Print

الله، إلـه، ربّ، މާތްރަސްކަލާނގެ، ރަސްކަލާނގެ، މާތްކަލާނގެ، އިނބަރަސްކަލާނގެ، އިނބަސުވާމީންގެ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


މި މަޒުމޫނުގެ މައިގަނޑުނަން ފެނިވަޑައިގަތުމުން މިއީ ދީނީ މަޒުމޫނެއްކަމަށް ހީފުޅުވެދާނެ އެވެ. މަޢާފުކުރެއްވުން އެދެމެވެ. މިއީ ހަމަ އަދަބީ މަޒުމޫނެކެވެ. ވީމާ މި ނުކުތާއަށް ސަމާލުކަންދެއްވައިގެން މި މަޒުމޫނު ވިދާޅުވެދެއްވުން އެދެމެވެ.

އަޅުގަނޑުމެން މުސްލިމުން ހިތުގެ އަޑިން ޤަބޫލުކުރާ ފަދައިން އަޅުގަނޑުމެން އެންމެން ހައްދަވައި ގެންގުޅުއްވައި ބަލަހައްޓަވައި ބޮޑުކުރައްވައި އަޅުގަނޑުމެންނަށް އެންމެހައި ނިޢުމަތްތައް ދެއްވަނީ  الله سبحانه وتعالى އެވެ. އާދޭހެވެ! އަޅުގަނޑުމެންނާއި މުޅި ކާއިނާތާއި އެންމެހައި ތަކެތި މިލްކުވެވޮޑިގެންވަނީ الله އަށެވެ. އަޅުގަނޑުމެން އެނބުރިދިޔުންވަނީ  الله ގެ ޙަޟުރަތަށެވެ.

الله سبحانه وتعالى ގެ ذات  ފުޅުގެ إسم ފުޅަކީ ނުވަތަ لفظ الجلاله އަކީ الله އެވެ. މި إسم ފުޅުގެ ފުރަތަމަ އަކުރުން ފަށައިގެން ފަހަރަކު އަކުރެއް އުނިކުރަމުން ބޭނުންކުރިޔަސް އެ ލަފުޒު الله ގެ ذات  ފުޅަށް ނިސްބަތް ނުވާ ގޮތެއް ވެސް ނެހެދެ އެވެ. މިސާލަކަށް ا އުނިކޮށްފި ނަމަ  لله އެވެ. ا އާއި ل އުނިކޮށްލުމުން له އެވެ. ا އާއި ل އާއި ل އުނިކޮށްލުމުން  ه ނުވަތަ هو އެވެ. އާދެ! هوالله . . . . އެވެ. އެއްވެސް ޝައްކެއްނެތެވެެ. މި މާތް إسم ފުޅަކީ ވަރަށް މަތިވެރި އެހާމެ ފުރިހަމަ إسم ފުޅެކެވެ. މި އިސްމުފުޅުގެ މަތިވެރިކަމާއި ހައިބަތުގެ މައްޗަށް އެއްވެސް އިންސާނަކަށް ތަޢުރީފުކޮށެއް ނުނިންމޭނެއެވެ. އެފަދަ ކުޅަދާނަކަމެއް އިންސާނަކަށް ލިބިގެނެއް ނުވެއެވެ. މުސްލިމުން މި މަތިވެރި إسم ފުޅަށް އެހާމެ ބޮޑު ޤަދަރެއްދެނީ މިފަދަ އެތައް ސަބަބުތަކަށްޓަކައެވެ.

މި މަތިވެރި މާތް އިސްމުފުޅު لفظ الجلاله އަށް އެންމެ ބޮޑު އިސްކަމެއް ދެނީ އަދި އެންމެެ ބޮޑަށް ޤަދަރުކުރަނީ ބަސްތަކުގެ ތެރެއިން ދިވެހިބަހެވެ. މިއީ އޮޅިގެން ދެންނެވި ވާހަކައެއް ނޫނެވެ. ދިވެހިބަސް ފިޔަވައި ހުރިހާ ބަހަކުން ވެސް މި ލަފުޒު ލިޔެ އުޅެނީ އެ ބަހެއް ލިޔެ އުޅޭ އަކުރަކުންނެވެ. ނަމަވެސް ދިވެހިބަސް މި މާތް إسم ފުޅަށް ދޭ ޤަދަރެއްގެ ބޮޑުކަމުން މި إسم ލިޔެއުޅެނީ ހަމަ އެ إسم ފުޅުގެ އަޞްލު އަކުރުންނެވެ. ޢަރަބި އަކުރުންނެވެ. ތާނަ ޓައިޕްރައިޓަރު އުފެއްދި އިރު އެ إسمފުޅަށް ވަކި ފިތެއް ޚާއްޞަކުރީމުއެވެ. ކޮންޕިޔުޓަރުން ލިޔެވޭ ގޮތްވުމުން ވެސް މި އުޞޫލު ދިވެހިން ދުލެއް ނުކުރި އެވެ. އެ إسم ފުޅަށް ކުރާ އިޙުތިރާމެއްގެ ބޮޑުކަމުންނެވެ. އެއީ ތާނައިން އެ އިސްމުފުޅު ނުލިޔެވޭތީކީ ނޫންކަން ހަނދުމަފުޅުބެހެއްޓެވުން އެދެމެވެ. އިނގިރޭސި ބަހުން Allah  ލިޔެގެން ފުދޭ އިރު އަދި އެހެން ހުރިހާ ބަހަކުން ވެސް އެ ބަޔެއްގެ ބަސް ލިޔެ އުޅޭ އަކުރަކުން ލިޔެގެން ފުއްދާ އިރު ދިވެހިބަހުން ވެސް އައްލާހ މިހެން ނުލިޔެވޭންވީ ސަބަބެއް ނެތެވެ. ނަމަވެސް އަޅުގަނޑުމެން ދިވެހީން އެ إسم ފުޅަށް ކުރާ އިޙުތިރާމެއްގެ ބޮޑުކަމުން އެ ގޮތަށް ލިޔާން ބޭނުން ނުވަނީ އެވެ. މިއީ އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ ކަމެކެވެ. الله ގެ ذات  ފުޅުގެ إسم ފުޅަށް އެންމެ ބޮޑަށް އިޙުތިރާމްކުރާ ބަހަކީ ދިވެހިބަހޭ ބުނެވޭނެ ޖާގަ އޮތީތީ އެވެ.

ދެން އޮތީ އެހެން ވާހަކައެކެވެ. ދިވެހިބަހުން  الله سبحانه وتعالى އަށް ނިސްބަތްކޮށް "މާތްރަސްކަލާނގެ" ބޭނުންކުރުމަކީ ބައެއް މީހުން އެކަމާ ދެކޮޅު ހަދާ ކަމެކެވެ. މިފަދަ މީހުން، الله އަށް ނިސްބަތްކޮށް إلـه،  ربّ  މި ފަދަ ކަލިމަތައް ބޭނުންކުރުމަށް އިސްކަންދޭކަން ފާހަގަކުރެވެއެވެ. ނަމަވެސް ދިވެހިބަހުގެ ހަމަތަކަށް ބަލާއިރު، މާތް ރަސްކަލާނގެ އަކީ الله ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެއްވެސް މިންވަރަކަށް ނިސްބަތްކުރެވޭ "ލަފުޒެއް" ނޫނެވެ. އެކަމަކު إلـه،  ربّ ފަދަ ކަލިމަތައް ބައެއް ޙާލަތްތަކުގައި އެހެން ފަރާތަތަކަށް ނިސްބަތްކުރެވެއެވެ. މިސާލަކަށް إلـه ގެ މާނައަކީ "އެ ފަރާތަކަށް އަޅުކަންކުރާ ފަރާތެވެ." الله ފިޔަވައި އެހެން إلـه އަކަށް އަޅުކަން ކުރުން ޙައްޤު ނޫނަސް އެކަން ކުރި އަދި ކުރާ މީހުން އުޅެއެވެ. އުޅުނެވެ. އެ މީސް މީހުން އެ ފަދަ ތަކެއްޗަށް إلـه އޭ ކިޔައި އުޅުނެވެ. ކިޔައެވެ. އަނެއްކޮޅުން ބަލާއިރު  ربّ ގެ މާނައަކީ ބަލައި ބަލަހައްޓާ މީހާ އެވެ. އަޅުގަނޑުމެންގެ رب އަކީ الله އެވެ. ދިވެހިބަހުން ކިޔަނީ "ރައްބި" އެވެ. "ރައްބިއެއް ރަ ސޫލެއް، ޢަރުޝިއެއް، ކުރުސިއެއް، ލައުޙެއް ޤަލަމެއް. . . ." މިހެން ކިޔައި އުޅެއެވެ. "ރައްބި" އެއީ ރަދީފުގައި ވެސް އޮންނަ ލަފުޒެކެވެ. މާނައަކީ "ހައްދަވައިބޮޑުކުރެއްވި މާތް ރަސްކަލާންގެ"  އެވެ. އެކަމަކު "ރައްބު" (ربّ) މި ލަފުޒެއް ދިވެހި ރަދީފަކު ނޯވެއެވެ. އެހެން ދިވެހިބަހުން ކިޔައެއްވެސް ކުރިޔަކުން ނޫޅެއެވެ.

ޢަރަބި ބަހުގައި ބޭނުންކުރާ ربّ މި ކަލިމައަކީ ބައެއް މީހުން އެހެން ޙާލަތްތަކުގައި އެހެން ފަރާތްތަކަށް ނިސްބަތްކޮށް ބޭނުންކޮށްފައި ހުރި ލަފުޒެވެ. މިސާލަކަށް ގެފުޅު މުގުރާން އައި ފީލުބާގައިގެ މީހުންނާ މުޚާޠަބުކުރައްވައި ގެފުޅުގެ ވެރި ފަރާތެއް ވާ ކަމަށާއި ބަކަރިތަކުގެ ވެރިޔަކީ ތިމަންކަލޭގެފާނު ކަމަށް ޢަބްދުލްމުއްޠަލިބުގެފާނު ވިދާޅުވި ބަސްފުޅުގައި ބޭނުންކުރައްވައިފައިވަނީ ربّ އެވެ. އަދި މުދަލުގެ ވެރިފަރާތަށް ربّ المـال އޭ ކިޔައެވެ. އެހެންވީމާ  ربّ އާއި  إلـه އާއި މި 2 ލަފުޒު ބޭނުންކުރެވޭ އެހެން ޙާލަތްތައް ހުންނަކަން އެބަ އެނގެއެވެ. ނަމަވެސް މާތްރަސްކަލާނގެ، މާތްކަލާނގެ، ރަސްކަލާނގެ، އިނބަސުވާމީންގެ މިއިން އެއްވެސް ނަންފުޅަކީ އެއްވެސް ޙާލަތެއްގައި އެއްވެސް މިންވަރަކަށް الله ފިޔަވައި އެހެން ފަރާތަކަށް ނިސްބަތްކުރެވޭ އަދި އިޝާރާތްކުރެވޭ ނަންފުޅުތަކެއް ނޫނެވެ.

އޮޅުވައިނުލެއްވުން އެދެމެވެ. އަޅުގަނޑުގެ މަޤްޞަދަކީ އަކީ އަޅުގަނޑުމެންގެ  ربّ އޭ އަޅުގަނޑުމެންގެ  إلـه އޭ ކިޔުން ކަމުނުދެޔޭ ދެންނެވުމެއް ނޫނެވެ. އެ ގޮތުގައި އެއްވެސް ގޯހެއް ނެތެވެ. އަޅުގަނޑުގެ މަޤުޞަދަކީ الله އަށް ނިސްބަތްކޮށް ދިވެހިބަހުން މާތްރަސްކަލާނގެ އޭ ނުވަތަ މާތްކަލާނގެ  ނުވަތަ ރަސްކަލާނގެއޭ ކިޔުމަކީ ގޯހެއް ކަމަށް ބައެއް މީހުން ހީކުރާތީ އެއީ ވަރަށް ބޮޑު އޮޅުމެކޭ، އެ ގޮތަށް ހީކުރުމަކީ ގޯހެކޭ ދަންނަވައިލުމެވެ. ދިވެހިބަހުން މި ދެންނެވި 3 ނަންފުޅުން ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އިޝާރާތެއް ނުކުރެވެޔޭ ދަންނަވައިލުންވެސް މެއެވެ.

الله އަށް ނިސްބަތްކުރުން އެންމެ އެކަށީގެންވާ އިސްމު ފުޅަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި الله އެވެ. އެކަމަކު إلـه،  ربّ ފަދަ ކަލިމަތައް الله އަށް ނިސްބަތްކޮށް ޢަރަބި ބަހުން ބޭނުންކުރެވޭ ނަމަ ދިވެހިބަހުން "މާތްރަސްކަލާނގެ" ބޭނުން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެވެ. މި ނަންފުޅުން ދޭހަވަނީ، އެންމެ މަތިވެރި، ހުރިހާ އެއްޗެއް މިލްކުވެ ވޮޑިގެންވާ އެންމެ ބާރުގަދަވަންތަ ފަރާތެވެ. އެހެން މާނައެއް، "މާތްރަސްކަލާނގެ" މި ނަންފުޅަކުން ދޭހައެއް ނުވާނެ އެވެ. ވީމާ إلـه،  ربّ މި 2 ކަލިމަ ވެސް الله އަށް ނިސްބަތްކޮށް ކިޔޭ ނަމަ، މާތްރަސްކަލާންގެ އަކީ އެ ކަލާނގެ އަށް ނިސްބަތްކުރުން މާ އެކަށީގެންވާ ލަފުޒެއްކަމަށް ނޫނީ ދެންނެވޭކަށް ނެތެވެ.  ހަމަ މިފަދައިން "އިނބަ إلـه" މި ގޮތަށް الله އާ މުޚާޠަބުކޮށް ދެންނެވުން މާ މޮޅުވެފައި  "އިނބަރަސްކަލާނގެ" މި ގޮތަށް ދެންނެވުން ގޯސްވާންވީ އެއްވެސް ސަބަބެއް ނެތެވެ. "ހައްދަވައި ގެންގުޅުއްވާ ރަސްކަލާކޮ" މި ގޮތަށް الله އަށް ދެންނެވުމަކީ އަދަބުކުޑަމަމެއްކަން ދޭހަވާންވީ ސަބަބެއް ވެސް ނެތެވެ. އެހެނީ "މާތް ރަސްކަލާނގެ" މި ނަންފުޅުގެ މާނައެއް ކަމަށް "ދިވެހިބަސްފޮތް2006" ގައި ބުނަނީ (އެއީ) " الله ސުބުހާނަހޫ ވަތަޢާލާ"  ކަމުގައެވެ.

އަނެއް ކޮޅުން ބަލާއިރު،  "إلـه" މި ކަލިމައިން ދޭހަވާ މާނައަކީ "އެ ފަރާތަކަށް އަޅުކަންކުރާ ފަރާތް" ކަމަށް ވިޔަސް "މާތްރަސްކަލާނގެ" މި ނަންފުޅުން الله ގެ މާތްކަމާއި މަތިވެރިކަމާއި، އަދި އެ ކަލާނގެ އަށް މިލްކުވެވޮޑިގެންވާ "مالك الملك ذوالجلال والإكرام" މި އިސްމުފުޅުގެ މާނަ ވެސް ރަމްޒުކޮށްދެ އެވެ.  އެހެނީ ދިވެހިބަސް ފޮތް މާނަކުރާ ގޮތުން "މާތް" މި ނަންއިތުރުގެ މާނައަކީ، "މަތިވެރި" ނުވަތަ "ބަރަކާތްތެރި" ނުވަތަ "އުޅުމުގައި ރީތި ސިފަތައް ލިބިފައިވުން" އެވެ. "ރަސް" މި ނަންއިތުރުގެ މާނަތަކުގެތެރޭގައި "ރަސްކަން"، "މޮޅު"، "އެންމެ ބޮޑު"، "އެންމެ ލޯބިވާ" މި ހުރިހައި މާނަތަކެއް ހިމެނެއެވެ. "ކަލާނގެ" މި ލަފުޒުގެ މާނައަކީ (ރަދީފުގައިވާ ގޮތުން) "އިލާހު" އެވެ. ނުވަތަ "އެ ފަރާތަކަށް އަޅުކަންކުރެވޭ ފަރާތް" މިއެވެ. ވީމާ، އެންމެ މަތިވެރި އެންމެ ބާރުވެރި، ހުރިހާ އެއްޗެއް މިލްކުވެވޮޑިގެންވާ ގަދަކީރިތިވަންތަ ކަލެއްގެ މާނަ "މާތްރަސްކަލާނގެ" މި ނަންފުޅުން އަޅުގަނޑަށް ދޭހަވެއެވެ.

ވީމާ އިސްވެ މި ދަންނަވައިލެވުނު ޙަޤީޤަތްތަކަށް ބަލާއިރު، "މާތްރަސްކަލާނގެ"، "އިނބަރަސްކަލާންގެ"، "ހައްދަވައި ގެންގުޅުއްވާ ރަސްކަލާކޮ"، "އިނބަސުވާމީންގެ" މި ގޮތް ގޮތަށް ބޭނުންކުރުމަށްވުރެ،  "މާތް إلـه "، "އިނބަ إلـه "، "ހައްދަވައި ގެންގުޅުއްވާ إلـه " މ ގޮތް ގޮތަށް ބޭނުންކުރުން މާ މޮޅު އިތުރުކަމަށް ހީކުރުމަކީ ވެސް ރަނގަޅު ހީކުރުމެއް ނޫނެވެ. މިއިން އެއްވެސް ގޮތަކީ އަދަބީ ނަޒަރަކުން ބަލާއިރު ކުށް ގޮތެއް ކަމަށް ދެންނެވޭނެ ޖާގައެއް ނެތެވެ. އަދި މިއީ ދީނީ މައްސަލައަކަށް ހަދައިގެން އިޖުތިމާޢީ އަރައިރުމެއް އުފައްދަންވީ ކަމެއްވެސް ނޫނެވެ. މިއީ އަދަބީ ކަމެކެވެ. ބަހާބެހޭ ކަމެކެވެ. ބަހާބެހޭ ކަމެއްގައި ލަފުޒެއްގެ މާނަ ހޯދުމަށް ތިމާ ރުޖޫޢަވުން އެންމެ އައުލާކަން ބޮޑީ ރަދީފަށެވެ. ނުވަތަ މަޤުބޫލު ބަސްވާރެއްގެ އަރިހަށެވެ. އަޅުގަނޑުމެން ކަންކުރުން އެންމެ ރަނގަޅު ގޮތަކީ އެއީއެވެ. ކޮންމެ "ދީނީ ޢިލްމުވެރިޔަކީ"  "ބަސްވާރަކަށް" ނުވާނެ އެވެ. އަދި ކޮންމެ ބަސްވާރަކީ ދީނީ ޢިލްމުވެރިޔަކަށް ނުވެވެސް ހިނގައިދާނެ އެވެ. ވީމާ އަމިއްލަޔަށް ގޮތް ނިންމުމަށްވުރެ ބޮޑަށް، ދަންނަ މީހުންނާ ސުވާލުކުރުުމަކީ އެކަން ކުރަންޖެހޭ އުޞޫލެވެ. އެއީ ހުތުރު ކަމެއްވެސް ނޫނެވެ. އެއީ ރީތި ކަމެކެވެ. ކުރަންޖެހޭ ކަމެކެވެ. ވާޖިބުކަމެކެވެ. ކީރިތި ޤުރުއާނު ގައި الله سبحانه وتعالى  އަންގަވައިފައި ވަނީ "فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ"  (ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، علمގެ أهلވެރިންނާ سؤالކުރާށެވެ!) (سورة الأنبياء 7) 

އެއްވެސް ޝައްކެއް ނެތެވެ. އެންމެންނަކަށް ހުރިހާ ކަމެއް ނޭނގޭނެއެވެ. ތަފާތު ޢިލްމުތަކުގެ މީހުން ތިބުން ކިފާޔަތަކަށް ވަނީ އެހެންވެގެން ނޫންތޯއެވެ؟ ވީމާ ކެއްކުމާ ބެހޭ ދާއިރާއިން ޕީއެޗްޑީ ހެއްދެވިޔަސް ދަނޑުވެރިކަމާ ބެހޭ ޢިލްމެއް އެނގިވަޑައެއް ނުގަންނަވާނެއެވެ. ހަމަ އެފަދައިން ބަހުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރެއްވިޔަސް ނަފްސާނީ ޢިލްމު އެނގިވަޑައިގަންނަވާކަށް ނުޖެހެއެވެ. ވީމާ ދީނުގެ ކަންކަން ޚާއްޞަކޮށް ފިޤުހީ މައްސަލަތައް އޮޅުން ފިލުވުމަށް ފިޤުހުވެރީންނާ ސުވާލުކުރާ ފަދައިން ބަހާބެހޭ ކަންކަން ސާފުކުރަން އެންމެ ކުޑަމިނުން ދިވެހިބަސް ފޮތަށް ރުޖޫޢަވެލުމުގެ ހިތްވަރު އަޅުގަނޑުމެންގެ ކިބައިގައި އުފައްދަމާތޯއެވެ؟ އަދި ކަރަންޓާބެހޭ ކަމެއް ސާފުކުރާ ނަމަ، އިލެކްޓްރީޝަނަކާ ސުވާލުކުރާ ބީދައިން، ދަތަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ޑެންޓިސްޓުންނާ ސުވާލުކުރަމާތޯއެވެ! ގިނަ ޢިލްމުތަކެއް ޙާޞިލުކުރައްވައިވައިގެން ތިއްބަވާ ބޮޑެތިބޮޑެތި ޢިލްމުވެރީން ތިއްބެވިޔަސް ކޮންމެ މީހަކަށް ހުރިހާ ޢިލްމެއް ނޭނގޭނެ ކަމަށް ޤަބޫލުކުރަމާތޯއެވެ! އަދި މާތްރަސްކަލާނގެ ވަޙީކުރައްވައިފައިވަނީ "فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ"  (ފަހެ، ތިޔަބައިމީހުން ނުދަންނަކަމުގައިވާނަމަ، علمގެ أهلވެރިންނާ سؤالކުރާށެވެ!) މި ފަދައިންކަން ހަނދާން ބަހައްޓަމާތޯއެވެ؟ ވީއިރު ކަންކަން އޮޅުންފިލުވަން علمގެ أهلވެރިންނާ ސުވާލުކުރުމަކީ ލާޒިމުކަމެއްކަން ޤަބޫލުކުރަމާތޯއެވެ؟ އޭރުން، އެއްވެސް ކަމަކަށް ނުވާ، ކުދިކުދި ކަންކަން ބޮޑެތި ފަރުބަދަތަކެއްގެ ގޮތުގައި އަޅުގަނޑުމެންގެ ލޯމައްޗަށް ސިފަވެ، ކަމަކަށް ނުވާހާ ކުދިކުދި ކަންކަން ބޮޑެތި މައްސަލަތަތަކަށް ވުމުގެ ފުރުޞަތު ވަރަށް ކުޑަވީއެވެ.

އަޅުގަނޑު މި މަސައްކަތްކުރީ الله سبحانه وتعالى އަށް ނިސްބަތްކޮށް ދިވެހިބަހުން ކިޔާ  މާތްރަސްކަލާނގެ، ރަސްކަލާނގެ، މާތްކަލާނގެ، އިނބަރަސްކަލާނގެ  މި ފަދަ ނަންތައް ކިޔުމަކީ "ކުށެއް" ކަމަށް ބެލެވޭނެ ޖާގައެއް ނެތޭ ދަންނަވައިލުމަށެވެ. އެހެނީ الله سبحانه وتعالى އަށް ނިސްބަތްކޮށް އިނގިރޭސި ބަހުން Allah, God, Almighty, He, You ފަދަ ލަފުޒުތައް ވެސް ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ބަލާ އިރު ދިވެހިބަހުން، މާތްރަސްކަލާނގެ، އެކަލާނގެ، އިނބަރަސްކަލާނގެ ފަދަ ނަންފުޅުތައް ބޭނުންކުރުން ރަނގަޅު ނޫންކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތެވެ. އަދި ވަރަށް ގިނަ ބަޔަކު ދެކޮޅު ހަދާ "އިނބަސުވާމީންގެ" "އެ ސުވާމީންގެ" ފަދަ ނަންފުޅުތައް ވެސް ބޭނުންނުކުރެވޭންވީ ސަބަބެއް ވެސް ނެތެވެ. އެހެނީ "ސުވާމީންގެ" މާނައަކީ ވެސް، "މާތްރަސްކަލާންގެ" އެވެ. (ދިވެހިބަސްފޮތް-2006)

މާފުކުރެއްވުން އެދެމެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ. އަޅުގަނޑު ދެކޭ ގޮތެވެ. ދިވެހިބަހުގެ ބަސްފޮތާއި ދިވެހީން ބޭނުންކޮށް އުޅުނު ހަމަތަކަށް ބަލާއިރު އަޅުގަނޑަށް ކުރެވުނު ތަރުޖަމާ އެވެ. އެހެންބަޔަކު އެހެން ގޮތަކަށް ދުށުމަކީ އެއީ އަދި މުޅިން އެހެން ކަމެކެވެ. (މޮޅަށް ދެނެވޮޑިންވަނީ الله سبحانه وتعالى އެވެ.)
-----------
(ނިމުނީ)

މި ލިޔުން:
   ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   އަލުންބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

ވާހަކަ