މަސްތުވާ ކޮންމެ އެއްޗެއްގެ ސަބަބުން ވެސް ލިބެނީ ގެއްލުމެވެ.
އިސްމާޢީލް އަލީ، ރ.ކަނދޮޅުދޫ
އިންސާނާގެ އެންމެ އަގުމާތް ޖައުހަރު ކަމުގައިވާ ބުއްދި ނެތިކޮށް، އެކަހެރިކޮށް ގަނަތަޅުވަމުންގެންދާ ޢަދާވާތްތެރިޔަކީ، މަސްތުވާ ތަކެތި ކަމާމެދު ދެބަސްވާނެ ހަމަ އެކަކުވެސް ނުހުންނާނެކަން ޔަޤީނެވެ.
މަސްތުވާ ތަކެއްޗަކީ، އެ އެއްޗެއް ބޭނުންކުރުމުން ތިމާގެ ބުއްދިފިލައިދާ ކޮންމެ އެއްޗެކެވެ. މަސްތުވާ ތަކެތީގެ ބޭނުން ކުރުންވަނީ ޙަރާމް ކުރައްވައިފައެވެ. އިސްލާމްދީނުގައި އެއްޗެއް ބޭނުންކުރުން ޙަރާމް ކުރެއްވުމުން އެއެއްޗަކުން އަވަހަށް ދުރުވެގަންނަންވީ އެވެ. އިސްލާމްދީނަކީ އެންމެހެޔޮ ދީނެވެ. އިންސާނާއަށް ލާބަހުރި މަގަށް ގޮވައިލާ ދީނެވެ. ގެއްލުން ދެނިވި ހުރިހާ މަގުތަކެއް ބަންދު ކުރުމަށް ނަސޭހަތްތެރިވާ ދީނެވެ.
މަސްތުވާ ތަކެތީގެ ގެއްލުން ވަރަށްބޮޑެވެ. ގެއްލުން ލިބެނީ ހަމައެކަނި އެ ތަކެތި ބޭނުންކުރާ މީހަކަށް ނޫނެވެ. މުޅި އާއިލާއަށާއި ޤައުމަށެވެ.
ޙަޔާތުގެ މައިނާރު ބުރިކޮށްލައެވެ.
ދިރިހުރުން އާފަތަކަށް ހަދާލައެވެ.
މުދާކޮޅު އެއްކޮށް ހުލިކޮށްލައެވެ.
ހައިވާނެއްގެ ދަރަޖައަށް ވައްޓާލައެވެ.
އަބުރު ވެއްޔާއި މޮޑެލައެވެ.
ނުލިބިއްޖެނަމަ ދީވާނާކުރުވައެވެ.
ލިބުނަސް އެހާވޭންގަދައެވެ.
ސަލާންޖެހުމަށް މަޖުބޫރު ކުރުވައެވެ.
ޢާއިލީ ގުޅުން ކެނޑިދެއެވެ.
ބަލިބަލީގެ ޝިކާރައަކަށް ވެދެއެވެ.
ނިދީގެ އަރާމުން މަޙްރޫމް ކުރުވައެވެ.
ދީނީ އަދި ދުނިޔަވީ ވާޖިބުތަކާއި ދުރުކުރުވައެވެ.
މިންޖުވާން އެދޭނަމަ އީމާންކަން ވަރުގަދަ ކުރާށެވެ.
ނޫނެކޭ ބުނަންޖެހޭ ފަހަރު އެހެންބުނާށެވެ.
ޢާއިލާއާއި ދުރުގައި ނޫޅޭށެވެ.
ރައްކާތެރި ކަމުގެ ކަމަރު ބަންނާށެވެ.
މަސްތުވާ ތަކެތި ބޭނުންކުރުމަށް މަގުފައިހިވާ އެއްސަބަބު ކަމުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނެއެވެ. މިއާއެކު ކުދިން މަގުމަތިވެގެން އުޅެން ފުރުޞަތުދިނުމަކީ މި ކަމަށް ހުޅުވޭ ދޮރެކެވެ. ވަހުޝީކަން ގަދަވުމަކީ ވެސް މިކަމަށް މަގުފަހިވާ ކަމެކެވެ. މީހަކު ބުނާހާ ވާހަކައެއް ޤަބޫލުކުރުމާއި، ނޫނެކޭ ބުނަންޖެހޭ ދަނޑިވަޅު ތަކުގައި ނޫނެކޭ ބުނަން ނުކެރުމާއި، ރަޙްމަތްތެރިކަން ގެއްލިދާނޭ ކަމުގެ ބިރު ހީވުމާއި، އަޖުމަ ބަލައިލަން ބޭނުންވުމާއި، ފިކުރުބޮޑުވުން މަސްތުވާ ތަކެތި ބޭނުން ކުރެވޭ ސަބަބުތައް ކަމުގައި ބެލެވެއެވެ.
މަސްތުވާ ތަކެތީގެ ނުރައްކަލުން ސަލާމަތްވެވޭނީ ޢަޤީދާ ވަރުގަދަ ކުރެވިގެންނެވެ. ދީނީ ހޭލުންތެރިކަމެއް އުފެދިގެންނެވެ. ﷲއަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރެވިގެންނެވެ. ދިރިއުޅުމުގައި އަޑިގުޑަން އަންނާނެކަން ގަބޫލުކުރެވިގެންނެވެ. ހިތާމަތައް ތަޙައްމަލު ކުރުމުގެ ޤާބިލުކަން އުފެދިގެނެވެ.
ހަމަ މަގުން ކައްސާލައިގެންދާ މީހުން ހަމަމަގަށް އެޅުވުމުގެ ބާރު އިސްލާމީ ވެރިކަމެއްގައި، އޮންނަންވާނެއެވެ. އިންސާނުންނަށް ގެއްލުން ލިބިދޭ ވަސީލަތްތައް ހުއްޓުވަންވާނެއެވެ. ރަނގަޅުގޮތް މީސްތަކުންނަށް އަބަދުމެ ހަނދާން ކޮށްދޭންވާނެއެވެ.
---------------
(ނިމުނީ)
މި ލިޔުން:(ނިމުނީ)
ފޮނުވުން: އަލްފާޟިލު އިސްމާޢީލް އަލީ، ރ.ކަނދޮޅުދޫ
އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)