އަދުގެ ޚާއްސަ

Print

ދެފުށްކެހެރި

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދެފުށްކެހެރި އަކީ ދެ ފުށުން ތަތްލާ ކަހަލަ ޓޭޕަށް ދިވެހިން ކިޔަން ފެށި ނަމަކެވެ. "ޑަބަލް ސައިޑެޑް ޓޭޕް" އަށް ދެ ފަރާތުން ތަތްވާ ޓޭޕޭ ކިޔުމަށް ވުރެ ފަސޭހަ ގޮތަކަށް ނަން ކިޔުމަށް ޓަކައެވެ.  ދިވެހިންނަކީ ވަރަށް ފަސޭހައިން ނަން ހަދައިލާ ބަޔެކެވެ. އަޅުގަނޑުމެން ކުޑައިރު ބާޒާރުގައި ވިއްކަން ހުންނަ ގުޅަޔަކަށް ވެސް ވަރަށް ރީތި ނަމެއް ކިޔައެވެ. މި ދެންނެވި ފަދަ ގުޅަ ފުޅިއެއް، މީހަކު ބުނެގެން މަޖީދީ މަގު 70 ނަންބަރު ފިހާރައިން އަޅުގަނޑު ގޮސް ގަތް ހަނދާން މިހާރުވެސް އެބަ ހުއްޓެވެ. އެއީ އުނަގަނޑުގައި ރިއްސާތީ ކާ ބޭހެއް ކަމަށް އޭރު ކިޔައެވެ. މި ދެންނެވި ގުޅަޔަށް ނުވަތަ އެ ފުޅިޔަށް އިނގިރޭސި ބަހުން ކިޔަނީ "ކިޑްނީ އެންޑް ބްލެޑަރ ޕިލްސް" އެވެ. މިއީ ދިވެހިބަހުގެ އަހުލުވެރިންނަށް ދޫ މައްޗަށް ފަސޭހަ ނަމަކަށް ނުވާތީ ކިޔައިލަން ފަސޭހަ ގޮތަކަށް އެ ނަން ބަދަލުކޮށްލި އެވެ. އާދެ! އެއީތޯ އެވެ؟ އެއީ "ކިރިނީ ޕިރިސް" އެވެ. ފިހާރަތަކުގައި އިޝްތިހާރުކޮށްފައި އޭރު ހުންނަނީ ވެސް އެ ގޮތަށެވެ.

1970 ގެ އަހަރުތަކުގައި ދޯނިފަހަރު ގައި އިންޖީނު އަޅަން ފެށުމާއެކު އިންޖީނުގެ އެކި ބައިތަކަށް ކިޔާ ނަންތައް ވެސް "ދިވެހި"ވާން ފެށި އެވެ. "ހެނޑްލް" އަށް ހެންޑެއްޔެވެ. "މެކްސިމަމް" ސްޕީޑަށް "މެކުހަށް" ޖެހުމެވެ. "ޕިސްޓަން" އަށް ފިސްޓަނެވެ. "ޝާފްޓް" އަށް ސާފުޓެވެ. މިހެން ގޮސް ކިތަންމެ ނަމެކެވެ. މިއީ ވަރަށް ރަނގަޅު އުޞޫލެކެވެ. ދިވެހިބަސް މުއްސަނދިވާނީ، އަލަށް ތަޢާރުފުވާ ލަފުޒުތައް ދިވެހި ކޮށްގެންނެވެ. މި އުޞޫލަށް ހުރިހާ ދިވެހީންވެސް އިޙުތިރާމްކުރުމަކީ މުހިއްމު ކަމެކެވެ.

މި ގޮތުން ދެފަރާތުން ތަތްވާ ގޮތަށް ހުންނަ (ޑަބަލް ސައިޑެޑް) ޓޭޕަށް "ދެފުށް ކެހެރި" އޭ ކިޔައި ނަން ހަރުވި އެވެ. މިއަދު ދިވެހީންގެ ކޮންމެ މީހަކަށް ވެސް މިއީ ކޮންކަހަލަ ޓޭޕެއްކަން އެނގޭނެ އެވެ. "ދެފުށް ކެހެރި"ގެ އެއް މާނައެއް ކަމަށް "ދިވެހިބަސްފޮތް 2006" ގައި އޮންނަ އެއް މާނަ އަކީ ވެސް މިއީ އެވެ. އާދެ! ދެ ފަރާތުން ތަތްލާ ޓޭޕް އެވެ.

ދެފުށް ކެހެރީގެ އަނެއް މާނައަކީ ރަދީފު ބުނާ ގޮތުން ނަމަ "ދެފުށް ދެ ގޮތް މީހާ" އެވެ. މި ދެންނެވި ދެ މާނައަކީ ވެސް މަޖާޒީ ގޮތުން ބޭނުންކުރެވޭ ދެ މާނައެވެ. ނަމަވެސް މިހާރަކަށް އައިސް މި ލަފުޒު ރަނގަޅު ނޫން މާނައިގައި ބޭނުން ކުރެވޭތަން އެބަ އާދެ އެވެ. އެ މީހަކު ހުންނަ ގޮތެއްގައި އިޚުލާޞްތެރިކަމާ އެކު ސާބިތުވެ ހުއްޓަސް އެ މީހަކީ ތިމާގެ ފިކުރާ ތަފާތު މީހެއް ކަމަށް ފެނިއްޖެ ނަމަ އެއީ ދެފުށްކެހެރި އެކޭ ބުނެވޭތަން އެބަ އާދެ އެވެ. އެކަމަކު އެއީ ނުބައި މަފުހޫމެކެވެ. މި ފަދަ ޙާލަތުގައި މި ލަފުޒެއް ބޭނުމެއް ނުކުރެވޭނެ އެވެ. "ދެފުށްކެހެރީ" ގެ މާނަ އަކީ ތިމާގެ ފިކުރާ ދިމާ ނުވާ މީހާއެއް ނޫނެ އެވެ. އެއީ އެ މީހަކު ބުނާ ބަހާ ޢަމަލާ ދިމާ ނުވާ މީހާ އެވެ. އެކި ދުވަހު އެކި ފުށަށް ހުންނަ މީހާއެވެ. އެކިފަހަރު އެކި ގޮތަށް ވާހަކަދައްކާ މީހާ އެވެ. މި ފަދަ މީހުންނަށް ފަސް އަނގައިން ވާހަކަދައްކާ މީހުންނޭ ވެސް ކިޔައި އުޅެ އެވެ. އެކަމަކު ދެފުށް އެއް ގޮތް ނަމަ، ބުނާބަހާ ކުރާ ކަމާ ދިމާވާ ނަމަ، ހަރުދަނާ ކަމާއެކު ވަކި ހަމަތަކެއްގައި ސާބިތުވެ ހުންނަ ނަމަ، އެއީ ތިމާގެ ފިކުރާ ދިމާ ނުވިޔަސް އެއީ "ދެފުށްކެހެރި" އެކޭ ކިޔާކަށް ދިވެހި ރަދީފު ހުއްދައެއް ނުކުރެއެވެ. ހަރުދަނާ ފަލްސަފާއެއްގައި އެ މީހަކު ޤަބޫލުކުރާ އުޞޫލުތަކުގައި ސާބިތުވެ ހުރެ، ބުނާ ބަހާއި ޢަމަލާ ދިމާ ވާނަމަ އެއީ އިޚުލާޞްތެރި އެކެވެ. މި ފަދަ މީހުންނަށް "ދެފުށްކެހެރި" އޭ ކިޔާ ނަމަ، އެއީ ބަހުގެ ޤަވާޢިދާ ޚިލާފު ބުނުމެކެވެ.

ވީމާ ދިވެހިބަހުގެ ލަފުޒުތަކާއި މަފުހޫމުތައް އޭގެ ހެޔޮ ގޮތުގައި ބޭނުންކުރުމަށް ހުރިހާ ދިވެހިންވެސް ސަމާލުކަން ދެމާތޯއެވެ! ދިވެހިބަހުގެ ތަރައްޤީއަށް ޓަކައި މި ފަދަ ކުޑަ ޚިދުމަތެއް ނަމަވެސް އަދާކޮށްލަމާތޯ އެވެ!
-------------
(ނިމުނީ)
މި ލިޔުން:
        ފޮނުވުުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
        އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން)
        ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

ވާހަކަ