އަދުގެ ޚާއްސަ

Print

މި އަދު ވެސް ފަސްހާސް ކުޑަ ކުދިން މަރުވާނެ އެވެ!

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސިއްޙަތު


އަޙްމަދު ރިޟްވާނު ވަޙީދު

ކޮންމެ އަޅެއްގެ ވެސް ރިޒުޤަކީ ﷲގެ މިންވަރުފުޅާއި އިރާދަފުޅުގެ މައްޗަށް ހުއްޓިފައިވާ އެއްޗެކެވެ. އެކަމަކު ރިޒުޤު ހޯދުމަށްޓަކައި މަސައްކަތް ކުރުމަކީ ހަމަ ކޮންމެހެން ވާޖިބުކަމެއް ކަމަށް ޢިލްމުވެރިން ވިދާޅުވާތީ އަޑު އަހަމެވެ. މި ކާއިނާތުގައި ލައްވާފައިވާހާ ތަކެއްޗަކީ އިންސާނާއަށްޓަކައި ލައްވާފައިވާ ތަކެތި ކަމަށްވާތީއެވެ.
ކަންމިހެން އޮތްކަމުގައި ވިޔަސް، އިލާހީ ދެއްވުންތައް ލިބިގަނެވެނީ އެކި މީހުންނަށް އެކި މިންވަރަށެވެ. އެކަމުގެ ޙިކުމަތް ދެނެވޮޑިގެންވާނީ މާތްﷲ އެވެ. ކިތަންމެ ބައިވަރެއް ދެއްވިޔަސް، އިސްރާފުކުރުން އޮތީ ގަދަ އަމުރުފުޅުން ޙަރާމް ކުރައްވާފައެވެ.
އަޅުގަނޑުމެންނަށް އޮތީ ވިސްނުމެވެ. ފިކުރުކުރުމެވެ. ޝުކުރު ކުރުމެވެ. މި މަޒުމޫނުގައި ހަމަ އެކަނި ފެންފޮދަކާ މެދު ވިސްނާލަމާތޯއެވެ؟

ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވާ ކުޑަ ކުއްޖާއަކީ ފެންފޮދެއް ނުލިބި ގޮތް ހުސްވުމުގެ އިންތިހާގައި ވާ ކުއްޖެކެވެ. އެ ހިކި ހޫނު ސަހަރާގެ ވެށީގައި މި ކުދިންގެ ކަރުހިއްކުން އެ ފިލުވަނީ ކޮން ކޮންޙާލެއްގައިކަން އަޅުގަނޑު މެންނަށް އެބަ ފެނެއެވެ. ލިޔެ ހާމަ ކުރާކަށް ނުޖެހެއެވެ.

ދެން މި މަޒުމޫނު މިހާ ހިސާބަށް ވިދާޅުވެފައި ތިޔަ ބޭފުޅާ ފެންފޮދު ހިތްޕަވާނަމަ މޭޒުކައިރީގައިހުރި މިނެރަލް ވޯޓަރ ފެންފުޅިޔަކުން މީރު ސާފު ފެން ހިއްޕެވުން ވަރަށްގާތެވެ. ފިނިކުރި ފެންނަމަ ފިނި ކުރިފެނެވެ.  އެކަމަކު ވިސްނާ ލައްވާށެވެ! ފޮޓޯގައިވާ ކުދީންނާއި އަޅުގަނޑުމެންނާ ދެމެދަށް ވިސްނާއިރު، މި ދެޙާލަތުގައި ވެސް މި ވަނީ އިންސާނުންނެވެ. ފޮޓޯގައިވެސް އިންސާނުންނެވެ. ފޮޓޯ ބަލަނީ ވެސް އިންސާނުންނެވެ. ތިބާއާއި، އަޅުގަނޑުމެންގެ މައްޗަށް އޮތް ރަޙުމަތުގެ ބޮޑުކަން ހިތްޕުޅަށް އިޙްސާސް ނުކުރެއްވޭތޯ އެވެ؟ ދުނިޔޭގައި ސާފު ބޯފެނުގެ ނިޢުމަތުން މަޙުރޫމުވެފައިވާ 884 މިލިޔަން އިންސާނުން އެބަ ތިބިކަން ހަނދާނަށް ގެންނަމާތޯއެވެ؟ 2.5 ބިލިޔަން މީހުންނަކީ، ޞިއްޙީގޮތުން އެކަށީގެން ނުވާ ފެން، ބޭނުން ކުރަންޖެހިފައިވާ މީހުންނޭ ދެންނެވުމުން އެކަން ގަބޫލުކުރައްވަން ދަތިފުޅުވިޔަސް ޙަޤީޤަތަކީ އެއީ އެވެ.  މި ބިޔަ ޢަދަދުގެ  ތެރޭގައި ތިބާއާއި އަޅުގަނޑު ހިމެނިފައި ނުވާކަމަށްޓަކައި  ރިޒުޤު ދެއްވާ ކުޅަދުންވަންތަ ފަރާތަށް ޝުކުރުވެރިވުން ކިހާ ޙައްޤުތޯއެވެ؟  ދުނިޔޭގައި އަހަރެއްގެ މައްޗަށް، 1.8 މިލިޔަން ކުޑަކުދީން ނުސާފު ފެނުގެ ސަބަބުން ފެތުރޭ ބަލިމަޑުކަމުގައި  މަރުވެދާއިރު، އެކުދިންގެތެރޭގައި އަޅުގަނޑުމެންގެ އެއްލޭ ހިނގާ އެންމެ ކުއްޖަކު ހިމެނުނަސް ގިސްލެވޭނެ މިންވަރާއި ލޮލުން ކަރުނަ އޮހޭނެ ވަރު ތަޞައްވުރު  ކޮށްލަމާތޯއެވެ؟  1.8 މިލިޔަނުގެ ނިޞްބަތަކީ،  ދުވާލަކަށް 5000 ކުޑަކުދިން،  ނުސާފު ހަޑި ފެނުގެ ސަބަބުން  މި ދުނިޔެއަށް އަލްވަދާޢު ކިޔަންޖެހުންކަން އިޙްސާސް ކޮށްލެއްވުން  ކީއްތޯއެވެ؟



އަޅުގަނޑުމެންނަށް ވަރަށް އާދައިގެ ކަމެއްކަމުގައި ހީކުރެވޭ ކަމެކެވެ. ވޯކްޝޮޕްތަކާއި، މަހާސިންތާތަކުގައި ހިލޭ ލިބޭ ފެނަށް ހެދެނީ ކިހިނެއްތޯއެވެ؟ އިރު އިރުކޮޅުން ފުޅިއެއް ކަނޑާލައިފައި ދެތިން ކޯވަރެއް ދަމާލާފައި ބެހެއްޓެނީއެވެ. އަނެއްކާ އިރުކޮޅަކުން އަނެއްފުޅި ކަނޑަންވީއެވެ.  ދެމީހަކު އެއްފުޅި ހިއްސާކޮށްލުމަކީ ލަދުކަމެއް ހުތުރުކަމެއް ނޫނެވެ.  ނުފޯރާކަމެއް އައިބު ކަމެއްވެސް ނޫނެވެ. އެއީ ފުއްދުންތެރިކަމެވެ.  ތަހުޒީބު އިންސާނުންގެ ގޮތެވެ. ހޮޓާ ހޮޓަލާއި ކެފޭ ރެސްޓޯރަންޓުތަކުން ފެންބޮއިފައި ފުޅިންބާކީވާބައި ގެޔަށް ގެންދަން ލަދުގަންނަންވީ ކީއްވެތޯއެވެ. ސިއްރުން ގެންދާ އެއްޗެއް ނޫނެވެ. ކުށްވެރިވާނެ ކަމެއްނޫނެވެ.  އަގު އަދާކޮށްފައި ގަނެގެން ގެންދާ ހުއްދަ މުދަލެކެވެ.  އިސްރާފު ކުރުމުގެ ފާފައިން ސަލާމަތްވުމަށްޓަކައެވެ.  ކަލާނގެ ތަނަވަސް ނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. ނިކަމެތި ޙާލުގައި ތިބި ތިމާ ފަދަ އެހެން އިންސާނުންގެ މަތިން ހަނދާންކޮށް އެމީހުންގެ  ވޭނީ ޖަޒުބާތުގައި ބައިވެރިވަމުންނެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ