ދިވެހިބަސް ދެކެ ދިވެހިން ފޫހިވަނީ....
ޙަސަން ޒަހީން
ދިވެހިބަހަކީ ދިވެހިންގެ މާދަރީބަހެވެ. ދިވެއްސަކަށް ވީތީ ފަޚުރުވެރިންވާން ޖެހޭ ބަހެވެ. ދުނިޔޭގެ އެހެން ބަސްތަކާ އަޅައިބަލާ އިރު މުއްސަނދި އެތައް ސިފައެއް ލިބިފައިވާ މަންމަ ބަހެވެ. ވަކި ޚާއްޞަ އަކުރަކާއި އަޑުތަކެއް ލިބިފައިވާ ފަޚުރުވެރި ބަހެވެ. އެހެންނަމަވެސް މި ހުރިހާ ފަޚުރަކާއި ޝަރަފެއް ލިބިފައިވާ ބަސް އެ ގޮތުގައި އޮތް ނަމަވެސް އަޅުގަނޑުމެން ދިވެހިން މި ދަނީ އެ ބަސް ދޫކޮށްލަމުންނެވެ. ދިވެހިބަހުގެ ކުރިއަށް އެހެން ބަސްތައް ނެރެ އިސްކުރަމުންނެވެ.
ސަބަބެއް ނެތިއެއް ނޫނެވެ. ސަބަބުތައް ބައިވަރެވެ. ދިވެހިބަސް އުގަންނައިދިނުމާއި ދަސްކުރުމުގެ ހުރިހާ މަރުޙަލާއެއްގައި ވެސް މައްސަލަތައް ފުނިޖެހިފައެވެ. ދިވެހިބަހަށް ދޭ ސަމާލުކަމާއި، ބަހުގެ ހިމާޔަތުގައި ކުރެވޭ މަސައްކަތްތައް ޒަމާނާ ނުގުޅުމާއި، ޓެކްނޮލޮޖީކުރިއަރާ އަޅުގަނޑުމެން ގޮވައިގެން ދަތުރުފަށާފައިވާއިރު، ބަހުގެ ދުވެލި އެސަފަށް ނާދެވުމަކީވެސް ގޮންޖެހުމެކެވެ. މިއީ ވަރަށް އައިދާގެ ދެތިން ވާހަކައެކެވެ.
ދިވެހިބަސް ދަސްކުރުގެ ފުރަތަމަ މަރުޚަލާ އަޅުގަނޑު ފަށާނީ ކުއްޖެގެ ފުރަމަތަ މަދަރުސާއިންނެވެ. އެ މާހައުލަކީ ދިވެހި ގޭބީސީތަކެވެ. އެތަންތަނުގެ އެދުރުންނަކީ މައިންބަފައިންނާއި އާއިލާގެ މެމްބަރުންނާއި ގޭބީސީގެ މެމްބަރުންނެވެ. މިއެދުރުގެއިން ދިވެހިބަސް ދަސްކުރުމަށް ދެވޭ މެސެޖަކީ ކޮބައިތޯއެވެ؟ ދިވެހި އަޑުތަކާއި، ދިވެހި ލަފުޒުތަކާއި، ދިވެހި ނަންތައް އަޅުގަނޑުމެންގެ ދަރިންނަށް އަޑުއިވޭބާވައެވެ؟ ބޮޑުދައިތައާއި، ތިއްތިބެއާއި، ތުއްތުބެއަށް ގޮވާލާ އަޑު ގޭތެރެއިން އިވޭބާއެވެ؟ "އާފަލާއި ދޮންކޭލާއި، ކަނޑުމަހާއި ފަރުމަހުގެ" ބާބަތްތައް ގޭގެ ކާމޭޒަށް ނަގާތޯއެވެ؟ "މަންމައާއި ބައްޕަ" އެކުދިންގެ ތިބޭތޯއެވެ؟ އަމިއްލަ ނަފުސާ މިސުވާލުތައް ކޮށްލަބަލާށެވެ. ޖަވާބު ލިބޭނީ ލިބުނީ ކިހިކެތްތޯއެވެ؟ ދެންއޮތީ ދިވެހި ގޭބީސިތަކުގެ ތަކުގެ އެދުރުންގެ ވާހަކައެވެ. ގިނަ ގޭބީސީތަކަށް ނަޒަރުހިންގާލުމުން ފެންނަމުންދަނީ ކޮންމެވެސް ބިދޭސީއެކެވެ. އެއީ ދުވާލުގެ ގިނަ ވަގުތުތަކުގައި އަޅުގަނޑުމެންގެ ދަރިންގެ ބެލެބިވެރިންނެވެ. ބަލަދުވެރިންނެވެ. މިހިސާބުން ޖަވާބު ލިބިދާނެއެވެ. ދިވެހިބަސް ދިވެހިކުދިން ކިޔަވާހިތް ނުވަނީ ކީއްވެތޯ އެވެ؟
އަޅުގަނޑުމެންގެ ގެތަކުން ބޭރަށް ނުކުންނަމާތޯއެވެ! ތަފާތު އެހެން މަންޒަތެއް ފެނޭތޯއެވެ؟ ވަށައިގެންވާ ފިހާރަތަކާއި، ވަށައިގެން ފެންނަ ބިލްބޯޑުތަކާއި، އިންފާރުތައް "ފަރުމާކޮށްދޭ" އިޝްތިހާރުތަކުން ދެނީ ކޮން މެސެޖެއްތޯއެވެ؟ ދިވެހިބަހަށް ދިވެހިންގެ ޝައުގާއި، ލޯބިހުރިވަރު ކިތަންމެ ރަނގަޅަށްކަށް ވެސް މިއިން ދައްކުވައިދެއެވެ. އެންމެ ކުޑަމިނުން އޮލިންޕަހުގައި އަޅުވާ ދިވެހި ފިލްމުގެ ނަމުން ފެށިގެން، އާންމު ޚިދުމަތުގެ ގޮތުގައި ދެވޭ ޚިދުމަތްތަކުގެ މެސެޖްތައް ވެސް ފޯރުކޮށްދީފައިވަނީ އެހެން ބަހަކުންނެވެ. ދިވެހިގެ ބޭނުންކުން ފެށިގެން އެނޫން ޚިދުމަތްތަކުގައި ފުރަންޖެހޭ ފޯމުވެސް "ދިވެއްސަކަށް" ފުރުމަކީ ދަތިކަމެކެވެ. ފިހާރަތަކަށް އާ މުދާ ލިބުމުން އެ ވާހަކަ ބުނަން ވެސް އަހަރެމެން ލަދުގަނެއެވެ. ދެންވާނީ ކިހިނެއްތޯ އެވެ؟ ދިވެހިބަސް ދަސްކުރަންވީ ކޮންބޭނުމެއްގައި ތޯއެވެ؟ 21 ވަނަ ޤަރުނު ނިމެންވާއިރަށް ދުނިޔޭގައި މީހުން ވާހަކަދައްކާ ބަސްތަކުގެ ތެރެއިން މައިގަނޑު ހައެއްކަ ބަސް ނޫން އެހެން ހުރިހައި ބަހެއް އުވިގެން ދާނެކަމަށް ބަހާބެހޭ ބައެއް މާހިރުން ވިދާޅުވެފައިވަނީ މިހެން މިކަންކަން ވެފައިވާތީ ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
މިވަރަކުން އަދި ނުނިމެއެވެ. ސުކޫލް މަދަރުސާތަކުގެ މާހައުމުން ބަހަށް ދޭ ސަމާލުކަމާއި ގަދަރަށް ވެސް ބަލައިލަން ޖެހެއެވެ. ސަބަބަކަށްވަނީ އެއީ މީހުން ބިނާކުރުމުގެ މައިސޯބަށް ވާތީއެވެ. މިއަދުގެ ސްކޫލު މާހައުމަށް ބެއްޔަސް ކަންހުރީ ހަމަ މިފަދަ ގޮތަކަށެވެ. އަދިވެސް ހަމަ އެ ދިވެހި މުޤައްރަރެވެ. ބަހުގެ އަދަބިއްޔާތާއި ބަހުގެ ގަވާއިދާއި، ބަހުގެ ޅެންވެރިކަމާއި ދެން ވެސް ބަހުގައި ލައްވާފައިވާނަމަ ވާހާކަމެއް ވަނީ އެއްފޮތެއް ގައެވެ. މޮޑުނު މަސްހުނި ގަނޑެއް ފަދައިންނެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ނަޒަރު ހިންގާލުމުން ޅެންވެރިކަމަކީވެސް ވަކި މާއްދާއެކެވެ. ބަހުގެ ގަވާއިދަކީ ވެސް ވަކި މާއްދާއެކެވެ. ބަހުގެ އަދަބިއްޔާތަކީ ވެސް ވަކި މާއްދާއެކެވެ. ނަތީޖާއަކަށްވަނީ ބަހުގެ ތާރީހު ދިރާސާކުރަން ބޭނުން ނުވާ ކުއްޖާ، މޮޅު ޅެންވެރިއަކަށް ވުމަށް ބޭނުންނަމަ، އެ ފުރުސަތު އެބަ ލިބެއެވެ. ނުވަތަ ލިޔުންތެރިއަކަށް ވާން ބޭނުންނަމަ، ޅެންވެރިކަން ނުކިޔެވިޔަސް ލިޔުންތެރިއަކަށް ވެވިދާނެ އެވެ.
އަދިވެސް ދަންނަވަން ތޯއެވެ؟ މިއަދުގެ ކިޔަވައިދިނުމުގެ އުޞޫލުތައް ވެސް ބަދަލުކުރަން ވަނީ ޖެހިފައެވެ. ރައިވަރާއި ޅެމާއި، ބަހުގެ ގަވާއިދާއި އަދަބިއްޔާތު އަދި ވާހަކައާއި މަޒުމޫނު ލިޔުން ކިޔަވައި ދިނުމުގައި ޕްރެޒެންޓޭޝަނާއި، މަލްޓިމީޑިއާގެ ވަސީލަތްތައް ބޭނުން ހިފަން އެބަ ޖެހެއެވެ. ރައިވަރު ކިޔާ ތަނާއި، ޅެންވެރިންގެ ބަސްދީގަތުންތަކާއި، ވާހަކަ ލިޔުމުގެ ފަންނުވެރިންނާއި ލިޔުންތެރިން ގެންގުޅޭ އުސޫލުތަކުގެ ވާހަކަތައް އެބޭފުޅުން ހުށަހަޅައިދޭ ގޮތްތައް ދިރާސާކޮށް، އޯޑިއޯއާއި ވީޑިއޯގެ ޒަރީއާއިން އުނގަންނައިދޭން ޖެހެއެވެ. އޭރުން ދިވެހިބަހަކީ ވެސް ކިޔަވާ ހިތުން ކިޔަވާ މާއްދާއަކަށް ހެދޭނެ އެވެ.
ދިވެހިން ދިވެހިބަސްދެކެ ފުހިވަނީ މިފަދަ އެތައް ސަބބުތަކެއް ހުރީމައެވެ. އަޅުގަނޑު ދެކޭގޮތުގައި ދިވެހިބަހުން ޑީގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބުމަކީ ބަހަށް ލޯބިކުރާ ބަޔަކު އިތުރުވި ކަމެކެވެ. ސަބަބަކަށް ވަނީ ދިވެހި ޑިގްރީ ހިފައިންގެން ބޭރުގެ ކަރަތަކަށް ގޮސް މާސްޓަރސް ހެދޭތީއެވެ. އެހެންނަމަވެސް އެހިސާބުން ފުއްދައިލެވޭކަށް ނެތެވެ. ދިވެހިބަހުން ވިޔަފާރީގެ ކޯހެއް ހަދަން ބޭނުން ވާ ކުއްޖަކަށް އެރުފުސަތު ވެސް އެބަ އޮތްތޯއެވެ؟ ދިވެހިބަހުން އިންސާނީ ވަސީލަތްތައް (ހިޔުމަން ރިސޯސް) ދާއިރާއިން ކިޔެވުމުގެ ފުރުސަތު ވެސް އެބަ އޮތްތޯ އެވެ؟ ނުވަތަ ކައުންސިލިން، ނުވަތަ ޤާނޫނީ ވަކީލުކަން ކިޔެވުމުގެ ފުރުސަތު ވެސް އެބައޮތްތޯއެވެ. އެހެންނަމަވެސް އުފެދޭ ސުވާލަކީ އަޅުގަނޑުމެން މުއްސަދިކަމަށް ދައުވާކުރާ ބަހުން އެފަދަ ކޯހެއް ފުރިހަމަ ކުރުމުގެ ފުރުޞަތު އެބައޮތް ބާވައެވެ. ނުވަތަ އަޅުގަނޑުމެންގެ ޔުނިވަރސިޓީން ނުވަތަ ކޮލެޖުތަކުގައި ކިޔަވާ މާއްދާތަކާއެކުވެގެން "ދިވެހި" ވަކިމާއްދާގެ ގޮތުގައި ކިޔަވައިދެވޭ ބާވައެވެ. މި ދެންނެވުނު ކަންކަމުގައި ބޭނުމެއް ނުހިފޭނަމަ، ދެންކީއްކުރާ ބަހެއްތޯއެވެ؟ މިއީ ބަހެއްގެ ބޭނުމާމެދު ސުވާލު އުފެދޭ ހިސާބެވެ. މީހެއްގެ ހަޔާތުގައި އޭނާއަށް ފައިދާތަކެއް ނުވާނަމަ، އެއީ ބަހެއްކަމުގައީ ވީނަމަވެސް ކިޔެވުމުގެ މާބޮޑު ބޭނުމެއް އޮންނާނެ ބާވައެވެ؟ ޖަވާބު ތިޔަ ބޭފުޅުން ދެއްވާށެވެ!
މިއަދު ލިބިފައިވާ އުއްމީދެއްގެ ވާހަކަ ވެސް ދަންވައިލާ ހިތް ވެއެވެ. "ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނު" ވަރަށް ފަހުން ވަނީ ވުޖޫދަށް އައިސްފައެވެ. އެ ޤާނޫނުގެ ދަށުން އުފައްދަން ލާޒިމުވާ "ދިވެހިބަހުގެ އެކެޑަމީ" 2011 އޮގަސްޓް 11 ގެ ކުރިން އުފެދޭނެ އެވެ. މި އެކެޑަމީ އަށް ޤާނޫނު ލާޒިމުކުރާ ވަރަށް ގިނަ މަސްއޫލިއްޔަތުތަކެއް ކަނޑައެޅިފައި އެބަ އޮތެވެ. އެ އެކެޑަމީއަށް ދިވެހިބަސް ދެކެ ލޯބިވާ ޤާބިލު ބޭފުޅުންކޮޅެއް އިސްކުރެވި، ބަހަށް ޓަކައި އިޚުލާޞްތެރި މަސައްކަތްޕުޅުތަކެއް ކުރައްވަން ފައްޓަވައިފި ނަމަ އަޅުގަނޑު ކުރިން ދެންނެވި ނާއުންމީދީ ޝުޢޫރުތަކުގައި އުއްމީދުގެ ކުލަ ޖެހޭނެކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.
-------------------
(ނިމުނީ)
މި ލިޔުން:(ނިމުނީ)
ފޮނުވުން: އަލްފާޟިލު ޙަސަން ޒަހީން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު