އަދުގެ ޚާއްސަ

Print

ސާދަ ވިލޭރޭ

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ




ބިންމާ އިބްރާހީމް ވަޙީދު
 

ވިދުވަރުގެ އަލިން މާހައުލު ބަބުޅައިލި ވަގުތު، ގުގުރީގެ އަޑުން ޖައްވު ގުގުމައިލި އެވެ. ހީވީ ކަންފަތް ބުޑުން ބަޑިއެއް ޖެހިހެންނެވެ. ވާރޭ ހުއްޓައިލައިފައި އޮތުމުން ނުކުތް މީހުންތައް ސިއްސައިގެން ގޮސްފައި ހިޔަލަށް ވަނެވެ. އުޑު ފެންނަ ހިސާބުގައި ހުންނަން އެކަކަށް ވެސް ނުކެރުނީ އެވެ. އެހެންނަމަވެސް، ނާޒިމާގެ ފިޔަވަޅަށް އެއްވެސް ބަދަލެއް ނާދެއެވެ. އަޒުމަކަށް ވެސް ބަދަލެއްނާދެ އެވެ. އެރޭ ނާޒިމާ ގެއިން ނުކުތް ފަހުން، ނާޒިމާގެ ހިތުގައި، އެފަދަ ކިތަންމެ ގުގުރިއެއް ޖަހައިފި އެވެ. އެހެން މީހަކަށް ނީވެނީ އެވެ. ލައްކަ ދުވަހު ނަޒިމާ ކެތްކޮށްފި އެވެ.  ދެން ޚިޔާލު ބަދަލެއް ނުވާނެ އެވެ. އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހޭކަށް ނާޒިމަ ބޭނުމެއް ނޫނެވެ. ރުހުމުގައި ނޫނީ ގަދަކަމުން ވިޔަސް އެ މަގުސަދު ހާސިލްކުރަން ނާޒިމާ ބޭނުމެވެ.

ކަލަންޑަރުގެ، ދިވެހި މަހުގެ ބާރައިގައި ޖައްސައިފައިވާ އިސްމާޢީލްފުޅުގެ އިގިނލި ސާދައާ ހަމައަށް ގެންގޮސްފައި ހުއްޓައިލިއެވެ. އެއްލޯ ކަނުވެފައިވާ އިސްމާއިލްފުޅުގެ މޫނުން ފެންނަނީ ހާސްކަމެވެ. ނުތަނަވަސްކަމެވެ. ދުވަސް ކައިރިވަނީ އެވެ. ގޮތެއް ހޯދިފައެއް ނެތެވެ. ވަރަށް އާދައިގެ ފެންވަރަކަށް ހަދައިފައިވާ އެ ކޮޓަރީގައި، އިސްމާއިލްފުޅު ނޫން އެހެން މީހަކު ނެތެވެ. ބޮޑުކަމެއް ޖެހިގެން މެނުވީ، އެކަކު ވެސް އެ ކޮޓަރިއަކަށް ނުވަންނާނެ އެވެ. ދިއްލައިފައިވާ އަލި މަޑު ބޮކީގެ ކަރަންޓު ނަރު، ވަޔާ މަޑު މަޑުން ހޫރިހޫރި ހުއްޓެވެ. ޖާލީތަކުން ކޮޓަރިތެރެއަށް ވަންނަ ރޯޅިއާ އެކު، ބިރުވެރި އަޑެއް އިވެމުން ދިޔައެވެ. އިސްމާޢީލްފުޅު ގޮނޑީގައި އިށީނދެލިއެވެ. އަދި މޭޒުގައި މުއްކަވައިފައި ޖެހިއެވެ. ވިއްސިވިހާލިވެފައިވާ ފޮތްތަކާއި، ސައިޖޯޑަކާއި، ދެތިން ހެދިކާ ލައިފައިވާ ތައްޓެއް، އެ މޭޒުމަތީގައި ހުއްޓެވެ. ކަންބޮޑުވެފައިވާ އިސްމާޢީލްފުޅުގެ ނިތްކުރިއަށް އަރަމުން ދިޔަ ރޫތައް ހައްތާ އިތުރުވި އެވެ. ކުރިމަތިވެފައިވާ މުޞީބާތުން އިސްމާޢީލްފުޅު ސަލާމަތް ކޮށްދޭނީ ކާކުބާއޭ ހިތަށް އެރިއެވެ.

ކުއްލިއަކަށް ދޮރުގައި ޓަކިޖަހައިލުމުން އިސްމާއިލްފުޅު ސިއްސައިގެން ދިޔައެވެ. އަދި މޭޒުމަތި ކުޑަކޮށް ހަމައަކަށް އަޅުވައިފައި ގޮސް، ކުޑަކުޑަކޮށް ދޮރު ހުޅުވައިލި އެވެ. ދޮރުމަތީގައި ހުރީ ޒުވާން ފުރައިގެ އަންހެން ކުއްޖެކެވެ. ނާޒިމާއެވެ. "ކީއްކުރާ ކުއްޖެއް؟" އިސްމާޢީލްފުޅު އެހިއެވެ.

"ކަމަކު" ނާޒިމާ ބުންޏެވެ. "ވަރަށް ބޮޑު ކަމަކު".

ވަރަށް ބޮޑު ކަމެއް ޖެހިގެން މެނުވީ އެ ކޮޓަރިއަށް މީހަކު ނާންނާނެކަން އިސްމާޢީލްފުޅަށް އެނގެއެވެ. ވިސްނަން ހުރެލައިފައި، ދެކޮޅު ހޯދައިލައިފައި އިސްމާއިލްފުޅު ބޮޑަށް ދޮރު ހުޅުވައިލި އެވެ. ނާޒިމާ އެތެރެއަށް ވަނެވެ. އިސްމާޢީލްފުޅު ދޮރުލެއްޕިއެވެ. އެކަމަކު ހިނގައެއް ނުގަނެވެ. ހުރި ފިޔަވަޅު މަތިގައި ހުރީއެވެ.

"ކޮން ކަމަކު" އިސްމާޢީލްފުޅު އެހިއެވެ.

"ފަންޑިތައެއް ހަދައިދޭތޯ!" ޝައްކުއެކުލެވިފައިވާ ރާގެއްގައި ނާޒިމާ އެހި އެވެ. އިސްމާއިލްފުޅުގެ މޫނު މަތިން ހިތްހަމަޖެހުމުގެ އަސަރު ކުއްލިއަކަށް ފާޅުވިއެވެ. ނިވެމުން ދިޔަ އުންމީދުގެ ހުޅުކޮޅަށް ދިރުން ލިބުނެވެ.

"އާނ އާނ! އިށީނދޭ! އިށިނދޭ!" ގޮނޑިއަށް އިޝާރާތް ކޮށްފައި އިސްމާޢީލްފުޅު ބުންޏެވެ.

ނާޒިމާ ވިސްނައިލިއެވެ. އަނބުރައިލައިފައި ދާން ބޭނުންނަމަ، ލިބޭނެ އެންމެ ފަހުގެ ފުރުޞަތަކީ އެއީ އެވެ. ފަންޑިތައިގެ ތެރެއަށް ވަނުމަށް ފަހު، ދެނެއް ނުނިކުމެވޭނެ އެވެ. ހަދާ ކޮންމެ އެތިފަހަރަކަށް އޮންނާނީ މައިތިރިއެކެވެ. މައިތިރިއަކަށް އެތިފަހަރެކެވެ. ކާމިޔާބުވާނީ އެރޭހުގައި މޮޅުވާ މީހެކެވެ. އިސްމާޢީލްފުޅު ގޮސް މޭޒު ކައިރީގައި އިށީނެވެ. ނާޒިމާ، ނުތަނަވަސްކަމާ އެކުގައި، ތަންކޮޅެއް ލަސްލަހުން ގޮނޑީގައި އިށީނދެލި އެވެ. ކޮޓަރިއެއްގައި، ފަންޑިތަ ވެރިއަކާ އެކުގައި، އެކަނި އިނުން ވެސް އެއީ ނާޒިމާއަށް އެހާ ފަސޭހަ ކަމެއް ނޫނެވެ.

"ބޭނުންވާނެ މޫދު ލޮނު ފެންފުޅިއެއް" އިސްމާއިލްފުޅު ބުންޏެވެ.

"ކޮންކަހަލަ ފަންޑިތައެއް ކަމެއް ނާހާނަންތަ؟" ނާޒިމާ އެހިއެވެ. ނިޔަތް ޚަރާބު ވެފައިވުމުން، އިސްމާޢީލްފުޅަށް އެވަރު ނުވިސްނުނީއެވެ.

"އާނ އެއީ ތެދެކޭދޯ! ކޮންކަހަލަ ފަންޑިތައެއް؟" އިސްމާޢީލްފުޅު، ކަރުކެހިލައިފައި އެހިއެވެ.

ނާޒިމާ ދަބަހުން ނެގީ، ތަޅުދަނޑިލާ އެއްޗެކެވެ. ނަގައިފައި ދެވަނަ ފަހަރަށް ވިސްނައިލި އެވެ. އަދި އެ ތަޅުދަނޑިލާ އެތި ހުޅުވައިލައިފައި، އިސްމާޢީލްފުޅުގެ މޭޒުމަތީގައި ބޭއްވި އެވެ. އިސްމާޢީލްފުޅު އެއަށް ބަލައިލިއެވެ. އޭގެ ތެރޭގައި ހަރުކޮށްފައިވަނީ ފިރިހެނެއްގެ ފޮޓޯއެކެވެ.

"މީ ކާކު؟" އިސްމާޢީލްފުޅު އެހިއެވެ.

އިސްމާޢީލްފުޅު އަހާ ހުރިހާ ސުވާލަކަށް ޖަވާބު ދޭކަށް ނާޒިމާ ބޭނުމެއް ނޫނެވެ.

"ވާނެތަ އެކަން؟ ވަންޏާ ވާނެޔޭ ނުވަންޏާ ނުވާނެޔޭ ބުނަންވާނެ. އަހަރެން ބޭނުމެއް ނޫން ތޯތޯ ކަމެއް ކުރަކަށް. އެހެންވެ މި ގެއަށް މިއައީ. މީހަކު ބުނި ތީ ވަރަށް މޮޅު މީހެކޭ."

"އާނ! އެއީ ތެދެއް" އިސްމާޢީލްފުޅު ބުންޏެވެ. އަދި ފޮނިބައިސާ ކަނޑަން ފެށިއެވެ. "މިހާރު ރާއްޖެއަކު ނޫޅޭ މި ކަމަށް އެހާ ކުޅަދާނަ މީހެއް. އަހަރެން މިހާރު މިކަން ކުރާތާ....."

"ވާނެތަ ނުވާނެތަ؟" ނާޒިމާ އަނެއްކާ ވެސް އެހިއެވެ.

"ވާނެ، ވާނެ. މުޖައްރިބު." ތަޅުދަނޑިލާ އެތި ނާޒިމާ އަށް ދިއްކޮށްލަމުން އިސްމާޢީލްފުޅު ބުންޏެވެ.

"ކިހާ ވަރެއް ދޭންވީ" ދަބަސްހުޅުވައިލަމުން ނާޒިމާ އެހިއެވެ.

"ލާރި ދޭނީ ފަހުން. ކޮންނަމެއް ކަލެއަށް ކިޔަނީ؟" އިސްމާޢީލްފުޅު އެހިއެވެ.

"ކީއްކުރަން މަގޭ ނަން އަހަނީ؟" ނާޒިމާ އެހިއެވެ.

"ކަލޭގެ ނަން ނޭނގި ކިހިނެއް ފަންޑިތަ ހަދާނީ؟" އިސްމާޢީލްފުޅު އެހިއެވެ.

"ނާޒިމާ. އައިޝަތު ނާޒިމާ!" އިސްޖަހައިލަމުން ނަޒިމާ ބުންޏެވެ.

"ނާޒިމާގެ ތި ދަބަހަށް ލެވޭ ވަރުގެ ކުޑަ ފުޅިއެއް ފުރެންދެން މޫދު ލޮނު ގެނެސްދީ. ލޮނު ބަލައި ދާން ވާނީ ސީދާ ނާޒިމާ.

"އެކަނިމާ އެކަނި." އިސްމާޢީލްފުޅު އިތުރަށް ހަނދާންކޮށް ދިނެވެ. "ނަމަނަމަ އެހެން މީހަކަށް ނާންގާތި މިކަން."

"އެއީ ކީއްވެ؟" ނާޒިމާ ޙައިރާންވެފައި އެހިއެވެ.

"ކޮންމެ ކަމެއްވެސް ކުރަން އޮނަނާނެ ވަކި އުޞޫލެއް. މިކަމަށް އޮތް އުޞޫލު އެއީ. ލޮނު ގެނައިމާ ދެން ކުރިއަށް ދާނީ." ޖަވާބުދެމުން އިސްމާޢީލްފުޅު ތެދުވި އެވެ.

"ތި ކަމަކީ އެއްވެސް ކަމެއް ނޫން. މާދަން ގެނެސްދޭނަން" ނާޒިމާ ތެދުވަމުން ބުންޏެވެ. "ދަނީ." ނާޒިމާ ނިކުންނަން ހިނގައިގަތެވެ. އިސްމާޢީލްފުޅު ގޮވައިލިއެވެ. "އަދި މަޑުކޮށްބަލަ!" އިސްމާޢީލްފުޅުގެ އަޑަށް ނާޒިމާ ހުއްޓިފައި ބަލައިލިއެވެ.

"ދަންވަރު ބާރަ އާއި ދޭކާ ދެމެދު ލޮނު ނަގަންވާނީ"

"އާނ! މިރޭ އަހަރެން ގޮސް، އަހަރެން އަތުން ނަގާނީ. ނިމުނީނު." ނާޒިމާ ޔަގީންކަން ދިނެވެ.

"މިރޭ ކަމަކު ނުދާނެ" އިސްމާޢީލްފުޅު ތަންކޮޅެއް ބާރަށް ބުންޏެވެ. ނާޒިމާގެ ހިތުގައި ސުވާލު އުފެދުނެވެ. އެކަމަކު ސުވާލު ނުކޮށް ހުރީ އެވެ. އިސްމާޢީލްފުޅު ތެދުވެގެންގޮސް ކަލަންޑަރުގައި އިނގިލި ޖައްސައިގެން ގެނެސް ތޭރައަށް ހުއްޓައިލިއެވެ.

"މިރޭ އެކަން ކުރަންވާނީ. ސާދަވިލޭރޭ." އިސްމާޢީލްފުޅު ބުންޏެވެ.

ނާޒިމާ ކުޑަކޮށް ނުތަނަވަސް ވިއެވެ. އެކަމަކު ހިތަށް އެރިއެވެ. އެއީ އެންމެން ވެސް އެފަދަ ކަންކަން ކޮށްއުޅޭ ގޮތެވެ. އެހެންކަމުން، ބޯޖަހައިލައިފައި ނުކުމެފައި ދޮރުލެއްޕިއެވެ. އިސްމާޢީލްފުޅުގެ ތުންފަތަށް ވެރިވީ ކެހިވެރި ހިނިތުން ވުމެކެވެ.

ޖެހިގެން އައި ދުވަހަކީ، މާލެއަށް ކުރަމުން އައި ވިއްސާރައިގެ އަސަރު މުޅިން ކެނޑި، އަވިން މަގުތައް ފިއްސަމުންދިޔަ ދުވަހެކެވެ. ވަރަށް އާދައިގެ ސައިކަލެއްގައި އައި މުނީޒު، އޭނާގެ ގެ ކައިރިއަށް ސައިކަލު މަޑުކޮއްލިއެވެ. ބޮލުގައި އަޅައިފައިވާ ތާކިހާ ރަނގަޅު ކޮށްލުމަށްފަހު، ސައިކަލު ތަޅުލައިފައި މުނީޒު ގެއަށް ވަނެވެ. މުނީޒުގެ އަންހެނުން ފައުޒިއްޔާ އުއްމީދުކޮށްގެން ހުރީ، ފިރިމީހާ މިސްކިތުން އަންނަންވާ އިރަށް ކެއުން ތައްޔާރު ކުރެވޭނެ ކަމަށެވެ. ގޭގެ ދޮރުން މުނީޒު ވަން އިރު، މޭޒުމަތީގައި ފައުޒިއްޔާ ރިހަތަށި ބަހައްޓަނީ އެވެ. ގެ ކިތަންމެ އާދައިގެ ކަމުގައިވިޔަސް، ސުފުރާމަތި ކިތަންމެ ފަޅު ނަމަވެސް، އަބުރުވެރިކަމާ އެކުގައި ދިރިއުޅުމަކީ ފައުޒިއްޔާގެ އަޒުމެވެ.

"އަވަސްކުރޭ ދަރިފުޅާ!" ސަޓަނި ތައްޔާރުކުރަން ހުރި ނާޒިމާ އަށް ފައުޒިއްޔާ ބުންޏެވެ. އެއަށް ފަހު މުނީޒާ މުޚާތަބުކޮށްފައި ބުންޏެވެ. "އާދޭ ކާން ތައްޔާރުވެފައި މިހިރީ." މުނީޒު އެއްޗެއް ނުބުނެ އައި ގޮތަށް ކޮޓަރިއަށް ވަނެވެ. އެހެންކަމުން، ކޮންމެވެސް ކަމެއްވެއްޖެކަން، އެމަންޒަރު ބަލަން ހުރި ފައުޒިއްޔާ އަށް ވިސްނުނެވެ. "ދަރިފުޅާ ބައްޕަ ޔަގީން ކޮންމެވެސް ކަމަކާ ދޮންބޮޑުވެފައި އެހެރީ" ނާޒިމާ އަށް ފައުޒިއްޔާ ބުންނެވެ. "އަދިވެސް ސަޓަނި ކޮޅު ނުހެދޭތަ؟ އަވަސްކުރޭ! އަދި މިއަދު އެބަޖެހޭ އެތައް ކަމެއް ކުރަން". "މިނިމެނީއޭ މަންމާ" ނާޒިމާ ހަމަޖެހިލައިފައި ބުންޏެވެ. "ބައްޕަ އަދި ނޭނގެއެއްނު ކާން އަންނާނެ އިރެއްވެސް."

މުނީޒު ކޮޓަރިން ނުކުމެގެން އައިސް މޭޒު ކައިރީގައި އިށީނެވެ. އަދި ބަތް އަޅަން ފެށިއެވެ.

"ކިހިނެއް އުޅުނު ކުއްޖެއް އެއީ؟" މުނީޒު މަޑުމަޑުން ބުނެލިއެވެ.

"ކާކު؟" ފައުޒިއްޔާ އެހިއެވެ.

"މިއުޅޭ ޒަކަރިއްޔާގެ ދޮށީ މަންޖެ. ގައިމު އެއީ އަހަރެމެންނަށް ވުރެ މާ ލިބޭ، ހުރިހާ ދަރިންވެސް ކިޔަވައި، މަތީ ފާސްތައް ނަގައިގެން ތިބި އާއިލާއެއް. ވީކަމެއް ހަރާން." ބަތްތަށި މޮޑެލަމުން މުނީޒު ބުންޏެވެ.

"ކިހިނެއްތަވީ؟" ފައުޒިއްޔާ ފެންތައްޓެއް ބެހެއްޓިއެވެ.

"ނޭނގެ މަށަކަށް ހުންނަ ގޮތް ކުޑަކަން." މުނީޒު ނުރުހިފައި ބުންޏެވެ. "އެހެން ކޮންކަމެއް؟". ފައުޒިއްޔާ ގޮނޑިއެއް ދަމައިލައިފައި އިށީނެވެ. އަދި ނިކަން ޝައުގުވެރިކަމާ އެކުގައި އެހި އެވެ. "ކީއްތަކުރީ އެމަންޖެ؟"

"ރަށްމެދަށް ވިހެއީ." ރުޅި ކޮންޓުރޯލް ކުރަމުން މުނީޒު ބުންޏެވެ. "މަގޭ ދަރިއެއްނަމަ ގައިމުވެސް މަ ލަދުން މަރުވީސް. ކިހިނެއް މީހަކަށް މޫނު ދައްކާނީ؟ މަމީ މިސްކިތެއްގެ މުދިމެއް. ކީކޭ މީހުން ބުނާނީ؟"

ނާޒިމާ އަޑުއަހަން ހުއްޓެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. "ނާޒިމާ ނޫޅޭނެ އެހެނެއް." ފައުޒިއްޔާ ތެދުވެ، ސިންކާ ދިމާއަށް ހިނގައި ގަންނަމުން ބުންޏެވެ. "އަހަރެމެންގެ ނާޒިމާއަށް އެނގޭނެ އުޅެންވާ ގޮތާއި ނޫޅެންވާ ގޮތްގޮތް. ދަސްކޮށްދީފައި ހުންނާނީ."

އެވާހަކަ އަޑުއަހަން ނާޒިމާއަށް އެހާ ފަސޭހައެއް ނޫނެވެ. އެހެންކަމުން ސަޓަނި ތަށި ބައްޕަ ކައިރީގައި ބަހައްޓައިފައި ދާން ހިނގައިގަތެވެ.

"ކޮންތާކަށް ދަރިފުޅު ތިދަނީ؟ އިށީނދޭ ކާން." މުނީޒު އެހިއެވެ.

ނާޒިމާ ވިސްނައިލައިފައި އިށީނެވެ. އަދި ބަތް އެޅުމަށްފަހު ކާން ފެށިއެވެ.

"ނަސީބެއް ނާޒިމާއަށް ރަނގަޅު ވަޒީފާއެއް ލިބުނުކަން އެހެންނޫން ނަމަ، ކުއްޔަށް ތަންތަން ހިފައިގެން މިހާރު މާލެއަކު ނޫޅެވޭނެ. ކޮންމެވެސް ދަރިފުޅު ވަޒީފާ ގެއްލުނަ ނުދޭތި! މާލެއިން ގެދޮރު ހުރި މީހަކު ހޯދައިގެން އަވަހަށް އިނދެވޭތޯބަލާ!" މުނީޒު ނަސޭހަތް ދިނެވެ. ނާޒިމާ އެއްޗެއް ނުބުނެ އިސްޖަހައިލައިގެން އިނދެ މަޑުމަޑުން ކަމުން ގެންދިޔައެވެ.

ގަޑިން ދަންވަރު ބާރަ ޖަހަނީ އެވެ. އަތުގައި އަޅައިފައިވާ ރިހި ތަނޑިތަކާ ކުޅެން ނާޒިމާ އިނެވެ. ދަންވަރު ފަނިފަކުސަ ގޮވާ އަޑުގެ އިތުރަށް ހަމައެކަނި އިވެނީ އެ ތަޑިތަކުގެ އަޑެވެ. ނާޒިމާ ޚިޔާލަށް ގެއްލެމުން ދިޔައެވެ. އެ ރިހި ތަނޑިތައް ލިބުނު ދުވަހުގެ ހަނދާން އާވަމުން ދިޔައެވެ. އެ ދުވަހަކީ ކިހާ އުފާވެރި ދުވަހެއް ހެއްޔެވެ؟ އެއީ، ނާޒިމާ ނުވެސް ދެނަހުރެ ހުއްޓައި މީހަކު ދިން ޕާރސަލްއެކެވެ. ޕާރސަލު ހިފައިގެން އުފަލުން ދުވެފައި އައިސް، ކޮޓަރިއަށް ވަދެ، ދެފައި ވަށްކޮށްލައިގެން ނާޒިމާ އެދުގައި އިށީނެވެ. ޕަރސަލް ކަނޑައިލިއެވެ. ކިތަންމެ އިރެއް ވަންދެން، އެ ތަނޑިތަކުގައި އަތް ހާކަން އެ ދުވަހު ނާޒިމާ އިނެވެ. ކުށްލިއަކަށް ގަޑިން ބާރަ ޖެހި އަޑަށް ނާޒިމަ ސިއްސައިގެން ގޮސްފައި ޚިޔާލުން އެބުރި އައެވެ. ނާޒިމާ ކަލަންޑަރު ބަލައިލިއިރު، އެއީ ދިވެހިމަހުން ސާދަވިލޭ ރެއެވެ. ނާޒިމާ އުންމީދު ކުރަމުން އައި ރެއެވެ. ފޮރުވައިގެން ގެންދެވޭ ވަރުގެ ފުޅިއެއް އަތް ދަބަހަށް ލައިގެން، ސިއްރުސިއްރުން ނާޒިމާ ކޮޓަރިން ނުކުތެވެ. ގޭތެރެ އޮތީ އަނދިރިކޮށެވެ. ވިހާވެސް މަޑުން، އަޑެއް ނީއްވައި ހިނގައިގަތް ތަނާ ނާޒިމާ ގޮނޑިއެއްގައި އަޅައިގަތެވެ.

"ދަރިފުޅާ!" މަންމަގެ އަޑު އިވުނެވެ.

"އޯއި މަންމާ! ފެން ބޮނީ" ނާޒިމާ ދޮގެއްހަދައިލި އެވެ.

ނަސީބަކުން ފައުޒިއްޔާ ނުއެއް ނުކުމެއެވެ. ނާޒިމާ މަޑުމަޑުން ބޭރަށް ނުކުތެވެ. ކޮނޑުގައި އަޅުވައިލައިފައިވާ ދަބަސް ރަނގަޅުކޮށްލުމަށް ފަހު، ފުން ނޭވާއެއް ބޭރުކޮށްލައިފައި ނާޒިމާ ހިނގައިގަތެވެ. ކުއްލިއަކަށް ކަޅު ބުޅަލެއް ހުރަސްކޮށްލި އެވެ. ނާޒިމާގެ މެއަށް ހީވީ ފެން އެއްޗެއް އޮއްސައިލިހެންނެވެ. މީހުން ބުނެއެވެ. ކަޅު ބުޅަލެއް ހުރަސް ކޮށްފިއްޔާ އެއީ ރަނގަޅު ފާލެއް ނޫނެވެ. އެހެންވިޔަސް، އަލުން އެނބުރި ގެއަށް ދާކަށް ނާޒިމާ ނުވިސްނައެވެ. ވިސްނަންވީ ވަގުތު ފާއިތުވެގެން ހިނގައްޖެ އެވެ. ދެން އޮތީ ނަތީޖާއާ ކުރިމަތި ލުމެވެ.

މަގު ވަރަށް ފަޅެވެ. ނާޒިމާ ހުރީ ބިރުގެންފައެވެ. އެއްކޮޅުން ފަންޑިތައެވެ. އަނެއްކޮޅުން ދަންވަރެވެ. އެކަނިވެރިކަމެވެ. ހުރިހާ ކަމަކާ ކުރިމަތިލަމުން ނާޒިމާ ގޮސް، ލޮނުޒިޔާރާތްކޮޅު ތޮށިގަނޑު މައްޗަށް އެރިއެވެ. ހުޅިނަގައިފައި އަންނަ ރާޅުތައް ގޮނޑުދޮށަށް ބީއްސަމުން ދިޔައެވެ. ނާޒިމާ މަގުގެ ދެކޮޅަށް ނަޒަރު ހިންގައިލިއެވެ. މީހެއްގެ އެއްވެސް ހިލަމެއް ނެތް ދަނޑިވަޅެކެވެ.

ނާޒިމާ މޫދާއި ދިމާއަށް ފޭބިއެވެ. މޫދު ކައިރިއަށް ހުއްޓިފައި، ދަބަހުން ހުސް ފުޅި ނެގި ތަނާ، ފޮޓޯ ލާފައިވާ ތަޅުދަނޑިލާއެތި ވެއްޓުނެވެ. ނާޒިމާ އެ ލޮކެޓު ނަގާފައި، އޭގައިވާ ފޮޓޯގައި ތުންފަތް ޖައްސާލިއެވެ. އެއަށްފަހު ދަބަހަށް ލޮކެޓު ލާފައި ފުޅިއަށް ލޮނު އަޅަން ފެށިއެވެ. އެ ވަގުތު ލޮނު ގަނޑުގެ ތެރެއިން ކުއްލިއަކަށް އެއްޗެއް އަރައި ނާޒިމާގެ އަތުގައި ހިފައިފާނެ ކަމަށް ވެސް ނާޒިމާ ހުރީ ވިސްނައިގެންނެވެ. ނަސީބަކުން އެކަހަލަ ކަމެއް ދިމައެއް ނުވިއެވެ. ލޮނު އެޅުމަށް ފަހު، ފުޅީގައި މަތިޖަހައިފައި، އަތްދަބަހަށް ލައިފައި ނާޒިމާ އަށް އެނބުރިލެވުނީ ފިރިހެނެއްގެ ކުރިމައްޗަށެވެ. ނާޒިމާ ސިއްސައިގެން ދިޔައެވެ. އެއީ ބިޔަ މީހެކެވެ. އެ މީހާގެ މޫނުމަތީގައި އެއްވެސް ރައްޓެހިކަމެއް ނެތެވެ. ނާޒިމާ، އެމީހާގެ ގައިން ނެއްޓިގެން ހިނގައިގަންނަން އުޅުނެވެ. އެ މީހާ ކުއްލިއަކަށް ނާޒިމާގެ ކުރި ބެއްދިއެވެ. ނާޒިމާ އިސްޖަހައިލި އެވެ. ނާޒިމާގެ ނަޒަރުގައި އެއީ ސަމާސާކުރަން އުޅޭ ފިރިހެނެކެވެ.

"މަ ދާން ތަން ދައްކާ!" ނާޒިމާ ބުންޏެވެ.

އެ މީހާ ގުޑައިވެސް ނުލިއެވެ. ޖަވާބެއް ވެސް ނުދިނެވެ. ނާޒިމާ އިސްއުފުލައިލައިފައި ބަލައިލި އިރު އެމީހާ ހުރީ ބަލަހައްޓައިގެންނެވެ. ނާޒިމާ ކުޑަކޮށް ރުޅި އައެވެ.

"ތަން ދައްކާށޭ! އަޑެއްނީވޭތަ؟" ނާޒިމާ ބުންޏެވެ.

"ކީއްކުރަން މިގަޑީގަ މިތަނަށް އައިސްގެން ތި އުޅެނީ؟" އެ މީހާ ބަރު އަޑަކުން އެހިއެވެ.

އެސުވާލަށް ޖަވާބުދޭން ޖެހޭ ކަމަކަށް ނާޒިމާ ނުދެކެވެ. ކުއްލިއަކަށް ނާޒިމާގެ އަތުގައި އެމީހާ ހިފިއެވެ. ނާޒިމާ އެ އަތް ފޮޅުވައިލި އެވެ. އެހެންނަމަވެސް، އެ އަތުގެ ހަންގަނޑުގެ ރާޅުކަން ނާޒިމާއަށް އިޙުސާސް ކުރެވުނެވެ.

"ފަންޑިތަ ހަދާކަށް ނުވާނެ!" އެ މީހާ ބުންޏެވެ.

ނާޒިމާ އަށް ލިބުނީ ޝޮކެކެވެ. އެއީ ފަންޑިތަހަދާ މީހާ ފޮނުވި މީހެއްބާ އެވެ؟ ނުވަތަ އެމީހާއަށް އިއްތިފާޤުން ދިމާވީބާ އެވެ؟ އެއީ ކޮށްލަން ރަނގަޅު ސުވާލެއްހެން ނާޒިމާއަށް ހީވި އެވެ.

"ކިހިނެއް ކަލެއަށް އެނގުނީ؟" ނާޒިމާ އެހިއެވެ.

އެ މީހާ ޖަވާބެއް ނުދިނެވެ. ނާޒިމާ ދާން އުޅެން ފެށުމުން އަނެއްކާ ވެސް ކުރިބެއްދިއެވެ. ކުއްލިއަކަށް ނާޒިމާގެ ދަތްދޮޅީގެ ތިރީގައި އިނގިލި ޖައްސައިލައިފައި، މޫނު ރަނގަޅަށް ބަލައިލުމަށްޓަކައި އިސް އުފުލައިލިއެވެ. ނާޒިމާ ބަލަން ހުރެލައިފައި، އެ އަތުގައި ޖެހިއެވެ. އަދި އެހެން ދިމާއަކަށް ހިނގައިގަތެވެ.  ނާޒިމާ ފަހަތް ބަލައިލި އިރު އެ މީހާ ފެންނާކަށް ނެތެވެ. އެކަމަކު ދެން އެނބުރިލިއިރު އަނެއްކާ ވެސް ނާޒިމާގެ ކުރިމަތީގައި އެމީހާ ހުއްޓެވެ. ނާޒިމާ ހުއްޓުނެވެ. އައިކޮޅަށް ހިނގައިގަތެވެ. ފަހަތް ބަލައިލިއިރު އަނެއްކާ ވެސް އެމީހާ ފެންނާކަށް ނެތެވެ. އެކަމަކު، ކުއްލިއަކަށް، ކުރިމަތިން އެމީހާގެ ގައިގައި ޖެހުނެވެ. ނާޒިމާ އެބުރިފައި އެ ފަހަރު ދުއްވައިގަތެވެ. ފަސް އެބުރި ބަލައިލި އިރު އެ މީހާ ހުރީ ހުއްޓިގެންނެވެ. ނާޒިމާ ނުހުއްޓި  ދުވަމުން ދިޔައީއެވެ. ފަހަތުން ދުވުމުގެ އެއްވެސް ނިޔަތެއް އެމީހާގެ ނެތެވެ.
----------
(ނުނިމޭ)


ޓައިޕް ކޮށް ފޮނުވުން: ޢަލީ ނިޝާން
އަލުން ބެލުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޝާއިޢުކުރުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ