އަދުގެ ޚާއްސަ

Print

އެ ސޫރަ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ


މުޙައްމަދު ޝާހީން (ދ.ޤ. ޔުނިވަރސިޓީގެ ދަރިވަރެއް)

އެއީ ކާކުކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެމީހަކު ހުއްޓިގެން ހުރީ ލޯގަނޑެއްގެ ކުރިމަތީގައެވެ. މާހައުލަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރޭގައި އެމީހަކު ހުއްޓި ހުރި އިރު، އަލިކަމެއް ހޯދަމުން ގެންދިޔައީ އަތުގައިވާ އާދައިގެ ބައްތިއަކުންނެވެ. އެމީހާގެ މޫނު ލޯގަނޑުން ފެނުނު ހިނދު އަހަރެންނަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. އެއީ އަހަރެމެން އޮފީހުގައި މަސައްކަތްކުރާ މަސައްކަތު މީހެކެވެ. އޭނާގެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އޭރު އޭނާ ޗުއިންގަމެއް ފަދައެއްޗެއް ހަފަމުން ގެންދިޔަ އެވެ.
         
ކުއްލިއަކަށް ލޯގަނޑުގައިވާ އެމީހާގެ ސޫރަ ހުއްޓިއްޖެ އެވެ. މިހާރު ފެންނަމުން މި ދަނީ ހިތަށް ތަސައްވަރު ވެސް ނުކުރެވޭފަދަ ހައިރާންކުރަނިވި މަންޒަރެކެވެ. ލޯގަނޑުގެ ކުރިމަތީގައި ހުރި އެ މީހާގެ މޫނުމަތީން އިންތިހާއަށް ހައިރާންކަމާއި ބިރުވެރިކަން ފާޅުވަމުން ދިޔައެވެ. އެ މީހާ އަތުން އެކި ގޮތްގޮތަށް އިޝާރާތްކުރަމުން ގެންދިޔަ އެވެ. އެހެންނަމަވެސް ކުރިމަތީގައިވާ ލޯގަނޑުގައިވާ އޭނާގެ ސޫރަހުރީ ހުއްޓިފައެވެ. ކުއްލިއަކަށް އެ ސޫރަ ހަރަކާތް ކުރަން ފެށިއެވެ. ލޯގަނޑުގައިވާ ސޫރަ އަތުގައިވާ ބައްތި ދޫކޮށްލުމާއެކު އެއްވެސް އިޚުތިޔާރަކާނުލައި، ލޯގަނޑުގެ ކުރިމަތީގައި ހުރި އެ މީހާގެ އަތުން ބައްތި ދޫވެގެން ވެއްޓިއްޖެ އެވެ. ހަމަ އެއާއެކު އަވަސް ހަރަކާތަކާއެކު ލޯގަނޑުގައިވާ ސޫރަ ގުދުވެލާފައި ތެޅިފައިވާ ބިއްލޫރިކޮޅުތަކެއް ބިންމަތީން ނަގައި އަނގަޔަށްލައި ހަފަން ފަށައިފި އެވެ. އެއާއެކު އެ ސޫރައިގެ އަނގައިން ހޯސްލައިފައި ލޭ އަންނަންފެށިއެވެ. އޭރު ވެސް އެ ސޫރައިގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. އެހެނަސް ލޯގަނޑުގެ ކުރިމަތީގައި ހުރި އޮފީހު މަސައްކަތު މީހާގެ ވޭނީ ހަޅޭކުގެ އަޑު، އޭރު ކެނޑިނޭޅި އިވެމުން ދިޔަ އެވެ. އޭނާ އަނގަ މަތީގައި ދެ އަތް އަޅައިގެން ހުރި އިރު މުޅި އަތާއެކު ލޭފައިބައިމުން ދިޔަ އެވެ. އަދި ކޮލާއި ކަރުބުޑުގެ އެކި ހިސާބުތަކުން ތަޅައިލައިފައިވާ ބިއްލޫރިކޮޅުކޮޅުގެ ތޫނު އެތިކޮޅުތައް ނުކުންނަމުން ދިޔައެވެ.
         
އަހަރެންނަށް ކުއްލިއަކަށް ސިއްސައިގެން ހޭލެވުމާއެކު، ފެނުނު ހުވަފެނުގެ ސަބަބުން ހިތަށް ވެރިވެފައިވާ އިންތިހާ ދަރަޖައިގެ ބިރުވެރިކަމާއެކު، ހަޅޭލަވައިގަނެވުނެވެ. އޭރު ވެރިވައިވާ ވަރުބައްޔާއެކު އަހަރެންނަށް ވަރަށްބޮޑަށް މާނޭވާލެވެމުން ދިޔައެވެ. ހަމަޖެހިލަން، ކުޑަ ހިނދުކޮޅެއް ހޭދަވިިއެވެ. ފެނުނު ހުވަފެނުގެ ހާސްކަމުގެތެރެއިން ނުކުމެވި ހަމަޖެހިލެވުމުން އަހަރެން ތެދުވެގެން ގޮސް ފާޚާނާއަށް ވަނީމެވެ. މޫނު ދޮންނަން ލޯގަނޑުގެ ކުރިމައްޗަށް ހުއްޓުނު ވަގުތު ސިހިފައި ފަހަތައް ޖެހިލެވުނެވެ. ލޯގަނޑުން އަހަރެންނަށް ބިރުވެރި ސޫރައެއް ފެނުނުހެން ހީވެގެންނެވެ. ކުރެވުނު ކުށްހީއެއް ކަން ޔަޤީންވުމުން އަވަހަށް އޮފީހަށް ދިއުމަށް ތައްޔާރުވާން ފެށީމެވެ.
         
އޮފީހަށް ދިއުމާއެކު ލިބިގެން ދިޔައީ ވަރަށް ވެސް ހިތާމަވެރި ހަބަރެކެވެ. އޮފީހުގެ މަސައްކަތު މީހެއް ރޭގެ ވަގުތެއްގައި މަރުވި ޚަބަރެވެ. އަހަރެން ވަގުތުން އެމީހާގެ ގެއަށް ދިޔައީމެވެ. އޭރު ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ. ވަރަށް ގިނަ ބަޔަކު އެ ގެ ކައިރިއަށް ޖަމާވެފައިވެއެވެ. ވަރަށް އުނދަގުލުން އެމީހާ އޮތް ހިސާބަށް ދެވުމާއެކު އަހަރެންގެ ޙައިރާންކަން އެތައް ގުނައަކަށް އިތުރުވިއެވެ. މަރުވެފައިވާ އެ މީހާ އަކީ ރޭގެ ހުވަފެނުގައި އަހަރެންނަށް ފެނުނު މީހާއެވެ. އެމީހާގެ މޫނުމަތީގައިވާ ޒަހަމްތަކުން އަހަރެންނަށް ފެނުނު ހުވަފެނުގެ މަންޒަރުތައް ލޯމައްޗަށް ތަކުރާރުކޮށް ސިފަވެގެން ދިޔައެވެ.
           
މިއީ އަޖައިބެއް ކަހަލަ ކަމެކެވެ. މިއީ އަހަރެންގެ ހުވަފެނާ ގުޅޭ ގޮތަށް އަހަރެންނަށް ފެނުނު ދެވަނަ މަރެވެ. ކޮންމެ މީހަކު ވެސް މަރުވެފައިވަނީ ހުވަފެނުގައި ފެނުނު ފަދަ ބިރުވެރި ގޮތަކަށް އަނިޔާވެރިކޮށެވެ. ދެމީހުންނަކީ ވެސް އަހަރެންގެ އޮފީހުގެ ދެމުވައްޒަފުންނެވެ. އަހަރެން ތަކުރާރުކޮށް ވިސްނީމެވެ. އަހަރެންނަށް މިފަދަ ހުވަފެންތަކެއް ފެނުމާއި، އެހުވަފެންތަކުގައި އެފެންނަ ލޯގަނޑާއި، ލޯގަނޑުގައިވާ ސޫރަ ހުއްޓުމާއި، މި ފެންނަ ހަގީގީ މަރުތަކާ އޮތީ ކޮންގުޅުމެއް ހެއްޔެވެ؟ އަހަރެންނަށް އެނގުނުހާ ވެސް ކަމަކީ މި ކަންތައްތަކެއް ފެށުމުގެ ކުރިން މި އޮފީހުގެ އަންހެން މުވައްޒަފެއް ގެއްލިފައިވާކަމެވެ.
            
ތަކުރާރުކޮށް ވިސްނުމަށްފަހު އަހަރެން ގެއަށް ގޮސް ކޮޓަރިއަށްވަނީމެވެ. ކުޑަދޮރުތައް ލައްޕައި، ފޮތިގަނޑު ދެމުމަށްފަހު ބޮކިތައް ނިވާލައި ކޮޓަރި އަނދިރި ކޮށްލައިފީމެވެ. މަޑުމަޑުން ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނީމެވެ. ކުއްލިއަކަށް ލޯގަނޑަށް ކުޑަލޮޅުމެއް އަރައިލައިފައި ދެން ފެންނަން ފެށި ކަންތައްތަކުން އަހަރެންނަށް ހައިރާންކަމާއި ބިރުވެރިކަމާއެކު ބަލަހައްޓައިގެން ހުރެވުނެވެ. މި ފަހަރު އަހަރެންގެ ސޫރަ ހުއްޓުނީއެއް ނޫނެވެ. އެހެންނަމަވެސް އެލޯގަނޑުން ފެންނަން އެހުރީ މީގެ ހަފުތާއެއް ކުރިން ގެއްލުނު އޮފީހުގެ އަންހެން މުވައްޒަފެވެ. އެ އަށްފަހު އޮފީހުގެ އެހެން ތިން މުވައްޒަފެކެވެ. އޭގެތެރެއިން ދެ މުވައްޒަފުންނަކީ އަހަރެންގެ ހުވަފެނާއެކު މަރުވެދިޔަ ދެމީހުންނެވެ. އަދި އޮފީހުގެ ގުދަނެއްގައިވާ ފޮށިގަނޑެއްގެ ތެރޭގައިވާ މަރުވެފައިވާ އިންސާނެއްގެ ހަށިގަނޑެވެ. މިހުރިހާ މަންޒަރެއް އަހަރެންނަށް ކަންތައްތައް ވިސްނައިދީފި އެވެ. އެސޫރަ އަހަރެންނަށް ކަންތައްތަކެއް ބުނެދީފިއެވެ.
         
އަހަރެން ވަގުތުން ޕޮލިސް ސްޓޭޝަނަށް ދިޔައީމެވެ. އަދި އަހަރެންނަށް ދިމާވަމުން ދިޔަ ކަންތައްތައް ވަރަށް ތަފުސީލުކޮށް ކިޔައިދިނީމެވެ. އަހަރެންގެ ދިން މަޢުލޫމާތުތަކަށް ފަހު ފުލުހުން އަހަރެންނަށް ލޯގަނޑުން ފެނުނު ތިން މުވައްޒަފުންގެ ތެރެއިން މަރުނުވެ ހުރި މުވައްޒަފު ހައްޔަރުކޮށްގެން ގެނައެވެ. ތަޙުޤީޤުގައި ފުރަތަމަ އޭނާ އިންކާރުކުރަމުން ގެންދާން ފެށުމުން އަހަރެންނަށް ފެނުނު ކަންތައްތައް ކިޔައިދިނީމެވެ. ދެން އެމީހާ ވެސް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ.
         
އެހާ ހިސާބުން އެތައް ހަޤީޤަތްތަކެއް ފަޅައިއެރި އެވެ. ކުށެއްނެތި ރޭވިގެން ޢިއްފަތްތެރިކަން ފޭރިގަތުމަށްފަހު މަރައިލައިފައި ފޮރުވި އަންހެން ކުއްޖާގެ ޤާތިލުން ހޯދުނީ އެވެ. އޭރު އެ ޤާތިލުންގެ ތެރެއިން ދެމީހުންގެ ކިބައިން އެ އަންހެނާގެ ރޫހުވަނީ ބަދަލު ހިފާފައެވެ. އަހަރެން މަސައްކަތްކުރާ އޮފީހުގައި މަސައްކަތްކުރާ އެ އަންހެން ކުއްޖާގެ މަރުވެފައިވާ ހަށިގަނޑު ވެސް ހޯދުނީއެވެ. އިންސާފު ޤާއިމްކުރެވުނީއެވެ.
         
ބައެއް ކަންކަމަކީ އެކަމެއް ފުރިހަމަ ވުމަށް މެދުވެރިއެއް ބޭނުންވާ ކަންތައްތަކެވެ. އަހަރެން މަސައްކަތްކުރާ އެ އޮފީހުގެ މުވައްޒަފުންގެ ތެރޭގައި ހިނގައި ދިޔަ އެ ޤަތުލުގެ ހަޤީޤަތް ހޯދައި އިންސާފު ޤާއިމްކުރެވުމެވެ. އެހެން ނަމަވެސް އެފޮރުވިފައިވާ ސިއްރުތައް ހާމަކޮށްދީ އަމިއްލަ ނަފުސަށް އިންސާފު ލިބިގަތުމަށް އެ ސޫރަ ކުރި މަސައްކަތުންނެވެ. ކެނޑިނޭޅި ފެންނަމުން ދިޔަ އެ ސޫރައިގެ ސަބަބުންނެވެ.
---------
(ނިމުނީ)
މި ވާހަކަ
     ފޮނުވުން:    އަލްފާޟިލް މުޙައްމަދު ޝާހީން (ދ.ޤ. ޔުނިވަރސިޓީގެ ދަރިވަރެއް)
     އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
     ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

         

ހަމަމިގަލަމުން

އިދާރާ

ވާހަކަ