އަދުގެ ޚާއްސަ

Print

އިންފޮރމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިޔުޓިންގގެ ތާރީޚުގެ ތެރެއިން ބައެއް ..... (ފުރަތަމަ ބައި)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އައިޓީ



އަޙުމަދު ޖަވާދު،  ޅ. ނައިފަރު

މިއީ އަޅުގަނޑު ފަންވަތުގައި ޝާޢިއުކުރުމަށް ލިޔާ ފުރަތަމަ ލިޔުމެވެ. އަޅުގަނޑަކީ ކޮމްޕިއުޓިންގ އާއި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ އެ ދާއިރާގައި މަސައްކަތް ކުރާ މީހަކީމެވެ. އަދި އެ ދާއިރާއިން ދުނިޔެ ހޯދަމުންއަންނަ ކުރިއެރުންތަކާ ބެހޭ މަޢުލޫމާތު ހޯދުމާއި ދިރާސާކުރުމަކީ އަޅުގަނޑު ހޮބީއެއްގެ ގޮތުގައި ކުރަމުން އަންނަ ކަމެކެވެ. އެގޮތުން އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތުތަކުގެ އަލީގައި މި ލިޔުމުގައި އަޅުގަނޑު މި ބަލައިލަނީ އެންމެ ފުރަތަމަ އުފެއްދި ޑިޖިޓަލް ކޮންޕިއުޓަރާ ހިސާބުން ފެށިގެން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މިއަދު ދުނިޔެ ހޯދައިފައިވާ ކުރިއެރުންތަކާ ހިސާބަށް އައުމަށްޓަކައި ކޮށްފައިވާ ގިނަގުނަ މަސައްކަތްތަކާއި އެ މަސައްކަތް ކުރެވިފައިވާ އަހަރުތަކަށެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ މިންވަރުން ވީ އެންމެ ފުރިހަމައަކަށް މި ލިއުން ހުށަހަޅައިދެވޭތޯ ބަލާނަމެވެ.

1937 ވަނަ އަހަރު
- އެންމެ ފުރަތަމަ ޑިޖިޓަލް ކޮމްޕިއުޓަރ އެޓަނަސޮފް-ބެރީ-ކޮމްޕިޔުޓަރ ނުވަތަ އޭބީސީ ޑިޒައިންކޮށް އުފެއްދިއެވެ. މި ކޮމްޕިއުޓަރ އުފައްދައިފައި ވަނީ ޕްރޮފެސަރ ޖޯން ވިންސެންޓް އެޓަނަސޮފް އާއި އެމެރިކާގެ އައޯވާ ސްޓޭޓް ކޮލެޖް (މިހާރުގެ އައޯވާ ސްޓޭޓް ޔުނިވަރސިޓީ) ގެ ދަރިވަރެއްކަމަށްވާ ކްލިފް ބެރީގެ މަސައްކަތުން ނެވެ. މިކޮންޕިއުޓަރު ވެފައި ވަނީ އިލެކްޓްރޯނިކް ޑިޖިޓަލް ކޮންޕިއުޓަރުތައް ތަރައްޤީ ކުރުމަށް އެޅިފައިވާ ބިންގަލަކަށެވެ.

1943 ވަނަ އަހަރު
- ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަރުމަނުގެ ސިއްރު މަޢުލޫމާތުތައް ހިމެނޭ އެކި ކޯޑްތައް މުގުރައިލުމަށް ބޭނުން ކުރުމަށްޓަކައި ކޮލޮސުސް ނަމަކަށް ކިޔާ އިލެކްޓްރޯނިކް ކޮންޕިއުޓަރެއް، ބްރިޓިޝް ސައިންސްވެރިއެއް ކަމަށްވާ އެލަން ޓިއުރިން ނަމަކަށް ކިޔާ މީހަކު އުފެއްދިއެވެ. މި ކޮންޕިއުޓަރު ބޭނުންކޮށްފައިވާކަމާއި ހުރިކަން ފަޅައިއެރީ 1970 ގެ އަހަރުތަކުގެ ތެރޭގައެވެ.

1946 ވަނަ އަހަރު
- ޢާއްމު ބޭނުންތަކަށް ޚާއްޞަކުރެވިގެން އުފެއްދި އެންމެ ފުރަތަމަ ޑިޖިޓަލް ކޮމްޕިއުޓަރ އެނިއެކް (އިލެކްޓްރޯނިކް ނިއުމެރިކަލް އިންޓެގްރޭޓަރ އެންޑް ކޮމްޕިއުޓަރ) ގެ މަސައްކަތް ނިމި ވުޖޫދަށް އައެވެ. މި މަސައްކަތް ކޮށްފައި ވަނީ ޑރ. ޖޯން މޯޗްލީ އާއި ޖޭ. ޕްރެސްޕަރ އެކަރޓް އެވެ. އެނިއެކް އަކީ 30 ޓަނުގެ ބަރުދަން ހުންނަ 18000 ވެކިއުމް ޓިއުބް އެކުލެވޭ ކޮމްޕިއުޓަރ އެކެވެ. މި ކޮމްޕިއުޓަރ ބެހެއްޓުމަށްޓަކައި 30x50 އަކަފޫޓްގެ ޖާގައެއް ބޭނުންވެއެވެ. އަދި މި ކޮމްޕިއުޓަރަށް 160 ކިލޯވޮޓުގެ ކަރަންޓު ބޭނުންވެއެވެ.

1947 ވަނަ އަހަރު
- ވިލިއަމް ޝޮކްލީ، ޖޯން ބަރޑީން އަދި ވޯލްޓަރ ބްރެޓެއިންގެ މަސައްކަތުން ޓްރާންސިސްޓަރގެ އަސްލު ކަމަށްވާ ޓްރާންސްފަރ ރެސިސްޓެންޓް ޑިވައިސް އުފެއްދިއެވެ. މި ޑިވައިސް ވެގެން ދިޔައީ ވެކިއުމް ޓިއުބްތަކަށްވުރެ އެތައް ގޮތަކުން ބާރުގަދަ އިތުބާރު ހިފޭ ޑިވައިސް އަކަށެވެ.

1951 ވަނަ އަހަރު
- ވިޔަފާރީގެ ގޮތުގައި އެންމެ ފުރަތަމަ ބޭނުން ކުރެވުނު ކޮމްޕިއުޓަރ ޔުނިވެކް (ޔުނިވަރސަލް އޮޓޮމެޓިކް ކޮމްޕިއުޓަރ) ތަޢާރުފުކުރިއެވެ. ޔުނިވެކް ބޭނުން ކޮށްގެން އެމެރިކާގެ ރައީސަކަށް ހޮވޭނެ ފަރާތެއް ހޯދުމަށް އަންދާޒާކޮށް ކޮމްޕިއުޓަރުން ދިން ނަތީޖާ، ރަނގަޅު ނަތީޖާ އަކަށް ވުމުން ކޮމްޕިއުޓަރާ މެދު ޢާއްމު ހޭލުންތެރިކަން އިތުރުވެގެން ދިޔައެވެ.

1952 ވަނަ އަހަރު
- އެއް ފަހަރަށްވުރެ ގިނަ ފަހަރު ބޭނުން ކުރެވޭގޮތަށް ސޮފްޓުވެއަރ އުފެއްދުމުގެ ކޮންސެޕްޓް ޑރ. ގްރޭސްހޮޕަރ ގެ "ދަ އެޑިއުކޭޝަން އޮފް އަ ކޮމްޕިއުޓަރ" ނަމަކަށް ކިޔާ ކަރުދާހުގައި ހާމަކުރިއެވެ. ތަފްޞީލުކޮށް ދިގުކޮށް މެޝިން ލެންގްއޭޖް ބޭނުން ކުރުމުގެ ބަދަލުގައި އެކި ނިޝާންތައް ބޭނުން ކޮށްގެން ކޮމްޕިއުޓަރތައް ޕްރޮގްރާމް ކުރެވިދާނެ ގޮތުގެ ހުށަހެޅުންތައް މި ކަރުދާހުގައި ވެއެވެ.

1953 ވަނަ އަހަރު
- ވެކިއުމް ޓިއުބް މެމޮރީ ގެ ބަދަލުގައި ކޯ މެމޮރީ އުފެއްދީ 1950 ގެ އަހަރުތަކުގެ ކުރީކޮޅުއެވެ. ކޯ މެމޮރީ އަކީ ވެކިއުމް ޓިއުބް މެމޮރީއަށްވުރެ ބޮޑު ކެޕޭސިޓީއެއް ހިމެނޭ މެމޮރީ އެކެވެ.
- އައިބީއެމް ގެ މޮޑެލް 650 ގެ ކޮމްޕިއުޓަރ ތަޢާރުފުކުރިއެވެ. މި ކޮމްޕިއުޓަރ ވެގެން ދިޔައީ ވަނީ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވުނު ކޮންޕިއުޓަރަކަށެވެ. އައި ބީއެމް އިން މި މޮޑެލްގެ 1000 އަށް ވުރެ ގިނަ ކޮންޕިއުޓަރު އުފައްދާފައި ވެއެވެ. މޮޑެލް 650 ގެ ސަބަބުން އައިބީއެމް އަށް މެއިން ފްރޭމް ކޮންޕިއުޓަރުގެ ބާޒާރަށް ވަނުމަށް ގިނަ ދޮރުތަކެއް ހުޅުވިގެން ދިޔަ އެވެ.

1957 ވަނަ އަހަރު
- އައިބީއެމް އިން 305 ރަމަކް ކޮންޕިއުޓަރު ތަޢާރުފުކުރިއެވެ. މި ކޮންޕިއުޓަރަކީ އެންމެ ފުރަތަމަ މެގްނެޓިކް ޑިސްކް ހިމަނައިގެން އުފެއްދުނު ކޮންޕިއުޓަރެވެ. މެގްނެޓިކް ޑިސްކްގެ ސަބަބުން ފައިލްތައް ރައްކާކޮށް ބޭނުން ފައިލެއް ބޭނުން ގަޑިއެއްގައި ފައިލުތައް ހުޅުވައިހެދުމަށް އިތުރަށް ފަސޭހަވެގެން ދިޔަ އެވެ.
- ފަސޭހަ ކޮށް ބޭނުން ކުރެވޭ ގޮތަށް އުފައްދައިފައިވާ ކޮންޕިއުޓަރު ލެންގްއޭޖް، ފޯޓްރަން (ފޯމިއުލަރ ޓްރާންސްލޭޝަން)، ތަޢާރުފުކުރި އެވެ. މި ލެންގްއޭޖް އުފައްދައިފައި ވަނީ ޖޯން ބެކުސް ނަމަކަށް ކިޔާ މީހެކެވެ.

1958 ވަނަ އަހަރު
- ޓެކްސަސް އިންސްޓްރޫމަންޓް ގެ ޖެކް ކިލްބީ ނަމަކަށް ކިޔާ މީހަކު އިންޓެގްރޭޓެޑް ސަރކިޓް އުފެއްދި އެވެ. މި ސަރކިޓް އަކީ ހަލުވި ކޮންޕިއުޓަރުތަކާއި ބޮޑަތި މެމޮރީތައް އުފެއްދުމަށް އެޅިގެން ދިޔަ ބިންގަލެއް ކަމުގައި ވަނީ ވެފައެވެ. އަދި މި ސަރކިޓް ގެ ސަބަބުން ކޮންޕިއުޓަރުގެ ޖީލު، އެއް ފިޔަވަޅު ކުރިޔަށް ޖެހިލިއެވެ.

1959 ވަނަ އަހަރު

- 200 އަށް ވުރެ ގިނަ ކޮމްޕިއުޓަރ ޕްރޮގްރާމިން ލެންގްއޭޖް އުފެއްދިފައި ވެއެވެ.
- އައިބީއެމް އިން ޑެކްސްޓޮޕް ސްޓައިލްގެ ކުޑަ 2 ކޮންޕިއުޓަރު ތަޢާރަފް ކުރިއެވެ. އެއީ ވިޔަފާރިތަކަށް ޚާއްޞަކޮށްފައިވާ އައިބީއެމް 1401 މޮޑެލްއާއި ސައިންސިސްޓުންނަށް ޚާއްޞަކުރެވިފައިވާ އައިބީއެމް 1620 މޮޑެލްގެ ކޮންޕިއުޓަރެވެ.

1960 ވަނަ އަހަރު

- މަތީ ފަންތީގެ ވިޔަފާރި އެޕްލިކޭޝަން ލެންގްއޭޖެއް ކަމަށްވާ ކޮބޮލް ތަޢާރުފުކުރިއެވެ. ކޮބޮލް ތަޢާރުފުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވެފައި ވަނީ ޑރ. ގްރޭސް ހޮޕަރ އިސްކޮށް ޙަރަކާތްތެރިވި ކޮމިޓީ އަކުންނެވެ.

1964 ވަނަ އަހަރު
- ކޮންޕިއުޓަރުގެ ބޭނުން ކުރެވޭ ވަރު ގިނަ ވަމުން އައިސް ކޮންޕިއުޓަރުތަކުގައި ހިމެނޭ ގިނަ ސަރކިޓްތަކެއް ޗިޕްތަކަކަށް ބަދަލުވެ އިތުރު އާ ޖީލަކަށް ކުރިޔަށް ޖެހިލި އެވެ. ހަމަ މި ދުވަސްވަރު އައިބީއެމް އިން އައިބީއެމް ސިސްޓަމް/360 މޮޑެލްގެ ކޮންޕިއުޓަރު ތަޢާރުފު ކުރިއެވެ. މި ކޮންޕިއުޓަރަކީ ވިޔަފާރިއާއި ސައިންސް ގުޅުވައިލައި ގޭތެރޭގެ ބޭނުންތަކަށް ޚާއްޞަ ކުރެވިފައިވާ ކޮންޕިއުޓަރެކެވެ. 

- އައިބީއެމް ގެ މެގްނެޓިކް ޓޭޕް/ސެލެކްޓްރިކް ޓައިޕްރައިޓަރ (އެމްޓީ/އެސްޓީ) އާއެކު "ވޯޑް ޕްރޮސެސިންގ" މި ބަސް ތަޢާރުފުވިއެވެ. އެމްޓީ/އެސްޓީ އަކީ ޓައިޕް ކުރެވޭ ލިއުމަކަށް ބަދަލު ގެންނަން ޖެހިއްޖެ ޙާލަތެއްގައި މުޅި ލިއުން އެއްކޮށް ނުލިޔެ ބޭނުން ތަންކޮޅެއް އެޑިޓް ކުރެވޭ ގޮތަށް ތައްޔާރުކުރެވުނު ފުރަތަމަ ޓައިޕްރައިޓަރެވެ.

1965 ވަނަ އަހަރު

-    ބޭސިކް ޕްރޮގާމިންގ ލެންގްއޭޖް އުފައްދައި ތަރައްޤީ ކުރުމުގެ މަސައްކަތް ޑރ. ޖޯން ކެމެނީ ގެ ލީޑަރޝިޕް ގެ ދަށުން ކުރިޔަށް ދިޔައެވެ.
-    ޑިޖިޓަލް އިކުއިޕްމަންޓް ކޯޕަރޭޝަން (ޑީ.އީ.ސީ) އިން އެންމެ ފުރަތަމަ މިނީ ކޮމްޕިއުޓަރ ޕީޑީޕީ-8 ތަޢާރުފުކުރި އެވެ.

1968 ވަނަ އަހަރު
-    ޑރ. އެޑްސްގަރ ޑިޝްޓަރ ނޫހެއްގެ އެޑިޓަރ އަކަށް ފޮނުވި ސިޓީ އެއްގައި ސްޓްރަކްޗަރޑް ޕްރޮގާމިންގ (އޮނިގަނޑުތަކަކަށް ބަހައިލެފައިވާ ޕްރޮގްރާމް) ގެ ކޮންސެޕްޓް ތަޢާރުފު ކުރިއެވެ. މިކަމުގެ ސަބަބުން ކޮންޕިއުޓަރު ޕްރޮގްރާމްތައް ލިއުމަށް އުޞޫލުތަކެއް (ގައިޑްލައިން) އުފެދިގެން ދިޔައެވެ.
-    ނިއުޔޯކް ސްޓޮކް އެކްސްޗޭންޖްގައި އެންމެ ފުރަތަމަ ހިމެނުނު ކޮމްޕިއުޓަރ ސޮފްޓްވެއަރ އުފައްދާ ކުންފުންޏަކަށް ކޮމްޕިއުޓަރ ސައިންސް ކޯޕަރޭޝަން (ސީއެސްސީ) ވެގެން ދިޔައެވެ.
-    8 އިންޗި ފްލޮޕީ ޑިސްކު ޢާއްމު ބޭނުންތަކަށް ބޭނުން ކުރެވޭނެ ގޮތްތަކެއް އެލަން ޝުގާޓް ނަމަކަށް ކިޔާ މީހަކު އައިބީއެމްގައި ދައްކައިލިއެވެ.
 
1969 ވަނަ އަހަރު
-    ކޮމްޕިއުޓަރ އިންޑަސްޓްރީ އިން ކުރިމަތި ކުރުވި ގިނަ ޕްރެޝަރ ތަކަކާއެކު އައިބީއެމް ކޮމްޕިއުޓަރ ތަކުގައި ބޭނުން ކުރަމުން އައި ސޮފްޓްވެއަރ ވަކިން ވިއްކުމަށް އައިބީއެމް އަށް މަޖުބޫރުވިއެވެ. މިކަމުގެ ސަބަބުން ސޮފްޓްވެއަރ އުފައްދާ އިތުރު ކުންފުނިތައް ބާޒާރަށް ނިކުންނަން ފެށިއެވެ.
-    އިންޓަނެޓް ތައާރަފްވާން ދިމާވި އަޞްލު ކަމަށްވާ އަރްޕާނެޓް އުފެދުނެވެ.

1970 ވަނަ އަހަރު
-    ކޮމްޕިއުޓަރ ދުނިޔޭގެ ހަތަރުވަނަ ޖެނެރޭޝަން ތަޢާރަފް ވިއެވެ. މި ޖެނެރޭޝަންގައި ތަޢާރަފް ކުރެވޭ ކޮންޕިއުޓަރުތަކުގައި ބޭނުން ކުރެވޭ ޗިޕް އަކީ 1965 ގައި އުފެއްދި ކޮމްޕިއުޓަރުތަކުގައި ހުރި 1000 ސަރކިޓް ގެ ޗިޕް އާ ޚިލާފަށް 15000 ސަރކިޓް އެކުލެވޭ ޗިޕް އެކެވެ.

1971 ވަނަ އަހަރު
-    އިންޓެލް ކޯޕަރޭޝަން އިން މައިކްރޯ ޕްރޮސެސަރ ނުވަތަ މައިކްރޯ ޕްރޮގާމެބަލް ކޮމްޕިއުޓަރ ޗިޕް ތަޢާރުފުކުރި އެވެ. އިންޓެލް 4004 ގެ ނަން ދީފައިވާ މި ޗިޕް އުފެއްދީ ޑރ. ރެޑް ހޮފް އެވެ.

1975 ވަނަ އަހަރު
-    އެމް އައި ޓީ އެސް އިން އެންމެ ފުރަތަމަ މައިކްރޯ ކޮމްޕިއުޓަރ، އަލްޓައަރ ތަޢާރަފް ކުރިއެވެ. އަލްޓައަރ ތަޢާރުފުވެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި 4000 އޯޑަރު ލިބިފައި ވެއެވެ.
-    ރޮބަރޓް މެޓްކާފް ނަމަކަށް ކިޔާ މީހަކު އެންމެ ފުރަތަމަ ލޯކަލް އޭރިއާ ނެޓްވޯކް (ލޭން) އުފެއްދިއެވެ. އިތަރނެޓް ގެ ނަން ދީފައިވާ މި ނެޓްވޯކް އުފެއްދީ ޒެރޮކްސް ޕާކް (ޕަލޯ އަލްޓޯ ރިސާރޗް ސެންޓަރ) ގައެވެ.

މިހާ ހިސާބުން އަޅުގަނޑު މި ލިއުމުގެ ފުރަތަމަ ބައި ނިންމައިލަން ޤަޞްތުކުރަމެވެ. ދެން އަންނަ ބައެއްގައި 1975 ން ފެށިގެން 2000 ވަނަ އަހަރާ ހަމައަށް ގެނެސްދެވޭތޯ ބަލާނަމެވެ. އަދި އޭގެ ފަހުން 2000 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ގެނެސްދެވޭތޯ ބަލާނަމެވެ.

ނޯޓް: މިލިއުމުގައިވާ އެންމެ ފުރަތަމަ ޑިޖިޓަލް ކޮމްޕިއުޓަރ އާ ބެހޭ މަޢުލޫމާތު ތަކުގައި، މި ސައިޓުގައި މީގެ ކުރީން، ޝަމްސުލްފަލާޙު ލިއުއްވައިފައިވާ ލިއުމަކާ ފުށުއަރާ ބައެއް ތަންތަން ހުންނާނެ އެވެ. އޭނާގެ ލިއުއްވުމަކީ ވެސް ދިރާސާތަކެއް ކުރެވިގެން ލިއުއްވައިފައިވާ ލިއުއްވުމެއްކަން ޔަޤީނެވެ. އަޅުގަނޑުގެ މި ލިއުމުގައި އެފަދަ ފުށުއެރުންތައް އައިސްފައި ވަނީ  އޭނާ މަޢުލޫމާތު ނެންގެވި މަސްދަރާއި އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތުގެ މަސްދަރު ތަފާތުވުމުން ކަމަށް ވެދާނެއެވެ. އެހެންނަމަވެސް އެއީ ވަރަށް ކުދިކުދި ތަފާތުތަކެކެވެ.
----------
(ނުނިމޭ)
މި ލިޔުން:
   ފޮނުވުން:          އަލްފާޟިލް އަޙުމަދު ޖަވާދު،  ޅ. ނައިފަރު
    އަލުން ބެލުން:      ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން:      ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

ވާހަކަ