Print

ވެށި ޙިމާޔަތްކުރުމުގައި އިންސާނިއްޔަތުގެ މުޙްސިނުގެ ދައުރު (2)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

7ޖޫން (އަންގާރަ) އާ ގުޅޭ..

ސޫފިތަކާއި، ގަސްގަހާގެއްސާއި ފެން ރައްކާތެރިކުރުން


ބިމުގައި ގަސްގަހާގެހި ލައްވައިފައި ވުމާއި އެތަކެތި އާލާވަމުން ދިޔުމަކީ ބިމުގެ ބޯޅައިގައި ދިރުންހުރިކަމުގެ ގަރަންޓީއެކެވެ. ފަތްޕިލާވެއްޔާއި ގަސްގަހާގެއްސަކީ ހަމައެކަނި އިންސާނުންނާއި ސޫފިތަކުގެ ކާނާއެއް ނޫނެވެ. އިންސާނާގެ ދިރިހުރުމަށް ބޭނުންވާ ބޭސްވެރިކަމުގެ މައިގަނޑު ވަސީލަތެވެ. އިންސާނުންނަށާއި ދިރޭތަކެއްޗަށް އޮކްސިޖަން ލިބިދިނުމުގެ ޒަރީޢާއެވެ. ފަތްޕިލާވެލީގެ ފެހި ސާލުން ދުނިޔެ މަޙުރޫމުވެއްޖެނަމަ އިންސާނާއަށާއި ގަސްގަހާގެއްސަށް އޭގެ ނޭދެވޭ އަސަރު ފޯރާނެކަން ކަށަވަރެވެ. އިންސާނީ ޙަޔާތަށް ބަޔާންނުކުރެވޭފަދަ ކެކުޅުންތަކެއް ކުރިމަތިވާނެކަން ޔަޤީނެވެ. އެންމެފަހުގެ ނަތީޖާއަކަށްވާނީ ބިމުގައި ދިރުމެއް ދެމިހުރުމުގެ އެކަށޭނަކަމަށް މަސްއަލަތަކެއް ކުރިމަތިވުމެވެ. މިޒަމާނުގައި ކަންތައް ވަމުން މިދަނީ އެގޮތަށެވެ. ޖަންގަލިތަކާއި ދަނޑުފަނގުގެ ސަބަބެއް ކަމުގައިވާ ބިމުގެ ފެހި ސާލު ދަނީ ވީދި ކުދިކުދިވަމުންނެވެ. ދުވަހެއް ދުވަހަކަށް ކުޑަވަމުންނެވެ. ފަރުބަދަތައްވަނީ އޮރިޔާންވެފައެވެ. ޖަންގަލިތަކުގެ ސައިޒުވަނީ ކުޑަވެފައެވެ. ނަތީޖާއެއްގެ ގޮތުން ކުރިމަތިވާ ގްރީން ހައުސް އިފެކްޓްސް ގެ ސަބަބުން ދުނިޔޭގެ މޫސުމަށްވަނީ ބަދަލު އައިސްފައެވެ. ވާރޭ ވެހުމުގެ ނިޒާމަށް ވަނީ ބުރޫއަރާފައެވެ. ބައެއްތަންތަން ވާރޭ ނުވެހި ހަނަފަސްވާ އިރު އަނެއްބައި ތަންތަނަށް މާބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ އިންސާނުންނާއި ދިރޭ އެއްޗެއްސަށް ވަނީ މުސީބާތްތައް ކުރިމަތިވެފައެވެ. ތިރީގައި މިވަނީ މި ރޮނގުން އިންސާނިއްޔަތުގެ މުޙްސިން ދެއްވި އަގުހުރި އިރްޝާދުތަކެވެ.

ބިމާއި ބިމުގައި ދިރިއުޅޭ ސޫފިތަކާއި ގަސްގަހާގެއްސާއި ފަތްޕިލާވެއްޔާއި ވެޔޮވެލާވެލި ޙިމާޔަތް ކުރެއްވުމަށް ޓަކައި އެކަށީގެންވާ ތަންތާނގައި ޙިމާޔަތް ކުރެވިފައިވާ ސަރަހައްދުތައް ޤާއިމްކުރަން އަމުރު ކުރެއްވިއެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެފަދަ ސަރަޙައްދުތަކަށް ދެއްވައިފައިވާ ނަމަކީ "ޙިމާ" އެވެ. "ޙިމާ" ތަކުގައި ހުންނަ ބިމުގެ ވަސީލަތްތައް ބޭނުން ކުރުމަކީ މަނާކަމެކެވެ. އެފަދަ ތަންތަނުގައި ގެރިބަކަރި ހުއިހެއްޕުމާއި އެތަންތަނުން ގަސްގަހާގެހި ކެނޑުމާއި، އެ ތަންތަނުގައި އެއްގަމުކެޔޮޅުކަން ކުރުމަކީ ވެސް މަނާކުރައްވާފައިވާ ކަންކަމެވެ. އެފަދަ ތަންތާނގައި ދިރިއުޅޭ މިނިކާ ސޫފިތަކަށާއި އުދުހޭ ސޫފާސޫފިތަކަށްވެސް ވަނީ ޙިމާޔަތް ލިބިގެންނެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހައްދަވައިފައިވާ "ޙިމާ"ތަކުގެތެރެއިން އެއްތަނަކީ މަދީނާއާ ވިހިމޭލު ދުރުގައި އޮންނަ ވާދިލްޢަތީޤުގައި ހެއްދެވި "ޙިމާއައްނަޤީޢު"އެވެ. އެންމެ ފުރަތަމަ އެތަން ތައްޔާރުކުރެއްވީ ގެރިބަކަރި ހުއިހައްޕާ ވިނަދަނޑެއްގެ ގޮތުގައެވެ. އެއަށްފަހު އެތާނގައި ގަސްއިންދަވައި ޙިމާޔަތްކުރެވިފައިވާ ތަނަކަށް ބަދަލުކުރެއްވިއެވެ. ކުޑަދުވަސްކޮޅެއްގެތެރޭގައި އެތާނގައި ގަސްގަހާގެހި އާލާވެ އަސްވާރުންނަށް އަސްމަތީގައި ގަސްގަހުގެތެރޭގައި ފިލައިތިބެވޭވަރަށް ގަސްތައްބޯވެގެންދިޔައެވެ. އިތުރުސާހިބާ ދެއްކެވި މިނަމޫނާއާއި، މި އިރުޝާދާ އެއްގޮތަށް މުޅިދުނިޔޭގައި އަމަލު ކުރެވެމުން އައިނަމަ އެއްވެސް ބާވަތެއްގެ ދިރޭއެއްޗެއް ދުނިޔެއިން ހުސްވެގެން ހިނގައިދާނެތީ މިއަދު އިންސާނުން ބިރުން އުޅޭކަށެއް ނުޖެހުނީހެވެ.

ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ ސަމާލުކަން ދެއްވީ ހަމައެކަނި ގަސްގަހާގެއްސާއި ގޮވާން ހެއްދޭ ބިންތައް ރައްކާތެރި ކުރެއްވުމަކަށްނޫނެވެ. ދިރުމެއްނެތް ހަނަފަސް ބިންތަކަށް ފެންދީ އެފަދަ ބިންތައް ދިރުވައި އާލާކުރުމަށްވެސް ހިތްވަރު ދެއްވިއެވެ. ޙަދީޘުކުރެއްވިއެވެ. "މީހެއްގެ ޙައްޤެއްކަމުގައި ނުހިމެނޭ، ވީރާނާވެފައިވާ ހަނަފަސްބިމެއް ދިރުވައި އާލާކޮށްފިނަމަ، އެބިން ޙައްޤުކަންބޮޑީ އެމީހަކަށެވެ." (ރަވާހުލް ބުޚާރީ) އެފަދަ ބިންތައް ދިރުވައި އެތަންތާނގައި ގޮވާން ކުރުމަކީ ޕިނެއް (ދަރުމައާއި ޘަވަބުލިބޭ ހެޔޮކަމެއް) ކަން އެންގެވިއެވެ. އާޚިރަތުގައި އެކަމުގެ އަޖްރު ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގަސް ހެއްދުމަށް ދެއްވައިފައިވާ ސަމާލުކަން ދޭހަވާ ހަދީޘްފުޅެއް އިމާމު ބުޚާރީއާއި އިމާމު އަހުމަދުގެ އަރިހުން ރިވާވެފައި ވެއެވެ. "ތިޔަބައިމީހުން ކުރެ ދަނޑުގޮވާންކުރާ މީހެއްގެ އަތުގައި އޭނާ އިންދަމުން ގެންދިޔަ ގަސްތަކުގެ ތެރެއިން ގަހެއް އޮއްވައި ޤިޔާމަތްވެއްޖެކަން އެނގުނަސް ފަހެއެގަސް އިންދާ ހުށިކަމެވެ."

އިތުރުސާހިބާ މަދީނާގައި އިސްލާމީ ދައުލަތެއް ޤާއިމު ކުރެއްވުމަށްފަހު މަދީނާގައި އާބާދުނުވެހުރި ވަރަށް ގިނަ ބިންތައް ދިރުވައި އާލާކުރުމަށް އެކި ފަރާތްތަކާ ޙަވާލު ކުރެއްވިއެވެ. މިގޮތުން އައްޒުބައިރު ބުނުލް ޢައްވާމް ރަޟިޔަﷲ ޢަންހުއާ ބިމެއް ޙަވާލު ކުރެއްވި ވާހަކަ ސީރަތުގެ ފޮތްތަކުގައި އައިސްފައި ވެއެވެ.

ވީރާނާވެފައިހުރި ބިންތައް ދިރުއްވައި އާލާކުރައްވަން ސަމާލުކަން ދެއްވި ފަދައިން، އިސްލާމް ދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދަނޑުތަކަށް ފެންދިނުމުގެ ނިޒާމުވެސް ފުރިހަމައަށް އެކަށައަޅުއްވައިފައެވެ. ހުރިހާ ދަނޑުތަކަކަށްވެސް އެދަނޑުތަކެއްގެ ބޭނުމާ އެއްގޮތަށް ފެން ލިބުމުގެ އިންތިޒާމު ހަމަޖައްސަވައިފައެވެ. އެދަނޑުތަކުގެ ވެރީންގެ ތަފާތަކަށް ބެއްލެވުމެއް ނެތިއެވެ.

އިސްލާމްދީނުގައިވަނީ ފެނުގެ އަހައްމިއްޔަތު ވަރަށް ރަނގަޅަށް ބަޔާން ކުރެވިފައެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ގޮތުގައި އެކަލާނގެ އެންމެހައި ދިރޭތަކެތި ހެއްދެވީ ފެނުންނެވެ. (އަލްއަންބިޔާއު: 30) އިސްލާމްދީނުގައި ވާގޮތުން ފެނަކީ ޤުދުރަތުގެ ވަރަށްވެސްބޮޑު ހަދިޔާއެކެވެ. ދުނިޔޭގައިވާ ދިރުމާ އެއްމާނައެއްގައިބެލެވޭފަދަ ހަދިޔާއެކެވެ. އެހެންކަމުން އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަވަނީ ފެނާމެދު ސަމާލުވެ ފެންރައްކާތެރި ކުރުމަށް ގަދަ އަމުރުފުޅުން އަމުރު ކުރައްވާފައެވެ. ފެންނައްތައިލުން ވަރަށްބޮޑަށް މަނާކުރައްވާފައެވެ. އެކަމަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ފެން ބޭނުންކޮށް އިސްރާފު ނުކުރުމަށް އަންގަވައިފައެވެ. ފަރުބަދަމަތީން އޮހިގެންއަންނަ ބޮޑުފެންގަނޑަކުން ނުވަތަ ދެމިދެމިއޮތް ކޯރަކުން ވުޟޫކުރިޔަސް އެއްވެސް ގުނަވަނެއް ތިންފަހަރަށްވުރެ ގިނައިން ދޮވުމަކީ މުނާސަބުކަމެއް ނޫން ކަމަށް އަންގަވައިފައެވެ.

ސަޢުދުގެފާނު ވުޟޫކުރައްވަން ހުންނަވަނިކޮށް ކީރިތިރަސޫލާ އެކަލޭގެފާނުގެ އަރިހުން ވަޑައިގަންނަވަމުން ޙަދީޘްކުރެއްވިއެވެ. "ތިޔައީ ކޮންއިސްރާފެއްތޯއެވެ! ސަޢުދުގެފާނު ވިދާޅުވިއެވެ. ވުޟޫކުރުމުގައިވެސް އިސްރާފު ކުރެވޭތޯއެވެ. ޙަދީޘްކުރެއްވިއެވެ. އާނއެކެވެ. ކަލޭގެފާނު އޮއިދެމޭ ކޯރަކުން ވުޟޫކުރެއްވިކަމުގައި ވިޔަސްމެއެވެ." (ރަވާހު އިބްނު މާޖާ)

ހިތާމަޔަކީ އިތުރުސާހިބާގެ ސީރަތާއި އެކަލޭގެފާނުގެ ޢަމަލުފުޅުތަކުން ދަސްކޮށްދެއްވާފައިވާ (civic sense) ގެ ތަޢުލީމު ޚުދު މުސްލިމުންގެ ތެރެއިންވެސް ފެނުން ނާދިރުކަމަކަށް ވެފައިވާކަމެވެ. ފެނުގެ ޒަޚީރާއެއް ކިލަނބުކޮށް ހަޑިކޮށްލުމަކީ އިތުރު ސާހިބާ ވަރަށް ބޮޑަށް މަނާކުރައްވާފައިވާ ކަމެކެވެ. ފާފައެއްކަން އަންގަވާފައިވާ ކަމެކެވެ. ފެންފެންގަނޑަށް ޤަޟާޙާޖަތް ކުރުމާއި، ގޭގޭގެ ކިލަނބުފެން ބޭރުކުރާ ނަރުދަމާތައް ގުޅުންވަނީ މަނާކުރައްވާފައެވެ. ފެންފެންގަނޑުން ސޫފިތައް ފެންވެރުވުމާއި ފޭރާން ދޮވެއުޅުމަށް ވެސް އިންތަކެއް ޖައްސަވައި ދެއްވައިފައެވެ. ފެނުގެ ޒަޚީރާތަކުގެ ކައިރީގައި މަނާ ސަރަޙައްދުތަކެއްވަނީ ކަނޑައަޅުއްވައިފައެވެ. އެ ތަންތަނުން ބޭނުން ވާ ވަރަށް ވުރެ އިތުރަށް ފެން ނެގުމަކީ މަނާކުރައްވައިފައިވާކަމެކެވެ.

ކައުސާހިބާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ފެން ބޭނުން ކުރުމުގައި ބަލައިގެން އުޅުމަށާއި އިސްރާފު ނުކުރުމަށް ދެއްވި އިރުޝާދަކީ ދާދި ފަހަކާ ޖެހެންދެން ޣައިރު މުސްލިމުން މަލާމާތްކުރި އިރުޝާދު ތަކެކެވެ. އެއިރުޝާދު ތަކަކީ އިތުރު ސާހިބާ ފެންތަދު ހަނަފަސް ސަރަޙައްދެއްގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ސަބަބުން ދެއްވައިފައިވާ އިރުޝާދުތަކެއް ކަމުގައިވަނީ ވާހަކަ ދައްކައިފައެވެ. ނަމަވެސް މިއަދު އެދޫތަކުން "ކޮންމެ ފެންތިއްކަކީވެސް އަގު ބޮޑު އެއްޗެކެވެ"، "ފެނަކީ ދިރި ތިބުމެވެ"، "ފެން ޙިމާޔަތް ކުރާށެވެ. ދިރިއުޅުން ޙިމާޔަތް ކުރާށެވެ" މިފަދަ ނަޣުރާތައް ކުރަމުން ގެންދަނީ ވަރުބަލި ވުމެއް ނެތިއެވެ. އިތުރު ސާހިބާގެ ބުއްދިވެރި ބަސްފުޅުގެ ބޭނުންތެރިކަން ވަގުތުފާއިތުވުމުގެކުރިން އިންސާނުންނަށް ވިސްނައިގަނެވުނު ނަމަ ހަމަކަށަވަރުންވެސް އިންސާނުންތިބީހީ ފެންހުސްވުމުގެ ނުރައްކަލުން ސަލާމަތް ވެފައެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ބިމުއަޑީގައިވާ އެކިއެކި ޒަޚީރާތަކާއި މަޢުދަންތައް ބޭނުން ކުރާނެ އުސޫލުތައް ވެސް ކަނޑައަޅުއްވައި ދެއްވައިފައެވެ. އެކިއެކި އަފުރާދުންނަށާއި ދައުލަތްތަކަށް އެތަކެތި ބޭނުން ކުރެވޭނެ ހަމަތައް ވެސް ދަސްކޮށް ދެއްވައިފައެވެ. އެކަލޭގެފަނު ހުއްދަ ކުރައްވާ މިންގަނޑުތަކުގައި ރިޢާޔަތްކުރެވޭ ޙިކުމަތްތައް ބަޔާންކުރައްވައިފައެވެ. މިދެންނެވި ނުކުތާތަކަށް އެކަލޭގެފާނުގެ ޙަދީޘްފުޅުތަކުން ސީދާ ގޮތުންނާއި، ނުސީދާގޮތްގޮތުން އިޝާރާތް ފެންނާން އެބަހުއްޓެވެ.

ވެށި ހަޑިކުރުމާއި ކިލަނބުކުރުން


އިސްލާމްދީނަކީ ސާފުތާހިރުކަމަށް ވަރަށްބޮޑަށް އަހައްމިއްޔަތުދޭ ދީނެކެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ސާފުޠާހިރުކަމަށް ވަރަށްބޮޑަށް ބާރުއަޅުއްވައިފައެވެ. ތިރީގައި މިބަޔާންކުރަނީ އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިރޮނގުން ދެއްވައިފައިވާ ބައެއް އިރްޝާދުތަކުގެ ޚުލާޞާއެވެ.
 
1.    ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ.
2.    ސާފުތާހިރުކަން އީމާންކަމަށް ދަޢުވަތުދެއެވެ. އީމާންކަން ސުވަރުގެއަށް ވާޞިލުކޮށްދެއެވެ.
3.    ހަޑިމުޑުދާރުކަމާއި ނުތާހިރުކަމަށް ލޯބިކުރާކަން ކަށަވަރީ ޝައިޠާނާއެވެ.
4.    ތިޔަބައިމީހުންގެ ގޯތިތެރެ ސާފުކުރާށެވެ. ޔަހޫދީން ފަދައިން ނުވާށެވެ.

އިތުރުސާހިބާގެ އިސްވެދިޔަ އިރްޝާދުތަކުން އެމާތްސާހިބާ ސާފުތާހިރުކަމަށް ދެއްވި އަހައްމިއްޔަތު ވަރަށް ޞަރީޙުކޮށް އެނގި ފާޅުވެއެވެ. ބައެއް ދާއިރާތައް ހަޑިކުރުމާ ބެހޭގޮތުން އިތުރުސާހިބާ ދެއްވައިފައިވާ އިރްޝާދުތަކުން ވެސް އެމާތްސާހިބާ ވެށިރައްކާތެރި ކުރެއްވުމަށް ބާރުއެޅުއްވި މިންވަރު ހާމަވެގެން ދެއެވެ.

1.    އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ތިމަން ބޭކަލުންނަށް ޙަދީޘުކުރެއްވިއެވެ. "މަކްރޫހާތުތަކުން ސަލާމަތްވާށެވެ." ތިމަންމެން ދެންނެވީމުއެވެ. "އޭ މާތް ﷲ ގެ ރަސޫލާއެވެ. މަކްރޫހާތަކީ ކޮބައިތޯއެވެ؟" ޙަދީޘުކުރެއްވިއެވެ. "މަގުމައްޗަށާއި ހިޔާލިބޭ ގަސްގަސްދޮށަށް ބޮޑުކަމުދިޔުމާއި ކުޑަކަމުދިޔުމެވެ."
2.    އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވި އެހެން ޙަދީޘުފުޅެއްގައިވެއެވެ. އިޖުތިމާޢީ ގޮތުން ބޭނުންކުރެވޭ ތަނަކަށް ކުޑަކަމުގޮސްފި މީހަކަށް ނުވަތަ ބޮޑުކަމުގޮސްފި މީހަކަށް މާތް ﷲ އާއި، އެކަލާނގެ މަލާއިކަތުންނާއި، މީސްތަކުންގެ ލަޢުނަތް ހުއްޓެވެ.
3.    ޢަބްދުﷲ ބިން ޙުލައިބީ ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައިވެއެވެ. ނުހިނގާ ހުންނަ ފެންފެންގަނޑަށް ޤަޟާޙާޖަތްކުރުމާއި އެފަދަ ފެންފެންގަނޑުން ފެންވެރުން އިތުރު ސާހިބާ މަނާކުރެއްވިއެވެ.

އިންސާނާ ސަލާމަތް ޞިއްހަތެއްގައި ދެމިހުރުމަށްޓަކައި ޖައްވުގެ ސާފުކަމާއި ދުމާއި ވިހަ ގޭސްތަކުން ސަލާމަތްވުމުގެ ބޭނުންތެރިކަން އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފައެއް ނޯންނާނެއެވެ. ޖައްވު ނުސާފުކޮށް އިންސާނުންގެ ދިރިއުޅުމަށް ނުރައްކާ ކުރުމަކީ ކިހާބޮޑު ކުށެއްކަން އަޅުގަނޑުމެން އެންމެންނަށްވެސް ވިސްނޭނެއެވެ. މި މަސްއަލައާމެދު އަޅުގަނޑުމެން އަމަލު ކުރަންވީގޮތް ނަބަވީ އިރުޝާދުގެ އަލީގައި އެކަށައަޅައިލެވޭން އެބައޮތެވެ.

އާދެ އަވަށްޓެރީންގެ ޙައްޤުތައް ބަޔާން ކުރައްވަމުން އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވައިފައިވެއެވެ. "ތިމާގެ އަވަށްޓެރިޔާގެ ގެޔަށް އަތްވާއި ވައި ލިބުމަށް ހުރަސްއެޅޭ ވަރަށް އޭނާގެ ހުއްދަޔާ ނުލައި ތިމާގެ ގޭގެފާރު އުސްކުރުމަކީ އެއްވެސް އިންސާނަކަށް ލިބިގެންވާ ޙައްޤެއްނޫނެވެ."

ޖަނަވާރަށް އޯގާވެރިވުން


އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ޖަނަވާރުތަކުގެ ޙައްޤުތައްވެސް ބަޔާންކޮށް ދެއްވައިފައެވެ. ސަވާރުވެއުޅޭ ޖަނަވާރުތައް ބޭނުންކުރުމުގައިވެސް ރައްކާތެރިވެ އުޅުމަށް އަމުރުކުރެއްވިއެވެ. އިތުރުސާހިބާގެ ދަތުރުފުޅެއްގައި ދިމާވި ޙާދިޘާއެކެވެ. އަންޞާރިއްޔަ އަންހެނަކު ޖަމަލެއްގެ މަތީގައި ދަތުރުކުރަނިކޮށް އެޖަމަލު ތެޅިގަތުމުން އޭނާ އެޖަމަލަށް ލަޢްނަތް ދިނެވެ. އިތުރުސާހިބާއަށް އެއަޑުއިވިވަޑައިގަތުން ޙަދީޘް ކުރެއްވިއެވެ. "އެޖަމަލުގެ މަތީގައިވާ ތަކެތި ބޭލުމަށް ފަހު ޖަމަލު ދޫކޮށްލާށެވެ. އެއަންހެންމީހާއަކީ މަލްޢޫނެކެވެ." (ރަވާހު މުސްލިމް)

ޖަނަވާރުތަކުގެ ހަކަތައާއި ބުންވަރުހުންނަވަރަށްވުރެ ފުކެއްގެމިންވަރުވެސް އިތުރަށް ބޭނުން ނުކުރުމަށް އަމުރު ކުރައްވައިފައިވެއެވެ. އެތަކެތީގެ އަރާމާއި ހަށިފަސޭހަކަމަށް ޚިޔާލު ބެހެއްޓުމަށާއި އެތަކެއްޗަށް ބޭނުންވާ ފެނާއި ވިނަ އެއްގޮތަކަށްވެސް މަދުނުކުރުމަށްވަނީ އަންގަވައިފައެވެ. އިތުރުސާހިބާގެ އަރިހަށް ވަޑައިގަންނަވާ ޞަޙާބީން ސަވާރުވެ ވަޑައިގެން ވަޑައިގަންނަވާ އަސްތަކަށާއި ޖަމަލުތަކަށް ވަރަށްބޮޑަށް ފަރުވާތެރިވެވަޑައިގެން ބައްލަވައެވެ. އެއިން އެއްޗެއް އާދަޔާ ޚިލާފަށް އަނަރޫފަވެފައިވާ ނަމަ ނުވަތަ ވަރުބަލިވެފައިވާ ނަމަ އެކަމާމެދު ސުވާލު ކުރައްވައެވެ. އެކަމުގައި ޞަޙާބީއެއްގެ އެއްވެސް ޒިންމާއެއް އޮތްނަމަ އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާކަން ފާޅުކުރައްވައެވެ. ސޫފިތަކުގެ ޙައްޤު އަދާކުރައްވަން އެޞަހާބީއަކަށް އަންގަވައެވެ.

އިތުރު ސާހިބާ އިރްޝާދު ދެއްވައިފައި ވެއެވެ. "ތިޔަބައިމީހުން ސަވާރުވާ ޖަނަވާރުތަކުގެ ބުރަކަށިތަކަކީ ތިޔަބައިމީހުން އިށީދެ ތިބޭ ގޮނޑިތަކާ އެއްފަދަ އެއްޗަކަށް ނަހަދާށެވެ." (ރަވާހު އަޙުމަދު، އަލްޙާކިމް)

އިތުރު ސާހިބާގެ އެހެން ޙަދީޘުފުޅެއްގައި ވެއެވެ.

އަނަރޫފަކަމުގެ ސަބަބުން ބުރަކަށީގައި ބަނޑު ތަތްލައިފައިވާ ޖަމަލެއްގެ ކައިރީން އިތުރުސާހިބާ ވަޑައިގެންނެވިއެވެ. އިތުރުސާހިބާ ޙަދީޘުކުރެއްވިއެވެ. "މިނިކަމެތި ޖަނަވާރާމެދު މާތްﷲއަށްޓަކައި ބިރުވެތިވާށެވެ. ހެޔޮގޮތުގައި އެސޮރުގެ ބުރަކަށިމައްޗަށް ސަވާރުވާށެވެ. ހެޔޮގޮތުގައި އޭގެ މަސް ކާށެވެ." (ރަވާހު އަބޫ ދާއޫދު)

ސޫފިތައް ކަތިލާއިރުވެސް ކޮޅުނެތްކޮޅަށް އޯގާތެރިވުމަށް އިރުޝާދު ދެއްވައެވެ. ސޫފިތަކަށް ވީހާވެސް ވޭނާއި ތަދު ކުޑަވާ ގޮތަށް ކަތިލަން އަންގަވައެވެ. ސޫތްޕެއްގެ ކުރިމަތީގައި އަނެއް ސޫތްޕެއް ކަތިލުމަކީ، ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަ ސައްލަމަ މަނާ ކުރައްވާފައިވާ ކަމެކެވެ. ހަމަ އެފަދައިން ސޫތްޕެއް ކަތިލުމަށް ޓަކައި އެއެއްޗެއްގެ ކުރިމަތީގައި ހަތިޔާރު ތޫނު ކުރުންވެސްވަނީ މަނާކުރައްވާފައެވެ. އެކަމަކީ ޖަނަވާރެއް ދެފަހަރަށް ކަތިލުންފަދަ ކަމެއްކަމުގައްޔާއި އެއީ މަކްރޫހަ ކަމެއް ކަމަށް ވަނީ އަންގަވައިފައެވެ.

މި މޭރުމުން އިތުރު ސާހިބާ ކުރައްވައިފައިވާ ޙަދީޘުފުޅެއްގައި ވެއެވެ.

"މާތް ﷲ ކޮންމެ އެއްޗަކަށް ވެސް އިޙްސާންތެރިވުމަށް ލިޔުއްވައިފައި ވެއެވެ. ތިޔަބައިމީހުން އެއްޗެއް ޤަތުލު ކުރިޔަސް އެއަށްވެސް އިޙްސާންތެރިވާށެވެ. އެއްޗެއް ކަތިލާ ނަމަވެސް ފުރިހަމަގޮތުގައި ކަތިލާށެވެ. ކަތިލާ ވަޅި ތޫނުކުރުމަށް ފަހު ކަތިލާ އެއްޗަކަށް ވީހާވެސް ތަކުލީފު ނުލިބޭ ގޮތަށް ކަތިލާށެވެ." (ރަވާހު މުސްލިމް)

ޖަނަވާރަށް އަނިޔާވެރިވުމަކީ އިސްލާމްދީނުގައި ފާފައެކެވެ. މީހެއްގެ ޙަވާލުގައި އޮންނަ ޖަނަވާރަކީ އޭނާއާ ހަވާލުވެފައިވާ މާތް ﷲ ގެ އަމާނާތެކެވެ. އެއަމާނާތާމެދު ޤިޔާމަތް ދުވަހުން ސުވާލުވެވޭނެއެވެ. ޒިންމާވާން ޖެހޭނެއެވެ. މީހަކު ޖަނަވާރެއްގެ ހައްޤު އަދާކުރުމުގައި އިހުމާލުވެފައިވާ ނަމަ ނުވަތަ ޖަނަވާރަކާމެދު އަނިޔާވެރިވެފައި ވާނަމަ އެޖަނަވާރެއް ޤިޔާމަތް ދުވަހުން މާތް ﷲ ގެ ޙަޟްރަތުގައި އެކަމަށް ހެކިބަސް ދަންނަވާނެއެވެ. ޖަނަވާރުގައި ހަންމުށީން ތެޅުމާއި ޚާއްޞަކޮށް އެ ތަކެތީގެ މޫނުގައި ތެޅުމަކީ ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވި ސާހިބާ ރުހިވަޑައިނުގަންނަވާ ކަންކަމެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދޫނިސޫފާސޫފީގެ ހައްޤުތައްވެސް ބަޔާންކޮށްދެއްވައިފައެވެ. ދޫނިސޫފާސޫތްޕަށް ގެއްލުންދިނުމާއި އެތަކެތި ބަންދު ކުރުމަކީ މަނާކުރައްވާފައިވާ ކަމެކެވެ. އިތުރު ސާހިބާ ޙަދީޘް ކުރައްވައިފައި ވެއެވެ. ހުއްދަ ނޫން ގޮތެއްގައި އެންމެ ދޫންޏެއް މަރައިލިޔަސް މާތްﷲގެ ޙަޟްރަތުގައި ޖަވާބުދާރީވުމުން މިންޖެއް ނުވެވޭނެއެވެ.

އިތުރު ސާހިބާގެ ޙަދީޘުފުޅެއްގައި ވެއެވެ.

"ދޫންޏެއް ނުވަތަ އެއަށްވުރެ ބޮޑު އެއްޗެއް ވިޔަސް ޙައްޤުނޫން ގޮތެއްގައި ޤަތުލުކޮށްފި ނަމަ ޤިޔާމަތް ދުވަހުން އެ މީހަކާ އެކަމާބެހޭގޮތުން ސުވާލުކުރައްވާނެއެވެ. ޞަޙާބީން ދެންނެވިއެވެ. އެ ދޫނީގެ ޙައްޤަކީ ކޮބައިތޯއެވެ؟ ޙަދީޘުކުރެއްވިއެވެ. އެދޫނީގެ ޙައްޤަކީ ކެއުމަށްޓަކައި ތިޔަބައިމީހުން އެދޫނި ކަތިލުމެވެ. ތިޔަބައިމީހުން ކާންބޭނުންނޫންނަމަ އެދޫނީގެބޯ ކަނޑައިލައިފައި އެއްލައިނުލުމެވެ."

އިތުރުސާހިބާގެ އެހެން ޙަދީޘުފުޅެއްގައި ވެއެވެ.

"މީހަކު ބޭނުމެއްނެތްގޮތުގައި ދޫންޏެއް ޤަތުލުކޮށްފިނަމަ، ޤިޔާމަތް ދުވަހުން އެދޫނި މާތް ﷲ ގެ ޙަޟުރަތުގައި އެކަމުގެ ޝަކުވާ ދަންނަވާނެއެވެ. އެދޫނި ދަންނަވާނެއެވެ. "އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަ ކަށަވަރުން އޭނާ ތިމަން ޤަތުލުކުރީ ބޭނުމެއްނެތް ގޮތުގައެވެ. ތިމަން ޤަތުލުކުރީ ފައިދާއެއް ހޯދާކަށެއް ނޫނެވެ."

ފަނި ފަކުސަޔަށް އޯގާވެރިވާންވެސް އިތުރުސާހިބާ އަންގަވައެވެ. ދަނޑުގޮވާމަށް ގެއްލުންދޭ ފަނިފަކުސައިގެ ނުރައްކަލުން ދަނޑުގޮވާން ސަލާމަތް ކުރުމުގައިވެސް އޯގާތެރިކަމާއެކު މުޢާމަލާ ކުރުމަށް ވަނީ ނަސޭޙަތް ދެއްވައިފައެވެ. ދަނޑުގޮވާމާއި މޭވާގެ ތެރެއިން ދޫނިސޫފާސޫތްޕާއި ފަނިފަކުސަ ކާ ބަޔަކީ ކުރެވޭ ޞަދަޤާތެއްކަމަށް ވަނީ އިރުޝާދު ދެއްވައިފައެވެ.

އިތުރު ސާހިބާގެ ޙަދީޘުފުޅެއްގައި ވެއެވެ.

"މީހަކު ގަހެއް އިންދުމަށްފަހު އެގަހުން ޖަނަވާރެއް ނުވަތަ ދޫންޏެއް ނުވަތަ އިންސާނަކު ކައިފިނަމަ އެކަމުގެ ސަބަބުން އެމީހަކަށް ހެޔޮކަމެއް ވެއެވެ." (ބުޚާރީ، މުސްލިމު)

އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބުޅަލާބެހޭގޮތުން ހަދީޘްކުރައްވައިފައިވަނީ އިންސާނާގެ ރަޙްމަތްތެރިއެއް ކަމުގައެވެ. ބުޅަލަކަށް އަނިޔާވެރިވި އަންހެނަކަށް ނަރަކައަށް ދާންޖެހޭނެކަމުގެ ބިރުވެރި ޚަބަރު ވަނީ ދެއްވައިފައެވެ.

އިތުރުސާހިބާ ޙަދީޘުކުރައްވައިފައި ވެއެވެ.

"އަންހެނަކު ބުޅަލެއް ބަނުމަށްފަހު އެބުޅަލަށް ކާންނުދީ، އަދި އެބުޅާ އަމިއްލަޔަށް ބިމުން ހޮވައިކާން ދޫކޮށްނުލުމުގެ ސަބަބުން ނަރަކަޔަށް ވެއްދެވިއެވެ." (ބުޚާރީ، މުސްލިމު)

އިސްލާމްދީނުގައި ކުއްތާއަކީ ނަޖިސް ޖަނަވާރެކެވެ. ނަމަވެސް ކުއްތާއާމެދުވެސް އަނިޔާވެރިވުން މަނާކުރެއްވިއެވެ. އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެފައިވާ ދެ ޙަދީޘްފުޅެއްގައި އައިސްފައިވާ ގޮތުގައި އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީންނަށް ވަނީ، ފެންބޮވައިގަނެގެން ގޮސް ހާންތިވެފައިވާ ކުއްތާއަކަށް ފެންދިނުމުގެ ސަބަބުން މީހެއްގެ ފާފަފުއްސެވިކަމުގެ ޚަބަރު ދެއްވައިފައެވެ.

ޢާއްމުގޮތެއްގައި ހަނގުރާމައިގެތެރޭގައި އެއްވެސް ކަހަލަ ސޫތްޕަކަށްވެސް ގަސްގަހާގެއްސަކަށްވެސް ބަލައިލުމެއް ނޯވެއެވެ. ނަމަވެސް އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ހަނގުރާމައިގެ ތެރޭގައިވެސް ގަސްގަހާގެއްސާއި ދިރޭތަކެތި ރައްކާތެރިކުރުމަށް އަމުރުކުރައްވައިފައެވެ. އޮޅުކޮށްގެންގުޅޭ ނަޢަމުސޫފިތައް މެރުމާއި ގަސްގަހާގެހި ކެނޑުން މަނާކުރައްވައިފައެވެ. މިފަދަ ކަމެއް ކުރުމަކީ ބިންމަތީގައި ފަސާދަކުރުން ކަމުގައި ތަޢުބީރުކުރައްވައިފައެވެ. (އަބޫ ދާއޫދު)

ޝައްކެއްވެސް ނެތެވެ. ކީރިތި ޤުރްއާނާއި ނަބަވީ އިރްޝާދުތަކުގައި ދެއްވައިފައިވާ ވެށިރައްކާތެރިކުރެއްވުމުގެ ތަޢުލީމުތަކަކީ މިޒަމާނަށް ވަރަށްވެސް ބޭނުންތެރި އިރްޝާދުތަކެކެވެ. އިސްލާމްދީނުގެ ނަބިއްޔާގެ އުސްވަތު މަގުދައްކަނީ ވެއްޓަށް އެންމެފައިދާހުރި ދިރިއުޅުމަކަށެވެ. އަރަހުށި މާތްﷲ އެކަލާނގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެއްވައިފައިވަނީ ރަޙްމަތުއްލިލްޢާލަމީންގެ މަތިވެރި ލަޤަބެވެ. އެކަލޭގެފާނު ރަޙްމަތެއް ކަމުގައި ލައްވައިފައިވަނީ ހަމައެކަނި "އިންސާނީ ޢާލަމަކަށް" ނޫނެވެ. އެންމެހައި ޢާލަމްތަކަށެވެ. އެކަލޭގެފާނުގެ އުސްވަތުން އެމަތިވެރި ލަޤަބުފުޅު އެކަލޭގެފާނަށް ޙައްޤުވެގެންވާކަން ސާބިތުވަނީ މެންދުރުގެ އިރު ފަދައިންނެވެ. ޤުދްރަތީ ވަސީލަތްތަކަށް ރައްކާތެރިވުމަށް އެމާތްސާހިބާ ދެއްވައިފައިވާ އިރްޝާދުތަކުންނެވެ. ހުރިހާ ބާވަތްތަކެއްގެ ދިރޭއެއްޗެއްސަށް އޯގާވެރިވުމަށް ދެއްވައިފައިވާ ނަސޭހަތްޕުޅުތަކުންނެވެ. ދުރަށް ވިސްނައިގެން ބުއްދިވެރިކަމާއެކު އެތަކެތީގެ ބޭނުންކުރުމަށް ގޮވާލައްވައިފައިވާ ގޮވާލެއްވުންތަކުންނެވެ.
--------------
  (ނިމުނީ)


މި ލިޔުން:

   ފޮނުވުން:   އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
   އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް
    ޝާއިޢުކުރުން: ''         ''

ހަމަމިގަލަމުން

އިދާރާ

ވާހަކަ