އަދުގެ ޚާއްސަ

Print

ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމަށްޓަކައި، ދިވެހިބަސް ތަރައްޤީކުރުމުގައި ފަރުދުންގެ ޙިއްޞާ ވަރަށް މުހިއްމެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ލ.މާވަށް

ދިވެެހި ޤައުމު އޭގެ އެންމެ ހަލުވި ދުވެލީގައި ތަރައްޤީގެ ހަރުފަތްތައް ގިރާކުރަމުން ކުރިއަށްދިޔުމަށް މަސައްކަތްކުރާ މިންވަރާ ކައިރި މިނެއްގައި ވެސް، ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިއްމު ބައިކަމުގައިވާ ދިވެހިބަހުގެ ތަރައްޤީއަށް ދިވެހީން ސަމާލުކަން ދޭބާވައެވެ! ދިވެހިބަހާ ނުލައި ދިވެހި ޤައުމިއްޔަތު ދެމެހެއްޓޭނެބާވައެވެ! ބަސް ތަރައްޤީކުރުމަކީ ޤައުމީ ތަރައްޤީއަށްޓަކައި މުހިއްމު ކަމަކަށް ނުވޭބާވައެވެ!

ދިވެހިބަހާއި ބަހުގެ ހުރިހައި ފަންނުތަކެއް ދިރުވައި އާލާކޮށް, ތަރައްޤީކުރުމަށް ދިވެހރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ކުރައްވާ މަސައްކަތްތައް ތަޢުރީފާއި ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ. މި ރޮނގުން އެ ޔުނިވަރސިޓީގެ ދިވެހިބަހާއ ތާރީޚާ ބެހޭ މަރުކަޒުން ކުރައްވަމުން ގެންދަވާ ޚިދުމަތްތަކުގެ ތެރެއިން އެންމެ އަގުބޮޑު އެއް ޚިދުމަތަކީ އާލަފުޒު އުފެއްދެވުމާއި ރަދީފު މުއްސަނދި ކުރެއްވުމެވެ. މި ކަމަށްޓަކައި ކުރެއްވި މަސައްކަތުގެ ފޮނި މޭވާ، ފުރަތަމަ ފަހަރަށް ތައްޔާރުކުރެވިފައިވާ، ޒަމާނީ ފެންވަރުގެ ދިވެހި "ޑިކްޝަނަރީ"އެއްގެ ސިފައިގައި ދާދި އަވަހަށް ދުނިޔޭގެ އަލިކަން ދެކޭނެ ކަމަށް އުންމީދުކުރަމެވެ. ޢިިލްމާއި ޓެކުނޮލޮޖީގެ މައިދާނުގައި ދިވެހީން ވެސް ކުރިއަށް ފިޔަވަޅު އަޅަމުންދާ މި ޒަމާނުގައި މިއީ ވަރަށް މުހިއްމު އެހައިމެ ބޭނުންތެރި ޚިދުމަތެއްކަން ކަށަވަރެވެ.

އެ ބަހެއްގެ ފުރިހަމަކަމާއި މުއްސަނދިކަމާ މެދު އަޅުގަނޑުމެން ފަޚުރުވެރިވާ ދިވެހިބަހަކީ ފަޤީރު ބަހެއް ކަމަށްބުނާ "ނުކުޅެދުންތެރި" ދިވެހީން، ދިވެހިބަސް ފަޤީރުކަމަށް ކުރާ ދަޢުވާގައި ދައްކާ ބަލިކަށި އެއް ހެތްކަކީ ދިވެހިބަހުގައި އިލްމީ ލަފުޒުތައް މަދުކަމެކެވެ. ތެދެކެވެ. ދިވެހިބަހުގައި އިލްމީ ލަފުޒުތައް ވަރަށް މަދު ކަމުގައި އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. ނަމަވެސް އެއީ، އާދެ! ލަފުޒު ގިނަވެފައި ނެތުމުގެ ސަބަބަކީ ދިވެހިބަހުގެ ފަޤީރުކަމެއް ނޫނެވެ. އެއީ ދިވެހީންނަށް ޢިލްމީ ރޮނގުންނާއި ސިޔާސީ ގޮތުން ލިބިފައިވާ އަދި ލިބިފައި އޮތް ނުފޫޒުގެ ކުޑަކަމެވެ. ލަފުޒު އިިތުރުވަމުންދާނީ އެ ބަޔެއްގެ ތިމާވެށީން ފެންނަ ކަންކަމާއި ތަކެއްޗާއި ތަންތަނާ ގުޅޭގޮތުންކަމީ އެންމެން ދަންނަ ޙަޤީޤަތެކެވެ. ދިވެހީން ކޮށް އުޅުނު މައިގަނޑު މަސައްކަތްތަކަަކީ ކަނޑުމަތީގައި ކުރާ ނުވަތަ ކަނޑާ ގުޅިފައިވާ މަސައްކަތްތަކެކެވެ. މަސްވެރިކަމެވެ. ފަރުހިލުމެވެ. ގާނެގުމެވެ. ދަތުރުފަތުރު ކުރުމެވެ. އަދިވެސް މިބާވަތުގައި ކިތަންމެ މަސައްކަތެވެ. އަދި ދިވެހިރާއްޖޭގެ ސަރަޙައްދުގެ ގާތްގަނޑަކަށް 90 އިންސައްތައަކީ ކަނޑެވެ. އެހެންކަމުން ދިވެހި ތިމާވެއްޓާ އެންމެ ގާތް އެންމެން ދަންނަ ތަނަކީ ކަނޑެވެ. މިކަން މިހެން ހުރުމާއެކު ކަނޑުގެ ސަރަޙައްދަށް، ހިކިފަސްތަން ނޫން ތަންތަނަށް، ދިވެހިން ދީފައިވާ ފަދަ ގިނަ ނަންނަން (ނޭޕާލް ފަދަ) ކަނޑާ އެއްވެސް ގުޅުމެއް ނެތް ޤައުމެއްގެ އަހުލުވެރިންގެ ޚިޔާލަށް ވެސް އަންނާނެތޯއެވެ؟ މިސާލަކަށް މޫދު، ކަނޑު، ފަޅު، ވިލު، އެތެރެވަރި، ފުން، ބެން، އޮޅު، ނެރު، ގިރި، ބަދި، ތޮށި، ތިލަ، ފުއްޓަރު، ކަނޑުއޮޅި، އަދި ކަޑިންމަ ފަދަ ގިނަގުނަ ތަންތަނަށް ކިޔާނެ ނަންނަން ކުރީން ދެންނެވި ފަދަ ޤައުމެއްގެ ބަސްބަހުގައި ހުރުން ލާޒިމުތޯއެވެ؟ މި ބިންކުޑަ ދިވެހި ފަސްގަނޑުގައި ހެދޭ މައިގަނޑު "ގަހަކީ" ދިވެހި ރުއް ކަމަށްވާ އިރު އަދި އެއް ޒަމާނެއްގައި ދިވެހީންގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ރާވެރިކަމާއި ރޯނުވެށުމާއި ކުފުރާ ތެޅުންފަދަ (ރުކާގުޅިފައިވާ) އެތައް މަސައްކަތްތަކެއް ހިމެނި ދިވެހިންގެ ދިރިއުޅުމާ ގުޅި ލާމެހިފައިވާތީ ރުކުގެ ބައިތަކަށާއި އެ ގަހުގައި އަޅާ މޭވާއަށް ދިވެހީން ދީފައިވާ ގިނަ ނަންތަކެއް އެހެން ބަހެއްގައި ހުންނާނެތޯއެވެ؟ ގޮބޮޅި، މިރި، ކުރުނބާ، ގަބުޅި، ކާށި ކުރޮޅި ފަދަ ތަފާތު ދަރަޖައިގެ "ކާށި" ދިވެހިންނަށް ހުންނައިރު ރުކުގައި އަޅާ ކޮންމެ މޭވާއަކީ އިނގިރޭސީންނަށް ހައްތާ ވެސް "ކާށްޓެވެ."

ކަންހުރީ މިހެންކަމުގައި ވާއިރު ދިވެހިބަސް ފަގީރޭ ބުނުމުގެ ޙައްގު އޮތީ ކާކަށްތޯއެވެ؟ ތެދެކެވެ. އާ  ސާސްކަފަކާ ދިވެހީން ކުރިމަތިލިއިރު ޢިލްމާއި ޓެކްނޮލޮޖީގެ ދުނިޔޭގެ ދޮރޯށިން އަޅުގަނޑުމެން ބޯ ދިއްކުރަމުންދާއިރު އެ ދުނިޔެއިން އަޅުގަނޑުމެންނަށް ފެންނަ ކޮންމެ އެއްޗަކީ އަޅުގަނޑުމެންގެ  ބަހަށް އާ އެއްޗަކަށް ވެދާނެއެވެ. އެއީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ވާރުތަކުރި ތަރިކައަކަށް ނުވާތީއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން މި ވަންނަނީ އެފަދަ މިނިވަން ދުނިޔެއަކަށެވެ. އެ ދުނިޔޭން ފެންނަ ކަންކަމާއި ތަންތަނާއި ތަކެއްޗަށް ކިޔާނެ ނަންނަމެއް އަޅުގަނޑުމެންގެ ދިވެހިބަހަކު ނުހުންނާނެއެވެ. ހަމަ މިފަދައިން ދިވެހީންގެ އަމިއްލަ އުފެއްދުންކަމަށްވާ ރިހާކުރާއި ދޯނި ފަދަ ލަފުޒުތައް އެހެންބަހެއްގައި ހުންނާކަށްވެސް ނުޖެހެއެވެ. މިއީ އެއްވެސް ބަހެއް ފަޤީރުކަމަށް ވަކާލާތުކުރެވޭނެ ސަބަބެއް ނޫނެވެ. ވީމާ ޢިލްމާއި ޓެކްނޮލޮޖީއާ ދިވެހިބަސް ރައްޓެހިކުރުމަށްޓަކައި އާ ލަފުޒުތައް މިއޮތީ އުފައްދަން ޖެހިފައެވެ. އެމަސައްކަތް ކަމާބެހޭ ފަރާތްތަކުން އެބަކުރައްވާވެސްމެއެވެ. ނަމަވެސް ހިތާމަޔަކީ............ އާދެ! ދިވެހިވަންތަ ކަމަށް، ދިވެހިބަހަށް ލޯބިނުކުރާ ބަޔަކު، މިފަދަ އާ ލަފުޒުތަކަށް މަރުހަބާ ނުކިޔާ ކަމެވެ.
       
އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ޢާއްމުކޮށް އެންމެނަށް އެނގި ތަޢާރުފުވެފައިވާ ލަފުޒެއްގެ ބަދަލުގައި އާ ލަފުޒެއް އުފައްދާކަށް ނުޖެހެވެ. ނަމަވެސް ބޭރު ބަސްބަހުން ދިވެހިބަހަަށް ވަދެފައިވާ ލަފުޒުތައް ކިތަންމެ ގިނަ ދުވަހަކު ދިވެހި މާހައުލުގައި އުޅުނަސް ބީރައްޓެހި ހެދުމެއް އަޅައިގެން ދިވެހި ބަހުގައި "ދިރިއުޅުމުގެ" ހައްޤު އެފަދަ ލަފުޒުތަކަށް ދީގެންނެއްނުވާނެ އެވެ. ދިވެހިބަހުގައި މިފަދަ ލަފުޒުތައް ބޭނުންކުރާނަމަ އެފަދަ ލަފުޒުތަކުުގައި ދިވެހި ލިބާސް ލައްވަންޖެހޭނެ އެވެ. މިފަދަ ލަފުޒެއްގެ މިސާލެއް ދަންނަވައި ލިޔެދެއްވާށެވެ. "Radio"  މިއީ އެންމެން ދަންނަ ލަފުޒެކެވެ. ނަމަވެސް މިހާރު މި ލަފުޒު ދިވެހި ރައްވެއްސަކަށް ވެއްޖެއެވެ. އަޅަނީ ދިވެހި ހެދުމެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދަފިއެވެ. އާދެ! މިހާރު އެއީ ރޭޑިޔޯ އެވެ. ޓެކްނޮލެޖީގެ އެންމެ ވިދާ އެކައްޗަކީ މިހާރަކަށް އައިސް ކޮމްޕިޔުޓަރ (computer) ކަމުގައި ދެންނެވިދާނެ އެވެ. މިހާރު މިއީ ދިވެހީންނަށް އާ ނަމަކަށް ނުވާނެއެވެ. ވީމާ ދިވެހިބަހުގެ އަޑުތަކާއި ގުޅުވައިގެން އެއީ ދިވެހީންނަށް ކޮންޕިޔުޓަރު ކަމުގައި ހެދިދާނެއެވެ.
          
ދުނިޔޭގެ އެހެން ބަސްބަސް  ދެނެވަޑައިގެން ތިއްބެވި ބޭފުޅުން ވިދާޅުވާ ގޮތުގައި، އަޅުގަނޑުމެންގެ ތެރޭގައި އެންމެ އާންމު ދެ ބަސް ކަމުގައިވާ އިނގިރޭސިބަހާއި ޢަރަބިބަހުގައި ބޭނުންކުރެވޭ ބޭރުބަސްބަހުގެ ލަފުޒުތަކަށް އެމީހުން ވެސް ހަދަނީ އެކަހަލަ ގޮތެކެވެ. މިސާލަކަށް ދިވެހިބަހުން ނެގިފައިވާ "އަތޮޅު" އިނގިރޭސިބަހުން ރަޖިސްޓްރީ ކުރީ "އެޓޯލް" (atoll) ގެ ގޮތުގައެވެ. ޢަރަބި ބަހުގައި "އަތޫލް" އެވެ.
         
ބޭރު ބަސްބަހުގައި ހުންނަ މުހިންމު ޢިލްމީ ލަފްޒުތައް ބޭރުގެ އެހެން ބަހަކަށް ގެންގޮސް ރަޖިސްޓްރީ ކުރާއިރު އެންމެ ކުޑަމިނުން އެބަހެއްގެ ހެދުން ލައްވައެވެ. މިސާލަކަށް ޔުނިވަރސިޓީ  ފެންވަރަަށް އަމިއްލަ ބަހުންވެސް ކިޔަވައިދޭ ޤައުމެއް ކަމުގައިވާ މެލޭޝިޔާ ބަހުގައި (Bahasa Malaysia) މިކަންހުރިގޮތް ބަލައިލަމާތޯއެވެ! އެ ބަހަށް ބައެއް ލަފުޒުތައް ވެއްދުމަށް ގެންނެވި ބަދަލު ބައްލަވައިލައްވާށެވެ!

އިނގިރޭސި ލަފުޒު                  މެލޭބަހަށް ބަދަލުކޮށްފައި
ޕޯސްޓް (POST)              =     ޕޮސް   (POS)
ޑޮކްޓަރ (DOCTOR)           =    ދުކްތުރް (DUKUTUR
ކޮމިޔުނިކޭޝަން (communication)   =    ކޮމިޔުނިކާސީ (komunikasi)
ޓެކްނޯލޮޖީ (technology)          =    ޓެކްނޮލޮގީ (tecknologi)
އިންސްޓިޓިޔުޓް (institute)          =    އިންސްތީތޫތު (institut)   
ޕެޑަގޮޖީ    (Padagogy)          =    ޕެޑަގޮގީ (Padagogi) 

މިއީ ހިނިފުޅުވަޑުވާންވީކަމެއް ނޫނެވެ. އެކި ޤައުމުތަކުގެ މީހުން އެ ޤައުމެއްގެ ބަސް ތަރައްޤީކުރުމަށް ކުރެވޭ މި ބާވަތުގެ ކޮންމެ މަސައްކަތަކަށް އެ ޤައުމެއްގެ ރައްޔިތުން އިޚްލާސްތެރިކަމާއެކު މަރުހަބާކިޔައެވެ. އެކަމާ ފަޚްރުވެރިވެއެވެ. ޤައުމީ ރޫޙެއް ހުރި ކޮންމެ މީހެއްގެ އުފަލަކަށް މިކަން ވާނެކަން ޔަޤީނެވެ.

އަދި އިތުރުކޮށްލާނަމެވެ. މެލޭސިއާގައި އިނގިރޭސި ބަހަށް މޮޅު، ތަޢުލީމީ މީހުން ވާހަކަދައްކާއިރުވެސް ރަށުބަހުގެ ނުފޫޒު އިނގިރޭސިބަހަށް ފޯރުވޭތޯ ބަލައެވެ. އިނގިރޭސިބަހުން ލިޔެ ކިޔުމުގައިވެސް މިއުޞޫލު ބޭނުންކުރެއެވެ. މިސާލަކަށް މަސްތުވާ ހިކިއެއްޗިއްސަށް ކިޔަނީ "ޑާޑާ" އެވެ. އަދިވެސް މާ އާދަޔާ ޚިލާފުކަމެއް ދަންނަވައިފާނަމެވެ. އެރަށުގައި ނޫނެކޭ ބުނަން ބޭންކުރާ އެއްލަފްޒަކީ "ޓިޑަހލާހ" އެވެ. އާއެކޭ ބުނަން "އިއާލާހ" އެވެ. މި ދެބަހުގެ ފަހަތަށް މި އޮންނަ "ލަހ" އަކީ އާދަކާދައެއްގެ ގޮތުން ބޭނުންކުރާ ބޭނުންކުރުމެކެވެ. މާނައެއް ނޯންނަ ލަފުޒެކެވެ. މިއުޞޫލު  އެޤައުމުގެ މީހުން އިނގިރޭސި ލިޔުންތަކުގައި ބޭނުންކޮށްފައި ހުއްޓައިވެސްފެނެއެވެ. ނޯލަހ އާއި ޔެސްލަހ އެވެ. މިކަންކަމާމެދު ފަހެ ވިސްނައި ފިކުރު ހިންގައިލުން ކީއްތޯއެވެ! ހިތާމަހުއްޓެވެ! ދުނިޔެގެ ގިނަ ބަސްބަހަކީ އެބަހަކަށް ޚާއްޞަ އަކުރެއް  ލިބިގެން ނުވާ ބަސްބަސް ކަމަށް ވާއިރުވެސް އެބައިމީހުންގެ ބަހަށް އެބައިމީހުން ފަޚްރުވެރިވެއެވެ.  ބަސް ދިރުވަށް ތަރުހީބުދެއެވެ. މިކަމަށްޓަކައި އެޤައުމުތަކުގެ ސަރުކާރުން އަޅުއްވާ ކޮންމެ ފިޔަވަޅަކަށް އުފަލާއެކު މަރުހަބާ ކިޔައެވެ.
   
ދިވެހިން (ގެ ގިނަ މީހުން) ކަންތައް ކުރަނީ މިއުޞޫލާ ދިމާ އިދިކޮޅަށެވެ. ސަރުކާރުން އަޅުއްވާ މިފަދަ ފިޔަވަޅުތަކާމެދު އަޅައެއް ނުލައެވެ. މަރުޙަބާކިޔުމުގެ ބަދަލުގައި ހަޖޫ ޖަހައެވެ. އެންމެ ހިތާމަހުރި ކަމަކީ، ތިމަތިމާމެންގެ އަމިއްލަ ޝުޢޫރު ދިވެހިބަހުންް ފާޅުކުރަން ނޭނގޭކަމަށް ޢާއްމުކޮށް އިޢުލާނުކުރަމުން (ތިމާގެ ނުކުޅެދުން ތެރިކަން ހަނދާން ނައްތާލައި) ދިވެހިބަހުގެ ނުކުޅެދުންތެރިކަމަށް ވަކާލާތުކުރާ މީހުން ދިވެހިރާއްޖޭގެ ރަށްވެއްސެއްގެ ގޮތުގައި ދިވެހި ބިމުގައި އުޅެން ލަދުނުގަންނަކަމެވެ. ރޭޑިޔޯއިންނާއި ޓީވީން ޚަބަރު ހުށަހަޅުއްވާ (މަދުން ނަމަވެސް) ބަޔެއް ބޭފުޅުން ވެސް (މަޢާފުކުރެއްވުން އެދެމެވެ.) ދިވެހި ބަޔެއް ލަފުޒުތަކުގެ މަޚްރަޖު ވެސް ބޭރު ބަހެއްގެ އަޑަކަށް ބަދަލުކުރެވޭތޯ މަސައްކަތް ކުރައްވާތީ ފެނެއެވެ. އަދި ބޭރު ބަހަކުން ގެނެވި ދިވެހިބަހުގައި ބޭނުންކޮށް އުޅޭ ވަރަށް ޢާންމު ލަފުޒުތަކުގެ ވެސް "އަސްލު އަޑު" ހިފަހައްޓަވަން "ޖިހާދު ކުރައްވާ" ތަން ވެސް ފެނެއެވެ.
   
އަޅުގަނޑުމެންނަށް ދިވެހިބަސް އަދާކޮށްދީފައިވާ އަދި އަދާކޮށްދެމުން އަންނަ ޚިދުމަތްތަކާމެދު އިޚްލާސްތެރި ނަޒަރަކުން ވިސްނައިލަމާތޯއެވެ؟ ދިވެހި ބަހުގެ ބަސްކޮށާރު މުއްސަނދި ކުރެއްވުމަށް ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދިވެހިބަހާއި ތާރީޚާ ބެހޭ މަރުކަޒުން ކުރައްވާ ބުރަ މަސައްކަތާއި، ދާދި އަވަހަށް އުފެދޭނެކަމަށް ބެލެވޭ "ދިވެހިބަހުގެ އެކެޑެމީ" އިން ކުރައްވާނެ ޢިލްމީ، ޤައުމީ މަސައްކަތްތަކަށް ތަރުޙީބުދީ އެހީތެރިވުމުގެ އާ ޢަޒުމެއް ކަނޑައަޅަމާ ތޯއެވެ؟

        "ޚިދުމަތްކުރުން ބަހަށް މީ ދެއަޚެއްގެ ވާޖިބެއްނޫން
                                 އެދުނަސް ދެމީހަކަށްމީ ކުރެވޭވަރުގެ ކަމެއްނޫން."
                                             ________ ޔޫސުފް މުޙައްމަދުފުޅު ރަޙިމަހުﷲ

---------------
(ނިމުނީ)
މި ލިޔުން:
   ފޮނުވުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ