އަދުގެ ޚާއްސަ

Print

ޢިއްދާ އަކީ އަންހެނުންނަށް ކުރެވޭ އަނިޔާއެއްބާ!

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދިރާސާ


 އިސްލާމްދީނާ މެދު ބިރުވެރިކަން އުފެއްދުމަށް، ދީނާމެދު މުސްލިމުންގެ ހިތްތަކުގައި ޝައްކު އުފެއްދުމަށް މިއަދު ބޭނުންކުރާ އެންމެ ވަރުގަދަ އެއް ހަތިޔާރަކީ އަންހެނުން


އިބްރާހީމް ރަޝީދު މޫސާ

އިސްލާމްދީނުގެ ދުޝްމަނުން، އިސްލާމްދީނާ މެދު މީހުންގެ ހިތްތަކުގައި، ބިރުވެރިކަމާއި، ޝައްކާއި، ވަހްމު އުފެއްދުމަށްޓަކައި، މިއަދު ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރަކީ"އަންހެނުން"ނެވެ. އިސްލާމްދީނުގައި އެމީހުންނަށް އިހާނެތިކޮށް ހިތާ ވާހަކައާއި، އެމީހުންނަށް އަނިޔާވެރިވާ ވާހަކަތައް، އެއްވެސް  ހަމައެއް، އުޞޫލެއް ނެތި ފަތުރަމުންނެވެ.  އަންހެނުންނާއި ފިރިހެނުން ތަފާތުވާ މަސްއަލަތަކުގައި، ދީނުގެ ޤަވާޢިދުތައް އޮޅުވާލައިގެންނެވެ.

މި މޭރުމުން ދައްކާ އެއްވާހަކައަކީ ތަރިކަމުދަލުގެ ވާހަކައެވެ. މިކަމުގައި އިސްލާމްދީނުގެ ފަލްސަފާ އާ ބެހޭގޮތުން ލިޔުނު ލިޔުމެއް ފަންވަތުން ވަނީ ޝާއިޢިކޮށްދެއްވައިފަ އެވެ.

މި އަދު ބަލައިލެވޭތޯ މި އުޅޭ މައިގަނޑުނަމަކީ، އަންހެނުންގެ ޢިއްދާގެ ވާހަކައަށެވެ. މުސްލިމުއަންހެނުންނާ ބެހޭ ބައިނަލްއަޤްވާމީ  މަހާސިންތާތަކާއި، ބައްދަލުވުންތަކުގައި އަންހެނުންނާ ބެހޭ އިސްލާމީ އުޞޫލުތައްް  " ލާދީނީ މިނިވަންޚިޔާލުތަކާ"  އެއްގޮތަށް ހާނައި ބަދަލުކުރުމަށް  މަސައްކަތްކުރާތަން ފެނެ އެވެ. އިސްލާމުދީނުގެ ތަޢުލީމާ އަރާރުން ވިޔަސް މުސްލިމުން، އަންހެނުން މިނިވަންކުރުމަށްޓަކައި ، މިކަންކުރަން ޖެހޭނެކަމަށް ވެސް ގޮވައިލައެވެ. މިފަދަ ބައްދަލުވުންތަކުގައި އެންމެ އަޑުގަދަކޮށް ވާހަކަދައްކާމީހުންގެ ތެރޭގައި މުސްލިމުއަންހެނުން ކަމަށް ބުނާމީހުންތަކެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޑރ. އަމީނާ ވަދޫދު ފާހަގަކޮށްލެވެ އެވެ. މި އަންހެނާއަކީ ފިރިހެނުންނާއި އަންހެނުން އެއްކޮށް ޖަމާޢަތް ހަދައިގެން އެމީހުންގެ އިމާމަކަށް ވެގެން ނަމާދުކޮށް، އަދި ކީއްތޯއެވެ! ހުކުރުވެސްކޮށް ހަދާ އަންހެނެކެވެ.

ބައިނލްއަޤްވާމީ ބައްދަލުވުންތަކުގައި ހަޅޭއްލަވާ ބައެއްއަންހެނުން ބުނާގޮތުގައި، ހުޅަނގުގެ ޤައުމުތަކުގައި އުޅޭ އަންހެނުންގެ ޙާލަތު، އިސްލާމީ ޤައުމުތަކުގައި އުޅޭ މުސްލިމުއަންހެނުންގެ ޙާލަތަށް ވުރެ މާރަނގަޅެވެ. އެއީ އިސްލާމީ ބައެއް ޤައުމުތަކުގައި އަންހެނުން ޒިނޭކުރުމުން ރަޖަމުކުރާތީ އާއި، އަންހެންކުދިން ޚިތާނުކުރާތީ އެވެ. އެމީހުން ޞިފަކުރާގޮތުގައި މިއީ އެކަމާދެކޮޅަށް ތެދުވަންޖެހޭވަރުގެ ޖަރީމާތަކެކެވެ.

މި ފަދަ ބައްދަލުވުމެއްގައި ވާހަކަދެއްކި އަންހެނަކު "ޢިއްދާ" ނައްތައިލުމަށް ގޮވައިލި އެވެ. މި މީހާ ބުންޏެވެ. "އަނބިމީހާ ވަޅުލައިފާ ގެއަށް އައިސް ފިރިހެނާއަށް މީހަކާ އިނދެވޭ އިރު، ފިރިމީހާ މަރުވުމުން އަނބިމީހާ ފިރިމީހާގެ ޙިދާދުގައި މީހަކާ ނީނދެވި އެތައްދުވަހަކު އިންނަންޖެހޭ ޖެހުމަކީ އަންހެނާގެ ޙައްޤަށް ލިބޭ ވަރަށް ބޮޑު އުނިކަމެކެވެ. މި މީހާ ބުނާގޮތުގައި އިސްލާމްދީނުގައި މިކަމާބެހޭގޮތުން ހުރި ނައްޞުތައް، އެހެންގޮތަކަށް ބަދަލުކުރަން (ނުވަތަ ތައުވީލުކުރަން " އެބަޖެހެ އެވެ.


ޢިއްދާގެ ޙިކްމަތް


މިފަދަމީހުން ބުނާގޮތުގައި ޢިއްދާގެ ބޭނުމަކީ އަންހެނާގެ ރަޙިމު ހުސްކޮށް އޮތްތޯ ކަށަވަރު ކުރުމެވެ. ޢިއްދާ އަކީ  "އަނިޔާއެއް" ކަމަށް ދަޢުވާކުރާމީހުން ބުނާގޮތުގައި މި ޒަމާނުގައި  ލެބޯޓަރީ ތަޙްލީލަކުން އެކަން ކަށަވަރުކުރެވިދާނެ އެވެ.

އިސްލާމީ ޢިލްމުވެރިން ވިދާޅުވާގޮތގައި ޢިއްދާގެ ޙިކްމަތަކީ ހަމައެކަނި އަންހެނާ ހައްޔަރުގައި އިންތޯ ނުވަތަ ނޫންތޯ ބެލުމެއްނޫނެވެ. ޢިއްދާގެ ޙިކްމަތްތަކުގެ  ތެރޭގައި ދެމަފިރިންނަށް ކައިވަނީގެ ޙަޔާތަށް އެނބުރިދިޔުމާބެހޭގޮތުން ވިސްނައި މުރާޖަޢާކުރުމަށް ފުރްޞަތުދިނުންވެސް ހިމެނެ އެވެ. މިއީ ދަރިންގެ ޙައްޤުތައް ރައްކައުތެރިކުރުމަށްޓަކައިވެސް ވަރަށް މުހިއްމު ކަމެކެވެ. ކީރިތިރަސޫލާ ޞިފަކުރައްވާފައިވާ ފަދައިން "ﷲގެ ޙަޟްރަތުގައި އެންމެރުހިވޮޑިނުގަންނަވާ ކަމަކީ ވަރިއެވެ." (1)  މި ޒަމާނުގެ ސައެންސު މިހާރު ސާބިތުކޮށްދީފައިވާގޮތުގައި ޢިއްދާ އަކީ އަންހެނާ، ނުރައްކާތެރިބަލިތަކަކުން ޙިމާޔަތްކޮށްދިނުމަށްޓަކައި ވަރަށް މުހިއްމެ އެއްޗެކެވެ. މި މުއްދަތު ފުރިހަމަވުމުގެ  ކުރިން މި އަންހެނާއާ އެކު  އައު ގުޅުމެއް ޤާއިމުކުރުމަކީ އޭނާއަށް ކެންސަރުޖެހިދާނެކަމެކެވެ. އަޒްހަރު ޔުނިވަރސިޓީގެ ފެކަލްޓީ އޮފް މެޑިސިންގެ ކުރީގެ ޑީން ޑރ. ސަނާ ޙަތުޙޫތު ވިދާޅުވާގޮތުގައި، މިޒަމާނުގެ ޢިލްމީ ހޯދުންތައް ކަށަވަރުކޮށްދީފައިވާ ގޮތުގައި ކޮންމެމީހެއްގެ އިނގިލީގެ ކުރެހުން ތަފާތުވާގޮތަށް ކޮންމެފިރިހެނެއްގެ މަނި ވެސް ތަފާތެވެ. ކޮންމެ ފިރިހެނެއްގެ މަންޏަށް ވިރާސީ ޚާއްޞަކޯޑެއް ވެ އެވެ. އަދި ސައިންސް ބުނާގޮތުގައި އަންހެނާގެ ހަށިގަނޑު ތެރޭގައި ޚާއްޞަ އިންޑެކްސްތަކެއްވެ އެވެ. މީގެ މަސައްކަތަކީ އެ އަންހެނާއާ އެކު  ޖިންސީގުޅުން ހިންގާ މީހުންނާބެހޭ ކުރެހުންތައް ރެކޯޑްކޮށް ރައްކައުކުރުމެވެ. އެހެންވެ އަންހެނާގެ ހަށިގަނޑުތެރެއަށް ތަފާތު ފިރިހެނުންގެ މަނީގެ ކުރެހުންތައް ވަނުމުން އެ ހަށިގަނޑަށް އޮޅި  ގަނޑުބަޑުވެ ނުރައްކާތެރިބަލިތައް ޖެހެނީ އެވެ. އެއީ މާތްﷲ އެ ހަށިގަނޑު ފަރުމާކުރައްވާފައިވާ ގޮތާ ތަފާތުވުމުގެ ސަބަބުންނެވެ. މަތްﷲ ހަމަޖައްސަވާފައިވާ ޝަރްޢީނިޒާމަށް ބަލައި އިރު ކޮންމެ އަންހެނަކަށް ޖިންސީ އަރާމުޙާޞިލުކުރުން ހުއްދަވެގެންވަނީ އޭނާގެ ފިރިމީހާއާ އެކަންޏެވެ. ހަށިވިއްކާ އަންހެނުންނަށާއި ބަދުއަޚްލާޤީޢަމަލުތަކުގެ ތެރެއަށް ވެއްޓިގެންއުޅޭ އަންހެނުންނަށް ނުރައްކާތެރި ބަލިތައް ޖެހެއެވެ. އޭގެ ތެރޭގައި ރަޙިމުގެ ކެންސަރު ފަދަ ބަލިތައް ހިމެނެ އެވެ.
 
މިއަދުގެ ޢިލްމީ ތަޖްރިބާތައް ކަށަވަރުކޮށްދޭގޮތުގައި އަންހެނާއަށް ޖިންސީ އައު ކޯޑެއް ބަލައިގަތުމަށްޓަކައި ކުރީކޯޑް ފޮހެވެން ޖެހޭނެ އެވެ. މިކަމަށް ބޭނުންވާ މުއްދަތަށް ބަލާ އިރު އެއީ މާތްﷲ ކަނޑައަޅުއްވާފައިވާ ޢިއްދާގެ މުއްދަތުކަން މިއަދުވަނީ ޢިލްމީގޮތުން ކަށަވަރުވެފައެވެ. މި މުއްދަތުގެ ތެރޭގައި ކުރީގެ ކޯޑް ފުހެވުމުން، އަންހެނާގެ ހަށިގަނޑު އައު ކޯޑެއް ބަލައިގަތުމަށް އަހްލުވެރިވެދެއެވެ. سبحان الله ! ސަހަރާ  ތެރޭގައި އުޅުއްވި ޢަރަބިކަރައިގެ މި ރަސޫލާ މުޙައްމަދު ބިން ޢަބްދުﷲ (ޞައްލަﷲ ޢަލައިވަސައްލަމް) އަށް މި މުއްދަތު މިގޮތަށް ކަނޑައަޅުއްވައި ވިދާޅުވެދެއްވަން އެނގިވަޑައިގަތީ ކިހިނަކުންބާވައެވެ! އަދިވެސް މި ރަސޫލާއަށް އީމާންވާކަށް ނުވޭހެއްޔެވެ؟ އަދި ﷲ ޤަބޫލުކުރާކަށް ނުވޭހެއްޔެވެ!
   
މިޞްރުގެ ޢައިން ޝަމްސު ޔުނިވަރސިޓީގެ ނަފްސާނީ ޞިއްޙަތާ ބެހޭ ޕްރޮފެސަރެއް ކަމުގައިވާ ޑރ.  ސައްޔިދު ޞުބްޙީ ވިދާޅުވާގޮތުގައި، ޢިއްދާ އަކީ އަރާމުކުރުމުގެ  މުއްދަތެކެވެ. މި މުއްދަތުގެ ސަބަބުން އޭނާގެ ނަފްސަށް ހަމަޖެހުންލިބެއެވެ.ފިރިމީހާ މަރުވުމުގެ ސަބަބުން ނުވަތަ ވަރީގެ ސަބަބުން ލިބޭ ނަފްސާނީ ފާރުތައް ހިއްކައިލުމަށް ވަގުތުކޮޅެއްބޭނުންވާތީއެވެ.
   
މިޞްރުގެ ޢައިން ޝަމްސު ޔުނިވަރސިޓީގެ އިޖްތިމާޢީޢިލްމުގެ ޕްރޮފެސަރެއްކަމުގައިވާ ޑރ.  ސާމިޔާ އައްސާޢާތީ ވިދާޅުވާގޮތުގައި،  ޢިއްދާއަކީ އަންހެނާއަށް  އަލުން މުޖްތަމަޢު ތެރެއަށް ނުކުމެ މީހުންނަށް އޭނާގެ  ހުސްހަށިބައިކަން އަންގައިދިނުމަށް ވެސް ލިބޭ ވަގުތުކޮޅެކެވެ. މިކަމުގެ ސަބަބުން،  އެ މުއްދަތު ނިމުމުން އޭނާގެ އަތަށް އެދުމަށް ( ނުވަތަ ކައިވަނި ކުރުމަށް) ބޭނުންވާ ފިރިހެނަކަށް އެކަމަށް މި މުއްދަތުގެ ތެރޭގައި ތައްޔާރުވެވޭނެ އެވެ.

ޢިއްދާ އާ ބެހޭ ނައްޞުތައް

   
ޢިއްދާ އަކީ މާތްﷲ، ސާފު، ޞަރީޙުބަހުން އަންގަވާފައިވާ ކަމެކެވެ. ޢިއްދާ އަކީ އަންހެނާގެ ޙާލަތު ތަފާތުވުމުން ތަފާތުވާ އެއްޗެކެވެ. އެހެންކަމުން، މުސްލިމުންނަށް ވީތީ، އަދި އެދީން ޤަބޫލުކުރާތީ،  އޭގެ ޙިކްމަތް އެނގުނަސް ނޭގުނަސް، އެ އަމުރުފުޅުތަކަށް ތަބާވަން ޖެހޭނެ އެވެ. 

1-    މާތްﷲ ވަޙީކުރައްވަނީ" يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاء فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ وَاتَّقُوا اللَّهَ (2)  - އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން، އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބލުންގެ ޢިއްދާއަށް  އެކަނބަލުން ވަރިކުރާށެވެ. އަދި ތިޔަބައިމީހުން ޢިއްދާ ގުނާ ހަމަކުރާށެވެ. އަދި ތިޔަބައިމީހުނ ﷲެއަށް ތަޤްވާވެރިވާށެވެ." ޢިއްދާގެ ތެރޭގައި އަނބިމީހާ އިންނަޖެހޭނީ ފިރިމީހާގެ ގޭގަ އެވެ. އެއީ ދެމަފިރިންނަށް އެކަކު އަނެކެއްގެ ޙާލަތު މުރާޖަޢާކުރުމަށްޓަކައި ދެއްވާ ފުރްޞަތެކެވެ.
 
2-     އަންހެނާ އަކީ ޙައިޟުނުުވާ މީހެއް ނަމަ އޭނާގެ ޢިއްދާއަކީ ތިންމަސްދުވަހެވެ. މާތްﷲ ވަޙީކުރައްވަނީ " وَالَّلائِي يَئِسْنَ مِنَ الْمَحِيضِ مِن نِّسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلاثَةُ أَشْهُرٍ (3)   - އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ ޙައިޟުން އުއްމީދު ކެނޑިފައިވާ މީހުންނާމެދު، ޝައްކުކުރާނަމަ، ފަހެ، އެކަނބަލުންގެ ޢިއްދާއަކީ، އަދި ޙައިޟުނުވާމީހުންގެ ޢިއްދާ އަކީ  ވެސް ތިންމަސްދުވަހެވެ. "

3-    އަންހެނާއަކީ ޙައިޟުވާމީހެއް ނަމަ އޭނާގެ ޢިއްދާއަކީ ތިން ޠުހްރެވެ. (4)  މާތްﷲ ވަޙީކުރައްވަނީ" وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلاثَةَ قُرُوءٍ (5)  - އަދި ވަރިކޮށްފައިވާ އަންހެނުން އެކަނބަލުންގެ އަމިއްލަނަފްސުތަކާއިގެން ތިން ޤުރްއުވަންދެން (ޤުރްއަކީ ޠުހްރު ކަމަށް ޝާފިޢީން ވިދާޅުވެއެވެ.) އިންތިޒާރުކުރާހުށިކަމެވެ. އަދި އެކަނބަލުން ﷲއަށާއި އާޚިރަތްދުވަހަށް އީމާންވާކަމުގައިވާ ނަމަ އެކަނބަލުންގެ ރަޙިމުތަކުގައި، ﷲ އުފައްދަވާފައިވާ އެއްޗެއް ވަންހަނާކުރުން އެކަނބަލުންނަށް ހުއްދަވެގެން ނުވެ އެވެ.

4-    ވަރިކުރި އިރު ހައްޔަރުގައި އިން އަންހެނާގެ ޢިއްދާއާ ބެހޭގޮތުން މާތްﷲ ވަޙީކުރައްވަނީ وَأُوْلاتُ الأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ (6)    އަދި މާބަނޑުއަންހެނުންގެ ޢިއްދާއަކީ އެކަނބަލުންގެ ބަނޑުގައިވާ ދަރި ވިހެއުމެވެ.

5-    ފިރިމަރުވިމީހާގެ ޢިއްދާ އާ ބެހޭގޮތުން މާތްﷲ ވަޙީކުރައްވަނީ" وَالَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا (7) އަދި ތިޔަބައިމީހުންގެ ތެރެއިން އަނބިން ދޫކޮށް މަރުވެދާމީހުންގެ އަނބިން، އެކަނބަލުންގެ ނަފްސުތަކާއިގެން ހަތަރުމަހާއި ދިހަދުވަހު (މީހަކާ ނީނދެ) އިންތިޒާރުކުރާ ހުށިކަމެވެ.
މި ޞަރީޙު، ސާފު، ޤަޠަޢީ ދަލީލުތަކުގެ ކުރިމަތީގައި އިޖްތިހާދުކުރުމާއި  ތައުވީލުކުރުމުގެ ބާރު އެކަކަށް ވެސް ލިބިގެންނުވެއެވެ. އިޖްތިހާދުގެ މައިދާނަކީ، މިފަދަ ނައްޞެއް ނެތް ޙާލަތްތަކުގައި ހުޅުވިފައިވާ ދޮރެކެވެ.
-----------
(ނިމުނީ)

ހަވާލާ:

1-   أَبْغَضُ الْحَلاَلِ إِلَى اللَّهِ الطَّلاَقُ – رواه البيهقى وابن ماجه عن ابن عمر
2 -   الطلاق: 1
3 -   الطلاق: 2

4 -   ބައެއް މަޛްހަބުތަކުގައި ތިން ޙައިޟެވެ.
5 -   البقرة: 228
6 - الطلاق: 4
7 -   البقرة: 286


މި ލިޔުން:

   ފޮނުވުން:    އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު)
   އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް
   ޝާއިޢުކުރުން:  ''         ''



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ