އަދުގެ ޚާއްސަ

Print

ނުކުޅެދޭ މީހުންގެ މަސްއަލައާއި ނަބަވީ ސީރަތު (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

ގުނަވަންތަމީހެއްގެގޮތުގައި ދުޅަހެޔޮކަންމަތީގައި ދުނިޔެއަށް ފޮނުއްވުމަކީ އަރަހުށި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނަކަށްދެއްވާ ވަރަށްބޮޑު ނިޢުމަތެކެވެ. ލޮލާއި، ކަންފަތާއި، ހިތާއި، ސިކުނޑިއާއި، އަތާއި، ފަޔާއި މިއިން ކޮންމެ ގުނަވަނީވެސް އަގުހިމަނައިނުގަނެވޭފަދަބޮޑު ދަރުމައެކެވެ. އިންސާނުންގެ ތެރޭގައި މިދެންނެވި ނިޢުމަތްތަކުގެ ތެރެއިން ކޮންމެވެސް ނިޢުމަތަކުން މަޙްރޫމު ވެފައިވާ މީހުންވެސް އުޅެއެވެ. އެނިޢުމަތްތަކުން މަޙްރޫމުވަނީ އެމީހެއްގެ ނުފޯރުންތެރިކަމަކުން ނޫނެވެ. އެމީހަކު އަމިއްލަޔަކަށެއް ނޫނެވެ. އެކަމަކީ މާތް ﷲ މިދުނިޔޭގައި ލައްވައިފައިވާ އިމްތިޙާނުގެ ނިޒާމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެކަލާނގެ މިންވަރުފުޅުން ހިނގާ ކަމެކެވެ.

ޖިސްމާނީ އުނިކަމެއްހުންނަ ނިކަމެތި ގިންތީގެ މީހުން ދުނިޔޭގެ ހުރިހާމުޖުތަމަޢުތަކެއްގައިވެސް އިހުވެސް އުޅުނެވެ. މިހާރުވެސް އުޅެއެވެ. މިގިންތީގެ މީހުން ފާހަގަކުރެވެނީ ނުކުޅެދޭމީހުންގެ ނަމުންނެވެ. ނުކުޅެދޭމީހުންނަކީ މުޖުތަމަޢުތަކުގައި ނިކަމެތިކަމުގެ ނަޒަރުން ބެލެވެމުންއަންނަ ބައެކެވެ. އިހާނެތިކޮށްހިތެވޭ ބައެކެވެ. އަނިޔާލިބެމުންދާ ބައެކެވެ. އެބައިމީހުންނާމެދު އިންސާނިއްޔަތާޚިލާފު ގޮތްގޮތަށް ޢަމަލުކުރެވެމުންދެއެވެ. އެބައިމީހުންނަކީ ނިކަމެތި ބަޔަކަށް ވާތީއެވެ. އެބައިމީހުނާއެކު ހިނގައިބިނގައި އުޅުމާއި، ބައްދަލު ވެ އެކުގައި އުޅުމާއި، އެބައިމީހުނާ އެކު މަޖިލިސް ކޮށް އެއްތަށިމަތީގައި ކައިބޮއިހެދުމަކީ ގުނަވަންތައް ސަލާމަތުން ތިބޭ މީހުން ނަފްރަތުކުރާ ކަމެކެވެ. ތިމާމެންގެ ޢިއްޒަތާއި ޝަރަފަށް ލިބޭ ނިކަމެތިކަމެއްކަމުގައިބަލާ ކަމެކެވެ. މިކަންކަން އިސްލާހު ވުމުގެ ބަދަލުގައި ދުވަހެއް ދުވަހަކަށްދަނީ ނުބައިން ނުބަޔަށް ބަދަލު ވަމުންނެވެ.

އިސްލާމްދީނަކީ ރަޙުމަތުގެ ދީނެވެ. އެހެންކަމުން އިންސާނީ ތާރީޚުގައި ނުކުޅެދޭމީހުނާމެދު އެންމެ ފުރަތަމަ ރަޙްމާއި ހަމްދަރުދީގެ ނަޒަރަކުން ބަލައިލީ އެދީނެވެ. އިސްލާމްދީން، އިންސާނީ މުޖުތަމަޢުގެ ޙިއްސާއެއް ކަމުގައިވާ ނުކުޅެދޭ މީހުނާ މެދު އޯގާވެރިވެ އެބައިމީހުންނަށް އިންސާނީވަންތަކަމުގެ ދަރަޖަ ދިނެވެ. ނުކުޅެދޭމީހުންނާއި، ބަލިކަށި މީހުންނަށް ލިބެމުން ދިޔަ އަނިޔާއާމެދު އަޑުއުފުލިއެވެ. ގުނަވަންތަކަމުގައި ހަށިހެޔޮކޮށްތިބޭ މީހުންނާއި ނުކުޅެދޭ މީހުންގެ އިންސާނީވަންތަކަމުގެ ތަފާތާއި އިމްތިޔާޒު ނައްތައިލުމުގެ ޤަރާރު ނެރުނެވެ. ނުކުޅެދޭ މީހުންގެ ޙައްޤުތައް އިޢުލާން ކުރިއެވެ. އެބައިމީހުނަށް އެހީވެ ޚިދުމަތް ކުރުމެވެ. އިޙްތިރާމުކޮށް ކަމޭހިތުމެވެ. ހަމްދަރުދީވެ ހިތާމައިގައިބައިވެރިވުމެވެ. މުހުތާދުތައް ފުއްދައިދިނުމެވެ. ތަޢުލީމާއި ތަރުބިޔަތު ދިނުމެވެ. މިކަންކަމަކީ މުޖުތަމަޢުގައި ސަލާމަތް ޞިއްޙަތުގެ ނަސީބު ލިބިފައިވާ މީހުންގެ ދީނީ އަދި އަޚްލާޤީ ވާޖިބުތަކެއް ކަމުގައި ކަނޑައެޅިއެވެ.

ތިރީގައި މިވަނީ އިންސާނިއްޔަތުގެ މުޙްސިން ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރި ކުރައްވައި ރަޙްމާނުވަންތަ މާތް ﷲ އިންސާނުންނަށް ބާވައިލައްވައިފައިވާ ރަޙްމަތުގެ ދީން ނުކުޅެދޭ މީހުންގެ އުނދަގޫތައް ދުރުކޮށްދީ އެބައިމީހުންގެ މުޞީބާތްތައް ލުއިކޮށްދިނުމަށްޓަކައި ދީފައިވާ އިރްޝާދުތަކުގެ ޚުލާސާއެކެވެ.

މާތްކޮށް ހިތައި އިޙްތިރާމު ކުރުން


ކުރީންވެސް ދެންނެވި ފަދައިން  ނުކުޅެދޭމީހުންނާއި ނިކަމެތީންނާމެދު ޢާއްމުކޮށް މުޖުތަމަޢުގައި ބެލެވެނީ އިހާނެތިކަމުގެ ނަޒަރަކުންނެވެ. އެބައިމީހުނާމެދު ބަލައިއުޅެނީ އެއްވެސް ޤަދަރެއްނެތް ބައެއް ކަމުގައެވެ. މިއީ އިސްލާމް ދީނުގެ ތަޞައްވުރާ ޚިލާފު ކަމެކެވެ. އިސްލާމް ދީން ދެކެނީ ނުކުޅެދޭ މީހުންނަކީވެސް ޖިސްމާނީ ގޮތުން އައިބެއްނެތް މީހުންނާ އެއްދަރަޖައެއްގެ ބައެއްކަމުގައެވެ. ތުނޑުސުފުރާއަށް އަތްހަމަވާ ބައެއް ކަމުގައެވެ. އިސްލާމް ދީން ގޮވައިލަނީ މުޖުތަމަޢުގައި ތިބޭ ނުކުޅެދޭ މީހުންނަށް ވެސް އިޙްތިރާމްކޮށް ކަމޭހިތުމަށެވެ. ކުލުނުވެރިކަމާއި ހަންހާރަވެތިކަމުގެ ނަޒަރުން ބެލުމަށެވެ.

އިސްލާމްދީނުގެ ތާރީޚުގެ އެންމެކުރީކޮޅުގެ ޙާދިޘާތަކުގެތެރެއިން ޙާދިޘާއެކެވެ. އެއްދުވަހަކު ޤުރައިޝު ވަންހައިގެ ބޮޑުންކުރެބަޔަކުމީހުން މައްކާގެ ޙަރަމްފުޅުގެ ތެރޭގައި މަޖިލިސްކޮށްގެން ތިއްބެވެ. ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވި ސާހިބާ އެބައިމީހުންގެ ގާތަށް ވަޑައިގެން އެބައިމީހުންގެ މަޖްލިސުގައި އިށީދެވަޑައިގެންނެވިއެވެ. އެބައިމީހުނާ ދީނުގެވާހަކަފުޅު ދައްކަވާން ފެއްޓެވިއެވެ. އިތުރުސާހިބާގެ ހިތްޕުޅުގެއަޑީގެ އެދިވަޑައިގަތުމަކީ އޭގެތެރެއިންމީހަކަށް ތެދުމަގުފެނުމުގެ ނަޞީބު ލިބުމެވެ. އެމީހެއްގެސަބަބުން އިސްލާމީ ދަޢުވަތަށް އިތުރުކުރިއެރުމެއްލިބުމެވެ. އެހެންމީހުންގެ ހިތްތަކުގައި އިސްލާމްދީނާމެދު ޝައުޤުވެރިކަން އުފެދުމުގެ ސަބަބަކަށް ވުމެވެ.

ޞަޙާބީންގެ ތެރެއިން ލޯފުޅުފަން ބޭކަލެއް ކަމުގައިވާ ޢަބްދުﷲ ބިން އުއްމުމަކްތޫމު ރަޟިޔަﷲ ޢަންހުއަށް އެވަގުތު އެތަނަށް ވަޑައިގެންނެވިއްޖެއެވެ. އެކަލޭގެފާނު އިތުރު ސާހިބާގެ އަރިހުގައި ވާހަކަފުޅެއް ވިދާޅުވާން ފެއްޓެވިއެވެ. އެ ދުވަސްވަރުގެ ޢަރަބީންގެ ބޮޑުންނަކީ އިންތިހާ ދަރަޖައިގެ ކިބުރުވެރިބައެކެވެ. ބޮޑާބައެކެވެ. ނުކުޅެދޭމީހަކާއެކު އެއްމަޖްލިސެއްގައި ތިބުމަކީ ތިމާމެންގެ ޤަދަރާޚިލާފުކަމެއްކަމުގައި ދެކޭ ބައެކެވެ. އެހެންކަމުން ޢަބްދުﷲ އެވަގުތު ވަޑައިގެންނެވި ވަޑައިގަތުމާ މެދު އިތުރުސާހިބާގެ ހިތްޕުޅުގައި ރުހިވަޑައިނުގަތުމުގެ އަސަރެއް ހިނގިއެވެ. އިތުރުސާހިބާގެ މާތް މޫނުފުޅުމަތީން އެކަމުގެ އަސަރު ފާޅުވިއެވެ. ނުކުޅެދޭމީހަކުއައިސް އެބައިމީހުންގެ މަޖްލިސެއްގައި ބައިވެރިވެ ވާހަކަދައްކާން ފެށުމުން އެމަޖްލިސުގައި ތިބި ޤުރައިޝުންގެ ބޮޑުން ހިތްހަމަނުޖެހިދާނެތީއެވެ. އެބައިމީހުން އިތުރުސާހިބާގެ ވާހަކަފުޅު އަޑުއެހުން ހުއްޓައިލަފާނެތީއެވެ.

މިހާވަރުގެ ކުޑަކުޑަކަންފުޅަކާމެދުވެސް އަރަހުށި މާތް ﷲ ރުހިވޮޑިނުގަންނަވާކަން އެންގެވިއެވެ. ކީރިތި ޤުރުއާނުގައި އެކަލާނގެ ރަސޫލާއާ މުޚާޠަބު ކުރައްވައި ނަސޭހަތްޕުޅުގެ ބަސްފުޅުތަކެއް ވަޙީ ކުރެއްވިއެވެ.

( عَبَسَ وَتَوَلَّى . أَن جَاءهُ الْأَعْمَى . وَمَا يُدْرِيكَ لَعَلَّهُ يَزَّكَّى . أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَى . أَمَّا مَنِ اسْتَغْنَى . فَأَنتَ لَهُ تَصَدَّى . وَمَا عَلَيْكَ أَلَّا يَزَّكَّى . وَأَمَّا مَن جَاءكَ يَسْعَى . وَهُوَ يَخْشَى . فَأَنتَ عَنْهُ تَلَهَّى . كَلَّا إِنَّهَا تَذْكِرَةٌ . فَمَن شَاء ذَكَرَهُ )
(ސޫރަތުލް ޢަބަސު: 12-1)

"އެކަލޭގެފާނު (އެބަހީ މުޙައްމަދުގެފާނު) ހިތްޕުޅާނުވުމުގެ ގޮތް މޫނުފުޅުން ދައްކަވައި (އަނެއްފަރާތަށް) އެނބުރިވަޑައިގަތެވެ. ލޯފަންމީހާ އެކަލޭގެފާނުގެ އަރިއަހަށް އައުމުންނެވެ. އަދި އޭނާ ކުށްތަކުން ސާފުވެ، ޠާހިރުވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާއަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ އެމީހާ އަމިއްލަޔަށް ފުދިގެންވާކަމަށް ދެކޭމީހާ ދަންނާށެވެ! ފަހެ ކަލޭގެފާނު އެމީހަކާ ކުރިމަތިލައްވަމުއެވެ. އެމީހަކު (ކާފިރުކަމުން) ޠާހިރުނުވުމަކުން ކަލޭގެފާނުގެ މައްޗަކަށް ކުށެއްނެތެވެ. އަދި ބިރުވެތިވާ ޙާލު، ކަލޭގެފާނުގެ އަރިއަހަށް ހިނގަމުން އައިމީހާ ދަންނާށެވެ! ފަހެ އެމީހާއާ ކަލޭގެފާނު އަޅައިނުލައްވައި މަޝްޣޫލުވެވަޑައިގަންނަވަމުއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއާޔަތްތަކަކީ، ހަނދުމަކޮށްދިނުމެކެވެ. ފަހެ ބޭނުން މީހަކު އެ ޤުރްއާން ހަނދުމަކުރާ ހުށިކަމެވެ"   

ކީރިތި ޤުރުއާނުގައި ނުހަނު ޞަރީޙުކޮށް އަންގަވައިފައިއެވަނީ އަރަހުށި މާތް ﷲ ގެ ޙަޟުރަތުގައި ޢިއްޒަތާއި އިޙްތިރާމުގެ މިންގަނޑަކީ ޖިސްމާނީ ދުޅަހެއިކަމާއި އައިބެއް ނެތުމެއްނޫން ކަމެވެ. ބުރުސޫރައިގެ ރީތިކަމެއްނޫން ކަމެވެ. ވެރިކަމުގެ އާރާއި ބާރެއްނޫން ކަމެވެ. އަދި ކީއްތޯއެވެ؟ އީމާންތެރިކަމާއި މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރި ވުން ކަމެވެ. އިޚްލާސްތެރިކަމާއި ތަޤްވާވެރިވުން ކަމެވެ. ރީތި އަޚްލާޤާއި ޢަމަލުތަކުގެ މަތިވެރިކަން ކަމެވެ. ސީރަތުގެ ފޮތްތަކުގައި ބަޔާން ވެފައިވާ ގޮތުގައި އިސްލާމް ދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަ ސައްލަމަ މި ޙާދިޘާއަށް ފަހު ޢަބްދުﷲ ބިން އުއްމި މަކްތޫމް ރަޟިޔަﷲ ޢަންހުއަށް އިހުނަށް ވުރެ މާބޮޑަށް ކަމޭހިއްތަވައެވެ. ޢަބްދުﷲ ވަޑައިގެންފިނަމަ ނުހަނު ތަރްޙީބާއެކު އިސްތިޤްބާލު ކުރައްވައެވެ. ޢަބްދުﷲ އިށީދެވަޑައިގަތުމަށް ޓަކައި އިތުރުސާހިބާގެ ރިދާކޮޅު ފަތުރުއްވައިދެއްވައެވެ.

ނުކުޅެދޭމީހުންނާއި ޖިސްމާނީ އެކިއެކި އުނިކަންހުންނަމީހުން ޢާއްމުގޮތެއްގައިތިބެނީ ތިމާމެންގެ އަމިއްލަ ނަފްސާ މެދު ނިކަމެތިކަމުގެ ނަޒަރުން ބެލުމުގެ އިހްސާސުގައި ހައްޔަރު ވެފައެވެ. ސަލާމަތުން ތިބޭ މީހުނާ ބައްދަލުވެ ވާހަކަދައްކައި އުޅެން އެބައިމީހުން ޖެހިލުން ވެއެވެ. އެހެންމީހުނާއެކު ކައިބޮއިއުޅެން ލަދުގަނެއެވެ. އަނެއްކޮޅުން ގަދަވެސަލާމަތުންތިބޭ މީހުން ނުކުޅެދޭމީހުނާއެކު ކައިބޮއިހަދަންފަކުރުގަނެއެވެ. ހަމައެކަނި ދުރުހިލޭމީހުންނެއް ނޫނެވެ. ނުކުޅެދޭމީހުންގެ ޢާއިލާގެ މެމްބަރުންގެވެސް އެގޮތްހުރެއެވެ.

ސަޢީދު ބިން ޖުބައިރު އާއި މުޤްސިމް ވިދާޅުވެފައި ވެއެވެ. ލޯފަންމީހުންނާއި، ކޮރުމީހުންނާއި، ބަލިމީހުންނާ އެއްތަށިމަތީގައިކާން މީހުން ނަފްރަތު ކުރެއެވެ. ސަބަބަކީ ލޯފަންމީހުންނަކަށް ސުފުރާމަތީގައިހުންނަ ކާއެއްޗެއްސެއް ނުފެނެއެވެ. އެފަދަމީހުން އަތްހާކައިގެން ސުފުރާމަތީގައިހުންނަހުރިހާ ރަނގަޅުއެއްޗެއް ކައިލުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއްސުފުރާއެއްގެމަތީގައި ކައިބޮއިއުޅޭއިރު އެހެންމީހުނަށްބަލައިލަންޖެހެއެވެ. ކޮރުމީހުންނަކަށް ސުފުރާ މަތީގައި ރަނގަޅަކަށް ނުއިށީދެވެއެވެ. އެހެންކަމުން އެފަދަމީހުން އެހެންމީހުންގެމައްޗަށް އިސްވެގަތުން އެކަށީގެން ވެއެވެ. ޞިއްޙަތު ސަލާމަތުން ތިބޭ މީހުން ކާގޮތަށް ރީތިކޮށެއް ބަލިމީހުންނަކަށް ނުކެވެއެވެ. ލޯފަންމީހުނާއި، ކޮރު މީހުނާއި، ބަލިމީހުނާމެދު މިތަޞައްވުރު އިހުވެސްއޮތެވެ. މިހާރުވެސް އޮވެއެވެ. ކީރިތި ޤުރްއާނުގައި މިތަޞައްވުރު އުވައިލެއްވިއެވެ. އިޖްތިމާޢީ ކަންތައްތަކެއްގެ ޙުކުމްތަކުގެ ތެރޭގައި ވަޙީ ކުރައްވައިފައި ވެއެވެ.

( لَيْسَ عَلَى الْأَعْمَى حَرَجٌ وَلَا عَلَى الْأَعْرَجِ حَرَجٌ وَلَا عَلَى الْمَرِيضِ )
(ސޫރަތުއްނޫރު: 61)
"(އެކަކު އަނެކަކާއެކު ކައިބޮއިއުޅުމުގައި) ކަނުމީހާގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ކޮރުމީހާގެ މައްޗަކަށްވެސް ކުށެއް ނެތެވެ. އަދި ބަލިމީހާގެ މައްޗަކަށްވެސް ކުށެއް ނެތްމެއެވެ."

މަތީގައި ބަޔާން ކުރެވިފައިވާ ކީރިތި ޤުރްއާނުގެ އާޔަތަށްބަލާއިރު ނުކުޅެދޭމީހުންނާއި، ބަލިމީހުންނަށް ވަނީ އެބައިމީހުންގެ ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރީންގެ ގޭގެއަށް ގޮސްއައިސްވުމާއި، އެބައިމީހުނާ އެކުކައިބޮއިހެދުމުގެ ފުރިހަމަ އިޒުނަ ލިބިގެންނެވެ. ތިމާމެންގެ ގޭގެއަށް އެބައިމީހުން އައިސްގޮސްވުމަކީ އެއްވެސް ބަޔަކު ހިތްހަމަނުޖެހޭ ސަބަބަކަށް ވެގެން ނުވާނެއެވެ. އެއީ އެބައިމީހުންނަށް ލިބިފައިވާ ޙައްޤެކެވެ. މުޖުތަމަޢުގެ ވާޖިބަކީ އެބައިމީހުންނަށް ޚިދުމަތްކުރުމެވެ. އެބައިމީހުންނަށް ކަމޭހިތުމެވެ. އެބައިމީހުންގެ ބޭނުންތަކާމެދު ޚިޔާލުބެހެއްޓުމެވެ. އެބައިމީހުންނަށް ނަފްރަތު ކޮށް އެބައިމީހުން ފައްސައިލުމެއް ނޫނެވެ.

ހަމްދަރުދީ


މިއަދުގެ މުޖުތަމަޢުގައި ނުކުޅެދޭ މީހުންނާ މެދު ހަމްދަރުދީވާ މީހުން ދާދިމަދެވެ. އެބައިމީހުންނާ ދިމާއަށް އޯގާވެރިކަމާއެކު ދެލަފުޒެއްބުނެލާ މީހަކު ފެންނަނީ ހާލަކުން ފަހަރަކުއެވެ. އަދިކީއްތޯއެވެ؟ އެބައިމީހުނަށް މީހުން ކުރަނީ ނަފުރަތެވެ. ވާހަކަދައްކައިއުޅެނީ ފޫހިކަމާއެކުގައެވެ. ނުހަނުފެންކޮށެވެ. ނަމަވެސް ޙަޤީޤަތުގައި އެބައިމީހުން ބޭނުންވަނީ ހަމްދަރުދީއެވެ. އެހެންމީހުންގެ އަޅާލުމާއި، ހިތްވަރުދިނުމެވެ. އެއީ އެބައިމީހުންނަށް ވަރަށްމުހިއްމު ކަމެކެވެ. އެބައިމީހުންގެ އިޙްސާސްތަކާއި ޝުޢޫރުތަކާމެދު ފަރުވާބެހެއްޓުމުން އެބައިމީހުންގެ މުނިއަވަސްފިލައެވެ. އެބައިމީހުންގެ ޖެހިލުންވުމާއި ބީރައްޓެހިކަން ކެނޑެއެވެ.

ނުކުޅެދޭމީހުންނާމެދު ހަމްދަރުދީވެވަޑައިގަތުމާއި އެބައިމީހުންގެ ހިތްހަމަޖައްސަވައިދެއްވުމާއި، އެބައިމީހުންގެ އިހްސާސްތަކަށް ޤަދަރު ކުރެއްވުމުގައި ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުސްވަތު ތިރީގައި މިދަންނަވާ ޙާދިޘާއިން ހާމަވެއެވެ.

ޢުތުބާން ބިން މާލިކު ރަޟިޔަﷲޢަންހުގެ ޢުމުރުފުޅުގެ ފަހުކޮޅުގައި އެކަލޭގެފާނުގެ ލޯފުޅު ވަނީ އަނދިރި ވެފައެވެ. ޢުތުބާން އެއް ދުވަހަކު ކައުސާހިބާގެ އަރިހުން އެދިވަޑައިގެންނެވިއެވެ. "ވިއްސާރަ ދުވަސްދުވަހު މިސްކިތަށްދެވޭވަރެއް މިހާރަކު އަޅުގަނޑަކަށްނުވެއެވެ. ކަލޭގެފާނު އަޅުގަނޑުގެގޭގެ ކޮންމެވެސް ތަނެއްގައި ނަމާދުކޮށްދެއްވާށެވެ. ކަލޭގެފާނު ނަމާދުކުރެއްވި ތަނެއްގައި އަޅުގަނޑު ނަމާދުކޮށްއުޅުމަށްޓަކައެވެ." ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދިގެން އައި ދުވަހު އެގެއަށް ފައިންޕުޅުބީއްސެވިއެވެ. އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲޢަންހު ވެސް އަރިހުގައި ގެންދެވިއެވެ. އިތުރުސާހިބާ ޢުތުބާނާ ސުވާލުކުރެއްވިއެވެ. "އަޅުގަނޑު ނަމާދުކުރަން ކަލޭގެފާނު ބޭނުންފުޅުވަނީ ކޮންތަނަކުތޯއެވެ؟" ޢުތުބާން އެކަލޭގެފާނުގެ ގެކޮޅުގެ އެއްކަނަކަށް އިޝާރާތްކުރެއްވިއެވެ. އިތުރުސާހިބާ އެތާނގައި ދެރަކްޢަތްނަމާދެއް ކުރެއްވިއެވެ. ޢުތުބާނުވެސް އިތުރުސާހިބާއާ އިޤްތިދާވެވަޑައިގެންނެވިއެވެ.
----------
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ