އަދުގެ ޚާއްސަ

Print

ހާސްކަން ކަނޑުވަން ކުރެވޭނީ ކީއް؟ (2)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ

ހަމަ ހިތަށްއަރާ..


ބިންމާ އިބްރާހިމް ވަހީދު

"ހާސްކަން ކަނޑުވާނީ ކިހިނެއް؟" ކުރިން ގެނެސްދިންއިރު ވިސްނާލި ކަންތައްތަކުގެ އިތުރަށް، އަދި ވެސް ވިސްނަންޖެހޭ ބައެއް ކަންތައްތައް އެބަހުއްޓެވެ. ހިތަށްއަރާފާނެ އެވެ. މިއީ އެހާ ބޮޑު ކަމެއް ހެއްޔެވެ؟ ޖަވާބަކީ އާނއެކެވެ. ކަމެއް ކުރިމަތިވުމުން ހާސްވެއްޖެ ނަމަ، ކަންކުރަން ކިތަންމެ ރަނގަޅަށް އެނގުނު ނަމަވެސް، ފެއިލްވެދާނެ އެވެ. ހާސްކަން ކުޑަކުރަން އެނގުމަކީ، ފުރާނަ ސަލާމަތްކުރަން ތިމާ އަށް މަގުފަހިކޮށްދޭނެ ކަމެކެވެ. މިއީ "ހާސްކަން ކަނޑުވާނީ ކިހިނެއް؟" ގެ ދެވަނަ އަދި ފަހު ބައެވެ.
   
ފަތިހު ނުވަތަ ހަވީރު، އަދިރިމައްޗަށް ނުކުމެ ހިނގާލާށެވެ. ގަހެއްގެ ހިޔަލުގައި އިނދެ، އިރުއޮއްސޭތަން ބަލައިލާށެވެ. ރާޅުޖަހާ ފަށުގައި، ހުސްފައިގައި ހިނގާލުމަކީ، އެންމެ ރަނގަޅު ގޮތެވެ. ރާޅުޖަހާ އަޑާއި، މޫދަކީ ހިތަށް ފިނިކަން ގެނެސްދޭ އެއްޗިއްސެވެ. ވަގުތުކޮޅެއް ހޯދައިގެން އަތިރިމައްޗަށް ނުކުމެވޭތޯ ބަލާށެވެ.
   
ދުވަހުގެ ތާވަލުގައި ކުޅިވަރެއް ހިމަނާށެވެ. ސިކުނޑިން ކުޅޭ ކުޅިވަރުގެ އިތުރުން، މުޅި ހަށިގަނޑުން ކުޅޭ ކުޅިވަރު ވެސް ކުޅޭށެވެ. އެކަނި ކުޅޭ ކުޅިވަރާއި ޓީމެއްގެ ގޮތުގައި ކުޅޭ ކުޅިވަރެއް ނަމަވެސް ކުޅޭށެވެ. ކަސްރަތުގެ އިތުރުން، އެންމެން ގުޅިގެން މަސައްކަތް ކުރަން ދަސްވާނެ އެވެ. ބޮޑެތި ކަންތައް ކުދިކުދިކޮށް ބަހާލުމާއި، އެހެން މީހުންގެ އެހީ ހޯދައިގެން ކަންތައްތައް ކުރަން ފަރިތަވާނެ އެވެ.
   
ކޮންމެ މީހަކީ ވެރިއެއް ނޫނެވެ. އެކަމަކު، ކޮންމެ ދުވަހަކު ވެސް، ނިންމުންތަކެއް އޭނަ ނިންމާނެ އެވެ. ދެ ފަހަރަށް ވިސްނާފައި ނޫނީ، އެއްވެސް ނިންމުމެއް ނުނިންމާށެވެ. އަދި، އަބަދު ވެސް، އަމިއްލަ ނަފްސަށް އިތުބާރު ކުރާށެވެ. އަމިއްލަ ނަފްސާދޭތެރޭގަ ޝައްކު ނުކުރާށެވެ. ކޮންމެ ކަމެއް ވެސް، ކުރަން ނިންމައިފިއްޔާ އުންމީދުކަނޑާނުލާށެވެ. ހިތް މާޔޫސްކޮށްނުލާށެވެ. ތިމާ އަށް ހިތްވަރުދޭން އެންމެ ރަނގަޅުވާނީ ހަމަ ތިމާ އެވެ. ތިމާގެ ޤާބިލުކަމާ ދޭތެރޭގައި ތިމާގެ ހިތުގައި ޝައްކު އުފެދުމުން، އެ ހިސާބުން ބިންގާ ކަތިވީ އެވެ. ދެން ކެއްޗާ ހަމައަށް ދަންދަންވެސް އޮންނާނީ ކަތިކޮށެވެ.
   
އެއްވެސް މީހަކަށް ހުރިހާ ކަމެއް ކާމިޔާބެއް ނުކުރެވޭނެ އެވެ. އެހެންވިޔަސް، ކަންކަމާ ކުރިމަތިލާއިރު، އެ ކަމެއް ކާމިޔާބުވާތަން ލޮލަށް ސިފަކުރާށެވެ. އެއީ، ހަށިގަނޑަށް ދެވޭ އޯޑަރެކެވެ. ތިމަންނަ އަށް ކަމެއް ނުވާނެއޭ ހީވެއްޖެއްޔާ، އެއީ ވެސް ހަށިގަނޑަށް ދެވޭ އޯޑަރެކެވެ. ވަރަށް އަވަހަށް ހަށިގަނޑު އެ އަށް އިޖާބަދޭނެ އެވެ. އަހަރެން އެވެނި ޓެސްޓަކުން ފާހެއް ނުވާނެއޭ ހީކޮށްފިއްޔާ ސިކުނޑި މަސައްކަތް ކުރާނީ އެ ޓެސްޓުން އޭނަ ފާސްވިޔަނުދޭށެވެ.
   
ހިނިތުންވުމަކީ، ހާސްކަމަށް ދެވޭ ފަރުވާއެކެވެ. ވާހަކަދައްކާއުޅޭއިރުގަ އާއި، ދުވަހު މަސައްކަތާ ކުރިމަތިލައިގެން އުޅޭއިރު، ސީރިޔަސްކަން ކުޑަކޮށްފައި، ހިނިތުންވާން މަސައްކަތްކުރާށެވެ. މަދުމަދުން ނަމަވެސް ޖޯކު ލިއެފައި ހުންނަ އެއްޗިހި ކިޔާށެވެ. އަބަދާއަބަދު، ކުރަން ހުންނަ މަސައްކަތްތަކަށް ނުވިސްނާށެވެ.
   
ކަންކަން ރަނގަޅުކުރަން ކުރަންޖެހޭ ކަންތައް ނުކޮށް، މާދަމާ ރަނގަޅުވާނެކަމަށް އުންމީދުނުކުރާށެވެ. ނުކުރުވޭނެހާ ގިނަ މަސައްކަތްތައް ހަވާލުނުވާށެވެ. ކުރިން ވެސް ބުނިހެން، ނޫނެކޭ ބުނަން އާދަކުރާށެވެ. ކަންކުރަން އުޅެންވާނީ ކުރެވޭ ވަރަކުންނެވެ. ގިނަ ކަންތައް ކުރަން އުޅުމަށް ވުރެ، ކުރަން ހަވާލުވާ މަދު ކަންތައް ނިންމާލުން މާ މުހިންމުވާނެ އެވެ.
   
ދިރިއުޅުމުގެ ލަނޑުދަނޑިތަކެއް ކަނޑައަޅާށެވެ. ވަކި އަމާޒަކަށް ދަތުރުކުރާށެވެ. ކޮންމެ ދުވަހަކު ވެސް ނިންމާނެ ވަކި ކަންތައްތަކެއް ކަނޑައަޅައި، އެކަންތައް ނިންމަން މަސައްކަތްކުރާށެވެ. ނުވަތަ، ގިނަ މަސައްކަތްތަކެއް ނިންމަން މަސައްކަތް ކުރިޔަސް، ކޮންމެ މަސައްކަތެއް ނިންމާނެ ވަކި ހިސާބެއް ކަނޑައަޅާށެވެ. ކުރުކޮށް ބުނާ ނަމަ، ޓޭބަލެއް ކަނޑައަޅައިގެން މަސައްކަތް ކުރާށެވެ. އޭރުން ކަންކަން ނިމޭނެ ދުވަހެއް އެނގޭނެ އެވެ.
   
އޮފީހުގައި މަސައްކަތް ކުރުމަށްފަހު އަމިއްލަ މަސައްކަތް ވެސް ކުރާ ނަމަ، މިއަދު ކުރާނީ ކޮން ކަމެއްކަން ތިމާ އަށް އެނގެންޖެހޭނެ އެވެ. އޭރުން، ވަގުތުނެތިގެން ތެޅިފޮޅޭކަށް ނުޖެހޭނެ އެވެ. ކުއްލިއަކަށް ތަނަކަށް ދާންޖެހިއްޖެ ނަމަ ވެސް، އެ ތަނަކުން އައިސް، ކުރިން ކުރި މަސައްކަތް ނިންމާލަންވާނެ އެވެ. އެހެންނޫނީ، އަނެއް ދުވަހަށް މަސައްކަތް ފުނިޖެހޭނެ އެވެ.
   
މަސައްކަތް ކުރާއިރު، ހިތްހަމަޖެހޭ ކަހަލަ، ލަވައެއް ނުވަތަ މިޔުޒިކެއް ޖަހާށެވެ. މިޔުޒިކަކީ، ހާސްކަން ކުޑަކޮށްދޭ އެއްޗެކެވެ. ލަވަޖަހާ ނަމަ، ހިތާމައިގެ ލަވައިގެ ބަދަލުގައި އުފާވެރި ލަވަ ޖަހާށެވެ. ބައެއް މީހުން ލޯބިކުރާނީ "ހެވީ މެޓަލް" ލަވަތަކަށެވެ. އެހެންކަމަށް ވާނަމަ، އެ ފަދަ ލަވަތައް "ޕެން ޑްރައިވް" އަކަށް އަޅައިގެން ގެންގުޅޭށެވެ. ކޮންމެ ތަނަކަށް ދިޔަސް، އެ ލަވަތައް ހުންނާނީ އޭރުންނެވެ.
   
ފެންނަ ނުދަންނަ މީހުންނަށް ހިނިތުންވެލާށެވެ. ސަލާމް ގޮވާލާށެވެ. ގޭގެ ފިކުރުތައް ހިފައިގެން އޮފީހަށް ނުދާށެވެ.އަދި އޮފީހުގެ މައްސަލަތައް ގެ އަށް ނުގެންނާށެވެ. މާ ބޮޑަށް ފިކުރުބޮޑުވެއްޖެ ނަމަ، ކުރަން ހުރި މަސައްކަތް މެދުކަނޑާލާފައި، ރައްޓެއްސަކާ އެކުގައި ކޮފީއަކަށް ދާށެވެ. ނުވަތަ ރައްޓެއްސަކަށް ފޯނުން ގުޅާލާށެވެ. އެހެންނަމަވެސް ހުޝިޔާރު ވައްޗެވެ. މައްސަލަތަކެއްގެ ތެރޭގައި އުޅޭ ރައްޓެއްސަކަށް ނުގުޅައްޗެވެ. އެ މީހުންނާ ގުޅާނީ، ތިމާ ހަމަޖެހިލައިގެން ހުންނަ ވަގުތެއްގަ އެވެ.
   
ރޭގަނޑު އުޑުފެންނަ ހިސާބަކަށް ދާށެވެ. ތަރިތަކަށް ބަލާށެވެ. އެ ހުންނަނީ، ކުޅަދުންވަންތަކަމުގެ، އަންތަރީސް ވާވަރުގެ ހެކިތަކެވެ. އެ ތަކެތީގެ ވެރިފަރާތާ އަހަރުމެން ބައްދަލުކުރާ ދުވަހެއް އަންނާނެކަން ވިސްނާށެވެ. ނަމާދު ކުރާށެވެ. އަބަދު ދުނިޔަވީ ކަންތައްތަކަށް ހެއްލިގެން ނޫޅޭށެވެ. މަރު އައިސް ބައްދަލުކުރުމުގެ ކުރިން، ތިމާ ތައްޔާރުވާންޖެހޭކަން ދަންނާށެވެ. ފަސް ވަގުތު ނަމާދުކުރަން ޚާއްޞަ ސަމާލުކަމެއް ދޭށެވެ. އަދި، މާބޮޑަށް ހާސްވީމައި ވެސް، ވުޟޫކޮށްލައިގެން ނަމާދެއް ކޮށްލާށެވެ. ހިތަށްފިނިކަން ލިބޭނެ އެވެ.
   
ލަސްލަހުން ނޭވާލާން ފަރިތަކުރާށެވެ. ފުންކޮށް ނޭވާލާށެވެ. މީރުވަސްދުވާ އެއްޗިހިން ވަސްބަލާށެވެ. ތާޒާވައި ލިބޭނެ ހުރިހާ މަގެއް ތަނަވަސްކުރާށެވެ. މޫދުފެންނަ ހިސާބުގައި މަޑުކޮށްލައިގެން ހުރެ، ފުންކޮށް ނޭވާލާށެވެ. ޓެރަސް ހުންނަ ނަމަ، ވަގުތުކޮޅެއް ހުސްކޮށްލައިގެން ޓެރަސް އަށް އަރާށެވެ. ރަށްފުށުގައި ނަމަ، ހޮޅުއަށީގައި ވަގުތުކޮޅެއް ހޭދަކުރާށެވެ. ދުމާއި، ހިރަފުހާއި، ނުބައިވަހާ ދުރުގައި ގިނައިން އުޅެވޭތޯ ބަލާށެވެ. އަބަދާއަބަދު، އެހެން މީހުންގެ ޝަކުވާ ނުވަތަ ހިތްދަތިކަން އަޑުއަހާ މީހަކަށް ނުވާށެވެ. ހުރިހާ އެންމެންގެ ހިތާމަތައް ތިމާގެ ކޮނޑުގައިއަޅާކަށް ނުޖެހޭނެ އެވެ.
   
ބަލާހިތްވާ ކަހަލަ ކުޅިވަރެއް ކުޅޭތަން ބަލާށެވެ. މަސްޓޭންކުގައި މަސްތައް އުޅޭގޮތް، ކޮށީގައި ގުރާތައް އުޅޭގޮތް، ބޯޅައާ ކުޅެން ބުޅާ އުޅޭގޮތް ކަހަލަ ތަންތަން ބަލާށެވެ. ހާސްކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ. ފިލްމާއި ތަފާތުކޮށް، އެ ކަހަލަ ކަންކަމަކީ، ދެ ފަހަރަކު އެއް ގޮތަށް ހިނގާ ކަންކަމެއް ނޫނެވެ. ވީމާ، ފޫއްސެއް ނުވާނެ އެވެ.
   
އެނދަށް އަރާއޮވެގެން، ލޯބީގެ ރީތި ވާހަކައެއް ކިޔާށެވެ. ކަށީގައި ހިފާފައި ހުރި، ނުރަނގަޅު އާދައެއް ކަނޑުވާލާށެވެ. ޤުދްރަތީ މާ ގޭގައި ބަހައްޓާށެވެ. ނުވަތަ މާ އަޅާ ގަސް އިންދާށެވެ. ގަސް އިންދައި، ބެލެހެއްޓުމަކީ ހިތްހަމަޖެހޭނެ ކަމެކެވެ. މީރުވަސްދުވާ މަލާއި، ރީތި ކުލަތައް ފެނުމަކީ ވެސް ހަމަ އެހާމެ ހިތްހަމަޖެހޭނެ ކަމެކެވެ. ހާސްވެގެން ގޮސް ގޮތް ހުސްވަނީ، ދެން ކުރާނެ ކަމެއް ނޭނގުމުންނެވެ.
   
ކޮންމެ ކަމެއް ވެސް ކުރުމުގެ ކުރިން، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާށެވެ. އެކްސިޑެންޓް ނުވާނެކަމަށް ހީނުކުރާށެވެ. ކަންފަސޭހަ ކޮށްލެވުމަކީ، ކަންކަން ބޮއްސުންލާ ކަމެކެވެ. ތިމާ ފަރިތަވާނެކަމަށް ހީކޮށްފައި، ވަގުތު ކުޑަތަންވީމައި ނުކުމެގެން، ކޮންޓްރޯލު ނުކުރެވޭހާ ބާރަށް ސައިކަލު ދުއްވުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ކުރިން ވެސް ބުނިހެން، ވަގުތު ބޭކާރު ނުކުރާށެވެ. ވާރޭވެހިފައި އޮންނައިރު މަގުތައް ކައްސާނެކަން ދަންނާށެވެ. ތިމާގެ ފަރިތަކަމަށް ވުރެ އަނެކާގެ ނުފަރިތަކަމަށް ސަމާލުވާށެވެ.
   
ހެދުންއަޅާއިރު ނުވަތަ ވަކި ކަހަލަ މޭކަޕެއްކުރާއިރު، ތިމާ ހުރީ ކިހިނެތްކަން ޔަގީންކުރަންޖެހޭނެ އެވެ. ލޯގަނޑުން، އެންމެ ފަހު ވަގުތު ބަލައިނުލެވި ދެވުނީތީވެ، ޝައްކުބަލީގައި ހުންނަންވެއްޖެ ނަމަ ހާސްކަން އިތުރުވާނެ އެވެ. ގެއިން ނުކުންނަންވާނީ ތިމާ ހުރީ ކިހިނެތްކަން ތިމާ އަށް އެނގި، ޔަގީންކަމާ އެކީގަ އެވެ. ކޮންމެހެން އެންމެ ފުރިހަމަކޮށް ހުންނާކަށް ނުޖެހެއެވެ. އެކަމަކު ހުންނަންވާނީ ރަނގަޅަށެވެ. ކަންކަން ރަނގަޅަށް ހުރުމާއި، އެންމެ ފުރިހަމަކޮށް ހުރުމާ ދެމެދު ތަފާތުތަކެއް ހުންނާނެ އެވެ.
   
އިންސާނާ އަށް ލިބޭ ވަރުބަލިކަން ނިމުމަކަށް ގެނެސްދޭ އެއްޗަކީ ނިންޖެވެ. ނިދި ބަރާބަރަށް ނުލިބުމުން ކިތަންމެ ކަމެއް ގޯސްކޮށް ކުރެވޭނެ އެވެ. ދައްކާ ވާހަކަ ރަނގަޅަށް ނީވުމާއި، ރޯނާވުމަކީ ވެސް، އެ ކަމުގައި ނިދި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ. ވިސްނާށެވެ. ދިރިހުރުމަށްޓަކައި ހަމައެކަނި ބޭނުންވަނީ ފައިސާއެއް ނޫނެވެ. އަރާމު ނިދި ވެސް ވަރަށް މުހިންމުވާނެ އެވެ. ހޭލާހުރެގެން މަސައްކަތް ކޮށްފައި، ކޮފީ ބޮއިގެން ނިދި ފިލުވުމަކީ ހައްލެއް ނޫނެވެ.
   
ޑައިރީއެއް ގެންގުޅުމަކީ ވެސް، ފަހުން ކަންތައް ހަނދާންނުނެތޭނެ ކަމެވެ. އެވެނި ކަމެއް ކުރެވުނީ ކޮން ދުވަހަކުކަން ވަގުތުން ބަލައިލެވޭނެ އެވެ. އެވެނި ދުވަހަކު ބައްދަލުވީ ކޮން ނަމެއް ކިޔާ މީހެއްކަން ނޭނގިގެން ވެސް އުޅޭކަށް ނުޖެހޭނެ އެވެ. މާފަހުން ދުވަހަކު، އެވެނި މީހަކު ދިން ޖަވާބު ބަލައިލަން ބޭނުން ވިޔަސް އޮންނާނީ ނޯޓްކުރެވިފަ އެވެ.
   
ތިމާ އަކީ، ކަންކަން ރާވާހިންގާ މީހެއް ނަމަ، އަބަދު ވެސް "ޕްލޭން ބީ" ގެންގުޅެންޖެހޭނެ އެވެ. އަދި، އެންމެން ބުނާގޮތަށް ކަންކަން ކުރަން އުޅުމުގެ ބަދަލުގައި، އެންމެ ރަނގަޅުގޮތް ވަކިކުރަން އެނގެންވާނެ އެވެ. ކުރާކަމެއް ކުރަންވާނީ ޔަގީންކަމާ އެކީގަ އެވެ.     
-----------------
(ނިމުނީ)

ހާސްކަން ކަނޑުވާލާނީ ކިހިނެއް؟ (1)

މި ލިޔުން:

   ފޮނުވުން:   އަލްފާޟިލް ބިންމާ އިބްރާހީމް ވަޙީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
   އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް
   ޝާއިޢުކުރުން:  ''      ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ