އަދުގެ ޚާއްސަ

Print

އިސްލާމީ ތަހްޒީބުގެ ނާރެހަކީ މުޙައްމަދީ ރިސާލަތެވެ. (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


މުސްލިމުންގެ އާރާއި ބާރުގެ ސިއްރަކީ އިތުރު ސާހިބާގެ ރިސާލަތަށް އީމާންވުމާއި އެކަލޭގެފާނާ މުސްލިމުންނާ ގުޅިފައިވާ ލޯތްބާއި އަދަބު އިޙްތިރާމުގެ ގުޅުމެވެ.


ޢަބްދުﷲ ފާރޫޤު ޙަސަން

މިހާރަކަށްއައިސް ހުޅަނގުގެ ޤައުމުތަކުން މެދުކެނޑުމެއްނެތި ގެންދަނީ މުސްލިމުންނާ ދެކޮޅަށް ހަނގުރާމައިގެ ބެރުޖަހަމުންނެވެ. ކައިރި މުސްތަޤުބަލެއްގައި މުސްލިމުންނާއި ހުޅަނގާ ދެމެދު ހިނގާނެ ތަހްޒީބާބެހޭ މަޢުރިކާއެއްގެ ޚަބަރު ދުނިޔެއަށް އިޢުލާންކުރަމުންނެވެ. ހަމައެއާއެކު ހުޅަނގުން ގެންދަނީ ވަރުގަދަޔަކަށް އެހަނގުރާމަޔަށް ތައްޔާރުވަމުންނެވެ. މިވަގުތަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއްވެސް އަޅަމުންނެވެ.
 

މުސްލިމުންނާ ދެކޮޅަށް ހުޅަނގުން ކުރަން ތައްޔާރުވާ "ތަހްޒީބާ ގުޅޭ ހަނގުރާމައިގެ" އަޞްލު ސަބަބަކީ ކޮބައިކަން މުސްލިމުންނަށް ރަނގަޅަށް އޮޅުންފިލައިފައި އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިހަނގުރާމައިގެ ކާމިޔާބީއާއި ނާކާމިޔާބީގެ ނިޔާކަނޑައެޅޭނެ މަޢުރިކާ ހިނގާނެ މައިދާނަކީ ކޮބައިކަން ދަނެގެން ތިބުމަކީވެސް މުސްލިމުންގެ މައްޗަށް ލާޒިމު ކަމެކެވެ. މުސްލިމުންނަށް މަސްއަލަ ރަނގަޅަށް ވިސްނައިގަނެވޭނީ އޭރުންނެވެ. ރަނގަޅު ޙިކުމަތު ޢަމަލީއެއް އެކުލަވައިލެވޭނީ އޭރުންނެވެ.

ޢަދާވާތްތެރިކަމުގެ ސަބަބުތައް


ހުޅަނގުން މުސްލިމުންނާ ޢަދާވާތްތެރިވެގެން އުޅޭ ޙަޤީޤީ ސަބަބަކީ މުޙައްމަދީ ރިސާލަތުގެ މަސްއަލަކަން މުސްލިމުންގެ ތެރެއިން ބައެއް މީހުންނަށް އޮޅުންފިލައިފައި ނެތުމަކީ އެކަށީގެންވާ ކަމެކެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ތެދުވެރި ރަސޫލެއް ހެއްޔެވެ؟ މިސުވާލަކީ އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޙިރާ ފަރުބަދައިގައި އެންމެ ފުރަތަމަ ވަޙީލިބިވަޑައިގެންނެވި ދުވަހުން ފެށިގެންވެސް އެކަލޭގެފާނުގެ ރިސާލަތަށް އީމާންނުވާ މީހުން ކުރިމަތިކޮށްފައިވާ ސުވާލެކެވެ. އޭރުއްސުރެ މިއަދާ ހަމަޔަށް ހިނގަމުންމިދާ ހުރިހާ ޒުވާބަކާއި ޖަދަލެއްގެ ނާރެހަކީ އެސުވާލު ކަމުގައި ދެންނެވިދާނެއެވެ. މުޙައްމަދީ ރިސާލަތު ޤަބޫލުކުރުމުގައި އޭރުއްސުރެ އިންސާނުންވަނީ ދެކޭމްޕަކަށް ބެހިފައެވެ. ޤައުމުތަކުގެ ތާރީޚާއި، ނަސީބާއި ތަހްޒީބުގެ މިސުރާބު އޭރުއްސުރެ ކަނޑައަޅަމުންއަންނަނީ މިސުވާލުގެ ޖަވާބެވެ. މުސްތަޤުބަލުގައިވެސް އެކަން އޮންނާނީ ހަމައެގޮތަށެވެ.

ޝައްކެއްނެތެވެ. ދުނިޔޭގެ އިޤުތިޞާދީ މަސްއަލަތަކާއި ސިޔާސީ ޙަރަކާތްތަކާއި ސްޓްރެޓީޖިކް މަޞްލަޙަތުތަކަކީވެސް ހުޅަނގުގެ ކުރިމަތީގައި މުހިންމު މަސްއަލަތަކެކެވެ. އިސްލާމީ ދުނިޔޭގެ ހިތަށް އިސްރާއީލެވެ ކިޔުނު ވިހަ ޚަންޖަރު ގޯޅައިލި ސަބަބަކީވެސް އެއީއެވެ. ހުޅަނގުންވަނީ އިސްލާމީ ޤައުމުތަކުގެ ވެރީން އެބައިމީހުންގެ ޑޯލާ ވެރީންތަކަކަށް ހަދައިފައެވެ. މެދުއިރުމަތީގައި އަސްކަރީ މަރުކަޒުތަކުގެ ދަލެއް ފަތުރައިފައެވެ. އިސްލާމީ ޤައުމުތައް ބަލިކަށިކޮށް އާރާއި ބާރު ކަނޑުވަމުން ގެންދަނީ އެބޭނުމުގައެވެ. ކިރިޔާވެސް ބޯހަރު ވެދާނެކަމަށް ހީވާ ވެރިޔަކުނަމަ އެމީހެއްގެ ކަރުގައި މަޅިބައްދަން މަސައްކަތްކުރަނީ އެބޭނުމުގައެވެ.

ނިކަން ވިސްނައިލަމާ ހިންގަވާށެވެ. ދުނިޔޭގައި ހުރި އިޤުތިޞާދީ ވަސީލަތްތަކަށް ބާރުފޯރުވުމުގެ ވާދަވެރިކަމަކީ އެމެރިކާއާއި ޔޫރަޕާއި ޖަޕާނާއި ރަޝިޔާއާއި ޗައިނާއާއި މިހުރިހާ ޤައުމުތަކެއްގެ މެދުގައި އޮންނަ ވާދަވެރިކަމެކެވެ. ނަމަވެސް މިދެންނެވި ޤައުމުތަކުގެ މެދުގައި އިސްލާމީ އުއްމަތާމެދު އޮންނަފަދަ ދުޝްމިނުކަމެއް ނޯވެއެވެ. ހުރިހާ ހަސަދަވެރިކަމެއް އޮންނަނީ އިސްލާމީ އުއްމަތާ މެދުގައެވެ.

އަނެއްކޮޅުން އިސްވެދެންނެވުނު ޤައުމުތައް އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ވާދަދުއްވަމުންދާ ޤުދުރަތީ މުއްސަނދިކަން ލައްވައިފައިވަނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އީމާންވާ މީހުންގެ ފައިތިލަތަކުގެދަށުގައެވެ. އެބައިމީހުން ދިރިއުޅެމުންގެންދާ ބިންތަކުގެ ބަނޑުތެރޭގައެވެ. ކަން މިހެން ހުރުމާއެކުވެސް އިސްލާމްދީނާއި މުސްލިމުންނާ މެދު އެބައިމީހުންގެ ހިތްތައް އެއްވެސް ވަރަކަށް މަޑުވެފައެއް ނުވެއެވެ. އެއްވެސްކަހަލަ ހަމްދަރުދީއެއް ނޯވެއެވެ.

ހުޅަނގުން އަބަދުވެސްގެންދަނީ އިސްލާމްދީނާއި މުސްލިމުންނާމެދު ނަފުރަތުއުފެއްދުމުގެ ގޮވެލިތަކުގެ އަޑުއަރުވަމުންނެވެ. ބައެއް ފަހަރަށް އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ ނަމުގައެވެ. އަނެއްބައިފަހަރު މުޖުތަމަޢުގައި އަންހެނުންގެ މަޤާމާއި އެބައިމީހުންގެ މިނިވަންކަމުގެ ނަމުގައެވެ. އަންހެނުންގެ އެމްޕަވަރމަންޓާއި ލިބަރޭޝަންފަދަ ހިތްކިޔާ ޒާތުގެ ނަޢުރާތަކުންނެވެ. އަނެއްބައިފަހަރު އިސްލާމީ ޤާނޫނުތަކާއި ޝަރުޢީ ޙައްދުތަކާ ދެކޮޅަށް އަޑުއުފުލުމުގެ ސިފައިގައެވެ. އަނެއްބައިފަހަރު މުސްލިމުންގެ ބޮލުގައި އަޅުވަނީ ޖުމްހޫރިއްޔަތާ ދުޝްމަނުވުމުގެ ތުހުމަތެވެ.

މުސްލިމުން ނޫނަސް ދުނިޔޭގައި ބޮޑެތި އާބާދީތައް އެބަހުއްޓެވެ. އިސްވެދެންނެވި ޒާތުގެ "ތަހްޒީބީ އަގުތަކާ" މުސްލިމުންނަށްވުރެ މާބޮޑަށް ޚިލާފުވާ މުޖުތަމަޢުތައް އެބަހުއްޓެވެ. އެޙައިޘިއްޔަތުން މާބޮޑަށް "ކުށްވެރި" ޤައުމުތައް އެބަ އުޅެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ބަޔަކަށް މުސްލިމުންނަށް ދޭކަހަލަ ރީތި "ހަދިޔާ"ތަކެއް ނުދެއެވެ. މިކަމުން އެނގެނީ ހުޅަނގުން ހަނގުރާމަކުރަނީ ކޮންމެހެން ތަހްޒީބީ އަގުތަކެއްގެ ދިފާއަކު ނޫންކަމެވެ. އަދިކީއްތޯއެވެ؟ ހުޅަނގުން ދުޝްމިނުވެގެންއުޅެނީ އެތަހްޒީބެއްގެ ކޯދުނިކުތުމާއި ހެދިފޯދުމާ މުޙައްމަދީ ރިސާލަތާ ގުޅިފައިވާ ތަހްޒީބާ މެދުގައިކަމެވެ.

ހުޅަނގު ރަނގަޅަށް ދަނެއެވެ. މިއަދު މުސްލިމުންނަކީ ސިޔާސީ ގޮތުންވެސް، އިޤުތިޞާދީ ގޮތުންވެސް، އަސްކަރީ ގޮތުންވެސް އެބައިމީހުންގެ ބައިކުޅަބަޔާވެސް ވަޒަންހަމަ ބައެއް ނޫނެވެ. މުސްލިމުން އެބައިމީހުންގެ އިޖުތިމާޢީ ނިޒާމާއި ސިޔާސީ ނިޒާމާއި ކުށާއި އަދަބު ކަނޑައެޅުމުގެ ނިޒާމު އިސްލާމީ ޝަރީޢަތާ އެއްގޮތަށް ބައްޓަން ކުރިޔަސް، ބުރުގާއެޅިޔަސް، ޙައްދުތައް ތަންފީޒުކުރިޔަސް ހުޅަނގުގެ ތަހްޒީބަށް ފޯރާނެ އެއްވެސް ލޮޚުސާނެއް ނޯންނާނެކަންވެސް ހުޅަނގުން ޤަބޫލުކުރެއެވެ. ނަމަވެސް އިސްލާމްދީން ކުރިއަރައި މުސްލިމުން އަލުން ހޭލައިގެން ތެދުވުމަކީ (ހުޅަނގުގެ ޢިބާރާތުން ދަންނަވާ ނަމަ އިސްލާމީ ފަންޑަމެންޓަލިޒަމަކީ) ހުޅަނގަށް ކުރިމަތިވެފައިވާ އެންމެބޮޑު ބިރު ކަމުގައި ދަޢުވާކުރަނީ ކީއްވެގެން ބާވައެވެ؟ އެބައިމީހުންގެ ދިރިއުޅުމުގެ އާޖުފާޖާއި އެބައިމީހުން ޤަބޫލުކުރާ އަގުތަކާއި އެބައިމީހުން މިހާތަނަށް ޙާސިލުކޮށްފައިވާ ތަހްޒީބީ ކުރިއެރުމަށް ހުރި އެންމެބޮޑު ނިރުމަލަޔަކީ އިސްލާމްދީނާއި މުސްލިމުން ކަމުގައި ލޭބަލްކުރަނީ ކީއްވެގެން ބާވައެވެ؟ އާދެ، އޭގެ ހުރިހާވެސް ސަބަބަކީ މުޙައްމަދީ ރިސާލަތެވެ.

މުސްލިމުންގެ ޒިންމާ


ތަހްޒީބީ ހަނގުރާމައިގެ މިޙަޤީޤަތް ޢާއްމު މުސްލިމުންނަށް މާބޮޑަށް ވިސްނައިނުގަނެވިއޮތުމަކީ އަޖާއިބުވާންޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ އިސްލާމްދީން އަލުން ދިރުވައި ކުރިއެރުވުމުގެ އެޖެންޑާ ހިފައިގެން ނިކުމެ އުޅޭ ވަރަށް ގިނަ ބަޔަކުވެސް މިޙަޤީޤަތަށް ސަމާލުކަމެއް ނުދެއެވެ. އެކަން ފުރިހަމަޔަށް އިޙްސާސްކޮށް ވިސްނައިގެންފައެއް ނުވެއެވެ. އެކަން އެނގެނީ އެފަދަ ފަރާތްތަކުގެ އެޖެންޑާގައި މުޙައްމަދީ ރިސާލަތަށް ލިބެންޖެހޭ ޙަޤީޤީ މަޤާމު ދެވިފައި ނުވާތީއެވެ. މުޙައްމަދީ ރިސާލަތުގެ މަތިވެރިކަމާއި މުޙައްމަދީ އުސްވަތު (ކައު ސާހިބާގެ ރީތި ސީރަތު) އުނގަންނައިދިނުމަށް ދޭން ޖެހޭ އަހައްމިއްޔަތު ދީފައި ނުވާތީއެވެ.

ތަހްޒީބީ ހަނގުރާމަޔަކީ ހިތާއި ސިކުނޑި ފަތަޙަކުރުމުގެ ހަނގުރާމައެކެވެ. އިސްލާމީ ތާރީޚުގެ އެންމެ ކުރީ ދައުރުގައިވެސް މުސްލިމުންގެ ހިތްތައް އެކުވެރިވެ އެކަތިގަނޑަކަށްވީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަދެކެ ލޯބިވުމުގެ ޒަރީޢާއިންނެވެ. މިއަދުވެސް އެމަޤުޞަދު ޙާޞިލުވާނީ ހަމަ އެވަސީލަތުގެ ބޭނުންހިފައިގެންނެވެ. އެހެންނަމަވެސް މުޙައްމަދީ ރިސާލަތަށްޓަކައި، އިންސާނުންގެ ހިތްތަކާއި އެބައިމީހުންގެ ދިރިއުޅުން ފަތަޙަކުރުމަށް ކުރަންޖެހޭވަރުގެ ބައިކުޅަބައި ވެސް މަސައްކަތެއް ނުކުރެވެއެވެ. މިމަތިވެރި ޚިދުމަތުގެ އިޙްސާސް އުފެއްދުމާއި އެކަމުގެ ޖަޒުބާތާއި ފިކުރު އުފެއްދުމަކީ މުސްލިމުންނަށް މިހާރު އެންމެބޮޑަށް ބޭނުންވެފައިވާ ކަންތަކެވެ. މުސްލިމުންގެ އެންމެ ބޮޑު މަޤުޞަދަކަށް ވާންޖެހޭ ކަންތަކެވެ. އެމަޤުޞަދު ޙާޞިލުކުރެވޭނީ މުޙައްމަދީ އުސްވަތު ޒުވާނުންނަށް ދަސްކޮށްދީގެންނެވެ. މުޙައްމަދީ ސީރަތު އުނގަންނައިދީގެންނެވެ.

ކުރީންވެސް ދަންނަވައިފައިވާނޭފަދައިން މުޙައްމަދީ ރިސާލަތާ ދެކޮޅަށް ޔޫރަޕުން އިޢުލާންކޮށްގެން މިއުޅޭ ހަނގުރާމަޔަކީ އައު ހަނގުރާމައެއް ނޫނެވެ. އިސްލާމާއި ކްރިސްޓިޔަނިޓީއާ ހަތަރުކަޅި ބައްދަލުވީއްސުރެ ކްރިސްޓިޔަނުންނާއި ޔޫރަޕުންވަނީ އިސްލާމްދީނާ ދެކޮޅަށް އެބައިމީހުން ކުރާ ހަނގުރާމައިގެ ނާރެހަކީ އިތުރު ސާހިބާގެ ޒާތުފުޅާއި އެކަލޭގެފާނުގެ ރިސާލަތުކަމުގައި ހަދައިފައެވެ.

ކައުސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އީމާންވާ މީހުން ޢަރަބި ކަރައިގެ ޞަޙަރާއިން ފާޅުވީ ވަރަށް ކުއްލިގޮތަކަށެވެ. އެންމެ ތޭވީހަކަށް އަހަރުގެ ތެރޭގައެވެ. އެސްފިޔަ ޖަހާލާހައި ހަލުވިކަމާއެކު އެބައިމީހުންވަނީ ޝާމްކަރައާއި ފަލަސްޠީނާއި މިޞްރާއި ލީބިޔާއާއި ތޫނިސާއި އަލްޖޭރިޔާ ފަތަޙަކޮށްފައެވެ. އޭގެކުރީން އެތަންތަނަކީ ކްރިސްޓިޔަނިޓީގެ ހާލިތަކެކެވެ. މުސްލިމުން ހަމައެކަނި އެތަންތާނގެ ބިންތައް ފަތަޙަކުރީކީނޫނެވެ. އަދިކީއްތޯއެވެ؟ އެތަންތާނގެ ރައްޔިތުންގެ ހިތްތައްވެސް މިލްކުކުރީއެވެ. އެތަންތާނގެ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތު ހިތްތަކުގެއަޑީން މުޙައްމަދީ ރިސާލަތު ޤަބޫލުކޮށް އީމާންވީއެވެ. މުސްލިމުންގެ މަތިވެރި ކާމިޔާބީގެ ތާރީޚު މިހިސާބަކުންވެސް ނުނިމެއެވެ. މުސްލިމުންގެ މަތިވެރިކަމުގެ އިރު އެއްހާސް އަހަރާ ގާތަށް މެދުއުޑުގައި ވިދަވިދައި ހުއްޓެވެ. ކްރިސްޓިޔަނުންގެ އެތަކެއްހާސް ބަދުދުޢާއާއި، އެބައިމީހުންގެ މިންނެތް މަސައްކަތާއެކުވެސް އެއިރު އޮއްސޭތަނެއް ނައެވެ. އެކަމާހުރެ އެއުރެންތިބީ ޙައިރާންވެ އަންތަރީސްވެފައެވެ. ރުޅިއައިސްގެންގޮސް ފަޅަފަޅައިގެންދާވަރުވެފައެވެ. ނާކާމިޔާބީގެ ހިތިއަސަރުގައި ނޯށުން ރޮއިރޮއެވެ. އެބައިމީހުންގެ ރުޅިވެރިކަން އެތައްގުނަޔަކަށް އިތުރުވި އެއްސަބަބަކީ އެބައިމީހުންގެ ކްރިސްޓޮލޮޖީ (މަސީޙުގެ ކައުވަންތަކަމާއި ކަލާނގެ ދަރިކަލެއްވަންތަކަމުގެ ޢަޤީދާ – ނަޢޫޛު ބިﷲ) އާއި ޝަރީޢަތަށް ބޯނުލެނބުން ފިޔަވައި އިސްލާމްދީނާއި ކްރިސްޓިއަން ދީނާ ދެމެދު މާޚާއްޞަ ތަފާތެއް ނެތް ކަމަށާއި، ވަރަށް އެއްގޮތްކަމުގައިވެސް އެބައިމީހުންނަށް ފެންނާތީއެވެ.

އެބައިމީހުންނަކަށް މިއާދަޔާ ޚިލާފު ޙާދިޘާގެ ސަބަބު ބަޔާންކުރާނެގޮތެއް ނޭނގުނެވެ. އެޙަޤީޤަތާ ކުރިމަތިލާނެގޮތެއް ނުވިސްނުނެވެ. މީހުން އިސްލާމްދީން ޤަބޫލުކުރިޔަނުދީ ހުއްޓުވާނެގޮތެއް ޚިޔާލަކަށް ނުގެނެވުނެވެ. އެކަމާހުރެ އެބައިމީހުން ތިބީ ފިކުރުބޮޑުވެ އަންތަރީސްވެފައެވެ. އިނގިލިތަކުގެކުރީގައި ދަތްއަޅައިގެންނެވެ. އެބައިމީހުންނަށް ޤަބޫލު ކުރެވުނު ގޮތުގައި އެހުރިހާ "ފިތުނައެއްގެ މުލަކީ" އިސްލާމްދީނުގެ ނަބިއްޔާއެވެ. އެބައިމީހުންނަށް ކުރިމަތިވި ހުރިހާ މުސީބާތެއްގެ އަސްލަކީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތެވެ. މުސްލިމުންގެ ހުރިހާ އާރަކާއި ބާރަކާއި މަތިވެރިކަމެއްގެ ސިއްރަކީ ކައުސާހިބާގެ ރިސާލަތާމެދު މުސްލިމުންގެ ހިތްތަކުގައިއޮންނަ ޔަޤީންކަމެވެ. ކައުސާހިބާގެ ޒާތުފުޅާ މުސްލިމުންނާ ގުޅިފައި އޮންނަ ލޯތްބާއި ހަންހާރަވެތިކަމާއި އަދަބު އިޙުތިރާމުގެ ވަރުގަދަ ގުޅުމެވެ.
-----------------
(ނުނިމޭ)

މި ލިޔުން:

 ފޮނުވުން:   އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
 އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް
 ޝާއިޢު ކުރުން:  ''     ''

ހަމަމިގަލަމުން

އިދާރާ

ވާހަކަ