އަދުގެ ޚާއްސަ

Print

ދިވެހިންނާއި، ދިވެހި ސަންގު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ



އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)
 
 
އޭގެ ސަބަބުން ރަށްރަށުގެ މުޅި ރައްޔިތުން ސަމާލުކަމަށް ގެނުވިއެވެ.

އޭގެ ސަބަބުން، އެންމެންގެ ހިތުގައި ބިރުވެރިކަން އުފެއްދިއެވެ.

އޭގެ ސަބަބުން ރޯދަވެރިންނަށް އުފާވެރިކަން ދިނެވެ.

އޭގެ ސަބަބުން ދިވެހި ފަރުތަކަށް ޙިމާޔަތް ލިބިގެން ދިޔައެވެ.

އޭގެ ސަބަބުން ބައެއް މީހުން ފަނޑިޔާރުގެޔަށް ހާޒިކޮށް އަދަބު ވެސް ލިބިފައި އެބަހުއްޓެވެ.


ސަންގަކީ، ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބައިވެރިއެކެވެ.  ރާއްޖޭގައި ޒަމާނީ މުވާޞަލާތީ ނިޒާމެއް ނެތް އިރު، އެކަމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ވަސީލަތަކީ ސަންގެވެ.  އެޒަމާނުގައި ރަށު އޮފީހުގެ ފަރާތުން ރައްޔިތުންނަށް އާންމުކޮށް އެއްޗެއް އަންގަވަން ބޭނުންވެލައްވައިފިނަމަ ފުމޭނީ ސަންގެވެ. ސަންގު ފުމެފި ނަމަ، އެމީހަކު ކުރަން ހުރިކަމެއް ދޫކޮށްފައި، އޮފީސް ދޮށަށް ހާޒިރުވާނެއެވެ.


ސަންގު ފުމޭ މީހުންނަކީ، ވަރަށް ޚާއްޞަ ބައެކެވެ. ބާރަށް ސަންގު ފުމުމަކީ އެފަދަ މީހުންގައި ހުންނަ ޚާއްޞަ ހުނަރެކެވެ. ސަންގު ފުމެން ދަތަސް، ސަންގު ފުމެވޭނީ ރަށުއޮފީހުގެ ހުއްދަ ލިބިގެންނެވެ. އެނޫން ގޮަތަކަށް ސަންގު ފުމެފި ނަމަ ކުށްވެރިވެސް ވާނެއެވެ.


ސަންގުގެ ސައްޕު ކެނޑުން


ސަންގު ފުމުމަށްޓަކައި، ފުރަތަމަ އޭގެ ސައްޕު ކަނޑައެވެ. ސައްޕު ކެނޑުމަކީ، އޭގެ ފުލުން ވަކި ގޮތަކަށް ތަންކޮޅެއް ބުރިކޮށްލުމެވެ. އޭގެ އަޑު އުފެދުމާއި ނުއުފެދުން، އަޑު ބަރުވުމާއި ތޫލިވުން ބިނާވެފައިވަނީ  މި ސައްޕު ކެނޑޭ ގޮތެއްގެ މައްޗަށެވެ. އާންމުކޮށް ސަނޕު ކަނޑަނީ ދުނިކީހުންނެވެ. އެއަށްފަހު، ފީރަކުން އޮމާން ކޮށް ހަދައެވެ. 



ސަންގު އަޑުގެ މާނަ:


ސަންގު ފުމޭ ގޮތަށް ދެ ނަމެއް ދެވިގެންވެއެވެ. އަވަސް ސަންގާއި، ލަސް ސަންގެވެ. ލަސް ސަންގަކީ، އޮފީހުން އަންގަވަން ބޭނުންވެލައްވާ ކޮންމެވެސް ކަމެއް އަންގަވަންވެގެން ފުމޭ އާދައިގެ ފުމުމެވެ. މި ފުމުމުގައި އަޑު އަންނާނީ ލަސްލަހުންނެވެ. ފުމުމުގެ އަޑު ހުންނާނީ ދިގުކޮށް ދެމިގެންދާ ގޮތަށެވެ. މި ގޮތަށް ސަންގުގެ އަޑު އިވޭނަމަ އޭގެ މާނައަކީ، އާންމު ކަމެއްގައި ރަށުގެ ވެރީން ރައްޔިތުންނާ ބައްދަލު ކޮށްލައްވަން ބޭނުންވެލެއްވުމެވެ.


އަވަސް ސަންގަކީ، މާބާރަކަށް ކުއްލި ކުއްލިޔަށް ފުމޭ ފުމުމެވެ. އަވަސް ސަންގުގެ އަޑު އިވިއްޖެއްޔާ، ރައްޔިތުން އޮފީސް ދޮށަށް ދާނީ، ދުވަމުން ޔޯތް ބޯތް ގޮަވަމުންނެވެ. ފައި އިނދޭފުރަ އިން ފެށިގެން، މުޅި ރަށް އޮތްގޮތަށް އޮފީސް ދޮށަށް ޖަމާވާނެއެވެ. އެހާވެސް ކުއްލި ސަމާލުކަމެއް ދޭނެއެވެ. އަވަސް ސަންގުން ރަމްޒުކޮށްދެނީ ކޮންމެވެސް ނުރައްކާތެރިކަމެއް ނުވަތަ އާދަޔާ ޚިލާފު ބޮޑުކަމެއް މެދުވެރިވެއްޖެކަމެވެ. އެކަމުގެ ޚަބަރު ރަށު އޮފީހުން ރައްޔިތުންނަށް ދެއްވަން ބޭނުންވެލައްވަނީއެވެ. އަޅުގަނޑުގެ ހަނދާނުގައި ރަށުގައި ކުޑަ ކުއްޖަކު ގެއްލިގެން އެއް ރެއެއްގެ އިރާކޮޅު އަވަސް ސަންގު ފުމުނެވެ. އެ އަޑަށް މުޅިރަށް އުތުރިގަތެވެ.  ކުދި ބޮޑު އެންމެން އިސާހިތަކު ގޮސްތިބީ ރަށުއޮފީހު ގޯތިތެރޭގައެވެ. އެކަމަކު އަޑުގަދަ ކުރުމެއް ނެތި ހިމޭންކަންމަތީގައެވެ.  ލަހެއް ފަހެއްނެތި، ބިގަރުތަކާ ފާނޫޒުތަކާ ހިފައިގެން އެއްބަޔަކު ވަލުތެރެއަށް އަނެއްބަޔަކު ރަށުތެރެއަށް ނިކުމެގެންފިއެވެ. އެޒަމާނަކީ ކަރަންޓުގެ އަލިކަން އޮތް ޒަމާނެއް ނޫނެވެ. 

ރޯދަ ވީއްލާ ވަގުތާއި ސަންގު:


މީގެ ތިރީހަކަށް އަހަރު ކުރިޔަށް ބަލާއިރު، އެޒަމާނުގައި ރޭޑިޔޯއެއް ހުންނާނީވެސް މަދު ގެއެއްގައެވެ.  އާންމުކޮށް ރާއްޖޭގެ ބައެއް ރަށްރަށުގައި ގަޑިއެއްވެސް ހުންނަނީ މާކިސްކިތާއި، ރަށު އޮފީހުގައެވެ. ޓީވީ، އޭރު އަދި ގިނަ ދިވެހިން ހަމަ ލޮލުންވެސް ނުދެކޭނެއެވެ. އެހެންވީމާ، ރޯދަ ވީއްލަންވެއްޖެކަން އަންގަނީ ރަށު އޮފީހުންނެވެ. އަޅުގަނޑުމެން ރޯދަ ހިފަންފެށި ދުވަސްވަރު، މި ކަން އޮތްގޮތް ދަންނަވާލާނަމެވެ.


ކޮންމެ ދުވަހަކު، އިރު އޮއްސެން ކައިރިވީމާ، ރަށުގެ މެދުތެރޭގައި ހުންނަ އެންމެ ދިގު ރުކަށް ރަށު އޮފީހުގެ ޕިޔޯނު ސަންގެއް ހިފައިގެން އަރާނެއެވެ. އޭނާގެ ކަމަކީ އިރު ފެނުޖެހޭތޯ  ބެލުމެވެ. އޮއްސިއްޖެކަން މުޅިން އޭނާއަށް ޔަގީންވުމުން، ރުކުކުރީގައި އޮވެފައި އޭނާ ސަންގުފުމެއެވެ. އެހިސާބުން ރަށު އެންމެން ރޯދަވީއްލާނެއެވެ. މަސް ދުވަސް ވަންދެން ކޮންމެ ދުވަހަކު، އިރު އޮއްސޭވަގުތު އެފަކީރު އަރާ އޮންނަންޖެހެނީ ރުކުކުރީގައެވެ.  އެ ހައިބަނޑާ އޮވެގެން މުޅި ރަށަށް އަޑު އިވޭވަރަށް ފަސްހަފަހަރު ސަންގު ފުމޭން ކުރަންޖެހޭނެ ހިތްވަރު ހިތްޕުޅަށް ގެންނަވާށެވެ!



ތިމާވެށްޓާއި ސަންގު:


އަޅުގަނޑަކީ ތިމާވެށްޓާބެހޭ ގޮތުން އެއްޗެއް ލިޔެވޭނެ މީހެއް ނޫނެވެ. ތިމާވެށީގެ ޢިލްމަށް ބީރަށްޓެހިކަމުންނެވެ. އެކަމަކު ސަންގާއި ދިވެހިންނާ ހުރި ގުޅުމުގެ މައްޗަށް އެއްޗެއް ދަންނަވާލާއިރު، މި ނުކުތާގައި ކުޑަކުޑަ ކަމެއް ހަނދާނަށް އަންނަނީއެވެ.  ތިމާވެށީގެ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި ދިވެހި ފަރުތަކުގައި ކަށިބޯ އާލާވެގެން ދިޔައީ، ފަތުރުވެރި ވިޔަފާރިކަމު ސަންގު ނަގައި ހުސްކުރުމުންނެވެ.  ސަންގުގެ ކާނާއަކީ ކަށިބޮލެވެ. ވީމާ ސަންގު ނެތްފަރެއްގައި ކަށި ބޮލަށް ރަސްކަން ނޫންތޯއެވެ!



ސަންގުފުމެގެން ފަނޑިޔާރު ގެއަށް:


މި މަޒުމޫނުގެ ފެށުމުގައި ދަންނަވާލެވުނު ފަދައިން، ސަންގަކީ ވަރަށް ޚާއްޞަ އެއްޗެކެވެ. ސަންގު ފުމެވޭނީ ވަކި ބަޔަކަށެވެ. ވަކި ފަރާތެއްގެ އަމުރު ލިބިގެންނެވެ. އެ އަމުރު ލިބުނު ގޮތެއްގެ މަތީންނެވެ. އެޒަމާނުގައި މި ނޫން ގޮތަކަށް ސަންގެއް ފުމުމަކީ، މި ޒަމާނުގައި ކޮމާންޑިންގ ޗީފުގެ އަމުރުފުޅު ނެތި ބަޑީ ވަޒަނެއް ދުއްވާލުންފަދަ  ނުރައްކާތެރި ކަމެކެވެ.

އަޅުގަނޑުގެ ރަޙްމަތްތެރި އަލްމަރުޙޫމު ސައިބޯނި އިސްމާޢީލުފުޅަށް ދިމާވި ކަމެކެވެ. އޭނާގެ އުމުރުން ފަނަރަ ސޯޅަވަރަކަށް  އަހަރެވެ. އޭރު މާލޭގެ ފަޅުތެރެއަކީ މޫދު ވިނައާއި، އޮޅުތައް ވެސް އޮންނަ ތަނެކެވެ. އަންހެންވެރިން ބޮލި ހިލަން ވެސް ގޮސް އުޅޭތަނެކެވެ.


އިސްމާލުފުޅު ބުނުއްވާ ގޮތުންނަމަ، ހެނދުނު ގޭން ސައިބޮއިގެން އެ ދުހު ގޮސް އުޅުނީ މޫދުގައެވެ. މެންދުރެއްހައި އިރު، އޮތީ ހިކި ދިޔައެވެ. ގެޔަށް ދާންވެގެން ހިނގައިފައި ދިޔައީ މޫދާވީ ހިސާބުންނެވެ. އޮޅުތަކުތެރޭންނާއި، ވިނަތަކު މަތީންނެވެ. އެހެން ދަނިކޮށް، ލައްގާފައި އޮތް ސައްޕު ކެނޑި ސަންގެއް ފެނިއްޖެއެވެ. ހަމަ ފެންނަ އިރަށް ވަރަށް ފުމެލާ ހިތްވެއްޖެއެވެ. ގާތުގައި ތިބި ކުދިން ނަސޭހަތް ދިނީ އެކަން ނުކުރުމަށެވެ. އިސްމާލުފުޅަށް ނިންމުނީ އެންމެ ފަހަރަކު ފުމެލި ކަމުގައި ވިޔަސް ކެއްސެއް ނުލިބި ބަޗައިގަނެވިދާނެކަމަށެވެ.

1979  ގައި ނަގައިފައިވާ ފޮޓޯއެއް

 

ސަންގު ނަގައި ތުނބުޖަހާފައި ފުމެލެވުނު ގޮތުން އަޑު އައީ ހީކުރި ވަރަށް ވުރެވެސް ބާރަށެވެ. ގަންނާކުރެއްވި ބިރުން، އަވަހަށް އަތުކޮޅަށް ހޫރާލާފައި، ދުވެ ބަޑިބަޑިޖަހާފައި ދިޔައީ، ގެޔާ ދިމާޔަށެވެ! އެކަމަކު، މަގުމަތީން ދިމާވި އެހެން ކުދިންގެ އަވާގައިޖެހިގެން އަނެއްކާވެސް ކުޅުމުގެ ތެރެއަށް ދެވުނެވެ.


ބައިގަޑިއެއްހާއިރުފަހުން، ގެޔަސް ގޮސް ވަދެވުނުތަނާ ބައްޕަ ވަރަށް ހައިރާންވެލައްވާފައި ބުނުއްވީ ފަނޑިޔާރުގޭން ބަލައި އައިކަމަށެވެ. ތިމަންނަ ހިތަށް އެރިއެވެ. ސަހަރޯއެވެ. ކަންތަކާ ޖެހުނީއެވެ. '' ދަރިފުޅު އަނެއްކާ ކުރީ ކީއްހެއްޔެވެ؟'' ފުރަތަމަ ސަރިއަތްފެށީ ބައްޕައެވެ.  ބައްޕައަަށް މާގިނަ ސުވާލު ކުރެވޭ ގޮތެއް ނުވިއެވެ. ދެވަނަ ފަހަރަށް ފަނޑިޔާރުގޭން ދޭވާނީއަކު އަތުވެއްޖެއެވެ. ''ކޮބާ އިސްމާލުފުޅު! ކަލޭ ހަމަ މިހާރު އާދޭ!''

ވީގޮތެއް ހެޔޮ ގޮތޭ މާތްކަލާނގެއާ ވަކީލޭ ހިތަށް އަރުވާލައިގެން ހިނގައިގެންފީމެވެ. ބިރުން ތުރުތުރު އަޅައެވެ. އެޒަމާނުގެ ކަންތައް ހުންނަ ގޮތުން އަށިގެޔަށްލައި ހައްޔަރު ވެސް ކޮށްފާނެ ވިއްޔާއެވެ.


ފަނޑިޔާރުގޭން ފަނޑިޔާރުން ތިއްބަވާ ބަޔަށް  ވަން އިރު، އެތާ ކުޑަ މޭޒެއްގެމަތީގައި އެއްކަލަ ސަންގު ބާއްވާލާފައި އޮތްވައި ފެނިއްޖެއެވެ. އެ ފެނުނީމާ އަދި ގަތްބިރު ބޮޑެވެ. އޭނ އެނގެނީ މައްސަލަ ހޫނު ވެފައި އޮތްވަރާއި، ތަޙުޤީޤު ކުރެވިފައިވާ މިންވަރު ތާއެވެ. ހެކި ވެސް އެ އޮތީ ދިމާޔަށް ފެންނަންވިއްޔާއެވެ! ދެނެއް މި ކަމުން ރެކެވޭނެ ހަމަ އެއްގޮތެއްވެސް ނެތެވެ.
 

ފަނޑިޔާރު:  މީ ކޯޗެއް؟ (ސަންގަށް އިޝާރާތް ކޮށްފަ)


އިސްމާލުފުޅު:  (ޖަވާބެއް ދޭން ނުކެރިފަ)


ފަނޑިޔާރު:    ބަލަ ކަލޭގާތުގައޭ މި ބުނަނީ މީ ކޯޗެއްހޭ


އިސްމާލުފުޅު:   ތީ ސަންގެއް (މަޑުމަޑު ވައިއަޑަކުން)


ފަނޑިޔާރު:    ހޫނ! ސަންގެއްދޯ! އިސްމާލުފުޅަށް ސަންގުފުމެން އެނގޭތަ؟ (އަނ! އަޅެ ނިކަން ފުމެލަ ބަލަ)


އިސްމާލުފުޅު:  (އަތުބޮމެއްގައި ފުރަތަމަ އަލަށް ހިފާ މީހަކުހެން ބިރުން ހުރެ އެ ދިއްކޮށްލި ސަންގުގައި ހިފައިފިއެވެ)

ފަނޑިޔާރު:    ފުމެލަބަލަ!


އިސްމާލުފުޅު:   (މަޑުމަޑުން އެއްފަހަރު ފުމެލައިފިއެވެ.)


ފަނޑިޔާރު: އަދި ފުމެލާބަލަ! އަދި ފުމެލާބަލަ! އަދި ވެސް! އަދި ވެސް! އަދި އަދި އަދި!


މި ހެން ގޮސް ސަންގު ފުމެ ފުމެ ފުމެ އެންމެ ފަހުން އިސްމާލުފުޅަށް ރޮވިއްޖެއެވެ. ބަނޑުހައިވެގެން ގޮސް ހާނތިވެފައި ހުރީމާވެސްމެއެވެ. އެ ހިސާބަށް ކަންތައް ދިޔުމުން  ދުވަހަކު ވެސް ސަންގެއްގައި އަތްވެސް ނުލާންކަމަށް ހުވައިކޮށްފައި މި ކަމުން ސަލާމަތްވެއްޖެއެވެ. ސަރިއަތް ނިމުނީއެވެ. މަޒުމޫނުވެސް ނިމުނީއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ