެއެވެ. ރަނގަޅަށް ފެން ހިނގައިގެންފިއެވެ. އެވަގުތު ގަވަރުނަރު އަމުރުކުރެއްވިއެވެ. "މިހާރު މިކޯރަށް "މަޢުޤަލްކޯރޭ" އެއްވެސް މީހަކު ކިޔައިގެން ނުވާނެއެވެ. މީގެ ފަހުން މިކޯރުގެ ނަމަކީ ޒިޔާދުކޯރެވެ."

ގޮވާމީހާ، މުޅި ރަށުގައި މިހެން ގޮވައިފިއެވެ. މިއަމުރު ހިންގަން ތިބި މީހުންވެސް މީގެފަހުން ޒިޔާދުކޯރު ނޫންގޮތަކަށް އެކޯރުގެ ނަން ނުކިއުމަށް އެންމެނަށް އަންގައިފިއެވެ.

ގަވަރުނަރު ޒިޔާދު ބުނި އަބީހި ހުންނެވީ ވަރަށް އުފާފުޅުންނެވެ. އެއީ، އޭނަ މަޝްހޫރުވެވަޑައިގަތުމަށް މި ކުރެއްވުނު މަސައްކަތް މޮޅުކަމުންނެވެ. ނަމަވެސް ކަންވީގޮތަކީ މި އިޢުލާނުގެ ފަހުންވެސް އެކޯރަށް، މީހުން ކިޔައި އުޅުނީ މަޢުޤަލް ކޯރެވެ. މީުންގެ ދުލުގައި ހިފެހެއްޓުމަކީ އެކަކަށްވެސް ކުރެވޭނެ ކަމެއްނޫނެވެ. ވުމާއެކު ގަވަރުނަރަށްވެސް ކުރައްވާނެ ކަމެއް އެނގިވަޑައިނުގެން ހުންނެވީއެވެ.

ސަރުކާރުގެގޮތުން، ރަސްމީގޮތުން ގަވަރުނަރުގެ ބޭނުންފުޅު ފުދިވަޑައިނުގަތީމާ، އޭނާ ސަރުޚާރުގެ ދަރަޖަވެރީންނާ މިކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މިތަނުން ވަރަށް ބުއްދިވެރި އޮފިސަރަކު ދެންނެވިއެވެ. "އެކޯރަށް ނަންދެއްވީ މާތް ރަސްކަލާނގެ ރުއްސުންލެއްވި ޢުމަރުގެފާނެވެ. އެކޯރުގެ ނަން އެހާ މަޤްބޫލުވެގެން އެއުޅެނީ އެހެންވެއެވެ. ތިޔަ މަޢުޤަލް ކޯރަށް ޒިޔާދު ކޯރު ކިއުއްވުމުގެ ޚިޔާލު ދެން ދޫކޮށްލައްވާށެވެ."

އެވާހަކަ މުޅީން ރަނގަޅެވެ. ނަމަވެސް ޒިޔާދުގެ ވިސްނުންފުޅަކަށް، އެކަމެއް ނުވާނެއެވެ. އޭނާ ވިދާޅުވިއެވެ. "މީގައި އެއްވެސް ފަރަގެއްހުރި ކަމަކަށް އަހަންނަކަށް ނުވިސްނެއެވެ. ކޯރުގެ ފުރަތަމަ ނަން ދެއްވީ ޢުމަރުގެފާނެވެ. މިހާރު އަހަރެމެން ބަލަންވީ ކޯރުގެ ނަން ޒިޔާދު ކޯރަށް ބަދަލުކޮށްގެން މީހުންލައްވާ ކިޔުއްވޭތޯއެވެ." މިހެން ވިދާޅުވުމުން އެންމެން ހަމަހިމޭން ވެއްޖެއެވެ.

ކޯރުން ރަނގަޅަށް ފެންލިބެން ފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޒިޔާދު މިހާރު ޚިޔާލުކުރައްވާގޮތުގައި އެކޯރަށް މިހާރު ކިޔާނީ ހަމަގައިމުވެސް ކޯރުގެ އާނަމެވެ. މިހެން ހީކުރައްވާފައި ހިތްހަމަޖައްސަވާ ލެއްވުމަށްޓަކައި، އެއްދުވަހަކު އޮފިސަރަކަށް އަސްރަފީ ކޮތަޅެއް ދެއްވާފައި ވިދާޅުވެއްޖެއެވެ. ކޯރުގެ އައްސޭރީން މަޑުމަޑުން ހިނގަމުންދާށެވެ. ފެންނަ ކޮންމެ މީހަކާ އެކޯރުގެ ނަމުން ސުވާލުކުރާށެވެ. ކޯރުގެ ނަމަކީ، މަޢުޤަލް ކަމަށް ބުނެފިނަމަ ދާގޮތަށް ދާށެވެ. ކޯރުގެ އާނަން ބުނެފިނަމަ އެމީހަކަށް މިކޮތަޅު ދޭށެވެ.

ގަވަރުނަރުގެ އަމުރުފުޅާ އެއްގޮތަށް މި އޮފިސަރު ހެނދުނު ނުކުތްގޮތަށް ހަވީރު ވަންދެން ހިނގި އިރުވެސް ކޯރުގެ އާނަން އެނގޭ މީހަކު ހުރިކަމަކަށް ނުވިއެވެ.

އަނެއްދުވަހު، އޭނާ، ގަވަރުނަރުގެ އަރހަށް ޙާޟިރުވެއްޖެއެވެ. އޭރުވެސް ހަމަ ދެއްވިގޮތަށް އަސްރަފީކޮތަޅު އޮތެވެ.

ދެން ޒިޔާދަށް ޔަޤީންވެވަޑައިގަތީ މާތް ރަސްކަލާނގެ މާތް ކުރެއްވި ހެޔޮލަފާ އަޅުންގެ ޚާއްޞަ ހަނދާންތަކަކީ އެކަކަށް ވެސް ފޮހެލެވޭނެ އެއްޗެއް ނޫންކަމެވެ.
---------------------
(ނިމުނީ)

މި ލިޔުން:
      އަލުން ޓައިޕްކުރުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
      އަލުން ބެލުން:       ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
      ޝާއިޢުކުރުން:        ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ