އަދުގެ ޚާއްސަ

Print

އިސްލާމީ އަދަބިއްޔާތުގެ ތެރެއިން: ބަދީޢިއްޔާތު

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އިބްރާހީމް ރަޝީދު މޫސާ

ބަދީޢިއްޔާތަކީ މައިގަނޑު ނަމުގެ ގޮތުންނާއި އޭގެ ބާވަތުގައި ޚާއްޞަ ސިފަތަކެއް ލިބިގެންވާ ޅެމުގެ ބާވަތެކެވެ. މައިގަނޑުނަމަށް ބަލާއިރު އެއީ މަދަޙައާއި ތާރީފުގެ ޅެންބައިތު ތަކެކެވެ. ނަމަވެސް އެއީ ޚާއްޞަ މަދަޙައެކެވެ. މި މަދަޙަވެރިޔާގެ ބޭނުމަކީ މަދަޙަ ދެންނެވޭ ފަރާތުގެ ރުހުމާއި އިނާމުތައް ޙާޞިލުކުރުމެވެ. ނަމަވެސް އެއީ ރަސްރަސްކަލުންނާއި ޚަލީފާއިންނާއި އަމީރުން ދެއްވާފަދަ އިނާމުތަކެއް ނޫނެވެ.

އެކަމަކު މަދަޙަވެރިޔާ މިމަދަޙައިން އެދެނީ މަދަޙަ ދެންނެވޭ ފަރާތުގެ ރުހިވަޑައިގަތުމެވެ. ނަރަކައިގެ އަލިފާނުން ޤިޔާމަތްދުވަހު ސަލާމަތްވުމަށްޓަކައި މަދަޙަވެރިޔާ އެދެނީ މަދަޙަ ދެންނެވޭ ފަރާތުގެ ޝަފާޢަތެވެ. މިއީ ތަޤްވާވެރި، އިޚްލާޞްތެރި މުއުމިނަކަށް މެނުވީ ޙާޞިލުކުރެވޭނެ މަޤްޞަދެއް ނޫނެވެ.

ވީމާ، ބަދީޢިއްޔާތަކީ އޭގެ އެތެރެއަށް ބަލާއިރު ދީނީ މަދަޙަ ތަކެކެވެ. އެކަމަކު އޭގެ ބާވަތަށް ބަލާއިރު އެއީ ޢަރަބި އަދަބިއްޔާތުގެ ފަންނީ ނާދިރު ތުޙުފާ އެކެވެ. އެއީ އޭގެ ޢިބާރާތްތައް ރީތި، އެމުނުންތައް ފަށުވި، އަދަބީ މުހިންމު މަސައްކަތެކެވެ. މިޅެމުގެ ކޮންމެ ބައިތަކީ ބަދީޢިއްޔާތުގެ ކުލަތަކުން ކުލައެއް ޖެހިފައިވާ ބައިތެކެވެ. ޢިލްމުލް ބަދީޢުގެ ނުވަތަ ބަލާޣާގެ އަހްލުވެރިން ވިދާޅުވާ ގޮތުގައި އެބައިތުގެ ރީތިކަމުގެ ޙަޤީޤަތަކީ އެއީއެވެ.

ބަދީޢިއްޔާތުގެ މައިގަނޑުނަން


ބަދީޢިއްޔާތުގެ މައިގަނޑު ނަމަކީ ޢަރަބި ޅެންވެރިކަމުގައި ޤަދީމީ އެއްޗެކެވެ. ނަމަވެސް ބަދީޢިއްޔާތު ފެށިފައިވަނީ ކީރިތި ރަސޫލާ عليه الصلاة والسلام އަށް މަދަޙަ ދަންނަވައި އެކުލަވައިލެވުނު ފުރަތަމަ ޅެމުންނެވެ. އެއީ ކަޢުބު ބްނު ޒުހައިރު ހެއްދެވި ޅެމެވެ. އެއީ ބުރްދާގެ ނަންދެވިފައިވާ ޅެމެވެ. މިޅެމުގައި ކީރިތި ރަސޫލާގެ މަތިވެރިކަމާއި އައުދާނަކަން ހާމަކޮށްދޭ މާނަތަކެއް ވެއެވެ. އެކަލޭގެފާނު މީސްތަކުންގެ ގާތަށް ވަޑައިގެންނެވީ ހިދާޔަތުގެ ނޫރައިގެންނެވެ. ޖާހިލުކަމުގެ އަނދިރިކަން ނައްތަވާ ލެއްވުމަށެވެ. ޙައްޤަށް ނަޞްރު ދެއްވުމަށެވެ. އަނިޔާވެރިކަމާއި ބާޠިލު ފުއްސެވުމަށެވެ. ކަޢުބު ބިން ޒުހައިރު ވިދާޅުވަނީ

نُبِّئْتُ أنَّ رَسٍولَ الله أَوْعَدَنِى
والعَفْوُ عِنْدَ الرَّسُولِ الله مَأْمُول

ރަސޫލުﷲގެފާނު އަހަންނަށް އިންޒާރު ކުރައްވައިފި
އެކަލޭގެފާނު އަރިހުން މާފަށް އުއްމީދު ކުރެވޭ

إنَّ الرسولَ لَنُوْرٌ يُسْتَضَاء به
مُهَنَّد مِنْ سُيُوفِ الله مَسْلُول

ހަމަށަވަރަވަރުން ރަސޫލާއަކީ އެނޫރުން އަލިކަން ލިބޭ ނޫރެކެވެ.
އެއީ އުފުއްލާ ލެވިފައިވާ ﷲގެ ކަނޑިކޮޅުތަކުން ތޫނު ކަނޑިކޮޅެކެވެ.

ނަބަވީ މަދަޙައާއި އާލުބައިތުންނަށް ސަނާއާއި ތާރީފުގެ ބަސްތައް ކިއުމުގެ ފަންނު އުފެދި ބޮޑުވެފައި ވަނީ އަލްކުމައިތު ބްނު ޒައިދުގެ އަތްމަތީގައެވެ. މިބާވަތުގެ ޅެންތަކަށް އިސްލާމީ އަދަބިއްޔާތުގައި ’’ހާޝިމިއްޔާތު“ގެ ނަންދެވިފައިވެއެވެ.

ކީރިތި ރަސޫލާއަށް މަދަޙަ ދެންނެވުމުގެ ފަންނަށް މަވްލިދިއްޔާތު (ނުވަތަ މާލޫދު) ގެ ނަންވެސް ދެވިފައިވެއެވެ. މިފަންނުގެ އެންމެ ފަރި ފިޔަވަހި ފެށިފައިވަނީ މަޣުރިބުގައެވެ. އެއަށްފަހު މިޞްރުގައެވެ. މިޞްރުން ލައިފައގޮސް އިސްލާމީ ދުނިޔެއަށް މިފަންނު ފެތުރުނެވެ.

މާލޫދުގައި (ނުވަތަ މަވްލިދިއްޔާތުގައި) ކީރިތި ރަސޫލާގެ މަވްލިދު ފާހަގަކުރުން ހިމެނެއެވެ. އެކަލޭގެފާނުގެ މާތް ސީރަތާއި އެކަލޭގެފާނުގެ މުޢުޖިޒާތް ތަކަށާއި ކަރާމާތްތަކަށް ބަލައިލަމުންނެވެ.

މަވްލިދިއްޔާތުގައި ބަދީޢުގެ ތަފާތު ކުލަތަކަށް ތަބައެއް ނުވެއެވެ. އަދި ވަކި ޤާފިޔާއަކަށް އަދި ވަކި ވަޒަނަކަށް (ނުވަތަ ބަޙްރަކަށް) ވެސް ތަބައެއް ނުވެއެވެ. ބަދީޢިއްޔާތާ މަވްލިދިއްޔާތު ތަފާތުވާ އެއްކަމަކީ މިއެވެ.


ބަދީޢިއްޔާތުގެ އޮނިގަނޑާއި އޭގެ ފަންނީ ސިފަތައް


ބަދީޢިއޔާތުގެ ހުރިހާ ބައިތު ތަކެއްގެ މަޤްޞަދަކީ ކީރިތި ރަސޫލާ عليه الصلاة والسلام އަށާއި އެކަލޭގެފާނުންގެ އާލުންނަށާއި އަޞްޙާބުންނަށް މަދަޙައާއި ސަނާއާއި ތާރީފު ދެންނެވުމެވެ. އެކަލޭގެފާނުގެ މާތް މަޤާމުފުޅަށް ޒިޔާރަތްކުރުމަށް ޝައުޤުވެރިވާ މިންވަރު ހާމަކުރުމާއި އެކަލޭގެފާނުގެ ޠާހިރު މަގުގައި ސާބިތުވެ ހުރިކަން ބަޔާންކުރުމެވެ. ތާއަބަދަށް ދެމިހުންނަނިވި ޛިކްރާތަކެއް ހިމެނޭ މާތްރަސޫލާގެ ވަސްމީރު ސީރަތުގެ ބައިތަކާއި ހާދިސާތައް ބަޔާން ކުރުމެވެ.

މި މާނަތަކުގެ ތެރެއަށް އެރެވަޑައިގެންނެވި އެންމެ ފުރަތަމަ ޝާޢިރަކީ މަޝްހޫރު އަލްބޫޞީރީއެވެ. އޭނާ އެކުލަވައިލެއްވި ’އަލްބުރްދާ“ އަކީ އޭގެ މަޝްހޫރުކަން އުދަރެސްތައް ފަހަނަޅާގޮސްފައިވާ ޅެމެކެވެ. އޭނާގެ ފަހުން ވަޑައިގެން ޅެންވެރިން މިކަމުގައި އޭނާ ކޮޕީކުރައްވަން މަސައްކަތް ކުރައްވައިފައި ވެއެވެ. އޭނާއާ އެއްގޮތަށް ކީރިތި ރަސޫލާއަށް މަދަޙަ ދެންނެވުމަށް ބައިތުތައް ގަތަން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އަލްބޫސީރީއާ ހަމައަށް މި މައިދާނުގައި އެކަކަށްވެސް ވާޞިލުވެވިފައި ނުވާކަމަށް އެއްބަސްވެވެއެވެ.

ބޫޞީރީގެ ޤަޞީދާ ފަށްޓަވައިފައިވަނީ މުޤައްދަސް ތަންތާނގެ ޖައްވުގެ ތެރޭގައި ބުރުޖައްސަވަމުންނެވެ. ’’ޛީ ސަލަމު“ އާއި ’’ކާޡިމާ“ އާއި ’’އިޟަމު“ ފަދަ ތަންތަނުގެ ވާހަކައިންނެވެ. ޅެންވެރިޔާ ޠާހިރު ބިންތަކުގެ ޝައުޤުވެރިކަން ގެންނަވައިފައިވަނީ އެތަންތަނަށް ޖެހޭ ވައިރޯޅިއާއި ކަނު އަނދިރި ރޭރޭގައި ޖައްވު އަލިކޮށްލާ ވިދުވަރުގެ ތެރެއިންނެވެ.

ފާޑުކިޔުންތެރިން ވިދާޅުވާ ގޮތުގައި ބަދީޢިއްޔާތުގެ ފަންނުގެ ފެށުމަކީ ބޫޞީރީގެ ބުރްދާއެވެ. ބޫޞީރީގެ ޅެމުގައި ޙިކްމަތްތެރި އެތައް ބަސްތަކެއްވެސް އައިސްފައިވެއެވެ. އިންސާނާގެ ނަފްސުގެ ޠަބީޢަތް ހާމަކުރައްވައި ފައިވާގޮތް ދެކެވަޑައި ގަންނަވާށެވެ.

وَالنَّفْسُ كَالطِّفْلِ إن تُهْمِلْهُ شَبَّ عَلَى
حُبِّ الرَّضَاع وَإِنْ تَفْطِمْه يَنْفَطِمِ

ނަފްސަކީ ކުޑަކުއްޖެއް ފަދައިން އިހްމާލު ކޮށްފިނަމަ
ގާތުން ކިރުބުއިމުގެ މަތީގައި ބޮޑުވެދާނެ އެއްޗެކެވެ. އެކަމަކު ގާތުން ކިރުދިނުން ހުއްޓާލައިފިނަމަ ކިރުތުބުން ވީއްލަފާނެއެވެ.

ލޯބިވެރިޔާއާ ބައްދަލުކުރުމުގެ ފުން ޢާޠިފާއާއެކު ބަދީޢިއްޔާތުން ޞޫފިޔާނީ ވިދުވަރުތައް ފެނެއެވެ.

ބަދީޢިއްޔާތުގައި ކީރިތި ރަސޫލުގެ ވަސްމީރު ސީރަތުގެ ތާރީޚީ ހަނދާންތައްވެސް އާދެއެވެ. ކީރިތި ރަސޫލާގެ މަތިވެރިކަން ހާމަކޮށްދޭ ހާދިސާތަކާއި އެކަލޭގެފާނުގެ ކަރާމަތްތަކަށާއި މުޢުޖިޒާތްތައް ބަޔާންކުރެއެވެ.


خَيْرُالنبيين والبرهان مُتَّضح
فى الحجرعَقْلاً ونَقْلاًواضِحُ الَّلقَم

އެންމެ ހެޔޮ ނަބިއްޔާކަމުގެ ހެކި ޢަޤްލީގޮތުންނާއި ނަޤްލީގޮތުން ޙިޖްރު ސޫރަތުން ސަރާސަރު މަގެއްގޮތަށް ސާފުކޮށް އެނގެއެވެ.
ބަދީޢިއްޔާތުގައި އެކަލޭގެފާނު މުޝްރިކުންނާ ދެކޮޅަށް ކުރެއްވެވި ހަނގުރާމަތަކަށްވެސް އިޝާރަތްކޮށްފައި ވެއެވެ.
އަދި އެކަލޭގެފާނުގެ ކަރާމާތްތަކަށްވެސް އިޝާރަތް ކުރެއެވެ. ބޫސީރީ ވިދާޅުވަނީ:-


1-    والذئبُ سَلَّمَ والجِنِّى أَسْلَمَ وأل
        ثُعْبَانُ كَلَّمَ والأَمْوَاتُ فى الرَّمَـم

2-    مَنْ مِثْلٍه وذِرَاعُ الشاة حَدَّثه
         عَنِ اسْمِه بلسَانٍ صَادِقِ الرَّنَـم

3-    صَارَ الحَصَى سَمَكًا فى بَحْرِ رَاحَتِه
          فَمِـن نَوَادِرِه تَسْـبِيـحَهُ بِفَـم

4-    لَوْشَاءَ إعْراقَ من عاداه أغرقهم
        نَبْعُ الأَصَـابِع لَما فَاضَ كالَدَيْم

މާނަ:
1-    މިނިކާ ކުއްތާ އެކަލޭގެފާނަށް ސަލާން ގޮވައިލިއެވެ. އަދި ޖިންނި އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް އިސްލާމްވިއެވެ. އަދި ނާގަ ހަރުފަ އެކަލޭގެފާނާއެކު ބަސްމޮށުނެވެ. އަދި ކަށިތައް ފީވެފައިވާ މައްޔިތުންވެސް މެއެވެ.

2-    އެކަލޭގެފާނާ އެއްފަދައީ ފަހެ ކާކު ހެއްޔެވެ؟ ކަންބަޅީގެ އޮޅަބޮށި އެކަލޭގެފާނާ ވާހަކަ ދެއްކިއެވެ. ތެދު ދުލުން ސޯރުކޮށް އެކަލޭގެފާނުގެ ނަންފުޅު ބުންޏެވެ.

3-    އެކަލޭގެފާނުގެ އަތްތިލަފުޅުގެ ކަނޑުގައި ހިލަނގަޑު މަހަކަށްވިއެވެ. އަދި އެކަލޭގެފާނުގެ ކަރާމާތްތަކުގެ ތެރޭގައި ހިލަތައް ތަސްބީޙަ ކިޔުންވިއެވެ.

4-    އެކަލޭގެފާނާ ދުޝްމަނުވި މީހުން ޣަރަޤު ކުރައްވަން އެދިވަޑައި ގެންނަމަ އެމީހުން ޣަރަޤުވެގެން ދިޔައީހެވެ. އެކަލޭގެފާނުގެ އިނގިލިފުޅުތަކުން ފަޅައިއެރި އާރުގެ ފެންތައް އޮހި ބަންޑުންވެ އޮހިގަތީ ބޮޑު ވިއްސާރަ ގަނޑެއް ގޮތަށެވެ.

ބަދީޢިއްޔާތާއި މަވްލިދިއްޔާތުގެ ތާފާތު


ބައެއް މަޤްޞަދުތަކަށް ބަލާއިރު ބަދީޢިއްޔާތާއި މަވްލިދިއްޔާތަކީ ހަމަ އެއްފަންނެއްގެ ދަށުގައި ހިމެނޭ ދޭއްޗެކެވެ. އެކަމަކު މަވްލިދިއްޔާތުގައި ކީރިތި ރަސޫލާގެ ސީރަތަށް ތާރީޚީ ގޮތުންނާއި ދީނީގޮތުން ޝާމިލު ގޮތެއްގައި ބަލައިލެވޭ ތަން ފެނެއެވެ.

ޞަފިއްޔުއްދީނުލް ޙުލިއްޔިގެ ބަދީޢިއްޔާތުގައި ކީރިތި ރަސޫލާގެ މުޢުޖިޒާތްތަކަށް އިޝާރަތްތައް ކޮށްފައިވީ ނަމަވެސް އެއީ އަދީބުންގެ ނަޒަރުގައި ޅެންވެރިކަމަށް ބުރަވެފައިވާ އެކުލަވައި ލުމެކެވެ.

ހިޖްރައިން 466 ވަނަ އަހަރު އަވަހާރަވި ޢުމަރު އައްޝަޤްރާޠީސީގެ މަވްލިދިއްޔާ އަކީ ކީރިތި ރަސޫލުއަށް މަދަޙަ ދެންނެވުމުގައި އެކުލަވައި ލެވިފައިވާ މަޝްހޫރު ޤަޞީދާއެކެވެ. މިއީ 133 ބައިތުގެ ޤަޞީދާއެކެވެ. މިޅެން ފަށްޓަވައިފައިވަނީ:-

1-    الحمد لله مِنَّا بَاعِثِ الرسل
         هدى  بأحمدَ  مِنَّا أحمدَ  السُبُل
2-    خيرُالبرية مِنْ بَدْوٍ وَمِن حَضَر
          وأكرمُ الخلقِ مِن حَافٍ ومُنْتَعِل


މާނަ

1-    އަހަރެމެންގެ ތެރެއިން ރަސޫލުން ފޮނުއްވި ﷲއަށް ޙަމްދާ ސަނާ ހުއްޓެވެ. އަޙްމަދު މެދުވެރި ކުރައްވާ އަހަރެމެންނަށް އެންމެ އަޙްމަދު މަގު (ރިވެތި މަގު) ދެއްކެވިއެވެ.

2-    އެއީ ބަދަވީންނާއި ޙަޟަރުންގެ ތެރޭގައި ވިޔަސް ހިމެނޭ އެންމެ ހެޔޮ އިންސާނާއެވެ. އެއީ ހުސްފަޔާ އުޅޭ މީހުންނާއި ފައިވާނަށް އަރާ މީހުންގެ ތެރޭގައި ވިޔަސް އެންމެ މާތް މަޚްލޫޤެވެ.

މިޤަޞީދާ މަޝްހޫރުވެގެންގޮސް އުދަރެސްތަކާއި ދިޔަރެސްތައް ފަހަނައަޅާ ދިޔައެވެ. މީސްތަކުންގެ ދޫދޫމަތިން ނަކަލުވިޔެވެ. މި މަވްލިދިއްޔާގައިވެސް ތާރީޚީ އަދި ދީނީ ކަންތައްތަކަށް އިޝާރާތްކުރާ ރަމްޒުތައް ވަރަށް ގިނައިން އައިސްފައިވެއެވެ. އެކަލޭގެފާނުގެ މީލާދުގެ ސަބަބުން ކައުނު ޙައިރާންވެ އަންތަރީސްވިއެވެ. މި ޤަޞީދާ ދިރާސާކުރެއްވި ބޭފުޅުން ވިދާޅުވާ ގޮތުގައި މި ޤަޞީދާގައި ތާރީޚީ ބާރަ ކަމަކަށް އިޝާރަތް ކުރައްވައިފައިވެއެވެ. މީގެ ތެރެއިން ބައެއް ކަންތައްތަކަކީ އިބްނު ހިޝާމުގެ މަޝްހޫރު ސީރަތުގައި އައިސްފައިވާ ވާހަކަ ތަކެކެވެ. އަނެއްބައި ވާހަކަތަކަކީ އަލްމަޣާޒީގައި އައިސްފައިވާ ވާހަކަތަކެކެވެ.

ބައެއް ފާޑުކިޔުންތެރިންގެ ނަޒަރުގައި ބަދީޢިއްޔާތަކީ މަވްލިދިއްޔާތުން ޚިޔާލުތަކާއި ފިކްރުތައް ނަގައިގެން އަމުނާލެވޭ ޤަޞީދާއެކެވެ. ބަދީޢިއްޔާތެކޭ އެއްފަދައިން މަވްލިދިއްޔާތުގައިވެސް ޢިލްމުލްބަދީޢުގެ ތަފާތު ކުލަތައް ފެނެއެވެ. އެއީ ޖިންސާއި ޠިބާޤާއި މުޒާވަޖާއާއި ތަކްރީރު ފަދަ ބަދީޢީ ޢިލްމުގެ ކުލަތަކެވެ. އެކަމަކު ބަދީޢިއްޔާތުގެ ޅެންވެރިޔާ ފަދައިން މަވްލިދިއްޔާތުގެ ޅެންވެރިޔާ ސާފުބަހުން އެ ކުލަތައް ފާޅެއް ނުކުރެއެވެ.

ބަދީޢިއްޔާތުގެ ވަޒަނަކަށް ގެންގުޅެނީ

’’މުސްތަފްޢިލަން/ ފާޢިލަން/ މުސްތަފްޢިލަން/ ފަޢުލަން
މުސްތަފްޢިލަން/ ފާޢިލަން/ މުސްތަފްޢިލަން ފަޢުލަން“އެވެ.

ބަދީޢިއްޔާތުގައި ކާފިޔާ އަކުރަކީ އަބަދުވެސް އިބިފިލި ޖެހިގެންވާ މީމެވެ. އިބިފިލި ޖެހުމުން އެއިން ނަފްސާނީ ޝުޢޫރުތަކެއް ހާމަވާތީއެވެ. މި ޝުޢޫރުތަކުގެ ތެރޭގައި ކީރިތި ރަސޫލާގެ މަތިވެރި ޙަޟްރަތުގައި ތިމާގެ ނިކަމެތިކަމާއި ދެރަކަން ދެއްކުން ހިމެނެއެވެ.

ބަދީޢިއްޔާތުގެ ރަދީފަށް ބަލާއިރު އެއީ ޚާއްޞަ ބަސްކޮށާރެކެވެ. މިކޮށާރުގައި ނަގާކިޔާ ބަސްތަކަކީ ޢާޠިފީ ބަސްތަކެކެވެ. އީމާންކަމުގެ ރޫޙުން ދިރުން ލިބިފައިވާކަމާއި އިސްލާމީ މަތިވެރި މާނަތަކުން ފެންބޮވުން ކެނޑުވިފައިވާ ބަސްތަކެކެވެ. ބަދީޢިއްޔާތުގައި ބީރަށްޓެހި އޮޅު ނޫން ބަސްތަކެއް ނުހުރެއެވެ. ބަދީޢިއްޔާތުގެ ބަސްކޮށާރަކީ ހުރިހާ ޅެންވެރިންވެސް ޢާންމު ގޮތެއްގައި ބޭނުންކުރާ ބަސްތަކެކެވެ. އެއީ ހުރިހާ ޅެންވެރީންވެސް ބޭނުންކުރާ ޚިޔާލުތަކެއް އަމުނާދޭ ގުޅިފައިވާ ލަފްޒުތަކެކެވެ.

ބަދީޢިއްޔާތުގެ ބައިތައް


ބަދީޢިއްޔާތަށް ބަލާއިރު ޢާންމޮ ގޮތެއްގައި އެއިން އަސާސީ ތިންބައެއް ފެނެއެވެ. މިފަންނުގެ އަސާސީ މަޤްޞަދަކީ ކީރިތި ރަސޫލާއަށް މަދަޙަ ދެންނެވުމެވެ.
ބަދީޢިއްޔާތުގެ ފުރަތަމަ ބައިގެ ނާރެހަކީ މުޤައްދަސް ތަންތަނާއި ކުރީގެ ޛިކްރާތައް ހަނދާންކޮށް ދިނުމެވެ. އެތަންތާނގެ ހަނދާންތަކުގެ ސަބަބުން ޅެންވެރިޔާގެ ކޯތާފަތްމަތިން ހިނގަމުންދާ ކަރުނައިގެ ކޯރުތަކުގެ ވާހަކައާއި އެތަންތަނާ ވަކިވުމުގެ ވޭންތަކުގެ ތެރެއިން ލައިފާ ދާއިރު އެތަންތަނަށް އެނބުރި ދާހިތްވާ ވާހަކަ ގެނެއެވެ.
ދެވަނަބައިގައި ހިމެނެނީ ކީރިތި ރަސޫލާގެ މަދަޙައެވެ. މިބައިގައި ކީރިތި ރަސޫލާގެ ވަސްމީރު ސީރަތަށް ބަލާލާއިރު އެކަލޭގެފާނުގެ މުޢުޖިޒާތްތަކަށާއި ކަރާމާތްތަކަށް އަލިއަޅުވައި ލައެވެ. އެކަލޭގެފާނުގެ މަތިވެރި ޚުލްޤުފުޅު ތަކަށާއި އެކަލޭގެފާނުގެ ރިވެތި ޚުލްޤަށް ބަލައިލަމުންނެވެ. ކީރިތި ރަސޫލާ އިސްލާމް ދީނަށްޓަކައި ކުރެއްވެވި ޖިހާދުގެ ވާހަކަތަކާއި ލިބިވަޑައިގެން ނަޞްރާއި ނަޞީބުގެ ވާހަކަވެސް ބަދީޢިއްޔާތުގައި ގެނެވޭ ތަން ފެނެއެވެ.

ތިންވަނަ ބަޔަކީ ދުޢާއެވެ. އެއީ ޤަޞީދާ ނިންމާލަމުން ޝާޢިރު މާތްﷲއަށް ދަންނަވާ ދުޢާއެވެ. އެކަލާނގެ ޙަޟްރަތުން ފާފަފުއްސަވާ ދެއްވުމަށް އެދި ދަންނަވާ ދުޢާއެކެވެ. މުދަލާއި އަނބިދަރީންގެ ފައިދާއެއް ނެތްދުވަހު ކީރިތި ރަސޫލާގެ ޝަފާޢަތަށް އެދި ޞަލަވާތް ދަންނަވަމުންނެވެ. ބަދީޢިއްޔާތުގެ ބައިތުތައް ކިތަންމެ ގިނަކަމުގައި ވިޔަސް ދުޢާކުރުމަކާ ނުލައި ޤަޞީދާ ނިންމާ ނުލެވޭކަން ފާހަގަ ކުރެވެއެވެ. ޖަޒާއިރުގެ ޅެންވެރިޔެއް ކަމުގައިވާ އިބްނުލް ޚަލޫފުގެ ޤަޞީދާގައި 226 ބައިތު ހިމެނެއެވެ. މި ޤަޞީދާގައި ޣަޒަލުގެ ބައިގައި 80 ބައިތު، މަދަޙައިގެ ބައިގައި 80 ބައިތު ހިމެނެއެވެ. ދެން އޮތް ބައިތު ތަކަކީ ދުޢާއެވެ.

ބަދީޢިއްޔާތުގެ ތަޅުދަނޑިތައް


ބަދީޢިއްޔާތުގައި ތިންބައެއް ނުވަތަ ތިންބާބެއް ހިމެނެއެވެ. މިހެންވެ ބަދީޢިއްޔާތުގައި ތިން ތަޅުދަނޑިއެއް ވެއެވެ. ކޮންމެ ބާބަކަށް ވަނުމަށްޓަކައި ޚާއްޞަ ތަޅުދަނޑިއެއް ވާތީއެވެ. ފުރަތަމަ ތަޅުދަނޑިއަކީ ފުރަތަމަ ބާބުގެ އިފްތިތާޙީ ބައިތެވެ. ނުވަތަ އިސްބައިތެވެ. ދެވަނަ ތަޅުދަނޑިއަކީ ޣަޒަލުގެ ބައިން މަދަޙައިގެ ބަޔަށް ވަނުމަށް ބޭނުންކުރާ ބައިތެވެ. ޣަޒަލުގެ މަޤްޞަދު ނިންމާލައިފާ ކަންފަތަށް ބަރުނުވާ ގޮތަށް މަދަޙައިގެ ތެރެއަށް ވަންނަ ވަނުމަކީ ވަރަށް ފަންނީ ކަމެކެވެ. ތިންވަނަ ތަޅުގަނޑިއަކީ ނިންމައިލުމެވެ. އެއީ ޤަޞީދާގެ ފަހު ބަހެވެ. ޚާތިމާއެވެ. އިބްނުލް ޚަލޫފު ވިދާޅުވަނީ:-

يارب سهِّل لِى الجَنَّاتِ مُنْقَلَبى
وَنَجِّنِى بِامْتِدَاحِى مِن لَظَى الضَّرمِ

މިއަޅާގެ ވެރި ރަސްކަލާކޮ! މިއަޅާގެ ފަސްފަހަތުގައިވާ ސުވަރުގެތައް މިއަޅާއަށް ލުއިފަސޭހަ ކޮށްދެއްވާނދޭވެ.
މިއަޅާގެ މަދަޙައިން، ހައިހޫނުކަމުގެ ރުޅިން ފުރިފައިވާ ނަރަކައިން މިއަޅާ ސަލާމަތް ކޮށްދެއްވާނދޭވެ.
--------------
  (ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ