އަދުގެ ޚާއްސަ

Print

ސާދަ ވިލޭރޭ (3)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ



ބިންމާ އިބްރާހިމް ވަހީދު
 
                                                  (4 އޮގަސްޓް 2011 (ބުރާސްފަތި) އާ ގުޅޭ)
ޓެކުސީގައި ނާޒިމާ އައިސް ވިލިނގިލީ ފެރީ ޓާމިނަލްއަށް ފޭބިއިރު ފުރުމަށްޓަކައި މާގިނަ ބަޔަކު ނެތެވެ. އެ މާހައުލުގައި ވަނީ ފަޅުކަމާއި ހިތުގެ ވިންދު އަވަސްވާ ކަހަލަ ހަމަހިމޭންކަމެކެވެ. ފުރަން ތައްޔާރުވެފައިވާ ފެރީގެ އިންޖީނުގެ އަޑު ނޫން އެހެން އަޑެއް ނީވެއެވެ. ޓިކެޓު ކައުންޓަރުގައި އިން އަންހެން ކުއްޖާ ކައުންޓަރުގައި އަތުން ޖަހައިލިއެވެ. ނާޒިމާ ބަލައިލިއިރު، ޓިކެޓާއި ބާކީ ލާރި ހުއްޓެވެ. ހުރިހާ އެއްޗެއް ހިފައިގެން ނާޒިމާ ގޮސް  ފެރީއަށް އެރިއެވެ.
ނާޒިމާ ފިޔަވައި އެފެރީގައި ތިބީ އެންމެ ތިން ދަތުރުވެރިންނެވެ.
މުޅިންވެސް ފިރިހެނުންނެވެ. އެއްވެސް މީހެއްގެ މޫނުމަތިން އެކުވެރިކަމުގެ އަލާމާތެއް ނުފެނު އެވެ. ހަގީގަތުގައި ނާޒިމާ އަކީ، އެފަދަ ތަނެއްގައި އިންނާނެ ކުއްޖެއް ނޫނެވެ. އެ ހުރިހާ ކަމެއް ވެސް ވާން ދިމާވީ، މީހެއްގެ ކެހިވެރި މަޅީގައި ނާޒިމާ ޖެހުނީމަ އެވެ. އުންމީދުކުރި ލޯބި ނުލިބުނީމައެވެ. ދުށް ހުރިހާ ހުވަފެންތައް، އެ މީހާގެ ފައިތިލަ ދަށުގައި ފުނޑުފުނޑުކޮށްލީމައެވެ.


އަނެއްކާވެސް އިސްމާއިލްފުޅުގެ ނަންބަރަށް ނާޒިމާ ގުޅި އެވެ. ފޯނު އޮތީ ނިއްވައިލައިފައެވެ. ވިލިގިއްޔަށް ގޮސްފައި ދާންވީ ދިމާއެއް ނުވަތަ ބައްދަލުކުރަންވީ މީހެއް ވެސް ނާޒިމާ އަކަށް ނޭނގެއެވެ. ރުޅި އާއި ބިރާއި އަދި ހިތާމައިގެ ހުރަގެއެއްގައި ނާޒިމާ ރަނގަޅަށް ބަންދުވި ކަހަލައެވެ. ވިލިނގިލީގެ ތޮށިގަނޑު ކައިރިއަށް ފެރީ މަޑުކޮށްލުމުން، އިސްމާއިލްފުޅު ފެންނަން ހުރިތޯ ނާޒިމާ ބަލައިލިއެވެ.

"އަވަސްކޮށްލާ!" ފެރީގެ ފަޅުވެރިއަކު ބުނި އަޑު އިވުނެވެ.

ނާޒިމާ ތެދުވެގެން ހިނގައިގަތެވެ. އަތުގައި ފޯނު ނެތްކަން ހަނދާންވީ ދެނެވެ. ބަލައިލި އިރު ފޯނު އޮތީ ގޮނޑިމަތީގަ އެވެ. ފޯނު ނަގައިގެން ނާޒިމާ ފޭބިއެވެ. ވިލިގިނލީ ފެރީ ޓާމިނަލުން ނުކުތެވެ. ދާނީ ކޮން ދިމާއަކަށް ހެއްޔެވެ؟ އެ ތަނެކޭ ފަޅު ސަހަރާއެކޭ އެއް ފަދައެވެ. ހިނގައިގަންނާނެ ކޮޅެއް ނޭނގިފައި ނާޒިމާ ހުރީ އެވެ. ފޯނު ކުރުމުގެ ބޭނުމެއް ނެތެވެ. ކުއްލިއަކަށް ނާޒިމާގެ ލޮލުގައި އަޅައިގަތީ، އަނދިރި ގަނޑުގެ ތެރެއިން ހިނގާފައި އަންނަ މީހެކެވެ. އެމީހާގެ މިސްރާބު ހުރީ ނާޒިމާއާ ދިމާލަށެވެ. ނާޒިމާ ކަންބޮޑުވެފައި ވަށައިގެން ހޯދައިލިއެވެ. ދުއްވައި ގަންނާނީ ކަމެއް ނުވަތަ ހުންނަންވީ ކަމެއް ނޭނގުނެވެ. އެ މީހާ އައިސް ހުއްޓުނެވެ. އެއީ މެދު އުމުރުގެ ފިރިހެނެކެވެ. ކުރިން ނާޒިމާ ދުށް މީހެއް ނޫނެވެ. އެއްވެސް އެއްޗެއް ނުބުނެ އޭނާ ބަލަހައްޓައިގެން ހުއްޓެވެ.

'އިސްމާއިލްފުޅު ފޮނުވައިގެންތަ؟" ނާޒިމާ އެހިއެވެ.

ދެންވެސް އޭނާ އެއްޗެއް ނުބުންޏެވެ. އެ ހިސާބުން، އޭނާގެ ނިޔަތާ މެދު ނާޒިމާގެ ހިތުގައި ސުވާލު އުފެދުނެވެ.

"އޭނާ ކޮބާ؟" ނާޒިމާ އަނެއްކާވެސް ސުވާލެއް ކުރިއެވެ.

އެ މީހާ، އައިކޮޅަށް ހިނގައިގަތެވެ. ހުރި ފިޔަވަޅު މަތިން ގުޑައިވެސް ނުލައި ނާޒިމާ ހުއްޓެވެ. އެ މީހާ ހުއްޓިފައި، ފަސް އެނބުރި ބަލައިލިއެވެ. އެ ބަލައިލުމުގައި ވަނީ، ބީރަށްޓެހިކަމެވެ.

'ތިތާ ހުންނަންތަ ބޭނުމީ؟" ފުރަތަމަ ފަހަރަށް އޭނާ ވާހަކަ ދެއްކި އެވެ.

އޭނާގެ ރާގުގައި ހުރި ހަރުކަށިކަން ފެނިފައި ނާޒިމާ ވަކިން ބޮޑަށް ބިރުގަތެވެ. އެ މީހާ ހިނގައިގަތެވެ. އެހެން ގޮތެއް ނެތިގެން ދާ ކަހަލަ ގޮތަކަށް، އެ މީހާގެ ފަހަތުން ނާޒިމާ ވެސް ހިނގައިގަތެވެ. ދިޔަ މަގުމަތީގައި، ވަރަށް ގިނަ ވާހަކަ ނާޒިމާ ދެއްކިއެވެ. އަމިއްލަ ނަފްސު ގެންފައިވާ ބިރުން ސަލާމަތް ކުރުމަށްޓަކައެވެ. އެހެންނަމަވެސް އެ މީހާ ވާހަކައެއް ނުދެއްކިއެވެ. ގެތަކުގެ ބަދަލުގައި އޭނާ މިސްރާބު ޖަހާފައިހުރީ ގަސް ގިނަ ދިމާއަށެވެ. އެދިމާ ގައި މަގެއް އޮތީ ބާ އެވެ؟ ގެއެއް ހުރީ ބާ އެވެ؟ ނާޒިމާގެ ހިތުގައި ސުވާލު އުފެދުނެވެ.

"އެ އިސްމާއިލްފުޅު ފޯނުގަނޑު ވެސް ނިއްވާލާފަ އޮތީ. އެ ފާޑަށް ކަންތައް ކޮށްގެން ނުވާނެއެއްނު. އަހަންނަށް ކިހިނެއް އެނގެނީ އޭނާ އުޅޭ ތަނެއް؟ ބުނަންވެސް ބުނިން އެކަނި އަންނާކަށް މަށަކަށް ނުކެރޭނެޔާ." ނާޒިމާ ވާހަކަ ދެއްކި އެވެ.

މީހުން އާބާދު ވެފައިވާ ހިސާބު ގެއްލި، ގަސްތަކުގެ ތެރެއިން ނާޒިމާ ހިނގަމުން ދިޔައެވެ. ދެން ވެސް ވާހަކަދެއްކުން ނާޒިމާ ހުއްޓައެއް ނުލައެވެ.

'އޭނާ އެ ތަވީދެއް ހިފައިގެން އަހަރެން ބުނާ ތާކަށް ކީއްވެ ވަކި ނާދެވެންވީ؟ ވަރަށް ފުހިވޭ. އަހަންނަކަށް ނޭނގެ ދަންވަރު ކީއްވެ ކަމެއް އަންނަން މިޖެނީ. ކޮންމެ ކަމެއްވެސް ކުރަން މި ޖެހެނީ ދަންވަރު." ޝަކުވާގެ ރާގެއްގައި ނާޒިމާ ބުންޏެވެ.

ކުރިމަތިން ހިނގާފައި ދިޔަ މީހާގެ ހިނގުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

"އަދި ކިހާ ހިސާބަކަށް ހިނގާން ޖެހޭނެ؟" އެންމެ ފަހުން ނާޒިމާ އެ ސުވާލު ކުރިއެވެ. "ކޮންތާކަށް މި ދަނީ؟ ކަލޭ ކީއްވެ ވާހަކަ ނުދައްކަނީ؟"

ދެންވެސް އެމީހާގެ ހިނގުމަކަށް ބަދަލެއް ނައެވެ. އޭނާގެ ހިތުގައި އެހެން މަޤުސަދެއް ފޮރުވިފައިވާ ކަހަލަ އެވެ.

"އަޑެއް ނީވޭތަ؟" ތަންކޮޅެއް ބާރަށް ނާޒިމާ އެހި އެވެ.

ކުއްލިއަކަށް އޭނާ ހުއްޓުނެވެ. އަދި ފަސް އެބުރި ނާޒިމާ އަށް ބަލައިލި އެވެ. އޭނާގެ ލޯ، އާދަޔާ ޚިލާފަށް ބޮޑުހެން ނާޒިމާ އަށް ހީވިއެވެ. ހަމަ އެހެންމެ، އޭނަގެ ކަރު އެނބުރީ، އާންމު އިންސާނަކަށް ވުރެ ތަންކޮޅެއް ބޮޑަށް ހެން ވެސް ނާޒިމާއަށް ހީވެ އެވެ. އެކަމަކު އެހެން ނުވާނޭ ނާޒިމާ ހިތަށް އެރިއެވެ. އެ މީހާ ވާހަކަ ދެއްކީ ދިވެހިންނެވެ. އެ މީހާގެ ފައިހުރީ ބިންމަތީގައި ޖެހިފައެވެ. އެމީހާ ލައިގެން ހުރީ ރަތް ކުލައިގެ ހެނދުމެއް ވެސް ނޫނެވެ. އަނގުރު އަލިފާނުގެ އެއްވެސް ކުލައެއް އޭނާގެ ލޮލަކު ނެތެވެ. އިރުކޮޅަކު ބަލަން ހުރެފައި އެ މީހާ ބެލީ ސީދާ މައްޗަށެވެ. އެއަށް ފަހު، ނާޒިމާ ކައިރިއަށް އެ މިހާ އައެވެ. ދެން ހަދާނެ ގޮތަކާއި މެދު ނާޒިމާ ވިސްނަން ހުއްޓައި، ނާޒިމާ ގައިގައި އަތްލާން އޭނާ އަތް ދިއްކޮއްލިއެވެ. ނާޒިމާ ފަހަތަށް ޖެހިލިއެވެ. އެ މީހާ ކުރިއަކަށް ނުޖެހެއެވެ. އެހެންނަމަވެސް، އޭނާގެ އަތް ދަމާލުމުން ނާޒިމާ ހުރި ހިސާބަށް ފޯރިއެވެ. ލިބުނު ސިހުން ކެނޑުމުގެ ކުރިން ކުއްލިއަކަށް ނާޒިމާގެ މުލައްދަނޑީގައި، ނިކަން ބާރަށް އެމީހާ ހިފިއެވެ.

"ކިހިނެއް ވެގެންތަ ތިއުޅެނީ؟ ދޫކޮށްލާ!" ނާޒިމާ ތަންކޮޅެއް ބާރަށް ބުންޏެވެ.

"ދޫ ކޮށްލާނީ ކިހިނެއް؟" އޭނާ އެހިއެވެ. ޔަގީނުންވެސް ކުރިއަށްވުރެ އޭނާގެ އަޑު ބަރެވެ. "ކަލޭ ތީ މަގޭ މިލްކެއް. އޭނާގެ ބަދަލުގަ ކަލޭ ތިހިރީ ހިބައިން މަށަށް ދީފަ." ކުއްލިއަކަށް ރަތް ކުލައިން އޭނާގެ ދެލޯ ދިއްލައިލި އެވެ.

ނާޒިމާ ހަޅޭލަވައިގަތެވެ. އެހެންނަމަވެސް ނާޒިމާގެ އަގަމަތީގައި އަތް އަޅާކަށް އޭނާ ނޫޅެވެ.

"ކަލޭގެ އަޑުއިވޭ ހިސާބަކު އެކަކުވެސް ނެތް" އަމުރުވެރި ރާގަކަށް އޭނާ ބުންޏެވެ. "ހުއްޓަސް މަށަށް ވުރެ ބާރު ގަދައެއް ނުވާނެ. ކަލޭ ތި ހީކުރީ އޭނާ ފަންޑިތަ ހަދައިދިނީ ހިލޭ ކަމަށްތަ؟ އޭނާ އެއްވެސް ފަންޑިތައެއް ނުހަދާ. އެރޭ އެތަނަށް ކަލޭ ފޮނުވީ މަށަށް ދޭން."

ބިރުންގޮސް ހަތަރެސްފައި ފިނިވެފައިވާ ނާޒިމާ ހުރީ ހިރިލަންވެސް ނޭނގިފައެވެ.

"އެއީ ޖިންނީންނަށް ސިހުރުވެރިން ދޭންޖެހޭ އަގަކީ. މަ އޭނަ އަށް ކަންތައް ކޮށްދެނީ ހިލެއެއް ނޫން." އެ މީހާ އެހެން ބުނަމުން، އަނެއްކާވެސް މަށްޗަށް ބަލައިލިއެވެ.

ކުއްލިއަކަށް، ނާޒިމާގެ ބޮލާދިމާލު މަތިން، އެއްޗެއް ހޭރިގަތް ކަހަލަ އަޑެއް އިވުނެވެ. އެހާ ހުތުރު އަދި ބިރުވެރި އަޑެއް، އޭގެ ކުރިން ނާޒިމާ އަހާފައެއް ނުވެއެވެ. ނާޒިމާ މައްޗަށް ބަލައިލި އެވެ. އެ ވަގުތު ނާޒިމާގެ އިސްތަށިގަނޑުގައި އެ މީހާ ހިފިއެވެ. ވީ ތަދުން ނާޒިމާ، އަނެއްކާވެސް ހަޅޭލަވައިގަތެވެ. އެ މީހާ ލުއްކެއް ޖެހުމާއެކު ނާޒިމާ ފުރަގަހަށް ވެއްޓުނެވެ. ވޭނާއި ބިރުވެރިކަމުން ފުރިގެންވާ އެ ހާދިސާ، އެ ހިސާބުން ކިރިޔާ ފެށުނީއެވެ. އެ މިހާގެ ކުރިމަތިގައި ނާޒިމާ އަށް އިނގިއްޔެއް ވެސް ހަލުވައެއް ނުލެވުނެވެ. ކުރެވުނުހާވެސް ކަމަކީ، ކަރުން ހަންދާ ވަރަށް ހަޅޭލެވުމެވެ. ވީ އެއްވެސް ފައިދާއެއް ނެތެވެ. ލިބެމުން ދިޔަ އަނިޔާ ލުއި ނުވި ތަނުގައި، އެހީވާނެ އެއްވެސް މީހަކު ވެސް ނައެވެ.

ގަޑިން ހެދުނު އަށެއް ޖަހަނީއެވެ. ފައުޒިއްޔާ ގަޑިއަށް ބަލަމުން ސައިތައްޔާރުކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް، ނާޒިމަ ކޮޓަރިން ނުކުތް ތަނެއް ނުފެނުނެވެ.

"ދަރިފުޅާ! ނާޒިމާ! މިހާރު އެއޮއް ގަޑި ޖެހެނީ. އަވަސްކުރޭ!" ފައުޒިއްޔާ ގޮވާލިއެވެ.

މަންމަ ގޮވާ އަޑު ނާޒިމާ އަށް ނީވެނީއެއް ނޫނެވެ. ނާޒިމާ ހުރީ ކޮޓަރީގެ ލޯގަނޑު ކައިރީގަ އެވެ. އޭނާގެ ތުންފަތް ހުރީ ކުޑަކޮށް ދުޅަވެފައެވެ. ކޮލުގެ ތަންކޮޅެއް ނޫފައި ގެންފައި ހުއްޓެވެ. ހެދުމުގެ ކޮނޑު ތިރިކޮށްލައިގެން ކޮނޑަށް ބަލަން ހުރިއިރު، ކޮނޑުގައި ވަކިއަޅުވާލާފައި ހުރި ތަންތަން ނާޒިމާ އަށް ފެނެއެވެ. އަދި ކަރުވަޅު ކުޑަކޮށް ފޭކޮއްލިއިރު، މޭމަތީގައިވެސް ވަކި އަޅާފައި ހުއްޓެވެ. މަންމަ ހުއްޓާނުލައި ގޮވަމުން ގެންދިޔަސް، އެ ހާލުގައި އޮފީހަށް ދާކަށް ނާޒިމާ ބޭނުމެއް ނޫނެވެ. ކަޅިޖަހައިނުލައި ލޯގަނޑަށް ބަލަން ހުއްޓައި، ތިތްކަކަށް ފަހު ތިތްކެއް، ލޮލުގެ ކޮއި ދޫކޮށް، ބިމާ ދިމާލަށް މިސްރާބު ޖަހަމުން ގެންދިޔައެވެ.

އިސްމާއިލްފުޅު އޮޑިހަނުގައި ކެލާގަނޑު ގާނާލުމަށް ފަހު، އަނެއްކާވެސް ފިނިފެން ތިތްކެއް ޖަހާލި އެވެ. ނާޒިމާ ހުރީ މާޔޫސް ވެފައެވެ. ދެމީހުންވެސް ތިބީ ކޮޅަށެވެ. އިސްމާއިލްފުޅުގެ ގޭގައެވެ. ނާޒިމާ އިންތިޒާރު ކުރަމުން ގެންދިޔައީ ސުވާލުގެ ޖަވާބަށެވެ. ނުވަތަ އިސްމާއިލްފުޅު ކުރި ކުށުގެ އިޢުތިރާފަށެވެ.

"އެއީ ކީއްވެ އަހަރެން ކުށްވެރި ވާން ވީ؟" ކެލާ ގާނަމުން އިސްމާއިލްފުޅު އެހިއެވެ.

"ނާޒިމާ ހަތަރެސް ފަޔަށް އަންގި ލައްވައިގެން ގޭގަ ހުއްޓާ ތަ އެހެންވީ؟ އޭނ؟"

ގޮތް ހުސްވެފައިވާ ނަޒަރަކުން ނާޒިމާ ބަލަހައްޓައިގެން ހުއްޓެވެ. ކުރެވޭނެއެއްވެސް ކަމެއް ނެތެވެ.
"ކަލޭތީ ހާދު ނުލަފާ މީހެކޭ. ވިލިނގިއްޔަށް ބަދަލުވީއޭ ކިޔާފަ ދޮގުހަދައިގެން މަ އެތަނަށް ގެންގޮސް..." ނާޒިމާއަށް ބުނެވުނީ އެ ހިސާބަށެވެ. އެ ހުރިހާ ހާސަރު އަޑުއަހާކަށް އިސްމައިލްފުޅު ބޭނުމެއް ނޫނެވެ.

"ގެންގޮސްއޭ؟" ދެވަނަ ފަހަރަށް ވެސް އިސްމާއިލްފުޅު އެހެން ބުންނެވެ.

"ގެންގޮސްއޭ؟ ތީ ކުއްބަހެއް! ނާޒިމާ އަމިއްލައަށް ދިޔައީ. އަހަރެން ހަމައެކަނި އެދުނީ އަންނާށޭ. އެ އަށް ފަހު އަހަރެން ނާޒިމާގެ އެއްވެސް ކޯލަކަށް ވެސް ޖަވާބެއްނުދެން. އެހެންނު؟"

"ކީއްވެ އަހަންނަށް އެވަރުގެ މަކަރެއް ހެދީ؟ އަހަރެން ކޮން ކުށެއް ކުރީ؟" ނާޒިމާގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ.

"ނުބައި ގަޑިއަކަށް ނުބައި ތާކަށް އައުން." އިސްމާއިލްފުޅު ކެލާގަނޑު ބާއްވާފައި އޮޑިހަނު ނަގަމުން ބުންނެވެ. "އަނެއްހެން މަގޭ ނެތޭ އެއްވެސް ޒާތީ ކަމެއް."

ނާޒިމާ އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ.

"އެނގޭތަ! ނާޒިމާ ނައި ނަމަ، މަގޭ މިހިރަ ލޯ ޖެހޭނެ އޭނައަށް ދޭން." ގާނާފައިވާ ކެލާ، ކުޑަ ޖޯޑަކަށް އެޅުމަށްފަހު އިސްމާއިލްފުޅު ފޮތިކޮޅަކުން އަތް ފުހެލިއެވެ. "ނާޒިމާ އައިއިރު މަ ހުރީ ހަނދާނެގޮތް ހުސްވެފަ. ދެން ކީކޭ ބުނާނީ؟ ޝުކުރިއްޔާ، މަގޭ އަނެއް ލޯ ސަލާމަތް ކޮށްދިނީތީ."

އެ ގެ އަށް ނާޒިމާ އައީ، އިސްމާއިލްފުޅުގެ ޝުކުރުގެ ބަސް އަޑުއަހާކަށް ނޫނެވެ.

"މަ ސާލާމަތްކޮށްދީ!" އާދޭހާ އެކުގައި ނާޒިމާ އެދުނެވެ.

މޭޒުމަތީ އޮތް، މުށި ކުލައިގެ ކުކުޅު ބިސް ނެގުމަށް ފަހު، އިސްމާއިލްފުޅު ކަންފަތް ދޮށުގައި ތަޅުވާލިއެވެ. އެއީ ރޯ ބިހެއް ނޫންކަން ޔަގީންކުރުމަށްޓަކަ އެވެ. އެ އަށް ފަހު، މޭޒުގައި ޖަހައި، ބިހުގެ ތޮށިގަނޑު ފަޅާލިއެވެ.

"އަދިވެސް ހިއެއްނުވޭ އަހަރެން މިބުނާ އެއްޗެއް ކަލެއަށް ވިސްނުނުހެނެއް. ޖިންނީނަށް ސިހުރުވެރިން ކުރާވެދުމަކީ އަބުރާ ގެންދެވޭ އެއްޗެއް ނޫނޭ. ކަލޭ ހާސްނުވެބަލަ! އޭނާ ވަރަށް ރަގަޅަށް ކަލެ ބަލަހައްޓާނޭ." އިސްމާއިލްފުޅު ބުންޏެވެ.

"މަ މި ގެއަށް އައީ އެހެން ކަމަކުއެއްނު!" ނާޒިމާ ބުންޏެވެ.

"ކަލޭ އިންނަން ތި އުޅޭ އިންސާނަކަށް ވުރެ ޖިންނި މާ ވަރުގަދަވާނެ." ބިސް ނޮޅަމުން އިސްމާއިލްފުޅު ބުންޏެވެ. "ބުނި ކޮންމެ ކަމެއް ކޮށްދޭނެ. ބުނި ކޮންމެ ކަމެއް."

"މަށަށް ވެފަ މިހިރަ އަނިޔާ އެއީ މަ ބުނެގެން ކުރި ކަމެއްތަ؟ ހެޔޮނުވާނެ މަ ސަލާމަތްކޮށްދީ!" ރުޅި އަންނަން ބޭނުންވިޔަސް، ކެތްތެރިކަމާ އެކުގައި، މަޑުމައިތިރިކޮށް ވާހަކަ ދައްކަން ނާޒިމާ މަސައްކަތް ކުރިއެވެ.

"ތިހެންވީ ކަލޭ ގަދަހަދަން އުޅުނީމަ." އިސްމާއިލްފުޅު ބުންޏެވެ. "ދެންވެސް އޭނަ ބޭނުން ހުރިހާ ގަޑިއެއްގަ ކަލޭ އޭނާގެ އަމުރަށް ކިޔަމަންވޭ. މަށަށް ކޮށްދެވޭނެ ކަމެއް ނެތޭ."

ނާޒިމާގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ.

"އަހަރެން ކަލެއަށް ފަންޑިތަ ހަދާނަން. ތި ހީކުރީ ކަލޭ އެކަނި ކަމަށްތަ މާލޭގަ ތިކަން ކުރަނީ؟" ނާޒިމާ ގޮންޖެހި އެވެ.

"ހަދާ!" ތިމާގެ ބާރާ މެދު އިސްމާއިލްފުޅަށް ލިބިފައިވަނީ ވަރަށް ބޮޑު ޔަގީންކަމެކެވެ. "ބޭނުން ވަރަކަށް ހަދާ! އެކަމަކު، އޭރުންވެސް ބޭޒާރުވާނީ ކަލޭ!"
----------
(ނުނިމޭ)
މި ވާހަކައިގެ މިބައި:
    ޓައިޕް ކޮށް ފޮނުވުން:  އަލްފާޟިލް ޢަލީ ނިޝާން
    އަލުން ބެލުން:      ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން:      ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ