އަދުގެ ޚާއްސަ

Print

ވެށި ޙިމާޔަތް ކުރެއްވުމުގައި އިންސާނިއްޔަތުގެ މުޙުސިނުގެ ދައުރު (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

މިޒަމާނުގެ ސައިންސާއި ޓެކްނޮލޮޖީގެ ތަރައްޤީގެ ޒަރީޢާއިން ޔޫރަޕް މާއްދީގޮތުން ކުރިއަރަމުން އައިއިރު ހަމައެ ބާރުމިނުގައި އަޚްލާޤީ ގޮތުންނާއި ރޫޙާނީ ގޮތުން ޔޫރަޕްދިޔައީ ދަށަށްދަމުންނެވެ.ޔޫރަޕްގެ މީހުން ވަނީ އެބައިމީހުންގެ ދީނީ ފޮތްތައް ވެސް އެބައިމީހުން ރުހޭގޮތްގޮތަށް ބަދަލުކޮށްފައެވެ. ތިމާމެންނަކީ ފިޠުރަތަށް ވުރެ މަތިވެރި ބައެއް ކަމަށް ދައުވާ ކުރަން ފަށާފައެވެ. ފިޠުރީ ހުރިހާ ވަސީލަތްތަކެއް އެބައިމީހުންގެ ބާރުގެ ދަށަށް ގެންގޮސް އެބާރުތަކަށް ވެރިވެގަތުމުގެ ދަހިވެތިކަމުގައި ހައްދުފަހަނަޅައި ގޮސްފައެވެ. އެކަމަށް ފެންބޮވައިގެންފައެވެ. މިއަދު ޔޫރަޕްގެ އިންސާނުންވަނީ ދުނިޔޭގައިވާ ހުރިހާ ޤުދުރަތީ ވަސީލަތްތަކެއް ކުޑަވެސް ބަލައިލުމެއްނެތި އިސްރާފުގެ ދަރަޖައަށް ބޭނުންކޮށްގެން ދުނިޔެ ހަލާކުގެ ވަޅުގަނޑެއްގެ ތުންފަތްމައްޗަށް ގެންގޮސްފައެވެ. މުޅިދުނިޔެ ކުޑަވެގެން ހުޅަނގުގެ ޤައުމުތައް ދަހިވެތިކަމުގެ ނަޒަރަކުން މިހާރު ބަލަމުން ގެންދަނީ ހަނދާއި ތަރިތަކާ ދިމާޔަށެވެ.

ނުހަނު ޙައިރާންކަމާއި ހިތާމަޔާއެކު ވިސްނައިލަންޖެހޭ ކަމެކެވެ. މީލާދީން ސަތާރަވަނަ ސައްތައިގައި ޔޫރަޕަށް އައި މަސައްކަތްތެރި ކަމުގެ އިންޤިލާބާ އެކު ޔޫރަޕު ކޮޕީކުރަން ދުނިޔެއަށްވަނީ މަޖުބޫރުވެފައެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެހެން ހުރިހާ ޤައުމުތަކެއްވެސް ދެލޯމަރައިލައިގެންތިބެ ޔޫރަޕްގެ ފަސްފަހަތުން ދުވަމުންދަނީއެވެ. ތިމާމެންގެ ރޫޙާނީ އަގުތަކާއި އަޚްލާޤީ އިންތައް އަމިއްލަޔަށް ސުންނާފަތި ކުރުމުގައި އެއްބަޔަކު އަނެއްބަޔަކާ ވާދަކުރަމުންދަނީއެވެ. ހުރިހާ ހުރަސްތަކެއް ގިރާކޮށް ޤުދުރަތީ ހުރިހާ ވަސީލަތްތަކެއް ހަމައެކަނި ތިމާމެންގެ ބާރުގެދަށަށް ގެންދާން ހޭބޯނާރައި މަސައްކަތް ކުރަމުން ގެންދަނީއެވެ.

އިންސާނާގެ ވަށައިގެންވާ މާޙައުލާމެދު އޭނާގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތާމެދު ފިކުރުހިންގާ ނިޒާމަކަށް މިއަދު ދުނިޔޭގައި އޮތްހައި ވެސް ނިޒާމަކީ ހަމައެކަނި އިސްލާމީ ނިޒާމެވެ. އިސްލާމީ ނިޒާމުގައި ވާގޮތުން އިންސާނުންގެ ދުނިޔަވީ ކާމިޔާބީއާއި، އުޚުރަވީ ނަސީބުވެރިކަމުގައި ޤުދުރަތީ މާޙައުލާމެދު އޭނާ ޒިންމާދާރުވި މިންވަރެއްވެސް މުހިންމު ދައުރެއް އަދާކުރެއެވެ. އިންސާނާގެ ވެއްޓާމެދު ރަޙްމަތްތެރި ގޮތެއްގައި މުޢާމަލާ ކުރުމަށް އިސްލާމީނިޒާމުގައި ދީފައިވާ ސަމާލުކަމުގެ ބޮޑުކަމުން އެ ނިޒާމު ޤަބޫލުނުކުރާ ފަރާތްތަކަށްވެސްވަނީ އިސްލާމީ ތަހުޒީބަކީ eco-friendly ތަހްޒީބެއް ކަމުގައި އިޢުތިރާފުވާން މަޖުބޫރު ވެފައެވެ. ތަރައްޤީގެ ނަމުގައި އިންސާނުންގެވެށި ހަލާކުކުރުމާ ދެކޮޅަށް އެންމެ ފުރަތަމަ އަޑު އުފުލާން ފެށިބަޔަކީ މުސްލިމް ސްކޯލަރުން ކަމަށް އިޢުތިރާފްވާން ޖެހިފައެވެ. ޔޫރަޕުގެ މެޝިނަރީ ތަހްޒީބުގެ ވިދުވަރުގައި ލޯތައް ތަރަތަރަލުމުގެ ސަބަބުން ޙަޤީގަތުގެ ނަޒަރުން ކަންކަމާމެދު ބެލުމުގައި ކަނުވެފައި ތިބި މީހުންނަށް ވެސްމެއެވެ.

ޝައްކެއްވެސްނެތެވެ. ދުނިޔޭގެވެށި ޙިމާޔަތްކުރުމަށްވެސް އެންމެފުރަތަމަ ބާރުއަޅުއްވަން ފެއްޓެވީ، އަދި އެންމެ ހަރުއަޑުފުޅަކުން އެކަމަށް ގޮވައިލެއްވީ އިސްލާމް ދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމައެވެ. އަޅުގަނޑު މި ދެންނެވި ދެންނެވުމަކީ ވަރަށްގިނަބަޔަކު ޙައިރާންކަމާއެކު ސުވާލުކުރާނެ ކަމެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އިކޮލޮޖީ (ecology) އާއި ސަސްޓެއިނެބިލިޓީ އެންޑް އެންވާރަމެންޓަލް އެވެއަރނެސް (sustainability and environment awareness) ފަދަ އިސްޠިލާޙުތަކަކީ މިޒަމާނުގެ އުފެއްދުންތަކަކަށް ވާތީއެވެ.

ނަމަވެސް ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅާއި އެކަލޭގެފާނުގެ އެކިއެކި އިރުޝާދުތަކާ މެދު ވިސްނައިލުމުން ދުވާލުގެ އިރު ފަދައިން ފާޅުވެގެންދާ ހަޤީޤަތަކީ ތިމާވެށި ރައްކާތެރިކުރުމަށް (protection of the environment) ވެސް އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރެއްވީ އެމާތް ސާހިބާ ކަމެވެ. އެކަލޭގެފާނު އިންސާނުންގެ އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށް މަގު ދެއްކެވި ފަދައިން އެކަލޭގެފާނަކީ ޙަޤީޤީ މާނައިގައި ތިމާވެށި ރައްކާތެރިކުރައްވަން މަސައްކަތްކުރެއްވި ބޭކަލެއް (environmentalist) ވެސް ކަމެވެ. ދެމެހެއްޓެނިވި ތަރައްޤީ (sustainable development) އާއި ތިމާވެއްޓާ ރައްޓެހިގޮތެއްގައި ވަސީލަތްތައް ބޭނުންކުރުމުގެ (environment-friendly resource management) ބާނީއަކީވެސް ހަމަ އެމާތްސާހިބާކަމެވެ.

ކީރިތި ޤުރްއާނުގެ ގާތްގަނޑަކަށް ތިން ސަތޭކަ ވަރަކަށް އާޔަތާއި ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވަރަށް ގިނަ ޙަދީޘުފުޅުތަކެއްގައި ވަނީ މާތްﷲ އިންސާނުންނަށް ދެއްވައިފައިވާ މާޙޫލުގެ ނިޢުމަތުގެ ވާހަކަ ބަޔާން ކުރައްވައިފައެވެ. އެ ނިޢުމަތުގެ ދާއިރާއަށް ގެނެވޭ ފަސާދައިގެ އަސަރު ފޯރާނެ ގޮތްތަކާ މެދު އިޝާރާތް ކުރައްވައިފައެވެ. ރަނގަޅު އުސޫލެއްގެ މަތީން މާޙޫލާމެދު ޢަމަލުކުރުމުގައި ދިރިއުޅުން ހޭދަކުރާނެ ގޮތުގެ އިރްޝާދު ދެއްވައިފައެވެ.

މި ދެންނެވި އާޔަތްތަކާއި ހަދީޘުފުޅުތަކުގެ އިޖްމާލީ ޚުލާސާއަކީ މިދަންނަވަނީއެވެ.

އަރަހުށި މާތްﷲ އުޑުތަކާއި ބިންތަކުގައި ވާހައި ތަކެއްޗެއް އުފައްދަވައިފައި ވަނީ ޢަދަދުތަކެއްގެ މައްޗަށް ބިނާކުރައްވައެވެ. އެތަކެތީގެ މެދުގައިވަނީ ވަރަށްފުރިހަމަ ވަޒަންހަމަކުރެއްވުމެއް ޤާއިމުކުރައްވައިފައެވެ. އެކަންކަން އެ ގޮތުގައި ދެމެހެއްޓުމަކީ އިންސާނާގެ ވާޖިބެކެވެ. ޤުދުރަތީ އުފެއްދެވުންތަކުގެ މެދުގައިވާ ތިލަފަތްހަމަކަން ނައްތައިލުމާއި، މާތްﷲ އުފައްދަވައިފައިވާ ސާފު ޠާހިރު މާޙޫލު ކިލަނބުކޮށް ހަޑިކޮށްލުމަކީ ފާފައެކެވެ.

ތިރީގައި މިވަނީ މިދެންނެވި އިރްޝާދުތަކުގެ އަލީގައި ތިމާވެށީގެ ދާއިރާގައި އިސްލާމް ދީނުގެ ނަބިއްޔާގެ ފުރިހަމަ އުސްވަތު ދެނެގަތުމަށް ކުރެވިފައި ވާ މަސައްކަތެކެވެ.

އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަސައްކަތްޕުޅު ކުރައްވައިފައި ވަނީ އިންސާނާއާއި ފިޠުރަތާ ދެމެދު ރީތި ގުޅުމެއް ޤާއިމް ކުރެއްވުމަށެވެ. އިތުރު ސާހިބާ އެކި ކަންކަމުގައި ޢަމަލު ކުރައްވައިފައިވާ ގޮތްކޮޅާއި ދެއްވައިފައިވާ އިރުޝާދުތަކަށް ވިސްނައިލުމުން ސާބިތުވަނީ އެކަލޭގެފާނަކީ ހަމައެކަނި އިންސާނިއްޔަތަށް އިޙްތިރާމް ކުރެއްވި ބޭކަލެއް ނޫންކަމެވެ. އަދިކީއްތޯއެވެ. ހުރިހާބާވަތްތަކެއްގެ ސޫފާސޫފިތަކަކަށާއި ގަސްގަހާ ގެއްސަށްވެސް އެތަކެއްޗަށް ލިބެން ޖެހޭ ރައްކާތެރިކަމާއި ޙިމާޔަތް ދެއްވި ބޭކަލެއް ކަމެވެ. ކުލުނާއި ޤަދަރު ބެހެއްޓެވި ސާހިބެއްކަމެވެ. އެކަލޭގެފާނުވަނީ ބިންބޭނުންކުރުމާއި، ގަސްގަހާގެހި އާލާ ކުރުމާއި، ދަނޑުފަނގަށް ފެންދިނުމަށްވެސް އުސޫލުތަކެއް ކަނޑައަޅުއްވައިފައެވެ. އިސްލާމީ ޝަރީޢަތުގެ ދާއިރާގެ ތެރެއިންވެސް އެކަންކަމަށް ދީނީފިޤްހުގެ މަޤާމު ދެއްވައިފައެވެ. އެކަންކަމަށް ފުރިހަމައަށް އިޙްތިރާމް ކުރެވުނުނަމަ މިއަދު އިންސާނުންނަށް ބިން ހަނަފަސްވުމުގެ މަސްއަލަތަކާ ކުރިމަތިލާކަށެއް ނުޖެހުނީހެވެ. ނަޢަމު ސޫތްޕާއި ދޫނި ސޫފާ ސޫތްޕަށް އެކަލޭގެފާނު ދެއްވި ޙައްޤުތައް އެތަކެއްޗަށް ދެވުނުނަމަ ބައެއް ބާވަތްތަކުގެ ދިރޭތަކެތި ދުނިޔެއިން ހުސްވެގެން ހިނގައިދާނެކަމުގެ ބިރާ ކުރިމަތިލާކަށެއް ނުޖެހުނީހެވެ. އެންމެހައި އިންސާނުން އެއްހިތްވެތިބެ އިތުރުސާހިބާގެ އިރުޝާދު ބޮލަރުވައިގެން އުޅުނުނަމަ މިއަދު ދުނިޔެއިން ފެނުނީހީ މިހާރަށްވުރެ މާރީތި، މާހިތްގައިމު މަންޒަރެކެވެ. ދުނިޔޭގެ ޗާޓު އޮތީހީ މިހާރަށް ވުރެ މާބޮޑަށް ވަޒަންތައް ހިފެހެއްޓިފައެވެ.

ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ ގެންގުޅުއްވި ވެށީގެ ފަލްސަފާއަކީ ވަރަށް ފުރިހަމަ ފަލްސަފާއެކެވެ. އެ ފަލްސަފާ ޤުދުރަތީ ހުރިހާ ވަސީލަތްތަކެއްގެ މެދުގައި އޮންނަ ގުޅުމާއި، އެތަކެތީގެޗޭނު އެކަތިއަނެކައްޗަށް ބަރޯސާވާ މިންވަރު ތަސްލީމު ކުރެއެވެ. އިންސާނުން ވިސްނައިލުމެއް، ސުމާރެއްނެތި ޤުދުރަތީ އެއްވެސް ޢުންޞުރެއް ބޭނުންކުރާން ފަށައިފި ނަމަ އޭގެނަތީޖާއެއްގެގޮތުން ޤުދުރަތީ ވަސީލަތްތަކުގެ ތިލަފަތްހަމަކަމަށް ބުރޫއަރައި ދުނިޔޭގެ ނިޒާމަށް ނުރައްކާ ވެދާނެކަން ކަށަވަރު ކޮށްދެއެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމުގެ އިރުޝާދު ދެއްވައިފައިވަނީ އެއްފަހަރަކު ދެ ފަހަރަކު ނޫނެވެ. އަދިކީއްތޯއެވެ. އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅުގައި އެއުޞޫލުތަކަށް ޢަމަލު ކުރެއްވިއެވެ. އެކަންކަމަށް އިރުޝާދުދެއްވިއެވެ.

ދުނިޔެއަށް ކުރިމަތިވެފައި ވާ ތިމާވެށީގެ ކާރިޘާގެ އެންމެ ބޮޑު ސަބަބަކީ އިންސާނާގެ އަތުން ތަފާތު މަޚްލޫޤާތުތައް އެއްވެސް ރަޙްމެއްނެތި މަރުވަމުން ދިޔުމެވެ. ކޮންމެ އަހަރަކުވެސް އެތަކެއްހާސް ވައްތަރުގެ ކުދިކުދިސޫފިތަކާއި ބިމުގައި ދިރިއުޅޭ ފަނިފަކުސައާއި، ދޫނިސޫފާސޫތްޕާއި، ގަސްގަހާގެހި މިވުޖޫދުން ހުސްވަމުން ނެތެމުން ދިޔުމެވެ. މި ބާވަތުގެ އެތައް ހާސް ބާވަތްތަކެއްވަނީ ހުސްވެނެތިދިޔުމުގެ މަގުމަތީގައެވެ. އެމަޚްލޫޤާތުތަކުގައި ލައްވައިފައިވާ ފައިދާތަކުން އެހެނިހެން މަޚްލޫޤާތުތައް މަޙްރޫމުވުމުގެ ކޮޅުމަތީގައެވެ.

އަޅުގަނޑުމެން ވިސްނައިލަންޖެހޭ ވަރަށްސީރިޔަސް މަސްއަލައެކެވެ. މާތްﷲ ދުނިޔޭގައި ލައްވައިފައިވާ މަޚްލޫޤާތުތަކުގެ ތެރެއިން އެންމެބާވަތެއް ދުނިޔެއިން ހުސްވިކަމުގައިވިޔަސް އެއާގުޅުންހުރި ސާޅީސްފަސް ވައްތަރެއްގެ މަޚްލޫޤާތުތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ.

ވެށީގެ ދާއިރާއަށް މިބޮޑު ސިންގާ މަސްއަލަ ކުރިމަތިވުމުގެ ސަބަބަކީ މާބޮޑު މުހިއްމުކަމެއްނެތި ޖަންގަލިތައް ކޮށައި ތުނިކުރުމެވެ. ދާދިއެއްބާވަތްތަކެއްގެ ދަނޑުވެރިކަމަށް މާބޮޑަށް ބާރުއެޅޭގޮތްވުމެވެ. އެކިއެކިބޭނުންތަކުގައި އިސްރާފުގެ ދަރަޖައަށް ޤުދުރަތީ ވަސީލަތްތައް ބޭނުންކުރެވެމުން ދިޔުމެވެ. ވެށި ކިލަނބުކުރުމެވެ.

ތިރީގައި މިވަނީ މިމޭރުމުން ކައުސާހިބާ ދެއްވައިފައިވާ ބައެއް އިރުޝާދުތަކެވެ. އެއިރްޝާދުތަކުން އެމާތް ސާހިބާގެ ރަޙްމަތުއްލިލްޢާލަމީންގެ ލަޤަބު އިތުރަށް ކަށަވަރުވެއެވެ. އެ މާތް ސާހިބާ އިންސާނުންނަކީ އެއް ޢާއިލާއެއް ކަމަށް ހެއްދެވުމަށް ބާރުއެޅުއްވި މިންވަރާއި ދިރުންހުރި ކޮންމެއެއްޗަކީ އަނެކައްޗަކަށް ފައިދާހުރި އެއްޗެއް ކަން ހާމަކުރައްވައިފައިވާލެއް ޞަރީޙަކަން ސާބިތުވެއެވެ.

ޤުދުރަތީ ވަސީލަތްތައް  ބޭނުންކުރުން


އިސްލާމްދީނުގެ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އިންސާނިއްޔަތަށް އެއްކައުވަންތަކަމުގެ ދަޢުވަތު ދެއްވިއެވެ. އެ ދަޢުވަތުގައި ވާގޮތުން އުޑުތަކާއި ބިމުގައި ވާހާއެއްޗެއް މިލްކުވެ ވޮޑިގެންވަނީ ﷲ އަށެވެ. ކޮންމެ އެއްޗަކާއި ކޮންމެ ކަމެއް އެންމެ ފުރިހަމަޔަށް ދެނެވޮޑިގެން ވަނީ އެކަލާނގެއެވެ. (އައްނިސާއު:126)

އަރަހުށި މާތް ﷲ އިންސާނާ އުފެއްދެވީ ބިމުގައިވާ އެކަލާނގެ ޚަލީފާއެއްގެ ޙައިޘިއްޔަތުންނެވެ. ކާއިނާތުގައި ލައްވައިފައިވާ ތަކެތި އިންސާނާގެ ތަޞައްރުފަށް ދޫކޮށްދެއްވިއެވެ. އިންސާނާއަށް ޚިދުމަތްތެރި ކޮށްދެއްވިއެވެ. ނަމަވެސް އިންސާނާއަކީ އެތަކެތީގެ މިލްކުވެރިޔާއެއް ނޫނެވެ. އަދިކީއްތޯއެވެ؟ މާތް ﷲ އޭނާއަށް ދެއްވީ އެތަކެތި ބޭނުން ކުރުމުގެ ހުއްދައެވެ. އެތަކެތީގެ ބޭނުންކުރިގޮތާމެދު އާޚިރަތް ދުވަހުން މަސްއޫލުވާން ޖެހޭނެކަން އެންގެވުމާއެކުގައެވެ. ބޮޑާވެ ކިބުރުވެރިވެނުގަތުމަށް ހަނދާންކޮށްދެއްވުމާ އެކުގައެވެ.

ޤުދުރަތީ ވަސީލަތްތައް ބޭނުންކުރުމުގެ ހުއްދަދެއްވުމުގެގޮތުން އިސްލާމްދީން އެކަށައަޅާ އުޞޫލާ ގުޅޭ ގޮތުން އިތުރު ސާހިބާ އިރުޝާދު ދެއްވައިފައިވާ ގޮތުގައި އެކެއްގެ ބާރުގެ ދަށުގައި ބޭއްވޭނީ އެމީހަކަށް ދިރުވައިއާލާކުރެވޭހާ ބިމެވެ. އެ މީހަކަށް ދިރުވައި އާލާނުކުރެވޭހާ ގިނަ ބިންތަކަށް ވެރިވެ އެ ބިންތައް ވީރާނާ ކުރުމަކީ އޭނާގެ ހައްޤެއް ނޫނެވެ. ސަބަބަކީ ކުރީން ވެސް ދެންނެވި ފަދައިން ޤުދުރަތީވަޞީލަތްތަކުގެ ބޭނުންކުރުމަކީވެސް ޙައްދެއް އޮންނަންޖެހޭކަމެކެވެ. އިންސާނާ އެކަމަށް މަސްއޫލުވާންޖެހޭ ކަމެކެވެ. އެއްވެސް ކަމެއްގައި އިންތަކާއި ޗާޓުތަކުން ބޭރުވުމަކީ އެކަކަށްވެސް ލިބިގެންވާ ޙައްޤެއްނޫނެވެ.
އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަޞައްލަމަ ވަނީ ބިންފިޔަވައި އެނޫން ޤުދުރަތީ ވަސީލަތްތައްވެސް އިންސާނުންގެ މެދުގައި ޢަދުލުވެރިކަމާއެކު ހަމަހަމަގޮތުގައި ބެހިގެންދާންޖެހޭނެކަމަށް އިރުޝާދު ދެއްވައިފައެވެ. އެކަމަށް ބާރުއަޅުއްވައި ހިތްވަރު ދެއްވައިފައެވެ. އިތުރުސާހިބާ ޙަދީޘުކުރެއްވިއެވެ. "މުސްލިމުންވަނީ ތިންކަމެއްގައި ބައިވެރިވެގެންނެވެ. އެއީ ސޫފިތައް ހުއިހައްޕާ ވިނަދަނޑުތަކާއި، ފެނާއި، އަލިފާނެވެ." (އަޙްމަދު، އަބޫދާއޫދު، އިބްނު މާޖާ) އިތުރުސާހިބާ އިރުޝާދު ދެއްވައިފައިވާ ގޮތުގައި ފެނުގެ ބޭނުންކުރުމާއި، އަލިފާނުގެ ބޭނުންކުރުމާއި، ސޫފިތައް ހުއިހައްޕާ ވިނަދަނޑުތައް ބޭނުންކުރުމުގައި އެންމެންގެ ޙައްޤު އެއްވަރެކެވެ.

ޢިލްމުވެރީން ވިދާޅުވާގޮތުގައި އިތުރުސާހިބާގެ މިޙަދީޘުފުޅުގައި އަންގަވައިފައިވާ އަލިފާނުގެ މާނައިގައި ހަކަތަ ނުވަތަ އެނަރޖީ (energy) ގެ ހުރިހާ ބާވަތްތަކެއް ޝާމިލުވެއެވެ. ސޯލަރ އެނަރޖީވެސް ހިމެނޭނީ އެންމެން ޙިއްސާވާ ވަސީލަތެއް ކަމުގައެވެ. އިތުރުސާހިބާގެ މިބަސްފުޅުން ދޭހަވަނީ މިބާވަތްތަކުގެ ބޭނުންކުރާންވާނީ ޢާއްމު މަންފާއަށް އެކަމުގެ ސަބަބުން ނޭދެވޭއަސަރެއް ނުކުރާގޮތަށްކަމެވެ. ހަމައެކަނި މިހާރުގެ ޖީލެއް ނޫނެވެ. އިންސާނުންގެ އަންނާން އޮތް ނަސްލުތަކަށްވެސް މިޤުދްރަތީ ވަސީލަތްތަކުގެ ފައިދާ ލިބިގަނެވޭނޭކަމުގެ ޔަޤީންކަން އޮންނަފަދަ ގޮތެއްގައިކަމެވެ. މި ވަސީލަތްތަކުގެ މައްޗަށް އެއްވެސް މީހަކު ވެރިވެގަނެ އަތްގަދަ ކޮށްލުމާއި، މުނާސަބުނޫން ގޮތްގޮތަށް މިވަސީލަތްތައް ބޭނުން ކުރުންވަނީ މަނާވެގެންނެވެ. ޤުދުރަތީގޮތުން ލިބޭންހުންނަ ފެނުގެ ވަސީލަތްތައް (ކޯރުތަކާއި، ފެންފެންގަނޑާއި، ބިމުގެ އަޑީގައި ވާ (aquifer) ފެނާއި ކަނޑުތަކުގެ) ބޭނުންކުރާންވާނީ އެންމެނަށް އެ ވަސީލަތްތައް ލިބިގަތުމާއި ފައިދާހޯދުން ޢާއްމުވާ ގޮތަށެވެ. އަލިފާން އެންދުމުގެ ހުރިހާ ވަސީލަތްތަކެއް (ލަކުނޑިއާއި، ބޯޓުދެއްޔާއި، ޕެޓްރޯލާއި، އިލެކްޓްރިސިޓީއާއި، ސޯލަރ އެނާރޖީއާއި) ގެ ކަންތައް އިންތިޒާމުކޮށް ބެލެހެއްޓުމަކީ ސަރުކާރުތަކުގެ ޙައްޤެކެވެ. ޖަންގަލިތަކާއި، ބޯޓުދެލިނަގާ ވަޅުތަކާއި، ތެޔޮވަޅުތަކާމެދު ފަރުދަކަށް އަމިއްލަ މިލްކުވެރިކަމުގެ ދަޢުވާ ކުރެވިގެން ނުވާނެއެވެ. މިތިން ވަސީލަތްވެސް ބޭނުންކުރެވޭން ޖެހޭނީ ޢާއްމު ފައިދާއަށް ޓަކައެވެ. ސަރުކާރުގެ ނިޒާމެއްގެ ދަށުންނެވެ. އެއްވެސް މީހަކާމެދު ބޭއިންސާފު ނުކުރެވޭ ގޮތަށެވެ. ދިގު މުއްދަތަކަށް ދެމެހެއްޓޭ ގޮތަށެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައިފައިވާ ގޮތުގައި ބިމަށް ވެސް ޙައްޤުތަކެއް ލިބިގެން ވެއެވެ. ހަމައެފަދައިން އެބިންމަތީގައިވާ ސޫފިތަކާއި ގަސްގަހާގެއްސާއި، ވެޔޮވެލާވެއްޔާއި، ފަތްޕިލާވެއްޔަށްވެސް ޙައްޤުތަކެއް ލިބިގެން ވެއެވެ. ބިމުގައި ލައްވައިފައިވާ ދިރުމެއްނެތް ތަކެއްޗަށްވެސް ޙައްޤުތަކެއް ލިބިގެންވެއެވެ. އިތުރުސާހިބާ ބިމާ މެދު ބައްލަވާފައިވަނީ އިންސާނުންގެ މަދަދުގާރެއްގެ ޙައިޘިއްޔަތުންނެވެ. އެހެންކަމުން ބިމާއި ބިމުގައި ލައްވާފައިވާ ތަކެތި މުނާސަބު ނޫން ގޮތްގޮތަށް ބޭނުންކުރުން މަނާކުރެއްވިއެވެ. ބިމާއި ބިންމަތީގައި ލައްވައިފައިވާ ތަކެތީގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުމަށް ބާރުއެޅުއްވިއެވެ.
-------------
 (ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ