އަދުގެ ޚާއްސަ

Print

ގަވަރުނަރުގެ ގެކޮޅު

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ



ޢަބްދުﷲ ޞާދިޤު


މުޢާވިޔަތުގެފާނަކީ، އިސްލާމުންގެ ވެރިކަން ހިންގެވި އެންމެ ނަންހުރި އެއް ޚާންދާނު ކަމުގައިވާ ބަނޫއުމައްޔަތު ޚާންދާނުގެ ބާނީއެވެ. އިސްލާމީ ތާރީޚުގައި މި ޚާންދާނުގެ ވެރިކަމުގެ ޒަމާނަށް ދީފައިވާ ނަމަކީ، އުމަވީ ދައުރުގެ ވެރިކަމުގެ ޒަމާނެވެ.

އިމާމު ޙަސަނުގެފާނުގެ ލަފާދެއްވުމަށްފަހު، މުޢާވިޔަތުގެފާނު، އިސްލާމުންގެ ޚަލީފާއަކަށް ވެވަޑައިގަތުމަށްފަހު، ކީރިތި ރަސޫލާގެ ޞަޙާބީއެއް ކަމުގައިވާ ޢަޤަބަތު ބުނު ޢާމިރު މިސުރުގެ ގަވަރުނަރަކަށް ހެއްދެވިއެވެ. އެ ދުވަސްވަރު، މިސްރަކީ، އިސްލާމީ ވެރިކަމުގެ އެއްބައެވެ. ގޮވާމާއި ލިބޭ އާމްދަނީގެ ސަބަބުން އެރަށަކީ، ނުހަނު މުއްސަނދި ރަށެއް ކަމަށް ބެލެއެވެ.

ޢަޤަބަތުބުނު ޢާމިރު، މި ތަނަވަސް ރަށުގެ ވެރިޔަކަށްވެވަޑައިގަތުމާއެކު އެކަލޭގެފާނު ހުންނެވުމަށް، ކޮންމެވެސް ގެއެއް އެޅުއްވުމަކީ، ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ދެކެވަޑައިގަތެވެ. މިކަމަށްޓަކައި ހޮއްވެވީ، މީހުން އުޅޭ ހިސާބާ ނުހަނު ދުރުގައި އޮތް ވަރަށް އާދައިގެ އެކަހެރި ބިންކޮޅެކެވެ.

އެކަލޭގެފާނުގެ އޮފިސަރުންނަށް މިކަން އެނގިވަޑައިގަތުމާއެކު، އެބޭކަލުން އެކަލޭގެފާނު އަރިހަށް ޙާޒިރުވެވަޑައިގެން ދެންނެވިއެވެ.

"މި މުޅި ރަށް މިއޮތީ ކަލޭގެފާނުގެ މިލްކުވެރިކަމުގެ ދަށުގައެވެ. މިތާނގެ ވެރިޔަކީ ކަލޭގެފާނެވެ. ވީއިރު، ތިޔަހައި އާދައިގެ ތަންކޮޅެއްގައި، ކުޑަ ބިންކޮޅެއްގައި ގެ އަޅުއްވަނީ ކީއްވެތޯއެވެ؟ މި ރަށުން ރަނގަޅު ބިންކޮޅެއް ހޯއްދަވައިގެން އެތާނގައި ރީތި ގެއެއް އަޅުއްވަންވީ ނޫންތޯއެވެ؟"

ޢަޤަބަތު ބުނު ޢާމިރު، މިއަޑު އައްސަވައިފައި ވިދާޅުވިއެވެ. "ޝައްކެއްވެސް ނެތެވެ. މާތް ރަސްކަލާނގެ އަހަންނަށް ތިޔަ އިޚުތިޔާރު ވަނީ ދެއްވައިފައެވެ. އަހަންނަށް މިރަށުން ބޭނުން ތަނެއްގައި ބޭނުން ގޮތަކަށް ގެއެއް އެޅިދާނެ އެވެ. ނަމަވެސް އަހަރެމެންގެ މާތް ރަސޫލާއަށް ކިޔަމަންތެރިވުމާއި އެކަލޭގެފާނުގެ އަމުރުފުޅަށް ބޯލެނބުމާއި އަހަރެމެންގެ މާތް ދީނުގެ ޙުކުމްތަކަށް ރައްކާތެރިވުމުގައި އަހަރެން މިހިރީ ސާބިތުވެގެންނެވެ. އެ ގޮތުން، މި ރަށުގެ އެއްވެސް މީހެއްގެ ކިތަންމެ ކުޑަ ބިންކޮޅެއް ވެސް އަހަރެން އަތުލާކަށް ނެތީމެވެ. މިޞުރުގެ ގިނަ މީހުންނަކީ އިސްލާމް ނޫން މީހުންނެވެ. އަދި އިސްލާމީ ވެރިކަން މި ރަށުގައި ގާއިމުވުމުގެ ކުރީން ވެސް ތިބި ފަދައިން އެ މީހުންގެ ބިންތަކާއި މުދަލުގެ ވެރީން ގޮތުގައި އެ މީހުން ބޭއިތިއްބުމަށް އަހަރެން އޮންނާނީ، ވަޢުދުވެފައެވެ. އެހެންވީއިރު، ގެއަޅާށޭ ކިޔައިފައި އެއިން މީހެއްގެ ބިމެއް ނުވަތަ ބިންކޮޅެއް އަހަރެން އަތުލާނީ ކިހިނެއް ހެއްޔެވެ؟

އޮފިސަރ، ގަވަރުނަރުގެ މިވާހަކަފުޅުތައް އައްސަވާފައި ހަމަ އެއްވެސް އެއްޗެއް ވިދާޅުނުވެ، މަޑުން ހުންނެވީ އެވެ. ޢަޤަބަތު ބުނު ޢާމިރު ކުރީން ވެސް ކަނޑައެޅުއްވި ދެރަ އަދި ފަޅު ހިސާބުގެ ބިންކޮޅުގައި ގެ އަޅުއްވައި ނިންމަވައިފި އެވެ. މިޞުރުގެ ގަވަރުނަރަކަށް ހުންނެވިހައި ދުވަހަކު އޭނާ، ހުންނެވީ އެ ގޭގައެވެ.

ޙަޤީޤަތުގައި އަހަރެމެން އިސްލާމް ދީނުގެ މި ފަދަ މާތް ބޭކަލުންނަށް އެހާ މަތިވެރި ކާމިޔާބީއެއް ލިބިވަޑައިގަތީ، އަދި އެހާ ބޮޑު ކުރި އެރުމެއް ލިބިވަޑައިގަތީ، އެ ބޭކަލުން ދީނަށް ޙުރުމަތްތެރިކޮށް ހިއްތެވުމާއި މި ފަދަ ސާދާ ދިރިއުޅުމަކަށް ލޯބިކުރެއްވި ކަމުންނެވެ. އެންމެންނާ މެދުގައި ވެސް އަދުލު އިންޞާފުން ކަންތައް ކުރެއްވުމުންނެވެ. ކާފަރުންނާ ދޭތެރޭ ގައި ވެސް ކުރެއްވި ވަޢުދަށް ޙުރުމަތްތެރިކޮށް ހިއްތެވުމުންނެވެ.
-----------------
(ނިމުނީ)

(ނޯޓް: މިއީ އަލްފާޟިލު ޢަބްދުﷲ ޞާދިޤު ލިޔުއްވި "ތެދުވާހަކަ" މި ފޮތުން ނަކަލުކޮށްފައިވާ ވާހަކައެކެވެ.)

މި ލިޔުން:
      ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
      އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
      ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

ވާހަކަ