އަދުގެ ޚާއްސަ

Print

ކުރިމަގުގައި ތެލާ ނުލައި އުޅެވިދާނެބާ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތިމާވެށި


ޙަސަން ޒަހީން

މާޒީއަކީ މުސްތަގުބަލް ބަލާލޯގަނޑޭ ބުނާތީ އަޑުއަހަމެވެ. އެ ބުނުމަށް ވިސްނުންތެރިކަމާއެކު ނަޒުރުހިންގައިލުމުން ފާހަގަވާ ވަރަށް ގިނަ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. މާޒީން ލިބިދިން ތަޖުރިބާ އާއި ޢިބުރަތެވެ. ފެނުނު މަންޒަރުތަކާއި ތަޖުރިބާކުރި ކަންތައްތަކެވެ. މިއީ ހައްތާ ވެސް ކުރިމަގު ބިނާކުރުމަށް މާޒީ މުހިންމުވާ ސަބަބުތަކެވެ.

ކޮންމެއަކަސް ކުރިމަގުގައި ކަންތައްތައް ވާނެ ގޮތެއް ބުނާކަށް ނޭނގެއެވެ. އެހެންނަމަވެސް ކުރެވޭ އުންމީދުތަކާއި، ހުވަފެންތައް ސިފަކުރެވިދާނެ އެވެ. އެއީ ހަގީގަތާ އެއްގޮތް މަންޒަރަކަށް ހެދުމަށް ޚިޔާލީ ފޮލާ ވެސް ކެއްކިދާނެ އެވެ. އެކަން ހަޤީގަތަކަށް ހެދުމަށް ކުރަހާ ތަސްވީރުތައް ވަރަށް ފުރިހަމަވާނެ އެވެ. އެ ގޮތުން ސިފަކުރާ ނަމަ، މުސްތުގުބަލުގައި އަޅުގަނޑުމެން އުޅޭނީ ތެލާނުލައި ކަމުގައި ބުނެފިނަމަ އެއީ މާބޮޑު ޙައިރާންކަމަކަށް ނުވެދާނެ އެވެ. ސަބަބަކީ މިއަދު ފެންނަމުންދާ މަންޒަރުތަކާއި ކަންތައްތަކުން، އެ ގޮތަށް ތަބާވާންޖެހިދާނެ ކަމުގެ އިންޒާރުދޭތީ އެވެ.

ތެލަކީ ވެސް މި ކައުނުގައި ﷲ ތަޢާލާ ލައްވައިފައިވާ ނިއުމަތެކެވެ. ނުވަތަ ވަސީލަތެވެ. އެއީ ހުސްވުމެއް ނުވާ، އެއްޗެކޭ ދެންވޭކަށް ނެތެވެ. ތެލާ ބެހޭގޮތުން މިހާތަނަށް ކުރެވިފައިވާ ތަފާތު ދިރާސާތަކަށް ބެއްޔަސް އެކަން ދަލީލުކޮށްދެއެވެ. އެހެންކަމުން ހަކަތަ އުފެއްދުމުގައި އެ ނޫން މަގެއް ހޯދަންޖެހެއެވެ. އެހެން ވަސީލަތްތަކެއް ތަޢާރުފުކުރަން ޖެހެއެވެ. އެހެން ދޮރުތަކެއް ހުޅުވަން ޖެހެއެވެ. އެއީ ކިތަންމ ެބޮޑު ހޭދައެއްކޮށް، ދިރާސާތަކެއް ކޮއްގެންވިއަސްމެއެވެ.

އަޅުގަނޑުމެންގެ ކުރިމަގު އަޅުގަނޑަށް ފެންނަނީ އެފެދަ ގޮތަކަށެވެ. ހަކަތަ އުފެއްދުމުގައި ތެލާ ނުލައި އުޅޭނެ ގޮތަކަށެވެ. މަގުމަތީގެ އުޅަދުތައް ދުއްވުމުގައި އަތްވާއި ވައިން ހަކަތަ ހޯދާ ތަނެވެ. އޭރުން ކާރާއި ސައިކަލް އަދި އެނޫން އެއްގަމު އުޅަދުފަހަރު ވެސް ދުއްވާނީ އެއިން އުފައްދާ ހަކަތައިންނެވެ. މިއީ މިހާރު ވެސް ކުރިއަރައިފައިވާ ބައެއް ގައުމުތަކުގައި ކުރާކަމެކެވެ. ހަމައެއާއެކު ކަނޑުގައި ދުއްވާ އުޅަނދުފަހަރު ވެސް ދުއްވަމުންދާނީ އެބީދައިންނެވެ. ދެންއޮތީ ގޭބިސީތަކަށް ބޭނުންވާނެ ހަކަތައެވެ. އެކަމަށް ބޭނުންވާ ހަކަތަވެސް އަތްވާއި ވައިން އުފެއްދިދާނެއެވެ.
 
އިޔާދަކުރަނިވި ހަކަތަ ނުވަތަ ރިނިވަބަލް އެނާޖީ އުފެއްދުމުގައި މިހާތަނަށް ދުނިއޭގެ ގިނަ ގައުމުތަކުންވަނީ ހޭދަތަކެއް ކޮށްފައެވެ. ތެލުގެ އަގުތައް އުފުލި  ދުނިޔޭގެ އިގުތިސާދަށް އޮބިނޯނާނެކަން ކަށަވަރުވާންފެށުމުން މިކަމުގައި ކުރެވޭ ހޭދަތަކާއި، ހޯދޭ ހޯދުންތައް ވަނީ އެތައް ގުނައެއް އިތުރުކުރަން ފަށައިފައެވެ. ސަބަބަކަށްވަނީ ތެލުގެ ސްޓޮކް ހުސްވުމުގެކުރިން އެނޫންގޮތެއް ހޯދުމަށް އެދޭތީއެވެ. އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގައި އެންމެބޮޑު ހޭދައެއް ކުރާ ގައުމުތައް ގިންތިކުރާ ނަމަ އެކަމުގެ އެންމެކުރީގައި އުޅެނީ އިނގިރޭސިންނާއި ޖަރުމަނާއި އަވަށްޓެރި އިންޑިއާއެވެ. މިއީ ޓެކްނޮލޮޖީއާއި އެނޫން ކަންކަމުގައިވެސް ވާދަވެރި ގައުމުތަކެކެވެ.

ބެރެޝަލް ޓެލެކޮމް (ބީޓީއެމް) އިން ދާދިފަހުން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ދުނިޔޭގައި އިޔާދަކުރަނިވި ހަކަތައިގެ ގޮތުގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުންދަނީ ވައިން އުފައްދާ ކަރަންޓެވެ. ރެކޯޑުތަކުން ދައްކާގޮތުގައި ދުނިޔޭގައި ވައިން ހަކަތައުފެއްދުމުގައި 2010 ވަނަ އަހަރުވަނީ 1200 ގިގަވޯޓުގެ ހަކަތަ އުފައްދައިފައެވެ. އަދި 2011 ވަނަ އަހަރު ނިމޭއިރު ވައިން ހަކަތަ އުފެއްދުމަށް 66.8 ބިލިޔަން ޑޮލަރު ހޭދަކުރާނެ ކަމަށްވެއެވެ. އަދި ހަމައެއާއެކު 2015 ވަނަ އަހަރު 111.6 ބިލިޔަށް ޑޮލަރު ހޭދަވާނެކަމަށް އަންދާޒާކުރެއެވެ.

އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގައި އިނގިރޭސީންގެ މިސްރާބާއި އަމާޒު ވެސް ވަނީ މި ފަދަ ގޮތަކަށެވެ. 2015 ވަނަ އަހަރު އަންނައިރު އެގައުމުގައ ބޭނުންކުރާ ހަކަތައިގެ 15 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުމަށް އިނގިރޭސިންވަނީ ފޫގަޅައިފައެވެ. ޖަރުމާނާއި އިންޑިއާއަށް ބެއްޔަސް މިފަދަ އަމާޒެއް ވަނީ ކަނޑައަޅައިފައެވެ. އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގައި އިންޑިއާއިން، މިހާތަނަށް 143 މަޝްރޫއެއް ހިންގައިފައި ވެއެވެ. މީގެ ނަތީޖާވެސް ގޯހެއް ނޫނެވެ. މި މަސައްކަތުގައި އަޅުގަނޑުމެންނަކީ ވެސް އަމާޒެއް ކަނޑައަޅައި ދަތުރު ފަށައިފައިވާ ބަޔެކެވެ. ރާއްޖޭގެ އަމާޒަކަށް ވެފައިވަނީ 2020 އެވެ.

ތެލުގެ އަގުއުފެލެމުންދާ ދިއުމާއެކު އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގައި ދެކެވޭ ވާހަކަތަކާއި ހަކަރަކާތްތެރިވުން ވެސް އަންނަނީ އިތުރުވަމުންނެވެ. ސަބަބަކަށްވެފައިވަނީ އެއީ ސިދާގޮތުން ގައުމުތަކުގެ އިގުތިސާދަށް އަސަރު ފޯރާނެ ކަމަކަށްވާތީއެވެ. ޚާއްސަކޮށް ހަކަތައަކީ ސިދާގޮތުން ރައްޔިތުނާ ގުޅިފައިވާ އަސާސީ އެއްޗަކަށްވާއިރު، އެކަމަށްކުރާ ހޭދަ ބޮޑުވުމަކީ ސަރުކާރުތަކުގު ދެމިއޮތުމާއި ގުޅިފައިވާ ކަމަކަށްވުމެވެ. އިޤްތިޞާދީ މާހިރުންގެ ބުނުންތަކާއި ވިޔާފާރިގެ ދިރާސާތަކުން އެ ކަން ކަށަވަރުކޮށްދެއެވެ. ތެލުގެ ބާޒާރަށް އަންނަ ކޮންމެ ގުޑުމަކީ ނުވަތަ ކުރިމަތިވާ ކޮންމެ ގޮންޖެހުމަކީ ގައުމެއްގެ މައިބަދަ ގުޑުވައިލާ ވަރުގެ ލޮޅުމަކަށްވެފައިވާތީ އެވެ. އެހެންކަމުން މި ކަމަށް އަވަސް ހައްލެއް ހޯދައި، ތެލާ ނުލައި އުޅެވޭނެ ގޮތްތަކެއް މިވަނީ ހޯދުމުގެ ދިގު ދަތުރު ފެށި، އަލިކަމެއް ފެންނަ ހިސާބަށް ވެސް އާދެވިފައެވެ. ދެންއޮތީ ބަނދަރުހިފުމުގެ ކުރިން އެކަން ކަށަވަރުކުރުމުވެ.
------------
(ނިމުނީ)
މި ލިޔުން:

      ފޮނުވުން:      އަލްފާޟިލު ޙަސަން ޒަހީން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
      އަލުން ބެލުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
      ޝާއިޢުކުރުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

އިދާރާ

ވާހަކަ