އަދުގެ ޚާއްސަ

Print

ޒަމާނީ ފިޤުހީ މައްސަލަތަކުގެތެރެއިން ... (3)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ފިޤުހު


ދަރިމައިވުމުގެ އާ ގޮތްތައް


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ތަޢާރުފު :

ޠަބީޢީގޮތުން ދަރިމައިނުވާ މީހުން ދަރިމައި ކުރުވުމަށްޓަކައި، 21 ވަނަ ޤަރުނުގައި އާ އީޖާދުތަކެއް ވަނީ ކޮށްފައެވެ. އަދި މި އާ ހޯދުންތަކުގެ އަލީގައި ދަރިމައިވާ ގޮތް ހަދައިގެން ކުދިން ހޯދުމަކީ އަދުގެ ދުނިޔޭގައި ޢާއްމު ކަމެކެވެ. މި ކަން އެންމެ ބޮޑަށް ޢާއްމުވެފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އާއި އެމެރިކާ ހިމެނެއެވެ.

އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހައި ކަމެއް އޭގައި ޝާމިލުވާ ދީނެއްކަމުން، ދުނިޔޭގައި އަލަށް އުފެދޭ ކޮންމެ ކަމަކާމެދު ވެސް މި ދީން ދެކެނީ ކިހިނެއްތޯ ބެލުމަކީ މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އެހެންކަމުން މިފަދަ މައްސަލަތައް ދިރާސާކޮށް އެކަންކަމުގެ ޙަޤީޤަތާއި ޙުކުމްތައް މީސްތަކުންނަށް ބަޔާންކޮށްދެއްވުމަށްޓަކައި އިސްލާމީ ޢިލްމުވެރީން ގަދައަޅުއްވައި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވައެވެ.

މި މަޒުމޫނުގައި ޚާއްޞަ ގޮތެއްގައި ބަލައިލައިފައިވާނީ ދަރިމައިވުމުގެ އާ ގޮތްތަކުގެ މަފްހޫމާއި އެ ގޮތްތަކުގެ ޝަރުޢީ ޙުކުމްތަކާމެދު ޢިލްމުވެރީން ވިދާޅުވެފައިވާ ބަސްފުޅުތަކުގެ މައްޗަށެވެ.
++++++++++++++++++++

ދަރިމައިކުރުވުމަށްޓަކައި އީޖާދުކޮށްފައިވާ ހުރިހައި ގޮތްތަކެއް ހިމެނޭ ގޮތަށް، އިނގިރޭސި ބަހުން ކިޔަނީ "ހިއުމަން އެސިސްޓެޑް ރީޕްރޮޑަކްޝަން" [އެޗް.އޭ.އާރު] އެވެ. މީގެތެރޭގައި ހިމެނޭ އެއްބަޔަކީ "އާޓިފިޝަލް އިންސެމިނޭޝަން" [އޭ.އައި] [Artificial Insemination] އެވެ. މީގެ މާނައަކީ "ޖިމާޢުވުންނޫން އެހެން ކޮންމެވެސް ގޮތަކުން ފިރިހެނާގެ ދަރިފަނި އަންހެނާގެ ރަޙިމުގެ ތެރެއަށް އެޅުމެވެ."[1]

އާޓިފިޝަލް އިންސެމިނޭޝަންގެ ގޮތެއް ބޭނުންކޮށްގެން އެންމެ ފުރަތަމަ އިންސާނަކު ދަރިމައިކުރުވި ކަމަށް ރެކޯޑު ކުރެވިފައިވަނީ 1790 މ. ގައި އިނގިރޭސި ވިލާތުގެ ސާޖަންއެއް ކަމަށްވާ ޖޯން ހަންޓަރ [John Hunter ]  ކުރި ކާމިޔާބު މަސައްކަތެވެ.[2]  

އާޓިފިޝަލް އިންސެމިނޭޝަންގެ މައިގަނޑު ތިންގޮތެއް ވެއެވެ. އެއީ: އޭ.އައި.އެޗް ، އޭ.އައި.ޑީ ، އަދި އޭ.އައި.ސީ އެވެ. އަދި މިއާ ތަފާތު ގޮތަކަށް ދަރިމައިކުރުވުމުގެ މަސައްކަތް ކުރެވޭ ދެގޮތެއް ވެއެވެ. އެއީ އައި.ވީ.އެފް އާއި ސަރޮގޭޓް މަދަރ އެވެ. މީގެ ތަފްޞީލު ތިރީގައި އެވަނީއެވެ.
 
1. ފިރިމީހާގެ ދަރިފަނި އަނބިމީހާގެ ރަޙިމަށް އެޅުން (AIH) [Artificial Insemination By Husband]
މިއީ ދެމަފިރީންކުރެ މީހެއްގެ ކިބައިގައި ހުރި މައްސަލައަކާހުރެ، ޠަބީޢީގޮތުން ޖިމާޢުނުވެވުމުގެ ސަބަބުން [ޖިމާޢުވުންނޫން] އެހެން ކޮންމެވެސް ގޮތަކުން ފިރިމީހާގެ ދަރިފަނި އަނބިމީހާގެ ރަޙިމުގެތެރެއަށް އެޅުމެވެ.[3] މިގޮތް އިސްލާމީ ޝަރީޢަތުގައި ހުއްދަ އެވެ.[4]

2. [ފިރިމީހާނޫން] އެހެން ފިރިހެނެއްގެ ދަރިފަނި އަންހެންމީހާގެ ރަޙިމަށް އެޅުން (AID) [Artificial Insemination By Donor]

މިއީ ކައިވެނިކޮށްގެން އުޅޭ ދެމަފިރީންގެތެރެއިން ފިރިމީހާއަށް ދަރިން ލިބުމުގައި މައްސަލައެއް ކުރިމަތިވުމުގެ ސަބަބުން، އެހެން ފިރިހެނެއްގެ ދަރިފަނި ނަގައިގެން އަނބިމީހާގެ ރަޙިމުގެތެރެއަށް އެޅުމެވެ.[5] މިގޮތް އިސްލާމީ ޝަރީޢަތުގައި ހުއްދައެއްނޫނެވެ. އެހެނީ މިއީ ޒިނޭއާ އެއްގޮތްވެގެންވާ ކަމެކެވެ.[6]

3. ފިރިމީހާގެ ދަރިފަންޏާއި އެހެން ފިރިހެނެއްގެ ދަރިފަނި އަންހެންމީހާގެ ރަޙިމަށް އެޅުން (AIC) [Confused or Combined Insemination]
މިއީ ފިރިމީހާގެ ދަރިފަންޏާއި އަދި އެހެން ފިރިހެނެއްގެ ދަރިފަނި އެއްކުރުމަށްފަހު އަންހެންމީހާގެ ރަޙިމުގެތެރެއަށް އެޅުމެވެ. މިހެން ހަދަނީ ފިރިމީހާއަށް ދަރިން ނުލިބޭތީ، އޭނާގެ ދަރިފަންޏާ [ދަރީން ލިބޭ] އެހެންމީހެއްގެ ދަރިފަންޏާ އެއްކޮށްގެން އަނބިމީހާގެ ރަޙިމަށް އަޅައިގެން އުފެދޭ ދަރިއަކީ [އަސްލު] ފިރިމީހާގެ ދަރިއަކަށް ވެދާނެކަމުގެ އުއްމީދުގައެވެ.[7]

އައްޝައިޚު މަޙްމޫދު ޝަލްތޫތު ވިދާޅުވެފައި ވެއެވެ. "ކައިވެނީގެ ގޮތުން [އެ އަންހެނަކާ] ގުޅުމެއްނުވާ ފިރިހެނެއްގެ ދަރިފަނި އަންހެނާގެ ރަޙިމަށް އެޅުމަކީ އިސްލާމީ ޝަރީޢަތުގައި ބޮޑުވެގެންވާ ޖަރީމާއެކެވެ. ބޮޑު ފާފައެކެވެ. އެހެނީ މިއީ ހަމަ ޒިނޭކުރުމާ އެއްގޮތް ކަމެކެވެ. ސަބަބަކީ މި ދެކަންތަކުގެވެސް ނަތީޖާއަކީ އެކައްޗެކެވެ. ކައިވެނީގެ ސަބަބުން އެ ފިރިހެނާއަށް މިލްކުވެގެންނުވާ ރަޙިމަކަށް ، ޤަޞްދުގައި އޭނާގެ ދަރިފަނި އަޅައިގެން ދަރިމައިކުރުވުމަށްޓަކައި ކުރެވޭ މަސައްކަތަކީ ﷲ ގެ ފޮތުގައި އެކަމަކަށް ޙައްދު ކަނޑައަޅުއްވާފައިވާ ޒިނޭގެ ޙުކުމް އޮތް ކަމެކެވެ."[8] ޝައިޚު ޝަލްތޫތުގެ މި ބަސްފުޅަށް ބާރުދެއްވައި ޑޮކްޓަރ ޔޫސުފުލްޤަރުޟާވީވެސް ވިދާޅުވަނީ ފިރިމީހާނޫން އެހެންމީހެއްގެ ނުޠުފާ އަންހެންމީހާގެ ރަޙިމަށް އެޅުމަކީ އިސްލާމީ ޝަރީޢަތުގައި ޙަރާމް ކަމެކެވެ.[9]

އެހެންކަމުން މަތީގައި ބަޔާންކުރެވުނު ދެވަނަ ޙާލަތާއި ތިންވަނަ ޙާލަތުގައިވާ ފަދައިން، ފިރިމީހާނޫން އެހެންމީހެއްގެ ދަރިފަނި ނަގައި [އެއީ ފިރިމީހާގެ ދަރިފަންޏާ އެއްކޮށްގެން ކަމުގައިވިޔަސް] އަންހެނާގެ ރަޙިމަށް އަޅައިގެން ދަރިމައިކުރުވުން އިސްލާމީ ޝަރީޢަތުގައިވަނީ މަނާކުރައްވާ ފައެވެ. އެހެންނަމަވެސް ފުރަތަމަ ޙާލަތުގައިވާ ފަދައިން، [އެކަމަށް ބޭނުންޖެހިއްޖެ ހިނދު] ފިރިމީހާގެ ދަރިފަނި ނަގައި އޭނާގެ ޙަލާލު އަނބިމީހާގެ ރަޙިމަށް އަޅައިގެން ދަރިމައިކުރުވުންވަނީ ހުއްދަ ކުރައްވާފައެވެ. والله أعلم

4.  ލެބޯޓްރީގައި ދަރިމައިކުރުވުން (IVF) [In vitro Fertilization]

މިކަން ކުރުމަށްޓަކައި، ދަރިމައިވުމަށް ފައްކާވެފައިވާ ބިސް ޠަބީޢީ ގޮތުން ދޫވުމުގެ ކުރިން އަންހެންމީހާގެ ރަޙިމުން ނެގުމަށްފަހު ފިރިމީހާގެ ނުވަތަ އެހެން ފިރިހެނެއްގެ ދަރިފަންޏާ އެއްކޮށް، ދަރިމައިވަންދެން ޓެސްޓް ޓިއުބުގައި ބަހައްޓައެވެ. އެއަށްފަހު ދަރިމައިވެ ބިސް ބައިބައިވާން ފެށުމުން އަލުން އެބިސް އަންހެންމީހާގެ ރަޙިމުގެ ތެރެއަށް ލައެވެ.[10] [މިއަށް ޓެސްޓް ޓިއުބު ބޭބީ އޭވެސް ކިޔައެވެ.]

މި ޙާލަތުގެ ޝަރުޢީ ޙުކުމް :

-    އަންހެންމީހާގެ ބިހާ [އޭނާގެ ފިރިމީހާނޫން] އެހެން މީހެއްގެ ދަރިފަންޏާ އެއްކުރުމަށްފަހު ޓެސްޓް ޓިއުބުގައި ބަހައްޓައި ދަރިމައިކޮށް އަލުން އެ އަންހެންމީހާގެ ރަޙިމަށްލުން ޙަރާމްވެގެން ވެއެވެ. އެހެނީ [ތިމާއާ އެމީހަކާ ދެމެދު] ޝަރުޢީ ކައިވެނީގެ ޢަޤުދަކުން ގުޅުމެއްނުވާ މީހެއްގެ ރަޙިމަށް ނުޠުފާއެއްލުން ޙަރާމްވެގެން ވެއެވެ.[11]

-    އެކަމަށް ޟަރޫރަތެއް އޮތްނަމަ ، އަންހެންމީހާގެ ބިހާ އޭނާގެ ފިރިމީހާގެ ދަރިފަންޏާ އެއްކުރުމަށްފަހު ޓެސްޓް ޓިއުބުގައި ދަރިމައިކުރުމަށްފަހު އަނބުރާ އަނބިމީހާގެ ރަޙިމަށް ލުން ހުއްދަވާނެކަމަށް ފަހުގެ ގިނަ ދަންނަބޭކަލުން ވިދާޅުވެއެވެ.[12]


5.  ބަދަލު މަންމަ [Surrogate Mother]
 
ބަދަލު މަންމަ ނުވަތަ އަނބިމީހާނޫން އެހެންމީހެއްގެ ރަޙިމު ބޭނުންކޮށްގެން [ނުވަތަ ރަޙިމު ކުއްޔަށް ހިފައިގެން] ދަރިމައިކޮށް ވިހެއުމުގެ ތަފާތު ގޮތްތައް ވެއެވެ.

ބަދަލު މަންމައިގެ ގޮތުގައި ދަރިމައި ކުރުވުން ޙަރާމްކަމަށް ޢިލްމުވެރީން އިއްތިފާޤުވާ ޙާލަތްތައް :

ތިރީގައި އެވާފަދަ ގޮތަކަށް [އެހެންމީހެއްގެ ރަޙިމު ބޭނުންކޮށްގެން] ދަރިމައިކުރުވުމަކީ އިސްލާމީ ޝަރީޢަތުގައި ޙަރާމް ކަމެއްކަމަށް ފަހުގެ ހުރިހައި ޢިލްމުވެރީން އިއްތިފާޤު ވެފައި ވެއެވެ.[13]

(ހ) އަންހެންމީހާގެ ބިހާ އޭނާގެ ޙަލާލު ފިރިމީހާގެ ދަރިފަނި އެއްކުރުމަށްފަހު އެހެން އަންހެނެއްގެ ރަޙިމަށް ލައިގެން ދަރިމައި ކުރުވުން. [އަނބިމީހާގެ ބިސް + ފިރިމީހާގެ ދަރިފަނި + އަނބިމީހާނޫން އެހެން އަންހެނެއްގެ ރަޙިމު]

(ށ) ދެމަފިރީންގެ ޛަރީޢާއިން ދަރިމައިވެފައިވާ އެމްބްރިޔޯ[14] ، އަންހެންމީހާގެ ރަޙިމުން ނެގުމަށްފަހު ގަނޑުކޮށްފައި ބަހައްޓައެވެ. ދެން މި ގަނޑުކޮށްފައިވާ އެމްބްރިޔޯ [Frozen Embryo] އެހެން އަންހެނެއްގެ ރަޙިމަށް ލައިގެން އޭނާގެ ބަނޑުން ދަރިއަކު އުފަން ކުރެއެވެ. ޢާއްމު ގޮތެއްގައި މިގޮތަށް ގަނޑުކޮށްފައިވާ އެމްބްރިޔޯ ބޭނުންކޮށްގެން ދަރިން އުފަންކުރަނީ އެ އެމްބްރިޔޯގެ ވެރި ދެމަފިރީން ނުވަތަ އެތަނުން އެކަކު މަރުވުމަށްފަހުގައެވެ. [ދެމަފިރީންގެ ޛަރީޢާއިން އުފެދިފައިވާ އެމްބްރިޔޯ ، (އަނބިމީހާގެ ރަޙިމުން ނެގުން) + ގަނޑުކޮށްފައި ބެހެއްޓުން + އަނބިމީހާނޫން އެހެން އަންހެނެއްގެ ރަޙިމަށްލުން]

(ނ) އަންހެންމީހާގެ ބިހާ އޭނާގެ ޙަލާލު ފިރިމީހާނޫން އެހެން މީހެއްގެ ދަރިފަންޏާ އެއްކުރުމަށްފަހު އެހެން އަންހެނެއްގެ ރަޙިމަށް ލައިގެން ދަރިމައިކުރުވުން. [އަނބިމީހާގެ ބިސް + ފިރިމީހާނޫން އެހެންމީހެއްގެ ދަރިފަނި + އަނބިމީހާނޫން އެހެން އަންހެނެއްގެ ރަޙިމު]

(ރ) ދެމަފިރީންކުރެ ފިރިމީހާގެ ދަރިފަނި ނެގުމަށްފަހު އޭނާގެ އަނބިމީހާނޫން އެހެން އަންހެނެއްގެ ބިހާ އެއްކުރުމަށްފަހު، އެހެން އަންހެނެއްގެ ރަޙިމަށް ލައިގެން ދަރިމައި ކުރުވުން. [ފިރިމީހާގެ ދަރިފަނި + އަނބިމީހާނޫން އެހެން އަންހެނެއްގެ ބިސް + އަނބިމީހާނޫން އެހެން އަންހެނެއްގެ ރަޙިމު]
ހުއްދަވުމާއި ޙަރާމްވުމާމެދު ޢިލްމުވެރީންގެ މެދުގައި ޚިލާފު އުފެދިފައިވާ ޙާލަތް

-    ދެމަފިރީންކުރެ އަނބިމީހާގެ ބިހާ ފިރިމީހާގެ ދަރިފަނި އެއްކުރުމަށްފަހު، ފިރިހެންމީހާގެ އެހެން އަނތްބެއްގެ ރަޙިމަށް ލައިގެން ދަރިމައިކޮށް ވިހެއުން. [އަނބިމީހާގެ ބިސް + ފިރިމީހާގެ ދަރިފަނި + ފިރިމީހާގެ އެހެން އަނތްބެއްގެ ރަޙިމު]

مجمع الفقه الإسلامي ގެ 1404 ހ. ގެ 7 ވަނަ ބައްދަލުވުމުގައި ވަކި ޝަރުޠުތަކަކާއެކު މިޙާލަތު ހުއްދަކުރައްވާފައިވީނަމަވެސް ، 1405 ހ. ގައި ބޭއްވި އެ މަޖުމަޢުގެ 8 ވަނަ ބައްދަލުވުމުގައި ވަނީ އެ ޤަރާރު ބާޠިލުކުރައްވައި އެއީ ހުއްދަކަމެއްނޫން ކަމުގައި ކަނޑައަޅުއްވައިފައެވެ.[15]

މަނާ ކުރައްވާ ޢިލްމުވެރީންގެ ބަސްފުޅު:

މިޙާލަތުގައި ދެވަނަ އަނބިމީހާ [އެބަހީ: ފުރަތަމަ އަނބިމީހާގެ ބިހާ ފިރިމީހާގެ ދަރިފަނި އެމީހާގެ ރަޙިމަށް ނަޤުލު ކުރެވުނު އަނބިމީހާ] ގެ ރަޙިމުގައި ދަރިމައިވެ އުފަންވާ ދަރިފުޅުގެ ޙަޤީޤީ މަންމައަކީ ކާކުކަމެއް ޔަޤީނެއް ނުވެއެވެ. މިޙާލަތުގައި ފުރަތަމަ އަނބިމީހާގެ ފަރާތުން ދެވަނަ އަނބިމީހާގެ ރަޙިމަށް ނަޤުލުކުރި ބިސް ، ޢަލަޤާ ނުވަތަ މުޟުޣާގެ ޙާލަތުގައި މަރުވެސް ވެދާނެއެވެ. އަދި އެއަށްފަހުގައި ދެވަނަ އަނބީމީހާގެ [އަޞްލު] ބިހަކާ ފިރިމީހާގެ ދަރިފަނި ގުޅިގެން ދަރިއަކު އުފަންވުމުގެ ފުރުޞަތު އެބަ އޮތެވެ. ހަމަ އެފަދައިން ފުރަތަމަ އަނބިމީހާގެ ފަރާތުން ދެވަނަ އަނބިމީހާގެ ރަޙިމަށް ނަޤުލު ކުރެވުނު ބިސް އޭނާގެ ރަޙިމުގައި ދަރިމައިވެގެން ވިހެއުމުގެ ފުރުޞަތުވެސް އެބައޮތެވެ. އެހެންކަމުން މިގޮތަށް އުފަންވާ ދަރިފުޅުގެ ޙަޤީޤީ މަންމަ ނޭނގުމުގެ ސަބަބުން ތަރިކަ މުދަލާއި ނަފަޤާފަދަ ކަންކަމުގައި މައްސަލަތައް ކުރިމަތިވާނެއެވެ.[16]

ހުއްދަކުރައްވާ ޢިލްމުވެރީންގެ ބަސްފުޅު:

އެކަމަށް ބޭނުންޖެހިއްޖެ ޙާލަތުގައި، އެއްއަނތްބަށްވުރެ ގިނަ އަނބީން ތިބިމީހެއްގެ އަނތްބެއްގެ ބިސް ނެގުމަށްފަހު ފިރިމީހާގެ ދަރިފަންޏާ އެއްކޮށް އޭނާގެ އެހެން އަނތްބެއްގެ ރަޙިމަށް ލައިގެން ދަރިމައިކޮށް ވިއްސުން ހުއްދަވާނެކަމަށް رابطة العالم الإسلامي ގެ ފިޤުހު ކައުންސިލުގެ 7 ވަނަ ދައުރާގައި ބައިވެރިވެވަޑައިގެންނެވި "ގިނަ ޢިލްމުވެރީން" އެއްބަސްވެވަޑައިގެންފައި ވެއެވެ. އެހެންނަމަވެސް މިކަމުގައި ދެކަމެއް ޝަރުޠު ކުރައްވާފައި ވެއެވެ. އެއީ: ފިރިމީހާގެ ނުޠުފާ އެހެން މީހެއްގެ ނުޠުފާއާ އެކުނުވާނެ ގޮތަކަށް [ޔަޤީންކަމާއެކު] އެކަން ކުރުމާއި، އެކަމަށް ހަމަ ކޮންމެހެން ބޭނުންޖެހިގެންނޫން ގޮތެއްގައި އެކަން ނުކުރުމެވެ.[17]

ޕްރޮފެސަރ ޢާރިފް ޢަލީ ޢާރިފް ދެކެވަޑައިގަންނަވާ ގޮތުގައި އިސްވެދިޔަ ދެ ރައުޔުގެ ތެރެއިން ރާޖިޙު ރައުޔަކީ ހުއްދަކަމަށް ވިދާޅުވާ ރައުޔެވެ. އެހެނީ އެކަން މަނާ ކުރައްވާ ޢިލްމުވެރީން ވިދާޅުވާފަދައިން [އެމީހެއްގެ ރަޙިމަށް] ބިސް ނަޤުލުކުރެވުނު އަނބިމީހާގެ ބަނޑުން އުފަންވާ ދަރީގެ އަޞްލު މަންމައަކީ ކޮބައިކަމާމެދު ޝައްކު އުފެދުނަ ނުދިނުމަށްޓަކައި ވީ އެންމެ މަތީ ދަރަޖައަކަށް މަސައްކަތް ކުރުމަކީ އޮތް ކަމެކެވެ. ކުށެއް ކުރެވިދާނެކަމަށްޓަކައި ކަންތައްތައް ކުރުން މަނާ ކުރާނަމަ [މިފަދައިން ހުރި] އެއްވެސް ކަމެއް ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. އެހެންކަމުން އޮޅުންތަކުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާ ކުރުމާއެކު، ޙާޖަތުގެ ވަގުތުގައްޔާއި ޟަރޫރަތުގެ ވަގުތުގައި ހުއްދަ ކުރެވޭ ކަންތައްތައް ހުއްދަ ކުރުމުގެ މަގު ތަނަވަސް ކުރެވެން ޖެހޭނެއެވެ. އެހެންނޫންކަމުގައިވާނަމަ އިސްލާމްދީނުގައި ހުއްދަކުރެވިފައިވާ ކަމެއް ޙަރާމް ކުރެވުން ނުވަތަ ޙަރާމް ކުރެވިފައިވާ ކަމެއް ހުއްދަ ކުރެވުން ފަދަ ކަންތައް ކުރެވުން އެކަށީގެން ވެއެވެ.[18]

ގަނޑުކޮށްފައި ބަހައްޓާ އެމްބްރިޔޯ [Frozen Embryo] ގެ އެހެން ޙާލަތެއް


ފިރިމީހާގެ ދަރިފަނި ނެގުމަށްފަހު ގަނޑުކޮށްފައި ބަހައްޓައެވެ. އަދި އޭނާ މަރުވުމަށްފަހު އެ [ގަނޑުކޮށްފައި ހުރި] ދަރިފަނި، އޭނާ އިނދެގެން އުޅުނު މީހާގެ ރަޙިމަށް ލައިގެން ދަރިމައިކޮށް ވިހައެވެ.[19]

މިޙާލަތާމެދު ޢިލްމުވެރީންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. އައްޝައިޚު މުޞްޠަފައްޒަރުޤާ ވިދާޅުވާ ގޮތުގައި ދެމަފިރީންކުރެ މީހަކު މަރުވުމުން އެ ދެމީހުންގެ ދެމެދުގައި އޮތް ކައިވެނީގެ ގުޅުންވެސް އެހިސާބުން އެނިމުނީއެވެ. އެހެންކަމުން ފިރިހެންމީހާ މަރުވުމުގެ ކުރީގައި އޭނާގެ ހަށިގަނޑުން ނަގާފައިވާ ދަރިފަނި އޭނާ މަރުވުމަށްފަހު، އޭނާ އިނދެގެން އުޅުނުމީހާގެ ރަޙިމަށް ލައިގެން ދަރިމައިކޮށް ވިހެއުމަކީ ޝަރުޢީގޮތުން ހުއްދަކަމެއްނޫނެވެ. އެގޮތަށް އެކަން ކޮށްފިނަމަ އެކަންވާނީ ފިރިމީހާނޫން އެހެން މީހެއްގެ ނުޠުފާ ރަޙިމަށް އެޅުން ކަމުގައެވެ. އަދި އެއީ [ޝަރުޢީގޮތުން އެ އަންހެނާއަށް] ޙަރާމް ނުޠުފާއެކެވެ.[20]

ޒިޔާދު އަޙްމަދު ސަލާމާ އޭނާގެ ފޮތް، أطفال الأنابيب بين العلم والشريعة  ގައި ވިދާޅުވެފައިވާ ގޮތުގައި [ދަލީލުތަކަށް ބަލާއިރު] ފިރިމީހާ މަރުވުމާއެކު އޭނާގެ އަނބިމީހާއާ ދެމެދު އޮތް ކައިވެނީގެ ގުޅުން ކެނޑިގެނެއްނުދާނެއެވެ. އެހެންނަމަވެސް އެގުޅުން ކެނޑިގެންދާނީ [އެކަމަށް އޮންނަ އުޞޫލުގެ މަތިން] [އަންހެންމީހާގެ މައްޗަށް އޮންނަ] ޝަރުޢީ ޢިއްދާ ހަމަވުމުންނެވެ. އެހެންކަމުން ފިރިމީހާ މަރުވުމުގެ ކުރީން އޭނާގެ ކިބައިން ނަގާފައިވާ ނުޠުފާ އަންހެންމީހާގެ ޢިއްދައިގެ ތެރޭގައި އޭނާގެ ރަޙިމަށް އަޅައިގެން ދަރިމައިކުރެވިދާނެއެވެ. އެހެންނަމަވެސް އެ [ރައްކާކުރެވިފައިވާ] ނުޠުފާ ބަދަލުވުން ނުވަތަ އެހެންމީހެއްގެ ނުޠުފާއާ އެކުވުންފަދަ ކަމެއްނުވާކަން ޔަޤީން ކުރެވެންޖެހޭނެއެވެ. ޑޮކްޓަރ ޢަބްދުލްޢަޒީޒުލްޚިޔާޠު ވެސް ވިދާޅުވަނީ މިފަދައިން އެކަން ކުރެވޭނަމަ އެއީ ޝަރުޢީގޮތުން ހުއްދަ ކަމެއްކަމުގައެވެ. ޒިޔާދު އަޙްމަދު ސަލާމާ އިތުރަށް ވިދާޅުވެފައި ވެއެވެ. ފިރިމީހާ މަރުވުމަށްފަހު [ނުވަތަ ވަރިކޮށް] އޭނާގެ އަނބިމީހާގެ ޢިއްދާ ހަމަވުމުން އެ ދެމީހުންގެ ދެމެދުގައި އޮތް ކައިވެނީގެ ގުޅުން ކެނޑިގެންދާނެކަމަށް ހުރިހައި ފިޤުހުވެރީން އިއްތިފާޤު ވެއެވެ. އެހެންކަމުން ޢިއްދާ ހަމަވުމަށްފަހުގައި، [ރައްކާކުރެވިފައިވާ] ފިރިމީހާގެ ނުޠުފާ އަންހެންމީހާގެ ރަޙިމަށް އެޅުން ޙަރާމްވާނެ އެވެ.[21]
------------------------------
(ނިމުނީ)

މުހިއްމު މަރުޖިޢުތައް :
[1] Jeffery M. Shaman, Legal Aspects of Artificial Insemination, Journal of Family Law, Vol.18 (1979-1980)
[2] Zuryati Mohamed Yusoff, Islamic Family Law: New Challenges in the 21st Century, Vol.2, first edition 2004, IIUM, p.25
[3] Zuryati Mohamed Yusoff, Islamic Family Law: New Challenges in the 21st Century, Vol.2, first edition 2004, IIUM, p.25
[4] قرار مجمع المجلس الفقهي الإسلامي ، ދައުރާ 5 ، 7 / 11 – 16 ރަބީޢުލްއާޚިރު 1404 ހ. / މައްކަތުލްމުކައްރަމަ / الخطيب ، ياسين محمود ناصر (1399 هـ )  ، ثبوت النسب –  دراسة مقارنة  (رسالة ماجستير ، جامعة الملك عبدالعزيز) ، ص : 353
[5] Charles P. Kindregan, Jr. Maureen McBrien, Assisted Reproductive Technology, American Bar Association (2006) USA, p.31  
[6] الخطيب ، ياسين محمود ناصر (1399 هـ )  ، ثبوت النسب –  دراسة مقارنة  (رسالة ماجستير ، جامعة الملك عبدالعزيز) ، ص : 354
[7] Zuryati Mohamed Yusoff, Islamic Family Law: New Challenges in the 21st Century, Vol.2, first edition 2004, IIUM, p.26
[8] شلتوت ، محمود . الفتاوى ، ص : 328 / الطبعة الثامنة عشرة  1421 هـ  2001 م / دارالشروق ، القاهرة
[9] قرضاوي ، يوسف ، الحلال والحرام في الإسلام ، ص : 200 ، الطبعة الثانية والعشرون  1418 هـ  1997 م ، مكتبة وهبة / القاهرة
[10] Irma van der Pleoeg, Prosthetic Bodies – The Construction of the fetus and the Couple as Patients in Reproductive technologies. Kluwer Academic Publishers (2001), Netherlands, p.56
[11] سلامة ، زياد أحمد . أطفال الأنابيب بين العلم والشريعة ، ص : 87 ، الطبعة الأولى  1417 هـ  1996 م ، الدارالعربية للعلوم / الأردن

[12] سلامة ، زياد أحمد . أطفال الأنابيب بين العلم والشريعة ، ص : 89 - 93 ، الطبعة الأولى  1417 هـ  1996 م ، الدارالعربية للعلوم / الأردن

[13] عارف ، علي عارف . قضايا طبية معاصرة في ضوء الشريعة الإسلامية 1/81 ، جمعية العلوم الطبية الإسلامية ، دار البشير ، 1995

[14] އެމްބްރިޔޯ: ފިރިހެންމީހާގެ ދަރިފަންޏާ އަންހެންމީހާގެ ބިސް ބައްދަލުވުމަށްފަހު ކުއްޖަކު އުފެދުމުގެ ފުރަތަމަ މަރުޙަލާގައިވާ ބިސް. އެމްބްރިޔޯގެ މަރުޙަލާގައި އޭގެ ސެލްތައް ބައިބައިވާން ފަށާނެއެވެ. މި މަރުޙަލާ ދެމިގެންދަނީ ދަރިފަންޏާއި ބިސް ބައްދަލުވާ ދުވަހުން ފެށިގެން 8 ވަނަ ހަފުތާއާ ހަމައަށެވެ. އޭގެ ފަހުގައި ފެށޭ މަރުޙަލާއަށް ކިޔަނީ "ފީޓަސް" އެވެ.
[15] قرار مجمع المجلس الفقهي الإسلامي في دورته الأولى حتى دورته الثامنة عام 1985م ، ص 150-151
[16] قرار مجمع المجلس الفقهي الإسلامي في دورته الأولى حتى دورته الثامنة عام 1985م ، ص 150-151
[17] مجلة المجمع الفقهي 1/357 ، 378
[18] عارف ، علي عارف . قضايا طبية معاصرة في ضوء الشريعة الإسلامية 1/81 ، جمعية العلوم الطبية الإسلامية ، دار البشير ، 1995 ، بتصرف

[19] William P. Statsky, Family Law - The Essentials. Delmar Learning (2004) United States, p.318

[20] سلامة ، زياد أحمد . أطفال الأنابيب بين العلم والشريعة ، ص : 81 ، الطبعة الأولى  1417 هـ  1996 م ، الدارالعربية للعلوم / الأردن
[21] سلامة ، زياد أحمد . أطفال الأنابيب بين العلم والشريعة ، ص : 82 ، 83 ، الطبعة الأولى  1417 هـ  1996 م ، الدارالعربية للعلوم / الأردن


މި ލިޔުން
    ފޮނުވުން:   
އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު
    އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
    ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


އިދާރާ

އެނގޭތަ؟

ވާހަކަ