އަދުގެ ޚާއްސަ

Print

ހީނގަތުމާއި ހީގަތުން: ތަފާތު ދެ ލަފުޒެއް، ތަފާތު ދެ މާނައެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ހުސްނޫނުގެ ސަބަބުން ކިޔާ ގޮތް ބަދަލުވުމުގެ އިތުރުން މާނައަށް ވެސް ބަދަލު އަތުވެދާނެ އެވެ.



ޢަބުދުލްޢަޒީޒު ޖަމާލް އަބޫބަކުރު
     
ހުސްނޫނަކީ ދިވެހިބަހުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ހުސްނޫނު އިހުމާލުކޮށްލެވުމުން ހަމައެކަނި ބަދަލުވަނީ ލަފުޒު ކިޔާ ގޮތެއް ނޫނެވެ. ލަފުޒު ވެސް ބަދަލުވަނީ އެވެ. މާނަ ވެސް ބަދަލުވަނީ އެވެ. މި ޞަފުހާގައި މިއަދު އަޅުގަނޑު މި ބަލައިލަނީ މި ފަދަ ދެ ލަފުޒެއްގެ މާނައިގެ މައްޗަށެވެ.
     
ހީގަތުމަކީ ކޮބައިތޯއެވެ؟ އެއީ ހިނިއައުންތޯއެވެ؟ ނުވަތަ އެއްޗެއް އޮޅުންބޮޅުންވުންތޯއެވެ؟ ނުވަތަ ހީކެރުވުންތޯއެވެ؟ މި ސުވާލުތައް އަޅުގަނޑު މި ކޮށްލަނީ ހިނިއައުމުގެ މާނައިގައި މި ލަފުޒު ބޭނުންކޮށްފައި ހުއްޓަތީ ފެެނިގެންނެވެ. އެހެންވީމާ "ހީގަތުން" ދިވެހިބަސް ފޮތް މާނަކުރާ ގޮތާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ލަފުޒު ބޭނުންކުރާ ގޮތުގެ މައްޗަށް ބަލައިލަމާތޯއެވެ؟
    
އުތުރުގެ ބައެއް އަތޮޅުތަކުގައި "ހީގަތުން" ބޭނުންކޮށް އުޅެނީ ފިނީގެ އަސަރުން ހަށިގަނޑަށް އުނދަގޫވުމަށެވެ. އާދެ! ހީކެރުވުމަށެވެ. މިސާލަކަށް "ފިނިގަދަކަމުން މުޅިން ހީގަނެއްޖެއެވެ." މިއީ ހުނުމުގެ ވަހަކައެއް ނޫނެވެ. ދެކުނުގެ ބައެއް އަތޮޅުތަކުގައި "ހީގަތުން" މުޅިން އެހެން މާނައެއްގައި ވެސް ބޭނުންކުރެއެވެ. އެއްޗެއް އޮޅުންބޮޅުންވުމަށެވެ. މިސާލު: " ކަންވާރު އެއްޗަކަށް ނޯޅައި އުޅެން ހަދައިގެން މުޅިން ހީގަނެއްޖެއެވެ." މިއީ ހީކަރުވާ ވާހަކައެއް ނޫނެވެ. އަދި ހުނުމާބެހޭ ވާހަކައެއްވެސް ނޫނެވެ. އެއްޗެއް އޮޅުންބޮޅުންވީ ވާހަކައެވެ.
   
ދެން ބަސް ފޮތަށް ރުޖޫޢަވެލަމާތޯ އެވެ؟ ދިވެހިބަސްފޮތް (2006) "ހީގަތުން" މާނަކޮށްފައި ވަނީ "ހީކެރުވުން" ކަމުގައެވެ. މި ލަފުޒުގައި އެހެން މާނައެއް ވެސް ނެތެއެވެ. ހީކެރުވުމުގެ މާނައެއް ކަމަށް ބަސް ފޮތް ބުނަނީ ފިނީގެ އަސަރުން ހަށިގަނޑަށް އުނދަގޫވުން ކަމުގައެވެ. އެހެންވީމާ، ހީގަތުމުގެ މާނައާ މެދު މިހާރު ޝައްކެއް  އެބައޮތޯއެވެ؟
   
ދެން އޮތީ "ހީނގަތުން" މި ލަފުޒެވެ. މި ލަފުޒުގެ މާނަ ބެލުމަށްޓަކައި އަޅުގަނޑު މި އަވަސްވެގަންނަނީ ބަސްފޮތަށް ރުޖޫޢަވުމަށެވެ. ދިވެހިބަސްފޮތް (2006) ގައި ވާ ގޮތުން ހީނގަތުމަކީ "ކުއްލިއަކަށް ގަދަޔަށް ހުނުމެވެ." ހުނުމަކީ އުފަވެރިކަމުގެ އަސަރު، އަޑާއެކު އަނގައިން ފާޅުކުރުމެވެ. މިއީ ހިނިތުންވުމެއް، ހީނލުމެއް ނޫނެވެ. އެކަމަކު ގަދަޔަށް ހުނުމެވެ. ލަސްލަހުންނެއް ނޫނެވެ. ހަމަ ކުއްލިއަކަށެވެ. ހީނގަތުމަކީ މިއީއެވެ.
   
ހީނގަތުން ލިޔާއިރު ހުސްނޫނު އިހުމާލްކޮށްލެވިއްޖެ ނަމަ މުޅިން އެހެން ލަފުޒަކަށް ބަދަލުވެގެންދާނެ އެވެ. ކިޔާ ގޮތެވެ. ލިޔާ ގޮތެއެވެ. މާނަ ވެސްމެ އެވެ. އެހެންވީމާ އެއީ މުޅިން އެހެން ލަފުޒެކަށްވެ ހިނިއަށްނަ ވާހަކަ ބުނުމުގެ ބަދަލުގައި ހީކަރުވާ ވަހަކަ ބުނެވޭގޮތް ވެދާނެ އެވެ.
   
ދިވެހިބަހުގައި އަކުރާއި ފިލިތަކަށް ޚާއްޞަ ވާޖިބުތަކެއްވާ ފަދައިން "ހުސްނޫނަކީ" ވެސް މުހިއްމު ވަޒީފާއެއް އަދާކުރާ އަކުރެކެވެ. މި އަކުރުގެ ވާޖިބު ހަނދާން ނައްތައިލައި އެ އަކުރުގެ ވާޖިބަށް ހުރަސް އެޅުމަކީ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވާނޭ ކަމެކެވެ. އެހެންވީމާ ހުސްނޫނު އަދާކޮށްދޭ ވާޖިބަކީ ވެސް މުހިއްމު ވާޖިބެކެވެ. ނޯށަށް އަރުވައި ކިޔަންޖެހޭ އަޑުތައް ފާހަގަކުރުމެވެ. ނޯށަށް އަރުވައި ކިޔަންޖެހޭ އެއްވެސް ތަނެއްގައި ހުސްނޫނު ނުޖަހައި ދޫކޮށްލެވިއްޖެ ނަމަ، ބައެއް ފަހަރު ކިޔާގޮތް ތަފާތުވެދެއެވެ. އަނެއްބައި ފަހަރު މާނަ ބަދަލުވެދެއެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު އާލަފުޒަކަށް ބަދަލުވެ، ބުނާ މީހާ ގަސްތުކުރާ މާނަ ފިޔަވައި ކިޔާ މީހާއަށް މުޅިން އެހެން މާނައެއް ދޭހަވުމަކީ އެކަށީގެންވާ ކަމެކެވެ.
  
ކޮންމެއަކަސް ހުނުމުގެ މާނައިގައި "ހީގަތުން" ބޭނުމެއް ނުކުރެވޭނެއެވެ. އެ މާނައިގައި ބޭނުންކުރެވޭނީ ހީނގަތުމެއެވެ. އެހެންވީމާ، ހީގަތުމާއި ހީނގަތުމަކީ ތަފާތުކޮށްކިޔޭ މުޅިން ދެ މާނައެއް ދޭހަވާ މުޅިން މުސްތަޤިއްލު ވަކި ދެ ލަފުޒުކަން އަޅުގަނޑުމެންނަށް އެބަ އެނގެއެވެ.
---------------
(ނިމުނީ)
މި ލިޔުން:
   ފޮނުވުން:      ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
   ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

ވާހަކަ