އަދުގެ ޚާއްސަ

Print

މުޙައްމަދު ބިން ޤާސިމް (1 ވަނަ ބައި): ނާހީދު (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ވާހަކަ



ޢަބްދުﷲ ފާރޫޤު ޙަސަން

ޢަރަބި ވިޔަފާރިވެރީން އިންޑިއާގެ ހުޅަނގު އައްސޭރީގެ މުހިއްމު ބަނދަރުތަކާއި ސަރަންދީބާ (ސްރީލަންކާ) ވިޔަފާރީގެ ގުޅުން އުފައްދައިފައި ވަނީ ވަރަށް ކުރީ ޒަމާނުއްސުރެ ފެށިގެންނެވެ. ޢަރަބި ބައެއް ވިޔަފާރަވެރީން ޖާހިލިއްޔަ ޒަމާނުގައި ސަރަންދީބުގައި ވަޒަންވެރިވެއްޖެ އެވެ. ޢަރަބިކަރައިގައި އައު ދީނެއް ފެތުރެން ފެށުމުން ވެސް މި ދެންނެވި ވިޔަފާރިވެރީން އެބައިމީހުންގެ ކާބަފައިންގެ ދީން ދޫކުރާކަށް ޤަސްދެއްނުކުރި އެވެ. ނަމަވެސް ފާރިސީންނާއި ރޫމީންނާ ދެކޮޅަށް ހިނގަމުންދިޔަ ހަނގުރާމަތަކުގައި ޢަރަބީންނަށް ލިބެމުންދިޔަ މަތިވެރި ފަތަޙައިގެ ޚަބަރުތައް އިވޭންފެށުމުން އެބައިމީހުންގެ ޤައުމީ އަޞަބިއްޔަތު ހޭލަމުން ދިޔައެވެ.

އިހުޒަމާނުގައި އީރާނަކީ ޢަރަބިކަރައާ އަޅައިބަލާއިރު ތަރައްޤީވެފައިވާ ޤައުމެއް ކަމުގައި ބެލެވޭ ޤައުމެކެވެ. އެހެންކަމުން އިންޑިޔާގެ ބާޒާރުތަކުގައި ޢަރަބިކަރައިގެ މުދަލަށްވުރެ އަގުހުންނަނީ އީރާނުގައި އުފައްދާ ތަކެތީގައެވެ. ހަމައެފަދައިން، އިންޑިޔާގެ ވެރީން އީރާނާމެދު  ބަލަނީ  ބާރުހުރި  އަވަށްޓެރިއެއް ކަމުގައެވެ. ނަތީޖާއަކަށް ވަނީ ޢަރަބި ވިޔަފާރިވެރީންނަށްވުރެ ބޮޑަށް އީރާނުގެ ވިޔަފާރިވެރިންނާމެދު ކަމޭހިތުމުގެ ލޮލަކުން ބެލެވުމެވެ. ރޫމީންގެ ޒަމާންވީ ބޮޑު ރަސްކަމުގެ ހައިބަތާ ބާރުގެ ސަބަބުން  އަސަރުކޮށްފައި ތިބޭ  އިންޑިޔާ މީހުން  ޝާމުކަރައިން  އަންނަ  ވިޔަފާރަވެރިންނަށް ޢަރަބި ވިޔަފާރަވެރިންނަށްވުރެ މަތިވެރި އިމްތިޔާޒުތަކެއް  ދެމުން  ގެންދިޔަ އެވެ. ނަމަވެސް  އަބޫބަކުރު އައްޞިއްދީޤު ރަޟިﷲ ޢަންހު އާއި  ޢުމަރު  އަލްފާރޫގު  ރަޟިﷲ އަންހު  ގެ މަތިވެރި  ފުތޫޙާތުތަކުގެ ސަބަބުން  އަވަށްޓެރި  ޤައުމުތަކުގެ މީހުން  ޢަރަބީންނާމެދު  ބަލާ ބެލުމަށް  ވަރަށްބޮޑު  ބަދަލުތަކެއް  އައެވެ.

ޢަރަބިކަރަޔަށް  އައި  ދާޚިލީ އިންޤިލާބުގެ  މާބޮޑު  އަސަރެއް ސަރަންދީބާއި އިންޑިޔާގައި  ވަޒަންވެރިވެގެން ތިބި  ޢަރަބި  ވިޔަފާރަވެރިންނަކަށް  ނުފޯރައެވެ. ނަމަވެސް  ކުފުރާ  ދެކޮޅަށް  އިސްލާމު ދީނަށް  ލިބޭ  ފަތަޙަތަކާމެދު  އެބައިމީހުން އުފަލުން  ފޮޅެއެވެ. ފާރިސީންނާއި ރޫމީންނާ ދެކޮޅަށް ޢަރަބިންނަށް ލިބޭ  ފަތަޙައެއްކަމަށް ހީކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ޢަރަބީންގެ އައު ދީނާމެދު  އެބައިމީހުންގެ  ހިތުގައި  އުފެދިފައިވާ  ނަފްރަތު ވެސް  މަޑުމަޑުން ނަމަވެސް އައީ ލޯތްބަށް ބަދަލުވަމުންނެވެ. އެދުވަސްވަރު  ޢަރަބި ކަރަޔަށް  ދިޔުމުގެ  ނަޞީބު  ލިބޭ  ކޮންމެ ޢަރަބި ވިޔަފާރިވެރިޔަކު  އެނބުރި އަންނަނީ އިސްލާމުދީނުގެ ނިޢުމަތުން މުއްސަނދިވެގެންނެވެ.

ޢަބްދުއްޝަމްސަކީ، ސަރަންދީބުގައި  ތިބި  ޢަރަބި  ވިޔަފާރަވެރީންގެ  ޒަޢީމެވެ. އޭނާގެ  ޢާއިލާ  ސަރަންދީބުގައި  ވަޒަންވެރި ވެ ތިބޭތާ  ވަރަށް  ގިނަ ދުވަސް  ވެއްޖެއެވެ. ޢަބްދުއްޝަމްސު  ދުނިޔޭގެ އަލިކަން  ދުށީ ވެސް  ސަރަންދީބުގައެވެ. އޭނާ  ބޮޑުވުމަށްފަހު  ކާވެނީގެ ގޮތުން  ގުޅުނީ ވެސް  ސަރަންދީބުގައި  ދިރިއުޅޭ  ޢަރަބި ޚާންދާނެއްގެ އަންހެންކުއްޖަކާ އެވެ.  ޒުވާން  ޢުމުރުން  ފެށިގެން  މުސްކުޅިވަންދެން  އޭނާ  ކަނޑުމަގުން ކުރި  ފިޔަފާރީގެ ހުރިހައި  ދަތުރުތަކެއް ވެސް  ކޮށްފައިވަނީ  ސަރަންދީބާއި  ކާޓިޔާވާރާ ދެމެދުގައެވެ. ޢަރަބިކަރައިގައި  ތިބޭ، އޭނާގެ ތިމާގެ މީހުންނަކީ  ކޮބައިކަމެއް، އެމީހުން އުޅެނީ ކޮންތަނެއްގައިކަމެއް  އޭނާއަށް އެނގިފައެއް ނުވެއެވެ.

ބޭރު ޤައުމުތަކުގައި ދިރިއުޅޭ އެހެނިހެން ޢަރަބީންނެކޭ އެއްގޮތަށް  އޭނާ ވެސް  އޭނާގެ  ލޮބުވެތި  ވަޠަނާމެދު  ސަމާލުކަން  ދޭންފެށީ ޔަރުމުކޫއާއި ޤާދިސިއްޔާގައި މުސްލިމުން ހޯދި މަތިވެރި ފަތަޙައިގެ ޚަބަރު  ދުނިޔޭގެ ކަންކޮޅުތަކުގައި  ގުގުމަން  ފެށުމުންނެވެ.

ސަރަންދީބުގައި އޭރު ހުންނެވި ރަސްގެފާނުގެ ބައްޕާފުޅު ޢަރަބީންގެ އާދައިގެ ވިޔަފާރިވެރިޔަކާ ދިމާއަށް ރަޙުމަތްތެރިކަމުގެ އަތްޕުޅު  ދިއްކޮށްލައްވަން  މަޖުބޫރުކުރުވީ ވެސް މިދެންނެވި  ޚަބަރުތަކުގައެވެ. އެރަސްގެފާނު  އަބްދުއްޝަމްސާއި އޭނާގެ އެކުވެރީން ދަރުބާރަށް ގެންދަވައި އަގުހުރި ހަދިޔާތައް ދެއްވިއެވެ.

ހިޖުރައިން 45 ވަނަ އަހަރު  ސަރަންދީބުގެ  ރަސްގެފާނު  އަވަހާރަވުމާ ގުޅިގެން  އޭނާގެ  ދަރިކަލުން  ރަސްކަމުގެ  ތަޚްތަށް  އިސްވެވަޑައިގެންފި އެވެ. އޭނާ ވެސް  ތަޙްތުގައި އިށީނދެވަޑައިގަތުމާއެކު  ޢަބުދުއްޝަމްސު ބަލައި ފޮނުއްވައިގެން ގެންދެވިއެވެ.  އޭނާވިދާޅުވިއެވެ. "ތިޔަބައިމީހުންގެ  ޤައުމުގެ އެއްވެސް ވިޔަފާރިވެރި ބަޔަކު  މިރަށަށް  ނާންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. ޢަރަބިކަރަޔާބެހޭ ތާޒާ ޚަބަރުތައް އޮޅުންފިލުވުމަށް އަހަރެން މިހުންނަނީ ވަރަށްބޮޑަށް ބޭނުންވެފައެވެ. ތިޔަބައިމީހުންގެ އައު ދީނާ މެދުގައި އަހަރެންގެ ހިތުގައި  ވަނީ ޝައުޤުވެރިކަން  އުފެދިފައެވެ. އެހެންކަމުން ކަލޭ ޢަރަބިކަރައަށް  ދާން އެދޭނަމަ އަހަރެން މިހިރީ ހުރިހައި ގޮތަކުން ވެސް އެކަމަށް މަގުފަހިކޮށދޭން ތައްޔާރަށެވެ."

ޖަވާބުގައި ޢަބްދުއްޝަމްސު ދެންނެވިއެވެ. "މަނިކުފާނުގެ ދޫފުޅުން ތިޔަ ފާޅުކުރެއްވީ އަޅުގަނޑުގެ ހިތުގެ އަޑީގެ ޝުޢޫރުތަކެވެ. އަޅުގަނޑު  މިހިރީ  ޢަރަބި ކަރަޔަށް  ދާން ތައްޔާރަށެވެ."

ދިހަވަރަކަށްދުވަސް  ފަހުން  ސަރަންދީބުގެ ބަނދަރުގައި  ނަވެއް ތައްޔާރަށް  އޮތެވެ. ޢަރަބި ވިޔަފާރަވެރިން  އެބައިމީހުންގެ އަނބިދަރީންނަށް  އަލްވަދާޢު  ކިޔަނީއެވެ. އަބުދުއްޝަމްސުގެ އަންހެނުން ވަނީ  މިފަނާވަނިވި ދުނިޔެ ދޫކޮށްފައެވެ.  އޭނާ އޭނާގެ  ހުރި ހަމައެކަނި  އަންހެން ދަރިފުޅަށް  އަލްވަދާޢުކީ މޭގައި ވަރަށްބޮޑު  ބަރެއް ބާއްވައިގެންނެވެ. އެކުއްޖާގެ ނަމަކީ  ސަލްމާއެވެ. ސަލްމާއަކީ  ނިސްވާނީ  ރީތިކަމުގެ  އެންމެ  ފުރިހަމަ  ނަމޫނާ ކަމުގައި މުޅި ސަރަންދީބުގެ  އެންމެ އިޢުތިރާފުވާ ޖިންސުއްލަޠީފެވެ. ހަމައެފަދައިން  އޭނާ  އެންމެ  ނުކިޔަމަންތެރި  އަސްތައް  ކިޔަމަން  ކޮށްލައިފައި  އެއަށް ސަވާރުވެގެން  ދުއްވާ  މަންޒަރު ކުޅަދާނަ  އަސްވާރުން  ބަލަނީ  ޙައިރާންވެ ތިބެއެވެ. އެންމެ ކުޅަދާނަ  ފެތުންތެރީން، އޭނާ  ކޯރުކޯރުގެ  ނުރައްކާތެރި  އޮއިވަރުގެ  ތެރޭގައި ފަތާ މަންޒަރާއި، ހަލުއި މަހެކޭ  އެއފަދައިން މޫދުގައި  ކޮޅުކޮޅަށް ޙަރަކާތްތެރިވާތަން  ބަލަން  ތިބެނީ  އިނގިލިކުރީގައި ދައިގަނެގެންނެވެ.

އަބުދުއްޝަމްސާއި އޭނާގެ  އެކުވެރީން ސަރަންދީބުން ފުރިތާ ވިހިދުވަސް ފަހުން ކާޓިޔާވާރުގެ ނަވެއް ސަރަންދީބުގެ ބަނދަރަށް ދޫކޮށްލިއެވެ. އަބުދުއްޝަމުސާއި  އޭނާގެ  ދެ އެކުވެރީން  އެނަވުން  ފައިބައި  ޚަބަރުދިން  ގޮތުގައި އޭނާ ދަތުރުކުރި ނަވާއި، އެހެނިހެން  އެކުވެރީން  ވަނީ  ކަނޑުގެ  ރާޅުތަކުގެ ޝިކާރަޔަކަށް ވެފައެވެ. ކާޓިޔާވާރުގެ  ވިޔަފާރަވެރިން ނައު ވަގުތުން  އެމީހުންގެ  ކައިރިޔަށް ނައިނަމަ  އޭނާއާއި  އޭނާގެ ދެން ތިބި  ދެ އެކުވެރީނެވެސް  ދެތިންގަޑިއިރު  ކަނޑުގައި  އަތްފައި  ހޫރަހޫރައި  ތިބުމަށްފަހު، ކަނޑަށް ޢަރަޤު ވެއްޖަހީއެވެ.

ސަރަންދީބުގެ  ރަސްގެފާނު މިޚަބަރު އެއްސެވީ  ވަރަށް ހިތާމަފުޅާ އެކުގައެވެ. ސިންދުގެ  ވިޔަފާރަވެރިންގެ  ވެރިޔަކަށް ހުރި ދިލިޕްސިންގް  ރަސްގެފާނުގެ ދަރުބާރަށް ގެންދަވައި ޢަރަބީންގެ ތިންމީހުންގެ ފުރާނަ ސަލާމަތްކުރިކަމުގެ އިނާމަކަށް  ތިން އެތް ދެއްވިއެވެ. ރަސްގެފާނުގެ ދީލަތިއެހީފުޅުކަން ފެނުމުން ސިންދުގެ ވިޔަފާރަވެރިން ސަރަންދީބުގައި ވަޒަންވެރިވާން އެދިއްޖެއެވެ.
      
ރަސްގެފާނަށް އެބައިމީހުން ދެންނެވި ދެންނެވުން  ޤަބޫލު ކުރެއްވީ ވަރަށް  އުފާފުޅުންނެވެ. ޝާހީ  ޚަޒާނާއިން  އެބައިމީހުންނަށް  ގެދޮރު  އަޅުއްވައިދެއްވިއެވެ. އަހަރުތަކެއްގެ  ވަފާތެރި  ޚިދުމަތަށްފަހު، ދިލިޕްސިންގަށް ރަސްގެފާނުގެ  ކަނޑުގެ  އަރުމާދުގެ  ކޮމާންޑަރުކަން ލިބިވަޑައިގެންފިއެވެ.

*********************

މިޙާދިސާ ހިނގިތާ ތިންއަހަރު  ވެއްޖެއެވެ. ޒަމާންތަކެއްގެ  ފަހުން  ވިޔަފާރިކުރުމާއި  ދީން ފެތުރުމުގެ  މަޤްސަދުގައި ސަރަންދީބަށް އައި އެންމެ ފުރަތަމަ މުސްލިމަކީ  އަބުލްޙަސަނެވެ.

އެތަކެއް  ހަފުތާތަކެއްގެ  ދަތުރަކަށްފަހު  އެއްދުވަހެއްގެ  ހެނދުނުގެ ވަގުތުގައި  އަބުލްޙަސަނާއި  އޭނަގެ އެކުވެރީން  ނަވުގެ ތައްޓުމަތީގައި ސަރަންދީބުގެ ފެހިކުލައިގެ  މަލަޔާއި  އައްސޭރިޔާ ދިމާއަށް  ބަލަހައްޓައިގެން  ތިއްބެވެ.

ބަނދަރުމަތީގައި އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދީން  އެއްވެފައި  ތިއްބެވެ.  ބައެއް އަންހެނުންނާއި  ކުޑަކުދީންނާއި  ފިރިހެނުން  ކުދި  ދޯނިފަހަރުގައި  ނައު ކައިރިއަށް އަންނާންފަށައިފި އެވެ. ބައެއް މީހުން  ފަތައިފައި ވެސް  އާދެއެވެ. ހައްތާ ވެސް މަރުޙަބާ ކިޔަން އަންނަމީހުންނެވެ. ކުޑަ ދޯންޏެއްގައި  ތިބި ސަރަންދީބުގެ  ނިވާކަންކުޑަ ކަޅު އަންހެނުންގެ ތެރެއިން  އަބުލްޙަސަނަށް  ބިދޭސީ ޞޫރައެއް ފެނިއްޖެއެވެ. އަންހެއްކުއްޖެކެވެ. އެކުއްޖާގެ ކުލަޔަކީ  ރަތްދޮންކުލައެވެ. ސިފައާއި  ވައްތަރު، ސަރަންދީބުގެ މީހުންނާ ވަރަށް ތަފާތެވެ. އެކުއްޖާގެ ކުޑަދޯނީގައި ފަލިޖަހަންތިބި ދެ ޒުވާނުންނަށް އަންގަމުން ގެންދިޔައީ އެހެނިހެން ދޯނިފަހަރުގެ ކުރިން ނައުދޮށަށް ދޯނި ގެންދިއުމަށެވެ.

މިދެންނެވި ކުޑަ ދޯނި އެހެން ހުރިހައި  ދޯނިތައް  ފަހަތަށް  ޖައްސައިލައިފައި  އައިސް  ނަވާކައިރިކޮށްފި އެވެ. އަންހެންކުއްޖާ އަބުލްޙަސަނާ ދިމާޔަށް  ބަލައިލުމުން  އޭނާގެ އެ ޖެހިލުންކުޑަ ނަޒަރުން ސަލާމަތްވުމަށްޓަކައި އަބުލްޙަސަން އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. އަބުލްޙަސަނުގެ އެކުވެރީންނަށް ވެސް އަންހެނުންގެ ނިވައިކަން ކުޑަ ހެދުންތަކަކާ ނުރުހެވުނެވެ. އެ ރީތި އަންހެންކުއްޖާ، ނަވުގެ މީހުންގެ އަޅައިނުލުމަކީ އޭނާއަށްކުރި އިހާނެތިކަމެއް ކަމުގައި ވިސްނައިފައި ސަރަންދީބުގެ ބަހުން  ކޮންމެވެސް އެއްޗެއް ބުނެފިއެވެ. ނަމަވެސް ނަވުން އެއްވެސް ޖަވާބެއް ނައެވެ.

ކުއްލިއަކަށް ކޮންމެވެސް މީހަކު  ހަޅޭއްލަވައިގެން ރޮއިގަތް އަޑު އިވިފައި އަބުލްޙަސަން ތިރި ބަލައިލި އެވެ. ދޯންޏާ ދިހަވަރަކަށް  ގަޒުގެ  ދުރުގައި މޫދުގައި އެއްކަލަ ރީތި އަންހެންކުއްޖާ އޮތެވެ. އޭނާ ފެތެނީއެވެ. އޭނާ ރޮއި ހަޅޭއްލަމުން ގެންދިޔައިރު ވެސް ދޯނީގައި ތިބި މީހުން އޭނާޔާ ދިމާޔަށް ބަލަބަލައި ތިބީ ވަރަށް ފަރުވާކުޑަ ނަޒަރަކުންނެވެ. އަބުލްޙަސަން ކުއްލިއަކަށް ވަލުން ހަދާފައި އޮތް ސިޑިއެއް އެއްލިއެވެ. ނަމަވެސް  އަންހެންކުއްޖާގެ އަތްފައިގެ  ބާރު ހުސްވަނީ ކަމަށާއި، އެކުއްޖާއަށް ސިޑިޔާ ހަމައަށް  ނާދެވޭނެހެން ކަމުގައި ހީވުމުން އަބުލްޙަސަން ހެދުންތަކާއެކު މޫދަށް ފުންމައިލި އެވެ. އަންހެންކުއްޖާ ކުއްލިއަކަށް އަޑިއަށް ހިނގައްޖެ އެވެ. އަބުލްޙަސަން ކަންބޮޑުވެގެން އެކި ދިމާދިމާއަށް ބަލަން ފަށައިފިއެވެ. އޭރު ވަރަށް ގިނަ ދޯނިފަހަރު ނައު ދޮށަށް އަތުވެއްޖެއެވެ. ނަމަވެސް  ސަރަންދީބުގެ  މީހުން ހީނހީނ ތިބީ އެވެ.

އަބުލްޙަސަން ތިންހަތަރުފަހަރު ފީނައިގެންގޮސް  ހޯދައިފައި ކުރާނެކަމެއްނެތިގެން ސިޑީގެ ވާގަނޑުގައި ހިފައިފިއެވެ. އޭނާ ނަވަށް  އަރަން  ޤަސްދުކުރި ތަނާ ނަވުން  އޭނާގެ އެކުވެރީން ހަޅޭއްލަވައިގެން ފިއެވެ. އެ ކުއްޖާ އެއޮތީ ނަވުގެ އަނެއްފަރާތުގައެވެ. އޭނާ ފެތެނީއެވެ. ހީވަނީ ކޮންމެވެސް މަހެއް ހިފައިގެން އުޅެނީހެންނެވެ. ސަރަންދީބުގެ މީހުން އަނެއްކާވެސް ހީނގެންފިއެވެ. އަބުލްޙަސަނަށް އަންހެންކުއްޖާއަށް ނަވުގެ އަނެއްފަރާތަށް ދެވުނު ގޮތެއް ނުވިސްނުނެވެ. ކަންބޮޑުވުމާއި ޙައިރާންކަން  އެކުލެވިފައިވާ އަސަރުތަކަކާއެކު އޭނާ އަވަސްއަވަހަށް ފީނައިގެން ނަވުގެ އަޑިން ލައިފައި  އަނެއްފަރާތަށް ހިނގައްޖެއެވެ. އޭރު އެފަރާތުގައި ވެސް އަންހެންކުއްޖާއެއް ނެތެވެ. ނަވުން އޭނާގެ އެކުވެރިން  އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.

"އޭނާފެތިއްޖެއެވެ. މަހެއް އޭނާ ކައިލައިފިއެވެ."

އަބުލްޙަސަން ކުރާނެ ކަމެއް ނެތިގެން އަނެއްކާ ނަވުގެ އަނެއް ފަރާތަށް ހިނގައްޖެއެވެ. އެފަހަރު ހޭނ މީހުންގެ ތެރޭގައި އޭނާގެ އެކުވެރީންވެސް ހިމެނުނެވެ. ޢަރަބީންގެ މީހަކު އަބުލްޙަސަނަށް ގޮވައިލައިފައި ބުންޏެވެ. "އޭނާ ކަލާއަށްވުރެ ފަތަން  މާކުޅާދާނައެވެ. ކަލާ ނަވަށް އަރުއްވާށެވެ."
 
އަބުލްޙަސަން  ލަދުވެތިކަމާއެކު  ސިޑީގައި ހިފައިފި އެވެ. ނަމަވެސް އޭނާ  ސިޑީގައި  އެއްފައި އެޅިތަނާ މީހަކު އޭނާގެ ފައިގައި ހިފައި މޫދަށް ވައްޓައިލައިފިއެވެ. އޭނާ ހަމަޖެހިލައިފައި  އެކިފަރާތްފަރާތް  ހޯދައިލިއިރު  އެއްކަލަ އަންހެންކުއްޖާ ހަލުވިކަމާއެކު ސިޑިން އަރަނީއެވެ. އަބުލްޙަސަން ނަވަށް އެރިއިރު  އެކުވެރީން އަންހެންކުއްޖާ ހޭނ އަޑު އަހަން ކަންބޮޑުވެފައި ތިއްބެވެ.  

އަންހެންކުއްޖާ  އަބުލްޙަސަނާ ދިމާއަށް ބަލައިލައިފައި ޢަރަބިބަހުން ބުންޏެވެ. "ކަލާ ތެމުނީތީ އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރަމެވެ."

އަބުލްޙަސަން ސުވާލުކުރިއެވެ. "ކަލެއަކީ އަރަތްބެއް ހެއްޔެވެ؟"

އަންހެންކުއްޖާ އިސްޖަހައިލައިގެންހުރެ  ދެއަތުން  ބޮލުގެ އިސްތަށިގަނޑުން  ފެންފޮހެލަމުން ޖަވާބުދިނެވެ. "ލައްބައެވެ. އަޅުގަނޑަކީ އަރަތްބަކީމެވެ. އަޅުގަނޑުމެން  އަރަބީންގެ ނަވެއް އާދޭތޯ ބަލަމުން ގެންދާތާ ލައްކަ ދުވަސް ވެއްޖެއެވެ. އަޅުގަނޑު ކަލާއަށް މަރުޙަބާ ކިޔަމެވެ. ކަލާ ވިޔަފާރިކަމުގެ  ގެންނެވީ  ކޮންކަހަލަ މުދަލެއްތޯއެވެ؟

 ޢަރަބި އަންހެން ކުއްޖަކު އެ ހެދުމުގައި ހުއްޓާއި ފެނުމަކީ އަބުލްޙަސަނަށާއި އޭނާގެ އެކުވެރީންނަށް  ޤަބޫލު ކުރެވޭފަދަ ކަމަކަށް ނުވިއެވެ. އެބައި މީހުން ކަންބޮޑުވެގެން އެކަކު  އަނެކަކާ ދިމާއަށް ބަލަބަލައި  ތިބީއެވެ.

އަންހެންކުއްޖާ އޭނާގެ  ސުވާލަށް ޖަވާބު ނުލިބުމުން އަނެއްކާވެސް ބުނެފިއެވެ.

"އަޅުގަނޑު މި އަހަނީ، ތިޔަ ބޭކަލުން ގެންނެވީ ކޮންކަހަލަ މުދަލެއްތޯއޭ އެވެ؟ ތިޔަ ބޭކަލުން ޙައިރާންވެލައްވައިފައި ތިޔަ ތިއްބެވީ ކީއްވެގެންތީއެވެ؟ އަރަބި އަންހެނުން ފަތަން ނުދަންނަނީތޯއެވެ؟ އެންމެ ރަނގަޅެވެ. ނަވުގައި ހުރީ ކޮންކަހަލަ މުދަލެއްތޯ އަޅުގަނޑު އަމިއްލައަށް ބަލައިލާނަމެވެ."

އަބުލްޙަސަން ބުނެފިއެވެ. "މަޑުކޮށްލާށެވެ! އަހަރެމެން ގެނައި މުދަލަކީ އަހެވެ. އަހަރެން ކަލެއަށް އެ އަސްތައް ދައްކައިފާނަމެވެ. ނަމަވެސް އަހަރެން ޙައިރާންވަނީ މިރަށުގައި އުޅޭ ޢަރަބީން އަދިވެސް ޖާހިލިއްޔަ ޒަމާނުގެ ޢަރަބީންނަށްވުރެ ވެސް ވިޔާނުދާ ގޮތަކަށް އުޅޭތީއެވެ. ކަލޭމެންނަށް އާދަމުގެ ދަރީން އަޅާގޮތަށް ހެދުން އަޅަން އެއްވެސް މީހަކު ބުނެއެއް ނުދޭހެއްޔެވެ؟ ފިރިހެނުންގެ ކުރިމަތީގައި ލަދުވެތިވެގެން  އުޅެން  އެއްވެސް މީހަކު  ދަސްކޮށެއް ނުދޭ ހެއްޔެވެ؟"

އަންހެންކުއްޖާ ރުޅިއައިސް ރަތްވެއްޖެއެވެ. ޖަވާބުގައި އޭނާ ބުންޏެވެ." މިއީ އިންސާނުން އަޅާ ކަހަލަ ހެދުމެއް ނޫން ހެއްޔެވެ؟"

"އާނއެކެވެ. ތިޔަބައިމީހުންނާ ހަމައަށް އިސްލާމްދީނުގެ  އަލިކަން  އަދިވެސް ނުފޯރަނީހެން ހީވެއެވެ."

މިހެން ބުނެފައި  އަބުލްޙަސަން ޖުއްބާއެއް ނަގައި  އަންހެންކުއްޖާގެ ކޮނޑުގައި  އަޅުވައި ފައި ބުންޏެވެ." މިހާރު ކަލެއަށް ނައު ބަލައިލެވިދާނެ އެވެ."

އަންހެންކުއްޖާ  އަބުލްޙަސަންގެ ވާހަކައަށްވުރެ ބޮޑަށް އޭނާގެ ޝަޚުޞިއްޔަތާމެދު ޖެހިލުންވާ ގޮތްވި އެވެ. އޭނާގެ މުލައްދަނޑިއާއި ފައިފަދު ޖުއްބާއިން ނިވައިކޮށްލި އެވެ.

އަބުލްޙަސަންވިއްކަން ގެނައި މުދަލަކީ 50 ޢަރަބި އަހެވެ. އަންހެންކުއްޖާ އަހަކަށް ފަހު އަހެއް ރަނގަޅަށް ބެލި އެވެ. އޭނާ އަސްތައް ރަނގަޅަށް ބެލުމަށްފަހު އަހެއްގައި އަތްލައިފައި ބުންޏެވެ. އަޅުގަނޑު މި އަސް ގަންނާނަމެވެ. އަގަކީ ކޮބައިތޯއެވެ؟"

އަބުލްޙަސަން ބުނެފި އެވެ. "ކަލޭގެ ކިބައިގައި ޢަރަބީންގެ އެއްސިފަ އަދިވެސް ވަކިނުވެ އެބަހުއްޓެވެ. މި އަހަކީ މި އަސްތަކުގެ ތެރޭގައި އޮތް އެންމެ ރަނގަޅު އަހެވެ. ނަމަވެސް ކަލެއަކަށް މި އަހުގެ އަގެއް ނުދެވޭނެއެވެ. މި އަހަކީ އަންހެނުން ސަވާރުވާން އެކަށީގެންވާ އަހެއްވެސް ނޫނެވެ. މި އަސް ރީތިވެފައި ދުވެލި ބާރުވީ ވަރަށް ނުކިޔަމަންތެރިވެސްމެއެވެ.

މި ޖަވާބާ މެދު އަންހެންކުއްޖާ ހިނިތުންވެލިއެވެ. އޭނާ ބުންޏެވެ. "އެންމެ ރަނގަޅެވެ. ތިޔަ ގޮތް ބަލައިލެވިދާނެ އެވެ. ކަލާ ނައު މިހާ ދުރުގައި ބަނދަރުކުރެއްވީ ކީއްވެގެންތޯ އެވެ؟"

އަބުލްޙަސަނު ޖަވާބުދިނެވެ. "ނައު މިޔަށްވުރެ ބޮޑަށް ރަށާ ކައިރިއަށް ގެންދިޔުމަށްޓަކައި މި ރަށުގެ ސަރުކާރުން ހުއްދަ ހޯދަން ބޭނުންވާތީ އެވެ."

އަންހެންކުއްޖާ ބުންޏެވެ. " ސަރަންދީބުގެ ރަސްގެފާނު، ޢަރަބީންގެ ނަމެއް އާދޭތޯ ބައްލަވާތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. ނައު ނަންގަވައިގެން ރަށާ ކައިރިއަށް ގެންދަވާށެވެ! ބައްލަވާށެވެ! ރަސްގެފާނުގެ ކަނޑުގެ ސިފައިންގެ ވެރިޔާ މި ދުރުވީއެވެ."

ދިލިޕް ސިންގާއި ޢަބްދުއްޝަމްސާ ދެމެދުގައި އޮންނަ ގާތް އެކުވެރިކަމުގެ ސަބަބުން އޭނާ ހުންނެވީ ވަރަށް ރަނގަޅަށް ޢަރަބިބަސް ދަސްކުރައްވައިގެންނެވެ. އޭނާ ނަވަށް އެރުއްވުމާއެކު ބުނުއްވި އެވެ. "ކަލާ، ނައު މިހާ ދުރުގައި ބަނދަރުކުރެއްވީ ކީއްވެގެންތޯއެވެ؟"

އަބުލްޙަސަނުގެ ބަދަލުގައި އަންހެންކުއްޖާ ޖަވާބު ދިނެވެ. "މިބައި މީހުންނަށް ހީވެފައި އޮތީ ނައު ބަނދަރުޖެހުމުގެ ކުރިން ރަސްގެފާނުގެ އަމުރުފުޅު ހޯދަންޖެހޭނެ ކަމަށެވެ."

ދިލިޕް ބުނުއްވި އެވެ. "އަޅުގަނޑުމެންގެ މާތް ރަސްގެފާނު، ކަލާ ފެނިވަޑައިގަތުމުން ވަރަށް އުފާފުޅުކުރައްވާނެ އެވެ."

އަންހެންކުއްޖާ ބުންޏެވެ. "އަޅުގަނޑު ދެން ދަނީ އެވެ. ނަމަވެސް ހަނދާންކުރައްވާށެވެ! އެ ހުދު އަސް އަޅުގަނޑަށެވެ. އެ އަހަށް ކަލާ ބުނުއްވި އަގެއް އަޅުގަނޑު އަރުވާނަމެވެ." މިހެން ބުނެފައި އަންހެންކުއްޖާ ޖުއްބާ ބާލައި ޢަރަތްބެއްގެ ކޮނޑުމައްޗަށް އެއްލައިލައިފައި ދުވެ ގޮސް ލޮންސިއެއްހެން ކަނޑަށް ފުންމައިލައިފި އެވެ.

***********************

ޢަރަބީންގެ ނައު އައި ޚަބަރު ޢަބްދުއްޝަމްސަށް ވަނީ ލިބިފައެވެ. އޭނާ ރަށުގެ ކުރިޔަށް ތިބި ބައެއް މީހުން ގޮވައިގެން އައިސް އަބުލްޙަސަނާއި އޭނާގެ އެކުވެރީންނާ އިސްތިޤުބާލުކުރިއެވެ. ޢަރަބީންނަށް އޭނާގެ ގެއިން، އަސްތަކަށް އޭނާގެ އަސް ގުދަނުން ޖާގަދިނެވެ. އޭނާގެ ގޭ ދޮށަށް އެ ފަންސާސް އަސް ގަތުމަށްޓަކައި ދުއިސައްތައަށްވުރެ ގިނަ މީހުން އައެވެ. ކޮންމެ މީހަކުވެސް އަނެކަކަށްވުރެ ބޮޑަށް އަހުގެ އަގު އަރުވަނީ އެވެ.

ދިލިޕް ސިންގ ލަފާދެއްވައިފައި ވަނީ ރަސްގެފާނު ބެއްލެވުމުގެ ކުރީގައި އެއްވެސް އަހެއް ނުވިއްކުމަށެވެ. ރަސްގެފާނު ހުރިހާ އަސްތައް ބައްލަވައިގަންނަވާނެހެން ހީވެލައްވާ ކަމުގައިވެސް އޭނާ ބުނުއްވި އެވެ. ޢަބްދުއްޝަމްސް ވެސް ދިލިޕްސިންގަށް ތާއީދުކުރި އެވެ. މިކަމާ ބެހޭ ގޮތުން ވާހަކަދެކެވެމުން ދަނިކޮށް ރަސްގެފާނު އަރިހުން ސަފީރަކު އަތުވެއްޖެ އެވެ. އޭނާ ބުންޏެވެ. "ރަސްގެފާނު ޢަރަބީންގެ ވިޔަފާރިވެރީންނާ ބައްދަލުކުރައްވާން އެދިވަޑައިގަންނަވައެވެ. އެ މީހުންގެ އަސްތައް ދެކެވަޑައިގަންނަވަން ވެސް ބޭނުންފުޅުވެއެވެ."

ދިލިޕްސިންގ ސަފީރާ ދިމާއަށް ބުނުއްވި އެވެ. "އަހަރެމެން މިހާރު އެބަ އާދެޔޭ، ރަސްގެފާނު އަރިހުގައި ދަންނަވާށެވެ!"

ދިލިޕްސިންގ މިހެން ބުނުއްވައިފައި އަބުލްޙަސަނާ މުޚާޠަބުކުރައްވައި ބުނުއްވި އެވެ. "އެއް އަސް އެ އޮތީ ޝައިޚު ޢަބްދުއްޝަމްސްގެ ދަރިފުޅު އޭނާއަށްޓަކައި ޚައްޞަކޮށްފައެވެ. އަޅުގަނޑަށް ހީވަނީ އެ އަސް މި ތާނަގައި ބާއްވަން ވީހެންނެވެ."

އަބުލްޙަސަނު ނަންގަތެވެ. ޝައިޚު އަމިއްލަފުޅަށް ބޭނުންކުރައްވަން އެ އަސް ބޭނުންފުޅު ވާނަމަ އަޅުގަނޑުގެ އެއްވެސް އިޢުތިރާޟެއް ނެތެވެ. ނަމަވެސް އެ އަހަކީ އަންހެންކުދީންނަށް އެރޭ ކަހަލަ އަހެއް ނޫނެވެ. އެޔަށްވުރެ މާ ނުކިޔަމަންތެރި އަހެކެވެ."

އެއް ފަރާތަކުން ބުނާ އަޑު އިވުނެވެ. "ނޫނެކެވެ! ބައްޕާ އެވެ! އޭނާއަށް ހީވެލައްވަނީ އަޅުގަނޑުމެންނަށް އަހުގެ އަގު އަދާނުކުރެވޭނެ ކަމަށެވެ."

އަބުލްޙަސަނު އެ ދިމާއަށް ބަލައިލި އިރު އެއީ އޭނާ ނަވުން ދުށް އަންހެންކުއްޖާ އެވެ. އޭނާ ހުރީ އެއް އަތުން އަހުގައިއަޅާ ލަގަނެއް އަނެއް އަތުން ޗާބޫކެއް ހިފައިގެންނެވެ. ނަމަވެސް މިފަހަރު އޭނާ ހުރީ ޢަރަބި އަންހެނުން އަޅާކަހަލަ ހެދުމެއްގައެވެ.

އަބުލްޙަސަނު ކުޑަކޮށް ދެރަވެލައިފައި ބުންޏެވެ. "އަހަންނަށް އިތުބާރު ނުކުރެވޭނަމަ ކަލޭ އަމިއްލަޔަށް ތަޖުރިބާކޮށްލާށެވެ! ކަލެޔަށް އެ އަހުގައި ލަގަން އަޅުވައިލެވުނަސް އެކަމުގެ އިނާމަކަށް އެ އަސް ދީފީމެވެ."

އަންހެން ކުއްޖާ ހަލުވިކޮށް ހިނގައިފައި އަސް ގުދަނާ ދިމާއަށް ހިނގައްޖެ އެވެ. އެ ތާނގައި ދެން ތިބި އެންމެންވެސް އެ ދިމާއަށް ހިނގައިގެންފި އެވެ. އަންހެންކުއްޖާ ހުރިހާ އަސްތަކަށް ނަޒަރުހިންގައިލުމަށްފަހު ހުދުއަހުގެ ކައިރިއަށް ހިނގައްޖެ އެވެ. އެ ކުއްޖާ ފެނުމާއެކު އެ އަސް ވިނަ ކެއުން ހުއްޓައިލައިފައި ކަންފަތް ކޮޅަށް ޖަހައިލި އެވެ. އަހުގެ ބުރަކަށީގައި އަންހެންކުއްޖާ މަޑުމަޑުން ތަޅައިލުމާއެކު ފަހަތު ދެމޮއްގަނޑުގެ މައްޗަށް އަސް ކޮޅަށް ތެދުމެއްޖެ އެވެ. އެ ތަން ފެނުމުން ދެން ތިބި އަސްތައް ވެސް ވާތައް ކޮށައިލާން އުޅެގެންފި އެވެ.

އަބުލްޙަސަން، "މަޑުކޮށްލާށޭ" ބުނެފައި ގޮސް އަސް މޮހައިލައިގެން ބޭރަށް ނެރެ ގަހެއްގައި ބަނދެލައިފައި ބުންޏެވެ. "މިހާރު ތިޔަ ހުރި ހިތްވަރެއް ކަލެޔަށް ބަލައިލެވިދާނެ އެވެ."

އަންހެންކުއްޖާ ކުއްލިޔަކަށް ކުރިޔަށް ޖެހިލައިފައި އެއް އަތުން އަހުގެ ތިރީ ހިރުގަނޑުގައި ހިފަހައްޓައިފި އެވެ. ޒަޚަމްވެފައި އޮތް މިނިކާ ޖަނަވާރެއްހެން ތެޅިތެޅި އޮތް އަހުގެ އަނގައިގައި އަނެއް އަތުން ލަގަން ހަރުކޮށްފި އެވެ. ކުޅި ބަލަން ތިބި މީހުން ޙައިރާންވެ އަންތަރީސްވެފައި ތިއްބައި އަންހެންކުއްޖާ އަސް މޮހައިލައިފައި އޭގެ ބުރަކަށިމައްޗަށް ސަވާރުވެއްޖެ އެވެ. އަސް ރުޅިއައިސްގެން ދެތިން ފަހަރަކު ފަހަތު ދެ މޮއްގަނޑުގެ މައްޗަށް ތެދުވުމަށްފަހު ފުމެލައިފައި ދުވަމުން ގޯތިތެރެއިން ބޭރަށް ނުކުމެއްޖެ އެވެ.

ޝައިޚު ޢަބްދުއްޝަމްސް ފަޚުރުވެރިކަމާއެކު ބުނެލިއެވެ. "އަރަބި ކަރައިގެ އަސްތަކަކަށް ސަލްމާއަށް ނުދުއްވޭ ވަރުގެ އަހެއް ވިހެއިފައެއް ނެތެވެ. ކަލާ ޝަރުޠުން ބަލިވެވަޑައިގެންނެވީތީ އަޅުގަނޑު ހިތާމަކުރަމެވެ. ނަމަވެސް ހިތްހަމަޖައްސަވާށެވެ! ކަލާއަށް އަހުގެ ފުރިހަމަ އަގު ލިބިވަޑައިގަންނަވާނެ އެވެ." 
-------------
(ނުނިމޭ)

މި ވާހަކައިގެ މި ބައި:

         ޓައިޕްކުރުން:   ޢާއިޝަތު ރުޝްދީ އާއި ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
         އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން)
         ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ