އަދުގެ ޚާއްސަ

Print

މީރާޘުގެ ޙުކުމްތަކާއި އިސްލާމްދީނުގެ ޢަދާލަތްތެރިކަން

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދިރާސާ


އަލްއުސަތާޛު އިބްރާހީމް ރަޝީދު މޫސާ

ތަރިކަ މުދަލުގެ މަސްއަލަތަކުގައި އަންހެން ވާރުތަވެރިންނާއި ފިރިހެން ވާރުތަވެރިންނަށް ލިބޭ މިންވަރު ތަފާތުވަނީ ތިން މިންގަނޑެއްގެ ދަށުންނެވެ. އެއީ މައްޔިތާ އާ ހުރި ތިމާގެކަމުގެ ދަރަޖައާއި، ވާރުތަވެރިއާގެ ޖީލާއި،  ވާރިސަށް އުފުއްލަންޖެހޭ މާލީ މަސްއޫލިއްޔަތާއި އޭގެ ބުރަދަނުގެ ނިސްބަތުންނެވެ.

އިސްލާމްދީނަކީ އަންހެނުންނަށް ވަރަށް ބޭއިންސާފުދީނެއް ކަމަށް ހުޅަނގުން ކުރާ ތުހުމަތަކީ އައު އެއްޗެއް ނޫނެވެ.

އެމީހުންގެ ދީނުގައި، އަދި އެމީހުން  ޤަބޫލުކުރަމުން ދިޔަ އުޞޫލުތަކުގައި ހުރި އުނިސިފަތައް ފޮރުވުމަށްޓަކައި، އިސްލާމްދީނުގެ ބޮލުގައި މިފަދަ ތުހުމަތުތައް އަޅުވައިގެން އެމީހުންގެ ބޭއިންސާފުކަން ފޮރުވުމަށް މަސައްކަތްކުރެ އެވެ. މިގޮތުން ހުޅަނގުން ކުރާ ބާޠިލު ދަޢުވާތަކުގެ ތެރޭގައި ތަރިކަމުދާ ބެހުމުގައި އިސްލާމްދީން އަންހެނުން ވަރަށް ނިކަމެތިކޮށްލައިފައިވާ ވާހަކައަކީ ދޭތެރެ ދޭތެރެއިން ފެންމައްޗަށް  ނަގައި ތިލަކުރާ ވާހަކައެކެވެ.

ޑރ. މުޙައްމަދު ޢިމާރާ ފަދަ އިސްލާމީ މުފައްކިރުން ވިދާޅުވާގޮތުގައި، ވާރިސުންނާ ވާރިސާ އިންނަށް ތަރިކަ މުދަލުން ލިބޭ މިންވަރު ތަފާތުވަނީ އަންހެން ފިރިހެން ވެގެންނެއްނޫނެވެ. ތަރިކަމުދާބެހުމުގައި އިސްލާމީ ފަލްސަފާ އަށް ބަލާއިރު އޭގައި އިލާހީ ޙިކްމަތްތަކެއްވެ އެވެ. ރައްބާނީ މަޤްޞަދުތަކެއްވެ އެވެ. ވާރުތަމުދަލާ ބެހޭ އިލާހީ ޤަވާޢިދުތަކާ މެދު ފުންކޮށްވިސްނައިގެން މެނުވީ ﷲގެ މި ނިންމެވުންތަކުގެ އަމާޒުތައް ވިސްނައެއް ނުގަނެވޭނެ އެވެ. ފިރިހެނަކަށް ދެބައި އަންހެނަކަށް އެއްބައޭ ކިޔާފައި ފާޑުކިއިދާނެ އެވެ. އެކަމަކު މި ފާޑުކިއުމުން ބޭޒާރުވާނީ ހަމަ ތިމާ އެވެ. އެއިންއެނގޭނީ ތިމާގެ ޖާހިލުކަމެވެ. ތިމާގެ ފުންނާބު ތިރިކަމެވެ.
ވާރިސުންނާ ވާރިސާއިންގެ ޙިއްޞާއަށް ބަލާއިރު ތަފާތުވާ ތަފާތުވުމުގެ ފަލްސަފާ ބިނާވެފައި ވަނީ ތިން މިންގަނޑެއްގެ މަތީގަ އެވެ.

1-    ވާރިސުންނާ ވާރުތަކުރާ ފަރާތާ ( މައްޔިތާ އާ ) ދެމެދުގައިވާ ތިމާގެކަމުގެ ދަރަޖަ : ވާރިސާ، މައްޔިތާ އާ ދެމެދުގައިވާ ގުޅުމުގެ ދަރަޖަ ބޮޑުވިވަރަކަށް (ނުވަތަ ތިމާގެކަން ބޮޑުވިވަރަކަށް) ވާރިސަށް ލިބޭމިންވަރު އިތުރުވާނެ އެވެ. އެއީ އަންހެން ފިރިހެންކަން މަތީގައި އޮތްކަމެއް ނޫނެވެ.

2-    ވާރިސުގެ ޖީލު : ޙަޔާތަށް ފުރަގަސްދިނުމާ ކައިރީގައި ތިބޭ ޖީލުގެ ވާރިސުންނަށް ލިބޭ އެއްޗަކަށް ވުރެ ޙަޔާތާ ކުރިމަތިލާ (ނުވަތަ އިސްތިޤްބާލުކުރާ) ޖީލުގެވާރިސުންނަށް ލިބޭ މިންވަރު ބޮޑުވާނެއެވެ. އެއީ ޙަޔާތަށް ފުރަގަސްދޭ ޖީލުގެމީހުންނަށް އަމަލީ ޙަޔާތުގައިި އުފުއްލަންޖެހޭ ބުރަ ކުޑަވާނެތީއެވެ.  ގިނަފަހަރަށް އެފަދަ ޖީލުގެ ބުރަތައް އުފުއްލަންޖެހޭނީ ޙަޔާތާ ކުރިމަތިލާ ޖީލަށެވެ. މިޙާލަތުގައިވެސް އަންހެން، ފިރިހެން ކަމަކަށް ނުބެލެ އެވެ. މިސާލަކަށް މަރުވިމީހާގެ މަންމައަށް  ވުރެ، އަންހެންދަރިއަށް ލިބޭ މިންވަރު ގިނަވާނެ އެވެ. އެއީ ދެ އަންހެނުންނެވެ. މިތާނގައި މަންމައަކީ ޙަޔާތަށް އަލްވަދާޢުކިޔަމުންދާ މީހެކެވެ. އެކަމަކު އަންހެންދަރިއަކީ އަދި ޙަޔާތަށް ފަރިވަމުންދާ މީހެކެވެ. ހަމަ އެފަދައިން  މައްޔިތާގެ ބައްޕަ އަށް ވުރެ ގިނައިން އަންހެންދަރިއަށް ލިބޭނެ އެވެ. މިތާނގައި މައްޔިތާގެ ބައްޕައަކީ އަންހެންދަރީގެ ކާފަ އެވެ. މި އަންހެންކުއްޖާ ކިރުތުނބުން އަދި ނުވީއްލާ ތުއްތުކުއްޖެއްކަމުގައިވިޔަސް އެ ކުއްޖާއަށް ތަރިކައިން ދެބައިކުޅައެއްބައި ލިބޭނެ އެވެ. ފަހަރެއްގައި މިކުއްޖާގެ ކާފައަކީ މައްޔިތާގެ މުއްސަނދިކަމުގެ އަޞްލުކަމުގައި ވެސް ވެދާނެ އެވެ. ދެ ފިރިހެނެއްގެ ޙާލަތަށް ބަލާ ނަމަ ފިރިހެންދަރިއާއި ބައްޕަ މިސާލެއްކަމުގައި ހެދިދާނެ އެވެ. މި ޙާލަތުގައި ބައްޕައަށް (ފިރިހެންދަރީގެ ކާފައަށް) ލިބޭނީ އެންމެ ހަބައިކުޅައެއްބަ އެވެ.

މި ދެ މިންގަނޑަށް ބަލައިލުމުން އެނގެނީ އިސްލާމްދީނުގައި އައިސްފައިވާ ތަރިކަމުދަލާ ބެހޭ ފަލްސަފާއަކީ އެކަމުގައި އިލާހީ ޙިކްމަތްތަކެއް ހިމެނޭކަމެއްކަމެވެ.  ރައްބާނީ މަޤްޞަދުތަކެއް ހިމެނޭ ކަމެއްކަމެވެ. އެއީ އަންހެންވަންތަ ނުވަތަ ފިރިހެންވަންތަކަމާ ގުޅުންހުރިކަމެއްނޫންކަމެވެ.

3-    ވާރިސަށް އުފުއްލަންޖެހޭ މާލީ މަސްއޫލިއްޔަތާއި އޭގެ ބުރަދަން : އަންހެން ފިރިހެންކަމުގެ ތަފާތުކަން  ފާޅުވެދާނެ މިންގަނޑަކީ މި މިންގަނޑުކަމުގައި ވެދާނެއެވެ. މިކަމުގައިވެސް އަންހެނާއަށް އެއްވެސް އަނިޔާއެއް ނެތެވެ. އޭނާގެ ޙައްޤަށް އުނިކަމެއް ނެތެވެ.

ވާރުތަވެރިން، ގާތްތިމާގެކަމުގެ ދަރަޖާގައި އެއްވަރުވެފައި އަދި ޖީލުގެ ގޮތުން އެއްވަރުވެއްޖެނަމަ (މިސާލަކަށް މައްޔިތާގެ ދަރިން، ފިރިހެންދަރިންނާއި އަންހެންދަރިން) ތަރިކައިން ލިބޭމިންވަރު ތަފާތުވާނީ އެމީހަކު އުފުއްލަންޖެހޭ މާލީ ބުރައިގެ ސަބަބުންނެވެ. ތަރިކަމުދަަލާ ބެހޭ އާޔަތްތަކަށް ނަޒަރުހިންގައިލުމުން މި ތަފާތު ފިރިހެނުންނާ އަންހެނުންގެ މެދުގައި ޢާންމުކުރައްވާފައިވާ ތަނެއް ނުފެންނާނެ އެވެ. މާތްﷲ ވަޙީކުރައްވަނީ يُوصِيكُمُ اللَّهُ فِي أَوْلادِكُمْ لِلذَّكَرِ مِثْلُ حَظِّ الأُنثَيَيْنِ   النساء :11 – ތިޔަބައިމީހުންގެ ދަރިންނާ މެދު ﷲ ، ތިޔަބައިމީހުންނަށް އަންގަވަނީ ، އަންހެން ދެދަރިންގެ ބަޔާ އެއްފަދަ މިންވަރެއް ފިރިހެންދަރިއަށް ލިބިގެންވާކަމަށެވެ.  "މި އާޔަތުގައި މާތްﷲ  يوصيكم الله فى عموم الوارثين  އެކޭ ނާންގަވައެވެ. މި ޙާލަތުގައި އަންހެންދަރީގެ ބަދަލުވެރިއަކީ އޭނާގެ އަޚު (ފިރިހެންދަރި) އެވެ. ޝަރްޢީގޮތުން އަންހެންކުއްޖާ ބަލަހައްޓަން ޖެހޭނީ އަދި އެކުއްޖާއަށް  ޚަރަދުކުރަންޖެހޭނީ އެކުއްޖާގެ އަޚާއަށެވެ. އަންހެންކުއްޖާ ބޮޑުވެމީހަކާ އިންނަންދެނެވެ. މީހަކާ އިނުމުން ޚަރަދުކުރަން ޖެހޭނީ ފިރިމީހާއަށެވެ. ވީމާ، ޙަޤީޤަތަށް ބަލައިފި ނަމަ އަންހެންކުއްޖާއަށް ލިބުނު އެއްޗަކީ ރައްކައުކުރެވޭ އެއްޗެކެވެ. ޚަރަދުކުރަން ޖެހޭ އެއްޗެއްނޫނެވެ. 

ތަރިކަމުދަލުގެ މަސްއަލާގައި އަންހެނުންނާ ފިރިހެނުންގެ ޙިއްޞާގައި ތަފާތުކުރުމުގައި އިސްލާމްދީން ގެންގުޅޭ މިންގަނޑުތަކަކީ މިއީއެވެ. އިސްލާމްދީނުގެ ދުޝްމަނުންނަށާއި މި ދުޝްމަނުންގެ ވާހަކަތައް އަހައި އިސްލާމްދީނަށް ފާޑުކިޔާ މީހުންނަށް  މި މިންގަނޑުތައް  ރަނގަޅަށް އެނގޭހެނެއް ހިއެއްނުވެ އެވެ. ތަރިކަމުދަލާބެހޭ މަސްއަލަތައް ދިރާސާކުރައްވާ ބޭފުޅުންގެ ޚުލާޞާތައް ބުނާގޮތުގައި

ހ- ފިރިހެނަކަށް ލިބޭ މިންވަރުގެ ދެބައިކުޅަ އެއްބައި އަންހެނަކަށް ލިބޭނީ އެންމެ  4ޙާލަތުގައެވެ.
ށ-  މި ހަތަރުޙާލަތަށް ވުރެ މާގިނަޙާލަތްތަކުގައި އަންހެނާއަށާއި ފިރިހެނާއަށް ލިބޭ މިންވަރު އެއްވަރުވެފައިވެއެވެ.
ނ- ދިހަވަރަކަށް ޙާލަތުގައި ފިރިހެނާއަށް ލިބޭ މިންވަރަށް ވުރެ އަންހެނާއަށް ލިބޭ މިންވަރު ބޮޑެވެ.
ރ- ތިރީހަކަށް ޙާލަތުގައި ފިރިހެނާ އާއި އަންހެނާއަށް ލިބޭ މިންވަރު  އެއްވަރު ނުވަތަ އަންހެނާއަށް ލިބޭ މިންވަރު އިތުރު، ނުވަތަ އަންހެނާއަށް ލިބޭ، ފިރިހެނާއަށް ނުލިބޭ ޙާލަތުވެއެވެ.

ތަރިކަމުދާ ބެހުމުގެ އުޞޫލަށް ބަލާއިރު ތަރިކަމުދަލުން ކަނޑައެޅިފައިވާ މިންވަރެއް  ލިބޭ ބަޔަކު ވެއެވެ. މިމީހުންނަށް ފަރްޟުވެރިންނޭ ކިޔެއެވެ. މި ފަރްޟުވެރިންނަށް  ދީފައި ބާކީ ހުންނަ އެއްޗެއް ލިބޭމީހުންނަށް ޢަޞަބާއިންނޭ ކިޔެއެވެ. ތަރިކަމުދަލާ ބެހޭ މަސްއަލަތަކަށް ބަލާއިރު އަންހެނުންނަށް 17ޙާލަތެއްގައި ފަރްޟުވެރިންގެ ގޮތުގައި ބައި ލިބެއެވެ. އެކަމަކު ފިރިހެނުންނަށް ބައި ލިބެނީ އެންމެ ހަތަރު ޙާލަތުގައެވެ.

ޢަޞަބާއިންނަށް ބަލާއިރު ޢަޞަބާއިން ބެހެނީ ތިންބަޔަކަށެވެ. އެއީ (ހ) އަމިއްލަ ޛާތުގައި ޢަޞަބާއިންނާއި (ށ) އެހެންމީހެއްގެ ސަބަބުން ޢަޞަބާއިންނަށް ވާ މީހުންނާއި (ނ) އެހެންމީހަކާއެކު ޢަޞަބާއަކަށްވާ މީހުންނެވެ. ފުރަތަމަ ޙާލަތު، ފިރިހެނުންނަށް ޚާއްޞަވެގެންވާ އިރު،  ދެވަނަ ޙާލަތަކީ ފިރިހެނެއްގެ ސަބަބުން އަންހެނުން ޢަޞަބާއިންނަށް ހަދާދޭ ޙާލަތެކެވެ. ތިންވަނަ ޙާލަތަކީ އަންހެނަކާ އެކު އެހެން އަންހެނަކު ޢަޞަބާއަކަށް ވެގެންދާ ޙާލަތެވެ. އެހެންކަމުން ޢަޞަބާއިންގެ ޙާލަތުގައި އަންހެނުންގެ ޙިއްޞާމަދެކޭ ދެންނެވޭކަށް ނެތެވެ.

ވީމާ، އިސްލާމްދީން އަންހެނުންނަށް ބޭއިންޞާފު ވެފައިވާކަމަށް ބުނާ ބުނުންތަކަކީ ބުހުތާނުދޮގެއް ނޫންތޯ އެވެ.
----------------
 (ނިމުނީ)


މި ލިޔުން:

  ފޮނުވުން:  އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު)
  އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
  ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް

ހަމަމިގަލަމުން

އިދާރާ

ވާހަކަ