Print

ބަރަބޯ ބޯކިބަލާއި ބޯތަށި

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް



ޢަބުދުލުޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
   
ކޮންމެ ޤައުމެއްގައިވެސް އެބަޔަކު ވާހަކަދައްކާ މާދަރީ ބަހުގެ އަދަބީ ބަހުރުވައެއް އޮވެއެވެ. އަދަބީ ބަހުރުވަ ނުވަތަ ޢާއްމު ބަހުރުވައަކީ، ރަސްމީ ނުވަތަ ނުރަސްމީ ޢާއްމު މުޢާމަލާތުތަކުގައި ބޭނުންކޮށް އުޅޭ ބަހުރުވަ އެވެ. މިއީ ދުނިޔޭގެ ހުރިހައި ބަހެއްގައި ވެސް މި ކަން އޮތް ގޮތެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގެ މަދު މީސްކޮޅު ވާހަކަދައްކައި އުޅޭ ދިވެހިބަހުގައި ވެސް މި ކަން މި ގޮތަށް އެބަ އޮތެވެ.
        
ކޮންމެ ބަހެއްގައިވެސް ޢާއްމު ބަހުރުވައިގެ އިތުރުން  ތަފާތު އެތައް ބަހުރުވަތެކެއް ވެއެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއީ ބަހަށް ލިބިފައިވާ ވަރަށް ބޮޑު މުއްސަނދިކަމެކެވެ. އެހާމެ އަގުހުރި ތަރިކައެކެވެ.
        
ޢާއްމު ނަޒަރަކުން ވިސްނާއިރު ތަފާތު ބަހުރުވަތައް ހުރުމަކީ އެ ބަހެއްގެ އަހުލުވެރީންނަށް ހުރި އުނދަގުލެއްކަމަށް ފަހަރެއްގައި ބެލެވިދާނެ އެވެ. އެއީ އެކަކު އަނެކަކާ މުޢާމަލާތު ކުރުމުގައި ތަފާތު ބަހުރުވަތައް ބޭނުން ކުރެވޭނަމަ، އެކި ބަހުރުވަތަކުގެ އަހުލުވެރިންނަށް ދޭހަވުމުގައި ހިސާބެއްގެ ދަތިތަކެއް ހުރެދާނެތީ އެވެ. ނަމަވެސް  އަދަބީ ނަޒަރަކުން ބަލާއިރު ކޮންމެ ބަހުރުވައެއް ވެސް އެ ބަހުރުވައެއް ހިމެނޭ ބަހެއްގެ އަހުލުވެރީންނަށް ދޭހަވާނެ އެވެ. މިހެން މިކަން އޮތަސް އެއް ބަހުރުވައަކުން މުޢާމަލާތު ކުރުމުގައި ދޭހަވާހައި ފަސޭހައިން ތަފާތު ބަހުރުވަތަކުން މުޢާމަލާތު ކުރުމުން ދޭހަނުވެ ހިނގައިދާނެ އެވެ. އެހެންވީމާ ގިނަ ބަހުރުވަތަކުގެ ބޭނުން ޢާއްމު ވިސްނުމުގައި ފާހަގަ ނުކުރެވުމަކީ އެކަށީގެން ނުވާ ކަމެއް ނޫނެވެ. އާދޭހެވެ! ތަފާތު ބަހުރުވަތަކުގެ އަގު ވަޒަންކުރެވޭނީ، އަދި އޭގެ ބޭނުންތެރިކަން އިޙްސާސްކުރެވެނީ ބަހާމެދު ވިސްނައި ފިކުރު ހިންގައިގެންނެވެ. ހޯދުންތައް ހޯދައިގެންނެވެ.
                  
މިވިސްނުމުގައި ކުރިޔަށް  ދާއިރު ބަހުގެ އެކި ހޯދުންތައް ހޯދުމުގައި ތަފާތު ބަހުރުވަތައް ވަރަށް މުހިއްމުކަމުގައި ދެންނެވިދާނެ އެވެ. އޭގެ ބޭނުންތެރިކަން ވަރަށް ބޮޑުކަމުގައި ބަޔާންކުރެވިދާނެ އެވެ. ބަހުގައި ހުންނަ ބަޔެއް ލަފުޒުތައް އުފެދިފައި ހުންނަ ގޮތް ދެނެގަތުމުގައި ޢާއްމު ބަހުރުވައިގެ އިމުގެ ތެރޭގައި ކިތަންމެ ވަރަކަށް އަތްފުނާއެޅިޔެސް އެކަށީގެންވާ ނަތީޖާއެއް ނުފެންނާނެތީއެވެ. އަދި ތަފާތު ބަހުރުވަތަކަކީ ބަހަށް ލިބިފައިވާ އަގުރި ތަރިކަ އަކަށް ވާތީވެސްމެއެވެ.
       
އަޅުގަނޑުގެ ޚިޔާލަށް ބަޔެއް ބޭފުޅުން ދެކޮޅުހެއްދެވުން އެކަށީގެންވެއެވެ. އެހެންކަމުން އަޅުގަނޑުގެ މި ވާހަކައިގެ ތަންކޮޅެއް ފުނަށް ވާޞިލުވުމަށްޓަކައި މިސާލެއް ދަންނަވައި ލިޔެދެއްވާށެވެ! މިސާލަކަށް: "ބޯތަށި"، "ބޯކިބާ"، "ބަރަބޯ" މި 3 ލަފުޒާ މެދު ފިކުރު ހިންގައިލަމާތޯ އެވެ؟ މި 3 ލަފުޒުގައިވެސް "ބޯ" ހިމެނެއެވެ. އެހެން ނަމަވެސް ތަފާތު 3 މާނައެއްގައެވެ.
       
އެންމެ ފުރަތަމަ ބޯތަށްޓަށް ވިސްނައިލަމާތޯއެވެ؟ މިއީ ބަތްކާ ތަށި ކިއިފައިވާ ގޮތަށް، ތަށިން ކުރާ ބޭނުމަށް އިޝާރާތްކުރާ ނަމެއްކަން އެނގެއެވެ. މިކަން ދެނެގަތުން ފަސޭހަކުރުމަށްޓަކައި ހައްދުންމަތީ ބަހުރުވައަށް ބަލައިލާނަމެވެ. އެ ބަހުރުވައިން ނަމަ އެއީ ބޮނަތަށްޓެވެ. (ބޮންތަށްޓެވެ.) އެ އަތޮޅުގައި މި ބާވަތުގެ ހުރިހައި (ކަމުން އުފެދިފައިވާ) ނަންއިތުރު ހުންނަނީ މި އުޞޫލުންނެވެ. ކާ އެއްޗެހި = ކަން އެއްޗެހި، ބޯ އެއްޗެހި = ބޮން އެއްޗެހި، ފުނޑާ ދައި = ފުނޑަން ދާއި، ދިޔަހިއްކާ ފައި = ދިޔަހިއްކަން ފާއި މިގޮތްގޮތަށެވެ. ކުރީޒަމާނުގައި ރާއްޖޭގައި މީހުން ސައިބޮއި އުޅޭ ކަމަކަށް ނުވެއެވެ. ނަމަވެސް އެމީހުންވެސް ބޯ އެއްޗެހި ހުރެއެވެ. ބަތްޕެނާއި ކަނދި ފަދަ ކިތަންމެ ދިޔާ އެއްޗެކެވެ. މި ބާވަތުގެ އެއްޗެހިބޮއި ހަދާ ކަމަށްވަނީ މިބާވަތުގެ ތަށީގައި ކަމަށް ވެއެވެ. ދިޔާއެއްޗެހި ބޯ ތަށީގައެވެ. އާދެ! ބޯތަށީގައެވެ. އެއީ ތުނިތަށީގެ އިދިކޮޅު މާނައިގައި ބޭނުންކޮށްފައިވާ ނަމެއްނޫނެވެ.
     
އެހެން ނަމަވެސް ބޯކިބާ އުފެދިފައިވަނީ މި އުޞޫލަކުންނޫނެވެ. އެހެނީ "ބޯކިބާ" މިނަމުގައި އެއޮތް "ބޯ" އެއީ "ބުއިން" މި މަޞްދަރުން ނެގިފައިވާ އެއްޗެއް ނޫނެވެ. ވީމާ "ބޯކިބާ" މިނަމުގައިވާ "ބޯ" އިން ރަމުޒުކޮށްދެނީ މުޅިން އެހެން މާނައެއްކަން ޔަޤީން ވެއެވެ. މިކަން އެނގެނީ ހައްދުންމަތީގެ ބަހުރުވައިގައި ވެސް ބޯކިބަލަށް ކިޔަނީ ހަމަ ބޯކިބާ ކަމަށް ވާތީ އެވެ. އެއީ ބުއިމަށް ނިސްބަތްކޮށް ކިޔާ ނަމެއް ނަމަ އެ އަތޮޅުގެ ބަހުރުވައިގައި ބޭނުން ކުރީހީ "ބޮންކިބާ" މިހެންނެވެ. "ބުއިން" މި މަޞްދަރުން އުފައްދާ ނަންއިތުރު އެ ބަހުރުވައިގައި ހުންނަނީ ނޫނު ސުކުނަށް ނިމޭ ގޮތަށެވެ. މީގެ މިސާލު އިސްވެ ދެންނެވިއްޖެ އެވެ. އާދޭހެވެ! ބޯކިބާ ތުނިކޮށް ފިހެފިނަމަ އެވަނީ "ފަތަފޮޅި" އަށެވެ. ވިމާ "ބޯކިބާ" ކިޔައިފައި މި ވަނީ އޭގެ ބޯމިނަށް ނިސްބަތްކޮށްގެންކަން އެބައެނގެއެވެ. އާދެ! އެއީ ހަމަ ބޯކިބަލެވެ. ފަތަފޮޅިހާ ތުނި "ކިބަލެއް" ނޫނެވެ.
     
ދެން "ބަރަބޯ" މިނަން އުފެދިފައިވާގޮތާ ދޭތެރޭ ވިސްނައިލާމާތޯއެވެ؟ އާއްމުބަހުރުވައިގައި ލުއި ގެ އިދިކޮޅަކީ ބަރެވެ. އާދެ! ބަރު އެއްޗިއްސާއި ލުއި އެއްޗިއްސެވެ. ހައްދުންމަތީ ބަހުރުވައިގައި ލުއިގެ އިދިކޮޅަކީ "ބަރަ" އެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ބަރަބޮލަކީ ލުއި އެއްޗެއްނޫނެވެ. ވަރަށް "ބަރަ" އެއްޗެކެވެ. ވީމާ ބަރަބޮލަށް މިން ކިއިފައިމިވަނީ އޭގެ ބަރުދަނަށް ނިސްބަތްކޮށްގެންކަން އެބަ ދޭހަވެއެވެ. ނަމަވެސް އެންމެ ފާހަގަކޮށްލެވޭކަމަކީ އާއްމު ބަހުރުވައުގައި ލުއިގެ އިދިކޮޅަކީ ކުރީންވެސް ދެންނެވި ފަދައިން "ބަރު" ކަމަށްވެފައި ހައްދުންމަތީ ބަހުރުވައިގައި ބަރަބޮލަށް "ބަރުބޯ" ކިޔާ ކަމެވެ. ހީވަނީ ދެ ބަހުރުވައިގައި މި ލަފުޒު އޮޅުވައިލައިފައި އޮތްހެންނެވެ. ބަސް ބޭނުން ކުރާގޮތަށް ބަލާއިރު ޢާއްމު ބަހުރުވައިގައި ކިޔާންވީ "ބަރުބޯ" އެވެ. "ބަރަބޯ" ކިޔަންވީ ހައްދުންމަތީ މީހުންނެވެ. ނަމަވެސް ބަހަކީ ޠަބީޢީ އެއްޗަކަށްވާތީ އެކަން އެއޮތީ ވެސް އެ އުޞޫލުން ހަމަޖެހި ނިމިފައެވެ. އެއީ ހަމަ ބަރަބޮލެވެ. އެންމެން ދަންނަ އެންމެ ބޭނުންކުރާ ޢާއްމުވެފައިވާ ނަމެކެވެ. މި ނަމުގެ ފަހު އަކުރު 'ބޯ" އަށް ވިސްނައިލާއިރު އެއީ އިންސާނުންގެ ބޮލުގެ ސިފައަށް ނިސްބަތްވެގެން ބޭނުންކުރެވިފައި އޮތް އަކުރެއް ކަމަށް ލަފާކުރެވެއެވެ. ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ފުވައްމުލަކު ބަހުރުވައިގައި ބަރަބޮލަށް ކިޔަނީ "ބަރޮބޮލް" އެވެ. ދިވެހި ޢާއްމު ބަހުރުވައިގައި އޮންނަ (ނަމެއްގެ ގޮތުގައި ބޭނުންކުރާ) "ބޯ" މިލަފުޒަށް ފުވައްމުލަކުގައި ބޭނުންކުރާ ލަފުޒަކީ "ބޮލް" އެވެ. ހައްދުންމަތީ ބަހުރުވައިގައި މި ލަފުޒު ޢާއްމު ބަހުރުވަޔާ ތަފާތެއް ނޫނެވެ. އެހެންވީމާ "ބަރަބޯ" އެއީ ހަމަ ބަރު ބޮލެކެވެ. އާދެ! ބަރަބޮލެވެ.
      
ފާހަގަކޮށްލައްވަންވީ ނުކުތާއަކީ އަޅުގަނޑު މި އިޝާރާތްކޮށްލި 3 ލަފުޒުގެ  އުފެދުމާ ދޭތެރޭ ވިސްނައި ހޯދައި ބެލުމަށް އަދަބީ ބަހުރުވަ ނުވަތަ ޢާއްމު ބަހުރުވަ އެކަނި ނުފުދޭކަމެވެ. އެކަމުގައި އެހެން ބަހުރުވައެެއްގެ ނުވަތަ ބަހުރުވަތަކެއްގެ ބޭނުންތެރިކަން ބޮޑުކަމެވެ.
        
އަޅުގަނޑު އަޞްލު މަޤުސަދަކީ ދިވެހިބަހުގެ ވަކި ލަފުޒުތަކެއް އުފެދިފައިވާ ގޮތް ދިރާސާކުރުމެއް ނޫނެވެ. އެކަމަކު ދިވެހި ބަހުގައި ވެސް ތަފާތު ބަހުރުވަތައް ހުރުމަކީ ވަރަށް ބޭނުންތެރިކަމެކޭ އެއީ ބަހަށް ލިބިފައިވާ ވަރަށް އަގުހުރި ތަރިކައެކޭ ދަންނަވައިލުމެއެވެ. ތަފާތު ބަހުރުވަތަކަކީ ބަހަށްލިބިފައިވާ މުއްސަނދި ކަމެކޭ ވެސް ދަންނަވައިލުމެވެ. އަދި އޭގެ ސަބަބުން ފަސޭހަ ތަކެއް ލިބޭ އެއްޗެކޭ ދަންނަވައިލުންވެސް މެއެވެ.
--------------
(ނިމުނީ)

މި ލިޔުން:
      ފޮނުވުން:        ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
      އަލުން ފޮނުވުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
      ޝާއިޢުކުރުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ