އަދުގެ ޚާއްސަ

Print

އަށް ކަމަކުން ހުރިހާ ޢިލްމު

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ




ޢަބްދުﷲ ޞާދިޤު

ވަރަށް މާތް ބޭކަލަކު އޭނާގެ ގޭގައި ބޮޑެތި މީހުންނަށާއި ކުދީންނަށް ދީނީ ތަޢުލީމް އުނގަންނައިދެއްވަމުން ގެންދެވި ދުވަސް ވަރެކެވެ. މީސްމީހުން ޢިލްމަށް ފެންބޮވައިގަނެގެން ހުސްއަތާ އޭނާ ގާތަށް އާދެއެވެ. ދާއިރު ޢިލްމުގެ ބޮޑު ޚަޒާނާއެއް ހިފައިގެން ދެއެވެ.
 
މި މާތް ޢިލްމުވެރިޔާގެ ދަރިވަރަކު ވަރަށް ގިނަ ދުވަސް ވަންދެން އެ ބޭކަލެއްގެ ގާތުގައި ކިޔަވާން ހުއްޓެވެ. އެބޭކަލަކު ވެސް މި ކުއްޖަކާ މެދު ވަރަށް ބޮޑަށް ޚިޔާލު ބަހައްޓަވައެވެ. އަދި ނުހަނު ޝައުޤުވެރި ކަމާއެކު އޭނާ އަށް ކިޔަވައިދެއްވާމެއެވެ.
އެ ދަރިވަރުގެ ޢަޒުމަކީ މުޅި ދިރިއުޅުން އޭނާގެ އުސްތާޛަށް ޚިދުމަތް ކުރުމުގައި އޭނާގާތުގައި ހޭދަކުރުމެވެ. މިގޮތުގައި ހުރެ ތަޢުލީމު ޙާޞިލުކުރަމުން ގެންދިޔުމެވެ. ނަމަވެސް އެންމެފަހުން އެ އުސްތާޛަށް އޭނާ ގާތުގާ މހެން ބުނުއްވާން ޖެހިލެއްވި ވަގުތު އަތުވެއްޖެއެވެ. އޭނާ ބުނުއްވިއެވެ. މިހާރު ކޮއްކޮ ތިޔަ ޙާޞިލްކުރި ތަޢުލީމު ފުދޭވަރު ވާނެއެވެ. މިހާރު ތިޔަ ޢިލްމާ ހެޔޮ ކަންތައްތަކުން އެކަލާނގެ އަޅުންނަށް ފައިދާއެއް ކޮށްދެވޭތޯ ބަލާށެވެ. ކިޔަވާ ކުއްޖާއަށް އޭނާގެ މުރުޝިދު، އޭނާގެ އުސްތާޛުގެ ބަސް އަހާން، އަދި އެހުކުމަށް ބޯލަނބާން ކޮންމެހެން ޖެހޭނެތާއެވެ. އެހެންކަމުން އޭނާ ގެޔަށް ދާން ތައްޔާރުވާން ފަށައިފިއެވެ.
  
އޭނާ އެގެއިން ނުކުންނާން ފެށީމާ އެބޭކަލަކު އޭނާ ކުރެން އެއްސެވިއެވެ. ކޮއްކޯއެވެ. ކޮއްކޮ ބޭބެ ގާތުގައި ފުދޭވަރެއްގެ ގިނަ ދުވަސް ތަކެއް ހޭދަކޮށްފީމު ނޫންހެއްޔެވެ؟ އެދުވަސްކޮޅުގެ ތެރޭގައި ތިޔަ ކިޔެވީ ކޮން އެއްޗެއްހޭ؟
  
އެބޭކަލަކު އޭނާޔާ މި ސުވާލުކޮށްލެއްވުމުގެ ބޭނުމަކީ ދަރިވަރުގެ މިހާރުގެ ޢިލްމީ ފެންވަރު އޮޅުން ފިލުވާލެއްވުމެވެ. އެކުއްޖާ މިހާރު ގެޔަށް އެދަނީ މާތް ރަސްކަލާގެ އޯގާވަންތަކަމުން ކިހާބޮޑު ޢިލްމުވެރިއަކަށް ވެގެންކަން ބައްލަވާލެއްވުމެވެ. މި ހިތްހަމަޖެހުން ހޯއްދެވުމެވެ. ނަމަވެސް މި ދަރިވަރު އެބޭކަލެއްގެ އުއްމީދާ ޚިލާފަށް ދިނީ މިޖަވާބެވެ. "މާތް ސާހިބާއެވެ. އަޅުގަނޑަށް ތިޔަ މާތް ޢިލްމުވެރިޔާގެ އަރިއަހުން ދަސްވީ އެންމެ އަށެއްކަ ކަންތަކެވެ."
  
"އެންމެ އަށެއްކަ ކަންތަކޭ؟" އުސްތާޛު ވަރަށް ބޮޑަށް ޙައިރާންވެލައްވައިފައި އައްސަވައިލެއްވިއެވެ.
  
އޭނާ ޖަވާބުގައި ނަންގަތެވެ. ލައްބައެވެ. އެންމެ އަށް ކަންތަކެވެ. އޭގެތެރެއިން ފުރަތަމަ ކަމަކީ އިންސާނާ މުދާދެކެ ލޯބިވެގެން ނުވާނެއެވެ. އަދި މަތީ ދަރަޖައާއި، ކީރިތި ކަމާ މޫރިތިކަމަށްވެސް ލޯބި ކޮށްގެން ނުވާނެއެވެ. ދިރިއުޅުމުގެ އެންމެ ބޮޑު މަޤްޞަދަކީ ހެޔޮކަންތައް ކުރުންކަން ދަންނަންވާނެއެވެ.
  
ކިޔަވާ ކުއްޖާގެ މިވާހަކަ ކޮޅު އައްސަވާފައި އެ މާތް އުސްތާޛު ނުހަނު އުފާކުރައްވާފައި ބުނުއްވިއެވެ. "ޝައްކެއްވެސް ނެތެވ. ތިޔަ ބުނީ ވަރަށް ރަނގަޅު ވާހަކައެކެވެ. ތިޔަ ދަސްކުރި ކަންތައް ރަނގަޅެވެ. އެންމެ ރަނގަޅެވެ. ދެވަނައަށް ދަސްކުރީ ކޮންކަމެއްހޭ؟"
 
ދަރިވަރުން ނަންގަތެވެ. ސާހިބާއެވެ! ދެވަނައަށް އަޅުގަނޑު ދަސްކުރީ އިންސާނާ ހަމަ ކޮންމެ ވަގުތަކުމެ، ކޮންމެ ޙާލަތެއްގައި ވެސް ކީރިތި ﷲ އަށް ބިރުވެތިވާން ޖެހޭނެކަމެވެ. މިގޮތަށް ބިރުވެތިވުމުން އިންސާނާ ހުރިހައި ނުބައިކަމަކުން ސަލާމަތްވާނެއެވެ. ޙަޤީޤަތުގައި އިންސާނާ ކުށްކުރަނީ ނުވަތަ ފާފަޔަށް އަރައިގަންނަނީ، ތިމާ ހައްދަވާ ބޮޑުކުރެއްވި ފަރާތް ހަނދާން ނެތުނީމައެވެ.
 
"ސާބަހެވެ! ތިޔަ ދަސްކުރީވެސް ވަރަށް ބޭނުންތެރި ކަމެކެވެ." މާތް މީހާ އުފާވެލައްވާފައި ބުނުއްވިއެވެ.
  
ދަރިވަރު ނަންގަތެވެ. ސާހިބާއެވެ. އަޅުގަނޑު ތިންވަނަ ކަމަކަށް ދަސްކުރީ މީހުންނަށް، މުށްބާރުކަމާއި ދަހިވެތިކަމުން ކޮންމެހެން ސަލާމަތްވާން ޖެހޭކަމެވެ. ގިނަ މީހުންގެ ހާލަކީ މުޅި ދިރިއުޅުން މޮޅުހައި އެއްޗިހި ޖަމާކުރުމުގައި ހޭދަކުރުމެވެ. ބޮޑެތި ޚަޒާނާތައް ޖަމާ ކުރުމެވެ. ނަމަވެސް މި ޖަމާކުރާ ތަކެއްޗަކީ އޭނާއަށް އެއްވެސް ބޭނުމެއް ހިފޭ އެއްޗެއްނޫނެވެ. އޭނާ ހަމަ މަރުވާއިރަށް އެއޮއްހައި މުދާ ކޮންމެވެސް އެހެން މީހެއްގެ އަތްދަށަށް ހިނގައިދެއެވެ. އަޅުގަނޑަށް ވިސްނުނު ގޮތުގައި މާތް ރަސްކަލާނގެ އިންސާނާއަށް ދެއްވާ ރަނގަޅު ތަކެއްޗަކީ މާތް ރަސްކަލާގެ މަގުގައި ހޭދަކުރަން ދެއްވާ ތަކެއްޗެވެ. އެގޮތަށް ކަންތައް ކުރުމުން ސަވާބު ލިބޭނެއެވެ. ތިމާ މަރުވުމުމަށްފަހު، އޭގެ ބޭނުން ހިފޭނެއެވެ.
  
މާތް ޢިލްމުވެރިޔާ އެއީވެސް ހަމަ އެހާ ރަނގަޅު ވާހަކައެއް ކަމުގައި ބަޔާން ކުރެއްވިއެވެ. ދަރިވަރު ނަންގަތެވެ. "އަޅުގަނޑު ހަތަރުވަނަ ކަމަކަށް ދަސްކުރީ ފުރިހަމަ ޢިއްޒަތާ މަތިވެރި ދަރަޖަ ލިބުން އޮތީ، ހަމައެކަނި ހެޔޮ ޢަމަލުކޮށްގެން ކަމެވެ. ކަލާނގެ ޙަޟްރަތުގައި ޢިއްޒަތްތެރިއަކީ ތެދުމަގުގައި ސާބިތުވެހުރެ ހެޔޮ ޢަމަލުކުރާ މީހާއެވެ.
  
"މުޅިން ރަނގަޅެވެ." ޢިލްމުވެރިޔާ އުފާކުރައްވާފައި ބުނުއްވިއެވެ. ދެން ދަރިވަރު ފަސްވަނަ ކަންތަކާ ބެހޭގޮތުން ނަންގަތެވެ. "ނަންގަންނަންތޯއެވެ. އަޅުގަނޑު ފަސްވަނަ ކަމަކަށް ކަލޭގެފާނުގެ ކިބައިން ދަސްކުރީ ތަނަވަސް ހާލުގައި އުޅޭ މީހުން ފެނުނީމާ އެމީހުންދެކެ ރުޅިއައުމާއި ހަސަދަވެރިވުމަކީ ވަރަށް ނުބައި ކަމެއްކަމެވެ. އިންސާނާގެ ހިތުގައި ބާއްވަންވީ އީމާނަކީ، ހުރިހައި ނިޢުމަތަކާއި ޚަޒާނާތަކުގެ ވެރިކަން މިލްކުވެ ވޮޑިގެންވަނީ އަރަހުށި މާތް ރަސްކަލާނގެއަށްކަމެވެ. އަހަރެމެން ފަސްބައި ފަތުރާލާފައި އާދޭސް ދަންނަވަންވީ އެކަލާނގެއަށްކަމެވެ. މީހެއްގެ އަތުގައި ހުރި އެއްޗެއް، މީހަކަށް އޮތްކަމެއް ދަމައިގަތުމުގެ ޚިޔާލު އެއްގޮތަކަށްވެސް ގެންގުޅެގެން ނުވާނެކަމެވެ.
 
ޝައްކެއްވެސް ނެތް ގޮތުގައި ތިޔައީވެސް ކޮޅެއްނެތް ހައި މޮޅު ކަމެކެވެ. މާތް ޢިލްމުވެރިޔާ އޭނާއަށް ތާރީފުކުރިއެވެ. ދެން ސުވާލު ކުރެއްވިއެވެ. ހަވަނަ ކަމަކަށް ދަސްކުރީ ކޮންކަމެއް ހެއްޔެވެ؟
  
ދަރިވަރު ޖަވާބުދިނެވެ. ސާހިބާއެވެ. ޢާއްމުންގެ ޙާލަކީ ކުދިކުދި ކަންތައްތަކާ ހެދިވެސް އެކަކި އަނެކަކަށް ދުޝްމިނުވުމެވެ. އަޅުގަނޑު ދަސްކުރީ އިންސާނާގެ އެންމެ ބޮޑު ދުޝްމިނަކީ އިބިލީސްކަމެވެ. އިބިލީހުގެ މަކަރާއި ކެހިވެރިކަމުން ސަލާމަތްވުމަށްޓަކައި ތާއަބަދު މަސައްކަތްކުރަން ޖެހޭނެއެވެ. އެއީ އެންމެ ބޮޑު ދުސްމިނުކަން ހަނދާންކުރަންޖެހޭނެއެވެ.
  
މަރްޙަބާއެވެ! ތިޔައީ ވަރަށް ބޮޑު ތެދެކެވެ. މާތް ޢިލްމުވެރިޔާ އުފާވެލައްވާފައި ބުނުއްވިއެވެ.
  
ދަރިވަރު ނަންގަތެވެ. މާތް ސާހިބާއެވެ. ހަތްވަނަ ކަމަކަށް އަޅުގަނޑު ދަސްކުރީ ހުރިހައި މީހުންނަށް ރޯދި ދެއްވަނީ، ހައްދަވައި ބޮޑުކުރައްވަނީ މާތްރަސްކަލާނގެއެވެ. ތިމާއަށް ދެއްވާ ރޯއްޖާމެދު ތެދުވެރި އީމާނެއް ހިތުގައި ބާއްވަން ޖެހޭނެއެވެ. އެއީ، ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ހިތަށްވެއްދުމެވެ.
  
"ތިޔައީވެސް އެހާ ބޭނުންތެރި ކަމެކެވެ. ވަރަށް ރަނގަޅެވެ. އެބޭކަލަކު އުފާވެލައްވާފައި ބުނުއްވިއެވެ. ދެން އަށްވަނަ ކަމަކަށް ދަސްކުރީ ކޮންކަމެއް ހެއްޔެވެ؟"
 
އޭނާ ނަންގަތެވެ. އަށްވަނަ ކަމަކަށް އަޅުގަނޑު ދަސްކުރީ އިންސާނާގެ ޙަޤީޤީ އެހީތެރިޔަކީ، އަދި އޭނާ ރައްކާތެރިކުރައްވާ ފަރާތަކީ، ހަމައެކަނި މާތްރަސްކަލާނގެ ކަމެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އިތުބާރު ކޮށްގެން ނުވާނެއެވެ.
  
އެކަލޭގެފާނު ބުނުއްވިއެވެ. އޭތް ނަސީބު ރަނގަޅު ދަރިފުޅާއެވެ! ތިޔައީވެސް ހަމަ ތެދު ޙަޤީޤަތެކެވެ. ދަރިފުޅަށް ހާސްހާސް ފަށުން މުބާރަކްބާދު އަދާކުރަމެވެ. ދަރިފުޅު ތިޔަ އަށް ކަންތަކުގެ ތެރެއިން ހުރިހައި ޢިލްމެއް ދަސްކޮށްފީމުއެވެ.
---------------
(ނިމުނީ)

މި ލިޔުން:
   އަލުން ޓައިޕްކުރުންން:      ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   އަލުން ބެލުން:           ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
   ޝާއިޢުކުރުން:           ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ