އަދުގެ ޚާއްސަ

Print

މުދައްރިސް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ

 
ރޯޒީ ޝަރީފު

އޭނާ ރީއްޗެވެ. ފަރި އެވެ. އަސަރުގަދަ އެވެ. ފެންނަ އިރަށް އަޅައިގަންނަ ގޮތެއް ހުރެއެވެ. ޒުލްފާ ކުލާސް ގޮޑީގައި ހަމަޖެހިލަމުން ވަށައިގެން ހޯދައިލި އެވެ. އޭނާ މި ހޯދަނީ އޭނާއަށް އިއްޔެ ފެނުނު، އަލަށް ސުކޫލަށް ވަން، މުދައްރިސެވެ. އޭނާޔަކީ ނޯވޭގެ ރައްވެއްސެކެވެ. އޭނާގެ ނަމަކީ ރިޗަރޑް މެތިޔުސް އެވެ. މިއަދަކީ ޒުލްފާ ސުކޫލަށް ގަޑިޔަށް އައި ފުރަތަމަ ދުވަހެވެ. ސަބަބަކީ ވެސް ރިޗަރޑްސޯ ކަމަށް ވެދާނެއެވެ. ޙަޤީޤަތުގައި ޒުލްފާ ކިޔަވާ ހިތެއް ނުވެއެވެ. މިހާރު ވެސް ގުރޭޑް 9 ގައި އޭނާ ރިޕީޓްކުރާތާ މިއީ ތިންވަނަ އަހަރެވެ. ޒުލްފާ ވެސް އޭނާގެ މައިންބަފައިންގެ އަތުން މިބޭކާރު ޚަރަދު ކުރުވޭތީ ދެރަވެއެވެ. އެހެނަސް ކިޔެވުމަކީ މަޖްބޫރު ކަމެއް ކަމަށް މިއަދު އޭނާޔަށް މި އޮތީ ވެފައެވެ.
 
ޒުލްފާ އެންމެ ގަޔާވެގެން ކިޔަވާ މާއްދާ އަކީ ރިޗަރޑް މެތިޔުސްކިޔަވައިދެއްވާ މާއްދާ ކަމަށްވާ ކެމިސްޓުރީއެވެ. އަސްލުގައި ބުނާ ނަމަ އެއީކުރިން އޭނާޔަށް އެންމެ ފޫހި މާއްދާ އެވެ. އަދި އޭނާ އެފޮތާ މެދު ވެސް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އެކަމަކު މިހާރު އޭނާގެ އަތުގައިވާ އެންމެ ރީތި ގަނޑު ލައިފައިވާ އެންމެ ރީތި ފޮތަކީ ކެމް ފޮތެވެ. މި ކަމާ ކުލާހު އެހެން ކުދިން އޭނާޔާ ވަރަށް ދިމާކޮއް ހަދައެވެ. ރިޗަރޑް ސޯޔާ އޭނާގެ ނަން އަޅުވައި ކިޔޭކަމަކީ އޭނާ ވެސް އެދޭގޮތް ކަމުން ކުދިން ދިމާކުރުމުން ހީލައިފައި އެކަމުން އޭނާ މީރުކަމެއް ލިބިގަނެއެވެ. އޭނާ އެންމެ ރުޅި ގަދަވާކަމަކީ އެމާއްދާ އޮންނަ ގަޑި އެހާ ލަސްވާތީ އެވެ. ސަބަބަކީ ގެއިން ތާޒާވެލައިގެން ފުއްޖަހާލައިގެން އޭނާ އެއަންނަނީ އެންމެ މީހަކަށް ޓަކައިވީއްޔާއެވެ. އެކަމަކު އޭނާޔަށް ރިޗަރޑް ސޯ ފެންނަނީ ވެސް ތިން ހަތަރު ޕީރިއެޑް ނިމިގެން ދާފަހުން ނެވެ. އެކަމަކު ވެސް އޭނާ ބަހަނާޔެއް ދައްކައިލައިފައި އެ ގަޑި ޖެހުމުގެ ކުރިން ފާހާނާ އަަށް ގޮއްސަ ތައްޔާރުވެލައެވެ. މީރުވަސް ދުވާ ސެންޓުން ޔުނިފޯރމް ފުރައިލައެވެ. މިކަމަށް ވަގުތު ކޮޅެއް ހޭދަވެއެވެ. ނަތީޖާ އެއްގެ ގޮތުން ރިޗަރޑް ސޯ ކުލާހަށް ވަންނަ އިރު ވެސް ބައެއް ދުވަހު އޭނާޔަށް ހުރެވެނީ ފާހާނާގައެވެ. އެކްސްކިޔުސް ކިޔައިފައި ކުލާހަށް ވަންނަމުން ތަފާތު ފަރި ޙަރަކާތްތައް އޭނާ ރިޗަރޑް ސޯޔަށް ދައްކައިލަން ކޮށްލައެވެ. އެކަމަކު ހިތާމަޔަކީ އޭނާގެ އެއްވެސް އަދާއަކާ ރިޗަރޑް ސޯ ޝައުގުވެރި ނުވާ ކަމެވެ. ވާނީ ވެސް އެހެން ނޫންތޯ އެވެ؟ އޭނާގެ ކިބައިގައި އޮތީ ކޮން ޚާއްޞަ ކަމެއް ހެއްޔެވެ! ބަޔަކު އަޅައިގަންނާނީ ވެސް ތަންކޮޅެއް ކިޔެވުމަށް މޮޅު ކުއްޖެއް ނަމަ ތާ އެވެ! ރިޗަރޑް ސޯ، ކުލާހުގައި ތިބޭ މޮޅު ކުދިންނަށް ޚާއްޞަ ގޮތެއް ބަހައްޓާކަން ފުރަތަމަ ދުވަހުން ފެށިގެން އޭނާޔަށް އެނގުނެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ ރިޗަރޑް ސޯގެ ސަމާލުކަން ހޯދާނެއެވެ. މިއަދު ނޫނީ މާދަމާ އެވެ.

އޭނާ ހުރިހާ މާއްދާޔަކަށް ސަމާލުކަން ދޭން ފެށިއެވެ. އިސާހިތަކު އޭނާގެ ހުރިހާ ފޮތްތައް ރީތި ގަޑު ލެވި ސާފު ވެއްޖެއެވެ. ވަރަށް ބުރަމަސައްކަތުން ހުރިހާ ފޮތްތަކުގައި އޭނާ ފިލާވަޅު ހަމަ ކުރިއެވެ. އޭނާ އަބަދު ކިޔަވަން އިންނަތަން ގޭ މީހުންނަށް ފާހަގަކުރެވުނެވެ. އަޖައިބު ވެގެން އެ މީހުން އެ ވާހަކަ ދެއްކިއެވެ. އުފާ ފާޅުކުރިއެވެ. ހިތްވަރު ދިނެވެ. ކުލާސް ބައެއް ކުދިން މިކަމާ އުފާކުރި އިރު އަނެއްބައިކުދިން މިކަމާ ބިރުގަތެވެ. އެމީހުންނަށް ކުލާހުން އޮންނަ ނަން ގެއްލިދާނެތީ އެވެ. އިސާހިތަކު މުޅި ކުލާހުގައި ކިޔެވުމުގެ ވާދަވެރި ރޫޙެއް އުފެދުނެވެ. ހަމައެކަނި ތަފާތަކީ މާނައެވެ. އޭނާ ކިޔަވަނީ މީހެއްގެ ކުރިމަތީ ނަންމޮޅު ކުރުމަށެވެ. މަގުބޫލު ވުމަށެވެ. ސަމާލުކަން ހޯދުމަށެވެ. އެހެން ކުދިން ކިޔަވަނީ ކުލާހުގެ އެހެން ކުދިންނަށް ވުރެ މޮޅުވުމަށެވެ.

އިސާހިތަކު ޒުލްފާ ގެ އުއްމީދު ފުރިހަމަ ވާންފެށިއެވެ. މަޑުމަޑުން ރިޗަރޑް ސޯގެ ސަމާލުކަން އޭނާ އަށް ލިބެން ފެށިއެވެ. ރިޗަރޑް ސޯގެ އެކަންޏެއްނޫނެވެ. ހުރިހާ ޓީޗަރުން އޭނާޔާ ވަރަށް ގާތްކޮށް ވާހަކަ ދައްކައެވެ. އޭނާ ފިލާވަޅު ހަދާ ގަޑިޔަށް ސަމާލުކަން ދޭތީ ހިތްވަރުދީ އެކަން ފާހަގަކޮށް ވާހަކަ ދައްކައެވެ. އެ އަހަރު އޭނާ އިމްތިޙާނުގައި ބައިވެރިވީ ބައިވެރިވާ ހިތުން ނެވެ. ނަތީޖާ އެއްގެ ގޮތުން މުޅި ކުލާހުންނާއި، ސުކޫލްގައި ވެސް ތިބި މޮޅު ކުދިންގެ ލިސްޓުގައި އޭނާ ހިމެނުނެވެ. ރިޗަރޑް ސޯ ފިނފެންމާ ބޮނޑިޔަކުން އޭނާއަށް މަރުހަބާ ކީ ދުވަހު އޭނާގެ މުޅި ކާއިނާތު ބަދަލު ވިއެވެ. އުފަލުން އޭނާގެ ލޮލުން ކަރުނަ ފާއްދައިލި އެވެ. ރިޗަރޑް ސޯ ހީކުރީ އެއީ ފާސްވީމާ އޭނާގެ ލޮލުން ފާއްދައިލި ކަރުނަ ކަމަށެވެ. އެހެނަސް ހަގީގަތަކީ އޭނާގެ ލޮލުން ކަރުނަ އައީ އުފަލުން ނެވެ. އެހެނަސް ރިޗަރޑް ސޯ  މާބޮނޑި ދިނީތީ ވީ އުފަލުން ނެވެ.

އޯލެވެލް އިމްތިހާނު ކައިރިވީ ވަރަކަށް ހުރިހާ މުދައްރިސުން ކުދިންނާ އިތުރު ގަޑިތަކުގައި ބައްދަލުކޮށް ތަމުރީނު ދެމުން ގެންދިޔަ އެވެ. އޭނާ އަޒުމް ކަނޑައެޅިއެވެ. އެންމެ ފަހު އިމްތިޙާން އޮންނަ ދުވަހު އޭނާ ރިޗަރޑް ސޯ އާއި ބައްދަލު ކުރުމަށް ފަހު ހުރިހާ ވާހަކައެއް ކިޔައިދޭނެ އެވެ. އޭނާގެ ހިތުގައި ރިޗަރޑް ސޯ އާ މެދު ހިނގަމުން އަންނަ ޝުއޫރުތައް އޭނާ ބަންޑުންކޮށްލާނެ އެވެ.

އޭނާއާއި ސަމާއާ ދެމީހުން ރިޗަރޑް ސޯ ގެ ގެޔަށް ދިޔައެވެ. ފިނިފެންމާ ހިފައިގެންނެވެ. ދޮރުގައި ޓަކިދިނުމާ އެކު ދޮރު ހުޅުވީ ރީތި އަންހެނެކެވެ. ރަންކުލައިގެ އިސްތަށިގަޑެއް ލައިފައިވާ، ކުޅެން ގެންގުޅޭ ބުދެއްކަހަލަ އަންހެން ކުއްޖެކެވެ. އެކުއްޖާ ރިޗަރޑް ސޯ އަށް ގޮވާލިއެވެ.

"ރިޗާރޑް ޑާރލިންގް އަހެރެންނަށް ހީވަނީ ކަލޭގެ ދަރިވަރުންތަކެއް ހެން މި ތިބީ އައިސް" ރިޗަރޑް ސޯ ކައްކަން ހުރެފައި އަތްފޮހެމުން ނިކުތެވެ. އަދި އޭނާގެ އަންހެނުން މާގުރެޓް އެމީހުންނަށް ތަޢާރުފު ކޮށްދިނެވެ. އަދި މާގުރެޓް އަށްވެސް ޒުލްފާ މެން ތޢާރުފުކޮށްދިނެވެ. ޒުލްފާ މާބޮނޑި މާގުރެޓާ ދިމާއަށް ދިއްކޮށްލިއެވެ. ރިޗަރޑް ސޯ އޭނާ ގެ އަންހެނުން މާގުރެޓް މާލެއައި ކަމުގެ އުފަލުގައި މާބޮޑިޔެއް ހިފައިގެން އައިތީ ޒުލްފާ މެންނަށް ޝުކުރު އަދާކުރިއެވެ. މާގުރެޓް މާލެއައިކަން ޒުލްފާ މެނަށް އެނގުނީތީ އޭނާ ހައިރާންވި އެވެ. މާގުރެޓް އެއައީ ވެސް އަދި ރޭގެ ދަންވަރު ފުލައިޓުން ވިއްޔާއެވެ. ޒުލްފާ ސަމާގެ ކޮނޑުގެ އެހީހޯދިއެވެ. އެގެއިން ބޭރަށް ނިކުމެފައެވެ. އޭނާ އަރިއަޅައިލީއެވެ. ސަމާ ހަޅޭއްލަވައިގަތް އަޑަށް ރިޗަރޑް ސޯ ބޭރަށް ނިކުތެވެ. ޒުލްފާ ވެއްޓިފައި އޮތް ތަން ފެނިފައި ކައިރިޔަށް ގޮސް ޒުލްފާ އޭނާގެ އަތްދަނޑި މައްޗަށް ނެގިއެވެ. އަދި ގެޔަށްވެއްދުމަށްފަހު ޒުލްފާގެ ގޭމީހުންނަށް ސަމާ ގުޅިއެވެ. އަދި ކާރަކަށް ގުޅައިގެން އެންމެން ޒުލްފާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ރިޗަރޑް ސޯ ސަމާ ކައިރިން ވީގޮތް އޮޅުން ފިލުވިއެވެ. ސަމާއަކީ ޒުލްފާގެ ބެސްޓު ފުރެންޑް ކަމުން ހުރިހާ ކަމެއްސަމާއަށް އެނގެއެވެ. ފެށުނީއްސުރެ ނިޔަލަށް ސަމާ ހުރިހާ ވާހަކައެއް ރިޗަރޑް ސޯ އަށް ކިޔައިދިނެވެ. އެ ގެޔަށް މިއަދު އެމީހުން ދިޔަ ސަބަބުވެސް ބުނެދިނެވެ. އޭނާ ހައިރާންވެގެން ފުން ނޭވާއެއް ލިއެވެ. ތަފާތު ދުވަސްތަކުގައި ސުކޫލްގައި ހިނގައިފައިވާ ތަފާތު ހާދިސާތައް އޭނާ އަށް ހަނދާނަށް އަންނަމުން ދިޔަ އެވެ. ރިޗަރޑް ސޯ  ވެސް ލޮލުން ފައިބައިފައި ހުރި ކަރުނަ ފޮހެލިއެވެ.  އެވަގުތު ޑޮކްޓަރ އައިސް ޒުލްފާ ނިޔާވީކަމުގެ ހިތާމަވެރި ޚަބަރު ދިނެވެ. .އޭނާގެ ހިތަށް ޝޮކެއްލިބުނީ އެވެ. އެ ވަގުތު އޭނާގެ މައިންބަފައިން ވެސް އައިސް ތިއްބެވެ. ކަރުނައިން އެންމެންގެ ލޯ ތެންމައިލައިފައި އޭނާވަކިވެ ދިޔައީއެވެ.

އެއަހަރުގެ އޯލެވެލް ނަތީޖާ ލިބުނެވެ. ގަދަ ދހައެއްގައި ވެސް ޒުލްފާ ހިމެނުނެވެ. އެހެނަސް މިއަދު އުފާކުރާކަށް ޒުލްފާއެއް ނެތެވެ.

ރިޗަރޑް ސޯވެސް މާލޭގައި ހުންނަން ބޭނުން ނުވާތީ ސުކޫލުން ވަކިވެގެން އޭނާގެ ގައުމަށް އެނބުރި ދިޔައީއެވެ. ރާއްޖޭގައި މިވީ ދެއަހަރު ހަނދާން ނުފިލާވަރުގެ ހާދިސާއެއް އޭނާގެ ހަޔާތުގައި ހިނގީއެވެ. ރިޗާރޑްގެ ހުރިހާ ސަމާލުކަމެއް ހޯދުމަށްފަހު ޒުލްފާ ލޯމަރައިލީ އެވެ. މިއީ ތަގުދީރެވެ.

"ކަލާގެ ހިތުގައި މިނަން ނުވޭހޭ ސުވާލުކުރަމޭ ޖަވާބު ދޭށޭ....!" މިއީ އޭނާގެ ހަޔާތުގެ ފުރިހަމަ ނުވީ ޅެންބައިތުގެ ފުރަތަމަ ފޮޅުވަތެވެ.
---------------------
(ނިމުނީ)


މި ލިޔުން:
      ފޮނުވުން:           އަލްފާޟިލާ ރޯޒީ ޝަރީފު
      އަލުން ބެލުން:        ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
      ޝާއިޢުކުރުން:        ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ