އަދުގެ ޚާއްސަ

Print

ހަމަ ހިތަށް އަރައެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



ހަސަން ޒަހީން

ހިތްހަމަ ނުޖެހުމަކީ ކޮންމެ ކަމަކާގުޅިގެން ވެސް ކޮންމެ މީހެއްގެ ހިތުގައިވެސް އުފެދިދާނެ ކަމެކެވެ. އެއީ މަގުބޫލު އުޒުރެއް ނެތްކަމުގައި ވީނަމަވެހެވެ. ނުވަތަ ހަމަ ހަޤީގަތުގައި ވެސް އެކަމެއް ތިމާ ގަބޫލުކުރާ ގޮތާ ދިމާ އިދިކޮޅަށް އެކަމެއް ނިމުމުންނެވެ. މިއީ ޠަބީއީގޮތުން ކަންހިގަނމުންދާ މަގެވެ. އިންސާނީ ހިތްތަކުން ކަންވަމުން އަންނަ ގޮތެވެ. އެއީ ފިޠުރީގޮތުން އަހަރެންމެންގެ ސިކުނޑިތައް ތަންދޭ ގޮތް ވެސް މެއެވެ.

ކޮންމެއަކަސް މިއަދުގެ މުޖުތަމަޢަށް ނަޒަރު ހިންގައިލުމުން އަޅުގަނޑުގެ މި ވާހަކަ ފަހުމުވުން ގާތެވެ. މުޖުތަމަޢުގެ ފަރުދުންގެ ފަރާތުން ފެންނަމުންދާ މަންޒަރުތަކާއި، އިވޭ އަޑުތަކުންނެވެ. އަޚުލާގީގޮތުން ހުންނަން ޖެހޭނެ ކަމަށް ގަބޫލުކުރާ ގޮތާ ދިމާ އިދިކޮޅަށް ކަން ހިނގަމުންދަނީ މި ބުނި މަގުންކަމަށް ވެދާނެއެވެ. ބައެއް މީހުންގެ ޢަމަލުތަކަށް ބަލާއިރު އެ ވަގުތަކު ރަނގަޅުކަމަށް ފެނުނު ކޮންމެ ގޮތަކަށް ކަންކުރަމުންދަނީ އެ ފަރާތެއްގެ ގަބޫލުކުރުން އެ ގޮތަށް އޮތީމާ ކަމަށްވެދާނެ އެވެ. ނުވަތަ ތިމާ ހިތް އެދޭ ގޮތް އެއީ އެންމެން ވެސް ގަބޫލުކުރާނެ ގޮތްކަމަށް އަމިއްލަ ހިތުން ގަބޫލުކުރާތީ ކަމަށްވެސް ވުން އެކަށީގެންވެއެވެ. އެހެންނަމަވެސް އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުވެދާނެ އެވެ. ތިމާ ބޭނުންވާ ގޮތް ނުވަތަ ތިމާ ރުހޭ ގޮތް އެއީ އަދި މުޖުތުމަޢު ގަބޫކުރާ ގޮތަށް ނުވެދާނެ އެވެ.

އެހެންނަމަވެސް ކަންހިގަމުންދާ މަގަށް ބަލާއިރު މިއީ މިއަދުގެ މުޖުތަމަޢުގާ އާންމުވަމުންދާ ކަމެކެވެ. ތިމާގެ ބޭނުންތަކާއި އިޙުސާސަތަކުގެ ކުރިމަތީގައި އަނެކުންނަކަށް ޖާގައެއް ނެތެވެ. ނަތީޖާއަކީ ތިމާބޭނުންވާ ގޮތަށް އެވަގުތު ކުރަން ހިތަށް އަރާކަމެއް ކުރުމުގެ ސަގާފަތް މިއަދު އާންމުވަމުން ދިއުމެވެ. އަނެކުންގެ ފަރާތުން އެކަމާމެދު އުފެދިދާނެ ނުތަނަވަސްކަމަކަށް ނުވަތަ ނުރުހުމަކަށް ބެލުމެއް ނެތިއެވެ. މިއީ ދަސްވަމުންދާ އާދަކާދައަކަށް ވުމުގެ ފުރުޞަތު މިވަނީ ބޮޑުވެފައެވެ.

ބައެއް ފިލޯސަފަރުންނާއި ދިރާސާކުރައްވާ ބޭފުޅުންގެ ނަޒަރުން މިކަން ކިރާލުން ކިހިނެތް ވާނެތޯއެވެ. ޢިލްމީ ބައެއް މުފައްކިރުންގެ ނަޒަރުގައި މި ގޮތަށް މުޖުތަޢު ބަދަލުވަމުންދާ މައިގަނޑު ސަބަބަކީ ޙަސަދަވެރިކަމެވެ. ނުވަތަ ތިމާގެ އަޤީދާ ހަމައެކަނި ތިމާއަށް ބަރޯސާވުމެވެ. އެނގޭ އެނގުންތަކާއި ފެންނަ ކަންކަމަށް ރިޢާޔަތް ނުކުރުމެވެ. އަނެކުންނާއި ވަށައިގެންވާ މާހައުލު އެއްފަރާތްކޮށް އެއީ ތިމާއަށްވުރެ ހުރިހާ ގޮތަކުންވެސް ދަށްބައެއް ކަމަށް ދުށުމެވެ. ބައެއް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި މިއީ ސިކުޑީގެ ބައްޔެކެވެ. މަވެތިކަމުގެ ނުރައްކާތެރި ސުންޕާ ބައްޔެވެ. އެއީ ތިމާގެ ގަބޫކުރުން އެންމެ މަތިވުމެވެ. ނުވަތަ އެންމެން ތަބާވާންޖެހޭނެ ކަމަށް ދުށުމެވެ. މި ބަލީގެ އެންމެ ނުރައްކާތެރިކަމަކީ މި ބަލި ޖެހިފައިވާ މީހަކަށް ތިމާއަކީ މިބަލި ޖެހިފަިވާ މީހެއްކަން ޤަބޫލު ނުކުރެވޭ ކަމެވެ.

ދިވެހި މުޖުތަމައަށް މިއަދު ވެރިވެފައިވާ އެންމެ ބޮޑު އެއް ބައްޔަކީ މިއީ ކަމަށް ވެދާނެ ތޯއެވެ؟ އެމީހަކު ހިތުހުރި ގޮތަކަށް ކަންނުރުމުގެ އާދައެވެ. އަނެކުންނަށް އިޙުތިރާމާއި ގަދަރު ނުކުރުމެވެ. އަނެކުންގެ އިހުސާސްތަކަށް ބަލައި ނުލުމެވެ. ގަވާއިދާއި ހަމަތަކާއި އުޞޫލުތައް ފަހަނައަޅައި ދިއުމެވެ. ތިމާ ބޭނުންވާ ކަމެއް ބޭނުންވާ ވަގުތަކު ބޭނުންވާ ގޮތަކަށް ކުރަން އުޅުމެވެ. މިއީ އިސްނާނީވަންތަކަމާއި ކަރާމާތައްވެސް ހުރި ނުރައްކަލެކެވެ. އެހެންނަމަވެސް ފުންކޮށް ވިސްނައިލައިފިނަމަ މިއީ އަޅުގަނޑުމެންގެ މުޖުތަމަޢު ބަދަލުވަމުންދާ ގޮތްކަން އެނގެއެވެ.

ޢިލްމީ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ އާދަތައް ބައެއްގެ ތެރޭގައި އަށަގަންނާނީ ކިޔަވައިދިނުމުގެ އިމުގެ ތެރެއިންނާއި ތަރުބިއްޔަތުގެ ފުރަތަމަ ބިންގަލާ ހަމައިންނެވެ. ކިޔަވައިދިނުމުގެ އާދަތަކާއި، މުގައްރަރަކީވެސް މިކަމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ކުދިން ދަސްކުރާ ގޮތް، ނުވަތަ އެކުދިންގެ ސިކުނޑިތައް ބައްޓަންވަމުންދާ އުޞޫލަކީ ލިބޭ އިލްމެއްގެ މައްޗަށާއި ކަންވަމުންދާ ގޮތުގެ ސަބަބުން ފެނި، ދަސްވާ ދަސްވުމެކެވެ. އެހެންކަމަށްވާނަމަ، އަޤީދާ ބިނާވާނީ އެކަންކަމުން ބާރުލިބިގެންނެވެ. މިއަދު ހިތްއެރީ މަގުމަތިން މީހެއްގެ އަތްދަބަސް ފޭރިގަތުން ނުވަތަ އެއަށްވުރެ ބޮޑުކަމެއްކުރަން ކަމަށްވާނަމަ، އެ ޢަމަކު އޭނާ ކުރަނީ މާބޮޑު ހާސްކަމެއް ނެތިއެވެ. އަނެކާއަށް އެއިން ވާނެ ގެއްލުމެއް ނުވަތަ ކުރާނެ އަސަރަކަށް ފަރުވާލެއް ނެތިއެވެ. ނުވަތަ އެނޫން ވިޔާނުދާނާ ޢަމަލެއްވެސް އޭނާ ކުރަނީ އެކަމަކީ މާބޮޑު ކަމެއް ކަމަށް އަނެކުން ނުދެކޭނެކަމަށް ދެކޭތީކަމަށް ވުން ގާތެވެ. މިއީ ފުރަތަމަ ދުވަހުން ފެށިގެންވެސް ކުއްޖާ ބައްޓަން ވަމުންދާ އޮނިގަނޑުން އޭނާ ބިނާކުރުމުގައި ދިމާވެފައިވާ ކަމެއް ނޫންތޯއެވެ؟

ތިމާ އަމިއްލަ ލޮލުން ބޮލުން ހިތާވެ ނުހަނު ލޯބިން ކާވެނި ކުރާ އަނބި މީހާ، ތިން ހަތަރުކުދީން ވިހާ ފަހުން އޭނާގެ ކުށެއް ނެތި، ނުވަތަ ދިމާވާ މައްސަލައެއް ޙައްލުކުރަން މަސައްކަތް ނުކޮށް ވަރިކޮށް ގެއިން ނެރެ ބޭރުކޮށްލަނީ އެ އަނބި މީހާ އާއި ދެ މަފިިރީންގެ ދަރީންގެ އިޙުސާސްތަކާއި އެ ބައި މީހުންގެ ކުރިމަގާމެދު ކަނު ނަޒަރެއް ދެވޭތީތާއެވެ. ހިތާމަހުއްޓެވެ!

ތިމާގެ އިޙުސާސްތަކުގެ ކުރިއަށް އަނެއްކުންގެ އިހުސާސްތައް ނެރެންޖެހޭނެ ވާހައަކީ ޚާއްސަ ޙަފުލާތަކާއި ޖަލްސާތަކުގައި ވަރަށް އާންމުކޮށް އިވޭ ވާހަކަ ތަކެކެވެ. އެހެންނަމަވެސް އެއީ ޢަމަލުކުރުމުގައި ހިކާވަރަކަށް ދަސްވެފައިވާ އާދައެއް ތޯއެވެ؟ ހަމައެއާއެކު އެކަމުގެ މުހިންމުކަމާއި ބޭނުން ޤަބޫލުކުރަނީ ކިތަށް ބޭފުޅުން ތޯއެވެ؟ އަނެކުންގެ އިހުސާސްތަކާއި އަނެކުންގެ މުހުތާދުތައް ފުއްދުމުގައި ނަމޫނާ ދެއްކުމުގެ ސިފަ މުޖުތައުން މިއަދު އެބަ ދެއްކޭތޯއެވެ؟ މި އާދަތައް މުޖުތަމައުން ފިލައިދިއުމުކީ މިއަދު ތިމާ ހިތުހުރިގޮތަކަށް ކަންކުރުމުގެ ރޫހު އާލާވި ސަބަބަކަށް ނުވާނެތޯއެވެ؟

ކޮންމެ އަކަސް މިއީ އަޅުގަނޑުގެ ޚިޔާލެވެ. އަޅުގަނޑުގެ ފިކުރާއި ގަބޫލުކުރުމެވެ. މިއީ އަނެއްކުންގެ ޚިޔާލާއި ފިކުރަށް ތުރާކުރާ ކަމަށް ވަނީ ނަމަ މަޢާފަށް އެދެމެވެ.
--------------
(ނިމުނީ)

މި ލިޔުން:

   ފޮނުވުން:    އަލްފާޟިލް ޙަސަން ޒަހީން
   އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު



އިދާރާ

އެނގޭތަ؟

ވާހަކަ