Print

އައްސިޔޯ: މުލަކަތޮޅު މުލަކުގެ ރޯދަވިއްލުމުގެ މައި ކެއުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އާދަކާދަ



ޙަސަން ޒަހީން

ރޯދަމަހުގެ ހަނދާންތަކަކީ އަބަދުވެސް އުފަން ރަށާ ގުޅިފައިވާ ހަނދާންތަކެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރޯދަމަހާ ގުޅިގެން ތައްޔާރުކުރާ އައްސިޔޯ ގެ ޚާއްޞަ ކަމުންނެވެ. ރޯދަމަހުގެ ކޮންމެ ދުވަހެއްގެ އިރު އޮއްސެމުން އަންނަ އިރު ރޯދަވިއްލުމަށް އައްސިޔޯ ނުހަދާ ގެއެއް ރަށުގައި ނުހުންނާނެޔޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މި ޚާއްޞަ ކެއުމަކީ މ.އަތޮޅު މުލަކުގެ ރައްޔިތުންނާ ގުޅި ލައިމެހިފައިވާ ކެއުމެކެވެ. ރޯދަވިއްލުމުގެ ސުފުރާ ފަޅުފިލުވައިލަދޭ ޚާއްޞަ ކެއުމެވެ. މުލަކުގެ ތާރީޚީ ހަނދާންތައް އާލާކޮށްދޭ ކެއުމެވެ.

އައްސިޔޯއާ ބެހޭގޮތުން މާބޮޑު ހޯދުންތަކެއް ހޯދާކަށް ނުޖެހެއެވެ. މިއަދު ވެސް މިކަން އާދެ! އެއާދަކާދަ މުލަކުގައި ހަމަ އެގޮތުގައި ދެމިއޮތީތީއެވެ. އައްސިޔޯގެ ތާރީޚާއި މާޒީއެއް ނޭނގެއެވެ. އެނގޭކަމަކީ މިއީ ކޮން ދުވަސްވަރެއްގައި، ކިހނެއް ފެށިގެން އައިސްފައިވާ ކެއުމެއްކަން ބުނެދޭން ރަށުގެ ދުވަސްވީ މީހުނަށް ވެސް ނޭނގޭކަމެވެ. މުސްކުޅިންގެ ބުނުންތަކުން އެނގޭ ގޮތުގައި ވެސް މުލަކަތޮޅު މުލަކަށް ޚާއްޞަ، ރޯދަވިއްލުމުގެ މައިކެއުމަކީ މިއީއެވެ. އައްސިޔޯއެވެ. އެހެންނަމަވެސް މިކެއުން ފެށިގެން އައީ ކީއްވެގެން، ކޮން ގޮތަކުންކަމެއް އެމީހުންނަށް ވެސް ބުނެދޭކަށެއް ނޭނގެއެވެ.

ދެންއޮތީ މިނަމެވެ. އައްސިޔޯއެވެ. މިއީ ވެސް ކޮންގޮތަކުން މި ކެއުމަށް ދެވިފައިވާ ނަމެއްކަމެއް ނޭނގެ އެވެ. އެނގޭ ކަމަކީ ރޯދަމަހާއި އައްސިޔޯއާ ވަކިނުކުރެވޭ ކަމެވެ. މުލަކުގެ ކޮންމެ ގެއެއްގެ ރޯދަވީއްލުމުގެ ސުފުރާގައި އައްސިޔޯ ނެތްނަމަ، އެއީ ފަޅުކަމަކަށް ވާކަމެވެ. ރޯދަވިއްލުމުގެ ސުފުރާއިން އައްސިޔޯއަށް ޚާއްޞަ ޖާގައެއް ދެވިފައިވާ ކަމެވެ. މި ކަމުގައި މިއަދެކޭ އިއްޔެއެކޭ ތަފާތެއް ނެތެވެ.

އައްސިޔޯ ތައްޔާރުކުރުމަށް ފިހެލާނެ ފަރުމަހެއް ހޯދުމަކީ މުހިންމު ކަމެކެވެ. އެއީ އައްސިޔޯގެ މައި ބައެވެ. އެހެންކަމުން މަސް އޮޑިފަހަރު އައުމުން ގޮހޮރު ނައިގެން ރަށުގެ ފަޅު ބޭރަށް ނުވަތަ ގޮނޑު ދޮށަށް އެރިގެން ނަމަވެސް ފިހެލާނެ މަހެއް ހޯދުން މުހިންމެވެ. މިއީވެސް ޚާއްޞަ މަސްވެރިކަމެކެވެ. އިރު އޮއްސުމާއެކު ރަށުގެ ފަޅު ބޭރަށް ކުދި އުޅަނދުތަކުގައި މަހަށް ނުކުމެއެވެ. ރަށަކީ ޤުދުރަތީ ގޮތުން އުފެދިފައިވާ ގޮތުން ވެސް މާކަނޑަޅަށް ހުޅުވިފައިވާ ރަށެއްކަމުން ގޮނޑުދޮށުން ވެސް ރަތްމަސް ގިނިމަސް ފަދަ ތަފާތު މަސްތައް ފަސޭހަ ކަމާއެކު ބޭނެއެވެ. ރޭގަނޑުގެ މަސްވެރިކަމުގައި ވެސް މަސްބޭނުމަށްފަހު މަސްތައް އަޅަނީ ފެއްސަށެވެ. (ފެއްސަކީ މަސްހިފާ ކޮއްޓެވެ. ނުވަތަ މަސް ދިރުވައިފައި ބަހައްޓާ ކޮއްޓެވެ.) ބޭނުމަކީ އަނެއްދުވަހަށް ދިރުވައިފައި މަސްބެހެއްޓުމެވެ. އައްސިޔޯއަށް ހޯދުނު މަސް ތާޒާކަމާއެކު ދިރުވައިފައި މަސްބެހެއްޓުމެވެ. ކޮންމެ ދުވަހެއްގެ ޢަޞުރުން ފޭބުމާއެކު ފެހިތައް އެއްގަމަށް އަރުވައެވެ. އެއީ ވެސް ފޯރިގަދަ ވަގުތެކެވެ. ރަށުގެ ރައްޔިތުންނަކީ އެކުވެރި، ގުޅުން ރަނގަޅު ބަޔެއްކަން ދައްކައިދޭ ވަގުތެކެވެ. އައްސިޔޯ ހެދުމަށް މަސް ބޭނުންވެފައިވާ މީހުންނަށް ގިނަ ފަހަރަށް ބޭނިމަސްތައް ހަމަހަމަ އުސޫލުން ބަހައިލައެވެ. ޒަމާނަށް އައި ބަދަލާއެކު ބައެއް މީހުން މިހާރު މަސް ވިއްކައި ހަދައެވެ. އެހެންނަމަވެސް މާބޮޑު އަގަކަށް ނޫނެވެ. ކޮންމެ ގެއެއްގައި ވެސް އައްސިޔޯ ހަދައިލެވޭނެ ވަރު ކޮށްދިނުމަށެވެ. ރަށުގެ ޒަމާންވީ އާދަކާދަ އެ ގޮތުގައި ބޭއްވުމަށް ބޭނުންވާތީއެވެ.

މިއީ އައްސިއްޔޯގެ ފުރަތަމަ މަރުޙަލާއެވެ. ދެން އޮތީ މަސްފިހުމެވެ. މިއީވެސް ފޯރިއާއެކު ކުރާ ކަމެކެވެ. ކޮންމެ ގެއެއްގައި ވެސް އިރުއޮއްސެމުން އަންނައިރު މަސްފިހުން ކުރިއަށް ދާނެ އެވެ. އަދި ކިހާއް ތައްޔާރުކުރުމާއި ކާށިއުކުރުން ވެސް ކުރިއަށް ދެއެވެ. މިއީ ގިނަ ގޭގޭގައި ފިރިހެނުން ކުރާ ކަންކަމެވެ. ދެން އޮތީ އައްސިޔޯގެ އެންމެ ޚާއްޞަ ކަންތަކެވެ. އެއީ ކެއުމެވެ. ފުރިހަމަ އައްސިޔޯއެއް ނަމަ އޭގައި ހިމެނޭ މައިގަނޑު 3 ބާވަތަކީ ފިހުނު މަހާއި ކިހާކާއި ކާއްޓެވެ.

އައްސިޔޯއަށް ތައްޔާރުކުރާ ފިހުނުމަސް އަލިފާން މަތިން ނަގާނީ އިރުއޮއްސި ބަންގި ގޮވުމުންނެވެ. ބޭނުމަކީ ތާޒާކަމާއެކު ހޫނުކޮށް އައްސިޔޯ ކެއުމެވެ. މިއީ ފޯރިގަދަ ވަގުތެކެވެ. ގިނަފަހަރަށް ކެއުން އެންމެ ފޯރިއަރާއިރު މަސް ހުސްވާނެ އެވެ.

ކޮންމެއަކަސް އަޅުގަނޑަށް ވަރަށް ކުރުކޮށް މި ދަންނަވައިލެވުނީ އަޅުގަނޑުމެންގެ ރަށުގައި (އާދެ! މ. މުލަކުގައި) ރޯދަވިއްލުމަށް ތައްޔާރުކުރާ ޚާއްޞަ ކެއުމުގެ ވާހަކައެވެ. އެއީ މުލަކަށް ނިސްބަތްވާ ކޮންމެ މީހެއްގެ ވެސް ޚާއްޞަ ރޯދަވިއްލުމަކަށް ވާނެ އެވެ. ތިޔަ ބޭފުޅުންގެ ގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. އެހެންނަމަވެސް އެނގޭ، އެއް ކަމެއް އެބައޮތެވެ. ރޯދަ މަހު މުލަކަށް ޒިޔާރަތްކުރައްވާ މެހުމާނުން ވެސް އައްސިޔޯގެ އަވައިގައި ޖެހޭކަމެވެ.
-------------
(ނިމުނީ)
މި ލިޔުން:
    ފޮނުވުން:    އަލްފާޟިލް ޙަސަން ޒަހީން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
    ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


އިދާރާ

ވާހަކަ