އަދުގެ ޚާއްސަ

Print

އަޅުގަނޑަށް ފެނުނު ތައިލެންޑު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

"އެއް ގޮތެއްގައި ހުންނަ އެއްޗެއް، އެ މީހަކަށް އިހްސާސްކުރެވޭ ގޮތުގެ ތަފާތުން އެ މީހަކަށް އެ އެއްޗެއް ސިފަވާ ގޮތް ތަފާތުވުމަކީ ވެދާނެ ކަމެކެވެ. މަޝްހޫރު ފިޒިކްސް ޢިލްމުވެރިޔާ އަލްބަޓް އައިންސްޓައިން (14 މާޗް 1879 - 18 އެޕްރީލް 1955) ގެ މަޝްހޫރު ނިސްބީ ނަޒަރިއްޔާ (Theory of relativity) ބިނާކުރައްވައިފައި ވަނީ މި ޙަޤީޤަތުގެ މައްޗަށެވެ.

ނަމަވެސް އޭގެ ކުރިން ޔޫނާން (ގްރީކް)ގެ މަޝްހޫރު ފައިލަސޫފު އަރިސްޠޫ (384 -322  މީލާދުގެ ކުރި) ވެސް ވަނީ މި ޙަޤީޤަތް ހާމަކުރައްވައިފަ އެވެ. އޭނާ އެކަން ސާބިތުކުރެއްވި ކަމަށް ވަނީ ލޯކަނު ފަސް މީހަކު ބޭނުންކޮށްގެންނެވެ." މި 5 މީހުން އެ މީހުންގެ ބީހުމުގެ ޙިއްސު ބޭނުންކޮށްގެން އެތެއް ސިފަ ކޮށްދިނީ ތަފާތު 5 ގޮތަކަށެވެ. އެ މީހަކަށް އެތް ސިފަކުރެވުނު ގޮތަކަށެވެ. އެހެންވީމާ "ކޮންމެ ކަމަކަށް ވެސް ވަގުތާއި ޙާލަތާއި ތަނުގެ ގޮތުން ތަފާތު އަންނަ ފަދައިން، އެ ކަމެއް އިހްސާސްކުރާ މީހާ، އެކަން އިހްސާސްކުރާ ގޮތުން، އޭނާގެ ސިކުނޑި އަށް އެ ކަމެއް ތަރުޖަމާވާ ގޮތް ތަފާތުވެދާނެ" ކަން އެބަ އެނގެއެވެ.

މެލޭޝިއާ އަކީ ވަރަށް ކުރިއަރައިފައިވާ ޤައުމެކެވެ. އިރުމަތީ އޭޝިޔާގައިވެސް ފާހަގަކޮށްލެވޭ ފަދަ ޤައުމެކެވެ. ނަމަވެސް އެތަނުން އަޅުގަނޑާ ދިމާވި ދިވެއްސަކު އަޅުގަނޑު ގާތު އެއް ދުވަހަކު ބުނެލިއެވެ. "މެލޭޝިޔާއަކީ ވަރަށް ފަޤީރު ވަރަށް ހަޑި، ނާތަހުޒީބު ތަނެއް ދޯ އެވެ؟" އޭނާ އެ ސުވާލު ކުރީ އޭނާ އަށް ފެނުނު ފެނުންތަކަށް ބަލައިފައެވެ. އެހެނީ އެއީ ބޯޓުދަތުރު ކުރާ ފަޅުވެރިއެކެވެ. އޭނާ އަށް އޭރު ފެނުނީ ހަމަ އެކަނި ކްލާންގ ގެ ބަނދަރެވެ. (ޕޯޓް ކްލާންގ އެވެ.) އެ ތާނގައި ހުންނާނާނީ ބޯޓު ފަހަރުން ބާލާ މުދަލާއި އެ ފާޑުގެ ތަކެއްޗެވެ. ރީތިކަމާއި ޒީނަތުގެ އެއްވެސް ކަމެއް އެތާކުން ނުފެންނާނެތާ އެވެ. އެހެންކަމުން އޭނާއަށް ފެނުނު ފެނުމުގެ މައްޗަށް ބަލަިގެން އޭނާ އިންސާފުކޮށްލީ އެވެ.

ތައިލެންޑާ ބެހޭ ގޮތުން އަޅުގަނޑުވެސް ލައްކަ ވާހަކަ ކުރިން އެހީމެވެ. އަހަމެވެ. ޚާއްޞަކޮށް އެތާނގެ ވެރިރަށް ބެންކޮކާ ބެހޭ ގޮތުންނެވެ. މިހެން ހުއްޓައި ބޭސް ފަރުވާ އަކަށް ބޭންކޮކަށް ދިޔުމުގެ ފުރުޞަތު ލިިބުނީ މި 2011 ވަނަ އަހަރު މެއި މަހު 6 ގައެވެ. ކުރިން ތައިލެންޑަށް ދެވުނެއް ކަމަކު ބެންކޮކަކަށް ނުދަމެވެ. މި ފަހަރު މި ދެވުނީ ތާއެވެ. އެހެންކަމުން އަޅުގަނޑަށް ފެނުނު ތައިލެންޑް ޚާއްޞަކޮށް ބެންކޮކް، ފަންވަތުގެ އަހުލުވެރީންނާ ޙިއްޞާކޮށްލާހިތް ވީ އެވެ. އެހެން މީހުންނަށް ތަޖުރިބާ ކުރެވިފައިވާ ބެންކޮކާ ތަފާތުވެދާނެ އެވެ. ނަމަވެސް އަޅުގަނޑަށް ފެނުނު ގޮތް އަޅުގަނޑު ހާމަކޮށްލާނަމެވެ. އެންމެ ރަނގަޅު ނޫންތޯ އެވެ؟

އަޅުގަނޑަށް ފެނުނީ ކުރިއަރައިފައިވާ ޤައުމެކެވެ. މޫނު އަލި ސާފު އަޚުލާޤު ރަނގަޅު ސުލޫކު ހުރި ރައްޔިތެކެވެ. މެހުމާންދާރީގައި ވަރަށް ޚާއްޞައެވެ. ބޭސްފަރުވާގެ ޚިދުމަތުގައި ދުނިޔޭގައިވެސް ވަނައެއް ލިބޭ ފަދަ ޤައުމެކެވެ.

އަޅުގަނޑު ދިޔައީ އެތެރެހަށީގެ ބޭސްފަރުވާ އަކަށް ކަމުން ގިނަ ވަގުތު ހޭދަކުރާން ޖެހުނީ ހޮސްޕިޓަލުގައެވެ. "ބުމްރުންގްރާޑް އިންޓަރނޭޝަނަލް" އަކީ ވަރަށް ބޮޑު ބިޔަ ހޮސްޕިޓަލެކެވެ. ޚިދުމަތްތައް ފުރިހަމަ އެވެ. ހަލުތްވެވެ. ކަންކަން ތަރުތީބެވެ. ސާފުތާހިރެވެ. ޚިދުމަތުގެ އަގު ބޮޑަސް އެހީތެރިކަމާއި އަޅައިލުން ބޮޑެވެ. ހިތް ހެވެ. ބޭނުން ނަމަ ޢަރަބި ތަރުޖަމާނުން ވެސް ތިބެނީ ތައްޔާރުގައެވެ. ޔޫރަޕްގެ އެކި ޤައުމުތަކުންނާއި މެދުއިރުމަތީގެ ޤައުމުތަކުން ވަރަށް ގިނަ ބަޔަކު އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުން ގެންދެ އެވެ. އެހެންކަމުން ތައިލެންޑަކީ ބޭސްފަރުވާގެ ދާއިރާގައި ވަރަށް ބޮޑަށް ކުރި އަރައިފައިވާ ޤައުމެއްކަން ފާހަގަކުރެވުނެވެ.

އަޅުގަނޑު އެންމެ ބޮޑަށް އަޅައިގަތީ، ނަމާދު ވަގުތުގައި އެ ގޮވާ ރީތި ބަންގީގެ އަޑު ރީތި ކަމުންނެވެ. ހިތަށް ޚުޝޫޢުވެރިކަން ވަންނަ ފަދަ ރީތި ލަހެޖާއަކުން ވިރުވައި އަޅަމުން ގެންދާ ބަންގީގެ ސަބަބުން ތައިލެންޑްގައި އިސްލާމީ ޝިޢާރު އުފެލިފައިވާ މިންވަރު ހާމަވި އެވެ.

ހޮސްޕިޓަލުން ހިނގައިލައިފައި ގެޔަށް ދިމަ މަގުމަތީގައި، ވިޔަފާރި އަޅައިގެން އިން ފަންނުވެރިޔަކާ ދިމާވެއްޖެ އެވެ. އޭނާ ދޭ ޚިދުމަތަކީ ތަޅުދަނޑިލާ އެއްޗެހީގައި ވަގުތުން ނަން އަޅައިދިނުމުގެ ޚިދުމަތެވެ. ބުނި ނަމެކެވެ. އޭނާގެ ދީވާނީ ޢަރަބި އަތު ލިޔުމަކީ ބަލައި ފޫހި ނުވާ ފަދަ ރީތި ލިޔުމެކެވެ. އެކަމަކު ހަމަ ތައިލެންޑްގެ ރައްޔިތެކެވެ. ޢަރަބި އަތު ލިޔުމަށް އޭނާ ހާދަހާ މޮޅީ އެވެ.

މެންދުރު ގަޑީގައި އެއްޗެއް ކައިލުމަށް ނުކުމެލީމެވެ. ފެނުނީ މުޅިންވެސް މެދުއިރުމަތީގެ މީހުން ހިންގާ ރެސްޓޯރަންޓަތަކެވެ. އިންޑިއާގެ މީހުން ހިންގާ ތަންތަން ވެސް މަދުމަދުން ފެނުނެވެ. ޢަރަބި އަކުރުން ލިޔެގފައިވާ ނަންބޯޑްތައް ބައިވަރެވެ. ރީތި ތަނަކަށް ވަދެއްޖައީމެވެ. އެ ތަނުން އިވެމުން ދިޔައީ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކެވެ.

އަޅުގަނޑަށް އަނެއްކާ މި ފެންނަނީ ތައިލެންޑް ބާވައެވެ. ނޫނީ "ޢަރަބި އިމާރާތް" (ޔޫއޭއީ) ބާވައެވެ؟ ނޫނެކެވެ! މިއީ ހަމަ ތައިލެންޑެވެ. ތައިލެންޑްގެ ވެރި ރަށް ބެންކޮކެވެ. އިސްލާމީ ވަސް ހިފައިފައި މި ވަނީ މި ތާނގައެވެ. ރީތި އަޚުލާޤާއި މާތް ސުލޫކު މި ފެނުނީ މި ތަނުންނެވެ.

މީސްމީހުން ކުރިން ދައްކާ ވާހަކަތައް އަޑު އިވިފައި އަޅުގަނޑު ތައިލެންޑް ދެކެ ކުރިން ވަރަށް ފޫހިވެ އެވެ. ނަމަވެސް ޞިއްޙީ ފަރުވާއަށް އެންމެ ރަނގަޅުވާނީ އެތަންކަމަށް ރަޙުމަތްތެރީންތަކެއް ލަފާ ދިނުމުން، އަދި އެ ބަޔަކު އެ ތަނަށް ދާތީ އަޅުގަނޑު ވެސް އެ ތަނަށް ދާން ޖެހުނީ އެވެ. ދެވުމުން މި ފެނުނީ މުޅިން އެހެން މަންޒަރެކެވެ. އިވުނީ އެހެން އަޑުތަކެކެވެ. ކުރިން ތައިލެންޑާ މެދު އަޅުގަނޑުގެ ހިތުގައި އޮތް ނަފުރަތު މިއަދު ވަނީ ލޯތްބަށް ބަދަލުވެފައެވެ. އެ ތަނުން ކާން ލިބެނީ މުޅަ ތަކެތި ކަމަށް ދައްކާ ވާހަކަ މިހާރު ދެން ޤަބޫލެއް ނުކުރެވޭނެ އެވެ. އެތާގެ މީހުންގެ ޣައިރު ސުލޫކާއި ބަދު އަޚުލާޤުގެ ވާހަކަ އަކީ އަޅުގަނޑަށް ޤަބޫލުކުރެވޭނެ ވާހަކަތަކެއް ނޫނެވެ.

އާދެ! އަޅުގަނޑަށް ފެނުނީ ވަރަށް ޞުލްޙަވެރި އަމާން، ޚުލްޤުހެޔޮ، މުސްލިމު ވެއްޓެއް ޤާއިމުވެފައިވާ ނަޔާ ތައިލެންޑެކެވެ. އަޅުގަނޑުގެ ހިތުގައި ކުރިން އޮތް ނަފުރަތު ލޯތްބަށް ބަދަލުވެފައިވާ ހިތްގައިމު ބެންކޮކެކެވެ.
-------------
(ނުނިމޭ)

މި ލިޔުން:

        ފޮނުވުން:      ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
        އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން)
        ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

ވާހަކަ