އަދުގެ ޚާއްސަ

Print

ކަޅު ވިލާގަނޑު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



އާމިނަތު ނާޒުނީ، ތ.ހިރިލަންދޫ
      
އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށްފަހު، މަންމައާއި ބައްޕަގެ ޙަޔާތުގެ ބަގީޗާގައި ފޯދުނު އެންމެ ފުރަތަމަ ފިނިފެން މަލެވެ. ކޮންމެ ދުވަހަކު ފެނާއި ކާނާ ދީ، އެ މާ ފޮޅުވުމަށްޓަކައި ބުރަ މަސައްކަތް ކުރެއެވެ. އޭގެ ފޮނިކަމާއި މީރުވަހުން، ދިރިއުޅުމަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނައުމުގެ ފޮނި އުންމީދުގައެވެ. އަދި ހަމަ އެހެންމެ، މަލެއް ފޮޅި ފުރިހަމަ ވުމަށް އެޅިދާނެ ކޮންމެ ހުރަހަކުން ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ތައްޔާރުވެގެން ތިބޭ ޙާލުގައެވެ. ނަމަވެސް އެ މާ ފަރިނުވަނީސް ފިޔަތައް މިލައި މޯޅިވެދާނެކަމަށް ހީކުރީ ކާކު ހެއްޔެވެ؟
      
އަހަރެންގެ އުމުރުން ބާރަ އަހަރުގައި އަމިއްލަ ރަށް ދޫކޮށް، އަހަންނާއި އަހަރެންގެ ޢާއިލާ ދެވަނަ ވަޒަނެއް ޚިޔާރު ކުރަން ޖެހުނީ، ފެންވަރު ރަނގަޅު ތަޢުލީމެއް ހޯދުމަށްޓަކައެވެ. މައިންބަފައިން އަހަންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދޭން ބޭނުންވާތީ އެވެ. އެކަމަށްޓަކައި އެމީހުން އެތަކެއް ޤުރުބާނީއެއް ވިއެވެ. ކިޔެވުމާއި ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ޖެއްސުމަށްޓަކައި މަންމައާއި ބައްޕަވެސް ވަޒީފާ އަދާކުރި އެވެ. ނަމަވެސް ދެމީހުން ވަޒީފާއަށް ދާ ވަގުތު އަހަރެން ސްކޫލަށް ދާ ވަގުތާއި ދިމާވާތީ، ގޭގައި އެކަނިވެފައި ހުންނާކަށް ނުޖެހެއެވެ. މަންމަމެން އެކަމަށް ތަނެއް ވެސް ނުދޭނެއެވެ. މި ހުރިހާ ކަމަކާއި އެކުވެސް، ގޭތެރޭގައި އަހަންނާ އެއް ފުރައިގެ އެހެން އެއްވެސް ކުއްޖަކު ނުހުންނަ ކަމުގެ އިޙްސާސް ބައެއް ފަހަރު ކުރަން ޖެހެއެވެ.
      
ގޭތެރޭގެ މާޙައުލުގެ އިތުރުން، އަބަދުވެސް، ދުވަސް ފެށިގެން ނިމެމުން އަންނަ ގޮތް ބަދަލުވެގެން ދިޔައީ، ގެއަށް އައި އިތުރު މެހެމާނެއްގެ ސަބަބުންނެވެ. އެއީ ދެބޭންގެ ދެދަރި ބޭބެއެކެވެ. އަހަރެން ކިޔާ ގޮތުންނަމަ ޝާހުބެ އެވެ. ބޭބެއެއްގެ ލޯތްބާއެކުގައި، މަޖާކޮށް ސަކަރާތްޖަހައި ހަދާނެ މީހަކު ލިބުނީކަމަށް އަހަރެން ހީކުރީމެވެ. ރަށުގައި އުޅުނުއިރު ތަޖުރިބާ ކުރެވުނު ޝާހުބެގެ ސަކަ މިޒާޖާއި، ލޯތްބާއި އެހީތެރިކަމަކީ،  އަހަރެން ދިރިއުޅެމުން އައި، އާ މާޙައުލަށް ހިތުގެ އަޑިން ބޭބެއަށް މަރުޙަބާ ކިޔަން ބޭނުންވި އެންމެ ބޮޑު އެއް ސަބަބެވެ.
      
ޝާހުބެއަކީ އަބަދު ވެސް އެއްޗެހި ކުރަހައި ޑިޒައިންކުރުމަށް ވަރަށް މޮޅު، އެ ހުނަރު ލިބިފައިވާ މީހެކެވެ. ރަށުގައި ވެސް އަހަރެންގެ ސްކޫލް މަސައްކަތްތަކުގައްޔާއި، އެހެންވެސް ކުރެހުމުގެ މަސައްކަތްތަކުގައި ޝާހުބެ އަބަދު ވެސް އެހީތެރިވެދެއެވެ. ބޭބެ މާލެ ބަދަލުވީ އެ ދާއިރާއިން ކޯހެއް ހެދުމަށެވެ. މި ކޮޅަށް އައުމުން ވެސް އަހަރެން އުންމީދު ކުރި ފަދައިން، ޝާހުބެގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. އޭގެ އިތުރުން، އެކުގައި ވަރަށް މަޖާކޮށް ސަކަރާތްޖެހުމަކީ ކުރިއެކޭ އެއްގޮތަށް އާދައަކަށް ވިއެވެ. ނަތީޖާއަކަށްވީ ގޭތެރޭގައި ކުރިން އޮންނަ އެކަނިވެރިކަން ފިލައި، ގޭތެރެއަށް އުފާވެރިކަން ވެރިވުމެވެ.
      
އަހަރެންގެ މައިންބަފައިން ޝާހުބެ ދެކެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ބޭބެ ދެކެ ވަރަށް ލޯބިވެއެވެ. ފިރިހެން ދަރިއަކު ނުހުންނާތީ ކަމަށް ވެސް ވެދާނެ އެވެ. އަހަންނަށް ދިން ކޮންމެ އުފަލެއް ބޭބެއަށް ވެސް ދިނެވެ. އަހަންނަށް ހޯދައިދިން ކޮންމެ އެއްޗެއް ޝާހުބެއަށް ވެސް ހޯދައިދިނެވެ. މި މަކަރުވެރި ދުނިޔޭގެ މަޅިތަކުން އަހަރެން ސަލާމަތްކުރުމަށް އަހަރެން ޝާހުބޭގެ ރައްކާތެރިކަމުގައި ބައިންދައެވެ. ގެއިން ބޭރަށް ނުކުތުމުގެ ކުރިން މަންމަ އަބަދުވެސް ބުނެއުޅޭ ދެ ވާހަކައެއް އަދިވެސް ހަނދާން ހުރެއެވެ. އަހަރެންނަށް ބަސްއެހުމަށާއި، ޝާހުބެއަށް ބުނަނީ މަންމަގެ ދަރިފުޅު ރަނގަޅަށް ބެލުމަށެވެ. މަންމަ އަބަދު ވެސް ބުނާ ފަދައިން، ޝާހުބެ އަހަރެން ވަރަށް ރަނގަޅަށް ބަލައެވެ. އަހަރެން ހިތުގައެއް ނުޖައްސައެވެ. ފޫހިވާނެ ކުޑަވެސް ވަގުތުކޮޅެއް ނުދެއެވެ. ހުރިހާ ކަމެއްގައި ވެސް ނުހަނު އެހީތެރިވެދެއެވެ. ނަމަވެސް އެ ޝާހުބެ އަހަންނަށް ގެއްލުނީ އެއް ރެއެއްގައި ކޮމްޕިއުޓަރުން ބޭބެ ބެލި ވީޑިއޯއަކަށް ފަހުގައިކަން އަހަންނަށް ޔަޤީނެވެ.
     
އާނއެކެވެ! އެއީ މަންމައާއި ބައްޕަ ޕާޓީއަކަށް ދިޔުމަށް ތައްޔާރު ވަމުން ދިޔަ ރެއެކެވެ. އަހަރެން ވެސް ޕާޓީއަށް ދާން ބޭނުންވި އެވެ. އެރޭ ބޮޑާހާކަމުން މަންމަގެ ފަހަތުން ހިނގި ހަނދާން މާ ރަނގަޅަށް ވެސް ހުރެއެވެ. ނަމަވެސް އެރޭ ވެސް ކުރި ލިބުނީ މަންމައާއި ބައްޕަގެ ކޮޅަށެވެ. އޮފީސް ބަޔެއްގެ ޕާޓީއެއް ކަމަށާއި، ކުޑަކުދިންނަށް ބައިވެރިވެވެން ނެތްކަން އޯގާތެރިކަމާއެކު ބުނެ މަންމަ ވިސްނައިދިނެވެ. މި ފަހަރު ވެސް އަހަރެން ގާތުގައި ބަސް އެހުމަށް ބުންޏެވެ. އަދި އެނބުރި އަންނައިރު އައިސްކްރީމް ތަށްޓެއް ގެނަސްދިނުމަށް ވަޢުދުވިއެވެ. މަންމަގެ ދެވަނަ ބަސްކޮޅު ޝާހުބެއަށް އަމާޒުކުރި ހަނދާން ވެސް ވެއެވެ. ކޮމްޕިއުޓަރަށް ގެއްލިފައި އިން ޝާހުބެއަށް ޖަވާބުގައި ބުނެވުނީ ހަމައެކަނި 'ހޫނ' އެކެވެ.
     
މަންމަމެން ނުކުމެގެން ދިޔަ މަންޒަރު ބަލަން، ގެއްލިފައި އިރުކޮޅަކު އަހަންނަށް އިނދެވުނެވެ. އެ ވަގުތު ގޮތް ނޭނގޭ އިޙްސާސެއް ކުރުވިއެވެ. ސަބަބެއް ނޭނގޭ ހިތް ނުތަނަވަސް ވުމެއް ވެރިވިއެވެ. އިރުގަނޑަކު އެހެން އިނުމަށްފަހު، އަހަރެން ޝާހުބެ ގާތަށް ދިޔައީ ފޫހިވާތީ އެވެ. ނަމަވެސް ބޭބެގެ ސަމާލުކަން އަހަންނަށް ލިބޭ ގޮތެއް ނުވިއެވެ. ދެވަނަ ފަހަރުވެސް ހަމަ އެގޮތަށް މަސައްކަތް ކުރީމެވެ. އަދި ޝާހުބެއާއެކު ކޮމްޕިއުޓަރު ކުޅެން ބޭނުންވާ ވާހަކަ ބުނީމެވެ. އަހަރެންގެ މަސައްކަތް ކާމިޔާބު ނުވާނެކަން އަހަންނަށް ޔަޤީންވީ، ކޮމްޕިއުޓަރުން އެވަގުތު ޝާހުބެ ބަލަމުން ދިޔައީ ކުޑަކުދިން ބަލާ ކަހަލަ އެއްޗެއް ނޫން ކަމަށާއި، ދެން ނިދަން ދިޔުމަށް ޝާހުބެ ބުނުމުންނެވެ. އެވަގުތު ތަފާތު ގިނަ ސުވާލުތަކެއް ހިތު ތެރޭގައި އުފެދުނެވެ. ޝާހުބެ އެހެން އެބުނީ ކީއްވެ ހެއްޔެވެ؟ ކުޑަކުދިން ވީމާ ނުބަލަންވީ އެއްޗެއް އޮވޭ ހެއްޔެވެ؟ އެހެންނަމަ އެއީ ކޮން އެއްޗެއް ހެއްޔެވެ؟ ނިދަން ދިޔައިރު މި ހުރިހާ ސުވާލުތަކެއް ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައެވެ.
      
އެރޭ ނިދާފައި އޮވެފައި، އަހަންނަށް ކުއްލިއަކަށް ސިއްސައިގެން ހޭލެވުނެވެ. އެވަގުތު ހައިރާން ކުރުވަނިވި ދެކަމެއް ފާހަގަ ކުރެވުނެވެ. އާދަޔާ ޚިލާފަށް އަހަރެން ހިއްލާފައި ހުރި ދަލާއި، ކޮޓަރި ތެރެއިން އެއްވެސް އެއްޗެއް ނުފެންނަ ކަމެވެ. ނިދުމުގެ ކުރިން ނިދާ ބޮކި ދިއްލުމަކީ، ދުވަހަކުވެސް އަހަރެން ހަނދާން ނެތުނު ކަމެއް ނޫނެވެ. ވީއިރު، އެރޭ ކޮޓަރިތެރެ އަނދިރިކޮށް އޮންނަންވީ ސަބަބެއް ނޭނގުނެވެ. ދެން އަހަންނަށް ވިސްނައިލެވުނީ، ހޭލެވުމުގެ ކުރިން އަހަންނަށް ފެނުނު ހުވަފެނާ މެދުގައެވެ.

މަންމައާއި ބައްޕައާއެކު، އަހަރެން އަތިރިމަތީގައި ހިނގަމުން ދިޔައީމެވެ. އެވަގުތު ލޮލުގައި އަޅައިގަތީ، ދުވަހަކުވެސް ނުދެކޭފަދަ ރީތި، އެކި ކުލަކުލައިން ދަޅައަރާ ބޮއްޔެކެވެ. އަހަރެން މަޑުޖެހިލީ އެ ބޮލި ނެގުމަށްޓަކައެވެ. ކުއްލިއަކަށް އެއިން ފައިތަކެއް ނިކުމެ އަހަރެންގެ އަތުގައި ތަތްކޮށްލިއެވެ. އަދި ވެލިގަނޑުގެ ތެރެއަށް އަހަރެން ދަމައިގަތެވެ. މަޑު ހިނގުމެއްގައި މަންމައާއި ބައްޕަ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން ދިޔައިރު، އެމީހުންނަށް އެކަމުގެ ހިލަމެއްވެސް ނުވެއެވެ. އަހަރެން ވެލިގަނޑުގެ ތެރެއަށް ވަންނަމުން ގޮސް، އިރުކޮޅެއް ފަހުން ނޭވާ ހާސްވާން ފެށިއެވެ. ހޭލެވުނުއިރު ހިއްލާފައި ހުރި ދަލުގެ އަސްލަކީ، އެ ހާސްކުރުވަނިވި ބިރުވެރި ހުވަފެންކަން އެވަގުތު ވިސްނުނެވެ.
     
އެހެން ރެއެކެވެ. ޖެހި ބާރު ގުގުރިއާއެކު، އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ދެލޮލުން ނިދީގެ އަސަރު މުޅިން ކެނޑިގެން ދިޔައެވެ. ކުރިން ރެއެކޭ އެއްގޮތަށް އެ ރޭ ވެސް ކޮޓަރިތެރެއަށް ވަނީ އަނދިރިކަން ވެރިވެފައެވެ. މެދު ކެނޑުމެއްނެތި ފުރާޅުން އިވެމުން ދިޔަ އަޑުން، ވާރޭ ވެހެމުން ދާކަން އަންގައި ދިނެވެ. މުޅި ގޭތެރެވަނީ އެ އަޑުން ގުގުމާލާފައެވެ. ކުއްލިއަކަށް ވިދައިލި އަލިގަދަ ވިދުވަރާއެކު، އަލަމާރި ކައިރިން މީހެއްގެ ސޫރަ ސިފަވިހެން ހީވިއެވެ. ގަތް ބިރުން އިން ތަނުން ތެދުވާކަށް ނުކެރުނެވެ. އިރުކޮޅަކު އެހެން އިންދައި، އަނެއްކާވެސް މީހެއްގެ ހިލަމެއް ވީހެން ހީވިއެވެ. އަހަރެންގެ މޭގަނޑު ތެޅެން ފެށިއެވެ. ގައި ހުރި ވަރެއް ލާފައި، އަޑުގެ ނެތް ތަނަށް ހަޅޭއްލަވަން އަނގަ ހުޅުވާލިތަނާ، އެ މީހަކު އައިސް އަހަރެންގެ އަނގަމަތީގައި ވަރަށް ބާރަށް އަތް އެޅިއެވެ.
      
ނޭފަތުގައި ޖެހުނު ސެންޓުގެ ވަހާއި އެމީހެއްގެ އަތުގެ ބީހުމުން، އެއީ ކާކުކަން އަހަންނަށް މާ ރަނގަޅަށްވެސް ޔަޤީންވިއެވެ. އާނއެކެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. އަހަރެންގެ ޝާހުބެއެވެ. ބޭބެގެ އެ އާދަޔާ ޚިލާފު، ހައިރާން ކުރުވަނިވި ހަރަކާތުން އަަހަރެންގެ ހިތަށް ނޭނގޭ ކަހަލަ ބިރުވެރިކަމެއް ވަދެގެން ދިޔައެވެ. މެއަށް ފިނިވާން ފެށިއެވެ. ކުރާނެ ކަމެއް އަދި ހަދާނެ ގޮތެއް ވެސް އަހަރެންގެ އެ ޅަ ސިކުނޑިއަކަށް ނުވިސްނުނެވެ.
      
ޝާހުބޭގެ އަތް އަހަރެންގެ ހަށިގަނޑުގެ އެތަން މިތާނގައި ހަރަކާތްކުރަން ފެށިއެވެ. ވާން އުޅެނީ ރަނގަޅު ކަމެއް ނޫންކަން އަހަރެންގެ ހިތަށް ޔަގީންވިއެވެ. ޖެހިފައިވާ މަޅިން ސަލާމަތެއް ހޯދުމަށް ގަދަކަން ދައްކައިލި ހިނދު، ޝާހުބޭގެ މޫނުމަތިން އެފެނުނު ކުލަވަރު އެއީ އޭގެ ކުރިން ދުވަހެއްގައި ވެސް  ފެނުނުކަމެއް ނޫނެވެ. ރުޅިވެރިކަމާއި ނަފުރަތު އޭނާގެ މޫނުމަތިން ކެކި އަރަނީއެވެ. ހަމަ އެވަގުތު ބޭބެގެ އަމަލުތައް ވަލު ޖަނަވާރެއް ފަދައިން ހަރުކަށި ވެގެންދިޔައެވެ. ގުޑައިލަން ވެސް ނުކެރިފައި، މަރުވެފައިވާ މައްޔިތެއް ފަދައިން އެނދުމަތީގައި އަހަރެން އޮތީމެވެ. ޝާހުބެ އަހަރެންގެ ހަށިގަނޑަށް ސަވާރުވީ ރަޙުމު ކުޑަ ޝިކާރަވެރި ބާޒެއް ފަދައިންނެވެ. އޭގެ ވަކިތަކުން އަހަރެންގެ ހަށިގަނޑުގެ ގުނަވަންތައް ޝިކާރަކުރަމުން އޭގެ ފައިދާ ލިބިގަންނަމުން ދިޔައެވެ. ވެހެމުން ދިޔަ ވާރެއާއި ޖަހަމުން ދިޔަ ބާރު ގުގުރީގައި އަހަރެންގެ ހަޅޭކުގެ އަޑު ވައިގެ ތެރެއަށް ފަނޑުވެގެން ދިޔައެވެ. ނަމަވެސް އަހަރެންގެ ނަފްސާއި ޖިސްމު އެ ވޭނީ އާހުގައި އަނދަމުން ދިޔައެވެ.
     
އެއީ އަހަރެންގެ ޝާހުބެއެވެ. މަންމަމެން ދަރިއެއް ކަމުގައި ދުށް އަދި އަހަރެން ބޭބެއެއް ފަދައިން ލޯބިވި ޝާހުބެއެވެ. ލޯބީގެ ބަދަލު ލޯބިން ނުލިބެނީ ކީއްވެ ހެއްޔެވެ! ވަފާތެރިކަމުގެ ބަދަލު ވަފާތެރިކަމުން ނުލިބެނީ ކީއްވެ ހެއްޔެވެ! މަންމަ ޝާހުބެއަށް ކިހާ އިތުބާރެއް ކުރި ހެއްޔެވެ! އެ ތޫފާނީ ރޭގައި އަހަރެންގެ އިއްޒަތާއި އަބުރު ނަގާލިއިރު، ބޭބެގެ ހިތުގައި ރަޙުމުގެ ކަންފުޅެއްވެސް ނެތެވެ. އެ ބިރުވެރިކަން އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލައި ނުދާނެއެވެ. ޙަޔާތުގައި ޖެހުނު ކަޅު ލައްގަނޑެއް ފަދައިން މުޅި އުމުރުގައި ވެސް އޭގެ ހިތި ރަޙަ ދެމި ހުންނާނެއެވެ. އެ ކަޅު ވިލާގަނޑުން އަހަރެންގެ ދިރިއުޅުން ބަނަވީ، ދެން ދުވަހަކު ވެސް އިރުގެ އަލިކަމެއް ނުލިބޭނެ ފަދައިންނެވެ.
------------
(ނިމުނީ)

މި ވާހަކަ:
    ފޮނުވުން:    އަލްފާޟިލާ އާމިނަތު ނާޒުނީ، މީނާޒު، ތ. ހިރިލަންދޫ
    އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ