އަދުގެ ޚާއްސަ

Print

ތާރީޚީ ގޮތުން އިންޑިޔާގައި ކުރަމުންދިޔަ ހަވާދުގެ ވިޔަފާރި

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޖޯގްރަފީ



ޢަބްދުﷲ ޢިމްރާން, އދ. ހަންޏާމީދޫ

އެއް ޒަމާނެއްގައި ކަޅުދިރިއާއި ފޮނިތޮށްޓާއި ކަރަންފޫފަދަ ހަވާދުގެ ބާވަތްތަކަކީ ރަނާއި ރިހިފަދައިން އަގުބޮޑު އެއްޗިއްސެވެ. އެހެންކަމުން މި ތަކެތި ނުވަތަ ހަވާދުގެ ބާވަތްތައް ހޯދުމަށް ގިނަ ބަޔަކު މަސައްކަތްކޮށްފައިވެއެވެ. އަދި އެތައް ބަޔެއްގެ ފުރާނަ މި ތަކެއްޗަށްޓަކައި ޤުރުބާން ކުރެވިފައިވެއެވެ.

އާކިއޮލޮޖިސްޓުން ލަފާކުރައްވާގޮތުގައި މީލާދުގެ 50،000 އަހަރު ކުރިން އިންސާނުން އެބައިމީހުންގެ ކާނާގައި ރަހަލެއްވުމަށް ބޭނުންކޮށްފައިވަނީ އެރޯމެޓިކްގެ ފަތްޕިލާވެލީގެ ވައްތަރުތަކެވެ. ނަމަވެސް އޭގެފަހުން އައި ޒަމާނެއްގައި އިންސާނުންނަށް އެނގިގެން ދިޔައީ ކާނާގައި ރަހަލެއްވުމަށް ހަވާދުގެ ބާވަތްތައް މާ ރަނގަޅު ކަމެވެ. އަދި އެކި ކަހަލަ ބޭސްފަރުވާތަކަށް މި ބާވަތުގެ ތަކެތި މާބޮޑަށް ވެސް ރަނގަޅުކަން އެނގުނު ހިސާބުން ހަވާދުގެ ބޭނުން އިންސާނުންނަށް އިހުނަށް ވުރެ ބޮޑުވެ، އެއަށް އެދުންވެރިވި އެވެ.
 

އެވޭލާ ޒަމާނުގައި ހަވާދުގެ ވިޔަފާރި


އެނގިފައިވާ އެނގުންތަކަށް ބަލާއިރު ޢީސާގެ ފާބުގެ ކުރީގެ 4 ވަނަ ޤަރުގައި އަސޭމިރުސް ނުވަތަ 'ކަޅުރަން'  ކޮޗިންއިން ގްރީސްއަށް ގެންދެވުނު ކަމަށް އެވެ. އެ ޒަމާނުގައި ކެރަވަނުން (މިސްރުގައި އުޅުނުބަޔެއް) ހަވާދު ގަތުމަށްޓަކައި އެތައް ހާސް ޖަމަލުހިފައިގެން ކެލްކަޓާއި ގޯވާއާއި އަދި އެހެނިހެން ރަށްރަށަށް ދަތުރުކުރިކަމަށް ވެއެވެ. ހަމަ މިގޮތަށް ބެބިލޯނާއި ހެތޭގައި އެލެގްޒެންޑްރިއާ އާއި ރޯމަނުން ވެސް ހަވާދުގެ ދަތުރުތަކެއް ކުރިކަމަށް ވެއެވެ. މި ދަތުރުތައް ފުރަތަމަ ކުރެވުނީ އެއްގަމު މަގުން ކަމުގައިވިޔަސް ޒަމާންތަކެއް ފަހުން ކަނޑު މަގުން މިވިޔަފާރި ކުރެވެން ފެށުނެވެ. ނަމަވެސް ވިޔަފާރީގެ ގޮތުގައި ފުޅާ ދާއިރާއެއްގައި މި ވިޔަފާރި ހިނގައިގަތީ މީލާދީން ފުރަތަމަ ޤަރުތެރޭގަ އެވެ. އޭރު ރޯމަނުގެ މުއްސަދިންގެ މެދުގައި އަސޭމިރުހަކީ ވަރަށް މަޤުބޫލުކަން ލިބިފައިވާ އެހާމެ މައްޝޫރު އެއްޗެއްވެސްމެ އެވެ. ނަތީޖާއެއްގެ ގޮތުން ރޯމަނުން  120 އުޅަދު ތައްޔާރުކޮށް (ހުސްނުވާނޭހެން އަސޭމިރުސް އެތެރެކުރުމަށް)، މިޞްރުމަގުން އިންޑިޔާއަށް މިއުޅަދުތައް ފުރުވައިލި އެވެ. އެއަށްފަހު ދާއިމީކޮށް މި ވިޔަފާރި ކުރާން ފެށި އެވެ. މި ދަތުރުތަކުގައި މިޞްރުން އަންނަ ވިޔަފާރިވެރިން ރަތްކަނޑާއި ދެކުނު ޢަރަބި ކަނޑާއި ޕާސިއަން ގަލްފު ހުރަސްކޮށް އިންޑިޔާގެ މަލާބާރަށް އަންނަފަދައިން ދެކުނު އިންޑިޔާގެ މަލާބާރުކަރައިގެ މީހުން އެސަރަޙައްދަށް ހަވާދު ވިއްކުމަށް ދިޔަ ކަމަށްވެސްވެ އެވެ. ހަމަ މި ދުވަސްވަރު  މި ވިޔަފާރި އަކީ ކިތަންމެ ފުޅާކޮށް ކުރަމުން ދިޔަ ވިޔާފާރިއެއް ކަމުގައިވިއަސް، މިދަތުރު ތަކުގައި ކަނޑުފޭރުމާއި، ކޮޅިގަނޑުތަކާއި ލައިގަތުމާއި، ފަރުފަރަށް އުރުން ވަރަށް ގިނަވި އެވެ. މީގެ ސަބަބުން ނުހަނު ބޮޑެތި ގެއްލުންތަކެއް ވިޔަފާރިވެރިންނަށް ވަމުންދިޔަ އެވެ. ނަމަވެސް މިއީ އޭރު ކުރެވުނު އެންމެ ފައިދާ ބޮޑު، ޑިމާންޑް ބޮޑު ވިޔަފާރިއަށް ވުމުން މެދުނުކެނޑި މި ވިޔަފާރި ހިނގަމުންދިޔަ އެވެ. ޚާއްޞަކޮށް އޭރު އެންމެ ކުރިއަރާފައިވާ ގްރީކާއި ރޯމަނުން މި ތަކެއްޗަށް ބޭނުންވެފައިވާލެއް ބޮޑުކަމުން ވަރަށް ބޮޑު ފައިދާއެއް މި ވިޔަފާރިކުރާ ފަރާތްތަކަށް ވަމުންދިޔަ އެވެ. އަދި ހަމައެހެންމެ ކަނޑުފޭރޭ މީހުންގެ ސަބަބުން އެހާމެ ނުރައްކާތެރި ވިޔަފާރިއަކަށްވެސް ވެފައިވި އެވެ.

ހަވާދުގެ ވިޔަފާރި ކަނޑުމަގުން ހިނގަން ފެށުމާއެކު މި ވިޔަފާރިއަށް ޢަރަބިންގެ ނުފޫޒު ގަދަވެ، ހަވާދުގެ ވިޔަފާރީގައި އެންމެ ނުފޫޒު ގަދަ ބަޔަކަށް ޢަރަބިންވި އެވެ. އެހެނީ އޭރު ފަންޑިތައާއި ޖާދުލާއި މޮޅެތި ބަސްތައް (ޗާލާކީ ގޮތްތައް) ބޭނުންކޮށްގެން ޢަރަބިން، ހަވާދު ވިއްކާ ފަރާތްތަކަށް ވިސްނައިދެމުން ދިޔައީ އެންމެ އަގުބޮޑުކޮށް ހަވާދު ގަންނަ ބަޔަކީ ޢަރަބިން ކަމަށެވެ. އަދި އެހެން ޤައުމުތަކަށް އަޑު ފަތުރާފައި ވަނީ ހަވާދަކީ ޢަރަބިންގެ ބާރުގެ ދަށުގައިވާ އެއްޗެއް ކަމަށެވެ. އޭގެ އިތުރަށް ހަވާދުގެ ޙަޤީޤަތާއި އުފައްދާ ތަން ޢަރަބިން ވަނީ ސިއްރުކޮށް އެހެން ޤައުމުތަކަށް އޮޅުވައިލައިފައެވެ. ނަތީޖާއެއްގެ ގޮތުން މި ވިޔަފާރީގެ މޮނޮޕޮލީއެއްގެ ގޮތުގައި ފުރަތަމަ ހަރަކާތްތެރިވީ ޢަރަބިންނެވެ.

ޕޯޗުގީޒުން އިންޑިޔާއަށް އައުން

   
ތާރީޚަށް ބަލާއިރު މެދުޒަމާނުގައި ކުރެވެމުން ދިޔަ އެންމެ ނުފޫޒުގަދަ ވިޔަފާރިއަކީ ހަވާދުގެ ވިޔަފާރި އެވެ. އެހެންކަމުން މި ވިޔަފާރީގެ ސަބަބުން ދުނިޔޭގައި އޭރު ހިނގަމުންދިޔަ ހަރަކާތްތަކަށް ބަދަލުތަކެއް ގެނުވި އެވެ. އެހެނީ ހުޅަނގުގެ ޤައުމުތަކުން ހަވާދުގެ ވިޔަފާރި ދަތުރުކުރާ މަގުތަށް ހޯދުމަށްޓަކައި، ކަނޑުމަގުން އިރުމައްޗަށް ދަތުރުކުރާނެ ގޮތެއް ހޯދާން މަސައްކަތްކުރާން ފެށި އެވެ. އެގޮތުން މީލާދީން 1497ގައި ސްޕޭންގެ ދަތުރުވެރިޔާ ކްރިސްޓޮފާ ކޮލަމްބަސް އިންޑިޔާ ހޯދުމަށް ކަނޑުމަގުން ދަތުރުފެށި އެވެ. އޭނާ އެޓްލާންޓިކް ކަނޑު ހުރަސްކޮށް ފެށި ދަތުރުގައި ޓާޓަރީގެ މަތިވެރި ރަސްގެފާނަށް ސިޓީއެއް ގެންދިޔަ އެވެ. ނަމަވެސް ކޮލަމްބަސްއަށް ދެވުނީ އެމެރިކާއަށެވެ. އޭގެ ފަސް އަހަރު ފަހުން ވަސްކޯ ޑަ ގާމާ ލިޒްބަނުން އޭނާގެ ދަތުރަށް ފުރައި، ދެވަނަ ފަހަރަށް ކޭޕް އޮފް ގުޑް ހޯޕާހަމަޔަށް އައެވެ. އަދި ކޭޕް އޮފް ގުޑް ހޯޕް ވަށައިލުމަށްފަހު 20 މެއި 1498 ވީދުވަހު، އެގާރަމަސް ދުވަސްވަންދެން އޭނާ ކުރަމުން ދިޔަ ދިގު އިންތިޒާރުނިމި އިންޑިޔާގެ ކަލިކަޓަށް އާދެވުނެވެ.  
   
ވަސްކޯ ޑަ ގާމާ ކަލިކަޓް ނުވަތަ ކަލްކަތާގައި ހުރި ދުވަސްވަރު އެތާގައި ހަވާދުގެ ވިޔަފާރި ހިނގާ ގޮތާއި، ވިޔަފާރި ހިނގާ މަގުތަށް ދެނެގަތެވެ. އަދި އެ ވިޔަފާރީގެ ފައިދާ ބޮޑުކަމާއި ޕޯޗުގީޒުންނަށް އެ ވިޔަފާރިތެރެއަށް ވަދެވޭނޭ ގޮތެއް އޮތްތޯ ބަލައި އެމަގަށް މަސައްކަތްކުރި އެވެ. މިކަން ވެގެންދިޔައީ އިންޑިޔާ އާއި މުޅި ދުނިޔޭގެ ތާރީޚަށް ގެނުވި ބޮޑު ބަދަލަކަށެވެ. އެހެނީ އޭނާގެ މިދަތުރަށްފަހު ޕޯޗުގީޒުން އިންޑިޔާގެ މަލާބާރު ސަރަހަށްދަށް ހަމަލާދިނެވެ. އަދި މީލާދީން 1511 ގައި މުޅި މަލާބާރުކަރަ އާއި ސިލޯނު ޕޯޗުގީޒުންގެ ބާރުދަށަށް ގެންދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން 16ވަނަ ޤަރުނު ނިމެންދެން ހަވާދު ވިޔަފާރީގެ މޮނޮޕޮލީއަކީ ޕޯޗުގީޒުން ކަމަށްވި އެވެ. ޝައްކެއްނެތްގޮތުގައި މިވިޔަފާރީގެ ފައިދާ ޕޯޗުގީޒު ސަރުކާރަށް ވަރަށް ބޮޑަށްކުރި އެވެ.
   
ޕޯޗުގީޒުން މަލާބާރުގައި ތިބިއިރު ލިޒްބަންއަށް (ޕޯޗުގަލްގެ ވެރިރަށަށް) އެންމެ ގިނައިން ގެންދިޔަ އެއްޗަކީ ކަޅު އަސޭމިރުހެވެ. އެހެނީ ހަވާދުގެ ވައްތަރުތަކަކީ ޚާއްޞަކޮށް ޕެޕާ ނިގާރަމަކީ އެ ޒަމާނުގައި ރަނާ އެއްއަގުގެ އެއްޗެކެވެ. 16 ވަނަ ޤަރުނުގައި ޕޯޗުގަލްގެ ޢާމްދަނީގެ ދެބައިކުޅަ އެއް ބަޔަށްވުރެ ބޮޑު ބަޔަކީ ހުޅަނގު އެފްރިކާއިން ގެންދެވުނު ރަނާއި އިންޑިޔާއިން ގެންދެވުނު އަސޭމިރުހާއި އެހެނިހެން ހަވާދުގެ ބާވަތްތައް ކަމަށްވި އެވެ. ނިސްބަތުން ބަލާއިރު މި ގޮތުން ގެންދެވުނު ރަނަށްވުރެން ވެސް އަސޭމިރުސް ގިނަ އެވެ.
   
ޕޯޗުގީޒުންނަށް ހަވާދުގެ ވިޔަފާރި ކޮންޓްރޯލް ކޮށްގެން މާގިނަ ދުވަސްތަކަކު ތިބެވޭ ގޮތެއް ނުވި އެވެ. ސަބަބަކީ މި ވިޔަފާރީގެ ވާދަވެރިކަން ބޮޑުވުމާއި، ހަވާދުގެ ބާވަތްތައް ހައްދާ ފަރާތްތަކުގެ ފަރާތުން ދިމާވާންފެށި ހައްލުކުރަން ދަތި މައްސަލަތަކެވެ. އެހެންކަމުން ޕޯޗުގީޒުންގެ އަތުން ހަވާދު އުފައްދާ ސަރަހައްދުތަކުގެ ކޮންޓްރޯލް ގެއްލެންފެށި އެވެ. އަދި މި ވިޔަފާރި ކުރާ ފަރާތްތަކުން ޕޯޗުގީޒުން އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރާން ފެށި އެވެ. އެގޮތުން 1580މ. ގައި ޕޯޗުގަލްއަށް ގެންދިޔަ ހަވާދަށްވުރެ، ވެނިސްއަށް ގެންދެވުނު ހަވާދުގެ ނިސްބަތް އިތުރުވި އެވެ. ހަމަ މިދުވަސްވަރު ޕޯޗުގީޒުންނަށް ހަވާދުގެ ވިޔަފާރިކުރާ ކަނޑުމަގު ނުބެލެހެއްޓެވުމުން، ހަވާދުގެ ވިޔަފާރި އުޅަދުތައް ހައިޖެކް ކުރުމާއި ރެޑްސީ ސަރަޙައްދުން ދަތުރުކުރާ ވިޔަފާރި އުޅަދު ފަހަރު ހުއްޓުވުން އިތުރުވާން ފެށި އެވެ. މިހާހިސާބަށް ކަންތަށް ދިޔަތަނާ (މީލާދީން 1590ގައި) ޑަޗުން (ހޮލޭޑްމީހުން) ޕޯޗުގީޒުންނަށް ޙަމަލާދީ ހަމަލާ ކާމިޔާބުކުރި އެވެ. އެހާހިސާބުން ހަވާދުގެ ވިޔަފާރީގައި ޕޯޗުގީޒުންނަށް އޮތް މޮނޮޕޮލީ ނިމުމަކަށް އައެވެ.

ޔޫރަޕަށް ސިނާޢީ އިންގިލާބު އައިއިރު ހަވާދުގެ ވިޔަފާރި

   
ތަހުޒީބުވަމުން އައި އިންސާނުންނަށް ހަވާދުގެ ބާވަތްތައް ބޭނުންކުރާނެ އެތައްގޮތެއް ހޯދުނެވެ. އެގޮތުން އަސޭމިރުހާއި ހަވާދުގެ އެހެނިހެން ބާވަތްތައް ފައިބަރަށާއި ދިރިއުޅުމުގައި ބޭނުންކުރާ އެހެނިހެން ކާނާގެ ވައްތަރުތަކަށް ބަދަލުކުރާނެ ގޮތް އެނގުނެވެ. އެހެންކަމުން އޭރުގެ ސިނާޢީ އިންގިލާބީ ޤައުމުތަކުގެ އިޤްތިޞާދުގެ މައިތަނބުކަމުގައި ހަވާދުގެ ވިޔަފާރިވިއެވެ. އެހެނީ އަސޭމިރުސް ބޭނުންކޮށްގެން (ބަންދުކުރާ) މަހުގެ ކާނާތައް ތައްޔާރުކުރެވޭއިރު ކަރަންފުލާއި ފޮނިތޮށި ބޭނުން ކޮށްގެން ސާފުތާހިރުވާ ސާމާނާއި ވައިސާފުކޮށް މީރުވަސްދުއްވާ ތަކެތި އުފެއްދެ އެވެ. ޖުމްލަކޮށް ދަންނަވާނަމަ ތައްޔާރީ ކާނާތައް ތައްޔާރުކުމާއިއެކު އެތަކެތި ހަލާކުނުވެ ގިނަދުވަހު ހުންނަގޮތަށް ހަދަނީ ހަވާދު ބޭނުން ކޮށްގެންނެވެ. އަދި ބައެއް ބޭސްވެސް ތައްޔާރުކުރެވެނީ ހަވާދުގެ ބާވަތްތައް ބޭނުން ކޮށްގެންނެވެ. މީގެއިތުރުން ލިޔުންތެރިކަމުގެ ތެރެއަށްވެސް ހަވާދުގެ އަސަރުތައް ފޯރާފައިވެ އެވެ. އެގޮތުން "ދަ ޢަރަބިއަން ނައިޓް" އާއި ސެކްސްޕިއާރގެ ލިޔުންތައްވެސް ހަވާދުގެ ވާހަކަތަކާއި ގުޅިފައިވި އެވެ. އެހެންކަމުން އޭރު ހަވާދުވެފައިވަނީ ސިނާޢީ އިންޤިލާބީ ޤައުމުތަކަށް ކޮންމެހެން ބޭނުން އެއްޗަކަށެވެ.
   
ސިނާޢީ އިންގިލާބުގައި ހަވާދު ވަރަށް މުޙިންމު ދަޢުރެއް އަދާކޮށްފައިވެ އެވެ. ޔޫރަޕުގެ ގިނަ ޤައުމުތަކަށް ހަވާދު ގެންދެވިފައިވަނީ އިންޑިޔާއިންނެވެ. ހަވާދުގެ ބާވަތްތަކުގެ ތެރެއިން އަސޭމިރުސް އެންމެ ގިނައިން ހައްދަމުން ދިޔައީ އިންޑިޔާގެ މަލާބާރުކަރައިގެ ކޮޗިންގަ އެވެ. ނަމަވެސް ފޮނިތޮށްޓާއި ކާފޫރުތޮޅި އެންމެ ގިނައިން ހައްދަމުން ދިޔައީ ސިލޯނުގަ އެވެ. އަދި ކަރަންފޫ ހައްދަމުން ދިޔައީ ބޭ އޮފް ބެންގާލްގަ އެވެ. މިހުރިހާ ސަރަހައްދުތަކުގައި ހެއްދި ހަވާދުގެ ބާވަތްތަކުގެ ބޮޑު ބައެއް އޭރު ގެންދެވުނީ ޔޫރަޕުގެ ޤައުމުތަކަށެވެ.  

ޑަޗުންނާއި އިނގިރޭސީން އިންޑިޔާގައި

   
ޕޯޗުގީޒުންގެ ބާރު ދަށްވަމުން ދިޔައިރު، ހަވާދުގެ ދުނިޔޭގައި ފައި ހަރުކޮށްލުމުގެ ފުރުޞަތަކަށް ޑަޗުންނާއި އިނގިރޭސީން ދިޔައީ ބަލަމުންނެވެ. އެގޮތުން ޑަޗުން މިވިޔަފާރީގެ ތެރެއަށް ވަނީ 16ވަނަ ޤަރުނު ނިމެމުން ދަނިކޮށެވެ. ޕޯޗުގީޒުންނާ ޚިލާފަށް ޑަޗުން މަސައްކަތް ކުރަމުން ދިޔައީ ސަރަޙައްދުގެ ރާޖާއިންނާ ގާތް ރަހުމަތްތެރި ގުޅުމެއް އުފައްދައިގެން ވިޔަފާރި ކުރާށެވެ. ނަތީޖާއެއްގެ ގޮތުން 17ވަނަ ޤަރުނުގައި ހަވާދުގެ ވިޔަފާރީގެ މޮނޮޕޮލީއަކަށް ޑަޗުންވި އެވެ. ސަބަބަކީ ފޮނިތޮށި ހައްދާ ސިލޯން މީލާދީން 1658އިން ފެށިގެން ކޮންޓްރޯލް ކުރަމުން ދިޔައީ ޑަޗުންނަށް ވުމާއެކު، މަލާބާރުގައި އެންމެ ރަނގަޅަށް އަސޭމިރުސް ބޭރުކުރާ ސަރަޙައްދު މީލާދީން 1663ގައި ޑަޗުންގެ ބާރުގެ ދަށަށް އައުމެވެ. ނަމަވެސް ޑަޗުން މި ވިޔަފާރި ކޮންޓްރޯލް ކުރުމަށް ބޭނުންކުރީ އެވޭލާގައި ޢަރަބިން ބޭނުންކުރި އުކުޅުތަކެވެ. އެއީ ގަދަބާރު ބޭނުންކުރުމުގެ ބަދަލުގައި ޗާލާކީގޮތްތައް ބޭނުން ކުރުމެވެ. އެގޮތުން އަމްސްޓަޑަންގައި ހަވާދުގެ އަގު ދަށަށް ހިގައްޖެނަމަ ޑަޗުން ކަންކުރާގޮތަކީ ހަވާދުތައް އަންދާލުމެވެ.
   
އިނގިރޭސީން އިންޑިޔާއަށް އައިއްސުރެ، ހަވާދުގެ ވިޔަފާރީގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށް އިނގިރޭސީން ދިޔައީ ޕޯޗުގީޒުންނަށް ދުއްތުރާ ކުރަމުންނެވެ. އޭގެ ފަހުން މަލާބާރަށް ޑަޗުން އައުމުން ޑަޗުންނަށް އުދަގޫކުރަން ފެށި އެވެ. މި އުދަގޫ ބޮޑަށް ކުރަމުން ދިޔައީ ކަނޑުމަތިން ނެވެ. އެގޮތުން މީލާދީން 1600ވަނަ އަހަރު އިނގިރޭސީންގެ އިންޑިޔާ ގޮފި "ބްރިޓިޝް އީސްޓް އިންޑިޔާ ކޮމްޕެނީ"ން ކުއީން އެލިޒަބަތު (1) ޗާޓަރުކުރި އެވެ. މަޤުޞަދަކަށްވީ ހަވާދު ހިފައިގެން ދަތުރުކުރާ އުޅަދުފަރަށް ހަމާލާދީ އުދަގޫ ކުރުމެވެ. މިގޮތަށް އިނގިރޭސީން ހަވާދުގެ ކޮންޓްރޯލް ހޯދުމަށް ޑަޗުންނަށް ކުރަމުންދިޔަ ދުއްތުރާތަކުގެ ސަބަބުން އިނގިރޭސީންނާއި ޑަޗުންނާ ދެމެދު މީލާދީން 1780ގައި ހަނގުރާމަ ކުރާންފެށުނެވެ. އޭރު އިންޑިޔާގައި އޮތް ޑަޗުންގެ އަސްކަރީ ގޮފި ވަނީ ދިފާޢީގޮތުން ވަރަށް ބަލިކަށިވެފައި އެވެ. ނަތީޖާއަކަށްވީ ޕޯޗުގީޒުންނާއި ޑަޗުން ބޭރުކޮށް މުޅި އިންޑިޔާ ނުވަތަ ހަވާދުގެ ވިޔަފާރި އިނގިރޭސީންގެ ބާރުގެ ދަށަށް ދިޔުމެވެ.
---------------
(ނިމުނީ)
މި ލިޔުން:
      ފޮނުވުން:      
އަލްފާޟިލް ޢަބްދުﷲ ޢިމްރާން, އދ. ހަންޏާމީދޫ
      އަލުން ބެލުން:    ޢަބްދުލްޢަޒީޒު ޖަމާޅު އަބޫބަކުރު
      ޝާއިޢުކުރުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ރުޖޫއަވީ އަސްލުތައް.

Baker, J.N.L. A History of Geographical Discovery and Exploration.  London: George G. Harrap & Co. Ltd., 1931.
Boxer, C.R. The Portuguese Seaborne Empire, 1415-1825.  London: Hutchinson, 1969.
Disney, A. R. Twilight of the Pepper Empire. Cambridge: Harvard University Press, 1978.
Dr. Bird, wood. Old record of India office, 1879.
King, Leonard W. Babylonian Magic and Sorcery.  London: Luzac & Co., 1896.
Louise Marie M. Cornillez.  The History of the Spice Trade in India. Los Angeles: Emory University, 2009
Michael Wood. The Story of India: South India, 2011. http://www.bbc.co.uk/history/ancient/india/gal_india_south_04.shtml
Shane Winser. The search for trade routes. UK, 2011. http://www.bbc.co.uk/history/british/tudors/vasco_da_gama_01.shtml
Parry, John W. The Story of Spices. New York: Chemical Publishing Co., Inc., 1953.
Pearson, M.N. The Portuguese in India. Cambridge: Cambridge University Press, 1987
.

ހަމަމިގަލަމުން

އިދާރާ

ވާހަކަ