އަދުގެ ޚާއްސަ

Print

ސާދަ ވިލޭރޭ (5)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ބިންމާ އިބްރާހިމް ވަހީދު
 
                                                (11 އޮގަސްޓް 2011 (ބުރާސްފަތި) އާ ގުޅޭ...)
ބިލެތްގަނޑު ފަޅައިލައިފައި ތަބަކަށް ލުމަށްފަހު، ފޯއްކޮޅެއް ވެސް އަޅައިލައިގެން ތަބަށް ހިފައިގެން ފައުޒިއްޔާ ނުކުތީ ގޯތިތެރެއަށެވެ. ގޯތިތެރެއަށް ވެރިވެފައިވާ އަނދިރިކަމަށް ވުރެ، އެ ދެމަފިރިންގެ ހިތަށް ވެރިވެފައިވާ އަނދިރިކަމާއި، ބިރުވަރިކަން މާ ބޮޑެވެ. މުނީޒު އޮތީ ބޭރު ޖޯލީގައި އޮށޯވެލައިގެން، ނިތްކުރި މަތީގައި އަތް ބާއްވާލައިގެންނެވެ. ހާމައަށް ފެންނަން އޮތް އުޑުގައި ފިޔަޖަހަމުންދާ ތަރިތަކަށް ބަލަހައްޓައިގެންނެވެ. ތަބަށް މުނީޒަށް ދިއްކޮށްލުމަށް ފަހު، ޖެހިގެން ހުރި ޖޯލީގައި ފައުޒިއްޔާ އިށީނެވެ. މުނީޒު ކޮންމެހެން ތަބަކަށް ބަލާކަށް ވެސް ބޭނުމެއް ނޫނެވެ. އިރުކޮޅެއް ވަންދެން، އެއްވެސް ވާހަކައެއް ނުދައްކައި އެމީހުން ތިއްބެވެ. ކުއްލިއަކަށް ގޯތިތެރެއިން ވާލެއް ހޭރިގަތް އަޑު އިވުނެވެ. އެހެންނަމަވެސް އެކަކު ވެސް ސިއްސައިގެނެއް ނުދިޔަ އެވެ. ދެމަފިރީން ވެސް ކުރަން ބޭނުންވަނީ އެއް ސުވާލެކެވެ. ކުރަން އެންމެ ބޭނުންނޫނީ ވެސް ހަމަ އެ ސުވާލެވެ. ނާޒިމާ ސަލާމަތް ކުރެވޭނެބާ އެވެ؟

"ކޮބައިތަ އެ އާދަމްމަނިކު؟" އެންމެ ފަހުން ފައުޒިއްޔާ ބުންޏެވެ. އާދަމްމަނިކަކީ ކުޅަދާނަ ފަންޑިތަވެރިއެކެވެ. ރައްޓެއްސެއް ވެސް މެއެވެ. އޭނާ އަންނަން ބުނެފައިވާ ގަޑި ޖެހިގެން، އިތުރަށް ބައިގަޑިއިރު ވެސް ހިނގައިފި އެވެ.

"ދެންމެ ގުޅާލީމާ ވެސް ބުނި މި އަންނަނީއޭ." މުނީޒު ބުންނެވެ. "ބުނި ވަރަށް ސަކަރާތޭ."

"އޭގެ މާނައަކީ ކޮބާ؟" ފައުޒިއްޔާ އެހިއެވެ.

"ތިއެއް އެނގޭނީ އޭނާ އައިމާ. މިހާރު ހީވަނީ...." މުނީޒަށް ބުނެވުނީ އެހިސާބަށެވެ.

"އައްސަލާމު އަލައިކުމް!" އާދަމްމަނިކުގެ އަޑު އިވުނެވެ.

"އަހަނ މި އޮއް އައީނު. ވަޢަލައިކުމް ސަލާމް." މުނީޒުގެ މޫނުމައްޗަށް ކޮންމެވެސް ވަރެއްގެ ހިންހަމަޖެހުމެއް ވެރިވިއެވެ.

އާދަމްމަނިކު އައިސް ފައުޒިއްޔާ މެދަށް ވާ ގޮތަށް އިށީނަން އުޅުމުން، ފައުޒިއްޔާ ޖޯލިން ތެދުވެފައި އާދަމްމަނިކު މެދަށް ވާ ގޮތަށް އިށީންނަން ޖޯލިން ތަން ދެއްކި އެވެ. އާދަމްމަނިކު އިށީނެވެ. މުނީޒު އަތުގައި ހުރި ތަބަށް އާދަމްމަނިކަށް ދިއްކޮއްލިއެވެ.

"ކިހިނެކޭ ވީ؟" ފައުޒިއްޔާ އެހި އެވެ.

"ވާނުވާ އަހަރެން ބަލައިލި އިރު، ވަރަށް ސަކަރާތް ކޮށް އޮތީ. ދިގުކުރަން ދުރުން ދުރުން ކިޔާނެ ކަމެއް ނެތް. ކުރުކޮށްލާފަ ބުނަންޏާ، ސިހުރުހަދާ ނުބައި މީހަކު، ޖިންނިއަކަށް ނާޒިމާ ވެދުންކޮށްފަ އޮތީ." އާދަމްމަނިކުގެ ނިތްކުރިއަށް ރޫތައް އަރަމުންދިޔަ އެވެ. "އެއީ އާދައިގެ ކަމެއް ނޫން."

ޖިންނިއަކަށް އިންސާނަކު ވެދުންކުރުމަކީ ކޮބައިކަމެއް، އެ ގޮތަށް ވެދުންކުރަން ޖެހެނީ ކީއްވެގެން ކަމެއް މުނީޒުގެ ދެމަފިރިންނަކަށް ނޭނގެއެވެ. އެހެންކަމުން، އެކަކު އަނެކްކުގެ މޫނަށް އެމީހުން ބަލައިލި އެވެ.

"އެއީ ކިހިނެއް، ކީއްކުރަން ކުރި ކަމެއް؟ ދެންވާނީ ކިހިނެއް؟" މުނީޒު އެހިއެވެ.

ފުންނޭވާއެއް ބޭރުކޮށްލުމަށް ފަހު، ވީހާވެސް ކުރުކޮށް އެ ވާހަކަ ކިޔައިދެވޭތޯ އާދަމްމަނިކު މަސައްކަތް ފެށި އެވެ.

"މަސައްކަތް ކުރީމާ އަހަރެމެން މި ދެނީ އުޖޫރަ،" އާދަމްމަނިކު ބުންޏެވެ. "ޖިންނީން ކުރާމަސައްކަތަށް ވެސް ޖެހޭނެ އުޖޫރައެއް ދޭން. ބައެއް ސިހުރުވެރިން އެމީހުންގެ އާއިލާ އެއްކޮށް ދީ ހުސްވީމަ، ދެން ތިމާގެ ހަށިގަނޑުގެ އެކި ގުނަވަންތައް ވަކިވަކިންދީ ހުސްވެގެން އެންމެ ފަހުން އޭނާގެ ފުރާނަ ޖެހޭނީ ގުރުބާންކުރަން. އެ ހާލަތަށް ނުދާންވެގެން އޭނާ ބަލާނެ އޭނާ ސަލާމަތުން ހުރެ، ކޮންމެވެސް އެހެން މީހަކު އެމަޅީގައި ޖެއްސޭތޯ. އެކަހަލަ މަޅިއަކަށް ނާޒިމާ މި މެހުނީ. އެހެންވެ އެ ޖިންނި ބުނި ތަނަށް ކޮންމެވެސް ބަހަނާއެއް ދައްކައިފައި ނާޒިމާ ފޮނުވައިލީ. ސާދަވިލޭރެއްގައި މި ކަމެއް ހިނގީ. އެހެންވެ، ކޮންމެ ސާދަވިލޭރެއަކު އެ ޖިންނި އައިސް ނާޒިމާއަށް ގޯނާކުރާނެ."

އާދަމްމަނިކު ބުނިއެއްޗެއް މުނީޒަށް ވިސްނުނެވެ. ނުވިސްނުނު އެއްޗަކީ ސިހުރުވެރިއެއްގެ ގާތަށް ނާޒިމާ ދާން ޖެހުނު ސަބަބެވެ.
"ކީއްވެ ނާޒިމާ......" އެސުވާލު ކުރަން މުނީޒު އުޅުނެވެ.

"ނާޒިމާ އެ ސިހުރުވެރިޔާ ގާތަށް ކޮންމެވެސް ކަމަކު ދެވުނު ދަނޑިވަޅު އެ ބޮނޑިއެއް ބުއީ." އެ ވަގުތު އާދަމްމަނިކަށް އެނގިފައިވަނީ އެވަރަށް ކަމުގައިވާތީވެ، ބުނެވެން އޮތީވެސް އެވަރަށެވެ.

"ކީއްކުރަންހޭ ނާޒިމާ ދިޔައީ؟" އެސުވާލުގެ ޖަވާބު ފައުޒިއްޔާ ވެސް ބޭނުމެވެ.

"ތިއެއް ޖެހޭނީ ބަލަން." އާދަމްމަނިކު ބުންޏެވެ. "އިހަށް ވިސްނަންވީ އެކަމުން ނާޒިމާ ސާލާމަތްކުރެވޭނެތޯ. ޖިންނިއަށް ހިބައިން ކުރާ ވެދުން އަނބުރައި އަލުން އަތުލެވޭނީ ވަރަށް މަދު ފަހަރަކު. ބައެއް ފަހަރު ޖިންނި އަންދައިލެވޭ. އަނެއްބައި ފަހަރު ޖިންނިއާއެކު އިންސާނާ ވެސް ވާނީ މަރު. އެކަމަކު ނާޒިމާ މަރުވެއްޖެއްޔާ އެ ދިޔައީ ދެ ފުރާނަ."

"އޭނ" ފައުޒިއްޔާއަށް ބުނެވުނެވެ.

"ނުދެނެ ހުރިންތަ؟" އާދަމްމަނިކު އެހި އެވެ. "އޭނާގެ ބަނޑުގައި އެބަ އޮތް ކުއްޖެއް!"

މުނީޒުގެ ނޭވާ އެ ހިސާބުން މެދުކެނޑުނު ކަހަލައެވެ. ފައުޒިއްޔާއަށް އަތް އަޅައިލެވުނީ ހިތުގައެވެ.

"ނުވާނެ އެހެނެއް!" އެކަން ގަބޫލުކުރާކަށް މުނީޒު ބޭނުމެއް ނޫނެވެ. "ތިޔަ ވާނީ ނުބައިކޮށް ބެލުނީ ކަމަށް. އަލުން ބަލާ!"

"އަހަންނަށް ކަށަވަރު ނުބައިކޮށް ނޫންކަން ބެލުނީ. އަޅެ ގޮސް ދަރިފުޅު ކުރެން އަހާބަލަ!" އާދަމްމަނިކު އެދުނެވެ.

ފައުޒިއްޔާ ފުންމައިގެން ތެދުވިއެވެ. އެ ބާރު މިނުގައި ފައުޒިއްޔާ ގޮއްސިއްޔާ، އަތް އިސްނުކޮށް ސުވާލެއް ނުކުރެވޭނެކަން މުނީޒަށް އެނގެ އެވެ. ވުމާއެކު، ފައުޒިއްޔާއަށް މުނީޒު އަތުން އިޝާރާތްކުރި އެވެ.

"އިހަށް މަޑުކުރޭ ފައުޒިއްޔާ!" އާދަމްމަނިކު ބުންޏެވެ. އެއަށްފަހު އާދަމްމަނިކާ ދިމާއަަށް މުނީޒު ބަލައިލި އެވެ. "ދެން ތި ބުނަނީ އާދަމްމަނިކަށް ކުރެވޭނެ އެއްވެސް ކަމެއްނެތޭ؟"

"ކަންތައް ކުރެވިދާނެ." ޔަގީންކަމާ އެކުގައި އާދަމްމަނިކު ބުންޏެވެ. "އެކަމަކު، ފަހަރެއްގަ ނާޒިމާއަށް ކަމެއްވެދާނެ. ފަހަރެއްގައި އޭނަގެ ފުރާނައަށް ނުރައްކަލެއް ވެސް ކުރިމަތިވެދާނެ."

"ފަހަރެއްގައި ކަމެއްނުވެ ނާޒިމާ ސަލާމަތް ވެސް ވެދާނެ. އެހެންތަ ތި ބުނަނީ؟" މުނީޒު އެހިއެވެ.

"އާނ! އެކަމަކު...." އާދަމްމަނިކަށް ބުނެވުނީ އެހިސާބަށެވެ.

"އެހެންވިއްޔާ ކަމެއް ކޮށްދޭންވާނީ" މުނީޒު އެދުނެވެ.

އެވަރުން އާދަމްމަނިކަކަށް ނުފުދުނެވެ. ފައުޒިއްޔާގެ ޚިޔާލުވެސް އޭނަ ބޭނުންވި އެވެ.

"ތެދެއް؟" ފައުޒިއްޔާއަށް ބަލައިލައިފައި އާދަމްމަނިކު އެހި އެވެ.
އެއީ އެހައި ފަސޭހައިން ޖަވާބުދެވޭނެ ކަހަލަ ސުވާލެއް ނޫނެވެ. އެއް ކޮޅުން ދަރިފުޅުގެ ފުރާނައެވެ. އަނެއްކޮޅުން، އާދަމްމަނިކު އެބުނަނީ ތެދެއްކަމުގައި ވެއްޖިއްޔާ، ދުނިޔޭގެ ލަދެވެ. ފައުޒިއްޔާ އެއްޗެއް ނުބުނެ ގިނައިރު ވާ ވަރަކަށް، މުނީޒުގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ.
 
"ފައުޒިއްޔާ." މުނިޒު ބުންޏެވެ. "ކޮންމެވެސް އެއްޗެއް ބުނޭ!."

"ދެއަތް އުރާލައިގެން ހުންނާކަށް ބޭނުމެއް ނޫން." ފައުޒިއްޔާ ބުންޏެވެ.

"މައްސަލައެއް ނެތް." ޖީބުން ކަރުދާސްގަނޑެއް ނަގާފައި ދިއްކޮށްލަމުން އާދަމްމަނިކު ބުންޏެވެ. "މީގަ ހުރި އެއްޗެހި ހަމަކުރޭ. މަދަމާރޭ އަހަރެން އަންނާނަން."

"މިރޭވެސް ތި އެއްޗެހި ހަމަކޮށްފާނަމޭ." ފައުޒިއްޔާ ވަގުތުން ބުންޏެވެ.

އާދަމްމަނިކު ގަޑިއަށް ބަލައިލި އެވެ. އަދި ބުންޏެވެ. "މިރޭ އަދި އެބަޖެހޭ އެހެންދިމާއަަކަށް ވެސް ޖައްސައިލަން." އާދަމްމަނިކު ތެދުވިއެވެ. "ޚިޔާލު ބަދަލު ވެއްޖިއްޔާ ގުޅާލާތި. ފެށުމަށްފަހު ދެނެއް ނުއެއް ހުއްޓޭނެ. ވަރަށް ބޮޑު ކަމެއް މީ."

އެހިސާބުން އާދަމްމަނިކު ދިޔައެވެ. އޭނަ ދަންދެން މުނީޒު އެއްޗެއް ނުބުނެ އިނެވެ.

"ދެން ދޭ.!" މުނީޒު ބުންޏެވެ. "ގޮސް ނާޒިމާ ގާތު އަހާ އާދަމްމަނިކު އެބުނީ ތެދެއްތޯ. އަހަރެންގެ ހިތެއް ގަބޫލެއް ނުކުރޭ އެއީ ތެދަކަށް ވެދާނެ ކަމަކަށް."

"މުނީޒު ވެސް ހިނގާ!" ފައުޒިއްޔާ އެދުނެވެ. "އަހަރެން ބޭނުން މުނީޒު ވެސް އެތަނުގައި ހުންނަން."

އެންމެ ރަނގަޅު ގޮތަކީ އެއީކަން މުނީޒަށް ވެސް އެނގެ އެވެ. އެހެންނަމަވެސް، ބައެއް ކަންކަމުގައި ކަންކުރަން ޖެހެނީ، ދެވަނަ އަށް އެންމެ ރަނގަޅު ގޮތަށެވެ. މުނީޒު ވިސްނާ ގޮތުގައި، އަންހެން ދަރިފުޅާ، އެފަދަ ވާހަކައެއް ދައްކަންޖެހޭނީ މަންމަ އެވެ. މުނީޒު ތެދުވޭތޯ ފައުޒިއްޔާ އިރުކޮޅަކު މަޑުކުރިއެވެ. އެކަމަކު، އެއްވެސް ހަރަކާތެއް ނުކުރުމުން މުނީޒު ނުދާނެކަން ފައުޒިއްޔާ އަށް ވިސްނުނެވެ. އެހިސާބުން އެކަމާ ފައުޒިއްޔާ އެކަނި ކުރިމަތިލީ އެވެ.
 
ގޭތެރޭގައި ވަމުންދާ ކަންކަމެއް ނާޒިމާއަކަށް ނޭނގެ އެވެ. ނާޒިމާ އިނީ ކޮޓަރީގައެވެ. އެކަނިމާއެކަންޏެވެ. އެނދުގައި އިށީނދެގެން އިން ނާޒިމާގެ އަތް އުފުއްލާލުމުން، އޭނަގެ އަތުގައި އަޅާފައިވާ ތަނޑިތައް ތިރިއަށް ސޮހެއެވެ. އެހެން ހަދާލަހަދާލައި އިންދައި ފައުޒިއްޔާ ކުއްލިއަކަށް ދޮރު ހުޅުވާލިއެވެ. އަދި އެތެރެ އަށް ވަނެވެ. ފައުޒިއްޔާ ހުރީ ކަޅިޖަހާނުލައި ނާޒިމާ އަށް ބަލަހައްޓައިގެންނެވެ. އެހެން ހުރެ ނާޒިމާ އިށީނދެގެން އިން އެނދުގައި ފައުޒިއްޔާ އިށީނެވެ. މަންމަ ބަލަން އިން ގޮތުން ނާޒިމާގެ ހިތަށް ނުތަނަވަސްކަން ވެރިވި އެވެ.

'ކިހިނެއްވީ މަންމާ؟" ނާޒިމާ އެހިއެވެ.

ފައުޒިއްޔާ މަޑުމަޑުން ނާޒިމާގެ ބަނޑުގައި އަތް ޖައްސައިލުމާ އެކު، ފުންމައިގެން ނާޒިމާ ތެދުވެފައި ދުރަށް ޖެހިލިއެވެ.
"ބުނޭ އާދަމްމަނިކު އެ ހެދީ ދޮގެކޭ!" ފައުޒިއްޔާ އަމުރުކުރިއެވެ.

ނާޒިމާ އަށް އެހެން ބުނެވިދާނެ އެވެ. އެކަމަކު އޭރުން އެހެދުނީ ދޮގެކެވެ. އިތުރަށް ދޮގުހަދައިގެން ވާނެ އެއްވެސް ފައިދާއެއް ނެތްކަން ނާޒިމާއަށް އެނގެ އެވެ. ނާޒިމާ އެއްވެސް އެއްޗެއް ނުބުނެ އިސްޖަހައިލި އެވެ. އެހެން ހުއްޓައި ފެންކަޅިވާންފެށި އެވެ. އެ ހިސާބުން ނާޒިމާ ކޮންމެހެން އެއްޗެއް ބުނާކަށް ވެސް ފައުޒިއްޔާ ބޭނުމެއް ނުވި އެވެ. އާދަމްމަނިކު ބުނީ ތެދެއްކަން ފައުޒިއްޔާއަށް ޔަގީންވިއެވެ. ފައުޒިއްޔާ މަޑުމަޑުން އެނދުން ތެދުވެގެން އައިސް ނާޒިމާގެ ކުރިމައްޗަށް ހުއްޓުނެވެ. ކުއްލިއަކަށް ނާޒިމާގެ މޫނުމަތިގައި އެތިފަހަރެއް ޖެހި އެވެ. ނާޒިމާ ރޯން ފެށިއެވެ.
 
"ހުންނަ ގޮތް ކުޑަކަން." ފައުޒިއްޔާހުރީ އިންތިހާއަށް ހިތުގައި ޖެހިފައެވެ. "ﷲގެ ޢަޒާބަށް ކަލޭ ބިރެއްނުގަނޭތަ؟ އޭނ؟ އަހަރެމެން ގަންނާނެ ލަދެއް ކަލޭ ހިތަކަށް ނާރާތަ؟"

"މަންމާ!" ރޮއިގެންފައި ނާޒިމާ ބުންޏެވެ.

"މަށަކަށް މަންމަ ކިޔާނެކަމެއް ނެތް!" ވެފައިވާ ދެރަ އާއި އަދި އައިސްފައިވާ ރުޅިން ފައުޒިއްޔާ އަށް ބުނެވުނެވެ. "އަހަރެމެން ދިން ތަރުބިއްޔަތެއް ނޫން ތީކީ. ދަރިފުޅާ ދޭތޭގައި އަހަރުމެން ކިހާ އުންމީދެއް ކުރިން؟ ދަރިފުޅަށް ކިހާ އިތުބާރެއް ކުރިން؟ އެތައް އަހަރެއްގެ އިތުބާރު، އެންމެ ސިކުންތެއްގެ ތެރޭގަ ވެއްޔާ މޮޑެވިގެން އެ ދިޔައީ."

ދިފާއުގައި ދެއްކޭނެ އެއްވެސް ވާހަކައެއް ނެތްކަން ނާޒިމާއަށް އެނގެއެވެ. ދެން ބުނަން އޮތީ އެންމެ ޖުމްލައެކެވެ.

"އަހަންނަށް މާފުކުރޭ މަންމާ!" ނާޒިމާ މަޑުމަޑުން ބުނެލި އެވެ.

އެ ވަގުތަކީ ވާހަކަދައްކަން ނާޒިމާ އަށް އެހާ ފަސޭހަ ވަގުތެއް ނޫނެވެ. ދަރިފުޅާ ހަތަރު ކަޅި ހަމަކުރަން ފައުޒިއްޔާއަށް އެހާ ފަސޭހަ ވަގުތެއް ވެސް ނޫނެވެ.

"އެންމެ ގޮތެއް އޮތީ މާފުކުރާނެ." ފައުޒިއްޔާ ބުންޏެވެ. "ކާކުގެ ދަރިއެއް ތީ؟"

އެ ސުވާލުގެ ޖަވާބު ދީފިއްޔާ، ދެން ކަންތައް ވާނެގޮތް ނާޒިމާ އަކަށް ނޭނގެ އެވެ. ވުމާއެކު، ނާޒިމާ ހިމޭންވި އެވެ.

"ބުނޭ!" މަންމަ ވަރަށް ރުޅިއައިސްފައި އަމުރުކުރި އެވެ.

ނާޒިމާ އެއްވެސް ޖަވާބެއް ނުދިނެވެ. ފައުޒިއްޔާއަށް ބަލަހައްޓައިގެން ހުރީ އެވެ.

"އެންމެ ފަހު ފަހަރު މި އަހަނީ." ޝައްކެއް ނުއުފެދޭނަހާ ލަސްލަހުން ފައުޒިއްޔާ އެހި އެވެ. "ބުނޭ!"

ނޫނެކޭ ބުނުމުގެ ގޮތުން ނާޒިމާ ބޯ ހޫރަލި އެވެ. ދަރިފުޅުގެ މޫނުމަތީގައި ޖެހުމަށްޓަކައި، އަނެއްކާވެސް ފައުޒިއްޔާ އަތް މަޅާލި އެވެ. ޖަހާކަށް އެ ފަހަރަކު ބޭނުމެއް ނުވިއެވެ.

"ތި ކަހަލަ ދަރިއެއްގެ ގައިގައި އަތް ލުމަށްވުރެ މާ ރަނގަޅުވާނެ މި އަތް އަލިފާނަށް ލިޔަސް. މުޑުދާރު!" ފައުޒިއްޔާ ބުންޏެވެ.
ފައުޒިއްޔާ ނުކުމެގެން ދިޔައީއެވެ. ނާޒިމާ އެނދަށް ވެއްޓި އޮވެގެން ރުއެވެ. ލޮލުން ކަރުނަ ހުސްކޮށްލަން ބޭނުން ވިއެވެ. އެހެންނަމަވެސް، ކުއްލިއަކަށް ނާޒިމާ އަށް އެއްޗެއް ވިސްނުނެވެ. ލޮލުން ކަރުނަ ފުހެލައިފައި ތެދުވި އެވެ.

ސައިހޮޓަލަކުން އާދަމްމަނިކު ނުކުތެވެ. ސައިކަލަށް އަރަން އުޅެނިކޮށް، އަނދިރިގަނޑުން އަތްތިލަބަޑި ޖަހައިލި އަޑު އާދަމްމަނިކަށް އިވުނުހެން ހީވި އެވެ. އެ ދިމާއަށް އާދަމްމަނިކު ބަލައިލި އެވެ. މީހަކު ނުފެނުމުން އަނެއްކާ ދާންއުޅެނިކޮށް، އަނެއްކާ ވެސް އަތްތިލަބަޑި ޖަހައިލި އަޑު އިވުނެވެ. އެ ދިމާއަށް އާދަމްމަނިކު ހިނގައިގަތެވެ. މީހަކު ނުފެނުނެވެ. އާދަމްމަނިކު ކޮޅުކޮޅު ހޯދަނިކޮށް ކުއްލިއަކަށް ނާޒިމާ ފެނުމުން އާދަމްމަނިކަށް ލިބުނީ ސިހުމެކެވެ. ނާޒިމާއަކީ އެ ތަނުން އެރޭ ފެންނާނެކަމަށް އާދަމްމަނިކު އެންމެ ހީނުކުރި ކުއްޖާ އެވެ.
 
"ސިއްސައިގެން ދިޔައީ" ހިނިތުންވެލާފައި އާދަމްމަނިކު ބުންޏެވެ. "ކިހިނެއްވީ؟"

ނާޒިމާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.

"މަންމައަށް ފިލައިގެން ވަރަށް ސިއްރުން މިއައީ ވާހަކައެއް ބުނަންވެގެން." ނާޒިމާ ވިސްނައިލި އެވެ. "މަންމަ ބުންޏަސް، ބައްޕަ ބުންޏަސް މަށަށް ފަންޑިތަ ނަހަދާ! ހެޔޮނުވާނެ."

"ފުރަތަމަ ބުނަން!" ހިތްހަމަ ނުޖެހިފައި އާދަމްމަނިކު ބުންޏެވެ. "މަންމަމެންނަށް ސިއްރުން އަހަންނާ ބައްދަލުކުރަން އައުމަކީ ވެސް ގޯހެއް. އަނެއްކޮޅުން އަހަރެން ކިހިނެއް އެ މީހުންނާ ދެކޮޅުހަދާނީ؟ ނާޒިމާއަށް އެނގޭނެ ނާޒިމާގެ މައިން ބަފައިންނަކީ އަހަންނާ ކިހާ ރައްޓެހި ބަޔެއްކަން. އަނެއްކޮޅުން ނާޒިމާ އަށް ތި ކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަން....."

"އަހަރެން އެ ކުށަށް ތައުބާވާނަން." ނާޒިމާ ބުންޏެވެ. "ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން. އެކަމަކު އަހަރެން ބޭނުމެއް ނޫން ތި ހަދާ ފަންޑިތައިން މަށަށް ނޫނީ މަގޭ ދަރިފުޅަށް ކަމެއްވާކަށް."

"ނާޒިމާ އަކަށް ނޭނގެ ދޯ ތިކަހަލަ ކަންތައް އޮންނަ ގޮތެއް؟" އާދަމްމަނިކު އެހި އެވެ.

އާނއެކެވެ. އެކަމާބެހޭ އެކައްޗެއް ވެސް ނާޒިމާއަކަށް ނޭނގެ އެވެ. ނާޒިމާ އެއްޗެއް ނުބުނެ، ބަލަހައްޓައިގެން ހުއްޓެވެ. އާދަމްމަނިކު ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"ނުވިސްނޭތަ ތިޔަ ކުއްޖާ ސަލާމަތުން ބަހައްޓައިގެން އެ ޖިންނި އުޅެނީ ކީއްވެގެން ކަމެއް؟" އާދަމްމަނިކު އެހި އެވެ.

ދޭނެ ޖަވާބެއް ނޭގުނަސް، ނާޒިމާ ކުޑަކޮށް ބިރުގަންނަން ފެށި އެވެ.

"ތި ގޮތަށް ޖިންނީންނަށް ވެދުންކުރާ އިންސާނުންނަށް ލިބޭ ދަރިން، ވިހެއުމާއެކު ޖިންނި ގެންދާނެ." ކަން އޮންނަގޮތް އާދަމްމަނިކު ކިޔައިދިނެވެ. "ނާޒިމާ އަކަށް ނުލިބޭނެ ތިޔަ ދަރިއެއް. އޮތް ގޮތަކީ ފަންޑިތަ ހެދުން. ފަހަރެއްގަ އޭރުން އެ ޖިންނީގެ ގޯނާއިން ނާޒިމާ ސަލާމަތް ވެދާނެ. އެކަމަކު، ޖިންނީގެ އާއިލާގެ ބެލުމުގެ ދަށުގަ ނާޒިމާ ހުންނާނީ. އަނެއްކޮޅުން ނާޒިމާ މަރުވިޔަސް، ގަބުރު ވެސް އެމީހުން ގެންދާނެ. ސަލާމަތެއް ނެތް."

ނާޒިމާގެ ކޮޓަރީގެ ދޮރުމަތީގައި ފައުޒިއްޔާ ހިނގައިލަހިނގައިލައި ހުއްޓެވެ. އެ ކޮޓަރި ތެރޭގައި ފަންޑިތައިގެ މަސައްކަތް ކުރިޔަށް ދަނީ އެވެ. ބޭނުންނަމަ ފައުޒިއްޔާއަށް އެތެރެއަށް ވަދެވިދާނެ ކަމަށް ބުނުމުން ވެސް ފައުޒިއްޔާ ބޭނުންވީ ބޭރުގައި ހުންނާށެވެ.
އެހެންނަމަވެސް އެއީ ކެތްތެރިކަމެއް ނެތި ކުރަންޖެހުނު އިންތިޒާރެކެވެ. ކޮޓަރިތެރެއިން އެއްވެސް އަޑެއްބަޑެއް ނީވެ އެވެ. ފައުޒިއްޔާ އެންމެ ހާސްވާ ކަމަކީ އެއީ އެވެ. ހިނގަމުންދަނީ ކޮންކަމެއް ކަން ނޭނގޭތީ އެވެ.

ކޮޓަރީގައި ދިއްލާފައި ހުރީ ނިދާ ބޮތްކެވެ. އެތެރޭގައި، ނާޒިމާގެ އެނދުގައި އިށީނދެލައިގެން މުނީޒު އިނެވެ. އެނދު ކައިރީގައި ހުރި ގޮޑިއެއްގައި އާދަމްމަނިކު އިށީނދެގެން،ތުން ތަޅުވަމުން ގެންދިޔައެވެ. އޭނާ ކިޔަނީ ކީކޭ ކަމެއް ނުވަތަ ދެން ވާނީ ކިހިނެއްކަމެއް މުނީޒަކަށް އަދި ނާޒިމާއަކަށް ވެސް ނޭނގެއެވެ. އާދަމްމަނިކު އިށީނދެގެން އިން ގޮނޑި ކައިރީގައި ކުޑަ މޭޒެއް ހުއްޓެވެ. މޭޒުމަތީގައި ތިން މޮހޮރާއި، ލަކުޑީ ކޮޅަކާއި، މަރުތޭލެއް އޮތެވެ. ނާޒިމާ އޮތީ މައްޗަށް ބަލަހައްޓައިގެން އެނދުގައެވެ. ދަމާލާފައިވާ ދެ އަތް، ގައިގެ ދެފަރާތުގައި ޖެހޭ ހިސާބުގައި އެނދުމަތީގައި ބާއްވައިގެންނެވެ. ދެ އަތް ވެސް އޮތީ އަތްތިލައިގެ ހުދުހަން ފެންނަ ގޮތަށް އުއްޑުންނެވެ. އެނދުގެ ފައިލާކޮޅުގައި އިން މުނީޒު، ނާޒިމާއަށް އަތުވެދާނެ ހަރަކާތަކަށް ބަލަބަލާ އިނެވެ. ތަނަށް ވެރިވެފައިވަނީ ބިރުވެރި ހަމަހިމޭންކަމެކެވެ. ފަންގިފިލާ ފަންކާ ހުރީ ނިއްވައިފަ އެވެ. ކުޑަދޮރު ހުޅުވާފައި ފޮތިގަނޑު ކުޑަކޮށް ކަހާލާފައި ހުރި ނަމަވެސް، ވައިނުޖެހޭތީ، ކޮޓަރިއަށް އެއްވެސް ރޯޅިއެއް ނުވަދެއެވެ.

އާދަމްމަނިކު އެއް މޮހޮރު ނަގާފައި ލަކުޑިކޮޅު މަތީގައި ޖައްސާފައި، މަރުތޭލުން އެއް ފަހަރު، މަޑުމަޑުން ޖެހިއެވެ. ނާޒިމާގެ އެއް އަތުގެ އިނގިލިތައް ކުއްލިއަކަށް ހަރަކާތް ކޮއްލިއެވެ. މުނީޒު މަޑުމަޑުން ނާޒިމާގެ ފައިގެ ކަށިމަތީގައި ހިފަހައްޓައިލި އެވެ. އާދަމްމަނިކު ދެވަނަ މޮހޮރު ވެސް، މަޑުމަޑުން ލަކުޑިކޮޅަށް ވައްދައިލި އެވެ. އެ ފަހަރު ދޮރުފޮތިގަނޑު ވަޔާ، އެއްފަހަރު ހިއްލުނެވެ. ނާޒިމާގެ ލޯ ކުއްލިއަކަށް މެރިލައިފައި މަޑުމަޑުން ހުޅުވައިލި އެވެ. ކަލަންޑަރުގެ ގަނޑު ވެސް ވަޔާ ހިއްލުނެވެ. ކޮންމެވެސް ދިމާލަކުން، އެ ކޮޓަރިއަށް ރޯޅިއެއް ވަންކަން މުނީޒަށް ފާހަގަވި އެވެ. ތިންވަނަ މޮހޮރު ނަގަމުން، އާދަމްމަނިކު ވައްކަޅިން މުނީޒަށް ބަލައިލި އެވެ. މުނީޒު ބޮލުގެ އިޝާރާތުން އާނއެކޭ ނުވަތަ ތައްޔާރޭ ބުނުމުގެ ގޮތުން ބޯޖަހައިލި އެވެ. ތިންވަނަ މޮހޮރު ލަކުޑިކޮޅު މަތީގައި ޖައްސައިފައި، ވަރަށް ބާރަށް މަރުތޭލުން ޖެހުމާއެކު، ކުއްލިއަކަށް ނާޒިމާގެ ގަޔަށް ބާރުގަނޑެއް އެރި އެވެ.
                                    ----------
(ނުނިމޭ)
މި ވާހަކައިގެ މިބައި:
    ޓައިޕް ކޮށް ފޮނުވުން:  އަލްފާޟިލް ޢަލީ ނިޝާން
    އަލުން ބެލުން:       ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން:       ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

ވާހަކަ