ޓިޝޫ ކަރުދާހުގެ ކުކުޅު
އަޙުމަދު ރަޝީދު
ޢީދު ދުވަހާ ދިމާކޮށް ތިޔަ ކުދިންގެ ތެރެއިން ކޮންމެ ކުއްޖެއްގެ ގޭގައި ވެސް ކުކުޅުން ކޮންމެވެސް އެއްޗެއް ހަދާނެއެވެ. މިހާރަކަށް އައިސް، އައިސް ކުކުޅު ކައްކަމުން އަންނަ ނަމަވެސް ކުރިން ކައްކައި އުޅެނީ ދިވެހި ކުކުޅެވެ. ޢީދު ނަމާދުން ފައިބައިގެން ޢީދު ޞަލަވާތް ކިޔަވައި ސައިބޮއި ނިންމުމަށްފަހު ދެން ކުރަންފަށާ ކަމަކީ ކުކުޅު ހިފުމެވެ. މި ޒަމާނަށް އައިއިރު ގިނަ ކުދިންނަށް ދިވެހި ކުކުޅެއް ފެނުމުގެ ނަސީބު ލިބޭނީ ވެސް ވަރަށް މަދުންކަމަށް ބުނުން ދޮގަކަށް ނުވާނެއެވެ.
އެހެންކަމުން ޓިޝޫ ކަރުދާސް ބޭނުންކޮށްގެން ކުކުޅެއް ހަދާނެގޮތް ކިޔައިލައިދޭނަމެވެ. މިއީ މުދައްރިސުންނަށް ތިޔަ ކުދިންގެ ޢަމަލީފަންނު ގަޑީގައި ދަސްކޮށްދިނުމަށް ދެވިދާނެ މަސައްކަތެކެވެ.
ޓިޝޫ ކަރުދާހުން މި ތައްޔާރުކުރާ ކުކުޅު ތިޔަކުދިންގެ ޢަމަލީފަންނު ފޮތުގައި ތަތްކޮށްލައިފައި ހުންނައިރު ނިކަން ރީތި ވާނެއެވެ. ކާ ކޮޓަރީގެ ފާރުގައި ތަތްކޮށްލުމަށް ނުވަތަ އައިސްއަލަމާރީގައި ތަތްކޮށްލައިގެން ކާކޮޓަރީގެ ޒީނަތްތެރިކަން އިތުރުކޮށްލެވިދާނެއެވެ.
ބޭނުންވާނެ ތަކެތި:-
ކުރަހާ ފޮތުގެ ގަނޑެއް
ކޮޅުގައި ރަބަރު ހުންނަ ފަންސުރެއް
ތެރަސްފުޅިއެއް (ބޮޑަށް ރަނގަޅީ "ގްލޫ ސްޓިކް" އެއް)
އެކި ކުލަކުލައިގެ ޓިޝޫ ކަރުދާސްކޮޅުތަކެއް 2 އިންޗީގެ އަކައަށް ވާގޮތަށް ކަފާފައި
ތައްޔާރު ކުރާނޭ ގޮތް
1- ގަނޑެއްގެ މަތީގައި ބަންޑުން އަތްތިލަ ބާއްވާށެވެ. އެއަށްފަހު އަތްތިލައިގެ ވަށައިގެން ފިބާއެއް ނުވަތަ މާރކަރަކުން ކުރަހައިލާށެވެ.
2- ކަފައިފައި ހުރި ޓިޝޫކޮޅުތަކުން ޓިޝޫ ކޮޅެއްގައި ފަންސުރުގެ ރަބަރު ހުންނަ ކޮޅު ޖައްސާށެވެ. އެއަށްފަހު ޓިޝޫ ކަރުދާސް ފަންސުރުގެ މައްޗަށްވާ ގޮތަށް ބޮނޑިކޮށްލާށެވެ. ހުރިހައި ކަރުދާސްކޮޅު ތަކެއް މިހެން ހަދާށެވެ.
3- ފަންސުރުގެ ކޮޅުގައި ޓިޝޫކޮޅު ބަހައްޓައި ފަންސުރުގެ ރަބަރު ޖެހިފައި ހުންނަ ތަނުގެ އަނެއް ފަރާތުގައި ތެރަސް ލުމަށްފަހު ކަރުދާހުގައި ކުރަހާފައިވާ ކުކުޅު (އަތް ތިލައިގެ ކުރެހުމުގައި) ގައި ތަތް ކުރަމުން ގެންދާށެވެ.
4- މުޅި ކުކުޅު ފުރެންދެން މިގޮތަށް ޓިޝޫ ތަތްކުރާށެވެ.
5- ޓިޝޫތައް ހިކުމުން ކުކުޅުގެ އެހެނިހެން ބައިތައް (ފަޔާއި، ލޮލާއި ތުން ފަދަ ތަންތަން) ކުރަހާށެވެ.
އެނގޭ ހެއްޔެވެ؟
މިގޮތަށް ފުއްޕާ ހަމެއްގައި ޓިޝޫ ތަތްކޮށްގެން ތަފާތު އެތައް އެއްޗެއް ތައްޔާރު ކޮށްލެވިދާނެއެވެ.
----------------
(ނިމުނީ)
(ނިމުނީ)
މި ލިޔުން
ފޮނުވުން: އަޙުމަދު ރަޝީދު
އަލުންބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު