އަދުގެ ޚާއްސަ

Print

ދިވެހިބަހުގެ މަސައްކަތު ލަފުޒުތައް ނުވަތަ އަކުރު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


(ހ) އަކުރަކީ ކޮބާ؟
    ދިވެހިބަހުގައި އަކުރަކީ ބަހުގެ އަޑުތައް ލިޔުމުން ފާޅުކުރުމަށް ބޭނުންކުރާ ރަމްޒުތަކުގެތެރެއިން "ފިލި" ނޫން އެހެން ނިޝާންތަކެވެ.
    މިސާލު:  ހ، ށ، ނ، ރ، ބ، ކ، އ، . . . .

    މީގެ އިތުރަށް އެހެން ލަފުޒަކާ ގުޅިގެން ނޫނީ މާނައެއް، އާދެ! ފުރިހަމަ މާނައެއް ދޭހަނުވާ ލަފުޒުތަކަކީވެސް ދިވެހިބަހުގެ ގަވާއިދުގައި އަކުރެވެ. މިއީ ދިވެހިބަހުގައި ހިމެނޭ އަށް ބައިގެ ތެރެއިން އެއް ބަޔެވެ. މި ޒަމާނުގެ ޢިބާރާތުން ދަންނަވާނަމަ މި ފަދަ ލަފުޒުތަކަކީ މަސައްކަތު ލަފުޒެވެ. ނުވަތަ އެހީތެރިވެދޭ ލަފުޒުތަކެވެ.

    މިސާލަކަށް: އަށް، އިން، އަކީ، އެވެ، ވެސް، ގައި، އަދި ،މިފަދަ ލަފުޒުތަކަކީ އޮއްޓަރުގެ ލަފުޒުތަކާ ގުޅިގެން ޖުމުލައިގެ މާނަ ފުރިހަމަކޮށްދިނުމަށް އެހީތެރިވެދޭ ލަފުޒުތަކެވެ. މަސައްކަތު ލަފުޒޭ ކިޔަނީ އެހެންވެ އެވެ.

    އޮއްޓަރުގެ ލަފުޒުތަކަކީ އެ ލަފުޒަކުން މާނައެއް ދޭހަވާ ލަފުޒުތަކެވެ. އެހީތެރިވެދޭ ލަފުޒު ނުވަތަ މަސައްކަތުގެ ލަފުޒު ފިޔަވައި އެހެން ލަފުޒުތަކެވެ. އާދެ! ކުރިންވެސް ދެންނެވި ފަދައިން އޮއްޓަރުގެ ލަފުޒުތައް ފިޔަވައި އެހެން ލަފުޒުތަކަކީ ދިވެހިބަހުގެ ގަވާއިދުގައި އަކުރެވެ.

    މި ލިޔުުމުގައި އަޅުގަނޑު ވާހަކަދައްކާނީ އެންމެ ފަހުން މި ދެންނެވި ބާވަތުގެ އަކުރާ ބެހޭ ގޮތުންނެވެ.

(ށ) އަކުރުގެ ބާވަތްތައް
1. ގުޅުން ދޭހަކޮށްދޭ އަކުރު
މިބާވަތުގެ އަކުރު ބޭނުންކުރެވެނީ ޖުމުލައިގައިވާ ނަމާއި ކަމާ ދެމެދުގައިވާ ގުޅުން އަންގައިދިނުމަށްޓަކައެވެ.
މިސާލު: (އިން، އަށް މިފަދަ އަކުރުތައް)
    އޭނާ އެ އައީ މަދަރުސާ އިންނެވެ. (އިން އެވެ.)
    އަހަރެން ވަޙީދާ އަށް ފޮތެއް ދޭނަމެވެ.

2. ގުޅުވާ އަކުރު
މިބާވަތުގެ އަކުރުގެ ސަބަބުން އެއް ލަފުޒު އަނެއް ލަފުޒާގުޅުވައިދެއެވެ.
މިސާލު: ("އާއި"، "ނުވަތަ" މިފަދަ އަކުރުތައް)
      މަދަރުސާ އާއި ސްކޫލްތައް މިއަދު ބަންދެވެ.
      ގަލަމެއް ނުވަތަ ފަންސުރެއް ނަމަވެސް ދީބަލާށެވެ!

3. ފުރިހަމަކޮށްދޭ އަކުރު
ފުރިހަމަކޮށްދޭ އަކުރަކީ ނަމެއް ނުވަތަ ކަމެއް، ޖުމުލައެއްގައި ގެނެވޭއިރު އެއިން ދޭހަކޮށްދޭ މާނަ ފުރިހަމަކޮށް ހަރުދަނާކޮށް ދިނުމަށް ޓަކައި ބޭނުންކުރެވޭ އަކުރެކެވެ.

މިސާލު: އޭނާ ގާތު ބުނި ކޮންމެ ކަމެއް ކޮށްދޭނެ އެވެ.
      ނިދުމަކީ މަރު ފަދަ ޙާލަތެކެވެ.

4. ތަނާއި ޒަމާނުގެ އަކުރު
މި ބާވަތުގެ އަކުރު ބޭނުންކުރެވެނީ އެކަމެއް ފެށުނު ތަނާއި ނިމުނު ތަން އަންގައި ދިނުމަށާއި ކަމެއް ފެށުނު ޒަމާނާއި ނިމޭ ހިސާބު އަންގައިދިނުމަށްޓަކައެވެ.
މިސާލު: (ސުރެން، ދާންދެން މިފަދަ އަކުރުތައް)

1- ދަރުމަވަންތަ ރަސްގެފާނުގެ ޒަމާނުއްސުރެ އަދިއަދަށް ދާންދެން ދިވެހި ރާއްޖޭގައި މިއޮތީ މާތްވެގެންވާ އިސްލާމްދީނެވެ.
2- ބަނދަރުމަތީންސުރެން ބާޒާރުމައްޗަށް ދާންދެން މީހުން އޮތީ ތޮއްޖެހިފައެވެ.

5. ސުވާލުގެ އަކުރު
    މިއީ، މިންވަރާމެދު، ޢަދަދާމެދު ނުވަތަ ތަނަކާއި ނުވަތަ މީހަކާމެދު ނުވަތަ ސަބަބާ މެދު  ސުވާލުކުރުމަށް ބޭނުންކުރާ އަކުރެކެވެ. އަދި ޢާއްމުކޮށް ކޮންމެ ކަމަކާމެދު ސުވާލުކުރުމަށްވެސް ސުވާލުގެ ބައެއް އަކުރު ބޭނުންކުރެވެއެވެ. އަދި ސުވާލު ފުރިހަމަކުރުމަށްޓަކައި ބޭނުންކުރާ ސުވާލުގެ އަކުރުތަކެއްވެސްހުރެއެވެ.

މިސާލު: (ކިތައް، ކިހިނެއް މިފަދަ އަކުރުތައް)

1- ބަހާރުގޭގައި އުޅެނީ ކިތައް މީހުން ތަ؟
2- އޭނާ އެހާ އަވަހަށް އައީ ކިހިނެއް ހެއްޔެވެ؟

(ނ) ޢާއްމުކޮށް ބޭނުންކުރެވޭ އަކުރުތައް އެކި ބައިތަކަށްބެހިފައިވާ ގޮތް.

1- ގުޅުން ދޭހަކޮށްދޭ އަކުރު
    ގެ،ދެކެ،ކުރެ،ކުރެން،އިން، އަށް،ޓަކައި،ހުރެ ،ގައި،

2- ގުޅުވާ އަކުރު
    ނަމަ، ނަމަވެސް، ނޫނީ، ނުވަތަ، ނޫން، މެނުވީ، ފިޔަވައި، އާއި، ދެން ،ވީމާ، އަދި، ވެސް، ގެން، މުން، ފައި، ފަހެ،
 
3- ފުރިހަމަކޮށްދޭ އަކުރު
    އެއް، އަކު، އަކީ، އީ، އާ، އެވެ، މެ، މާ، ކަހަލަ،  ފަދަ، ހެން،

4- ތަނާއި ޒަމާނުގެ އަކުރު
    ސުރެ،  ސުރެން،  ދާންދެން

5- ސުވާލުގެ އަކުރު
    ކާކު، ކީކޭ، ކިހާ ، ކިތައް،  ކޮބާ،  ކިހިނެއް،  ކިހިނަކުން، ކީއް ،  ކޮން

6- ޖަވާބުގެ އަކުރު
    ނޫނޭ، ނޫން، ނާ، ހޫނ، އާނ، އާނއެކޭ، އާދެ، ލައްބަ، އޯތް،


(ރ) ބައެއް އަކުރު ބޭނުންކުރެވޭ ތަފާތު ގޮތްތައް:

    ގުޅުން ދޭހަކޮށްދޭ އަކުރާއި ގުޅުވާ އަކުރާއި ފުރިހަމަކޮށްދޭ އަކުރުގެ ކުރީ އަކުރާއި މިފަދަ  އަކުރުތަކުގެ ކުރިޔަށް އޮންނަ ލަފުޒުގެ ފަހު އަކުރަށް ނުވަތަ އަކުރުތަކުގެ ފިއްޔަށް ބަދަލު ގެނެވޭކަން ފާހަގަކުރެއްވުން އެދެމެވެ.

އިން
1. ގިނަވުމުގެ މާނައިގައި އާދަމުގެ ދަރީންނަށް ރައްދުކުރެވޭ ނަންނަމުގެ ފަހަތަށް
    މައިންބަފައިން، ޠާލިބާއިން، ކާތިބުން (ކާތިބު އިން)

2- ކަން ހިނގުމަށް ފެށޭތަން ބަޔާންކުރުމަށް
    މާލެއިން އަތުވެއްޖެ، ރަށުން (ރަށް އިން) ފުރައިފި

3. އެހީ ލިބުމުގެ މާނަ ދޭހަކުރުމުގައި
    ގަލަމުން(ގަލަން އިން) ލިޔެފި،     އަނގައިން ކައިފި ،       އަތުން (އަތް އިން) ނަގައިފި

ތަނެއް ނުވަތަ އެއްޗެއްގެ ތެރެއިން ކަން ވުމުގެ މާނަ ދޭހަކުރުމަށްޓަކައި
    ތެލިން(ތެލި އިން) ރިހަ އަޅައިފި،      ވަޅުން (ވަޅު އިން) ފެން ނަގައިފި،  ކަނޑުން (ކަނޑު އިން)މަސް ބާނައިފި

އަށް
(1) ކަން ހިނގައި ނިމޭތަން ބަޔާންކުރުމަށް
    މިސާލު: ގެއަށް އަތުވެއްޖެއެވެ. ހުޅުލެއަށް ދާނަމެވެ.

(2) މިލްކުވުމުގެ މާނައިގައި
     މިސާލު: ޙަމްދު ހުރީ ﷲ އަށެވެ. (އަށް އެވެ.)

(3) ސަބަބު ބަޔާންކުރުމުގެ މާނައިގައި
    މިސާލު: ނަމާދަށް ހިނގައްޖެ

އަކީ/އީ
    އިސްބައިގެ ފަހަތަށް ޚަބަރެއް އެބަ އަންނަކަމުގެ މާނަ ދޭހަކޮށްދިނުމަށް
    މިސާލު: ހަރުފައަކީ ވިހަގަދަ އެއްޗެކެވެ.
          މައްކާއީ ބަރަކާތްތެރި ރަށެކެވެ.
އާއި
    އެއް ނަމެއް، އަނެއް ނަމާ ގުޅުމަށް ނުވަތަ ގުޅަމުން ގެންދިޔުމަށް
    މިސާލު: ދިވެހިބަހާއި ތާރީޚާއި ސަގާފަތް

އާ
   (1) ނަން ޚާއްޞަވުމުގެ މާނަ ދޭހަކުރުމަށްޓަކައި
    މިސާލު: އިންސާނާ  (އިންސާން އާ)
        ރަސޫލާ (ރަސޫލް އާ)
   (2) ކަމަކާ ބެހޭ ގޮތުން ނުވަތަ އެއްޗަކަށް، މީހަކަށް ނުވަތަ ކަމަކަށް އިޝާރާތްކޮށް ވާހަކަދައްކާއިރު
    މިސާލު: އެ ކަމާމެދު ބުނާނެ އެއްޗެއް ނެތެވެ.
          އެ މީހުންނާ މެދު އެޅޭނެ އިތުރު ފިޔަވަޅެއް ނެތެވެ.

އެއް/އަކު
    (1) ނަން ޢާއްމުކުރުމުގެ މާނައިގައި
    މިސާލު: ރަނގަޅު ވިޔަފާރިއެއް،
          ދަބަހަކު ފައިސާއެއް ނެތެވެ.

    (2) ނަފީކުރުމުގައި ނަން ޢާއްމުކުރުމަށް ޓަކައި
    މިސާލު:އޭނައެއް ނޫން
         މީހަކު ނުބުނޭ

    (3) ބަސް ގަދަކުރުމުގައި
    މިސާލު: މަށެއް ނުދާނަން.
          މަށަކު ނުދާނަން

އެވެ.
     ޖުމުލަ ފުރިހަމަކުރުމަށްޓަކައި (ލިޔުމުގައި)
     މިސާލު: މުޙައްމަދު އަންނާނެއެވެ.

ޓަކައި
     ސަބަބު ބަޔާންކުރުމުގެ މާނައިގައި "އަށް" މިއަކުރުގެ ފަހަތަށް
     މިސާލު: ދީނަށް ޓަކައި ޤުރުބާންވާން ކެރޭށެވެ!

ހުރެ
     ސަބަބު ބަޔާންކުރުމުގެ ގޮތުން
     މިސާލު: މަސައްކަތާހުރެ މިއަދު ނުދެވުނީއެވެ.

ދެން
     (1)ކަން ކުރުމުގެ އިސްފަސްކަން ބަޔާންކުރުމާއެކު، ކަން ރައްދުވުމުގައި އެއް ގޮތްވުމާއި އެއްނަން އަނެއް ނަމާ ގުޅަމުން ގެންދިޔުމުގެ މާނަ ދޭހަކުރުމަށް
    މިސާލު: ފުރަތަމަ ހަނޑޫކޮޅު ހޮވާށެވެ! ދެން ރީއްޗަށް  ދޮވެލާށެވެ. . . . . . . . . ދެން ކާންވީއެވެ.

     (2) ކަންތައް ގުޅުމުގައި
     މިސާލު: އޭނާ ކައިފިއެވެ. ދެން ދިޔައީއެވެ. ދެން އަނެއްކާ އައީއެވެ.

     (3) ނުރުހުން ފާޅުކުރުމާއި ރަނޑުވުމުގެ ގޮތުން:
     މިސާލު: ދެން ސާބަހޭ މީނަ ވެސް އުޅޭ ވައްތަރެއް

ދެންފަހެ
    ދެ ޖުމުލައެއްގެ ދެމެދުގައި، ޖުމުލައަކުން ނުވަތަ ޖުމުލަތަކަކުން ބުނި ބުނުމެއް ނިންމައިފައި އެހެންބުނުމެއް ފަށާއިރު އެ ދެމެދު ގުޅުވައިލުމަށްޓަކައި:
    މިސާލު: "....... އިތުރު رسول الله ގެ ފާނާ ބައްދަލުވެއްޖެނަމަ أبوبكـرގެފާނުގެ އަރިއަހަށް ގޮސް علـم  حــاصل  ކުރައްވަތެވެ. މި ގޮތުގެމަތީން އުޅުއްވައި އެކަލޭގެފާނީ  د يـن ގެ فقــه  ވެރިޔަކުކަމުގައި ވެގެންފިއެވެ.
       ދެންފަހެ، މިބައިމީހުން މި ތިބި ތިބުމުގައި އިތުރު رسول الله ގެފާނުން ދީނަށް ގޮވައިލެއްވި ގޮވައިލެއްވުމަށް إجـاب  ދީ  إســلام ވެއްޖައޫއެވެ......"  (السيرة النبوية  3  صفحة 115)

މެ
      ބަސް ގަދަކޮށްލުމުގެ މާނައިގައި
    މިސާލު: ރިޕޯޓް ލިޔުނީ ހަސީނާއެވެ. ރިޕޯޓް ހުށަހެޅީވެސް އޭނާ މެ އެވެ.

ދާންދެން
      (1) ޒަމާނުގެ ގޮތުންނާއި ތަނުގެ ގޮތުން ކަންވެ ނިމޭ ހިސާބު ބަޔާންކުރުމަށް
      މިސާލު:  އިރުއޮއްސިއްޖައުމަށް ދާންދެން އޭނާ އުޅުނީ މަސައްކަތުގައެވެ.

      (2) ބުނުމުން ރައްދުވާ ފަރާތާއި ބައިވެރިކުރުމުގެ މާނައިގައި
       މިސާލު: ބާޒާރުމައްޗަށް ދާންދެން އޮތީ ފެންބޮޑުވެފައެވެ. އެހެންވެ، ފައިކުރިޔަށް ދާންދެން ތެމުވެ.

ފަހެ
    ސަބަބު ބަޔާންކުރުމާއެކު ބަސް ގަދަކޮށްލުމުގައި (މި ލަފުޒު "އާނ" "އެހެންޏާ" މި ދެ ލަފުޒުންކުރެ ލަފުޒަކާ ގުޅުވައިގެންވެސް ބޭނުންކުރެވެއެވެ.)
    މިސާލު: ތިޔައީ މަނާކަމެއްކަން ކަލެޔަށް ފަހެ ނޭނގެނީތަ؟
        އާނ ފަހެ! މީ ދެން ކިހާ ބޮޑުކަމެއް
        އެހެންޏާ ފަހެ! މީހަކު ހައިރާނެއް ނުވާނެތަ!

އަދި
(1) ދެ ޖުމުލައާއި ދޭދޭ ބަސް ގުޅުވައިލުމަށް
    މިސާލު: ޝަފީޤާއާއި އަދި ޢުމަރު ހިނގައްޖެއެވެ.

(2) އިތުރަށް އެއްޗެއް ބޭނުންވުމުގެ މާނައިގައި
      މިސާލު: އަދި އިތުރަށް ބޭނުމެވެ.

(3) ނަފީގެ ބަސް ގަދަކުރުމުގައި
    މިސާލު: މަންމަ އަދި ވެސް ނާދެއެވެ.

ނަމަ
    (1) ނަމަވުމުގެ މާނައިގައި
    މިސާލު: މިއަހަރު ކޯހެއް ލިބޭނެނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ؟

    (2) އެދުން ފާޅުކުރުމުގެ މާނައިގައި   
    މިސާލު: އޭނާ މަސައްކަތްކުރި ނަމަ ކާމިޔާބުވީހެވެ.

މާ / ޔާ
     (1) ނަމަވުމުގެ މާނަ ދޭހަކޮށް ދިނުމުގައި
             މިސާލު: ދިޔައިމާ އެނގޭނެއެވެ.
                  ދިޔައްޔާ އެނގޭނެއެވެ.

     (2) ޝަރުޠުގެ މާނަ ދޭހަކޮށްދިނުމަށް
             މިސާލު:ލިބުނީމާ ދޭނަމެވެ.
                  ލިބުނިއްޔާ ދޭނަމެވެ.

ސުރެ/ ސުރެން
     ކަން ވާން ފެށި ޒަމާނާއި ތަން ބަޔާންކުރުމުގައި
      މިސާލު: އެންމެ ޅަފަތުއްސުރެ އަހަރެން ނަމާދުކުރަމެވެ.
            އޭރުއްސުރެން އަހަރެން އުޅެނީ މި ގޭގައެވެ.

ގެ
      (1) މިލްކުވެގެންވުމުގެ މާނައިގައި
          މިސާލު: މޫސާގެ ގަމީސް

      (2) އެކަތި އަނެކައްޗަށް ނިސްބަތްވެ ގުޅިގެންވުމުގެ މާނައިގައި
         މިސާލު: ގަހުގެ ފަތް

      (3) ހެދިފައިވާ އަޞްލު ބަޔާންކުރުމުގައި
         މިސާލު: ރަނުގެ ގަހަނާ

      (4) އެއްޗެއް، ތަނެއް ނުވަތަ މީހަކަށް ރައްދުވުމެއް ނެތި ހަމައެކަނި ސިފައަކަށް ނުވަތަ ކަމަކަށް ރައްދުވާ ދެ ނަމެއް ގުޅުވައިދިނުމުގައި
         މިސާލު: ދީނުގެ އަޞްލު

ހަމަ
      (1) ކަށަވަރުކުރުމުގެ މާނަ ދޭހަކޮށް ދިނުމަށް
          މިސާލު: އެއްބަސް ނުވިޔަސް އެކަންކުރީ ހަމަ ހައްވައެވެ.

      (ށ) ކަށަވަރުކުރުމުގެ މާނަ ގަދަކޮށްލުމަށްޓަކައި
          މިސާލު: ހަމަ ކަށަވަރުންވެސް

ތޯ/ ތަ
        (1) ޙައިރާންވުމުގެ މާނައާއި އެދުން ފާޅުކުރުމުގެ މާނަ ދޭހަކޮށްދިނުމަށް
           މިސާލު: ޤައުމަށް ޓަކައި ޤުރުބާންވަމާތޯ! (ނޯޓު: މިއީ މާތް ގޮތާއި އެނެމެ މާތް ގޮތުގައި ބޭނުންކުރާ އަކުރެކެވެ. މި ޖުމުލަ އާދައިގެ ގޮތަށް ބޭނުންކުރާނީ "ޤައުމަށް ޓަކައި ޤުރުބާންވަމާހެއްޔެވެ!" މިހެންނެވެ.

                ދެން ތިޔައީ ކިހާ ދެރަކަމެއްތަ! (ނޯޓު: މިއީ އާދައިގެ ގޮތަށް ބޭނުންކުރާ އަކުރެކެވެ. މާތް ގޮތާއި އެނެމެ މާތް ގޮތުގައި މި ޖުމުލަ ބޭނުންކުރާނީ  "ދެން ތިޔައީ ކިހާ ދެރަކަމެއްތޯ!" މިހެންނެވެ.

        (2) ސުވާލުގެ އަކުރެއްގެ ގޮތުން ޖުމުލައިގެ ފަހަތަށް
           މިސާލު:   މަށަށް ކަމެއް ކޮށްދީފާނަންތަ؟  (އާދައިގެ ގޮތް)
           އަޅުގަނޑަށް ކަމެއް ކޮށްދެއްވައިފާނަންތޯ؟ (މާތް ގޮތާއި އެންމެ މާތް ގޮތް)
        
ނުވަތަ/ ނޫނީ
       ދެކަމެއް ނުވަތަ އެތައް ކަމެއްގެ ތެރެއިން ކަމެއް ހޮވައި އެކަމެއްގެ ވާހަކަ ބުނުމުގެ މާނައިގައި
       މިސާލު: މޫސަ ނޫނީ ތިހެން ބުނި މީހަކާ ދިމައެއް ނުވެއެވެ.
             މެސެޖުން ނުވަތަ ފެކުހުން ފޮނުވިޔަސް ގަބޫލުކުރެވިދާނެ އެވެ.

ކުރެ
      އެކަތި އަނެކައްޗާ އަޅައި ބެލުމުގެ މާނައިގައި
      މިސާލު: މާނާ އާއި މީނާއާ ދެ ކުދީން ކުރެ ރީތީ ކޮންކުއްޖެއް؟

ކުރެން
     (1) ކިބައިން، ފުށުން، ފަރާތުން، މިއިން މި އަކުރުތަކުގެ މާނައިގައި އެ އަކުރެއްގެ މާނައިގައިގައި
         މިސާލު: އޭނާ ކުރެން އަހާށެވެ!

     (2) އެކަތި އަނެކައްޗާ އަޅައި ބެލުމުބައި
         މިސާލު: މި ދޭތިން ކުރެން ރަނގަޅީ ކޯއްޗެއް؟

ދެކެ
     ހިތުގައި އުފެދޭ ޝުޢޫރަކާ ގުޅިގެން
     މިސާލު: އަހަރެން މަރީ ދެކެ ވަރަށް ލޯބިވެއެވެ.އޭނާއަށް އެކަން ނޭނގެނީ އެވެ. 

މެނުވީ/ނޫނީ/ނޫން
    އިސްތިސްނާކުރުމުގެ މާނައިގައި
    (1) މުޙައްމަދު ނޫނީ ރަނގަޅު ކުއްޖަކު ނެތެވެ.
    (2) ކޮއްކޮ ނޫން އެންމެން ރޯދަހިފިއެވެ.
    (3) ރާޝިދާ މެނުވީ ތޫނުފިލި ކުއްޖަކު ނެތެވެ.

ފިޔަވައި
    (1) އިސްތިސްނާކުރުމުގެ މާނައިގައި
    މިސާލު: އަޅުގަނޑު ފިޔަވައި އެހެން އެންމެން އެކަން ގަބޫލުކުރި އެވެ.

    (2) "ދުރަށް ދިޔުން" ނުވަތަ "ދޫކޮށްލުމުގެ" މާނައިގައި
    މިސާލު: ހެޔޮ މަގު ފިޔަވައި އެނބުރިގަތުން ހެޔޮނުވާހުއްޓެވެ!

ވެސް
    (1) ދޭދޭ ލަފުޒު ގުޅައިލުމުގައި
    މިސާލު: ކެއްކީވެސް ލީނާ އެވެ. ކާން ހެދީވެސް އޭނާ އެވެ.

    (2) އަދި/ނަމަ/ދެން މި ލަފުޒުތަކާ ގުޅުވައިގެން
    މިސާލު: އަދިވެސް ހަމަ ކުޅޭނަންތަ؟

މުން/ގެން/ފައި
    (1) ކަންކުރި ފަރާތް، ކަން ކުރިއިރު އޮތް ގޮތް ބަޔާންކުރުމުގެ މާނައިގައި
    މިސާލު: އޭނާ ނަމާދުކުރަނީ އިށީނދެގެން އިނދެއެވެ.

    (2) ކަންކުރި ފަރާތް އެއް ގޮތްވުމާއެކު، އެއްކަމެއް އަނެއް ކަމަކާ ގުޅަމުން ގެންދިޔުމުގައި
    މިސާލު: ހަސަނު އައިސް ވަދެފައި އިށީނދެފައި ދުފަމުން ދުފަމުން ނުކުމެގެން ހިނގައްޖެއެވެ.

ފަދަ/ހެން/ކަހަލަ

     ދޭއްޗެއް އެއްފަދަވުމުގެ މާނަ ދޭހަކޮށްދިނުމަށްޓަކައި
     މިސާލު:  ހާޝިމް ވަރުގަދަ އެތެއް ފަދައެވެ.
           އޭނާ ހީވަނީ ރުޅި އައިސްފައި ހުރިހެންނެވެ.
           އެއީ ހަމަ ހާނިމްކަހަލަ ކުއްޖެކެވެ.

ގައި
     (1) ފަރާތް  ބަޔާންކުރުމުގައި         
     މިސާލު: އޭނާގައި އުނިސިފަތައް ވަރަށް މަދެވެ.

     (2) ތަން  ބަޔާންކުރުމުގައި
     މިސާލު: މަގުމަތީގައި ހިނގާންވާނީ ބަލައިގެންނެވެ.
  
     (3) އެއްޗެއްގެ ތެރޭގައި އެއްޗެއް ވުމުގެ  މާނައިގައި
     މިސާލު: ސިމެންތި ހުރީ ގުދަނުގައެވެ.  (ގައި އެވެ.)

ޚާއްޞަ ނޯޓެއް:
         "ގައި" "ގެ" މި ދެއަކުރުގެ މާނަ ވަރަށް ގިނަ ފަހަރު ވިސްނުމަށް ދޫކޮށްލައި ލިޔުމާއި ކިޔުމުންވެސް ދޫކޮށްލެވިފައި ހުރެއެވެ.

          މިސާލު: މާލޭ މަސް މާރުކޭޓު، (އަޞްލަކީ މާލޭގެ މަސްމާރުކޭޓު)
                މޭޒުމަތީ ބަހައްޓާށެވެ!  (އަޞްލަކީ މޭޒުމަތީގައި ބަހައްޓާށެވެ!)
.......................
         "މިޔާ މެދު ފާޑުވެރިޔަކު ފާޑުކިޔަމުން ދާނެ ނަމަ ޝުކުރޭ
                                   ހިޔާވަހިކަން ބަހުގެ ގުލްޒާރުގައި ވާނީ އެއިން އިތުރޭ"

-------------
(އަދި ނުނިމޭ)

މި ލިޔުން:
      ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
      އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
      ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ