އަދުގެ ޚާއްސަ

Print

މަލާބާރުކަރަ އާއި ކަންނަންނޫރު އަލީރާޖާގެ ވެރިކަން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ


މަލާބާރުކަރަ އާއި ކަންނަންނޫރު
މަލާބާރުކަރައަކީ އިންޑިޔާ ބައްރުގެ ހުޅަނގުން-ދެކުނަށް ހިމަދިގުކޮށް އޮންނަ އައްސޭރިފަށެވެ. މި ސަރަޙައްދަކީ ދެކުނު އިންޑިޔާގެ އެންމެ ފިނި ސަރަޙައްދެވެ. މި ސަރަޙައްދުގެ އިރުމަތީ ފަރާތުގައިވާ ވާދީތަކަށް ޢާންމުކޮށް ވާރޭވެހެއެވެ. ބައެއް ލިޔުންތަކުގައި އިންޑިޔާގެ ކޮންކަނުން ފެށިގެން ކޭޕްކޮމޯރިން ސަރަޙައްދާ ދެމެދުގައިވާ ހުރިހާ ހިސާބުތަކަށްވެސް މަލާބާރުކަރަ ކިޔިފައިވެއެވެ.
އެހެންކަމަށް ވާނަމަ މަލާބާރުގެ އައްސޭރިފަށުގެ ދިގުމިނުގައި 845 ކިލޯމީޓަރު ހުންނާނެއެވެ.
 
އެވޭލާ ޒަމާނުގައި މަލާބާރުކަރަ ކަމަށް ކަނޑައެޅިފައިވަނީ އިންޑިޔާގެ ހުޅަނގު ދެކުނުގެ އައްސޭރިފަށަށެވެ. އެއީ ހިމަދިގުކޮށް އޮންނަ ކަރްނާޓަކާ އާއި ކެރެލާޔާ ދެމެދުގައިވާ ސަރަޙައްދެވެ. އެހެންގޮތަކަށް ދަންނަވާނަމަ އަރަބި ކަނޑާ ދިމާއަށްވާ އިންޑިޔާގެ އިރުމަތީބައެވެ. ނުވަތަ ކަނޑުމަގުން އިންޑިޔާގެ އިރުހުޅަނގު ހުޅަނގުދޮރާއްޓަށްވާ ސަރަޙައްދެވެ. އެހެންވީމާ އޭރު މިސަރަޙައްދަކީ ދެކުނު ގޯވާގެ އައްސޭރިފަށުން ކޭޕްމޯރިންގެ އައްސޭރިފަށާ ދެމެދުގައިވާ ސްޓޭޓްތަކެވެ.
 
ތާރީޚީ ލިޔެކިޔުންތަކުން އެނގޭގޮތުގައި އިންޑިޔާގެ މަލާބާރުކަރައަކީ މެސޮޕޮޓޭމިޔާ އާއި މިޞްރާއި ގްރީސާއި ރޯމަނުންނާއި ޖޭރުއްސަލާމާއި ޢަރަބިން މީލާދުގެ 3000 އަހަރުކުރީއްސުރެ، ވިޔަފާރީގެ މައި ދޮރާއްޓެއްކަމަށް ބަލަމުން އައި ސަރަޙައްދެކެވެ. މިހާރު މިސަރަޙައްދަކީ ދުވަސްވެ ހަލާކުވެފައިވާ ބައު ސަރަޙައްދަކަށް ވީނަމަވެސް މިސަރަޙައްދުގައިވާ ކަލްކަތާ(ކޯޒީކޯޑް)އާއި ކަންނުރް(ކަންނަންނޫރް)އާއި އޮޑްވޭޓެރާ(ޑާނިޝް އިންޑިޔާގެ ދެބައި) އެކުލެވޭ ބަދަރަކީ އިންޑިޔާކަނޑުގައި ކުރެވޭ ވިޔަފާރިތަކުގައި އެތައް ޤަރުނެއްވަންދެން އެންމެ މުހިންމު ސަރަޙަދުގެ ގޮތުގައި އޮތް ސަރަޙައްދުތަކެކެވެ. އެހެންވުމުގެ އެއް ސަބަބަކީ އޭރު ދުނިޔޭގެ ވިޔަފާރި ހިނގަމުން އައިގޮތެވެ. އޭރު ކަނޑުމަގުން ކުރި ވިޔަފާރިދަތުރުތަކަށް ބަލާއިރު މަލާބާރުކަރަ އޮތީ ވިޔަފާރީގެ އެންމެ ބާރުބޮޑު ސަރަޙައްދުގައެވެ. އެއީ ދުނިޔޭގެ އިރުން ހުޅަނގަށް ވިޔަފާރިކުރާ މަގެވެ. ނަތީޖާއަކަށްވީ ވިޔާފާރި ދަތުރުތަކުގައި އުޅުނު ކުރިސްޓިއަނުންނާއި ޔަހޫދީންނާއި މުސްލިމުން މިސަރަޙައްދުގައި (މަލާބާރުކަރައިގައި) ވަޒަންވެރިވެ މަލާބާރުކަރައަކީ ވިޔަފާރީގެ މަރުކަޒަކަށްވުމެވެ.
 
މީލާދީން 12 ވަނަ ޤަރުނު ފެށިގެން އައިއިރު ކަންނައްނޫރަކީ ކޮލަތުންޑު ވިޔާފާރީގެ މައި ބަދަރެވެ. މިދުވަސްވަރު ކޮލަތަންޑުގެ ރަސްކަމުގައި ހުންނެވީ ކޮލަތިރީސް ނަމަކަށްކިޔުނު ބޭކަލެކެވެ. ކޮންމެއަކަސް މީލާދީން 12 ވަނަ ޤަރުނާއި 13 ވަނަޤަރުނުގައި ކަންނަންނޫރު ވެފައިވަނީ ޢަރަބިކަނޑާއި އިންޑިޔާކަނޑުގައި ކުރެވެމުންދިޔަ ވިޔާފާރީގެ މައިމަރުކަޒަށެވެ. އޭރު ވިޔަފާރިކަމު އަންނަ ޕާޝީއަނުންނާއި ޢަރަބީންނައިގެން ކަންނަންނޫރުވަނީ ތޮއްޖެހިފައިކަމަށް ބުނެވެއެވެ. އިންޑިޔާ ކަނޑުގައި ހިނގަމުންއައި ވިޔަފާރީގެ ދަހިވެތިކަމުގައި އައި ޕޯޗުގީޒުން މަލާބާރު ކަރަޔަށް ވެރިވުމަށްފަހު ޢަރަބި ވިޔަފާރީގެ މަގުތައް ދެނެގަނެ އެމަގުތައް ކޮންޓްރޯލް ކުރުމަށް މީލާދީން 1505ގައި ޤާއިމްކުރި އެސް.ޓީ އެންގްލޮފޯޓް ބިނާކުރީ ކަންނަންނޫރުގައެވެ. މިއީ ޕޯޗުގީޒުން އިންޑިޔާގައި ތިބިއިރު ޕޯޗުގީޒުގެ ފުރަތަމަ ވައިސްރޯއީ ފްރެންސިސްކޯ ޑި އަލްމެއިޑާ ބިނާކުރި ތަނެކެވެ. މިތަން ޢިމާރާތް ކުރެވިފައިވަނީ ޢަރަބިކަނޑަށް އަމާޒުކޮށް ކަންނަންނޫރުގެ 3ކިލޯމީޓަރުގެ އެތެރޭގައި މުޅިސަރަޙައްދު ފެންނަހެންނެވެ.

 މީލާދީން 1507 ގައި މިފޯޓް އޭރު ކަންނަންނޫރުގެ މައްޗަށް ވެރިކަން ހިންގި ސީޖް އޮފް ކަންނަންނޫރުގެ ބާރުދަށަށް ދިޔައެވެ. މިގޮތަށް ފޯޓުގެ ވެރިން ބަދަލުވަމުން ދިއުމަށްފަހު މީލާދީން 1663ގައި ޑަޗުން ކަންނަންނޫރު ހިފުމަށްފަހު މިތަން އަލުން މަރާމާތުކުރިއެވެ. މީލާދީން 1663ގައި ޑަޗުން މިތަން (ފޯރޓް) ވިއްކާލީ އަރައްކަލް ޚާންދާނަށެވެ. އަރައްކަލް ޚާންދާނަކީ ކެރެލާގައި ވެރިކަންކުރި ހަމައެކަނި މުސްލިމު ރަސްދަރިކޮޅެވެ. އަރައްކަލް ރަސްކަން އުފެދުމުގެ ކުރީގައި ކަންނަންނޫރަކީ ހިންދޫ ރަސްގެފާނު ކޮލަތިރީސްގެ ބަރުގެ ދަށުގައިވާ ސަރަޙައްދެކެވެ. މީލާދީން 1790ގައި އަރައްކަލް ވެރިކަމުގެ މައްޗަށް އިނގިރޭސީން ވެރިވެގަތުމަށްފަހު ފޯރޓް ބޭނުންކުރީ މަލާބާރު އައްސޭރިފަށް ބަލަހައްޓާ އެމީހުންގެ މިލިޓަރީ ބޭހެއްގެ ގޮތުގައެވެ. އަދި އިނގިރޭސީންގެ ވެރިކަމުގައި ކަންނަންނޫރު ހަމަޖައްސާފައިވަނީ މެޑްރާސްގެ ޕްރޮވިންސެއްގެ ގޮތުގައެވެ. އެއީ މުޅި އުތުރު މަލާބާރުކަރަ ހިމެނޭގޮތުންނެވެ.

އަލީ ރާޖާ އާއި އޭނާގެ ވެރިކަން
އަލީރާޖާ މިނަމަކީ އިންޑިޔާގެ ކަންނޫރް(ކަންނަންނޫރު)ގެ މުސްލިމް ރަސްގެފާނަށް 17 ވަނަ ޤަރުނުގެ ތެރޭގައި ކިޔައި އުޅުނު ނަމެކެވެ. އޭގެކުރީގައި މިރަސްކަންކުރި ޚާންދާނަށް އަރައްކަލް އާއިލާއޭ ކިޔައެވެ. ރަސްކަން ހިންގުނު ގަނޑުވަރު "އަރައްކަލް ޕެލަސް"އަކީ ކުރިންވެސް ދެންނެވި ފަދައިން މީލާދީން 1663ވަނަ އަހަރު ޑަޗުމީހުން އިންޑިޔާގައި ތިބިއިރު އެމީހުންއަތުން އަލީރާޖާ ގަތް ތަނެކެވެ. "އަލީ ރާޖާ" މިލަޤަބަކީ 16 ވަނަގަރުނުގައި ކެރެލާގައި ވެރިކަން ކުރެއްވި ރަސްކަލަކު، ކަންނަންނޫރުގައި ދިރިއުޅޭ މުސްލިމުންގެ ވެރިޔަކަށް ހުންނަވާ ބޭފުޅުންނަށް ދެއްވި ނަމެއްކަމަށް ބެލެވެއެވެ. މިލަޤަބު އުފެދުނީ 1545މ. ހިސާބުގައެވެ. ފަހުން ކަންނަންނޫރުގައި މުސްލިމުންގެ ވެރިކަމެއް ޤާއިމުގެން އައިއިރު ރަސްގެފާނުގެ ލަޤަބަކަށް ނުވަތަ ރަސްކަމަށް ކިޔޭނަމެއްގެ ގޮތުގައި މިނަން ބޭނުންކުރެވުނެވެ.
 
ބުނެވޭގޮތުގައި އަރައްކަލް އާއިލާ (އަލީރާޖާ)ގެ އަސްލުފެށެނީ ނައިރު ދަރިކޮޅަކުންނެވެ. ނައިރުންނަކީ އިންޑިޔާގައި އޮންނަ ހިންދުއިޒަމަށް ނިސްބަތްވާ ކާސްޓް ސިސްޓަމްގެ ބައެކެވެ. މިމިހުންނަކީ ފަނަރަވަނަ ޤަރުގެ ތެރޭގައި ޕޯޗުގީޒުންގެ ކިބައިން އިންޑިޔާ މިނިވަންކުރުމަށް މަސައްކަތްކުރި ބައެކެވެ. ހަމައެހެންމެ މިބައިމީހުންނަކީ އިންޑިޔާގެ މާތް ދަރިކޮޅެއްކަމަށް ވެއެވެ. ބުނެވޭގޮތުގައި މީލާދީން 16 ވަނަ ޤަރުނުގެ ތެރޭގައި ކެރެލާގައި ވެރިކަން ކުރަމުންއައި ކޮލަތިރީސް ރަސްކަމުގެ ފަރާތުން މަލާބާރަށް ކަނޑައަޅާފައިވާ ޖެނެރަލަކީ ނައިރުދަރިކޮޅު މީހެކެވެ. ނަމަވެސް ފަހުން މީނާ އިސްލާމްވިއެވެ. މިއިސްލާމްވިއިރު އޭނާ ކައިވެނިކުރައްވައިގެން ހުންނެވީ ކޮލަތިރި ރަސްގެފާނުގެ ދަރިކަނބަލަކާ ކަމަށްވެއެވެ. މި ދެމަފިރިންނަށާއި ދެފަރިންގެ ދަރީންނަށް ފަހުން ކިޔުނީ އަރައްކަލް ކަމަށް ބުނެވެއެވެ. އެދުވަސްވަރު ވަރަށް ގިނަ މުސްލިމު ޢާއިލާތައްވަނީ އެމީހުންގެ ވިޔަފާރީގެ ސަބަބުން މަލާބާރުކަރައިގައި ވަރަށް ނުފޫޒުގަދަ ބަޔަކަށްވެފައެވެ. މިހެންވެފައިވަނިކޮށް މިލާދުން 17 ވަނަޤަރުނުގެ ތެރޭގައި އަރައްކަލު އާއިލާގެ ވިޔަފާރިވެރިންނަށް ލަކްޝަދީބުގެ ކޮންޓްރޯލް ލިބުނެވެ. އެހާހިސާބުން އަރައްކަލުންނަކީ ޝާހީ ޚާންދާނެއްގެގޮތުގައި ބެލެވެންފެށިއެވެ.

އަރައްކަލުނަށް މައިސޫރުގެ ރަސްގެފާނު ހައިދަރުއަލީގެ ބާރުގަދަކަމާއި މައިސޫރުގެ ކައިރީގައިވާ ރަށްތަށް އެރަސްގެފާނުގެ ބާރުގެދަށަށް ގެނެވުނު ޚަބަރުލިބުމުން ހައިދަރުއަލީގެ ކިބައިން މަދަދަށް އެދުނެވެ. އެއީ މީލާދީން 1761އަދި 1762ގައި ކޮލަތިރިސް ރަސްގެފާނާދެކޮޅަށް ކުރެވުނު ހަނގުރާމަތަކުގައި އަރައްކަލުން ބަލިވުމުންނެވެ. ހައިދަރުއަލީގެ ކިބައިން އެހީއަށް އެދުނު ކަމަށްވަނީ މީލާދީން 1763ގައި އަރައްކަލްގެ ވެރިޔާ އަލީރާޖާއެވެ. އެހެންކަމުން ހައިދަރުއަލީ މީލާދީން 1766ގައި ވަރުގަދަލަޝްކަރަކާގެން އައިސް މަލާބާރަށް އަރާ ކޮލަތިރީސްބަލިކޮށް ހައިދަރުގެ ބާރުދަށަށް މަލާބާރުގެ ބޮޑުސަރަޙައްދެއް ގެނެސް ޖިޒީދޭން މަޖުބޫރުކުރިއެވެ. އަދި އެއަށްފަހު މަލާބާރުކަރައިގެ އުތުރަށް ހަމަލާދިނެވެ. މިހަމަލާގައި އެސަރަޙައްދުގައި އުޅުނު މަޕިއްލާއިން (އަލީރާޖާގެ ވެރިކަމުގެ ދަށުގައިވީ މުސްލިމުން) ހައިދަރުއަލީއާ އެއްބައިވެ އެމީހުންގެ ރަސްގެފާނަށް ދޯކާދިންކަމަށްވެއެވެ. ހަމަލާއަށްފަހު މަލާބާރުކަރައިގެ ވެރިއަކަށް ހައިދަރުއަލީ ހަމަޖެއްސެވީ ކުރިންވެސް އެސަރަހައްދުގެ މުސްލިމު ވިޔަފާރިވެރިންގެ ވެރިއަކަށްހުރި އަލީރާޖާއެވެ.  

އަރައްކަލް އާއިލާ އުފެދުނުގޮތާ ބެހޭގޮތުން ތޯތޯކޮށް ދެއްކެވޭ އެހެން ވާހަކައެއް ވެސް ވެއެވެ. އެއީ ކެރެލާގެ ރަސްކަލެއްކަމަށްވާ ޗިރައްކަލް ރާޖާގެ އަންހެން ދަރިފުޅު ޕޮންޑެއްގެ ތެރޭގައި ފެންވަރަށް އުޅެނިކޮށް ކައްސާލައިގެން ވެއްޓެން އަރިއަޅާލިވަގުތު އެކަމަނާގެ އަރިހުގައި ތިބި މީހުން ހަޅެއްލަވައި ރޯންފެށިއަޑަށް، މިޕޮންޑް ކައިރިންދިޔަ މުޙަންމަދު ނަމަކަށްކިޔުނު މުސްލިމަކު އައިސް ރަސްގެފާނުގެ ދަރިފުޅު ސަލާމަތްކުރިއެވެ. އަދި އެވަޤުތު މުޙަންމަދު ލައިގެންހުރި މުންޑުން އަންހެންކުއްޖަގެ ހަށިގަނޑު ނިވާކުރިއެވެ. ޗިރައްކަލްގެ ރަސްކަމުގެ ޒަމާނުގައި އިންޑިޔަގައި ކާސްޓް ސިސްޓަމް ވަރަށް ބޮޑަށް އޮތެވެ. އެހެންކަމުން މަތީ ދަރަޖައިގެ މީހެއްގެ ގައިގައި ދަށު ދަރަޖައިގެ މީހެއް އަތްލައިފިނަ އެމީހެއްގެ ޙުކުމަކީ މަރުކަމަށް ކަނޑައެޅިފައިވެއެވެ. މިކަން ހިނގި ޚަބަރު ޗިރައްކަލް ރާޖާއަށް ލިބުމުން މުޙަންމަދަށާއި ރާޖާގެ ދަރިކަބަލުން ދަރުބާރަށް ހާޒިރުކުރެވުނެވެ. އޭރު ކެރެލާގެ ޘަޤާފަތުގައި ފިރިހެނަކު، ލިބާހެއް (ހަށިގަނޑު ނިވާކުރުމަށް ބޭނުންކުރާ ޒާތުގެ ދިގުފޮތިގަނޑެއް) މީހަކާ ނީންނަ އަންހެނަކަށް ދީފިނަމަ އެހާހިސާބުން އެދެމީހުން އެތިބީ ކައިވެނިވެފައިކަމަށް ބަލައެވެ. ކޮންމެއަކަސް މުޙަންމަދާއި ރާޖާގެ ދަރިކަބަލުން ދަރުބާރަށް ޚާޒިރުކުރެވުމަށްފަހު ރަސްކަމުގެ ބޮޑުން ރަސްގެފާނަށް އެރުވި ލަފައަކީ ދަރިކަނބަލުންގެ ގައިގައި ދަށުދަރަޖައިގެ މުސްލިމު މުހަންމަދު އަތްލާފައިވާތީ އޭގެފަހުން ދަރިކަނބަލުން ގަނޑުވަރަށް ވެއްދުން ރަގަޅު ނުވާނެކަމަށެވެ. ކޮންމެއަކަސް މުހަންމަދު އޭނާގެ މުންޑު ރާޖާގެ ދަރިކަނބަލުންނަށް ދިންހިސާބުން އެދެމީހުން ވަނީ ކައިވެނިކުރެވިފައިކަމަށްވާތީ ރަސްގެފާނަށް ދަރިފުޅު ހިފެހެއްޓުމަށް ކުރެވޭނެ އެއްވެސް ކަމެއްވެސް ނެތެވެ. ނަމަވެސް ފަޤީރު ނިކަމެތި ބައެއްގެ ތެރެއަށް ދަރިފުޅުދާކަށް ރާޖާއަކަށް ކެތެއް ނުކުރެވުނެވެ. އެހެންވެ ރާޖާ ހެއްދެވިގޮތަކީ މުޙަންމަދަކީ ރަސްކަމުގެ ވަކިސަރަޙައްދަކަށް ކަނޑައަޅާފައިވާ ވެރިޔާކަމަށް ހަމަޖެއްސީއެވެ. މިގޮތުން ރަސްކަމުން މުޙަންމަދާ ހަވާލުކުރި ހިސާބަކީ ކަންނަންނޫރުގެ ފޯޓް ބިނާކުރެވުނު ސަރަޙައްދެވެ.

މުޙަންމަދާއި އޭނާގެ އަންހެނުން ކަންނަންނޫރަށް އައިސް ވަޒަންވެރިވީ ދުވަހުންފެށިގެން މިދެމަފިރިންނަށް އަރައްކަލްއޭ ކިޔަންފެށުނެވެ. އަރައްކަލް ގަނޑުވަރުހުރީ ކެރެލާގެ ރަސްކަމާ ތިން ކިލޯމީޓަރ ދުރުހިސާބުގައެވެ. މިހާރު މިހިސާބަށް ކިޔެނީ ކަންނަންނުރް ސިޓީއެވެ. އަރައްކަލް ޚާންދާނަކީ ކެރެލާގެ ޚާންދާންތަކުގެ ތެރެއިން މަލާބާރުކަރައާއި ލަކްޝަދީބްގެ ކޮންޓްރޯލްލިބުނު ހަމައެކަނި މުސްލިމު ޚާންދާނެވެ.

އަރައްކަލް ޚާންދާނުގެ ރަސްކަމުގައި ރަސްކަލުން ރަސްކަމަށް އިސްކުރުމުގައި ގެންގުޅުނު އުޞޫލަކީ އެވަގުތަކު ޚާންދާނުގެ އެންމެ ދޮށްޓަށް ހުންނަމީހަކު އެއީ ފިރިހެނެއް އަދި އަންހެނެއް ކަމަށްވިޔަސް ތަޚުތަށް އިސްކުރުމުގެ އުޞޫލެކެވެ. އެގޮތުން ރަސްކަލަކީ ފިރިހެނެއްނަމަ ކިޔަނީ އަލީ ރާޖާއެވެ. އަދި ރާނީއެއްނަމަ ކިޔަނީ އަރައްކަލް ބީވިސްއެވެ.

ކެރެލަގެ މުސްލިމުން ޤަބޫލުކުރާގޮތުގައި އެމީހުންނަކީ ޢަރަބި ކަރައިގައި އިސްލާމްދީން ފެތުރެން ފެށިދުވަސްވަރު ނުވަތަ މީލާދީން ހަތްވަނަ ޤަރުނުއްސުރެ މުސްލިމުންނެވެ. ކެރެލާގެ މުސްލިމުންނާއި ލެކަޑިވެސްގެ މުސްލިމުންނަކީ އެއްބައެއްކަމަށްވެސް ބެލެވެއެވެ. ކޮންމެއަކަސް ކެރެލާގައި އުފެދުނު ހަމައެކަނި މުސްލިމު ރަސްކަމަކީ (މުސްލިމު ޝާހީ ޚާންދާނަކީ) ކަންނޫރުގެ އަރައްކަލް ރަސްކަމެވެ. ނަމަވެސް މިރަސްކަން އުފެދުނު ދުވަސްވަރަކާއިމެދުގައި ޚިޔާލުތަފާތުވުންތައް ވެއެވެ. ބޮޑަށް ބެލެވެނީ އަރައްކަލް ރަސްކަން ހިނގައިގަތީ 16 ވަނަ ޤަރުނާއި 17 ވަނަ ޤަރުނުގައިކަމަށެވެ. 

އަރައްކަލް ޚާންދާނުގެ ރަސްކަލުން:
ޢަލީ ރާޖާ ޢަލީ (1591- 1545
ޢަލީ ރާޖާ އަބޫބަކުރު  1  (1607-1591)
ޢަލީ ރާޖާ އަބޫބަކުރު 2  (1610-1607)
ޢަލީ ރާޖާ މުޙައްމަދު ޢަލީ 1  (1647-1610)
ޢަލީ ރާޖާ މުޙައްމަދު ޢަލީ 2  (1655-1647)
ޢަލީ ރާޖާ ކަމާލް  (1656-1655)
ޢަލީ ރާޖާ މުޙައްމަދު ޢަލީ 3  (1691-1656)
ޢަލީ ރާޖާ ޢަލީ 2  (1604-1691)
ޢަލީ ރާޖާ ކުންހީ އަމްސާ 1 (1720-1704)
ޢަލީ ރާޖާ މުޙައްމަދު ޢަލީ 4 (1728-1720)
ޢަލީ ރާޖާ ބިބީ ހައްރަބިޗީ ކަޑަވުބޭ (1732-1728)
ޢަލީ ރާޖާ ބިބީ ޖުނުމަބޭ 1 (1745-1732)
ޢަލީރާޖާ ކުމްހީ އަމްސާ 2 (1777-1745)
ޢަލީ ރާޖާ ބިބީ ޖުނުމަބޭ 2 (1819-1777)
ޢަލީރާޖާ ބިބީ މަރިއަމްބޭ (1838-1819)
ޢަލީރާޖާ ބިބީ ހަޔަޝަބޭ (1852-1838)
ޢަލީ ރާޖާ ޢަބްދުއްރަޙުމާން (1870-1852)
ޢަލީ ރާޖާ މޫސާ ޢަލީ (1899-1870)
ޢަލީ ރާޖާ މުޙައްމަދު ޢަލީ 5 (1907- 1899)
ޢަލީ ރާޖާ ބިބީ އިމްބިޗީ (1911- 1907)
ޢަލި ރާޖާ އަޙުމަދު ޢަލީ (1921-1911)
ޢަލީރާޖާ ބިބީ ޢައިޝާ (1931-1921)
ޢަލީ ރާޖާ ޢަބްދުއްރަޙުމާން 2  1946-1931)
ޢަލީ ރާޖާ ބިބީ އަރައްކަލް މަރިއުއްމާ (1947-1946)
ޢަލި ރާޖާ ސުލްޠާން ޙަމްޒާ ޠަބްރާއިޒް  (2001-1947)

މީލާދީން 1909ގައި އަރައްކަލް ރަސްގެފާނުގެ އަތުން ކަންނަންނޫރުގެ ބޮޑު ބައެއްގެ ކޮންޓްރޯލް ގެއްލުނެވެ. އަދި މީލާދީން 1911 ޗެންކޯލް އާއި އުޑަވަލް، ޕޯޗުގީޒުންގެ ބާރުދަށަށް ދިޔައެވެ. އެއަށްފަހު ޑަޗުންގެ ބާރުގެ ދަށަށް ދިޔައެވެ. އަދި އޭގެފަހުން އިނގިރޭސިންގެ ބާރުދަށަށް އަރައްކަލްގެ ރަސްކަމުގެ ދަށުގައިވާ ސަރަޙައްދުތައް ދިޔައެވެ. އަރައްކަލް ރަސްކަލުންގެ ތެރެއިން އެންމެ ފަހުގެ އެއް ރަސްކަލަކީ އަބްދުއްރަހުމާން އަލީ ރާޖާއެވެ. މި ރަސްގެފާނު އޭނާގެ ރައްޔިތުން އަޅުވެތިކަމުން މިންޖުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވިކަމަށްވެއެވެ.

ތާރީޚުގެ ތެރެއިން މަލާބާރުގެ މުސްލިމުންނާއި އެމީހުންގެ ވިޔަފާރި
ޔޫރަޕިއަނުން އޭޝިޔާ ސަރަޙައްދަށް އައުމުގެ ކުރިން އޭޝިޔާގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ވިޔަފާރި ހިނގަމުން އައި މަގުތަކާއި ގޮތްތައްބެލުމަށްޓަކައި ގެނެވީވެ ބޮއުޗޮން (1975މ.) ޕޯޗުގީޒުން އިންޑިޔާކަނޑުގައި ހޭދަކުރި ދުވަސްވަރު އެއްކޮށްފައިވާ މާޢުލޫމާތުތައް ދިރާސާކުރެއްވިކަމަށް އޭނާ ލިޔުއްވާފައިވެއެވެ. އެޔަށްފަހު އޭނާ ދިރާސާކުރީ ޕޯޗުގީޒުގެ ލިޔުންތަކުގައިވާ "ކަންނަންނޫރުގެ މާމަލޭ" ނުވަތަ ޕޯޗުގީޒުންގެ ސަބަބުން އޭރު މަލާބާރުކަރައިގައި ދިރިއުޅުނު މުސްލިމުންނަށް ކުރިއަސަރުތައްކެވެ. އެކަމަށްޓަކައި މާރެ ލުސޯ އިނޑިކަން ލިޔުއްވާފައިވާއިވާ "މެދު ޒަމާނުގައި ލަންކާއާއި ދެކުނު އޭޝިޔާގެ ޖަޒީރާތަކުގައި ވިޔަފާރި ހިނގަމުން އައިގޮތާއި ކެރެލާގެ މުސްލިމުން 16 ވަނަޤަރުގައި ކުރަމުންދިޔަ ވިޔަފާރި"އަށް ބަލާލެވިފައިވެއެވެ.

އިބުނު ބަތޫތާއާއި ޗައިނާގެ ލިޔުންތެރިޔާ ޒެންގްގެ ލިޔުންތަކުންނާއި ޕޯޗުގީޒުގެ ލިޔެކިޔުންތަކުން ޘާބިތުވާގޮތުގައި އޭރު އިންޑިޔާކަނޑުގައި ހިނގަމުންދިޔަ ވިޔަފާރީގެ މުޢާމަލާތުތަކުގައި މަލާބާރުކަރައިގެ މުސްލިމުންގެ ވަރަށްބޮޑު ދައުރެއްވިއެވެ. އެގޮތުން މަލާބާރުކަރައިގެ ކަންނަންނޫރާއި ކަލިކަޓާއި ކޮޗިން އަދި ކޮއްލަމްގެ ވިޔަފާރިވެރިން އިނގުރާއި އަސޭމިރުސް ފަދަތަކެތި ފުޅާދާއިރާއެއްގައި އެކްސްޕޯޓް ކުރަމުންދިޔައެވެ. ޚާއްޞަކޮށް މިތަކެތި ވިއްކަމުންގެންދިޔައީ ޢަރަބިކަރައަށެވެ. އެކްސްޕޯޓުކުރާ ތަކެތީގެ ބަދަލުގައި އިމްޕޯޓްކުރަމުން އައި އެންމެ މުހިންމު އެކަށްޗަކީ އެދުވަސްވަރު ކެރެލާގެ ރަސްގެފާނު ވިޖެޔާނަގަރު ލަޝްކަރަށް ބޭނުންވާ އަހާއި އެހެނިހެން އާލާތްތަކެވެ. މިތަކެތި އެތެރެކޮށް ބޭރުކުރަނީ ކެރެލާގެ ރަސްގެފާނު ވިޖޭޔާނަގަރުގެ ނަންފުޅުމަތީގަ، އޭރު މަލާބާރުގެ މުސްލިމު ވިޔަފާރިވެރިންނެވެ. އެހެންކަމުން މިރަސްގެފާނަކީ އެދުވަސްވަރު ކަނޑުމަގުން ހިނގަމުންދިޔަ އެންމެ ބޮޑު ވިޔަފާރި "ސްޕައިސްރޫޓް" ކޮންޓްރޯލްކޮށް ދުރުއިރުމަތީގެ މަލައްކާ އާއި އަދަނާއި ހޮރްމޫޒްއަށް ވިޔަފާރި ކުރަމުންދިޔަ ރަސްކަގެފާނުކަމަށް ބެލެވެއެވެ.

އެނިގިފައިވާ އެނގުންތަކަށް ބަލާއިރު އޭރު ސްޕައިސްރޫޓުގެ ގޮތުގައި ބެލެވެމުންއައި ކަނޑުމަގަކީ މީލާދުގެ 9ވަނަ ޤަރުނުއްސުރެ ބޭނުންކުރެވެމުންދިޔަ މަގެކެވެ. ބެލެވޭގޮތުގައި މީލާދީން 14 އަދި 15 ވަނަޤަރުނުގެ ތެރޭގައި މިމަގުން އިންޑިޔާއަށް މުސްލިމުންނާއި މުސްލިމު ވިޔަފާރިވެރިން އެތެރެވެ ރަށްވެހިވަމުން ދިޔައެވެ. ނަތީޖާއެއްގެގޮތުން ވަރުގަދަ މުސްލިމު ވިޔަފާރިވެރިންތަކެއް އިންޑިޔާގައި އުފެދުމުން އައެވެ. ހަމަމިދުވަސްވަރު ޗައިނާގެ ވިޔަފާރިންވެސް ވިޔަފާރި ނައުފަހަރުގައި މަލާބާރުގެ ކަލްކަޓު ބަނދަރަށް އައިސްގޮސްވި އެވެ. މިނޫން އެހެން ސަރަޙައްދުތަކުގެ ވިޔަފާރި ނައުފަހަރުވެސް މަލާބާރުކަރަޔަށް ވިޔަފާރިކަމު އަންނަމުންދިޔައެވެ. މިހެންވުމުން މަލާބާރުކަރަޔަކީ ޚާއްޞަކޮށް މުސްލިމުން ދިރިއުޅުނު ކަންނަންނޫރަކީ އެޒަމާނުގެ ވިޔަފާރީގެ މައި މަރުކަޒެއްކަމުގައި ވެގެންދިޔައެވެ. އަދި އިންޑިޔާގައިވެސް ވަރުގަދަ ވިޔަފާރިވެރިން އިތުރަށް އުފެދެމުންދިޔައެވެ. އެގޮތުން މިދުވަސްވަރު މަލާބާރުގައި އުފެދުނު އެންމެ މަޝްހޫރު ވިޔަފާރިވެރި އެއްބަހަކީ މަޕިއްލާދަރިކޮޅުގެ މުސްލިމުންނެވެ. މިމީހުން އުފެދުނީ ކަންނަންނޫރު ތެރެއިންނެވެ. އެކަމަކު ފަހުން މިމީހުންގެ ބާރާއި ނުފޫޒު މަލާބާރުކަރައިގެ އެކިހިސާބުތަކަށައި، ސިލޯނާއި މަލާބާރުކަރަ ކައިރީގައިވާ ޖަޒީރާތަކަށްވެސް ފޯރިއެވެ. އޭގެތެރޭގައި ދިވެހިރާއްޖެވެސް ހިމެނުނެވެ.

ކެރެލާގެ ރަސްގެފާނު ސަމުތިރީސްގެ ރަސްކަމުގައި މަލާބާރުގެ ދިފާޢީ ކަންކަން ބަލަހައްޓާ ބަޔަކީ ކަންނަންނޫރުގެ މުސްލިމުން ނުވަތަ މަޕިއްލާއިންކަމަށްވިއެވެ. މީގެ އިތުރުން ސަމުތިރީސް ރަސްގެފާނުގެ ފަރާތްޕުޅުން ޢަރަބި ކަރަޔަށައި ޗައިނާއަށް ކަނޑައަޅާފާއިވާ އެމްބެސަޑަރެއްގެ ރޯލުވެސް އަދާކުރަނީ މަލާބާރުގެ މުސްލިމުންނެވެ. އޭގެ އިތުރުން ގުޖުރާތުގެ ރަސްގެފާނާއި ބީޖަޕޫރު ރަސްގެފާނާދެމެދުގައި އެއްބަސްވުންތައް އެކަށައަޅައި ހަދަނީ މިމީހުންނެވެ. އޭގެ ކުރިއްވެސް ޕެރުމަތުރާ، ތައްކަލަ، ތެންގަޕަޓާނަން، ޕޫވާރް އަދި ތިރުވަންކޮއްޓު ނުވަތަ ދެކުނު ޓަރަވަންކޯގެ މުސްލިމުން ވިޔަފާރީގެ ބޭނުމަށްޓަކައިވަނީ ކެރެލާގެ އެކި އަވަށްތަކަށް ހިޖުރަކޮށްފައިވެއެވެ. އެހެންކަމުން 17 ވަނަޤަރުނުގައި ކެރެލާގެ އެކިހިސާބަށް ވިޔަފާރީގެ ގުޅުންތައް ފުޅާވެގެންދިޔައެވެ. އަދި ކަޔަމްކުލަމާއި އެލެޕީގެ ހުޅަނގަށް ވިޔަފާރި ފުޅާވިއެވެ. ހަމަމިދުވަސްވަރު ސަމުތިރީސްގެ ވެރިކަމުގެ ދުވަސްވަރު (މީލާދީން 12 ވަނަޤަރުނުން 18 ވަނަ ޤަރުނަށް) ކުންޖަލި މަރައްކާރަށް ކަލްކަތާގެ ކޮމާންޑަރުކަން ހަވާލުކުރެވުނެވެ. އޭރު މުސްލިމުންގެ ނުފޫޒުވަނީ ކަލްކާތާއާ ހަމަޔަށްފޯރާފައެވެ. މިއީ ޕޯޗުގީޒުންނާ ދެކޮޅަށް އިންޑިޔާގެ މަލާބާރުގެ ސަރަޙައްދު ހިމާޔަށްކުރުމުގައި ކެރިހުރި ފަހުލަވާނެކެވެ.  
 
މަޕިއްލާއިން ކައިވެނީގެ ގޮތުންގުޅެމުންއައީ ކާސްޓް ސިސްޓަމުގައި ހިމެނޭ އެންމެ މަތީ ދަރަޖައިގެ އަންހެނުންނާ ކަމަށްވުމާއި، މަޕިއްލާ ދަރިކޮޅު ދިރިއުޅުނީ ހިންދޫން ދިރިއުޅޭ ސަރަޙައްދުގައިކަމަށް ވާތީ އެމީހުންނަށް އިންޑިޔާގެ ދިރިއުޅުން ވަރަށް ރަގަޅަށް އެނގެއެވެ. އަނެއްކޮޅުން މަޕިއްލާއިނަށް ރަސްގެފާނުގެ އެހީތެރިކަން ލިބެމިންދިޔުމުންނާއި، ބައެއްފަހަރަށް ރަސްގެފާނުގެ މުޝީރެއްގެގޮތުގައި، އަދި އަނެބައިފަހަރަށް ރަސްކަމަށް ޚިދުމަތްކުރާ ހަނގުރާމަވެރިންގެ ގޮތުގައި މިދަރިކޮޅުގެ މީހުންވިއެވެ. ހަމަމިއާއެކު މިމީހުންނަކީ މަލާބާރުކަރަޔާއި ދެކުނު އޭޝިޔާ ސަރަޙައްދުގައި ހިނގަމުންދިޔަ ވިޔަފާރީގެ އެންމެ ބޮޑު ބާރަށްވި އެވެ. އިންޑިޔާގެ ކާސްޓް ސިސްޓަމުގައި މަތީ ދަރަޖައިގެ މީހުންނަށްނޫނީ މިހިސާބަށް ވާޞިލްވުމުގެ ހުއްދައެއް ނޯވެއެވެ. ނަމަވެސް ވެރިކަމުގެ ފަރާތުން މިމީހުންނަށް ޚާއްޞަ އިމްތިޔާޒްތަކެއް ލިބިފައި ވުމުން މިމީހުން މިހިސާބަށްފޯރައި، އެމީހުންގެ ތެރޭގައި ޒާތެއްގެ އަމިއްލަ ވެރިކަމެއް (އިސްލާމީ ވެރިކަންހިނގާ ސްޓޭޓެއް) އުފެދިފައިވިއެވެ.

މަޕިއްލާއިން އިންޑިޔާއިން ހަނޑު ގަތުމަށްފަހު އެހަނޑޫ ލަންކާއަށްގެންގޮސް ސިންގަޅައިންނާއި ތަމަޅައިންނަށްވިއްކައެވެ. މިހަނޑުލުގެ ބަދަލުގައި ސިލޯނުން މަޕިއްލާއިން ގަންނަނީ ފޮނިތޮށްޓާއި ހަވާދުގެ ބާވަތްތަކެވެ. އަދި އެފޮނިތޮށި ޢަރަބިކަރަޔަށް ވިއްކައި (ކުރިންވެސް ދެންނެވިފަދައިން) ޢަރަބިކަރައިން ޚާއްޞަކޮށް ހޮރުމޫޒުން އަހާއި އެހެނިހެން އާލާތްތައް ވިޖަޔަނާގާގެ ހަނގުރާމަމަތީ ފައުޖުތަކަށް ފޯރުކޮށްދެއެވެ. ޕޯޗުގީޒުން މަލާބާރަށް އައިއިރު މިވިޔަފާރިވަނީ ވަރަށް ފައިދާބޮޑު އަދި ފުޅާދާއިރާއެއްގައި ހިނގަމުންއަންނަ އަދި ވިޔާފާރީގެ ކޮންޓްރޯލް މަޕިއްލާއިންގެ އަތްދަށުގައިވާ ވިޔަފާރިއަކަށްވެފައެވެ. ޕޯޗުގީޒުންނަށް މިވިޔާފާރިގެ މަންފާ ވިސްނުމުން ވިޔަފާރިއަށް އަތްގަދަކުރަން ބޭނުންވިއެވެ.  

ޕޯޗުގީޒުން މިވިޔަފާރީގެ ބޭނުމުގައި އެތައްފަހަރަކު މަޕިއްލާއިންނާއި އަދި މިސްރުގައި ތިބި ވިޔަފާރީގެ އެޖެންޓުންނާވެސް ވާހަކަދެއްކިއެވެ. ނަމަވެސް ޕޯޗުގީޒުންގެ ޝަރުތުތައް ހަރުކަށިވުމުން އެއްބަސްވުމަކަށް ނާދެވިއުޅެނިކޮށް ޕޯޗުގީޒުން އޮމާންއަށް އެރިއެވެ. ނަމަވެސް ޕޯޗުގީޒުންނަށް ފުރިހަމަ މާނައިގައި ވިޔަފާރީގެ ކޮންޓްރޯލެއް ނުލިބުނެވެ. އެކަން ކާމިޔާބުނުވީ މިވިޔަފާރި ހިނގަމުންއައީ ދިވެހިރާއްޖެ ހުރަސްކޮށް ކަމަށް ވުމުންނާއި ދެކުނުގައި މިވިފާރީގެ މަގެއްވީތީއެވެ. ދިވެހިރާއްޖެއިން ޢަރަބި ވިޔަފާރިވެރިންނަށް ރޯނާއި ބޮއްޔާއި މާވަހަރުގެ އިތުރުން ރާއްޖޭގެ ބަދަރަކީ ވިޔަފާރިއަށް ރައްކާތެރި ބަނދަރެކަށްވުމުން ޢަރަބި ވިޔަފާރިވެރިންނާއި މިސަރަޙައްދުގެ ގިނަ ވިޔަފާރިވެރިންތަކެއް ދިވެހިރާއްޖޭގައި ވިޔަފާރިކުރަމުން ދިޔައެވެ. އަދި ދިވެހިރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މަލާބާރުގެ ވިޔަފާރިވެރިން މުދަލާއެކު އައިސް އެމުދާ ޢަރަބީންނާއި ދިވެހީންނަށްވެސް ވިއްކަމުންވެސްދިޔައެވެ. ފަހުން ޕޯޗުގީޒުންނާއި މުސްލިމުން (މަލާބާރާއި އެލްލީރަސްކަމާއި ދިވެހިރާއްޖެ) ވިޔަފާރީގެ އެއްބަސްވުމަކަށް އައެވެ. މިދުވަސްވަރަކީ މީލާދުގެ 1500ގެ ދުވަސްވަރުކަމަށް ވުމުން ލަފާކުރެވެނީ އޭރު ދިވެހި ތަޚުތުގައި އިންނަވާނީ ކަޅުމުޙަންމަދު ރަސްގެފާނުކަމަށެވެ. ތާރީޚު ވިދާޅުވާ ބޭފުޅުންނަށް އެނގިލައްވާނެފަދައިން މީލާދުގެ 1500ގެ އަހަރުތަކުގައި އަލީރާޖާ (މަޕިއްލާއިން)ގެ ނުފޫޒު ދިވެހިވެރިކަމުގައި ވަރަށް ގަދައެވެ. އެހެންކަމުން މިއެއްބަސްވުން ވެވިފައިވުމަކީ ވުންވަރަށް ކައިރިކަމެކެވެ. އެހެންނޫނީ ދިވެހިރާއްޖޭގެ ނަމުގައި ތަމްސީލުކުރާ ފަރާތަކީ އަލީރާޖާކަމަށްވެސް ވެދާނެއެވެ.  

މީލާދީން 1507ގައި ކަންނަންނޫރުގައި އެސްޓި އެންގްލަފޯޓް (ފޯޓް) ފާމް އިމާރާތް ކުރެވުނެވެ. މި ފާމަކީ ޕޯޗުގީޒުން މަލާބާރުގައި ޤާއިމުކުރި އެމީހުންގެ ކޮމާންޑިންގ ސެންޓަރެވެ. ފޯޓް ހުރި ސަރަޙައްދަކީ ހިންދޫރަސްގެފާނުގެ ދަށުގައި މުސްލިމުން (މަޕިއްލާއިން) ދިރިއުޅުނު ސަރަޙައްދެވެ. ފަހުން މިސަރަހައްދު ލިބުނީ މާމަލޭއާއި އަލްބުއެކުއާ އަށެވެ. ނަމަވެސް މަޕިއްލާއިންނާއި ޕޯޗުގީޒުންނާ ދެމެދުގައި ކުރެވުނު ވަރުގަދަ ހަނގުރާމަތަކަށްފަހު މިސަރަހައްދަކީ މާމަލޭގެ ތަނެކެވެ. އެހެނީ ދިވެހިރާއްޖެ ހިފުމަށް "މާމަލޭ" (އޭރު މަޕިއްލާއިން ނުވަތަ ކަންނަންނޫރު މުސްލިމުންގެ ވެރިޔަކަށް ހުރި މީހާ) ކުރި ހަނގުރާމަތަކުގައި އަލްބުއެކުއާ ވަނީ މަރުވެފައެވެ. މިމާމަލޭއަށް ޕޯޗުގީޒުންކިޔަނީ "ރެގެޑޯރ ޑޮ މާރ" އެވެ.

ކަންނަންނޫރުގެ މުސްލިމު ދަރިކޮޅުން (މަޕިއްލާއިން) ކެރެލާގެ މިނިވަންކަމަށް ކުރި މަސައްކަތުންނާއި އޭރު ދެކުނު އިންޑިޔާ ސަރަޙައްދުގެ ވިޔަފާރީގައި އޮތް އެމީހުންގެ ނުފޫޒުގެ ސަބަބުން މީލާދީން ސޯޅަވަނަ ޤަރުނުގެ ތެރޭގައި ކަންނަންނޫރުގައި ހިންދޫ ރަސްކަމުން ވަކިވެފައިވާ، މުސްލިމުންގެ އަމިއްލަ ވެރިކަމެއް ޤާއިމްވިއެވެ. މިއީ ކެރެލާގައި ރަސްކަންކުރި ހަމައެކަނި މުސްލިމު ދަރިކޮޅެވެ. މިދަރިކޮޅު މައްޝޫރުވެފައިވަނީ އަލީ ރާޖާގެ ނަމުންނެވެ. އެހެންކަމުން މަޕިއްލާއިންނަކީ މީލާދީން 15 ވަނަ ޤަރުނުގެ ތެރޭގައި މަލާބާރުގައި އެންމެ ނުފޫޒުގަދަ ވިޔަފާރިވެރިންނެވެ. އެމީހުންގެ ވެރިއަކަށް އޭރު ހުރިކަމަށް ބުނެވެނީ މާމަލޭއޭ ކިޔާމީހެކެވެ. ފަހުން މީނާއަށް އަލީރާޖާއޭ ކިޔުނީއެވެ. މިއަލީރާޖާ ނިސްބަތްވަނީ މަތީގައިވެސް ދެންނެވިފައިވާފަދައިން އަރައްކަލް ދަރިކޮޅަށެވެ. އެހެންވެ ކަންނަންނޫރުގެ މުސްލިމުންގެ ރަސްކަމަށް އަރައްކަލް ރަސްކަމޭ ކިޔެނީއެވެ. ނަމަވެސް ހަނދާންކުރާންޖެހޭ އެއް ނުގުތާއަކީ މައިސޫރުގެ ވެރިކަމުގެ ދަށުގައިވެސް އެކިދުވަސްވަރު ކަންނަންނޫރުގެ އަލީރާޖާގެ ވެރިކަން އެކިދުވަސްވަރުގައިވެފައިވާކަން ތާރީޚީ ލިޔުންތަކުންނާއި ވާހަކަތަކުން އެނގޭކަމެވެ.
-------------
(ނިމުނީ)

ޙަވާލާ:
Sreedhara Menon (1967). A Survey of Kerala History. Sahitya Pravarthaka Co-operative Society.
N. S. Mannadiar (1977). Lakshadweep. Administration of the Union Territory of Lakshadweep.
Ke. Si. Māmmanmāppiḷa (1980). Reminiscences. Malayala Manorama Pub. House.
Whiteway, R. S. (1899) The Rise of Portuguese Power in India, 1497-1550. Westminster: Constable
Bouchon, G. (1975) Mamale de Cananor: Un adversaire de l'Inde portugaise, 1507–1528, Paris: Droz.
“Les rois de Kötte au début du xvie siècle”, Mare Luso-Indicum. t I. Droz Genève- Paris, 1971
“Les musulmans du Kerala époque de la découverte portugaise”, Mare Luso-Indicum t. II. 1973
Lombard Denys. Geneviève Bouchon, Mamale de Cananor. Un adversaire de l’Inde portugaise (1507-1528)
National Informatics Center. The Canore.  Government of India.  
http://kannur.nic.in/index.htm
http://en.wikipedia.org

މި ލިޔުން:
    ފޮނުވުން:   އަލްފާޟިލް ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ
    އަލުންބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

 

އިދާރާ

އެނގޭތަ؟

ވާހަކަ